17 ނޮވެންބަރު 2024 - 14:27 1
އަމަން ހަލީމް
ގްރެފިކްސް: އިސްމާއިލް އިމްދާދު/އަދަދު
17 ނޮވެންބަރު 2024 - 14:27 1
ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކުރިފުޅުމަތީގައި އެންމެ ބޮޑު ގޮންޖެހުމަކަށް އޮތީ ދައުލަތުގެ މާލިއްޔަތު ވެއްޓިފައި އޮތް ދަތި ހާލަތުން އަރައިގަތުމެވެ. ކުރިން ވެރިކަން ކުރި ސަރުކާރުތަކުގެ ދޯހަޅި ސިޔާސަތުތަކާއި ބޮޑު އިސްރާފާ ހުރެ ހަރަދުތައް ހުރީ ބޮއްސުންލައިގެން ގޮސްފަ އެވެ. ކޮޅެއް މެދެއް ނެތް ތަރައްގީ އާއި ކޮވިޑު ބަލިމަޑުކަމުގެ ތެރޭގައި އިގުތިސޯދު ވެއްޓުނު އަޑިގަނޑުގެ އަރައިގަންނަން ނެތި ލޯނުތަކާ އެކީ ދައުލަތުގެ ދަރަނި ހުރީ އިންތިހާގަ އެވެ.
ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތީ މި ހުރިހާ ކަމެއް ރަނގަޅަށް އެނގިވަޑައިގެން ހުންނަވަ އެވެ. އިގުތިސޯދުގައި ހުރި މައްސަލަތައް ހައްލުކުރަން ޕްލޭނެއް އޮތް ކަމަށް ވިދާޅުވަމުންނެވެ. އެމަނިކުފާނު ރައްޔިތުންނަށް ކުރައްސަވައިދެއްވީ، އިގުތިސޯދު ވެއްޓިފައި އޮތް އަޑިގަނޑުން ނަގައި، އަލުން ކޮޅަށް ޖަހައި، އިގުތިސޯދީ ކުރިއެރުމާއި ފޯރުންތެރިކަމުގެ މުޅިން އައު ފަތިހަކަށް އަލިވިލިގެންދާ މަންޒަރެކެވެ. ރައީސްކަމަށް ކެމްޕެއިން ކުރެއްވި ދުވަސްވަރާއި ވެރިކަމާ ހަވާލުވެވަޑައިގެން ވެސް ދެއްވީ މިކަން ކުރައްވާނެ ކަމުގެ ޔަގީންކަމެވެ.
ނަމަވެސް ސަރުކާރަށް އަހަރެއް ވެގެން ދިޔައިރު، ރައީސް އޭރު ކުރައްސަވައިދެއްވި މަންޒަރާއި އަސްލު މަންޒަރާ ހާސްބައި ތަފާތެވެ. މާލިއްޔަތު ރަނގަޅުކުރަން ޕްލޭނެއް އޮތް ކަމަށް ވިދާޅުވިއެއް ކަމަކު އެ ޕްލޭނާ އެއް ގޮތަށް މާލީ ހާލަތު ރަނގަޅު ވަމުންދެޔެކޭ ބުނެވޭކަށް ނެތެވެ. އިގުތިސޯދު އަމިއްލަ ގޮތުގައި ހެޔޮވަރު ދުވެއްޔެއްގައި ކުރިއަރަމުން ދިޔަ ނަމަވެސް މާލީ ހާލަތު ގޯހުން ގޯހަށް ދިޔުމާއެކީ، އިގުތިސޯދީ މުސްތަގުބަލަށް އަނދިރި ހިޔަންޏެއް އެޅިއްޖެ އެވެ.
