Advertisement

2025؛ ޑޮލަރު ތާއްޓާ ހުރެ ވިޔަފާރިންގެ ބޮލުގަ ރިހުން ބޮޑު، އުނދަގޫ އަހަރެއް


2025؛ ޑޮލަރު ތާއްޓާ ހުރެ ވިޔަފާރިންގެ ބޮލުގަ ރިހުން ބޮޑު، އުނދަގޫ އަހަރެއް

މި އަހަރުގެ އިގުތިސޯދީ ހާލަތު ކިޔައިދޭން އެންމެ އަދަދެކެވެ. އެއީ 20 އެވެ. މި އަހަރު އިގުތިސޯދުގެ ވާހަކަ ފަށައި، ނިންމަން ޖެހޭ އަދަދަކީ ވެސް މިއީ އެވެ. އިގުތިސޯދުގެ ހާލަތަށް އެންމެ މުހިންމު، އެންމެ އައުލާކަން ބޮޑު އަދަދަކީ ވެސް ހަމަ މިއީ އެވެ.

މިހާ މުހިންމު ވެގެން މި އުޅޭ 20 ނަމްބަރަކީ، ޑޮލަރު ހޯދަން ވިޔަފާރިވެރިން ބަރޯސާވާ ޕެރެލަލް މާކެޓު ނުވަތަ އާންމު ބަހުރުވައިން "ކަޅު ބާޒާރުގައި" ޑޮލަރެއް ލިބެން ހުރި އަގެވެ. ކަޅު ބާޒާރުގައި ޑޮލަރެއް ވިއްކާ އަގު މި އަހަރުގެ ޖުލައި މެދުތެރެއިން ފެށިގެން 20ރ. އިން މަތީގައި ހުރިއިރު، އެ ފަހުން ހަ މަސް ވޭތުވެއްޖެ އެވެ. މައްޗަށް ނާރާނެ ކަމަށް ބުނި ޑޮލަރުގެ އަގު، ދަށަކަށް ނުދިޔަ އެވެ.

ވިޔަފާރިވެރިންނަށް މަޖުބޫރު ވެފައި ވަނީ ކަޅު ބާޒާރުން ގަންނަ ކޮންމެ ޑޮލަރަކަށް ރަސްމީ ރޭޓަށް ވުރެ އިތުރަށް 5ރ. އާއި 6ރ. އާ ދެމެދުގެ އަގެއް ދައްކާށެވެ.

ޑޮލަރު ތަދުވުމާއި އަގު އުފުލުމަކީ ރާއްޖޭގައި އާ މައްސަލައެއް ނޫނެވެ. މިހެނަސް، ޓޫރިޒަމް ސިނާއަތަށް ބޮޑު ލޮޅުމެއް ނައިސް، ޑޮލަރުގެ އަގު މި ވަރަށް އުފުލި، އެއް ވަރެއްގައި ހިފެހެއްޓިފައި ހުންނަ މިއީ ފުރަތަމަ ފަހަރެވެ. މިކަމުގައި ބޮޑު ދިރާސާތަކެއް ނުހެދިޔަސް، އަދި ރަސްމީ އިދާރާއަކުން ނުބުންޏަސް، ޑޮލަރުގެ އަގު ބޮޑުވުމުގެ މައްސަލައިގައި ކަންވެގެން އުޅޭ ގޮތް އެނގެ އެވެ.

ޑޮލަރު ތާށިވެ، އަގު އުފުލުމުގެ އަޑީގައި އޮތީ ކުރީ ސަރުކާރުގެ ފައިސާ ޗާޕުކުރުމުގެ ސިޔާސަތާއި، މި ސަރުކާރުގެ ޑޮލަރު މާރުކުރުމުގެ ސިޔާސަތެވެ. ކުރީ ސަރުކާރުން އިގުތިސޯދާ ނުބައްދަލު މިންވަރަކަށް ފައިސާ ޗާޕުކުރުމާ ގުޅިގެން ޑޮލަރު ސަޕްލައިއަށް ވުރެ ޑިމާންޑު އިތުރުވެ، ރުފިޔާގެ އަގު އޮތީ ވެއްޓިފަ އެވެ. ރުފިޔާގެ އަގު ވެއްޓިފައި އޮއްވާ ޑޮލަރުގެ ބާރު އިތުރަށް ގަދަވީ، ޑޮލަރު މާރުކުރުމުގެ ސިޔާސަތާ ގުޅިގެންނެވެ. މި ސިޔާސަތުން ޑޮލަރު ތާށިކަން އިހުނަށް ވުރެ ބޮޑުވީ އެވެ.

