Advertisement

ޓީސީޖީ ވޮލްކަން: ތުރުކީން ހަދިޔާކުރާ 40 އަހަރުވީ މަނަވަރު

13 އޭޕްރީލް 2025 - 09:25 7

އަހުމަދު އާއިދު

އަހުމަދު އާއިދު

އާޓް ވޯކް: އިސްމާއިލް އިމްދާދު / އަދަދު


ޓީސީޖީ ވޮލްކަން: ތުރުކީން ހަދިޔާކުރާ 40 އަހަރުވީ މަނަވަރު

13 އޭޕްރީލް 2025 - 09:25 7

ދިވެހި އަސްކަރިއްޔާގެ ބޭނުމަށް މިސައިލްތަކެއް ގަންނަކަމުގެ އަޑުތައް ފެތުރޭތާ މަހެއްހާ ދުވަސް ވެއްޖެ އެވެ. އެކި ގޮތްގޮތުން ފެތުރެމުންދިޔަ މި އަޑުތަކުގައި ރަސްމީ ކުލަ ޖެހުނީ، މިސައިލް ފޮނުވާ މަނަވަރެއް ތުރުކީއިން ރާއްޖެއަށް ހަދިޔާކުރަން ނިންމައި، އެ މަނަވަރު އޮޕަރޭޓުކުރަން ސިފައިން ތަމްރީނުކުރާކަން ރިޕޯޓުކުރުމުންނެވެ.

އެއާއެކު، ގިނަ ބައެއްގެ ސަމާލުކަން މި މަނަވަރަށާއި މިކަމުގެ ވަށައިގެން ދައުރުވާ ކަންކަމަށް ވަނީ އަމާޒުވެފަ އެވެ. މަނަވަރު ދޭން ތުރުކީން އެއްބަސްވި ވަގުތާއި ސަބަބު އަދި މަނަވަރުގެ ތަފުސީލާމެދު ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.

ތުރުކީގެ އަސްކަރިއްޔާއިން މައުލޫމާތުތައް ހާމަކުރުމާއެކު، ދިވެހި ދިފާއީ ވުޒާރާއިން ވެސް ވަނީ ބަޔާނެއް ނެރެފަ އެވެ. ހިލޭ އެހީގެ ގޮތުގައި ހަދިޔާކުރި ޑޯގަން ކްލާސްގެ މަނަވަރު ދިވެހި އަސްކަރިއްޔާއިން ސިފަކުރީ އިންޑިއާ ކަނޑުގެ ރައްކާތެރިކަން ދެމެހެއްޓުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގަ އެވެ.

މި ލިޔުމުގައި މި ގެނެސްދެނީ ސިފައިންގެއަށް ފުރަތަމަ ފަހަރަށް ގެންނަ މިސައިލުން ހަމަލާދެވޭ މަނަވަރުގެ ވަށައިގެންވާ ކަންކަމާއި، އެ އުޅަނދުގެ ތަފުސީލުތަކަށެވެ.

43 އަހަރުގެ ޓީސީޖީ ވޮލްކަން

ތުރުކީ އަސްކަރިއްޔާއިން ޑޮލްގަން ކްލާސްގެ ޓީސީޖީ ވޮލްކަން ބޭނުންކުރަން ފެށީ މެއި 12، 1981، ގަ އެވެ. މި މަނަވަރަށް އަންނަ މަހު 44 އަހަރު ފުރޭނެ އެވެ. މި މަނަވަރު ޑިޒައިން ކުރީ ޖަރުމަނުގެ ކުންފުނި، ލާސަން ވާފްޓުންނެވެ.

އެއީ ތުރުކީގެ އަސްކަރިއްޔާއިން މިސައިލުން ހަމަލާ ދިނުމުގެ ގާބިލުކަން ހޯދުމަށް އެންމެ ފުރަތަމަ ބޭނުންކުރަން ފެށި އެއް މަނަވަރެވެ. އޭރުގެ މިންގަނޑުތަކުން ވޮލްކަން ވެގެންދިޔައީ ތުރުކީއަށް އަސްކަރީ ގޮތުން އައި އިންގިލާބަކަށެވެ.