މަސްވެރިކަމަކީ މި ރާއްޖޭގެ އެންމެ ދުވަސްވީ އިގުތިސޯދީ ހަރަކާތެވެ. އެވޭލާ ޒަމާނުއްސުރެން ދިވެހިން ކާންބޯން ކުރަމުން އަންނަ އެއް މަސައްކަތަކީ މަސްވެރިކަމެވެ. މަސްވެރިކަމަކީ ދިވެހިންނާއި ދިވެހިންގެ އާދަކާދަ އާއި މުޅި ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅިފައި އޮތް މުހިންމު މަސައްކަތެކެވެ. ރަށްފުށުގައި ދިރިއުޅޭ ގިނަ ބަޔެއްގެ މުޅި ދިރިއުޅުން ބިނާކޮށްފައި އޮތީ މަސްވެރިކަމުން ލިބޭ ނަފާގެ މައްޗަށެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަންނަވަން މަސްވެރިންނަށް ވެވަޑައިގަތީ މައިގަނޑު ދެ ވައުދުފުޅެވެ. އެއީ މަސް ގަންނަ އަގު 20ރ. އަށް ވުރެ ދަށް ނުކުރާނެ ކަމަށާއި މަސް ކިރުވާތާ 48 ގަޑިއިރުގެ ތެރޭގައި އެ މަހަށް ފައިސާ ދެއްކޭނެ ކަމުގެ ވައުދެވެ. ނަމަވެސް މި ވޭތުވީ އަހަރުގެ ތެރޭގައި މި ވައުދުތައް ނުފުއްދުނު ތަނުގައި މުޅި މަސްވެރިކަމުގެ ސިނާއަތް ނުތަނަވަސްކަމުގެ ތެރެއަށް ވައްޓާލައި، މަސްވެރިން މާޔޫސްކޮށްލައިފި އެވެ.
މަސްވެރިންނަށް އެންމެ ބޮޑު މައްސަލައަކަށް ވެގެން އުޅެނީ މަސް ގަންނަ އަގު 16ރ. އަށް ދަށްކުރުމެއް ނޫނެވެ. މިއީ ދެމެހެއްޓެނިވި ގޮތެއްގައި ސަރުކާރަށް ނޫނީ ސަރުކާރުގެ މަސް ކުންފުނި މިފްކޯއަށް ނުވަންޏާމުން ގިނަ މަސްވެރިންގެ މައްސަލައެއް ނެތެވެ. ގިނަ މަސްވެރިންގެ މައްސަލައަކީ ކިރުވާ މަހަށް ގަވާއިދުން ފައިސާ ނުލިބުމެވެ. މަސް ކިރާތާ ދެ ދުވަހުގެ ތެރޭގައި ފައިސާ ދޭނެ ކަމަށް ބުނި ނަމަވެސް މަސްވެރިން ބުނަނީ މަސް ދުވަސް ވެގެންދާއިރު ވެސް ފައިސާ ނުލިބޭ ކަމަށެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރަކީ މި ފަހުގެ ތާރީހެއްގައި މަސްވެރިކަން އެންމެ ދަށް އެއް އަހަރެވެ. މިފްކޯގެ ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހުގެ 17، އާ ހަމައަށް 28،951 މެޓްރިކް ޓަނުގެ ކަޅުބިލަ މަސް ކިރުވާފައިވާއިރު، މިދިޔަ އަހަރުގެ އޮކްޓޫބަރު މަސް ނިމުނުއިރު 57،510 މެޓްރިކް ޓަނުގެ މަސް ކިރި އެވެ. މީގެ ފަހަތުގައި އޮތް އެންމެ ބޮޑު އެއް ސަބަބަކީ ގަވާއިދުން މަހަށް ދާ އުޅަނދު ފަހަރު މަދުވުމެވެ.
އެންމެ ހޫނު ބަހުސްއެއް މި ވަގުތު ހިނގަމުންދާ އެއް ކަމަކީ ރިސޯޓުތަކާއި ސަފާރީތަކާއި ގެސްޓުހައުސްތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް ޑޮލަރު މާރުކުރަން މަޖުބޫރުކޮށްފައި އޮތުމެވެ. މިއާ ގުޅިގެން ޓޫރިޒަމް ވިޔަފާރިތަކުން ބުނަމުން އަންނަނީ މިއީ ސިނާއަތުގެ ހަގީގަތްތަކާ ދުރު، އޮޕަރޭޝަންތަކަށް ބުރޫއަރާނެ ކަމެއް ކަމަށެވެ. އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކުރަމުން އަންނަނީ ހުރިހާ ތަނަކަށް އެއް ރޭޓަކުން މާރުކުރަން ކަނޑައަޅާފައި އޮތުމެވެ.
