Advertisement

އިންޑިއާގެ ކޯޗު ސްޓިމަކް ވަކިކުރަން ސަރުކާރުގެ ނުފޫޒު

2 އޭޕްރީލް 2024 - 14:55 0


އިންޑިއާގެ ކޯޗު ސްޓިމަކް ވަކިކުރަން ސަރުކާރުގެ ނުފޫޒު

2 އޭޕްރީލް 2024 - 14:55 0

އިންޑިއާ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އީގޯ ސްޓިމަކް މަގާމުން ވަކިކުރަން އެ ގައުމުގެ ސަރުކާރުން ބާރު އަޅަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ފީފާ ވޯލްޑް ކަޕް، އޭޝިއާ ކޮލިފައިންގެ ދެ ވަނަ ބުރުގައި، އިންޑިއާ އެންމެ ފަހުން ކުޅުނު މެޗުގައި އަމިއްލަ ގައުމުގައި ވަނީ އަފްގާނިސްތާން އަތުން 2-1 އިން ބަލިިވެފަ އެެވެ.

އެ މެޗުން ބަލިވުމުން، އިންޑިއާގެ ފުޓްބޯޅަ ސަޕޯޓަރުން އަންނަނީ ސްޓިމަކް މަގާމުން ދުރުކުރަން ޖެހޭ ކަމަށް ބުނެ ޝުއޫރު ފާޅުކުރަމުންނެވެ.

އެ ގޮތުން، އިންޑިއާގެ މީޑިއާ އިން ވެސް ފާހަގަކުރާ އެންމެ ބޮޑު ކަމަކީ، އޯލްއިންޑިއާފުޓްބޯލް ފެޑެރޭޝަން (އޭއައިއެފްއެފް) އާއި ސްޕޯޓްސް އޮތޯރިޓީ އޮފް އިންޑިއާ (އެސްއޭއައި) އިން އިންޑިއާ ފުޓްބޯޅަ އަށް ބޮޑު ހަރަދުތަކެއް ކުރާއިރު، ނަތީޖާ ނުރެވޭތީ އެވެ.

އޭގެ ޖަވާބަކަށް ސްޓިމަކް ދައްކާ ވާހަކަ އަކީ އިންޑިއާގައި ދެމެހެއްޓެނިވި ސިސްޓަމެއްގެ ތެރެއިން ލީގެއް ކުރިއަށްނުދާތީ، ގައުމީ ޓީމަށް އޭގެ އަސަރުކުރާ ކަމަށެެވެ.

ސްޓިމަކްއާ އެކު، އެންމެ ފަހުން، އިންޑިއާ ފުޓްްބޯޅަ ފެޑެރޭޝަނުން އެއްބަސްވި ކޮންޓްރެކްޓް އޮތީ 2026 ވަނަ އަހަރުގެ ނިޔަލަށެވެ.

އެކަމަކު، ސްޓިމަކް ވަނީ މިހާރު ކުރިއަށްދާ ވޯލްޑް ކަޕް ކޮލިފައިންގެ ތިން ވަނަ ބުރަށް އިންޑިއާ ގެންގޮސްނުދެވިއްޖެނަމަ މަގާމުން އިސްތިއުފާދޭނެ ކަމަށް މީޑިއާގައި ބުނެފަ އެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި އިންޑިއާ ހިމެނޭ ގްރޫޕްގެ އެއް ވަނައިގައި ގަތަރު އޮތީ 12 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް އިންޑިއާ އާއި ތިން ވަނައިގައި އޮތް އަފްގާނިސްތާނަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. ހަތަރެއްގައި އޮތް ކުވެއިތަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ.

ގަދަ ދެ ޓީމަށް، އަނެއް ބުރުން ފުރުސަތު ލިބޭއިރު، ގަތަރަށް ވަނީ އަނެއް ބުރުގެ ޖާގަ ޔަގީންވެފަ އެވެ. ދެން އޮތް ޖާގަ އަށް އިންޑިއާ އާއި ކުވެއިތު އަދި އަފްގާނިސްތާނުން މަސައްކަތްކުރާއިރު، ކޮންމެ ޓީމަކަށް ބާކީ އޮތީ ދެ މެޗެެވެ. އިންޑިއާ އަށް އޮތީ، ޖޫން 6 ގައި އަމިއްލަ ގައުމުގައި ކުވެއިތާ ކުޅޭ މެޗާއި ޖޫން 11 ގައި ރަށުންބޭރުގައި ގަތަރާ ބައްދަލުކުރާ މެޗެވެ.

އެކަމަކު، އެ މެޗުތަކުގެ ކުރިން ވެސް، އިންޑިއާގެ ސްޕޯޓްސް އޮތޯރިޓީން އަންނަނީ ސްޓިމަކް މަގާމުން ދުރުކުރަން، އިންޑިއާގެ ފުޓްބޯޅަ ފެޑެރޭޝަނަށް ޕްރެޝަރު ކުރަމުންނެވެ.

ސްޓިމަކްއާ އެކު، އިންޑިއާ ފުޓްބޯޅަ ކުރިއަށްދާން ޖެހޭ ސްޕީޑުގައި ނުދާ ކަމަށް ސަރުކާރުގެ އޮފިޝަލުން އަންނަނީ ބުނަމުންނެވެ.

ކޮންޓްރެކްޓް ހަމަވުމުގެ ކުރިން ސްޓިމަކް މަގާމުން ދުރުކުރާނަމަ، އޭނާ އަށް ކޮންޓްރެކްޓް އުވާލަން ބޮޑު ފީއެއް ދައްކަންޖެހެ އެވެ. އެހެންވެ، އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަނުން އަންނަނީ ކުރިއަށްދާނެ ގޮތްތަކެއް ކަނޑައަޅަމުން ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އެ ގޮތުން، އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ގައުމީ ޓީމުގެ މި ވަގުތުގެ ހާލަތާއި ސްޓިމަކްގެ މަސައްކަތް ވިލަރެސް ކުރަން ކޮމިޓީއެއް އެކުލަވާލައިފަ އެވެ. ކުރިއަށްދާނެ ގޮތެއް ނިންމާނީ ކޮމިޓީން ހުށަހަޅާ ރިޕޯޓަށް ބެލުމަށް ފަހު އެވެ.