Advertisement

އައިއެމްއެފްގެ ޕްރޮގްރާމަކަށް ނޫނެކޭ ބުނަން އަދި މާ އަވަސް!

9 އޮކްޓޯބަރު 2024 - 12:59 1

އަމަން ހަލީމް

އަމަން ހަލީމް


އައިއެމްއެފްގެ ޕްރޮގްރާމަކަށް ނޫނެކޭ ބުނަން އަދި މާ އަވަސް!

9 އޮކްޓޯބަރު 2024 - 12:59 1

ދިވެހި ސަރުކާރުގެ މާލީ ހާލަތު ރަނގަޅު ނޫންކަން ނުދަންނަ އެއްވެސް މާލީ އިދާރާއެއް ނޫނީ އިންވެސްޓަރެއް ނެތެވެ. މިއީ ގަބޫލުކުރިޔަސް ނުކުރިޔަސް ހަގީގަތެވެ. ރޭޓިން އެޖެންސީތަކުން މި ރާއްޖޭގެ ސޮވަރިން ކްރެޑިޓު ރޭޓިން ދަށްކުރީ ވެސް މާލީ ހާލަތު ގޯހުންގޯހަށް ދާކަން އެ މީހުންނަށް ގަބޫލުކުރެވޭތީ އެވެ.

ކަންކަން މި ހާލަތުގައި ހުއްޓަސް، މި ފަހުން ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) ގެ ޕްރޮގްރާމަކަށް ނުދާނެ ކަމަށް ވިދާޅުވެފަ އެވެ. ރައީސް ވިދާޅުވީ ސަރުކާރުގެ އަމިއްލަ "ހޯމް-ގްރޯން" އެޖެންޑާއެއް އެބައޮތް ކަމަށާއި އެއީ މާލީ މައްސަލަތަކުގެ ހައްލަށް ވާނެ ކަމަށެވެ.

ސަރުކާރުން ބޭނުންވަނީ "ހޯމް-ގްރޯން އެޖެންޑާ" އާއި ބައިލެޓެރަލް ގުޅުންތަކުގެ ތެރެއިން މިހާރުގެ ހާލަތު ހަމައަަކަށް އަޅުވާށެވެ. މި އެހީގައި އެންމެ ބޮޑަށް ބަލަމުންދަނީ އިންޑިއާ އާއި ޗައިނާއިން އެހީ ހޯދައިގެން މަސައްކަތްތައް ކުރިއަށް ގެންދިޔުމަށެވެ. ނަމަވެސް މިއީ ގައުމަށް އެންމެ ރަނގަޅު ގޮތް ސުވާލު އުފެދެ އެވެ.

އައިއެމްއެފްގެ ޕްރޮގުރާމެއްގައި ބައިވެރިވުމަކީ ދެރައެއް ނޫން

ގިނަ ބަޔަކު އައިއެމްއެފްގެ ޕްރޮގްރާމެއްގައި ބައިވެރިވުން ދެކެނީ ސަރުކާރުން ބަލި ގަބޫލުކުރުމެއްގެ ގޮތުގަ އެވެ. އެކަމަކު މިއީ މާލީ ހާލަތު އޮތް ގޮތުން ގޯސް ނިންމުމަކަށް ނުވާނެ އެވެ.

ސަރުކާރުގެ މާލީ ސިޔާސަތާ މެދު އިތުބާރު އުފައްދައި، ކްރެޑިޓު ރޭޓިން ރަނގަޅުކޮށް، ދައްކަން އޮތް ބޮޑު ދަރަނި ދެއްކޭނެ ކަމުގެ ޔަގީންކަން ދޭން އޮތް އެންމެ އަލި މަގަކީ އައިއެމްއެފްގެ ޕްރޮގްރާމަކަށް ދިޔުމެވެ. މިއީ ކަންކަން ދަންނަ، ކަމުގެ މާހިރުން ދެކޭ ގޮތެވެ. މިއިން ޕްރޮގްރާމެއްގައި ބައިވެރިވުމުން ލިބޭ އަނެއް ފައިދާއަކީ ބަޖެޓަށް ބޭނުންވާ ފައިސާ އާއި ތަރައްގީގެ މަޝްރޫއުތައް ހިންގަން މި ގައުމަށް ކޮންމެހެން ބޭނުންވެފައިވާ ކްލައިމެޓް ފައިނޭންސިން ހަމަޖެހުމެވެ.

