2 މާރިޗު 2025 - 11:27 0
ހަސަން މުހައްމަދު
އާޓްވޯކް: އިސްމާއިލް އިމްދާދް / އަދަދު
2 މާރިޗު 2025 - 11:27 0
ގާނޫނުއަސާސީއަށް ގެނައި މާސިންގާ ބަދަލަކުން، ރައްޔިތުން އިންތިހާބު ކުރާ މަންދޫބުންގެ ގޮނޑި ގެއްލުވައިލުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ދިން މައްސަލަ ބަލަން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބުދަ ދުވަހު ތިއްބެވީ ތައްޔާރަށެވެ.
ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އެންމެ ފަނޑިޔާރެއް ފިޔަވައި އެހެން ހުރިހާ ފަނޑިޔާރުން ތިއްބެވީ، ޝަރީއަތް ކުރާ މާލަމުގެ ފަހަތުގައި ހުންނަ ކޮޓަރީގަ އެވެ. ބައެއް ފަނޑިޔާރުން ތިއްބެވީ ގައުން ތުރުކުރައްވައި، ޝަރީއަތް ފަށަން ތައްޔާރަށެވެ.
އެކަމަކު، ދުސްތޫރީ މައްސަލައެއް ބެލޭނީ ކޯޓުގެ ހުރިހާ ފަނޑިޔާރުންގެ ބެންޗަކުން ކަމަށްވެފައި، ހުރިހާ ފަނޑިޔާރުން އެ ވަގުތު ނެތުމުން ޝަރީއަތް އޮތީ ނުފެށިފަ އެވެ. ޝަރީއަތް ފަށަން ހަމަޖައްސާފައި އޮތް ގަޑިއަކީ މެންދުރު ކުރި 11:00 އެވެ.
ވަގުތު ހިނގަމުން ގޮސް 11:11 ހިނގި ތަނުން އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނުގެ ސެކްރެޓަރީ ކޮޓަރީގެ ދޮރު ހުޅުވާލައި އެތެރެއަށް ވަނުމަށްފަހު އެމަނިކުފާނަށް ސިޓީއުރައެއް ދިއްކޮށްލި އެވެ. އެއީ އުއްތަމަ ފަނޑިޔާރަށް އެޑްރެސްކޮށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ފޮނުވި ސިޓީއެކެވެ.
ސިޓީ ކަނޑާލައި ބެލިއިރު އޮތީ، އެ ކޯޓުގެ ފަނޑިޔާރުން ހުސްނުއްސުއޫދާއި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ސަސްޕެންޑު ކުރި ވާހަކަ އެވެ. އެހާ ހިސާބުން ޝަރީއަތް ނުފެށޭނެކަން އެނގި ފަނޑިޔާރުން ކޮޓަރިން ނުކުންނަން ފަށައިފި އެވެ.
ޖޭއެސްސީން އެޅި ފިޔަވަޅާއެކު، ދުސްތޫރީ މައްސަލަ ހުއްޓިއްޖެ އެވެ. ދުސްތޫރީ މައްސަލަ ކުރިއަށް ގެންދެވޭނެ މަގު ޖޭއެސްސީއިން ބަންދުކޮށްލައިފި އެވެ. އަދުލުއިންސާފު ގާއިމް ކުރަން ހުރަސްއެޅިއްޖެ އެވެ. މައްސަލައެއް ބަލަމުންދަނިކޮށް، ކުއްލިއަކަށް އެޅި ފިޔަވަޅަކުން އެންމެ މަތީ ކޯޓުގައި ވަރަ ކޮށިއްޖެ އެވެ. ދައުލަތުގެ އެއްބާރު ނުކުޅެދިއްޖެ އެވެ.