މިހާރު ޓޫރިޒަމް ސިނާއަތުގެ ހާލަތަށް ބަލާއިރު، އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވަމުން ދިޔަ ނަމަވެސް ޗުއްޓީ ހޭދަކުރާ މުއްދަތާއި ހަރަދުކުރާ ފައިސާގެ އަދަދު ދަނީ ދަށްވަމުންނެވެ. ހަރަދުކުރާ ފައިސާގެ އަދަދު ދަށްވަމުން ދިޔުމުގެ ފަހަތުގައި އޮތް މައިގަނޑު ސަބަބަކީ ރިސޯޓުތަކަށް އަންނަ ޓޫރިސްޓުންނަށް ވުރެ ގެސްޓުހައުސްތަކަށް އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވުމެވެ. މިހެން ދިމާވަނީ ރާއްޖޭގެ ރިސޯޓުތައް އަގު ބޮޑުވެފައި، ޓެކްސްތަކާ ހުރެ ޗުއްޓީއަށާއި ޓިކެޓަށް ކުރަން ޖެހޭ ހަރަދު ބޮޑުވުމެވެ.
ކަން މިހެން އޮއްވައި ސަރުކާރުން ވަނީ ޓެކްސްތައް ބޮޑުކުރަން ނިންމައިފަ އެވެ. މިއީ ދައުލަތަށް ލިބޭ ޑޮލަރު އާމްދަނީ އިތުރުކުރަން ކޮންމެހެން ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ސަރުކާރުން ބުނި ނަމަވެސް ޓޫރިޒަމް ވިޔަފާރިތަކުން ބުނަނީ މިއީ ނުރަނގަޅު ބަދަލެއް ކަމަށެވެ. އެ މީހުން ބުނާ ގޮތުގައި މިއާ އެކީގައި ރާއްޖެ އަންނަ ޓޫރިސްޓުން ޗުއްޓީގެ އަގު އިތުރަށް ބޮޑުވެ، ރާއްޖެއަށް ވުރެ އަގު ހެޔޮ މަންޒިލުތައް ހިޔާރު ކުރާ ޓޫރިސްޓުންގެ އަދަދު އިތުރުވާނެ ކަމަށެވެ.
އަންނަ އަހަރަށް ބަލާއިރު، ޓޫރިސްޓުން އަންނަ އަދަދު ދެ މިލިއަނުން 2.2 މިލިއަނަށް އިތުރުވާނެ ކަމަށް ސަރުކާރުން އަންދާޒާކުރެ އެވެ. ސަރުކާރުން މިގޮތަށް ލަފާކުރި ނަމަވެސް ޓޫރިސްޓު ވިޔަފާރިތަކުން ބުނަނީ މި އަދަދަށް ޓޫރިސްޓުން އައިސްދާނެ ކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ. މި ހާލަތު މެދުވެރިވެއްޖެ ނަމަ މުޅި އިގުތިސޯދީ ދުވެލި ހިފެހެއްޓި، އޭގެ ނޭދެވޭ އަސަރު ހުރިހާ ދާއިރާއަކަށް ކުރާނެ ކަމާ މެދު ޝައްކެއް ނެތެވެ.
އިގުތިސޯދަށް އޮތް ހުރިހާ ވެސް ހުރަހަކީ މާލިއްޔަތުގައި ހުރި ގޮންޖެހުންތަކެވެ. މި އަހަރުގެ ތެރޭގައި އިގުތިސޯދު 5.5 ޕަސެންޓުގައި ކުރިއެރިއިރު، އަންނަ އަހަރު 6.4 ޕަސެންޓުގައި ކުރި އަރާނެ ކަމަށް އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުގައި ވެ އެވެ. އިގުތިސޯދު ކުރިއަރާނެ ކަމަށް އަންދާޒާ ކުރަނީ އަންނަ އަހަރުގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އާ ޓާމިނަލް ހުޅުވުމެވެ.
އަންދާޒާތައް މި ގޮތުގައި ހުއްޓަސް، މާލިއްޔަތު މެނޭޖުނުކުރެވުމުގެ ހިރާސްތަކާ ހުރެ އިގުތިސޯދީ ދުވެއްޔަށް އަސަރުކޮށްފާނެ ކަންކަން ގިނަ އެވެ. އަންނަ އަހަރަކީ ވެސް ޑެފިސިޓު ބޮޑު އަހަރެކެވެ. ޑެފިސިޓު ބަލާ ގޮތަށް ގެނައި ބަދަލާ ގުޅިގެން، މި އަހަރުގެ ޑެފިސިޓު ދަށް ކަމަށް ދެއްކި ނަމަވެސް އަންނަ އަހަރު ވެސް ބަޖެޓު ހަރަދުތައް ފޫބައްދަން 18 ބިލިއަން ރުފިޔާ ހޯދަން ޖެހެ އެވެ.