ކުރީގެ ޗީފް ފައިނޭންޝަލް ބަޖެޓު އެކްޒެކެޓިވް، ސަރުވަޝް އާދަމް، މޯލްޑިވްސް އިކޮނޮމިކް ޓުޑޭގައި އައިއެމްއެފްގެ އެހީތެރިކަން ހޯދައިގެން ލިބޭނެ ފައިދާތަކުގެ ތަފުސީލީ ލިޔުމެއް ލިޔުއްވާފައި އެވެ. އެ ލިޔުމުގައި އޭނާ ވަނީ، ގައުމު ޑީފޯލްޓަކަށް ނުދަނީސް ދުރާލާ އައިއެމްފްގެ ޕްރޮގްރާމެއްގައި ބައިވެރިވެގެން މާލިއްޔަތު ސްޓޭބަލްކޮށް، މިހާރަށް ވުރެ ރަނގަޅު ފައިނޭންޝަލް ޓާމްސްތައް ލިބުމުގެ ފުރުސަތުތައް ފަހިވާނެ ކަމަށް ވިދާޅުވެފަ އެވެ.

"މި މަގުން ކަން ކުރުމުން ކޮންސެޝަނަލް ފައިނޭންސިން ލިބޭނެ މަގުފަހިވެ، އިންވެސްޓަރުންނާއި ލެންޑަރުންގެ ކުރިމަތީގައި ސަރުކާރުގެ ރިފޯމް ޕްލޭނާ މެދު އިތުބާރު އުފައްދައިދޭނެ" ސަރުވަޝް ލިޔުއްވާފައިވެ އެވެ.

މި ރާއްޖެއަށް މި ވަގުތު އެންމެ ބޭނުން ޖެހިފައި ވަނީ އިންވެސްޓަރުންގެ އިތުބާރު ހޯދައި، ފަސޭހައިން ފައިސާ ލިބޭނެ މަގެއް ހޯދުމެވެ. މި މަގު ނުހޯދައި ކުރިއަށް ދާނީ ކިހިނެއްތޯ އެއީ އުފެދޭ ސުވާލެކެވެ. މި އިތުބާރު ނުއުފެއްދޭ ކަމަށް އެންމެ ބޮޑަށް ބާރު ދެނީ، މި އަހަރުގެ ބަޖެޓަށް ހޯދަން ޖެހޭ 500 މިލިއަން ޑޮލަރުގެ ތެރެއިން އެއްވެސް ފައިސާއެއް ލިބިފައި ނެތުމެވެ.

ސަރުކާރުން އައިއެމްއެފްގެ ޕްރޮގްރާމަކަށް ނުދާން އުޅެނީ ކީއްވެ؟

ރައީސް މުއިއްޒުގެ ސަރުކާރުން އައިއެމްއެފްގެ ޕްރޮގްރާމެއްގައި ބައިވެރިނުވާން ނިންމި ސަބަބެއް ކަމަށް ދެއްކީ "ހޯމް-ގްރޯން" އެޖެންޑާ އެވެ. މި ބުނާ ހޯމްގްރޯން އެޖެންޑާއަކީ ސަރުކާރުގެ ހަރަދުތައް ކުޑަކުރުމާއި އާމްދަނީ އިތުރުކުރުމުގެ އެޖެންޑާ އެވެ. ނަމަވެސް ސަރުކާރާ ހަވާލުވެގެން އަހަރެއް ވާން ދާއިރު، މި ބުނާ ސިޔާސަތުގެ ތަންފީޒުވީ ވަރަށް ކުޑަ މިންވަރެކެވެ. އޭގެ ނަތީޖާއެއް ފެންނަން އަދި ގާތްވެސް ނުވެ އެވެ.

ސަރުކާރުގެ ހާރިޖީ ސިޔާސަތަށް އައި ބަދަލާއި، އިންޑިއާއާ ގުޅުން ބަދަހިކުރަން ކުރާ މަސައްކަތުން ބެލެވެނީ އައިއެމްއެފްގެ ޕްރޮގްރާމަކަށް ނުދިޔުމުގެ ފަހަތުގައި އޮތީ ހަރުދަނާ ސިޔާސަތުގެ ބަދަލުގައި ސިޔާސީ ބޭނުންތައް ކަމެވެ. އެ ނޫން އެއްވެސް ބޭނުމެއް ނެތެވެ.