މިހާރު ހުރި އަގުގައި، ޑޮލަރުގެ އަގު ހިފެހެއްޓިފައި ހުރުމަކީ، މި ދެ މައްސަލަ މަސްހުނިވެ، އުފެދުނު ހާލަތުން އަރައިނުގަނެވުމުގެ ނަތީޖާ އެވެ.

މިއީ ވަކި އަތަކަށް ބުރަ ނުވާ ގިނަ ބަޔަކު ގަބޫލުކުރާނެ ހަގީގަތެއް ނަމަވެސް، ސަރުކާރުން ބޭނުންވަނީ، ޑޮލަރުގެ މައްސަލަ ކުރީ ސަރުކާރާ ހިސާބުން ނިންމާލާށެވެ. މި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑޮލަރު ތާށިކަމުގެ މައްސަލައިގައި ވިޔަފާރިވެރިންނަށް ހުރި ދަތިތަކާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓަރު، މުހައްމަދު ސައީދާ، ސުވާލު ކުރުމުން ވެސް ދެއްކެވީ މި ވާހަކަތަކެވެ.

ސައީދު ފާހަގަކުރެއްވީ ދެ ކަމެކެވެ. އެއް ކަމަކީ ޑޮލަރު އާމްދަނީ އިތުރު ކުރާނެ ގޮތެއް ނުހޯދައި، އަށް ބިލިއަން ރުފިޔާ ޗާޕުކުރުމެވެ. އަނެއް މައްސަލައަކީ ރަށްރަށުގައި ޕްރޮޖެކްޓުތައް ހިންގަން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާ ހަވާލުކޮށް، ކުރި މަސައްކަތަށް ފައިސާ ނުދިނުމެވެ.

"އަށް ބިލިއަން ރުފިޔާ މި އޮތް ކުޑަކުޑަ އިގުތިސޯދުގެ ތެރެއަށް، ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ވަކިން ގޮތެއް ނެތި، ހަމައެކަނި ޓޫޒަމްއަށް ޑިޕެންޑް ވެގެން ޗާޕުކޮށް ނެރުނީ އިންތިހާބާ ދިމާކޮށް. ރިޔާސީ އިންތިހާބާ ދިމާކޮށް ރަށްރަށުގައި އެކިއެކި މަޝްރޫއު ހިންގުމުގެ ނަމުގައި، ބައިވަރު ކަންކަން ކުރުމަށް ޓަކައި. އެ ފަރާތްތަކަށް ޕޭމަންޓު ނުލިބިގެން ވެސް މި އުޅެނީ. އޭރުގެ ސަރުކާރުން އެ ލަނޑު ދިން ކުންފުނިތަކަށް ފައިސާ ނުލިބިގެން ވެސް މިއުޅެނީ އިނގޭތޯ،" ސައީދު ވިދާޅުވި އެވެ.

"އެހެންވެ މި ވަރަށް ފައިސާ ޗާޕުކޮށް، މާކެޓަށް ނެރުނު އިރުގައި ޑޮލަރު އިތުރަށް ވަންނާނެ ގޮތެއް ނެތީމަ، މިހާރު ޑޮލަރުގެ އަގަށް އައިސްގެން އުޅޭ ބަދަލެއް އައިސްގެން މި އުޅެނީ،"

ސައީދު މިހެން ވިދާޅުވެ ވާހަކަ ނިންމަވާލައްވަން އުޅުއްވިޔަސް، "ނާރާނެ މައްޗަކަށް" ވިދާޅުވި ޑޮލަރުގެ އަގު އުފުލިފައި ހުރުމުގެ ޒިންމާއިން މި ސަރުކާރަކަށް ރެކެވޭނެ އެއް ގޮތެއް ވެސް ނެތެވެ. އެއީ ހަ ބިލިއަން ޑޮލަރު ވަންނަ ޓޫރިޒަމް ސިނާއަތުން ލިބޭ ހުރިހާ އާމްދަނީއެއް ރާއްޖޭގޭ ބޭންކުތަކަށް ވައްދަން މަޖުބޫރުކޮށް، އޭގެން ބައެއް މާރުކުރަން މަޖުބޫރުކޮށް، އެ މާރުކުރާ ޑޮލަރު އެމްއެމްއޭއަށް ނަގައިގެން، އަހަރެއް ވާއިރު، ބަލައިގަނެވޭނެ ބަހަނާއަކަށް ނުވާތީ އެވެ.