އަންނަ އަހަރުގެ ބަޖެޓަށް ދިނަ ލަފާގައި، އޮޑިޓާ ޖެނެރަލް އޮފީހާއި އެމްއެމްއޭއިން ވަނީ ރާއްޖޭގެ ހާލަތު ހުރި ގޮތުން މި ގޮތަށް ފައިސާ ލިބިދޭނެ ކަމާ މެދު ސުވާލު އުފައްދާފަ އެވެ. މި އަހަރުގެ ތެރޭގައި ވެސް ފައިނޭންސިންގެ ބޮޑު ބަޔެއް އެތެރޭގެ ބާޒާރުން ހޯދުމާ އެކީގައި، އަންނަ އަހަރު ވެސް ބޭރުން ފައިސާ ނުލިބިއްޖެ ހާލަތެއްގައި އެތެރޭގެ ބާޒާރުން އިތުރަށް ފައިސާ ހޯދަން ޖެހޭނެ އެވެ. ނަމަވެސް މާލީ އިދާރާތަކުގެ އެކްސްޕޯޝާ ދައުލަތަށް ބޮޑު ވެފައި އޮތުމަކީ އެތެރޭގެ ބާޒާރުން ވެސް މި ފައިސާ ހޯދަން ގޮންޖެހުން ބޮޑެވެ.
ބޭރުން ފައިސާ ހޯދަން ބަލާއިރު، ހުރި އެންމެ ބޮޑު ގޮންޖެހުމަކީ ރާއްޖޭގެ ކްރެޑިޓު ރޭޓިން ދަށްވެފައި އޮތުމެވެ. މިއާ އެކީގައި ސަރުކާރުން ރާވާފައިވާ ގޮތަށް ބަޖެޓު ސަޕޯޓު ލޯނެއް ލިބުމަކީ ނާދިރު ކަމެއް ކަމަށް އޮޑިޓު އޮފީހާއި އެމްއެމްއޭއިން ވެސް އަންނަނީ ބުނަމުންނެވެ. މިކަމަށް އޮތް ހަމައެކަނި ހައްލަކީ ހަރަދުތައް ކުޑަކޮށްގެން ރޭޓިން ރަނގަޅު ކުރުމެވެ. އަދި ސަރުކާރުން ރާވާފައިވާ ގޮތަށް ހަރަދުތައް ކުޑަނުކުރެވިއްޖެ ހާލަތެއްގައި ދަރަނި އިތުރުވެ މާލީ ހާލަތު ގޯހުން ގޯހަށް ދާނެ ކަމާ މެދު ސުވާލެއް ވެސް ނެތެވެ.
ހަމަ އެހެންމެ، ސަރުކާރުން މި ވަގުތު ހަރަދުތައް ކުރަމުން އަންނަ ގޮތަށް ބަލާއިރު ރިޒާވު ހީނަރުވެ، ސޮވެރިން ޑިވެލޮޕްމަންޓު ފަންޑުގައި ހުރި ފައިސާ ވެސް އަންނަނީ ބޭނުން ކުރަމުންނެވެ. މިއީ ބޮޑެތި ދަރަނިތަކެއް ބޯމަތިވެފައިވާ ދަނޑިވަޅެއްގައި މުޅި މާލިއްޔަތު ހުސްވެ، އިގުތިސޯދު ހީނަރުވާނެ ކަންކަމެވެ. މިކަންކަން އިސްލާހު ނުވެއްޖެ ނަމަ، ކޮޅަށް ޖަހަން އައި އިގުތިސޯދު ފުނޑި، އެތައް އަހަރެއްގެ ތަރައްގީ ފަހަތަށް ސޮއްސާލާނެ އެވެ.
މި ހުރިހާ މައްސަލައެއް ހައްލުކުރަން މަސައްކަތް ކުރަމުންދާ ކަމަށް ބުނާ ބުނުމުގެ އިތުރުން، އަމަލީ ސިފައެއްގައި އެއްވެސް ކަމެއް ރަނގަޅުކުރަން އަޅާ ފިޔަވަޅެއް ފެންނާކަށް ނެތެވެ. އެޖެންޑާގެ އެންމެ ކުރިއަށް އިގުތިސޯދާއި މާލިއްޔަތު ނުލައިފިނަމަ، މުސްތަގުބަލު ފެންނަނީ ވަރަށް ބަނަކޮށެވެ.
Comment