Advertisement

ލާމަރުކަޒީ ނިޒާމަށް ގެންނަ ބަދަލުން ފެންނަނީ މުއިއްޒުގެ ބަހާއި އަމަލު ދިމާނުވުން

6 އޮގަސްޓު 2025 - 09:03 2


ލާމަރުކަޒީ ނިޒާމަށް ގެންނަ ބަދަލުން ފެންނަނީ މުއިއްޒުގެ ބަހާއި އަމަލު ދިމާނުވުން

6 އޮގަސްޓު 2025 - 09:03 2

ލާމަރުކަޒީ ނިޒާމު ހިންގާނީ ސަރުކާރުގެ އެހީތެރިކަމާ އެކީ، ރައްޔިތުންގެ ފުރިހަމަ ބާރާއި ތަމްސީލުކުރުމާއެކު ކަމަށާއި "ކައުންސިލުން ކުރިއަށް ގެންދަން ބޭނުންވާ ކަމެއްގައިވިއްޔާ ފުރިހަމަ އެއްބާރުލުން ލިބޭނެ" ކަމަށް ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި، އޭރު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި އެވެ.

ނަމަވެސް، އެ ވައުދު ފަނޑުވެ، ލާމަރުކަޒީ ނިޒާމުގެ މުޅި މަފުހޫމަށް ލޮޅުން އަރުވާލައި، ގާނޫނުއަސާސީ އާއި ލާމަރުކަޒީ ގާނޫނުގެ ރޫހާ ހިލާފަށް ކައުންސިލްތަކުގެ ބާރު އަތުލަން މުއިއްޒު މަސައްކަތް އެ ވަނީ ފައްޓަވައިފަ އެވެ.

ކައުންސިލްތަކުގެ އިންތިހާބު ބޯމަތިވެފައި ވާއިރު، ކުއްލި ގޮތަކަށް ލާމަރުކަޒީ ގާނޫނަށް ބަދަލުތަކެއް ގެންނަން ހުށަހެޅި ބިލާމެދު ރައްޔިތުންނާއި ކައުންސިލްތަކުގެ ކަންބޮޑުވުން އޮއްވައި، އަދި އެ ބިލް ފާސްނުކޮށް އަނބުރާ ގެންދިޔުމަށް ގޮވާލަމުން ދާއިރު، އެކަމަށް ބެލުމެއް ނެތި ބިލު ފާސްކުރަން މިއަދު ވަނީ އެޖެންޑާކޮށްފަ އެވެ.

މާލޭ މޭޔަރަކަށް ވެވަޑައިގަތް ހިސާބުން ފެށިގެން ލާމަރުކަޒީ ނިޒާމުގެ މުހިންމު ކަމާއި ކައުންސިލްތަކުގެ ބާރުވެރިކުރުން މުހިންމު ކަމުގެ ވާހަކަ އާއި އޭރު އޮތް އެމްޑީޕީ ސަރުކާރުން ސިޓީ ކައުންސިލަށް ހުރަސްތައް ކުރިމަތިކުރާ ކަމަށް މުއިއްޒުގެ ދުލުން ވިދާޅުވަމުން ގެންދެވި އެވެ. އެހެންވެ، ކެމްޕޭނުގައި ވައުދުވެވަޑައިގަތީ، އަދި ރައީސްކަމުގެ ހުވާ ﷲ ގަންދީ ކުރެއްވުމަށް ފަހު ތަކުރާރުކޮށް ވިދާޅުވެފައި ވަނީ ކައުންސިލްތައް ބާރުވެރި ކުރުމާނެ ކަމާއި ލާމަރުކަޒީ ނިޒާމު ހިންގަވާނެ ކަމަށެވެ.

މިކަމަށް ބާރުދީ، މިދިޔަ އަހަރުގެ ލާމަރުކަޒީ ދުވަހު މުއިއްޒު ދެއްވި ހިތާބުގައި ވިދާޅުވީ ކައުންސިލްތަކުން ރައްޔިތުންނަށް ދޭ ހިދުމަތް ރަނގަޅުކޮށް، ކައުންސިލްތައް ބާރުވެރިކުރުމަށްޓަކައި ވުޒާރާތަކާއި ހުރިހާ މުއައްސަސާތަކުން ވެސް ކައުންސިލްތަކަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދީ، ހާއްސަ ގޮތެއްގައި، ރައްޔިތުންނާ ގުޅޭ ކަންކަން ރާވައި ހިންގުމުގައި، ކައުންސިލްތަކާއި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރަންޖެހޭ ކަމަށެވެ.