ރައީސް މުއިއްޒުގެ ސަރުކާރު ވެރިކަމަށް އައީ، އިންޑިއާއާ ދެކޮޅަށް ޖެއްސި ވަރުގަދަ ކެމްޕެއިނަކާއެކީގަ އެވެ. ހާރިޖީ ސިޔާސަތަށް އައި ބަދަލާއެކީ، އެއީ އިންޑިއާ މިލިޓަރީ ރާއްޖޭން ބޭރުކުރަން ހިންގި ކެމްޕެއިނެއް އެކަނި ކަމަށް ބުންޏަސް އެއީ މުޅިއަކުން ހަގީގަތެއް ނޫނެވެ. އޭރު އިންޑިއާއާއެކީ އޮތް ހުރިހާ ގުޅުމަކާއި، ހަދާފައި ހުރި އެއްބަސްވުންތަކާއި، ވެދިން އެހީތަކާއި، ނެގި ލޯނުތަކާއި، ހިންގި ޕްރޮޖެކްޓުތައް ވެސް މި ސަރުކާރުގެ ވެރިންނަށް ގޯހެވެ.

އެކަމަކު މިއަދު ފެންނަނީ އޭރު ދެއްކި ހުރިހާ ވާހަކައެއް ބޮލާލާ ޖަހާފައި، އިންޑިއާއާ މާ ބޮޑަށް ގުޅުން ބަދަހިކުރާ މަންޒަރެވެ. މިކަމުގެ ދަލީލަކީ ރައީސް މުއިއްޒުގެ އިންޑިއާ ދަތުރެވެ. އެ ދަތުރުގެ ފަހަތުގައި އޮތް މައިގަނޑު ބޭނުމަކީ މާލީ ހާލަތު ރަނގަޅުކުރަން އިންޑިއާގެ އެހީތެރިކަން ހޯދުމެވެ. އެ ގައުމުން އެހީގެ އަތެއް ދިއްކޮށްލާތޯ ރައީސް އިންޑިއާއަށް ވަޑައިގެންނެވިިއިރު، މަންޒަރު ބަލާ މީހަކަށް ފެންނަނީ ސަރުކާރުގެ ސިޔާސަތަށް ގެނައި ބަދަލެއް ނޫނެވެ. ސަރުކާރު ގޮތް ހުސްވި މަންޒަރެވެ.

އައިއެމްއެފްގެ އެހީ ހޯދުމާއި ނުހޯދުން އޮތީ ސަރުކާރުގެ އަތްމަތީގަ އެވެ. ނަމަވެސް އައިއެމްއެފްގެ ޕްރޮގްރާމަކަށް ނުދާ ހާލަތުގައި އެ ނޫން ތަނަކުން ފައިސާ ހޯދަން ޖެހުނަސް، ހެޔޮ އަގެއްގައި ލޯނެއް ވިޔަސް ލިބޭނީ ސަރުކާރުގެ ހަރަދުތައް ކުޑަކޮށްގެންނެވެ. ހަމައެކަނި އެޖެންޑާއެއް އޮތަކަސް ވާނެ ކަމެއް ނެތެވެ.

ރާއްޖެއަކީ ޗައިނާ އާއި އިންޑިއާއަށް ވެސް މުހިންމު ގައުމެކެވެ. މި ދެ ގައުމު އެކަންޏެއް ވެސް ނޫނެވެ. ޖޯގްރަފީގެ ގޮތުން ރާއްޖެ އޮތް ސަރަހައްދަކީ އެމެރިކާ އާއި ހުޅަނގުގެ އެހެން ގައުމުތަކާއި އޮސްޓްރޭލިއާ އާއި ޖަޕާނު ފަދަ ސަރަހައްދީ ކަންކަމަށް ލޯއަޅާ، ކަންކަމުގައި މަސްއޫލުވާ ގައުމުތަކަށް ވެސް މުހިންމު ގައުމެކެވެ. މި ފައިދާގެ ބޭނުންކޮށްގެން ގައުމަކުން ލޯނާއި އެހީ ހޯދަން ފަސޭހަވެދާނެ އެވެ. ހަރަދު ކުޑަކުރުމުގެ ސިޔާސަތު ތަންފީޒުކުރަން މި އެހީ ބޭނުން ކުރަން ވެސް ޖެހެ އެވެ.