ޑޮލަރުތަކުގެ ކޮންޓްރޯލް ނަގައިގެން އުފެދުނު އަގުގެ މައްސަލައިގައި ސަރުކާރުން ވިޔަފާރިވެރިންނަށް ދިން ފަރުވާއަކީ، ޓީޓީ ހަދާއިރު ބޭންކުން ދޭ ޑޮލަރު ސަޕޯޓުގެ އަދަދު އިތުރުކުރުމެވެ. ނަމަވެސް، މި ފަރުވާއިން ވިޔަފާރިވެރިންގެ ބޮލުގައި ރިހޭ ރިހުމަކަށް، މާ ބޮޑު ތަސައްލީއެއް ނުލިބެ އެވެ. އަދިވެސް ގިނަ ޑޮލަރު ހޯދަން ޖެހެނީ އަގު ބޮޑުކޮށް، ކަޅު ބާޒާރުންނެވެ.

ސަބަބަކީ، ބޭންޑުތަކެއް ކަނޑައަޅައިގެން ކުޑަ އަދަދުތަކުން ކުރާ ޓީޓީތަކަށް ގިނައިން، ބޮޑެތި ޓީޓީތަކަށް މަދުން ޑޮލަރު ސަޕޯޓު ދޭތީ އެވެ. ސަރުކާރުން ބުނާ ގޮތުގައި 2500 ޑޮލަރުން ދަށުގެ ޓީޓީތަކަށް 50 ޕަސެންޓާއި، 2500 އާއި 5000 ޑޮލަރާ ދެމެދުގެ ޓީޓިތަކަށް 30 ޕަސެންޓާއި، 5000 ޑޮލަރުން މަތީގެ ޓީޓިތަކަށް 15 ޕަސެންޓު ޑޮލަރު ސަޕޯޓު ލިބޭނެ އެވެ.

ބައެއް ވިޔަފާރިވެރިން ބުނަނީ މި ބޭންޑުތަކުގައި ބުނާ ވަރަށް ވެސް ގިނަ ފަހަރު ޑޮލަރު ސަޕޯޓު ނުލިބޭ ކަމަށެވެ. އަދި، މި މަހުގެ ކުރީކޮޅު މުއިއްޒު އެސްއެމްއީ ވިޔަފާރިވެރިންނާ އެކީ ބޭއްވެވި ބައްދަލުކުރެއްވުމުގައި ވެސް ވިޔަފާރިވެރިން މި ޝަކުވާކުރި އެވެ.

"ބީއެމްއެލްއިން އަޅުގަނޑުމެންނަށް މައުލޫމާތު ލިބޭ ގޮތުގައި މި އިންނަނީ 30 ޕަސެންޓާ 50 ޕަސެންޓާ ދޭތެރޭ އަޅުގަނޑުމެންނަށް ޓީޓީއަށް ޑޮލަރު ހެދޭ ކަމަށް. އެކަމަކު ފައިނަލީ އަޅުގަނޑުމެން ބަލާއިރު މި އިންނަނީ 20 ޕަސެންޓަށް އަޅުގަނޑުމެންނަށް ޑޮލަރު [ލިބެނީ]،" ފުޅާދާއިރާއެއްގައި ރީޓެއިލް ވިޔަފާރިކުރާ އިހުސާން ފިހާރައިގެ މީހަކު އެ ބައްދަލުވުމުގައި ބުންޏެވެ.

ޑޮލަރުތަކުގެ ކޮންޓްރޯލް ސަރުކާރަށް ނެގުމުގެ އަނެއް ނުރަނގަޅު އަސަރަކީ ކުރިން ވެސް ޑޮލަރައިޒް ވެފައި އޮތް އިގުތިސޯދު އިތުރަށް ޑޮލަރަައިޒް ވުމެވެ. މިހާރު ގިނަ ސަޕްލަޔަރުންނާއި ކޮންޓްރެކްޓަރުންނާ އެހެނިހެން ވެސް މުދަލާއި ހިދުމަތްތައް ފޯރުކޮށްދޭ ވިޔަފާރިތަކުން ޑިމާންޑު ކުރަނީ ޑޮލަރެވެ. އަދި، ދިވެހި ރުފިޔާއިން ފައިސާ ދައްކާ ކަމުގައި ވަނީ ނަމަ ރަސްމީ ރޭޓަށް ވުރެ މަތިން ފައިސާ ދައްކަން މަޖުބޫރުކުރުން އަންނަނީ ކުރަމުންނެވެ.