"ލާމަރުކަޒީ ނިޒާމު ހިންގުމުގައި، ރައްޔިތުންނާއި ކައުންސިލްތަކާއި ސަރުކާރާ ގުޅުވައިދީ، އަދި ކައުންސިލްތަކާއި ލޯކަލް ގަވަންމަންޓް އޮތޯރިޓީއަށް ސަރުކާރުގެ ތެރެއިން ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ލިބިދީ، ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް، ވަކި މިނިސްޓްރީއެއް އަޅުގަނޑު ވާނީ އުފައްދާފައި،" އެ ހިތާބުގައި އެ މަނިކުފާނު ވިދާޅުވި އެވެ.

ކައުންސިލް މިނިސްޓްރީ އުފެއްދުމުން ފާޑުކިޔުން އަމާޒު ވަމުންދިޔަ ނަމަވެސް މުއިއްޒު ޔަގީންކަން ދެއްވަމުން ގެންދަވީ ކައުންސިލްތައް ބާރުވެރި ކުރުވާނެ ކަމަށެވެ. ނަމަވެސް ބަހާއި އަމަލުން ދިމާނުވާކަން ގަބޫލު ކުރެވޭ އެއް ސަބަބަކީ ކައުންސިލްތަކުގެ ބާރު ކަނޑުވާލައި، ބާރުތައް މަރުކަޒުކުރުމުގެ ނިޔަތުގައި މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބިލެވެ.

ސަރުކާރުގެ ފަރާތުން ލާމަރުކަޒީ ގާނޫނަށް ގެންނަ ބަދަލުގައި ކައުންސިލްތަކުން ވިޔަފާރި ކުރުމަށާއި ތަންތަން ކުއްޔަށް ދޫކުރުމަށާއި ތަރައްގީގެ ޕްރޮޖެކްޓުތައް ހިންގަން އަދި މުވައްޒަފުން ނެގުމުގެ ބާރު ހަނިކޮށްފައިވެ އެވެ.

ކައުންސިލުތަކުގެ އުމުރުން ބާކީ އަހަރެއް އޮވެއްޖެ ނަމަ، މުވައްޒަފުން ނެގުމަށާއި ތަންތަން ކުއްޔަށް ދޫކުރުމަށާއި ތަރައްގީގެ ޕްރޮޖެކްޓުތައް ހިންގުން މަނާވާނެ އެވެ. މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާ އެ ބިލް ފާސްވެއްޖެ ނަމަ، މިހާރު ކައުންސިލްތަކުން އިއުލާނުކޮށްފައިވާ މަޝްރޫއުތައް ހުއްޓުމަކަށް ދިޔުމުގެ ފުރުސަތު އޮންނާނެ އެވެ.

ބިލް ތަސްދީގުކޮށްފި ނަމަ ރަށުގައި އަމިއްލަ މީހަކު ކުރާ ވިޔަފާރިއެއް ކައުންސިލުތަކުން ކުރުން މަނާވެ އެވެ. ނަމަވެސް، މާލޭ ސިޓީ ކައުންސިލުން މާލޭގައި ގަސް ފިހާރައެއް ހިންގި ހަނދާނެއް މުއިއްޒުގެ މިހާރު ނެތެވެ.

މާލެ އާއި ރަށްރަށުން އަސާސީ ހިދުމަތްތަކަށް ދޫކޮށްފައިވާ ބިންތަކުން ކުލި ނުނެގޭނެ ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ. ދިވެހިރާއްޖޭގެ އެންމެ ބޮޑު ބައެއް ވިޔަފާރިތަކަށް ވެސް އެއިރުން ބިން ދޭންޖެހޭނީ ހިލެ އެވެ. އޭގެ ތެރޭގައި އަސާސީ މުވާސަލާތީ ހިދުމަތް ފޯރުކޮށްދޭ ދިރާގު އަދި އުރީދޫ ހިމެނެ އެވެ.

ސަރުކާރުގެ ފަރާތުން ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސައިން ހުށަހަޅުއްވާފައިވާ ބިލުން ކައުންސިލްތަކުގެ މާލީ މިނިވަންކަން ވެސް ގެއްލި، ފިނޭންސް މިނިސްޓްރީއަށް ކައުންސިލުތަކުގެ މައްޗަށް ބަސް ކިޔުމުގެ ބާރު ލިބޭނެ އެވެ.

މި ބަދަލުތަކާއި ދެކޮޅަށް ގިނަ އަދަދެއްގެ ކައުންސިލްތަކުން މިހާރު ވަނީ ބަސްބުނެފަ އެވެ.

