2 ޖަނަވަރީ 2025 - 12:35 2
ރައީސް މުއިއްޒު: ތަޖުރިބާކާރުން ވިދާޅުވަނީ، ކޮރަޕްޝަންގެ މައްސަލަތައް ފާހަގަކޮށް ފޮނުވި ސިޓީ ރައީސްއަށް އޮންނާނީ ފެނިވަޑައިގެންފައި ކަމަށް -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު
2 ޖަނަވަރީ 2025 - 12:35 2
ދިވެހި ރައްޔިތުންގެ ބިމުން ވައްކަންކޮށް، ރިޝްވަތުގެ ފައިސާ ނަގައިގެން ބަޔަކަށް ހުޅުމާލެއިން ގޯތިތަކެއް ވިއްކި މައްސަލަ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަައްމަދު މުއިއްޒަކަށް "އެނގިވަޑައައެއް ނުގަންނަވަ" އެވެ.
އެކަމަކު، ދިވެހިރާއްޖޭގެ އެންމެ ތަރައްގީ އަދި އަގުހުރި އެއް ސިޓީ ކަމަށްވާ ހުޅުމާލޭގެ ބެލެނިވެރި ކުންފުނި، ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަނުން ހިންގި އެ ވައްކަމުގެ މައްސަލައިގެ މައުލޫމާތު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ސިޓީއަކުން، އެ ކުންފުނީގެ ކުރީގެ ޗެއާމަން އަހުމަދު ޒުހޫރު އޮތީ ޖުލައި 1، 2024، ގައި އަންގައިފަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެ ސިޓީ ބަލައިގަނެ، ތައްގަނޑު ޖެހުމަށްފަހު ޒުހޫރަށް އޮތީ ލިޔުމެއް ދީފަ އެވެ. އެކަމަކު، އޭގެ 174 ދުވަހުސް ފަހުން، ރައީސް އޮފީސް ކުރިމަތީ ހުންނަވައި، ރައީސް މުއިއްޒު ވިދާޅުވީ އެ ސިޓީ އެމަނިކުފާނަށް ލިބިވަަޑައިގެންފައި ނެތް ކަމަށެވެ.
"އާދެ، އަޅުގަނޑު ވެސް ތި ވާހަކަ އަޑުއެހިން. އަޅުގަނޑަކަށް ނުލިބޭ އިނގޭތޯ ސިޓީއެއް. އަޅުގަނޑަށް ތި ވިދާޅުވާ ސިޓީއެއް އައިސްފައެއް ނެތް، ނުލިބޭ. އަޅުގަނޑަށް ލިބުނު ނަމަ އަޅުގަނޑު އެއަށް އަމަލުކުރާނަން ނުވަތަ އެއަށް ބަލާނަން،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނުގެ ވެރިކަމުގައި ފެންމަތިވި އެންމެ ބޮޑު އެއް ކޮރަޕްޝަންގެ ވާހަކަ އެނގިވަޑައިނުގަންނަވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވީ ވަރަށް "ކެޝުއަލް" ކޮށެވެ. އެ ބޮޑު ކޮރަޕްޝަންގެ މައްސަލަ ނޫސްތަކާއި ސޯޝަލް މީޑިއާގައި ތިލަވުމުގެ ކުރިން އެމަނިކުފާނަށް އެނގިވަޑައިނުގަންނަވާ ކަމަށް ރައީސް ވިދާޅުވީ، ގާނޫނުއަސާސީ ދަމަހައްޓައި، ދިފާއު ކުރެއްވުމަށް ހުވާ ކުރައްވައިގެން ހުންނެވި ވެރިއަކު ވިދާޅުވާންޖެހޭ ފަދަ މޭރުމަކުން ނޫނެވެ.
ދެ ވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް އިބްރާހިމް ނާސިރު ނޮވެމްބަރު 11، 1968، ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަކީ ލިޔެވިފައިވާ އުސޫލުތަކެއްގެ ދަށުން، އިންތިޒާމުވެގެން އެންމެ ބަރާބަރަށް ހިންގާ އެއް އޮފީހެވެ.
ނާސިރުގެ ވެރިކަމުން ފެށިގެން، ރައީސް އޮފީހަށް ފޮނުއްވާ ސިޓީތައް ބަލައިގަތުމާއި ސިޓީތަކަށް ޖަވާބު ދިނުމުގެ ކަންކަން ކުރިއަށް ގެންދަނީ ލިޔެފައިވާ އުސޫލުތަކެއްގެ ދަށުންނެވެ. ސިޓީތައް ބަލައިގަތުމާއި ޖަވާބު ދިނުމުގައި އެކި ސަރުކާރުތަކުގައި، އެކި ދުވަސްވަރު، ތަފާތު ހަމަތަކެއް ގެންގުޅުނު ނަމަވެސް ޖުމުލަކޮށް އެ މަސައްކަތް ކުރިއަށްގެންދަނީ އިންތިހާ ޕްރޮފެޝަނަލްކޮށެވެ.
