24 ޖުލައި 2025 - 09:56 6
ހަސަން މުހައްމަދު
24 ޖުލައި 2025 - 09:56 6
ދިވެހިރާއްޖެ މިއަދު މި އޮތީ ބަނގުރޫޓުވުމުގެ ތުންފަތްމަތީގަ އެވެ.
ސަރުކާރުގެ މުވައްޒަފުންނަށް މުސާރަ ދެނީ އެކި ގޮތްގޮތުން ލޯނު ހޯދައިގެންނެވެ. ދިވެހި ރުފިޔާގެ ދިގު ތާރީހުގައި، ރުފިޔާގެ އަގު ނުވެއްޓޭހާ ދަށަށް އަގު ވެއްޓި، އެމެރިކާ ޑޮލަރެއް މިހާރު ގަންނަން ލިބެނީ 20 ރުފިޔާއަށް ވުރެ މަތިންނެވެ.
ތަރައްގީގެ ޕްރޮޖެކްޓުތައް ހިންގާނެ ފައިސާ ނެތުމުން، ދައުލަތުގެ ރިޒާވުން ފައިސާ ނަގައިގެން ނަމަވެސް ބައެއް ޕްރޮޖެކްޓުތައް ހިންގަން ރައީސް މުހައްމަދު މުއިއްޒު ވަނީ އަންގަވައިފަ އެވެ. ސަރުކާރުން ލިބެންޖެހޭ ފައިސާ ނުލިބޭތީ އަމިއްލަ ވިޔަފާރިވެރިން މާޔޫސްވެ، ބަނގުރޫޓުވަނީ އެވެ.
އެކަމަކު، އެއިން ކަމަކަށް ފިކުރު ނުހިންގައި ރައީސް މުއިއްޒާއި އެމަނިކުފާނުގެ ސަރުކާރު އަވަދިނެތި އުޅުއްވަނީ އެހެން ކަމެއްގަ އެވެ. ރައީސް އާއި ވަޒީރު ބޭކަލުންގެ ފުރިހަމަ ސަމާލުކަން ހުއްޓިފައި ވަނީ ޕްރޮޕެގެންޑާ ފެތުރުއްވުމުގަ އެވެ.
މީގެ 617 ދުވަސް ކުރިން، ގައުމަށް އިހުލާސްތެރިވުމުގެ ހުވަޔާއެކު ދިވެހި ޖުމްހޫރިއްޔާގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ރައީސް މުއިއްޒު އެންމެ ފުރަތަމައިނުން ވެސް ފެށި ކަމަކީ ގައުމިއްޔަތުގެ ނަމުގައި އެމަނިކުފާނުގެ ޕްރޮޕެގެންޑާ ފެތުރުއްވުމުގެ މަސައްކަތެވެ. އެކަން ފެށުނީ ގައުމިއްޔަތު މިނިސްޓްރީގެ ނަމުގައި ވުޒާރާއެއް ހެދި ހިސާބުންނެވެ.
އެހާ ހިސާބުން ފެށިގެން، ގައުމިއްޔަތަކީ މިވެނި ކަމެކޭ، އިދިކޮޅު ސިޔާސީ ޕާޓީތައް ގައުމިއްޔަތާ ދެކޮޅޭ، ތިމަންމަނިކުފާނު ބޭނުންވެވަޑައިގަންނަވަނީ ގައުމިއްޔަތުގެ ތަރުބިއްޔަތުގައި ދިވެހި ކުދިން ބޮޑުކުރަން ކަމަށް ރައީސް ވިދާޅުވަމުން ގެންދެވި އެވެ. ގައުމިއްޔަތުގެ މާނައިގެ ތެރޭގައި، ދީނާއި ސަގާފަތާއި އާދަކާދަ، ރައީސް ހިމެނުއްވި އެވެ.