މާލޭ ސިޓީ މޭޔަރު އާދަމް އާޒިމް

"ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގެ ބޭނުމަކީ ކައުންސިލްތަކުގެ އަމިއްލަ އާމުދަނީ ބޭނުންކޮށްގެންވިޔަސް ނުވަތަ ކައުންސިލުން އެހެން ބަޔަކާއި ގުޅިގެންވިޔަސް ކަމެއްކުރިޔަނުދީ ބަނދެލައި ސީދާ ފިނޭންސް މިނިސްޓްރީއާއި ލޯކަލް މިނިސްޓްރީގެ ފީކުދާނަކަށް ކައުންސިލްތައް ހެދުން."

އައްޑޫ ސިޓީ މޭޔަރު އަލީ ނިޒާރު

މި ބަދަލަކީ ނިޒާރު ގަބޫލުކުރައްވާ ގޮތުގައި ހަމަޖެހޭ ބަޔަކު ކުރާނެ ކަމެއް ނޫނެވެ.

"ހަގީގަތުގައި މި ރޭވޭ ރޭވުންތެރިކަމަކީ މަކަރުވެރިކަމާއި ހަމަ ޔަހޫދީ ވިސްނުމުގައި ކައުންސިލްތައް ނަގަން މަސައްކަތް މި ކުރެވެނީ. އެއީ މިހާރު ހުރި ކައުންސިލްތަކުގެ، ހާއްސަކޮށް ބޮޑެތި އާބާއިދުތަކުގެ، ސިޓީތަކުގެ މެޖޯރިޓީ މި އޮތީ އިދިކޮޅު އެމްޑީޕީއަށް. އެހެން އޮތީމަ އެންމެ ފަސޭހައިން ހާއްސަކޮށް މި ތަންތަން ނެގުމަށް އޮތީ ކައުންސިލުތައް ދަތިކޮށް ކައުންސިލުތައް ހުއްޓުވައި، ކައުންސިލުތައް ސަސްޕެންޑުކޮށް މިކަހަލަ ފިޔަވަޅުތައް އަޅައިގެން ކައުންސިލުތަކުގެ އަގުވައްޓާލައިގެން،" އޭނާ ވިދާޅުވި އެވެ.

މި ބިލާ ދެކޮޅަށް ފުވައްމުލަކު ކައުންސިލު، ކުޅުދުއްފުށީ ކައުންސިލް، އަދި އިދިކޮޅު އެމްޑީޕީ އަދި ގިނަ ކައުންސިލްތަކަކުން ބަސް އިއްވައިފި އެވެ. ނަމަވެސް އެކަމަށް ބެލުމެއް ނެތި، ބިލު ފާސްކުރަން މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވެ އެވެ.

ރައްޔިތުންގެ ފަޅީގައި ހުރި ކަމަށް ވަކާލާތު ކުރައްވާ ރައީސް އަށް ރައްޔިތުންގެ ހިޔާލުތައް އަޑެއް އިވިވަޑައެއް ނުގެންނެވި އެވެ. އަޑު އިވޭނަމަ ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުގައި ރައީސް މުއިއްޒު "ތަޅު އަޅުވާފައި" ތިބި މެންބަރުން އެ މަނިކުފާނުގެ ލަފާފުޅާއި އިރުޝާދާ ދެކޮޅަށް މަސައްކަތެއް ނުކުރައްވާނެ އެވެ.

މުއިއްޒުގެ ވެރިކަން ފެށި ފަހުން ވެސް ލާމަރުކަޒީ ގާނޫނަށް ގިނަ ބަދަލުތަކެއް ގެނެސްފި އެވެ. ނަމަވެސް އިންތިހާބު ކައިރިވުމުން ކައުންސިލްތަކުގެ ބާރުތައް އަތުލުމުގެ އެއްވެސް ވިސްނުމެއް އޭރު ހިއްސާއެއް ނުކުރެ އެވެ.

އެހެންވެ، މި ބިލް ހުށަހެޅުމުން ފެނިގެން ދަނީ މުއިއްޒުގެ ބަހާއި އަމަލު ދިމާނުވުމާއި ލާމަރުކަޒީ ނިޒާމު ގަޑުބަޑު ކުރުމެވެ. މުއިއްޒުގެ މި އަމަލުން ފާޅުވީ ކެމްޕޭން ވައުދުތަކަކީ ހަމައެކަނި ރައްޔިތުންގެ އުއްމީދު އަތުލައިގަތުމަށް ބޭނުންކުރާ އުކުޅެއްގެ ގޮތުގަ އެވެ.