ބައެއް ރަށްރަށުގެ ގެސްޓުހައުސްތަކުން ޑޮލަރު ބިލު ފޮނުވަނީ، އެ ބަޔަކު ގެންގުޅޭ އަމިއްލަ ރޭޓަކަށް ދިވެހި ރުފިޔާ ފޮނުވާ ގޮތަށެވެ. އަގު ދައްކަން އެ ތަނެއްގައި އޮންނަ ރޭޓަކަށެވެ. މިކަމުގެ ޝަކުވާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި ކުރާނަމޭ ބުންޏަސް އެ ވިޔަފާރިތަކުގެ ފަރުވާލެއް ނެތެވެ.

އެއް ގޮތަކުން ބަލާއިރު، ޑޮލަރުގެ ކަޅު ބާޒާރު ޒާތަކަށް ރެގިއުލޭޓު ކުރަމުން ދަނީ ސަރުކާރުގެ ޑޮލަރު މާރުކުރުމުގެ ސިޔާސަތެވެ. ކަޅު ބާޒާރަށް ޑޮލަރު ސަޕްލައިކުރާ މީހުންނަށް ޑޮލަރު ވިއްކޭނެ މަގު ބަންދު ނުވަންޏާ އެކަން ކުރާނެ އެވެ. އަދި އަގު ތިރިކުރުމުގެ މަޖުބޫކުރުކަމެއް ނެތިއްޔާ، އަގު ތިރި ނުކުރާނެ އެވެ. އެ ހުރިހާ ފައިދާއެއް ލާނީ ޖީބަށެވެ.

ޑޮލަރުގެ މައްސަލައިގައި ރިޔާޒު އެކްސްގައި ކުރި ޕޯސްޓު: ރިޔާޒު ވިދާޅުވާ ގޮތުން ޑޮލަރުގެ އަގު ތިރިކުރާކަށް ނޫޅޭ


ސަރުކާރުގެ ޑޮލަރު ސިޔާސަތާ ގުޅިގެން ހާލަތު ހުރި ގޮތް އެންމެ ރަނގަޅަށް ސިފަކޮށްދެއްވާފައި އެކަކަކީ ކުރީ ސަރުކާރުގެ ޑެޕިއުޓީ އިކޮނޮމިކް މިނިސްޓަރު ރިޔާޒު މަންސޫރެވެ. އޭނާ އެކްސްގައި ލިޔުއްވާފައިވާ ގޮތުގައި ސަރުކާރަށް ޑޮލަރު "ވެކިއުމް" ކުރަން ފެށިތާ 15 މަސް ވޭތުވީއިރު، އަގަށް ކުޑަވެސް ބަދަލެއް ނާދެ އެވެ. ފަހަތުގައި އޮތީ އެމްއެމްއޭއިން ޑޮލަރު ލިމިޓުކޮށްގެން ބާޒާރަށް ނެރުމެވެ.

"އެމްއެމްއޭއިން ޑޮލަރު ކޮންމެ ގޮތަކަށް ދޫކުރިޔަސް ދޫކުރަނީ ކަޅު ބާޒާރުގެ އަގުތަކަށް ބަދަލެއް ނާންނަ ވަރަށް، ކިރިޔާ ބޭނުންވާ ވަރަށް. މިއީ ވަރަށް މޮޅު ގޮތެއް. ކާރިސާއެއް އުފައްދާފައި، ހާސްވާ ވަރަށް ރެގިއުލޭޓުކުރަންވީ. މި ކަމުގައި ފަސް އަހަރު ވޭތުކޮށްލަންވީ،" ރިޔާޒު ލިޔުއްވާފައިވެ އެވެ.

ސަރުކާރުން ބުނާ ގޮތުގައި މިހާރު ތަންފީޒުކުރެވެމުންދާ ސިޔާސަތުތަކާއެކީ ޑޮލަރުގެ މައްސަލަ ހައްލުކޮށް، 2027 ގައި ޑޮލަރު ރަސްމީ އަގަށް ވައްޓާލެވޭނެ އެވެ. މިހެން ބުންޏަސް މި އަމާޒަށް ވާސިލުވެވިދާނެ ކަމާ މެދު ސުވާލު އުފެދެ އެވެ. މައްސަލައަކީ، އަންނަ އަހަރު ދަރަނި ދައްކަން ސަރުކާރަށް ވެސް ބައިވަރު ޑޮލަރު ބޭނުންވުމެވެ. ސަރުކާރަށް މި ބޭނުން އޮއްވާ، އާދަޔާހިލާފު އިތުރުވުމެއް އައިސްގެން ނޫނީ ޑޮލަރުގެ އަގު ތިރިކުރަން ފަސޭހައެއް ނުވޭ އެވެ.