އެކަމަކު އެމަނިކުފާނު އެ ވިދާޅުވާ ގައުމިއްޔަތަކީ ކޮބައިކަން ސާފުވީ ޖުލައި 12، 2025، ގައި ގައުމިއްޔަތު މިނިސްޓްރީ އިން ކަމުގެ ހަގީގަތް ހާމަ ކުރެއްވުމުންނެވެ. ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެ މިނިސްޓްރީ އިން ބުނީ ކުރަން މި އުޅޭ ކަމަކީ "ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ގައުމިއްޔަތު ދިރުވައި އާލާ ކުރުމުގެ" މަސައްކަތް ކަމަށެވެ.
ދިވެހި ބަހުގެ ރަދީފުގައިވާ ގޮތުން ގައުމިއްޔަތަކީ، "ތިމާގެ އަމިއްލަ ގައުމާމެދު ހިތުގައި އޮންނަ ފަހުރުވެރިކަމާއި ލޯބީގެ ހާއްސަ ޝުއޫރު" އެވެ.
ރަދީފުގެ އެ މާނައަށް ބަލާއިރު، ގައުމިއްޔަތަކީ ގަލުގައި ލިޔެވިފައި އޮންނަ އެއްޗަކަށް ވާކަށް ނުޖެހެ އެވެ. އެކި މީހުން ގައުމާމެދު ފަހުރުވެރިވާނީ އެކި ސަބަބުތަކަށެވެ. އެއްބަޔަކު ރާއްޖެއާމެދު ފަހުރުވެރިވަނީ، ގުދުރަތުގެ ރީތިކަމުންނެވެ. އަނެއް ބަޔަކަށް ރަނގަޅީ ކޮންކްރީޓް ތަރައްގީ އެވެ.
ދިވެހީންގެ ތެރެއިން ބަޔަކު ރާއްޖެއާމެދު ފަހުރުވެރިވަނީ، ދިވެހިންގެ އެއްބައެއްވަންތަކަމަށެވެ. އަނެއް ބަޔަކު ދެކެނީ ރާއްޖެ ޒަމާނުއްސުރެ އޮތީ ޝާހީ އާއިލާ އާއި މުއްސަނދިންގެ އަތްމަތީގައި ކަމަށެވެ. ނިކަމެތިންނަށް ރާއްޖޭގައި އޮތީ ނިކަމެތި ގޮތް ކަމަށް އެމީހުން ދެކެ އެވެ. އެމީހުން ގަބޫލު ކުރާ ގޮތުގައި ފަހުރުވެރިވާންޖެހޭ ވަރުގެ އެއްބައެއްވަންތަކަމެއް ރާއްޖެއަކު ނެތެވެ.
ދެން އޮތީ އިސްލާމް ދީނެވެ. ރާއްޖެއަކީ މުސްލިމު ގައުމަކަށްވީތީ ފަހުރުވެރިވުމެވެ. އެކަމަކު، ވަކި ގައުމަކަށް ނިސްބަތްވީތީ ފަހުރުވެރިވުމެއް ދީނަކު ނެތެވެ. އިސްލާމީ އުއްމަތަކީ އެއް އުއްމަތެކެވެ. އެމީހެއްގެ ތަގުވާއިން މެނުވީ، އިތިއޯޕިއާގެ މުސްލިމް މީހާ އާއި އެމެރިކާގެ މުސްލިމް މީހާ އާއި ދިވެހި މުސްލިމް މީހާގެ ތަފާތެއް ނެތެވެ.
ވެރިކަމަށް ވަޑައިގެން ރައީސް މުއިއްޒު ދިވެހިންނަށް ކުރި ތުހުމަތަކީ، ދިވެހިން ގައުމު ދެކެ ލޯބިނުވާކަމުގެ ބޮޑު ތުހުމަތެވެ. އެމަނިކުފާނު ވިދާޅުވީ، ގައުމިއްޔަތު "އިއާދަ" ކުރަންޖެހިފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މި ފަށަނީ، ދިވެހި ގައުމިއްޔަތު ދިރުވައި އާލާކުރުމުގެ ގައުމީ މަޝްރޫއު. މިއީ، ދިވެހީންގެ ސިކުނޑިތައް ބިނާކުރުމުގެ މަޝްރޫއު. ދިވެހީންގެ ކެރުމާއި އަޒުމާއި ހިތްވަރާއި އިސްލާމީ ރިވެތި ސިފަތަކަށް ހޭނުމުގެ މަޝްރޫއު. ދިވެހީންގެ ގޮތާ ފޮތާ ދިމާޔަށް އުފަލުން އެނބުރިލާނެ މަޝްރޫއު. އިރާދަކުރެއްވިއްޔާ، ދިވެހި ގައުމިއްޔަތު ދިރުވައި އާލާކުރުމުގެ މި މަޝްރޫއުން ދިވެހި ދަރީންގެ ނަފުސާނީ، ރޫހާނީ އަދި މާނަވީ ވެށި ހެޔޮގޮތުގައި ބިނާކޮށް ފައްކާކުރާނަން،" ވެރިކަމާ ހަވާލުވެވަޑައިގެން ނޮވެމްބަރު 17، 2023 ގައި ދެއްވި ތަގުރީރުގައި ރައީސް ވިދާޅުވި އެވެ.
އޭގެ ފަހުން ދޮގުތަކެއް ހައްދަވައި ރައީސް މުއިއްޒު ވިދާޅުވީ، ދިވެހިންގެ ކިބައިން އާންމުކޮށް ވެސް ފެންނަ ރީތި އާދަތައް ގައުމުން އުވި ގޮސްފައިވާ ކަމަށެވެ. ދިވެހިންނަކީ މުރާލި ބަޔެކެވެ. އަހަރުމެންނަކީ މަސްވެރީންނެވެ. އެކަމަކު ރައީސް މުއިއްޒު ވިދާޅުވީ ދިވެހިންނަކީ ކަންނެތް ބަޔެއް ކަމަށެވެ. ދިވެހިންނަކީ މައިންބަފައިންނަށް އޯގާތެރި ބަޔެކެވެ. އެކަމަކު ރައީސް އެކަމާ އެއްބަހެއް ނުވެ އެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި ދިވެހީންގެ ކިބައިގައި އިހު އޮތް ނަޒާހަތްތެރިކަމާއި އަމާނާތްތެރިކަމާއި މުރާލިކަމާއި މި ފަދަ ހުރިހާ މާތް ސިފަތަކެއް އަށަގެންނެވުމަށް ޓަކައި ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭ. ދިވެހި ގައުމަކީ އެކަކު އަނެކަކުގެ މައްޗަށް ކުލުނާއި އަގަލު ހުންނަ، ދުވަސްވީ މީހުންނަށް ކަމޭ ހިތާ، ތިމާއަށް ވުރެ އިސް މީހާއަށް ގަދަރުކުރާ ގައުމަކަށް ހެދުމަށް ވަރަށް ހިންމަތްކުރަންޖެހޭ. ތަހުޒީބަކީ ތަރައްގީއަކީ އެއީ. މި ކަންކަން ކުރިޔަށް ގެންދެވޭނީ ދިވެހި ގައުމިއްޔަތު އިއާދަކުރެވިގެން. ސަބަބަކީ މިއީ ހައްތާ ވެސް ދިވެހި ގައުމިއްޔަތުގެ ސިފަތައް،" ރައީސް ވިދާޅުވި އެވެ.
ވެރިކަމާ ހަވާލުވި ދުވަހު، ގައުމިއްޔަތު އިއާދަ ކުރަންޖެހޭ ކަމަށް ވިދާޅުވުމަށްފަހު އެމަނިކުފާނު ދެން ގައުމިއްޔަތު ބޭނުން ކުރެއްވީ ސިޔާސީ ހަތިޔާރެއްގެ ގޮތުގަ އެވެ. އެމަނިކުފާނުގެ ޑިފެންސް ޕޮލިސީއަށް ބަޔަކު ޖޯކު ޖެހުމުން އެކަން ކުރީ ގައުމު ދެކެ ލޯބިނުވާ ބައެއް ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
"މި ވާހަކަ އަޅުގަނޑު ދެއްކީމާ އެކަމަށް ޖޯކު ޖަހާ، ނޫނިއްޔާ އެކަމާ ދެކޮޅަށް ވާހަކަ ދެއްކީ އަޅުގަނޑު ހިތުން އެއީ ދިވެހިވަންތަ ބައެއްތޯ. ދިވެހި ރައްޔިތުން، ގައުމު ދެކެ ލޯބިވާ ބަޔަކު އެފަދަ ވާހަކަ ދައްކައިގެން ނުވާނެ،" ފެބްރުއަރީ 6، 2024، ގައި ތ. ވޭމަންޑުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ "ދިވެއްސަކު ވިއްޔާ އުޅެންޖެހޭނީ" އެމަނިކުފާނުގެ ވާހަކަތަކަށް ސަޕޯޓުދޭން ކަމަށެވެ.
"އަމިއްލަ ބާރުވެރިކަން އުފައްދަން މަސައްކަތް ކުރީމަ، ކުރަން އުޅޭކަން އަޅުގަނޑު ބަޔާން ކުރީމަ އެއަށް ހިތްވަރު ދެއްތޯ ދެއްވަން ޖެހޭނީ. އެއަށް ސަޕޯޓު ދީ އެކަން ވާނެ ގޮތް ހޯދައިދޭން ދިވެއްސަކު ވިއްޔާ އުޅެންޖެހޭނީ،" އެމަނިކުފާނު ވިދާޅުވި އެވެ."މިއީ އަޅުގަނޑުމެން ސިކުނޑިން ވިސްނަންޖެހޭ ކަންތައް. މިއީ ދިވެއްސަކަށްވީތީ މިއަދު ސީރިއަސްކޮށް ވިސްނަންޖެހޭނެ ކަންތައް."
ގައުމިއްޔަތަކީ ދީނީ ނަޒަރަކުން ފުޅާ ދާއިރާއެއްގައި ބަހުސް ކުރެވި އެކަމަށް މަޝްހޫރު އިލްމުވެރިން ފަތުވާ ނެެރެފައިވާ މައުލޫއެކެވެ. އޭގެ ތެރެއިން އެއްބޭފުޅަކީ އަބްދުލް އަޒީޒް އިބުން އަބްދުﷲ އަލް ބާޒް ނުވަތަ އިބުނު ބާޒް އެވެ.
މީގެ 29 އަހަރު ކުރިން 1996 ވަނަ އަހަރު ބާޒް ޝާއިއު ކުރެއްވި ފޮތް، "ގައުމިއްޔަތުގެ ނުބައިކަން" މި ފޮތުގައި ގައުމިއްޔަތު ސިފަ ކުރައްވާފައި ވަނީ، މުސްލިމުންގެ މެދުގައި ފެތުރޭ ނުރައްކާތެރި ބައްޔެއްގެ ގޮތުގަ އެވެ.
ބާޒް ވިދާޅުވެފައި އޮތީ، ޖާހިލިއްޔަތުގެ ގޮވައިލުންތަކަށް ގޮވާލުމަކީ ބޮޑުވެގެންވާ ހަރާމްކަމެއް ކަމަށެވެ. އިބުނު ތައިމިއްޔާއާ ހަވާލާ ދެއްވައި ބާޒް ވިދާޅުވީ، ދަރިފަސްކޮޅާއި ބިމާއި ފިކުރާ ބެހޭ ގޮތުން ގުރްއާނުގައި ބާއްވާލައްވާފައި ނުވާ ކަމަކީ ޖާހިލިއްޔަތުގެ ގޮވައިލުމެއް ކަމަށެވެ.
ގުރްއާނުގައި ގައުމިއްޔަތަށް ކުޑަވެސް އަހައްމިއްޔަތެއް ދެއްވާފައެއް ނުވެ އެވެ. ގުރްއާނުގައި ﷲ ވަހީ ކުރައްވާފައި ވަނީ އިސްލާމީ އުއްމަތުގެ ވާހަކަ އެވެ. ގައުމުތަކަށް ބައިވެ، ގައުމާ މެދު ފަހަރުވެރިވުމާއި ތިމާއަކީ ތިމާގެ ގައުމުގެ މީހަކަށްވީތީ ފަހުރުވެރިވުމަކީ ގުރްއާނުގައި އޮތް ކަމެއް ނޫނެވެ.
"ގައުމިއްޔަތަކީ އަސަބިއްޔަތަށް [ބައިބައިވުމާއި ވަކި ބަޔަކަށް ވާގިވެރިވުމަށް] ގޮވައިލެވޭ ގޮވާލުމެއް ކަމާމެދު ޝައްކެއް ނެތް. ގައުމިއްޔަތުގެ ގޮވައިލުމަކީ އަސަބިއްޔަތަށްޓަކައި ރުޅި އައުމާއި އަސަބިއްޔަތަށްޓަކައި ހަނގުރާމަ ކުރުން،" ބާޒް ވިދާޅުވެފައިވެ އެވެ.
ބާޒްގެ ފޮތުގައި އޭނާ ފާހަގަ ކުރެއްވީ އެމީހެއްގެ ކިބައިގައިވާ ތަގުވާއިން މެނުވީ، އަރައްބަކު އަަރަބި ނޫން މީހަކަށްވުރެ މޮޅުނުވާނެ ކަމަށާއި ދޮން މީހަކު ކަޅު މީހަކަށްވުރެ މޮޅު ނުވާނެ ކަމަށް ރަސޫލާ ﷺ ހަދީސް ކުރައްވާފައިވާ ބަސްފުޅަށެވެ.
އިތުރު ހަދީސަކަށް ހަވާލާ ދެއްވައި ބާޒް ފާހަގަ ކުރެއްވީ، ގައުމިއްޔަތަށް ގޮވާލާ މީހާއަށް އޮތް ނަރަކައިގެ ބޮޑު އަޒާބުގެ ވާހަކަ އެވެ. އެފަދަ ގޮވައިލުމަކަށް ގޮވާލާ މީހަކު ދައްކާނެ ނުލަފާ ވާހަކަތަކަށް ހޭލުންތެރިވުމަށް ބާޒް ބާރު އަޅުއްވަ އެވެ.
~ ~ ~
ގައުމިއްޔަތުގެ ނަމުގައި ރައީސް މުއިއްޒު މި ފަތުރައްވާ ޕްރޮޕެގެންޑާއާމެދު ސަމާލުވާންޖެހެ އެވެ. އެއީ އެމަނިކުފާނު ބޭނުން ކުރައްވާ ސިޔާސީ ހަތިޔާރެކެވެ. އަމުދުން "ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ގައުމިއްޔަތު" ގެ ނަމުގައި، ފާޅުގައި މި ފަތުރަނީ ވަރުގަދަ ޕްރޮޕެގެންޑާއެއްކަން ދަންނަން ޖެހެ އެވެ.
ގައުމު ދެކެ ލޯބިވާންވީ ގޮތާއި ލޯބިވާންޖެހޭ ކަން ނުވަތަ ނޫން ކަން އެއީ ސަރުކާރުން ބުނެދޭންޖެހޭ ކަންކަމެއް ނޫނެވެ. ސަރުކާރުން ނުބުންޏަސް ދިވެހިން އެކަމާމެދު ގޮތްތަކެއް ނިންމާނެ އެވެ.
Comment