about 2 hours 0
ހަސަން މުހައްމަދު
about 2 hours 0
ދުންފަތާ ގުޅުން ހުރި ބޮޑެތި މައްސަލަތައް ކަމަށްވާ 122 މިލިއަން ރުފިޔާގެ ބޮޑު ވައްކަމާއި ބަނދަރުތަކުގައި ކޮރަޕްޝަން އޮތް މިންވަރު ހާމަވި އަހަރެއް ނިމިގެން ދިޔައިރު، މި ކަންކަމަށް ސަރުކާރުން ދިނީ އާދައިގެ ރައްދެކެވެ. އެއީ "ޒީރޯ ޓޮލަރެންސް" ގެ ވައުދެވެ. "ފިޔަވަޅުތައް އިތުރަށް ތަންފީޒުކުރާނެ ކަމުގެ" ވައުދެވެ. ވައުދުވީ ކުރިއަށް އޮތް އަހަރު ދުންފަތުގެ ވަގު ވިޔަފާރި ހުއްޓުވާނެ ކަމަށެވެ.
އެހެން ނަމަވެސް 2026 ވަނަ އަހަރު ފަށައިގެން ކުރިއަށްދާ އިރު، ރާއްޖެ އުފެދިފައިވާ ގޮތުގެ ސަބަބުން ގަބޫލުކުރަން އުނދަގޫ ހަގީގަތަކާ ކުރިމަތިލާން އެބަޖެހެ އެވެ: ފުލުހުން ބޭނުންކޮށްގެން އަޅާ ފިޔަވަޅުތަކެއްގެ ތެރެއިން މި މައްސަލަ ހައްލުކުރެވެން ނެތް ކަމެވެ.
ރާއްޖެއަކީ ކަނޑުގެ 90،000 އަކަކިލޯމީޓަރަށް ފެތުރިފައިވާ 1،192 ކުދި ޖަޒީރާ ރަށްތަކުގެ މައްޗަށް އުފެދިފައިވާ ގައުމެކެވެ. އަޅުގަނޑުމެންގެ ބޯޑަރުތައް ނުހަނު ބޮޑުވެފައި ބަލަހައްޓަން އުނދަގުލެވެ. މީގެ ކުރިން ވެސް ކަސްޓަމާއި ކޯސްޓު ގާޑުގެ ވަރުގަދަ އޮޕަރޭޝަންތައް ހިންގައިގެން ވެސް މަސްތުވާތަކެތި ފަދަ ވަބާތައް ހުއްޓުވިފައެއް ނުވެ އެވެ.
އެހެންކަމުން، ސައިޒުގެ ގޮތުން ކުޑަ ނަމަވެސް، އޭގައި އަގު އެކުލެވިގެންވާ ވޭޕް ކާޓްރިޖާއި ސިނގިރޭޓް ޕެކު އެތެރެވުން ހުއްޓުވޭނެ ކަމަށް ދެކުމަކީ ކުށްހީއެކެވެ. އެކަން ކުރުމަށް ދުނިޔޭގެ ގަދަ ބާރެއްގެ ކަނޑުގެ ސިފައިންގެ ފައުޖަކާ އެއްވަރުގެ ފައުޖެއް ބޭނުންވާނެ އެވެ. އަދި ބޯޑަރުގެ ކޮންމެ ދިމާލަކުން ކަސްޓަމްސްގެ ފައުޖެއް ބޭނުންވާނެ އެވެ. އެކަމަކު އެއީ ރާއްޖެ އޮތް ހާލަތެއް ނޫނެވެ.
ގުދުރަރީ ގޮތުން ގައުމު އުފެދިފައިވާ ގޮތުގެ ސަބަބުން ފިޔަވަޅުތައް ތަންފީޒުކުރަން އުނދަގޫވާކަމުގެ ހެއްކަކީ ސިންގަޕޫރެވެ. އެއީ ދުނިޔޭގައި އޮތް އެންމެ މުއްސަނދި އެއް ގައުމެވެ. ބިމުގެ ބޯޑަރު ކުޑަ ނަމަވެސް، އެންމެ ކުޅަދާނަ އެއް ފުލުހުންގެ ފައުޖު އޮތީ ސިންގަޕޫރުގަ އެވެ. އެ ގައުމުގައި ހަރުކަށި ފިޔަވަޅުތަކާ އެކު ބައެއް ތަކެތި މަނާކޮށްފައިވާ އިރު، ބޮޑެތި އަދަބުތަކާއި ޖޫރިމަނާތަކާ ވެސް ކުރިމަތިލާންޖެހެ އެވެ.