މަނަވަރުގެ ތަފުސީލުތައް

  • ދިގުމިން: 58 މީޓަރު
  • ޖުމްލަ ބަރުދަން: 436 ޓަނު
  • ސްޕީޑް: 38 ނޮޓު ނުވަތަ ގަޑިއަކު 70 ކިލޯމީޓަރުގެ ބާރުމިން
  • ރޭންޖު: 1،940 ކިލޯމީޓަރު
  • އިންޖީނުތައް: އެމްޓީޔޫ ޑީސަލް ހަތަރު އިންޖީނު
  • ކްރޫ: 45 ސިފައިން

އެ މަނަވަރުގައި ހާޕޫން އެންޓި ޝިޕް ދެ މިސައިލު ތައްޔާރީ ހާލަތުގައި ބެހެއްޓޭނެ އެވެ. އިތުރު މިސައިލްތައް މަނަވަރުގައި ރައްކާކުރެވޭއިރު، ފޮނުވާލެވޭ މިސައިލުގެ އަދަދު ދޭކުން ހަތަރަކަށް އިތުރު ކުރެވޭނެ އެވެ.

މީގެ އިތުރުން 76 މިލިމީޓަރުގެ އޮޓީ މެލަރާ ނޭވަލް ބަޑިއަކާއި 35 މިލިމީޓަރުގެ ޓުވިން-ބެރަލް ބަޑިއެއްގެ އިތުރުން 7.6 މިލިމީޓަރުގެ ދެ މެޝިން ބަޑި ވެސް މި މަނަވަރުގައި ހުންނާނެ އެވެ. ޓުވިން-ބެރަލް ބަޑިއަކީ ވައިގެ ހަމަލާތަކުން ރައްކާތެރިވުމަށް ބޭނުންކުރާ ބަޑިއެކެވެ.

މި މަނަވަރަކީ ހަތަރު ދަހަރު ބޭނުންކޮށްފައިވާ އުޅަނދެއްކަމުން، ނެވިގޭޝަން އަދި އެހެނިހެން ސިސްޓަމުތައް ބައުވެ "އައުޓް ޑޭޓް" ވެފައިވުމުގެ ބިރު އެބައޮތެވެ. މަނަވަރަށް ހިނގާފައިވާ 44 އަހަރަކީ އަސްކަރީ ގޮތުން ކުރީ ސަފުގައި ބޭނުންކުރާ އުޅަނދަކާ އަޅާބަލާއިރު މުސްކުޅި އުމުރެކެވެ.

ނަމަވެސް، މި މަނަވަރު އެކި ފަހަރުމަތިން ދިގު މުއްދަތުތަކަށް މަރާމާތުކޮށްފައިވާކަން ތުރުކީގެ މީޑިއާތަކުން އެނގެން އެބަހުއްޓެވެ. ރާއްޖެއަށް ހަދިޔާކުރުމުގެ ކުރިން، އިސްތަންބޫލުގައި ހުންނަ ނޭވަލް ޝިޕްޔާޑު ކޮމާންޑުގައި އެ މަނަވަރު މަރާމާތު ކުރި ކަމަށް އެ ގައުމުގެ އަސްކަރިއްޔާއިން ބުނެފައިވެ އެވެ.

މަނަވަރު މުސްކުޅިވުމުން 2024 ގައި ތަމްރީނުތަކަށް ހާއްސަ ކުރި

މަނަވަރުތަކާއި އެހެނިހެން އުޅަނދުތައް މުސްކުޅިވުމުން ޑީކޮމިޝަން ކުރުން (ބޭނުންކުރުން ހުއްޓާލުން)، ނުވަތަ ރީކްލެސިފައިކުރުން (ބޭނުން ބަދަލުކުރުން) މިއީ އާންމު އުސޫލުން ކުރާ ކަމެކެވެ. ތުރުކީން ރާއްޖެއަށް ހަދިޔާކުރި މަނަވަރު، އެ ގައުމުގެ އަސްކަރިއްޔާއިން ވަނީ ރީކްލެސިފައިކޮށްފަ އެވެ.

އަސްކަރިއްޔާގެ ކުރީ ސަފުގައި ބޭނުންކުރަމުންދިޔަ ޓީސީޖީ ވޮލްކަން ރީކްލެސިފައިކޮށް ތަމްރީނުތަކަށް ހާއްސަކުރީ 2024 ގެ ކުރީކޮޅު އެވެ. މާޗު 25، 2024 ގައި މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުން މި މަނަވަރާއެކު ތުރުކީގެ އަސްކަރިއްޔާއިން އިތުރު ހަތް ބޯޓެއްގެ ބޭނުން ވެސް ބަދަލުކުރި އެވެ.

މި ފާއިތުވި އަހަރެއްހާ ދުވަހު ތުރުކީގެ އަސްކަރިއްޔާއިން މި މަނަވަރު ބޭނުންކުރަމުންދިޔައީ ޓްރެއިންތަކަށެވެ. ޑޯގަން ކްލާސްގެ ގިނަ މަނަވަރުތައް ތުރުކީއިން މިހާރު ވަނީ ރީކްލެސިފައިކޮށްފަ އެވެ. ބައެއް އުޅަނދުތައް ބޭނުންކުރުން ހުއްޓާލާފައި ވެސް ވެ އެވެ.

މިސައިލް ގަންނަން ސަރުކާރުން ބޮޑު ހަރަދެއް؟

އަދަދު އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހިލޭ އެހީގެ ދަށުން މަނަވަރު ހަދިޔާކުރި ނަމަވެސް ތުރުކީގެ ސަރުކާރުން މިސައިލްތައް ފޯރުކޮށްދީފައެއް ނުވެ އެވެ. ނަމަވެސް، އެ ގައުމުގެ އަސްކަރީ ކުންފުންޏެއް މެދުވެރިކޮށް ދިވެހި ސަރުކާރުން ދަނީ މިސައިލްތައް ގަތުމުގެ މަސައްކަތް ކުރަމުންނެވެ.

ވޮލްކަންގައި ތުރުކީން ހަރުކޮށްފައިހުރީ އާރުޖީއެމް-84 ހާޕޫން އެންޓި ޝިޕް މިސައިލް ސިސްޓަމެކެވެ. އޭގެފަހުން އެ މަނަވަރުގައި ހާޕޫން ބްލޮކް-2 ގެ މިސައިލްތަކެއް ހަރުކުރި ކަމަށް ވެސް ވެ އެވެ.

އަސްކަރީ ހަބަރުތައް ގެނެސްދޭ ނޫސްތަކާއި އިންޓަނެޓުގެ އެހެން ވަސީލަތްތަކުގެ އެނގޭ ގޮތުގައި ހާޕޫން މިސައިލަކަށް އެވެރެޖުކޮށް ދެ މިލިއަން ޑޮލަރު ނުވަތަ 30 މިލިއަނެއްހާ ރުފިޔާ އަރާނެ އެވެ. މި ހިސާބުން ބަލާ ނަމަ ސަރުކާރުން މިސައިލުތައް ގަތުމަށް ބޮޑު ހަރަދެއް ކުރަންޖެހޭނެ އެވެ.

މިކަމަށް ބާރުދޭ އަނެއް ކަމަކީ ގައުމީ ސަލާމަތާ ގުޅޭ މަޝްރޫއުތަކަށް އިންވެސްޓްކުރާ ބަޔަކަށް ކްރޮސް ސަބްސިޑީގެ ދަށުން އިންވެސްޓްމަންޓުގެ މުގާބިލުގައި ފަޅުތަކާއި ރަށްތައް ދޫކުރާ ގޮތަށް ހުޅުވާލުމެވެ.

ސަރުކާރުން މިހާތަނަށް އެއްވެސް ތަފުސީލެއް އާންމުކޮށްފައި ނުވާ މި މަޝްރޫއުގެ މައުލޫމާތު ހިމަނައި ރައީސުލްޖުމްހޫރިއްޔާ ފުރަތަމަ އިއުލާނުކުރީ 15 މިލިއަން ޑޮލަރު ހޯދުމަށެވެ. އޭގެ ހަފުތާއެއް ފަހުން އެ އަދަދު ވަނީ 100 މިލިއަން ޑޮލަރަށް މަތިކޮށްފަ އެވެ. މިސައިލްތައް ގެނައުމަކީ މީގެތެރޭގައި ހިމެނޭ މަޝްރޫއެއް ކަމަށް ބެލެވެ އެވެ.

ތުރުކީ އާއި މުއިއްޒު ސަރުކާރުގެ އަސްކަރީ ގުޅުން

މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ތުރުކީއާއެކު އަސްކަރީ ދާއިރާއިން ކުރި ފުރަތަމަ މުއާމަލާތެއް ނޫނެވެ. މިދިޔަ އަހަރުގެ ކުރީކޮޅު ސިފައިންގެ ބޭނުމަށް ތުރުކީގެ ބައިކާރު ކުންފުނިން އުފައްދާ ބައިރަކުތާރު ޓީބީ-2 ޑްރޯންތަކެއް ގަތެވެ.

އެ ޑްރޯންތައް ގަންނަން ދައުލަތުގެ ސަޕްލިމެންޓަރީ ބަޖެޓުން 37 މިލިއަން ޑޮލަރު ހަރަދުކުރިކަން އެކި މަސްދަރުތަކުން ޔަގީންވެފައިވީ ނަމަވެސް ސަރުކާރުން ވަނީ ޑްރޯންތައް ގަންނަން ކުރި ހަރަދު ހާމަކުރަން ދެކޮޅުހަދައިފަ އެވެ. ގަތް ޑްރޯންތަކުގެ އަދަދެއް، އެކަމަށް ދިޔަ ހަރަދެއް މިހާތަނަށް ހާމައެއް ނުކުރެ އެވެ.

ތުރުކީއާއެކު އަސްކަރީ ގޮތުން ގާތް ގުޅުމެއް ބާއްވަން ފެށުމުގެ ކުރިން ވެސް ރައީސް މުއިއްޒުގެ ސަރުކާރުން މިކަމުގެ އިޝާރާތްތަކެއް ދިނެވެ.

އެ ގައުމުގައި އަލަށް އެމްބަސީއެއް ގާއިމުކުރި އެވެ. އެ ގައުމުގައި ހުންނަވާ ދިވެހި ސަފީރަކަށް ކަނޑައެޅުއްވީ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓު ޖެނެރަލް، ރިޓަޔާޑް، އަބްދުއްރަހީމް އަބްދުއްލަތީފެވެ. ތުރުކީ އާއެކު ބާއްވަމުންދާ ގާތް ގުޅުމުގައި އަބްދުއްރަހީމްގެ ބައިވެރިވުން ބޮޑުކަމުގައި ބެލެވެ އެވެ.

ފުރަތަމަ ގެނައި ޑްރޯންތަކުގެ މައުލޫމާތު ހާމަނުކޮށް، ސަރުކާރުން މިހާރު ގެންދަނީ އިތުރު ޑްރޯންތަކެއް ގެނައުމަށް ވެސް މަސައްކަތް ކުރަމުންނެވެ. މިދިޔަ އަހަރުގެ ނަސްރުގެ ދުވަސް ފާހަގަ ކުރުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވަނީ އެކަމުގެ އިޝާރާތެއް ވެސް ދެއްވައިފަ އެވެ.

"އެހެންވީމާ އެގޮތުން އެއާ ކޯ ގާއިމު ކުރެވުނު މި ޒަމާނުގެ އެންމެ ޒަމާނީ ޓެކްނޮލޮޖީ ހިމެނޭ ޔޫއޭވީތައް ގެނެވި އަޅުގަނޑުމެންގެ ބޮޑު އިކޮނޮމިކް ޒޯނު ބެލެހެއްޓޭނެ ފަދަ ގާބިލިއްޔަތު އަޅުގަނޑުމެންގެ ސިފައިންގެ ކިބައިގައި ގާއިމު ކުރެވިގެންދިޔަ އިރާދަކުރެއްވީތީ، އަދި އެ މަޝްރޫއު އިތުރަށް ފުޅާ ކުރެވިގެން އެ ދަނީ،" ރައީސް ވިދާޅުވި އެވެ.

~~

ދިވެހި އަސްކަރިއްޔާގެ ގާބިލްކަން އިތުރު ކުރުމަކީ ސަރުކާރުން ކުރަންޖެހޭ ކަމެކެވެ. އެކަމަކު ގާބިލްކަން އިތުރު ކުރުމަކީ ރާއްޖެއަށް ބޭނުންނުވާ ސާމާނު ގެނައުމެއް ނޫނެވެ. ކަނޑު މިސައިލްތަކުގެ ބޭނުން ރާއްޖެއަށް އެބަ އޮތްތޯ އެއީ ސުވާލެކެވެ. އެކަމަށް ކުރަންޖެހޭ ހަރަދަކީ ރާއްޖެއަށް މިވަގުތު ނެގޭނެ ބުރައެއްތޯ ވެސް ވިސްނަންޖެހެ އެވެ.