މިހެން ނަމަވެސް، މިއިން އެއްވެސް ގައުމަކުން، އެއީ ޗައިނާ ވިޔަސް އިންޑިއާ ވިޔަސް، ޝަރުތެއް ނުކޮށް އެއްވެސް ކަމެއް ކޮށްދޭނެއޭ ހީކުރުމަކީ މޮޔަ ކަމެކެވެ. ކޮންމެ ގައުމަކުން ވިޔަސް، ދިއްކޮށްލާ އެހީގެ ފަހަތުގައި، އެ ގައުމެއްގެ އަމިއްލަ މަސްލަހަތާ ގުޅޭ އެޖެންޑާއެއް އޮންނާނެ އެވެ. އެއީ ދުނިޔޭގެ ހަގީގަތެވެ. އިންޑިއާއިން ދިއްކޮށްލި އެހީގެ ފަހަތުގައި ވެސް ކަންތައްތަކެއް ހުރިކަން ވަރަށް ސާފެވެ.

މިސާލަކަށް އުތުރުތިލަފަޅު ނަގަމާ ހިނގާށެވެ. ރައީސް މުއިއްޒު އިދިކޮޅުގައި ހުންނަވައިގެން މިތަން ސިފަކުރެއްވީ ދިވެހި ސިފައިންގެ އެއްވެސް ބާރެއް ނެތް އިންޑިއާގެ އަސްކަރީ މަރުކަޒެއްގެ ގޮތުގަ އެވެ. ކުރީގެ ރައީސް ސޯލިހުގެ ސަރުކާރުން ވިސްނާފައި އޮތީ އެ ފަޅުން ބިން ހިއްކައި، ގޯތި ދިނުމުގެ ޕްރޮގްރާމެއް ހިންގާށެވެ. ނަމަވެސް މި ސަރުކާރުން ވަނީ އެކަން ބަދަލުކޮށް، އެ ތަން ހިއްކައިގެން ދަނޑުވެރިކަމުގެ ބިޔަ ޕްރޮޖެކްޓެއް ހިންގަން ނިންމާފަ އެވެ.

އެގޮތުން އުތުރު ތިލަފަޅު ސްޕެޝަލް އިކޮނޮމިކް ޒޯނު (އެސްއީޒެޑް) އެއްގެ ގޮތުގައި ކަނޑައަޅައި އެ ތަން ހަވާލުކުރީ, ސަރުކާރު ހިއްސާވާ ފަސް ކުންފުންޏެއް ހިއްސާވާ ގޮތަށް އުފެއްދި މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ކުންފުންޏާ އެވެ. ފްރީ ޒޯން ކުންފުނިން މިތަނުގައި ދަނޑުވެރިކަން ކުރަން ފަހުމުނަމާއެއްގައި ސޮއިކުރީ ޗައިނާ ހާބަރ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑާއި އެކީގަ އެވެ.

އުތުރު ތިލަފަޅު ޗައިނާ ކުންފުންޏާ ހަވާލުކުރުން އިންޑިއާއިން ބަލައިގަންނަ ކަމަކަށް ނުވި އެވެ. މިކަން ހާމަވީ އިންޑިއާ ސަރުކާރު މެދުވެރިވެގެން ކުރީ ސަރުކާރުން ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ވިއްކި ބޮންޑު ރޯލްއޮވާ ކުރުމުގެ މަޝްވަރާތަކުގެ ތެރެއިންނެވެ. ބޮންޑު ރޯލްއޮވާ ކުރުމުގެ މަޝްވަރާތަކުގެ ތެރެއަށް އިންޑިއާ ސަރުކާރުން އުތުރުތިލަފަޅުގެ މައްސަލައި ވައްދައި، ޗައިނާ ކުންފުންޏަކާ އެ މަސައްކަތް ހަވާލުކުރުމުގެ ކަންބޮޑުވުން ތިލަކޮށްފައިވެ އެވެ.