މަޖިލީހުގެ މެންބަރަކު ސިޔާސީ ޕާޓީއަކުން ވަކިކޮށްފި ނަމަ، ރައްޔިތުންގެ މަޖިލީހުން ވަކިވާނެ ކަމަށް ބަޔާންކޮށް ގާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނައި އިސްލާހު ބާތިލު ކުރަން ސުޕްރީމް ކޯޓަށް މައްސަލައެއް ވެއްދި ފަހުން، އެ ކޯޓުގެ ފަނޑިޔާރުންތަކެއްގެ މައްސަލަ ބަލަން ފަށާނެކަމުގެ އަޑުތަކެއް އޮތީ ފެތުރިފަ އެވެ.
އަވަސް އަރުވާލައިގެން ހިންގި އިޖުރާއަތުތަކަކަށްފަހު، އެންމެ 24 ގަޑިއިރުގެ ތެރޭގައި، މެންބަރުން "ތަޅު އަޅުވާ" އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސް ކުރީ ނޮވެމްބަރު 20، 2024، ގަ އެވެ. އެ މައްސަލަ ބަލައިދިނުމަށް އެދި ކުރީގެ މެންބަރު އަލީ ހުސެއިންގެ ފަރާތުން ކޯޓަށް ވެއްދީ އޭގެ ހަތަރު ދުވަސް ފަހުން ނޮވެމްބަރު 24، 2024، ގަ އެވެ.
މައްސަލަ ހުށަހެޅިތާ ތިން ދުވަސް ފަހުން ކޯޓުން އެ މައްސަލަ ބަލައިގަތެވެ. އަދި ފެބްރުއަރީ 16، ގައި އެ މައްސަލައިގެ އަޑުއެހުމެއް ބޭއްވުމަށް، ޖެނުއަރީ 30، ގައި ސުޕްރީމް ކޯޓުން ނިންމި އެވެ.
ކޯޓަށް މައްސަލަ ވެއްދި ހިސާބުން ފެށިގެން، ސަރުކާރުން ކޯޓަށް ނުފޫޒު ފޯރުވަން އުޅޭ ކަމަށް ބުނެ އެކި އަޑުތައް ފެތުރެން ފެށި އެވެ. ކޯޓުގެ ތިން ފަނޑިޔާރެއް ވަކިކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވަފާތެރި ބަޔަކު ކޯޓަށް އައްޔަން ކުރަން އުޅޭ ކަމަށް ވާހަކަތައް ދެކެވެން ފެށި އެވެ. ކުރީގެ ރައީސް ސޯލިހު ވެސް އެ ވާހަކަ ޖަލްސާއެއްގައި ދެއްކެވި އެވެ.
"މި ސަރުކާރުން ދެން އަޅާނެ ފިޔަވަޅަކީ ސުޕްރީމް ކޯޓުގެ ބެންޗު ބަދަލު ކުރުން. އެކަން ނުކޮށެއް ހުއްޓައެއް ނުލާނެ. ހަގީގަތުގައި މި ސަރުކާރުގެ ސިފަ ފެނިގެންދާނީ އޭރުން،" ޑިސެމްބަރު 10، 2024، ގައި ސޯލިހު ވިދާޅުވި އެވެ.
ކޯޓަށް ނުފޫޒު ފޯރުވަން އުޅޭކަމުގެ އަޑުތައް ގަދަވަމުން ގޮސް އެންމެފަހުން ފެބްރުއަރީ 8، ގައި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއިން އެ މައްސަލައަށް އެޑްރެސްކޮށް ބަޔާނެއް ނެރުނެވެ. އެމްޑީޕީން ބުނީ ކޯޓަށް ނުފޫޒު ފޯރުވަން ބޮޑެތި ރޭވުންތަކެއް ސަރުކާރުން ރާވަމުންދާ ކަމަށެވެ.
"ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެކި ނިންމުންތަކަށް ނުފޫޒު ފޯރުވުމަށްޓަކައި އެ ކޯޓުގެ ބައެއް ފަނޑިޔާރުން މަގާމުން ވަކިކުރުމަށާއި، އެހެނިހެން ގޮތް ގޮތުން ނުފޫޒު ފޯރުވުމަށް ސަރުކާރުން ގެންދަނީ މަސައްކަތްކުރަމުން،" އެމްޑީޕީން ބުންޏެވެ.
