Advertisement

އަނިޔާވެރި ގާތިލެއްގެ ޝިކާރަކަށްވި އަބްދުއްރަހްމާން؛ އެންމެންނާ ވެސް ގުޅޭ، އެކަމަކު ތުހުމަތުގެ އިނގިލި ވެސް އަމާޒުވެފައި

13 ޖުލައި 2025 - 17:28 3

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އއ. މާޅޮސް

އަބްދުއްރަހްމާންގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް މާލެއަށް ގެންދަނީ -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


އަނިޔާވެރި ގާތިލެއްގެ ޝިކާރަކަށްވި އަބްދުއްރަހްމާން؛ އެންމެންނާ ވެސް ގުޅޭ، އެކަމަކު ތުހުމަތުގެ އިނގިލި ވެސް އަމާޒުވެފައި

13 ޖުލައި 2025 - 17:28 3

އއ. މާޅޮސް

"އުއްޑުން އޮތީ، ބޮލުގެ އެއް އަރިމަތީގައި ޖަހާފައި ހުރީ، ފާރަށް ވެސް ހުރީ ލޭ ބުރާފައި، ގަނޑުގަނޑަށް ލޭ ހުރި، ދެން ފޮތިގަނޑެއް ޖައްސައިގެން އިނީ އިތުރު މީހުން އަންނަންދެން."

މިއީ އއ. މާޅޮސް، މާހިޔާ ގޭގައި ނިދާފައި އޮތް އަބްދުއްރަހްމާން ޒަހަމު ކޮށްލިފަހުން ހާދިސާ ހިނގައިދިޔަ ކޮޓަރިއަށް އެންމެ ފުރަތަމަ ދިޔަ ރީހާން (އަސްލު ނަމެއް ނޫން) އަށް ފެނުނު މަންޒަރެވެ. ރީހާންއަކީ އަބްދުއްރަހުމާން އާ އާއިލީ ގުޅުން އޮންނަ މީހެކެވެ. އޭނާ އެގެއަށް ދިޔައީ އަބްދުއްރަހްމާންއަށް ހަމަލާއެއް ދީފި ކަމަށް ބުނެ މާލެއިން އައި ކޯލަކާ ގުޅިގެންނެވެ.

"ނިމާލު ގުޅާފައި ބުނީ ގޮސްބަލާށޭ، އޭނާ ގުޅިތާ ތިން ވަރަކަށް މިނެޓު ވެސް ނުވާނެ އެތަނަށް ހިނގައްޖައިން،" އޭނާ ބުންޏެވެ.

އަބްދުއްރަހްމާން ނިދާފައި އޮއްވައި ލާއިންސާނީ ހަމަލާއެއްދީ އޭނާ ޒަހަމުކޮށްލީ ރޭ 1:15 ހާއިރު އެވެ. އޭނާއަށް ދިން ހަމަލާގެ ސަބަބުން ނިތްމަތިންނާއި ބޮލުގެ ވާތްފަރާތުން ވަރަށް ބޮޑަށް ޒަހަމުވެފައި ވެ އެވެ.

އަބްދުއްރަހްމާން މަރުވީ އެ ޒަހަމުތަކަށް ފަރުވާ ދެމުން ދަނިކޮށް ރޭ ފަތިހު އެވެ. އޭނާ ޒަހަމުކޮށްލީ ކާކުކަމެއް، ނުވަތަ ކޮންބައެއްކަމެއް އަދި ނޭނގެ އެވެ.

އަބްދުއްރަހްމާން މަރުވިއިރު، އޭނާގެ ދެ ފިރިހެން ދަރިންނާއި އަންހެން ދަރިއަކު ދުނިޔޭގައި އެބަ ތިއްބެވެ.

މީހެއްގެ ހިލަމެއްވި، ދެން ފެނުނީ މަރަށް ތެޅެނިކޮށް

އަބްދުއްރަހްމާން އާއި އޭނާގެ އަންހެނުން، ނާޒިމާ އިބްރާހިމް ނިދަނީ ދެ ކޮޓަރިއެއްގަ އެވެ. ނާޒިމާއަށް ރޭ ދަންވަރު ހޭލެވުނީ މީހެއްގެ ހިލަމެއް ގޭތެރެއިން ވެގެން ކަމަށް އެ ދެމަފިރިންގެ ތިން ދަރީންގެ ތެރެއިން މެދަށް ހުންނަ ދަރިފުޅު، ނިމާލް ބުންޏެވެ.

