FOLLOW ADHADHU

ފައިނަލަށް ކުރިމަތިލާއިރު އިންޑިއާ އިތުބާރާ އެކު

over 2 years 0

ނޭޕާލާ ދެކޮޅަށް ލީގު ބުރުގައި އިންޑިއާ އިން ނެރުނު ފުރަތަމަ އެގާރަ ކުޅުންތެރިން.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު


ފައިނަލަށް ކުރިމަތިލާއިރު އިންޑިއާ އިތުބާރާ އެކު

over 2 years 0

އުރީދޫ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލްގައި މިރޭ ނޭޕާލާ ދެކޮޅަށް ނުކުންނައިރު އިންޑިއާގެ ޓީމު އޮތީ ވަރަށް ރަނގަޅަށް މެޗަށް ތައްޔާރުވެފައި ކަމަށާއި، ޓީމު އޮތީ ފުރިހަމަ އިތުބާރާ އެކު ކަމަށް އެ ޓީމުގެ އެސިސްޓަންޓް ކޯޗު ޝަންމުގަމް ވެންކަޓޭޝް ބުނެފި އެވެ.

އިންޑިއާ ޖެހިޖެހިގެން އަށް ވަނަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް ދަތުރުކުރީ މުބާރާތުގެ ލީގު ބުރުގެ ފަހު މެޗުގައި ދިވެހިރާއްޖެ އަތުން 3-1 އިން މޮޅުވެގެނެވެ. އިންޑިއާ މިރޭގެ ފައިނަލަށް ނުކުންނަނީ 8 ވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލުމުގެ އަޒުމުގަ އެވެ.

ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗުގައި އިންޑިއާގެ ކޯޗު އީގޯ ސްޓިމަކަށް ރަތްކާޑު ދެއްކުމާ ގުޅިގެން، މިރޭގެ މެޗުގައި އޭނާ އަށް ބެންޗުގައި ނީނދެވޭނެ އެވެ. އެހެން ކަމުން، ފައިނަލްގެ ކުރިން އިއްޔެ އޮންލައިންކޮށް ބޭއްވި ޕްރީ މެޗު ޕްރެސް ކޮންފަރެންސްގައި ވެސް ބައިވެރިވީ އިންޑިއާގެ އެސިސްޓަންޓް ކޯޗު ވެންކަޓޭޝެވެ.

ޕްރެސް ކޮންފަރެންސްގައި މީޑިއާގެ ސުވާލުތަކަށް ޖަވާބު ދެމުން ވެންކަޓޭޝް ބުނީ މުބާރާތުގެ ލީގު ބުރުގައި ދިވެހިރާއްޖެ އާއި ނޭޕާލް އަތުން މޮޅުވެ، އިންޑިއާގެ ޓީމަށް އިތުބާރު ލިބިފައިވާ ކަމަށެވެ.

"ޓީމުގެ ހުރިހާ ކުޅުންތެރިން ވެސް ތިބީ ވަރަށް އުފަލުން ފައިނަލްގެ ޖާގަ ލިބުނީމަ. ބާކީ މި އޮތީ އެންމެ މެޗެއް. ހުރިހާ ކުޅުންތެރިން ވެސް ތިބީ ވަރަށް މޯޓިވޭޓްވެފައި. ދިވެހިރާއްޖެ އާއި ނޭޕާލް އަތުން މޮޅުވުމުން، ކުޅުންތެރިންނަށް އިތުބާރު ލިބިއްޖެ،" ވެންކަޓޭޝް ބުންޏެވެ.

މިރޭގެ މެޗަކީ މި އަހަރުގެ ތެރޭގައި އިންޑިއާ އާއި ނޭޕާލް ބައްދަލުކުރާ ހަތަރު ވަނަ މެޗެވެ. މި މުބާރާތުގެ ކުރިން މި ދެ ޓީމު ވަނީ އެކުވެރިކަމުގެ ދެ މެޗު ކުޅެފަ އެވެ. މި މުބާރާތުގެ ލީގު ބުރުގައި އިންޑިއާ ވަނީ ނޭޕާލް އަތުން 1-0 އިން މޮޅުވެފަ އެވެ.

ވެންކަޓޭޝް ބުނީ މި އަހަރުގެ ތެރޭގައި މި ދެ ޓީމުގެ މެދުގައި މެޗުތަކެއް ކުޅެވިފައި އޮތުމަކީ ދެ ޓީމަށް ވެސް ލިބޭނެ އެޑްވާންޓޭޖެއް ކަމަށެވެ. އަދި ނޭޕާލްގެ ޓީމަކީ ވަރަށް ރަނގަޅު ޓީމެއް ކަމަށާއި އެ ޓީމަށް އިހުތިރާމްކުރާ ކަމަށެެވެ.