އެ ބަޔާނުގައި އެމްޑީޕީން އިތުރަށް ބުނީ، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ވަކިކޮށް، ހުސްވާ މަގާމުތަކަށް އައްޔަން ކުރަނީ ރަައީސް މުއިއްޒުގެ ވަފާތެރިން ކަމަށެވެ.
"ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު މަގާމުން ވަކިކުރުމަށް މިހާރު ރާވާފައިވާއިރު، ހުސްވާ މަގާމުތަކަށް މިހާރުގެ ޕްރޮސިކިއުޓާ ޖެނެރަލް އައްބާސް ޝަރީފުގެ އިތުރުން، މިހާރު މި ސަރުކާރުގެ ސިޔާސީ މަގާމުތަކެއް ފުރަމުން ގެންދާ ދެ ބޭފުޅަކު އައްޔަނުކުރުމަށް ވެސް ސަރުކާރުން ވަނީ ނިންމާފަ،" އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.
އަލީ ހުސެއިން ހުށަހެޅުއްވި ދުސްތޫރީ މައްސަލަ ތާވަލާ އެއްގޮތަށް ފެބުރުއަރީ 17، ގައި ސުޕްރީމް ކޯޓުގައި ބަލަން ފެށި އެވެ. އެންމެ ފުރަތަމަ އެ މައްސަލައިގައި އޮތީ ދައުލަތުން ހުށަހަޅާފައި އޮތް އިޖުރާއީ ނުކުތާއަށް ގޮތެއް ނިންމުމެވެ.
ދައުލަތުން ބުނަނީ އެ މައްސަލައަކީ ގާނޫނުއަސާސީއަށް ގެނައި އިސްލާހެއް ބާތިލުކުރަން ހުށަހަޅާފައި އޮތް މައްސަލައަކަށްވާތީ އެ މައްސަލަ ސުޕްރީމް ކޯޓުގައި ނުބެލެވޭނެ ކަމަށެވެ. ގާނޫނުއަސާސީގެ މާއްދާތަކާ ކުޅުމުގެ ބާރު އެންމެ މަތީ ކޯޓަށް ވެސް ނޯންނާނެ ކަމަށް ދައުލަތުން ބުންޏެވެ.
އަލީ ހުސެއިންގެ ފަރާތުން ކޯޓުގައި ބުނީ، ގާނޫނުއަސާސީއަށް ބަދަލު ގެންނަނީ ވެސް ގާނޫނުކަން ކަމަށެވެ. އަދި އެ ގާނޫނު ފާސް ކުރީ އިޖުރާއަތުތަކާ ހިލާފަށް ކަމަށް އޭނާގެ ފަރާތުން ބުންޏެވެ. އަދި އެ އިސްލާހުގެ ސަބަބުން އަސާސީގައި ކަނޑައަޅާފައިވާ މައިގަނޑު އަސާސްތައް މުގުރިގެންދާ ކަމަށް އޭނާގެ ފަރާތުން ބުންޏެވެ.
"ސިޔާސީ ޕާޓީ އުފެއްދުމާއި ޕާޓީއެއްގެ މެންބަރަކަށް ވުމުގެ ހައްގަކީ އަސާސީ ހައްގެއްގެ ގޮތުގައި ގާނޫނުއަސާސީގައި ކަނޑައަޅާފައި އޮތް ނަމަވެސް ދައުލަތުގެ ބާރުތައް ހިންގުމުގައި ސިޔާސީ ޕާޓީތަކުގެ ދައުރާއި ހައިސިއްޔަތު ގާނޫނުއަސާސީގައި ބަޔާންކޮށްފައެއް ނުވޭ. ސިޔާސީ ޕާޓީގެ ޓިކެޓާއި ޕާޓީގެ ވިޕާއި ޕާޓީ ލައިން އަކީ ގާނޫނުއަސާސީ ދަންނަ ލަފުޒުތަކެއް ނޫން،" އަލީ ހުސެއިންގެ ފަރާތުން ހުށަހެޅި މައްސަލައިގައި ބުނެފައިވެ އެވެ.
އެ ދުވަހު ކޯޓުގައި ވާހަކަ ދެއްކުމުގެ ފުރުސަތު ދެ ފަރާތަށް ވެސް އެކަށީގެންވާ މިންވަރަކަށް ދިނެވެ. ފަނޑިޔާރުން ވެސް ވަރުގަދަ ސުވާލުތަކެއް ކުރިމަތި ކުރުވި އެވެ. އެއާ ޖެހިގެން އައި ދުވަހު ވެސް އެ މައްސަލައިގެ އަޑުއެހުމެއް ބޭއްވި އެވެ. އެ ދުވަހު ކޯޓުން ނިންމީ އެ މައްސަލަ ކޯޓަށް ބެލޭނެ ކަމަށެވެ.
ސުޕްރީމް ކޯޓުން މައްސަލަ ބަލަން ނިންމުމާއެކު މުޅި ސަރުކާރު "އެލާޓަށް" ވެއްޓުނެވެ. އެ ދުވަހު ވަޒީރުންގެ މަޖިލީހުގެ މެންބަރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ހާއްސަ ބައްދަލުވުމެއް ބޭއްވި އެވެ. އެ ބައްދަލުވުމާއި ބައްދަލުވުމުގައި ދެއްކި ވާހަކަތައް ސަރުކާރުން ވަނީ ސިއްރުކޮށްފަ އެވެ.
ކޯޓުން މައްސަލަ ބަލަން ނިންމިތާ ފަސް ދުވަސް ފަހުން، ފެބްރުއަރީ 23، ގައި ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ވެއްދި ވެއްދި އެވެ.
އެ ބިލުގައިވާ ގޮތުން، ބިލު ތަސްދީގު ކުރާ ހިސާބުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ބަދަލު ކުރުމުގެ މަސައްކަތް ފަށަންޖެހެ އެވެ. ބިލުގެ ބޭނުމަށް ކޯޓުން ވަކި ކުރާ ފަނޑިޔާރުން ގާބިލު ނޫން ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ކަނޑައަޅަންޖެހެ އެވެ.
ގާބިލު ނޫން ފަނޑިޔާރުން ކަނޑައަޅާއިރު، ފަނޑިޔާރުންނަށް ދިފާއުވުމުގެ ފުރުސަތު ދޭކަށްނުޖެހެ އެވެ. އަދި ކޯޓުން ކަނޑާލާނީ ކޮން ފަނޑިޔާރުންނެއްކަން ކަނޑައެޅުމުން މަޖިލީހުގެ ތަޅުމުން ނަގާ ވޯޓަކުން އެ ނަންތައް ފާސްކޮށް ފަނޑިޔާރުކަމުން ވަކި ކުރަންޖެހެ އެވެ.
އެ ބިލުގެ ފުރަތަމަ ކިޔުން މިދިޔަ ހޯމަ ދުވަހު އިއްވުމަށްފަހު، އަންގާރަ ދުވަހު ބަހުސް ކުރިއަށްގެންދިޔަ އެވެ. ހަމަ އެ ދުވަހު ކޮމިޓީ މަރުހަލާ ވެސް ނިންމައިލި އެވެ. އަދި ބުދަ ދުވަހު، ބިލު އޮތް ގޮތަށް ފާސް ކުރި އެވެ.
ބިލު ފާސް ކުރީ އިދިކޮޅު އެމްޑީޕީ މެންބަރުންގެ އިހުތިޖާޖުތަކަށް ބެލުމެއް ނެތި އެވެ. ގާނޫނީ ދާއިރާގެ ތަޖުރިބާކާރުން އަދި މާހިރުން ވެސް ބުނަމުންދިޔައީ އެއީ ގާނޫނާ ހިލާފު ބިލެއް ކަމަށެވެ.
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަނޑާލަން މަޖުބޫރުވާ ގޮތެއް ބިލު ފާސް ކުރުމުގެ ކުރިން އަދި އެ ބިލު ފާސް ކުރި ފަހުން ވެސް ވަރަށް ގިނަ ތަޖުރިބާކާރުން އަދި މާހިރުން އެ ބިލާ ދެކޮޅަށް ވާހަކަ ދެއްކި އެވެ.