ރައީސް މުއިއްޒުގެ އިންޑިއާ ދަތުރުގެ ތެރެއިން މިހާރު ވަނީ މި މައްސަލައިގައި ދެ ގައުމުން އެއްބަސްވެވޭ ކަންތަައްތަކެއް ހޯދައި، އެ ގޮތަށް ކުރިއަށް ދާން އެއްބަސްވެފަ އެވެ. މި އެއްބަސްވުމުގެ ދަށުން ކުރިން އިންޑިއާގެ އަތް ދަށުގައި އޮތް ކަމަށް ބުނި އަސްކަރީ މަރުކަޒަކީ ދިވެހި ސިފައިންގެ ގާބިލިއްޔަތުކަން އިތުރުކުރުމަށް އޮތް ވަރަށް ބޮޑު އެހީއެއް ކަމަށް ގަބޫލުކޮށް، އެކަމަށް ފުރިހަމައަށް އެއްބާރުލުން ދޭން މި ސަރުކާރުން ވަނީ އެއްބަސްވެފަ އެވެ.

މުސްތަގުބަލު ޔަގީންކުރަން އުނދަގޫ ނިންމުންތައް ނިންމަން ޖެހޭ

މާލީ ހާލަތު ރަނގަޅުކުރަން ކުރާ މަސައްކަތް ކޮޅެއްގައި ނުޖެހެ އެވެ. މި އަހަރުގެ ބަޖެޓުގައި ހަރަދު ކުޑަކުރަން ބުނި ކަންކަމުގެ ތެރޭގައި އާސަންދަ ހަރަދު ކުޑަކުރުމާއި ސަބްސިޑީ ނިޒާމު ރިފޯމުކުރުން ހިމެނެ އެވެ. މިއަދާ ހަމައަށް އައިއިރު މިއިން އެއް ކަމެއްގައި ވެސް އަމަލީ ސިފައެއް ނުޖެހެ އެވެ. މުޅިން ވެސް އޮތީ ކަރުދާސް ގަނޑެއްގައި ކުރަނާމޭ ބުނެފައި އޮތް ކަމެކެވެ. ކަރުދާހުން މައްޗަށް ތިލަވެ، އަސްލު ކުރި އެއްވެސް ކަމެއް ނެތެވެ.

ރައީސް އެ ވިދާޅުވާ "ހޯމް-ގްރޯން" އެެޖެންޑާ ތަންފީޒު ނުވާހާ ހިނދަކު އިންވެސްޓަރުންގެ އިތުބާރެއް ނުލިބޭނެ އެވެ. ރޭޓިން އެޖެންސީތަކުން ރޭޓިން ދަށްކުރަމުން ވެސް މިކަން ފާހަގަކޮށްފައިވެ އެވެ. ހާއްސަކޮށް، ހަރަދު ކުޑަކުރުމުގެ ސިޔާސަތުތައް ތަންފީޒު ކުރަން ސަރުކާރުން ފަސް ޖެހެމުންދާ ނަމަ ރޭޓިންތަކާއި އިންވެސްޓަރުން އިތުބާރު ދާނީ ދަށަށެވެ. މިއީ ސިޔާސީ ގޮތުން އުނދަގޫ ނިންމުންތަކެއް ވިޔަސް އެކަން ކުރަން އެބަ ޖެހެ އެވެ.

ރާއްޖެ މި ވަގުތު ދަތުރުކުރަމުން މިދަނީ އިގުތިސޯދީ ހާލަތާއި މާލީ ހާލަތަށް ބަލާއިރު ގަދަ ކަނޑެއްގަ އެވެ. ހަރަދުތައް ކުޑަ ނުކުރެވާހާ ހާލަތެއްގައި މި ކަނޑުގައި ނަގާ ރާޅުތައް ދާނީ ބޮޑުވަމުންނެވެ. ކުރަން ޖެހޭ ދަތުރު ވާނީ އުނދަގުލެވެ. އެއާ އެކުއެކީގައި މި ދަތުރުގައި ސަރުކާރުގެ ބައިވެރިންގެ ގޮތުގައި ތިބި ރައްޔިތުން ތަހައްމަލު ކުރަން ޖެހޭ އުނދަގޫތައް ވާނީ އިތުރެވެ. މި ހުރިހާ ކަމެއް މިހެން ހުރިއިރު އައިއެމްއެފްގެ ޕްރޮގްރާމެއްގައި ބައިވެރިނުވާނަމޭ ވިދާޅުވެ އެގޮތަށް ނިންމައި މުގުރު ޖަހަން އަދި މާ އަވަހެވެ.