އަނެއް ކޮޅުން، ޑޮލަރު މާރުކޮށްގެން ލިބޭ ފައިސާ ވެސް ސަރުކާރުން ބޭނުންކުރަމުން ދަނީ އިގުތިސޯދީ ފައިދާއަށް ވުރެ ބޮޑަށް ޕޮޕިއުލިސްޓު ނިންމުތަކަށް، ސިޔާސީ ބޭނުންތަކަށެވެ. މާރުކުރާ ޑޮލަރުގެ ބޮޑު ބަޔެއް އާންމުންގެ ބޭނުންތަކަށެވެ. މިއީ އެއް ގޮތަކުން ވިސްނާއިރު ރަނގަޅު ކަމެއް ނަމަވެސް، ބޮޑު މަންޒަރަށް ބަލާއިރު، އިސްކަން ދޭންވީ އިގުތިސޯދުގައި ބުންވަރު ޖައްސާފައި، ދެން ރައްޔިތުންނަށް ފަސޭހަ ކޮށްދިނުމަށެވެ.

ސަރުކާރުން ގަބޫލު ކުރަން ބޭނުން ވިޔަސް ނުވިޔަސް، ޑޮލަރުގެ ތާށިކަމުގެ އުނދަގޫ ވިޔަފާރިތަކަށް އިންތިހާއަށް އެބައޮތެވެ. އެންމެ ބޮޑަށް އެ އުނދަގޫ ވަނީ އަލަށް ފަށައިގަންނަ ވިޔަފާރިތަކަށެވެ. ޒަމާނުއްސުރެން ވިޔަފާރިކުރަމުން އައި މީހުންނަށް އިގުތިސޯދީ އާ އާންމު ހާލަތަށް ހޭނެން ފަސޭހަ ވިޔަސް، އަލަށް ފަށާ ބަޔަކަށް އެ ފުރުސަތެއް ނެތެވެ.

ޑޮލަރުގެ އަގުގެ އަސަރު އިގުތިސޯދަށް ވެސް އެބަ ކުރެ އެވެ. ނަމަވެސް މި އަސަރު ބޮޑު ކަމަށް އިންފްލޭޝަން އަދަދުތަކާއި އިގުތިސޯދުގެ ނަމްބަރުތަކުން ނުދައްކަ އެވެ. އިންފްލޭޝަނުން މި އަދަދުތައް ނުފެންނަނީ ސަބްސިޑީ އާއި އެހެނިހެން ލުއިތަކުގެ ސަބަބުންނެވެ. އިގުތިސޯދުގެ ނަމްބަރުތަކުން މި އަދަދުތައް ނުދައްކަނީ ޓޫރިޒަމްގެ ބާރު ދުވެލީގެ ފަހަތުގައި އިގުތިސޯދު ހިފެހެއްޓުމެއް ނެތި ކުރިއަރަމުން ދާތީ އެވެ.

އިގުތިސޯދު ކުރިއަރަމުން ދިޔަ ނަމަވެސް ކުރިއަށް ވުރެ ދުވެލި މަޑުޖެހި، ބަރުހެލިވެއްޖެ އެވެ. މިދިޔަ އަހަރު އިގުތިސޯދީ 3.5 ޕަސެންޓުގައި ކުރިއެރުމަކީ މީގެ ސާފު ހެއްކެކެވެ. މިއީ، ކުރިއަރަމުން އަންނަ އިގުތިސޯދުތަކުން ހިފަހައްޓަން ޖެހޭ ކަމަށް އިގުތިސޯދީ މާހިރުން ގަބޫލުކުރާ ފަސް ޕަސެންޓަށް ވުރެ ދަށް އަދަދެކެވެ. އަދި ވޭތުވި 20 އަހަރަށް ބަލާނަމަ، ރާއްޖޭގެ އެވަރެޖަށް ވުރެ ވެސް މާ ބޮޑަށް ދަށް އަދަދެކެވެ.

މިކަމުގައި ސަރުކާރަށް އޮތީ އަވަސް ފިޔަވަޅުތަކެއް އަޅައިގެން، ސިޔާސީ ޗަރުކޭސް ދޫކޮށްލާފައި އިގުތިސޯދީ ކަންކަމުގައި އަވަސް ވެގަތުމެވެ. އިގުތިސޯދަކީ އެންމެން ވެސް ބައިވެރިކޮށްގެން، އެންމެނަށް ވެސް ހަމަހަމަ ފުރުސަތުތަކެއް ލިބެން ޖެހޭ ނިޒާމެއްކަން ގަބޫލުކޮށް، ތާއަބަދު އެ ބުނާ ގައުމީ ވިސްނުން އޭގެ ހަގީގީ މާނައިގައި ތަންފީޒުކޮށްގެންނެވެ.