ބިލާ ދެކޮޅަށް ވާހަކަ ދެއްކި ގިނަ މީހުން ބުނެފައި ވަނީ، ބިލުގެ މަގްސަދަކީ ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވުން ކަމަށެވެ. އެއީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފު ބިލެއް ކަމަށް ވެސް މާހިރުން ބުނެ އެވެ.
އޭގެ ތެރެއިން އެންމެ ފާހަގަ ކުރެވެނީ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އެވެ. ގައިރު ގާނޫނީ ގާނޫނެއް ހަދައިގެން ކޯޓަށް ނުފޫޒު ފޯރުވާ ނަމަ، ކޯޓުން އިސްނަގައިގެން އެކަން ހުއްޓުވަންޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަދުލު އިންސާފު ގާއިމުކުރުމުގެ ނިޒާމުގެ މުސްތަގިއްލުކަން ނިގުޅައިގަނެ، ފަނޑިޔާރުންނަށް ނޭދެވޭ ނުފޫޒު ފޯރުވުމަށް ހިންގޭ ގައިރު ދުސްތޫރީ އަމަލެއްކަމާ މެދު އެއްވެސް ޝައްކެއް ނެތެވެ. ވަކިން ހާއްސަކޮށް ސުޕްރީމް ކޯޓުން އާންމު މަސްލަހަތާ ގުޅިފައިވާ ދުސްތޫރީ މައްސަލައެއް ބަލަމުން ދާ ދަނޑިވަޅެއްގައި، ކޯޓަށް ނުފޫޒުފޯރާ ފަދަ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ކުރާނަމަ، އެއީ ދުސްތޫރީގޮތުން ސައްހަ އަމަލެއް ކަމުގައި ނުބެލެވޭނެ،" ދީދީ ވިދާޅުވި އެވެ.
ފެހި ގާނޫނުއަސާސީ އެކުލަވައިލި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެންބަރުކަން ކުރެއްވި، ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު ވިދާޅުވީ، ފަނޑިޔާރުންގެ އަދަދު މަދު ކުރަން ކަމަށް ބުނެ، ފަނޑިޔާރުން ވަކި ކުރެވޭނެ ގާނޫނީ ހަމައެއް ނެތް ކަމަށެވެ.
"ފަނޑިޔާރުކަމުގެ މަގާމަށް އެކަށީގެންނުވާ އަމަލެއްކޮށްފި ނަމަ ނުވަތަ މަގާމަށް ގާބިލު ނޫން ނަމަ ފަނޑިޔާރުން ވަކި ކުރެވިދާނެ. ފަނޑިޔާރުންގެ އަދަދު މަދު ކުރުމުގެ ނަމުގައި ފަނޑިޔާރުން ވަކި ކުރެވޭނެ ގާނޫނީ ހަމައެއް ނެތް،" މުއިއްޒު ވިދާޅުވި އެވެ.
ކުރީގެ ބަންޑާރަ ނައިބު އަދި ކުޅަދަނާ ގާނޫނީ ވަކީލު ޑރ. އަހުމަދު އަލީ ސަވާދު ވިދާޅުވީ، ސަރުކާރުން މަސައްކަތް އެ ކުރަނީ ޖުޑިޝަރީއަށް ގައިރު ދުސްތޫރީ ނުފޫޒު ފޯރުވަން ކަމަށެވެ.
"ސިޔާސީ ޕާޓީއެއްގެ ފިނިކޮޓަރިން ނިންމާ ނިންމުމަކުން ރައްޔިތުންގެ މެންބަރުން މަޖްލިހުން ބޭރުކުރުމުގެ ދުސްތޫރީ މައްސަލަ ބަލަމުންދާ ސުޕްރީމް ކޯޓުގެ ބެންޗު ބަދަލު ކުރަން އުޅުމަކީ ޖުޑީޝަރީއަށް ގައިރު ދުސްތޫރީ ނުފޫޒު ފޯރުވުން. އެއީ ގާނޫނު އަސާސީގެ 141 ވަމަ މާއްދާގެ ނ. އާއި ރ. އާ ހިލާފު އަމަލެއް،" ސަވާދު ވިދާޅުވި އެވެ.