އެހެން ނަމަވެސް، ސިންގަޕޫރުގެ އިދާރާތަކުން ވެސް އެއްބަސްވަނީ ދުންފަތް ވަގަށް އެތެރެކުރުން ނުހުއްޓުވޭ ކަމަށެވެ. އެ މަސައްކަތުގައި އެއްވެސް ކުރިއެރުމެއް ނުލިބޭ ކަމެވެ. ކަންކަން ހަރުކަށިކޮށް ތަންފީޒުކުރާ ސިންގަޕޫރު ފަދަ "ސަވައިލަންސް" ދައުލަތެއްގައި ބޯޑަރު ރަނގަޅަށް ނުބެލެހެއްޓޭއިރު، ސިންގަޕޫރާ އެއްހަމައެއްގައި ވަސީލަތްތައް ނެތް އަދި ގުދުރަތީ ގޮތުން ގޮންޖެހުންތައް ގިނަ ރާއްޖޭގައި އެކަން ކުރެވޭނެ ހެއްޔެވެ؟
ދުންފަތުގެ ކަޅު ބާޒާރު ބަރާބަރަށް ހިނގަމުން ދަނީ ފުލުހުންގެ ކަންނެތްކަމާއި ނާގާބިލްކަމުގެ ސަބަބަކުން ނޫނެވެ. އެއީ ސިޔާސަތު ފެއިލްވުމާއި ފިޔަވަޅުތައް ތަންފީޒުކުރެވޭނެ ގޮތެއް ނެތުމުގެ ސަބަބުންނެވެ. ދުންފަތުގެ ބާވަތްތަކުގެ ތެރެއިން ރޯކުރަން ނުޖެހޭ އުފެއްދުންތައް އެއްކޮށް މަނާކޮށް، އާދައިގެ މީހެއްގެ އަތްނުފޯރާ މިންވަރަށް ސިނގިރޭޓުން ނަގާ ޓެކްސް ބޮޑުކުރުމުން، އެ އުފެދޭ ޕްރޮފިޓް މާޖިންއާއެކު ދުންފަތުގެ ވަގު ވިޔަފާރި ކުރިއަށް ގެންދާނެ ގޮތެއް އެކަން ކުރާ ފަރާތްތަކުން ހޯދާނެ އެވެ. މިހާރު ދުންފަތަކީ ރާއްޖޭގައި ތަކެތި ވަގަށް އެތެރެކުރާ މީހުންނާއި ގޭންގުތަކާއި ރާވައިގެން ކުށް ހިންގާ ފަރާތްތަކުގެ ވިޔަފާރީގެ އެންމެ ފައިދާ ބޮޑު އުފެއްދުމެވެ.
އެއްގަމާއި ކަނޑުގައި ވެސް މި ހަނގުރާމަ ކާމިޔާބުކުރެވޭކަށް ނެތެވެ. އެކަން ކުރެވޭނީ ވިޔަފާރި އާއި އިގްތިސާދުގެ ތެރެއިންނެވެ. ކަޅު ބާޒާރެއް ނައްތާލެވޭނެ ހަމައެކަނި ގޮތަކީ އެ ބާޒާރު އުފެދެން މަގުފަހިވި ސަބަބު ނެތިކޮށްލުމެވެ.
"ސިޔާސަތު ސްޓްރެޓެޖީ" ގެ ބަދަލުގައި "އަގާއި ރެގިއުލޭޓް ކުރުމުގެ ސްޓްރެޓެޖީ" އަކަށް ސަރުކާރުން ބަދަލުވުން މުހިއްމެވެ.
ރޯނުކޮށް ބޭނުންކުރެވޭ ބާވަތްތައް ރެގިއުލޭޓް ކުރުން: މިފަދަ ބާވަތްތަކަށް ހަމަހަމަ އުސޫލުތަކެއް ތައާރަފުކުރުން މުހިއްމެވެ. އެގޮތުން ވޭޕާއި، ނިކޮޓީން ޕައުޗް އަދި ހީޓެޑް އުފެއްދުންތައް ރައްކާތެރި މިންގަނޑުތަކެއްގައި، ކުޑަކުދިންނަށް ނުލިބޭނެ ގޮތަށް ބެހެއްޓިދާނެ އެވެ. އޭގެ އިތުރުން މި ތަކެތީގެ އަގު ސިނގިރޭޓުގެ އަގާއި ތަފާތުކުރުން މުހިއްމެވެ.
ވަގު ވިޔަފާރިތައް ނެތިކޮށްލުން: ގަވާއިދުގެ ތެރެއިން ރައްކާތެރި އުފެއްދުންތައް ރަނގަޅު އަގެއްގައި ލިބެން ހުންނަ ނަމަ، ވަގު ވިޔަފާރިތަކުގެ ޕްރޮފިޓް މާޖިން ވެއްޓޭނެ އެވެ. އެއާއެކު އާއްމުން ވަގު ސިނގިރޭޓް ހޯދަން އުޅޭ މިންވަރު ބޮޑުތަނުން ވެއްޓި، ޓެލެގްރާމްގައި މި ތަކެތި ވިއްކާ ފަރާތްތަކުގެ ކައިރިއަށް ދާކަށް ނުޖެހޭނެ އެވެ.
ސަރުކާރުން ދުންފަތާ ދެކޮޅު ހަރުކަށި ސިޔާސަތު ތައާރަފު ކުރުމުގެ ފައިދާ ނަގަނީ ވަގު ވިޔަފާރިތައް ހިންގާ ފަރާތްތަކެވެ. ދުންފަތުގެ ވަގު މާކެޓެއް އޮތްހާ ހިނދަކު، އެ މީހުން ދާނީ މުއްސަނދިވަމުންނެވެ. މިހާރު މިއީ އެކަން ހުއްޓުވަންވީ ވަގުތެވެ. އެކަން ކުރެވޭނީ ކަނޑުގެ ބޯޑަރު ވަށައި ބުރު ޖަހައިގެންނެއް ނޫނެވެ. އެކަން ކުރެވޭނީ ހަރުދަނާ ސިޔާސަތުގެ ތެރެއިންނެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment