Advertisement

ގާނޫނަކުން މަނާ ނުކުރާ ކަންކަން ކުރުމުގެ މިނިވަންކަން ވެސް ނިގުޅައިގަންނަނީތަ؟

10 ފެބުރުވަރީ 2025 - 13:49 1

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ފުލުހުންތަކެއް. ފުލުހުންގެ އިދާރާ މެދުވެރިކޮށް ބައިވަރު ކަންކަން ސަރުކާރުން ދަނީ މަނާކުރަމުން. އޭގެ ތެރޭގައި ގާނޫނުއަސާސީން ކަށަވަރު ކޮށްދޭ ހައްގުތައް ވެސް ހިމެނޭ --- ފޮޓޯ: އަދަދު ފައިލް


ގާނޫނަކުން މަނާ ނުކުރާ ކަންކަން ކުރުމުގެ މިނިވަންކަން ވެސް ނިގުޅައިގަންނަނީތަ؟

10 ފެބުރުވަރީ 2025 - 13:49 1

"އިސްލާމީ ޝަރީއަތުގައި ނުވަތަ ގާނޫނުގައި ކަނޑައެޅިގެން މަނާކޮށްފައި ނުވާ ކޮންމެ ކަމެއް ކުރުމުގެ މިނިވަންކަން ކޮންމެ ރައްޔިތަކަށްމެ ލިބިގެންވެ އެވެ. އަދި ގާނޫނަކުން ހުއްދަ ލިބިގެން މެނުވީ އެއްވެސް މީހަކު ކުރާ އެއްވެސް ކަމަކަށް ހަމަ އެކަކުވިޔަސް ހުރަސް އަޅައި ހުއްޓުވައިގެނެއް ނުވާނެ."

ފެހި ގާނޫނުއަސާސީގެ 19 ވަނަ މާއްދާއެއްގެ ގޮތުގައި މި މާއްދާ ލިޔެފައިވަނީ ވަރަށް މާތް މަތިވެރި މަގުސަދެއްގަ އެވެ. ދިރިހުރުމުގެ ހައްގާއި، އިގުތިސޯދީ އަދި އިޖުތިމާއީ ހައްގުތަކާއި އަދި ވޯޓު ދިނުމާއި، އެއްވެ އުޅުމާއި، ހިޔާލު ފާޅުކުރުން ފަދަ އަސާސީ އެތަކެއް ހައްގުތަކުގެ ކުރިން ކަޅާއި ހުދުން އެ މާއްދާ ލިޔެފައި އޮތީ ބައިވަރު ސަބަބުތަކެއްގެ މައްޗަށް ބިނާކޮށެވެ.

އެ ހައްގަކީ ފިކުރު ކުރުމާއި ކަންކަމުގައި ޝާމިލުވެ އުޅުމަށް ބާރު އަޅާ ހައްގެކެވެ. އެއީ އުފެއްދުންތެރިކަމާއި ފަރުދީ ކުރިއެރުމާއި އިޖުތިމާއީ ކުރިއެރުމަށް މަގުފަހިކޮށްދޭ އަސާސީ ހައްގެވެ. އެއްވެސް ނުފޫޒެއް ނެތި އަމިއްލަ ދިރިއުޅުމާއި ގުޅޭ ކަންކަން ނިންމުމުގެ ހައްގު ކޮންމެ މީހަކަށްމެ އޮންނަން ޖެހޭނެ އެވެ.

މިނިވަން ވިސްނުމާއި އެ ވިސްނުންތަކަށް އަމަލުކުރުމުގެ ފުރުސަތު ދޭ މުޖުތަމައުތަކަކީ އެންމެހާ ގޮތަކުން ވެސް ހަލުވިކަމާއެކު ކުރިއަރަމުން އަންނަ މުޖުތަމައުތަކެކެވެ. ކަންކަން ހިފަހައްޓައި އޮބެހެއްޓުމަކީ ގިނަ ފަހަރަށް އަނިޔާވެރިކަމާއި ބޭއިންސާފަށް ކޮށޭ ދޮރެކެވެ. ގާނޫނުގައި ކަނޑައެޅިގެން މަނާކޮށްފައި ނުވާ ކަންކަން ކުރުމުގެ މިނިވަންކަމަކީ އިންސާފުވެރިކަމާއި ހަމަހަމަކަމަށް މަގުފަހިކޮށްދޭނެ ކަމެކެވެ. ހުޅުވާލެވިފައިވާ މަޝްވަރާތަކާއި، އިންސާފުވެރި އިންތިހާބުތަކާއި، ޖަވާބުދާރީވުމުގެ ރޫހު އާކޮށްދޭ ކަމެކެވެ.

ހެލްމެޓް އެޅުން ކުށަކަށް ބަދަލުވަނީ؟

"ހެލްމެޓު އެޅުން ލާޒިމުކުރާ ސަރަހައްދުތައް ފިޔަވައި އެހެނިހެން ސަރަހައްދުތަކުގައި ހެލްމެޓު އަޅައިގެން އެއްގަމު އުޅަނދު ދުއްވާ މީހުންނަށް ފާރަވެރިވެ ތުހުމަތު ކުރެވޭ މީހުން ހުއްޓުވައި ބަލައި ފާސްކުރަމުން ގެންދާނެ ވާހަކަ އެންމެހައި ފަރާތްތަކުގެ ސަމާލުކަމަށްޓަކައި ދަންނަވަން،" ހެލްމެޓު އެޅުމަކީ ކުށެއް ކަމަށް ދޭހަވާ ގޮތަށް ރޭ ދަންވަރު ފުލުހުން ނެރުނު ބަޔާނުގައި ލިޔެފައި އޮތީ މިހެންނެވެ.

ހެލްމެޓު އެޅުން ލާޒިމްކޮށްފައި ވަނީ 30 ކިލޯމީޓަރަށް ވުރެ ބާރަށް އެއްގަމު އުޅަނދު ދުއްވަން ހުއްދަކޮށްފައި ސަރަހައްދުތަކުގަ އެވެ. އެހެންވެ، މާލޭ ސަރަހައްދުގައި ހެލްމެޓު އަޅުން މަޖުބޫރު ވަނީ ސިނަމާލެ ބްރިޖާއި، ހައިވޭގަ އެވެ.

އެއްވެސް ގާނޫނެއްގައި މާލެ ތެރެ އާއި ހުޅުމާލެ އާއި ވިލިނގިލި އަދި އެ ނޫންވެސް ރަށެއްގައި ހެލްމެޓު އެޅުން މަނާކޮށްފައި ނުވެ އެވެ. އެ ސަރަހައްދުތަކުގައި ހެލްމެޓު އަޅައިގެން ދުއްވާ މީހުން ބަލައި ފާސްކުރުމަށް ގާނޫނަކުން ވެސް ހުއްދަ ކޮށްފައި ނުވެ އެވެ.

"މި ދުވަސްވަރަކީ ފޭސް ދޭއް ސަރަހައްދަށް ވައިގަދަ ދުވަސްވަރެއް. ވާރޭ ވެހޭއިރު އާއި މި ދުވަސްވަރު ފޭސް އެކަކަށް ދާންޖެހުނަސް އަހަރެން އަބަދުވެސް ހެލްމެޓް އަޅަން. އެއީ ލޮލަށް ކުންޏާއި، ނޭފަތަށް ހިރަފުސް ވަންނާތީވެ. ފުލުހުން ހުއްޓުވަންޏާމު ހުއްޓުވަންވީ،" ފުލުހުންގެ މި ނިންމުމާ ދެކޮޅު ހެދި މީހަކު ފޭސްބުކްގައި ލިޔެފައިވެ އެވެ.

ހެލްމެޓު އަޅައިގެން ސައިކަލު ދުއްވުމަކީ މުޅި ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް އެއްގަމު އުޅަނދު ދުއްވުމުގެ ގަވާއިދުތަކާއި ގާނޫނުތަކުގެ ދަށުން ހިތްވަރުދޭ ކަމެކެވެ. ހެލްމެޓު އަޅަނީ ފުލުހުންނަށް ފިލާކަށެއް ނޫނެވެ. ހެލްމެޓު އަޅަނީ ދުއްވާ މީހާ އާއި މަގުން ދަތުރުކުރާ އެންމެންގެ ސަލާމަތާއި ރައްކާތެރި ކަމަށެވެ. އެކަން ފުލުހުންނަށް މަނައެއް ނުކުރެވޭނެ އެވެ.

"ކުށުގެ ވެށި ކޮންޓްރޯލް ނުވުމަކީ އަހަރެންގެ މައްސަލައެއް ނޫން. ކުށުގެ ވެށި ރަނގަޅުކުރުމަށް ފުލުހުންނަށް ގާނޫނީ ގޮތުން ބާރުތައް އަދި ފިޒިކަލީ ބޭނުންހި ފުމަށް އާލާތްތައް ދީފަ ހުންނާނެ. ދައުލަތުގެ ބައިތުލްމާލުން މުސާރަ ދޭނެ،" އެ މީހާ ލިޔެފައިވެ އެވެ.

ތެދެކެވެ. ކުށް ކުރުން ފުލުހުންނަށް ނުހުއްޓުވުމަކީ އެހެން ބައެއްގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރާ ކަމެއް މަނާ ކުރެވޭނެ ސަބަބެއް ނޫނެވެ. ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް އަމާން ވެއްޓެއް ގާއިމު ކުރުމުގެ ގޮތުން ވެސް ހެލްމެޓު އެޅުން މަނައެއް ނުކުރެވޭނެ އެވެ. ހެލްމެޓު އެޅުން މަޖުބޫރު ނޫން މަގުތަކުގައި ހެލްމެޓު އެޅުމަކީ ގާނޫނުއަސާސީން ދިވެހި ކޮންމެ ރައްޔިތަކަށްމެ ކަށަވަރުކޮށްދޭ ހައްގެކެވެ.

މަދަނީ މިނިވަންކަމަށް އަރައިގަތުމުގެ ސިލްސިލާއެއް

މިއީ މި ސަރުކާރުން ރައްޔިތުންގެ މަދަނީ މިނިވަންކަމަށް އަރައިގަތުމަށް ނިންމި ފުރަތަމަ ނިންމުމެއް ނޫނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގައި، ޝޮޕިން މޯލެއްގެ ތެރޭގައި ހުންނަވަނިކޮށް ފޮޓޯއެއް ނެގި ކަމުގެ ތުހުމަތުގައި ދިވެއްސެއްގެ ފޯނު ދިވެހި ފުލުހުން ހިފެހެއްޓި އެވެ. ރާއްޖޭގެ ގާނޫނުތައް ނުހިނގާ މިނިވަން މުސްތަގިއްލު އެހެން ގައުމެއްގައި ހިނގައިދިޔަ ކަމެކެވެ.

އޭ ގެ ދުވަސްކޮޅެއް ކުރިން އެމަނިކުފާނު ކޮފީއެއްގައި އިންނަވަނިކޮށް ސަރުކާރުގެ ސިޔާސީ މަގާމެއްގައި ހުރި މީހަކު ފޮޓޯއެއް އާންމުކުރި ނަމަވެސް އެ މައްސަލައިގައި އެއްވެސް ފިޔަވަޅެއް ނާޅަ އެވެ. އެ ފޮޓޯ ނެގި މީހާގެ މަދަނީ މިނިވަންކަމަށް ފުލުހުން އަރައިގަތީ އެވެ.

މުޖުތަމައުގައި ބިރުވެރިކަން އުފެދޭ ގޮތަށް ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރި ކަމަށް ބުނެ އިދިކޮޅު އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓު ހުސެއިން ޝާފިއު ފުލުސް އޮފީހަށް ވެސް ހާޒިރުކުރި އެވެ. ރައީސްގެ އަބުރަށް އަރައިގަތް ކަމަށް ބުނެ ގދ. ގައްދޫ ކައުންސިލްގެ ރައީސްގެ މައްސަލަ ބެލުމަށް އެލްޖީއޭއިން ވެސް އެންގި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ހއ. ދިއްދޫއަށް ވަޑައިގަތުމުގެ ކުރިން އެ ރަށުގައި ރޭ ދެމި ބެނާތަކައް ވެސް ނެގި އެވެ. އިދިކޮޅު އެމްޑީޕީން އާއި ޑިމޮކްރެޓްސްގެ މެންބަރުން ދެމި ބެނާތައް ނެގީ ފުލުހުންނެވެ. އިދިކޮޅު މެންބަރުން ބެނާތައް ތައްޔާރު ކުރަމުން ދަނިކޮށް ފުލުހުންގެ ޓީމެއް ވަނީ އެ މަސައްކަތް ކުރަމުންދިޔަ ގެޔަށް ވަދެ އިންޒާރު ވެސް ދިނެވެ. މިފަދަ އެތައް ކަމެއް މި ސަރުކާރުގެ ތެރެއިން ދަނީ ހިންގަމުންނެވެ.

~ ~

މަދަނީ މިނިވަންކަމާއި ހައްގުތައް ނުވަތަ ސިވިލް ލިބަޓީސްއަކީ ސަރުކާރުތަކުގެ ނުފޫޒުން ރައްޔިތުންނަށް ހިމާޔަތް ހޯދައިދޭން ގާނޫނުއަސާސީގައި ލިޔާ ހައްގުތަކެވެ. އެންމެ ފުރަތަމަ ހުދުމުހުތާރު ވެރިން އަންނާނީ މި މިނިވަންކަމާއި ހައްގުތަކުގެ ފަހަތުންނެވެ. ނުފޫޒަށް ފަހި މާހައުލެއް ގާއިމުކުރުމަކީ އެފަދަ ސަރުކާރުތަކުގެ މައިގަނޑު އަމާޒެވެ. މިވަގުތު ރާއްޖޭގައި އޮތް ސަރުކާރުން ވެސް އަމަލުކުރަމުން ދަނީ އެ މަގުންނެވެ. ޕޮލިސް ސްޓޭޓެއް ގާއިމުކުރުމުގެ ފިޔަވަޅުތަކުގެ މަތީންނެވެ.