ދިވެހިރާއްޖޭގެ ބާ ކައުންސިލުން ވެސް ވަނީ، ފަނޑިޔާރުން ވަކި ކުރަން ފާސް ކުރި ގާނޫނަށް ފާޑުކިޔައިފަ އެވެ. އެ ކައުންސިލުން ދެކޭ ގޮތުގައި، އެ ގާނޫނު ތަސްދީގު ކުރި ނަމަވެސް ވާނީ އަމަލު ނުކުރެވޭނެ، ބާތިލު ގާނޫނަކަށް ކަމަށެވެ.
"ގާނޫނުއަސާސީގެ 268 ވަނަ މާއްދާގައި ގާނޫނުއަސާސީއާ ހިލާފުވާ ގޮތަށް ހަދާ ކޮންމެ ގާނޫނެއް ނުވަތަ ގާނޫނަކުން ބައެއްވިޔަސް ވާނީ ބާތިލު އެއްޗަކަށް ކަމާއި އެފަދަ ގާނޫނެއް ނުވަތަ ގާނޫނެއްގެ ބައެއްގެ ބާރެއް ނުހިނގާނެ ކަމާއި އަދި ގާނޫނުއަސާސީއާ ހިލާފަށް ކުރާ ކޮންމެ ކަމަކީ ބާތިލު ކަމެއް ކަމަށް ބަޔާން ކޮށްފައިވާތީ އިސްވެ ދެންނެވުނު ބިލަކި ގާނޫނުއަސާސީގައި ކަނޑައެޅިގެން ބަޔާން ކޮށްފައިވާ ވަރަށް އަސާސީ ކަންކަމާ ހިލާފު ބިލެއް ކަމުގައި މި ކައުންސިލުން ދެކެން،" ބާ ކައުންސިލުން ބުންޏެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކި ކުރަން މަޖުބޫރުވާ ގޮތަށް ފެބްރުއަރީ 26، ވަނަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން ރައްޔިތުންގެ މަޖިލީހުން ގާނޫނެއް ފާސް ކުރި އެވެ.
ބިލު ފާސް ކުރިތާ ކުޑަ ވަގުތުކޮޅެއް ފަހުން ޖޭއެސްސީގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ހިމެނޭ ގޮތަށް ތިން މެންބަރަކު ހުށަހެޅި އެވެ. އެ ހުށަހެޅުން ބަލައިގަނެ ކުއްލި ޖަލްސާއެއް 10:30 ގައި ބާއްވަން ނިންމައި އެ ޖަލްސާގެ ނޯޓިސް 10:17 ގައި މެންބަރުންނަށް ފޮނުވި އެވެ.
ޖަލްސާއަށް ހާޒިރުވާން މެންބަރުންނަށް ދިނީ އެންމެ 13 މިނެޓެވެ. އެ ކޮމިޝަނުގައި ހިމެނޭ އެއްވެސް ފަނޑިޔާރަކަށް އެ ޖަލްސާގައި ބައިވެރިނުވެވުނެވެ. އެއީ ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒް އާއި ސިވިލް ކޯޓުގެ ފަނޑިޔާރު ފަރުހާދު ރަޝީދު އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އެވެ.
ޖޭސްއެސީގެ ތަރުޖަމާނަކު މި ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވީ، ކޮމިޝަނުގައި ތިއްބަވާ ތިން ފަނޑިޔާރުން ފިޔަވައި އެހެން ހުރިހާ މެންބަރުން އެ ކުއްލި ޖަލްސާގައި ބައިވެރިވި ކަމަށެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މެންބަރުން
ކުއްލި ޖަލްސާގެ އެޖެންޑާ އާއި ކުރިއަށްގެންދިޔަ ގޮތް މުޅިން ސާފެއް ނޫނެވެ. އެކަމަކު އެ ޖަލްސާގައި ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ކަމަށްވާ ހުސްނުއްސުއޫދު އާއި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ސަސްޕެންޑު ކުރި އެވެ.
ފަނޑިޔާރުން ސަސްޕެންޑު ކުރިއިރު، ސުޕްރީމް ކޯޓުގައި އޮތީ ދުސްތޫރީ މައްސަލަ ބަލަން ތައްޔާރުވެފަ އެވެ. އެކަމަކު ތިން ފަނޑިޔާރުން ސަސްޕެންޑު ކުރުމުން އެ މައްސަލަ ކުރިއަށް ގެންދެވޭ ގޮތެއް ނުވި އެވެ. ދުސްތޫރީ މައްސަލައެއް ބެލޭނީ ސުޕްރީމް ކޯޓުގެ ފުލްބެންޗުންނެވެ.
އެ ފަނޑިޔާރުން ސަސްޕެންޑު ކުރުމަށްފަހު ޖޭއެސްސީއިން ބުނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރީ އެންޓި ކޮރަޕްޝަން ކޮމިޝަނުން އެ ފަނޑިޔާރުންގެ ޖިނާއީ މައްސަލައެއް ބަލަމުންދާތީ ކަމަށެވެ. އެކަމަކު ތަހުގީގު ކުރަމުންދަނީ ކޮން މައްސަލައެއްކަން ބުނަން އޭސީސީއިން ދެކޮޅު ހެދި އެވެ. ޖޭއެސްސީއިން ވެސް އެކަން ހާމަ ކުރަން ދެކޮޅު ހެދި އެވެ.
އޭގެ ފަހުން ގަޑިން 11:19 ހިނގިތަނުން ސަސްޕެންޑު ކުރި ވަކި ވަކި ފަނޑިޔާރުންނަށް ޖޭއެސްސީން އީމެއިލް ކުރަން ފެށި އެވެ. އެކަމަކު ފަނޑިޔާރުންނަށް ފޮނުވި އީމެއިލްތަކުގައި، އޭސީސީއިން މައްސަލައެއް ބަލަމުންދާ ކަމަކަށް ނުބުނެ އެވެ. ބުނެފައި ވަނީ ޖޭއެސްސީގެ އަމިއްލަ އިސްނެގުމަށް ފަނޑިޔާރުންގެ މައްސަލައެއް ބަލަމުންދާ ކަމަށެވެ.
ފަނޑިޔާރުން ސަސްޕެންޑު ކުރުމަށްފަހު ޖޭއެސްސީއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ފަނޑިޔާރެއްގެ ޖިނާއީ މައްސަލައެއް ބަލާ ނަމަ އެ ފަނޑިޔާރަކު ސަސްޕެންޑު ކުރުމާމެދު 48 ގަޑިއިރުގެ ތެރޭގައި އެ ކޮމިޝަނުން ގޮތެއް ނިންމަންޖެހޭ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑު ކުރީ އެ ބޭފުޅުންގެ ޖިނާއީ މައްސަލައެއް ބަލާތީ ކަމަށް ޖޭއެސްސީން ބުނެ އެވެ. އަދި ހަމަ އެ ދުވަހު ފަނޑިޔާރުންނާ ގުޅޭ އެހެން މައްސަލަތަކެއް ބަލަން ނިންމި ކަމަށް ވެސް ޖޭއެސްސީން ބުނެ އެވެ.
އޭސީސީއިން ބަލަނީ ފަނޑިޔާރުންގެ ކޮން މައްސަލައެއްކަން ނުބުނާތީ ވަރަށް ބޮޑަށް މައްސަލައެއް އުފެދެ އެވެ. ހަގީގަތުގައި އޭސީސީއިން މައްސަލައެއް ބަލާ ކަމާމެދު ވެސް ސުވާލު އުފެދެ އެވެ. ފަނޑިޔާރުންގެ މައްސަލައެއް ބަލަމުންދާ ކަމަށް ފަނޑިޔާރުންނަށް ވެސް އަންގާފައެއް ނުވެ އެވެ. ޖިނާއީ މައްސަލައެއްގައި ސުވާލު ވެސް ކޮށްލާފައި ނެތެވެ.
ޖޭއެސްސީން ބަލަމުންދާ މައްސަލަތަކުގެ ތަފުސީލު ކޮންމެވެސް ވަރަކަށް ވަނީ ތިލަވެފަ އެވެ. އެއީ؛
ފަނޑިޔާރު މަހާޒް: ކްރިމިނަލް ކޯޓުގެ ގާޒީއަކަށް ގުޅައި ނުފޫޒު ފޯރުވުން
ފަނޑިޔާރު އަޒްމިރާލްދާ: ކްރިމިނަލް ކޯޓަށް ނުފޫޒު ފޯރުވުން
ފަނޑިޔާރު ސުއޫދު: 2022 ވަނަ އަހަރު، ހައި ކޯޓުގެ ރަޖިސްޓްރާއާ އަޑުގަދަކޮށް ވާހަކަ ދެއްކުން
ފަނޑިޔާރުން މަހާޒް އާއި ފަނޑިޔާރު އަޒްމިރާލްދާއަށް ކުރާ ތުހުމަތަކީ، އަޒްމިރާލްދާގެ ފިރިކަލުން ކޮންމެވެސް މައްސަލައެއްގައި ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން، ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަސް ނުފޫޒު ފޯރުވައި ދޫކޮށްލަން މަޖުބޫރު ކުރުވުމެވެ.
އެ ހާދިސާ ހިނގައިދިޔައީ މީގެ ދެތިން މަހެއް ކުރިންނެވެ. އެކަމުގައި އަސްލު ވެސް މައްސަލައެއް އުޅޭ ނަމަ އެއީ ވަގުތުން ބަލަންޖެހޭ ފަދަ މައްސަލައަކަށްވާއިރު، އެކަން ބަލަންވީ ދުސްތޫރީ މައްސަލައިގެ ޝަރީއަތް ހިންގަމުން ދަނިކޮށެއް ނޫނެވެ.
ފަނޑިޔާރު ސުއޫދުގެ މައްސަލައިގެ ނާއިންސާފު އަދި މާ ބޮޑެވެ. ސުއޫދުގެ ބަލަނީ މީގެ ދެ އަހަރު ކުރިން ހިނގާފައި އޮތް ހާދިސާއެއްގެ މައްސަލައެކެވެ. އެއީ ހައި ކޯޓުގެ ރަޖިސްޓްރާ ސުޕްރީމް ކޯޓަށް ހާޒިރުކޮށް، އޭނާއާ އަޑުގަދަކޮށް ވާހަކަ ދެއްކި ކަމަށް ބުނާ މައްސަލައެކެވެ.
~ ~
ސަރުކާރުގެ ބާރުގެ ދަށުގައިވާ ޖޭއެސްސީ އާއި އޭސީސީއިން އެ ވަނީ ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓު ޕެރެލައިޒްކޮށްފި އެވެ. ސުޕްރީމް ކޯޓުގައި ތަޅު އަޅުވަން ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް އޮތް ރައްޔިތުންގެ މަޖިލީހުން ވަނީ ގާނޫނެއް ފާސްކޮށްފަ އެވެ.
މިދިޔަ ހަފްތާފައި ހިނގައި ދިޔަ އެ ކަންތައްތަކަކީ ކުޑަ ކުށްތަކެއް ނޫނެވެ. އެއީ ބަލަންޖެހޭ މައްސަލަތަކެކެވެ. ޖޭއެސްސީ އާއި އޭސީސީއިން ރާވައިގެން ކޯޓުގެ މަސައްކަތް ހުއްޓުވާލާފައިވާތީ އެ މައްސަލަ ބަލަންޖެހެ އެވެ. ރައްޔިތުންގެ މަޖިލީހުން ފާސް ކުރި ބިލު ތަސްދީގު ކުރިއަސް އެއަށް އަމަލުނުކޮށް ދޫކޮށްލަންޖެހެ އެވެ.
Comment