"މަންމަ ބުނީ ހޭލެވުނީ މީހެއްގެ ހިލަމެއް ވެގެންނޭ، އެކަމަކު ބޭރަށް ނުކުތްއިރު، އެއްވެސް މީހަކު ނުފެނުނޭ، ކޮޓަރިން ނުކުތްއިރު ފެނުނީ ބައްޕަ.. [މަރަށް ތެޅިފޮޅެނިކޮށޭ]،" ނިމާލް ބުންޏެވެ.

އަބްދުއްރަހީމްއަށް ހަމަލާދީ ޒަހަމުކޮށްލާފައި އޮތް މަންޒަރު ފެނުމާއެކު އޭނާ އެންމެ ފުރަތަމަ ގުޅީ ނިމާލްގެ އަންހެނުންނަށެވެ. އެ ހަބަރު ނިމާލްއަށް ދިނީ އޭނާ އެވެ.

"އަންހުނުން އެ ވާހަކަ އަޅުގަނޑު ކައިރީ ބުނީމާ އަޅުގަނޑު ގުޅީ ރަށުން އަވަސް ފަރުވާ އެންމެ އަވަހަށް ދެވޭނެ ކަހަލަ މީހުންނަށް، ގުޅިން ހަތަރު ވަރަކަށް މީހުންނަށް، ގުޅީމާ އެމީހުން ދިޔައީ،" އެ ވަގުތު މާލޭގައި ހުރި ނިމާލް ބުންޏެވެ.

ނިމާލްގެ ފޯނު ކޯލާއެކު އެންމެ ފުރަތަމަ މާހިޔާ ގެއަށް ދިޔައީ ރީހާން އެވެ. އޭނާ ބުނީ އެ ގެއާ އަރައި ހަމަވިއިރު، ހަދާނެ ގޮތެއް ނޭނގިގެން އެ ގޭ ފެންޑާތެރެއަށް ނާޒިމާ ނުކުންނަނީ ކަމަށެވެ.

"އަޅުގަނޑު އެ ދިޔަގޮތަށް ގޮސް ވަނީ [އަބްދުއްރަހްމާން އޮތް] ކޮޓަރިއަށް، ވަދެވުނު އިރު އޭނާ އުއްޑުން އޮތީ، ބޮލުގެ އެއް އަރިމަތީގައި ޖަހާފައި ހުރީ، ފާރަށް ވެސް ހުރީ ލޭ ބުރާފައި، ގަނޑުގަނޑަށް ލޭ ހުރި، ދެން [ބޮލުގައި] ފޮތިގަނޑެއް ޖައްސައިގެން އިނީ އިތުރު މީހުން އަންނަންދެން،" ރީހާން ބުންޏެވެ.

އޭނާ ބުނީ އޭރު އަދި އަބްދުއްރަހްމާންގެ ހަރަކާތް ކޮންމެވެސް ވަރަކަށް ހުރި ކަމަށެވެ. ނަމަވެސް އޭރު ވެސް އޮތީ ހަބަރު ހުސްވެފައި ކަމަށް ރީހާން ބުންޏެވެ.

"ކޮންމެވެސް ވަރަކަށް ހަރަކާތް ހުރި، އެކަމަކު ވަރަށް ބާރަށް ޖަހާފައި ހުރީމާ ބުރާންތިވެފައި އޮތީ، ހަބަރެއް ނެތް،" ރީހާން ބުންޏެވެ.

ރީހާން އެގެއަށް ގޮސް އިރުކޮޅެއް ވެސް ނުވަނީސް އިތުރު މީހުން އެ ގެއަށް ދިޔަ ކަމަށް ރީހާން ބުންޏެވެ. އެމީހުންގެ ތެރޭގައި ހިމެނުނު ވާފިރު (އަސްލު ނަމެއް ނޫން) ބުނީ އޭނާ އެގެއަށް ވަދެ ބެލިއިރު، އެނދުމަތީގައިއާއި ބާލީހުގައި ވަރަށް ބައިވަރު ލޭހުރި ކަމަށެވެ.

"ހެސް ކިޔާފައި ލޭ އޮތް، ނިތްކުރިމަތިންނާއި ބޮލުގެ އަރިމައްޗަކުންނާއި ފުއްކިބައިން، ފުއްކިބައިން ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައި ހުރީ، ފާރަށް ހުރީ ލޭ ބުރާފައި، ސްޕްރޭ ވެފައި ފުރޭންޏަކުން ޖެހީމާ ހުންނަ ގޮތަށް، މުޅި އެނދުގައި ވެސް ހުރީ ލޭ. ބޮކި ޖަހާފައި ބޮލުން ލޭ ފައިބަމުން ދިޔައީ،" ވާފިރު ބުންޏެވެ.

އެތަނުން ނަގައިގަނެގެން ރޭ 2:00 ޖެހުމުގެ ކުރިން އަބްދުއްރަހްމާން އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔަ ކަމަށް ވާފިރު ބުންޏެވެ. ވާފިރު ބުނީ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އަބްދުއްރަހްމާންގެ އެއްވެސް ހަރަކާތެއް ނެތް ކަމަށެވެ.

"މަރުކަޒަށް ގެންދިޔައިރު ވެސް އެއްވެސް ހަރަކާތެއް ނެތް، ހޮޑުވެސް ލީ ވަރަށް، އަނގައިން ލޭ ވެސް ވަރަށް ބައިވަރު އައި،" ވާފިރު ބުންޏެވެ.

ވާފިރު ބުނީ އެ ރަށު ސިއްހީ މަރުކަޒަކީ އެހައި ބައިވަރު ވަސީލަތްތައް ހުރި ތަނަކަށް ނުވާތީ އިތުރު ފަރުވާ ދިނުމަށް ރަށުން ބޭރަށް ގެންދިޔުމަށް މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް އެކަން ކާމިޔާބު ނުވި ކަމަށް އޭނާ ބުންޏެވެ.

އިތުރު ފަރުވާއަށް ގެންދަން ލޯންޗެއް، ސީއެމްބިއުލާންސްއެއް ނުލިބުނު

ނިމާލް ބުނީ އަބްދުއްރަހްމާންއަށް އިތުރު ފަރުވާ ދިނުމަށް ރަށުން ބޭރަށް ގެންދިޔުމަށް ވަރަށް މަސައްކަތް ކުރި ކަމަށެވެ. އެގޮތުން ސީއެމްބިއުލާންސް ހަމަޖެހޭތޯ ވަރަށް މަސައްކަތް ކުރި ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑުމެން ބެލިން ސީއެމްބިއުލާންސް ހަމަޖެހޭތޯ، އެކަމަކު ހަމަޖެހޭ ގޮތެއް ނުވި އެއްވެސް ގޮތަކަށް،" ނިމާލް ބުންޏެވެ.

އަބްދުއްރަހްމާން މަރުކަޒަށް ގެންގޮސް، އެތަނުގައި ހަރަކާތްތެރިވި ވާފިރު ބުނީ ސީއެމްބިއުލޭންސް ހަމަނުޖެހުމުން ކައިރި ރަށްރަށަށް ގުޅައިގެން ވެސް ލޯންޗެއް ހަމަޖެއްސޭތޯ ބެލި ކަމަށެވެ. ނަމަވެސް އަބްދުއްރަހްމާން މި ދުނިޔެއާ ވަކިވިއިރު ވެސް އެކަމުގައި އެއްވެސް ކުރިއެރުމެއް ނުލިބުނު ކަމަށް ވާފިރު ބުންޏެވެ.

"މިތާ ކައިރީގައި މިއޮތް ފެރިދޫ އަށް ވެސް ގުޅިން، ހިމަންދޫއަށް ވެސް ގުޅިން، ލޯންޗެއް ނުލިބުނު، ސީއެމްބިއުލާންސެއް ނުލިބުނު،" ވާފިރު ބުންޏެވެ.

އޭނާ ބުނީ އަބްދުއްރަހްމާންއަށް އަވަހަށް އިތުރު ފަރުވާ ދެވުނުނަމަ، މިއަދު ވެސް އޭނާ ދުނިޔޭގައި ހުރުން ގަތް ކަމަށެވެ.

"އޮކްސިޖަން ދަށްވެގެން އަސްލު މަރުވީ، އަހަރެން ބުނާނީ ރަނގަޅު ފަރުވާ އަވަހަށް ދެވުނުނަމަ ސަލާމަތް ކުރެވުނީހޭ،" ވާފިރު ބުންޏެވެ.

ގެ ހުރީ ތަޅުނުލައި، އެ ގެއަށް ދެފަޅިން ވަދެވޭ

އަބްދުއްރަހްމާން އާއި އޭނާގެ އަންހެނުން، ނާޒިމާ ދިރިއުޅެމުން ދިޔައީ ނާޒިމާގެ ގޭގަ އެވެ. އަބްދުއްރަހްމާން އަށް ހަމަލާ ދިނީ އެ ގޭގައި ނިދާފައި އޮއްވަ އެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް މި ނޫހަށް މައުލޫމާތު ދިން މީހަކު ބުނީ އެ ދެމަފިރިން ވަރަށް ގިނައިން ޒުވާބުކޮށް ހަދާ އަޑު އިވޭ ކަމަށެވެ. ނަމަވެސް ގަޔަށް އަތްލާ ތަޅާފޮޅާ ހަދާކަމެއް ނޭނގޭ ކަމަށް އޭނާ ބުންޏެވެ.

"ވަރަށް ގިނައިން އިވޭނެ އެ ދެމީހުން ޒުވާބު ކުރާ އަޑު، އެކަމަކު ތަޅާފޮޅާ ހަދާކަމެއް ނޭނގޭ،" އޭނާ ބުންޏެވެ.

އަބްދުއްރަހްމާން ދިރިއުޅެމުންދިޔަ ގެއަކީ ދެ ފަރާތުން ވަދެވޭ ގޮތަށް ހުންނަ ގެއެއް ކަމަށާއި އެ ގެއަކީ ތަޅުލެވޭ ގެއެއް ނޫން ކަމަށް އޭނާ ބުންޏެވެ.

އޭނާގެ އިތުރުން އަބްދުއްރަހްމާން މަރުކަޒަށް ގެންދިޔުމުގެ ކަންކަމުގައި އުޅުނު ވާފިރު ވެސް ބުނީ މާހިޔާ ގެއަކީ ތަޅުލެވޭ ގެއެއް ނޫން ކަމަށެވެ.

"ނިމާލް ބުނެގެން އަހަރެން ދިޔައިން [އަބްދުއްރަހްމާން ސިއްހީ މަރުކަޒަށް ގެންގޮސްފައި] އަލުން އެ ގެއަށް، އެ ގެ ބަލަން، ނިމާލް ބުނީ ތަޅުދަނޑި އޮންނާނެޔޭ، ބުނީމަ ގޮސް ބަލާބަލާ އަސްލު ތަޅުދަނޑިއެއް ނުފެނުނު، ފެނުނު ތިން ތަޅުދަނޑިން ވެސް އެ ގޭގެ ބޭރު ދޮރު ތަޅެއް ނުލެވޭ،" ވާފިރު ބުންޏެވެ.

ވާފިރު ބުނީ އެ ރަށުގެ އެހެން ގޭގެ ވެސް އާންމުކޮށް ތަޅުލައި ނޫޅޭ ކަމަށެވެ. ސަބަބަކީ އެ ރަށުގައި ވަގުން ނޫޅޭތީ ކަމަށް އޭނާ ބުންޏެވެ.

"ވަގުންނެއް ނޫޅޭނެ މި ރަށަކު، އެހެންވީމާ ގޭގޭގެ ދޮރު ތަޅެއް ނުލާނެ، މަގު މައްޗަށް 500ރ. ވެއްޓިފައި އޮތަސް ނުނަގާނެ، މީހަކު، ދެން ނޭނގޭނެތާ މިވަރުގެ ކަމެއް މީހަކު ކޮށްފާނެ ކަމެއް،" ވާފިރު ބުންޏެވެ.

އެންމެންނާ ވެސް ގުޅޭ މީހެއް، އެކަމަކު ތުހުމަތުގެ އިނގިލި ވެސް އަމާޒުވެފައި

އަބްދުއްރަހްމާން އާ ގުޅޭގޮތުން މާޅޮހުން ވާހަކަދެއްކި ގިނަ މީހުން ބުނީ އޭނާއަކީ މީހުންނާ ގުޅޭ ރައްޓެހިން ގިނަ މީހެއް ކަމަށެވެ. އެގޮތުން އަރިއަތޮޅުގެ އެކި ރަށްރަށު މީހުންނަށް ވެސް އޭނާ ދެކެފަރިތަ ވާނެ ކަމަށް ގިނަ މީހުން ބުންޏެވެ.

މާޅޮހުގައި މިވަގުތު ހުރި އެންމެ އުމުރުން ދުވަސްވީ އެކަކު ކަމުގައިވާ، ހަސަން އަބްދުالله، 91، ބުނީ އިއްޔެ ހަވީރު ވެސް އަބްދުއްރަހްމާން އާ ދިމާވި ކަމަށާއި އޭރު ވެސް އޭނާ މަސްއޫލުވެ އުޅުނީ އިނގުރައިދޫ ބަޔަކަށް ސައި ދިނުމުގައި ކަމަށެވެ.

"އިއްޔެ ހަވީރު ވެސް އަޅުގަނޑާ ދިމާވި، އޭނާ އުޅުނީ އިނގުރައިދޫ މީހުންތަކަކަށް ސައި ދޭންވެގެން، އަޅުގަނޑާ ވެސް ބައްދަލުވި، އެކަމަކު ނޭނގޭނެތާ މީހެއްގެ މަރު އައިސް ޖެހޭނީ ކޮން ވަގުތަކު ކަމެއް،" ހަސަން ބުންޏެވެ.

އޭނާ ބުނީ އަބްދުއްރަހްމާން އަކީ މީހުންނާ ގުޅޭ ގިނަ ރައްޓެހިން ވެސް ތިބޭ މީހެއް ކަމަށެވެ. ރަށުގެ އިތުރުން އަތޮޅުގެ އެހެން ރަށްރަށުގައި ވެސް އަބްދުއްރަހްމާންގެ ރައްޓެހިން ތިބޭކަމަށް ހަސަން ބުންޏެވެ.

"ދެން މީހެއްގެ ހިތެއް ނޭނގޭނެތާ؟ އެކަމަކު އަޅުގަނޑަށް ދަންނަވާކަށް ނުކެރޭނެ އަބްދުއްރަހްމާން އަކީ ނުބައި މީހެކޭ، އޭނާގެ ނުބައި ސިފައެއް އަޅުގަނޑަކަށް ނުފެނޭ،" ހަސަން ބުންޏެވެ.

ހަސަންގެ އިތުރުން އަބްދުއްރަހްމާން ޒަހަމުވެފައި އޮތް މަންޒަރު ފެނުނު ރީހާން ވެސް އަބްދުއްރަހްމާން ސިފަ ކުރީ މީހުންނާ ގުޅޭ މަޖާ މީހެއްގެ ގޮތުގަ އެވެ.

"[އަބްދުއްރަހްމާން] އަކީ މީހުންނާ ގުޅޭ މީހެއް، މި އަތޮޅުގައި ވެސް ގިނަ މީހުންނަށް ހަމަ އެނގޭނެ، އެންމެންނާ ވެސް ގުޅޭ މީހެއް އެއީ،" ރީހާން ބުންޏެވެ.

ނަމަވެސް އެ ރަށުން އަދަދު އަށް މައުލޫމާތު ދިން ބައެއް މީހުން ބުނީ އެ ރަށު މީހުންނަށް ސިހުރު ހަދާ ކަމުގެ ތުހުމަތު އަބްދުއްރަހްމާންއަށް މީހުން ކުރާ ކަމަށެވެ.

"މި ރަށުގައި ދެކެވޭ ވާހަކައެއް އެއީ، އަބްދުއްރަހްމާންއަކީ މީހުންނަށް ފަންޑިތަ ހަދައި ސިހުރު ހަދާ އުޅޭ މީހެކޭ، އެހެން ކިޔާ، މިއަދު ވެސް އެކަހަލަ ވާހަކަތަކެއް މީހުން ދައްކާ އެބަ ރަށުތެރޭގައި،" ނަން ނުޖެހުމަށް ޝަރުތުކޮށް މި ނޫހަށް މައުލޫމާތު ދިން މީހަކު ބުންޏެވެ.

"އަހަންނަކަށް ނޭނގޭ، މީހުން އެހެން ކިޔާ، އަހަރެންގެ މަންމައަށް ނޫނީ އަހަރެންގެ ގޭ މީހަކަށް ހަދައިފިއްޔާ އަހަންނަށް އެނގޭނީ، އެކަމަކު މި ރަށު ބައެއް މީހުން ކީ މިއަދު ވެސް އޭނާއަކީ މި ރަށު މީހުންނަށް ސިހުރު ހަދާ މީހެކޭ" އެ މީހާ ބުންޏެވެ.

"ދެން ފަހަރެއްގައި ވެދާނެ އެކަހަލަ ކަމެއް ދިމާވި މީހަކު ގޮސް ކުރި ކަމެއް ކަމަށް ވެސް،"

އަބްދުއްރަހްމާންގެ މަރާ ގުޅިގެން މުޅި ރަށަށް ސިހުމެއް ލިބިފައިވާއިރު، މިއީ އާބާދީ ކުޑަ މިރަށުގެ ރައްޔިތުން މީގެ ކުރިން ތަޖުރިބާ ކޮށްފައި ނެތް ފަދަ ބިރުވެރިކަމެކެވެ.

އަބްދުއްރަހްމާންގެ އަނިޔާވެރި މަރާ ގުޅޭގޮތުން އެކި ގޮތްގޮތުން ވާހަކަތައް ފެތުރެމުންދާއިރު، އެ ލާއިންސާނީ އަމަލުގެ ފަހަތުގައި ފިލާ ހުރީ ކޮންފަދަ ނުބައި ގާތިލެއްކަން ލަފާ ކޮށްލަން ވެސް މި ރަށުގެ ރައްޔިތުންނަށް އަދި ނޭނގެ އެވެ.