24 ޖަނަވަރީ 2024 - 12:25 0
އޭޝިއަން ކަޕްގެ މެޗެއްގެ ތެރެއިން އިންޑިއާ ކޯޗު ސްޓިމަކް.
24 ޖަނަވަރީ 2024 - 12:25 0
ދޯހާ، ގަތަރު (ޖެނުއަރީ 24) - އިންޑިއާގެ ފުޓްބޯޅަ ދެން އޮތް ހަރުފަތަށް ގެންދަން ކުރަން ޖެހޭ އެންމެ އިސް އެއް މަސައްކަތަކީ، އެކެޑަމީތަކުގައި ވެސް ފެންވަރު ރަނގަޅު ބިދޭސީ ކޯޗުން މަސައްކަތް ކުރުުން ކަމަށް އިންޑިއާ ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗު، ކްރޮއޭޝިއާގެ ކުރީގެ ކުޅުންތެރިޔާ، އީގޯ ސްޓިމަކް ބުނެފި އެވެ.
ގަތަރުގައި މިހާރު ކުރިއަށްދާ އޭޝިއަން ކަޕްގެ ގްރޫޕް ސްޓޭޖުން އިންޑިއާ ކެޓީ ކުޅުނު ތިން މެޗުން ވެސް ބަލިވެގެންނެވެ.
އެ ގޮތުން، އޭޝިއަން ކަޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗުން ބަލިވީ އޮސްޓްރޭލިއާ އަތުން 2-0 އިންނެވެ. ދެ ވަނަ މެޗުގައި އުޒްބެކިސްތާނުން އިންޑިއާ ބަލިކުރީ 3-0 އިންނެވެ. އަދި ފަހު މެޗުގައި ސީރިއާ އަތުން އިންޑިއާ ބަލިވީ 1-0 އިންނެވެ.
މިއީ އިންޑިއާ އިން އޭޝިއަން ކަޕްގައި ކުޅުނު ހަތަރު ވަނަ ފަހަރެވެ. އެ ހުރިހާ ފަހަރެއްގެ ތެރެއިން ނަތީޖާތަކުގެ ޖުމްލަ ކަންކަމަށް ބަލާއިރު، މި ފަހަރު އެ ޓީމުގެ ފެންވަރު ފެނުނީ ދަށްކޮށް ކަމަށް އޭޝިއާގެ ފުޓްބޯޅަ ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ. މީގެ ކުރިން އިންޑިއާ އިން އޭޝިއަން ކަޕްގައި އެއް މެޗުން އެއްވަރުވެ، އެއް މެޗުން ވަނީ މޮޅުވެފަ އެވެ.
އޭޝިއަން ކަޕްގައި އިންޑިއާގެ ތާރީހާއި އެ ގައުމުގެ ފުޓްބޯޅައިގެ ހުރިހާ ކަންކަމާ ގުޅުވައިގެން، އިންޑިއާގެ ކޯޗު ސްޓިމަކާ ވަނީ ސުވާލުތަކެއް ކުރިމަތިވެފަ އެވެ.
ސްޓިމަކްގެ ފުރަތަަމަ ޖަވާބަކީ، އިންޑިއާ ފުޓްބޯޅަ ކުރިއަށްދާނީ ޑިވެލޮޕްމަންޓަށް ކުރާ މަސައްކަތުގައި އޮނިގަނޑެއް އޮވެގެން ކަންކަން ކުރުމާއި މުބާރާތްތައް ވެސް ނަތީޖާ ފެންނަ ނިޒާމެއްގެ ތެރެއިން ރޭވުންތެރިކަމާ އެކު ގެންގޮސްގެން ކަމަށެެވެ.
"އަހަންނަކީ ޖާދޫގަރެއް ނޫން، އަހަންނަކީ މި ތަނަށް އައިސް ކަމެއް ހާސިލްކުރެވޭތޯ ބުރަކޮށް މަސައްކަތް ކުރާ މީހެއް"، ސްޓިމަކް ބުންޏެވެ.
ސްޓިމަކް ބުނީ ކުރަމުން އަންނަ މަސައްކަތުގައި ނަތީޖާ ނުފެންނަ ކަމަށް ބުނާއިރު، އަދިވެސް އޭނާ އަށް ބުނެވޭނީ ކެތްތެރިވުމަށް ކަމަށެވެ.
"އެއް ރެޔަކުން ނަތީޖާތަކެއް ނުނެރެވޭނެ. ޒަމާނުން ސުރެން އޮތް ކަންތައްތަކެއް ބަދަލުވާން ވެސް އެބަޖެހޭ،" ސްޓިމަކް ބުންޏެވެ.
"އަހަރެން ޔަގީންކަން އަރުވަން ބޭނުންކަމަކީ، ކުރިއަށް އޮތް 12 މަސް ދުވަހު ވޯލްޑް ކަޕް ކޮލިފައިންގައި ވެސް އިންޑިއާ ފުޓްބޯޅައިގެ ކުރިމަަގަށް އަހަރެން މަސައްކަތް ކުރާނަން. އެ އަށް ފަހު އެބަޖެހޭ އިންޑިއާ ފުޓްބޯޅައިގެ ޑިވެލޮޕްމަންޓް މަސައްކަތް ވަރަށް ހަލުވި ކަމާ އެކު ރަނގަޅު އިންވެސްޓްމަންޓްތަކާ އެކު ކުރިއަށްދާން، އެންމެ ބޮޑު އެއް ކަމަކީ، އެބަޖެހޭ ބިދޭސީ ކޯޗުން އައިސް އިންޑިއާ އެކެޑަމީތަކާ ހަވާލުވެ އެކަންކަން ވެސް ރަނގަޅު ގޮތަށް ކުރިއަށްގެންދަން،"
އިންޑިއާގެ ކޯޗުކަން 2019 ވަނަ އަހަރުގެ މެއި މަހުން ފެށިގެން ކުރަމުން އަންނަ ސްޓިމަކް، އެންމެ ފަހުން އާ ކުރި ކޮންޓްރެކްޓް އޮތީ 2026 ވަަނަ އަހަރުގެ ނިޔަލަށެވެ. އެ ކޮންޓްރެކްޓްގައި އިތުރު ދެ އަހަރަށް އާ ކުރެވޭ މާއްދާއެއް ވެސް އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ހިމަނައިފަ އެވެ.
ސްޓިމަކް، ކޮންޓްރެކްޓް އާ ކުރުމަށް ފަހު، އެންމެ ބޮޑު އަމާޒަކަށް ހަދާފައިވަނީ 2026 ވަނަ އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕަށް ކޮލިފައިވުމެވެ. އޭޝިއަން ކަޕްގައި މި ނުކުތް ނަތީޖާ އަށް ބަލާއިރު، ސްޓިމަކަށް އެކަން ހާސިލްވުމުގެ އޮތީ ކުޑަ ފުރުސަތެކެވެ.
Comment