ރައީސް އޮފީހަށް ފޮނުވާ ސިޓީތައް ބަލައިގަތުމާއި ޖަވާބު ދިނުމަށް ނާސިރުގެ ވެރިކަމުގައި ކަނޑައެޅި ބައެއް އުސޫލުތައް އަދިވެސް ފެންނަން އެބަހުއްޓެވެ. އޭގެ ތެރެއިން އެއް އުސޫލަކީ، ރައީސް އޮފީހަށް ފޮނުވާ ސިޓީތައް ބަލައިގަތުމަށް ވަކި ހާއްސަ ބަޔަކު ހަމަޖެއްސުމެވެ.
އޯގަސްޓު 3، 1972، ގައި ނާސިރުގެ ޕްރައިވެޓް ސެކްރެޓަރީ ނ. ތ. ހަސަން ދީދީ ސޮއި ކުރައްވައި، ރައީސް އޮފީހުގެ ނަމުގައި ނެރުނު ދެންނެވުމެއްގައި، އެ އޮފީހަށް އަންނަ ސިޓީތައް ބަލައިގަނެ، ސޮއި ކުރުމުގެ ހުއްދަ އެ އޮފީހުގެ ދެ މުވައްޒަފުން ކަމަށްވާ މުހައްމަދު ސޯދިގު އަދި ނިއުމަތު ނަފީސްއަށް ވަނީ ދީފަ އެވެ. އެ ހުއްދަ ދިނީ ސީދާ ރަައީސުލްޖުމްހޫރިއްޔާ އެވެ.
ރައީސް އޮފީހަށް ސިޓީ ބަލައިގަތުމާއި ސިޓީތަކަށް ޖަވާބު ދިނުމަށް ރައީސް ނާސިރަށް ފަހު ނޮވެމްބަރު 11، 1978، ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ގޮތްތަކެއް ކަނޑައެޅުއްވި އެވެ. އެގޮތުން ސިޓީތަކަށް ޖަވާބުދިނުމުގައި އަމަލު ކުރަންޖެހޭ ދެ ގޮތެއް 1981 ވަނަ އަހަރު މައުމޫން ކަނޑައެޅުއްވި އެވެ.
މިނިސްޓާ އޮފް ސްޓޭޓް ފޯ ޕްރެޒިޑެންޝަލް އެފެއާޒް އަބްދުﷲ ޖަމީލް ސޮއި ކުރައްވައި ޑިސެމްބަރު 16، 1982، ގައި ރައީސް އޮފީހުން ނެރުނު ދެންނެވުމެއްގައި ބުނެފައި އޮތީ، އަމިއްލަ މީހުން ފޮނުވާ ސިޓީތަކަށް ލިޔުމުން ޖަވާބު ދޭންޖެހިއްޖެ ނަމަ ލިޔުމުން ޖަވާބު ދިނުމަށެވެ. ލިޔުމުން ދޭންނުޖެހޭ ޖަވާބެއް އަނގަބަހުން ދޭންޖެހިއްޖެ ނަމަ އެ ޖަވާބެއް ދޭންޖެހޭނީ ފޮތެއްގައި ލިޔުމަށްފަހު ކަމަށް ވެސް އެ ދެންނެވުމުގައި ބުނެފައިވެ އެވެ. އެ ދެންނެވުން ނެރުނީ ރައީސް އޮފީސް ހިމެނޭ ގޮތަށް ސަރުކާރުގެ ހުރިހާ އިދާރާއަކުން އަމަލު ކުރަންޖެހޭ ގޮތަށެވެ.
އެއީ އިހުގައި ކަންތައް ކުރި ގޮތެވެ. ރާއްޖެއަކީ ތަރައްގީވެ، ދުނިޔެއަށް ހުޅުވިފައިވާ ގައުމެއް ނޫނެވެ. އެކަމަކު މިހާރުގެ ހާލަތު ތަފާތެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީސް މިހާރު ހިންގަނީ އަދި މާ ވަރުގަދަކޮށެވެ. އުސޫލުތައް މާ ބޮޑަށް ވެސް ހަރުދަނާ ވާނެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މަސައްކަތްތައް ލިޔެ، އެ އޮފީހުން އާންމުކޮށްފައިވާ ލިޔުމެއްގައި، އެ އޮފީހުގެ ހުރިހާ ޑިޕާޓްމަންޓުތަކުގެ މަސައްކަތް ވަނީ ތަފުސީލުކޮށްދީފަ އެވެ. އޭގެ ތެރެއިން އެއް ޑިޕާޓްމަންޓަކީ ސެކްރެޓޭރިއެޓް އޮފް ދަ ޕްރެޒިޑެންޓް ނުވަތަ އެސްޕީ އެވެ. "ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް" އެޑްރެސްކޮށްފައި ހުންނަ ތަކެތި ރައީސްއަށް އެރުވުމަކީ އެ ޑިޕާޓްމަންޓުގެ ޒިންމާއެކެވެ.