"ނޭޕާލް އަކީ އެންމެ ވާދަވެރި އެއް ޓީމު. މެޗުތަކެއް (ދެ ޓީމުގެ މެޗުގައި) ކުޅެވިފައި އޮތުމަކީ ދެ ޓީމަށް ވެސް ލިބޭނެ އެޑްވާންޓޭޖެއް،" ވެންކަޓޭޝް ބުންޏެވެ. " މިއީ ފަސޭހަ މެޗަކަށް ނުވާނެ. އެކަމަކު އިންޑިއާގެ ޓީމު އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި. އަހަރަމެން އޯވާ ކޮންފިޑެންޓެއް ނުވާނަން. ނޭޕާލަށް އިހުތިރާމްކުރަން."

މުބާރާތުގެ ފުރަތަމަ ދެ މެޗުން ފިލާވަޅު ހޯދައި، ޓީމުން ނެރުނީ އިތުރު ހިތްވަރެއް

އިންޑިއާ މި އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ކުޅުނު ފުރަތަމަ ދެ މެޗު ދިޔައީ އެ ޓީމުން އުންމީދުކުރި ގޮތަކަށް ނޫނެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ބަންގްލަދޭޝްއާ 1-1 އިން އެއްވަރުވިއިރު، ދެވަނަ މެޗުގައި ސްރީލަންކާއާ ކުޅެ، ލަނޑެއް ނުޖެހި އެއްވަރުވި އެވެ. މި ނަތީޖާތަކާއެކު، އިންޑިއާގެ ޓީމާއި ކޯޗު ސްޓިމަޗް އަށް ގިނަ ފާޑުކިއުންތަކެއް އަމާޒުވި އެވެ.

އެކަމަކު މުބާރާތުގައި ކުޅުނު ތިން ވަނަ މެޗުގައި ނޭޕާލް އަތުން 1-0 އިން މޮޅުވެ، އިންޑިއާ އިން ފައިނަލްގެ އުންމީދު އާކުރި އެވެ. އަދި ފަހު މެޗުގައި ދިވެހިރާއްޖެ ބަލިކޮށް، ފައިނަލްގެ ޖާގަ ކަށަވަރުކުރި އެވެ.

ވެންކަޓޭޝް ބުނީ އިންޑިއާ އިން މުބާރާތުގައި ކުޅުނު ފުރަތަމަ ދެ މެޗުން އެ ޓީމަށް ރަނގަޅު ފިލާވަޅުތަކެއް ލިބުނު ކަމަށެވެ. އަދި ބާކީ އޮތް މެޗުތަކަށް ކުޅުންތެރިން އިތުރު ހިތްވަރަކާއެކު ކުރިމަތިލައި، ބޭނުންވި ނަތީޖާތައް ނެރުނު ކަމަށެވެ.

"ފުރަތަމަ ދެ މެޗުން ލިބުނު ފިލާވަޅުތަކުގެ ބޭނުން ހިފައި، އަހަރަމެން ނުކުތީ މާ ވަރުގަދަ ރޫހަކާއެކު. އެއީ އެންމެ ފަހުން ކުޅުނު ދެ މެޗުގައި ޓީމުން އެހާ ރަނގަޅަށް ކުޅުނު ސަބަބަކީ،" ވެންކަޓޭޝް ބުންޏެވެ.

ވެންކަޓޭޝް ބުނީ މި އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރި ގިނަ ޓީމުތަކުގެ ފަރާތުން ބޮޑެތި ކުރިއެރުންތަކެއް ފެނިފައިވާ ކަމަށެވެ.

" އިދިކޮޅު ޓީމުތަކުގެ ފަރާތުން ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބުނު. ހާއްސަކޮށް ނޭޕާލް، ސްރީލަންކާ އަދި ބަންގްލަދޭޝް ފާހަގަކުރަން. އެ ޓީމުތަކުން ވަރަށް ބޮޑެތި ކުރިއެރުންތަކެއް ހޯދައިފި ފާއިތުވި އަހަރުތަކާ އަޅާބަލާއިރު." ވެންކަޓޭޝް ބުންޏެވެ.

އުރީދޫ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލްގައި އިންޑިއާ އާއި ނޭޕާލް ބައްދަލުކުރާ މެޗު ފަށާނީ މިރޭ 20:00ގަ އެވެ.