ރައީސްގެ އަރިހަށް ޒުހޫރު ފޮނުވި ސިޓީ ލިބިވަޑައިނުގަންނަވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވުމުން ރައީސް އޮފީހުގެ މަސައްކަތް ހިނގާ ގޮތް ބެލުމަށް އެ އޮފީހުގައި އެކި ސަރުކާރުތަކުގައި މަސައްކަތް ކުރި ފަސް މީހަކު "އަދަދު" އާ ވާހަކަ ދެއްކި އެވެ.
އެ އެންމެން ވެސް ބުނީ، ރައީސްއަށް އެޑްރެސްކޮށް ފޮނުވާ ސިޓީއެއް ރައީސްއާ ހަމައަށް ނުގެންގޮސް ނުހުންނާނެ ކަމަށެވެ. ރައީސް އޮފީހުގެ މަސައްކަތް ހިނގާ ގޮތުން އެފަދަ ސިޓީއެއް ޑިޕާޓްމަންޓެއްގައި ތާށިވެފައި އޮތުމަކީ ކަންހިނގާނެ ގޮތް ނޫން ކަމަށް މި ނޫހާ ވާހަކަ ދެއްކި މީހުން ބުންޏެވެ.
ރައީސް އޮފީހަށް ފޮނުވާ ސިޓީތަކުގެ ތެރެއިން، ރައީސްއަށް އެޑްރެސްނުކޮށް ހުންނަ ސިޓީތައް ކަމާ ބެހޭ ޑިޕާޓްމަންޓުތަކަށް ގެންގޮސް އެކަމަކާ ގުޅޭ ފިޔަވަޅެއް އަޅަ އެވެ. ނަމަވެސް އެފަދަ ސިޓީތަކުގައި ވެސް ރައީސްއަށް އެނގެންޖެހޭވަރުގެ ކަމެއް އޮތް ނަމަ، ރައީސްއާ ހަމައަށް އެ ސިޓީއެއް ނުވަތަ މައުލޫމާތެއް ގެންދެ އެވެ.
ރައީސްއަށް އެޑްރެސްކޮށްފައި ހުންނަ ސިޓީތަކާމެދު އަމަލު ކުރަނީ މުޅިން ތަފާތުކޮށެވެ. އެފަދަ ސިޓީތަކާމެދު ގޮތެއް ނިންމޭނީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާއަށެވެ. އެހެންކަމުން، ކުޑަ ނުވަތަ ބޮޑު ކަމެއް ވިޔަސް އެ ސިޓީ ކޮންމެހެން ރައީސްއާ ހިސާބަށް ގެންދަންޖެހެ އެވެ.
"ރައީސްއަށް އެޑްރެސްކޮށްފަ އޮތް ސިޓީއެއް ވިއްޔާ އިތުރު އެއްވެސް ސެކްޝަނެއްގައި ސިޓީއެއް ނުބާއްވާނެ. ޗީފް އޮފް ސްޓާފަށް ވެސް އެއާމެދު ގޮތެއް ނުނިންމޭނެ. އަޅުގަނޑުގެ ތަޖުރިބާއަށް ބަލާއިރު ބެލެވެނީ ޒުހޫރުގެ ސިޓީ ރައީސްއާ ހަމައަށް ގެންގޮސްފައި ކަމަށް އޮންނާނީ. ދެން ވެދާނެ ރައީސް ގޮތެއް ނުނިންމަވައި، ނުވަތަ ކޮމެންޓެއް ނުކުރައްވަނީ ކަމަށް،" ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވި އެވެ.
ރައީސްއަށް އެޑްރެސް ކުރާ ސިޓީތަކާމެދު އަމަލު ކުރާ ބައެއް ގޮތްތައް
އެޗްޑީސީގައި ހިންގަމުންދިޔަ ކޮރަޕްޝަންތަކުގެ މައްސަލަ ތަފުސީލުކޮށް އެތަނުގެ ކުރީގެ ޗެއާމަން ޒުހޫރު ސިޓީ ފޮނުވީ ސީދާ ރައީސުލްޖުމްހޫރިއްޔާއަށް އެޑްރެސްކޮށްފަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މަސައްކަތްތައް ބަޔާންކޮށް އާންމުކޮށްފައިވާ ލިޔުމުގައިވާ ގޮތުން އެފަދަ ސިޓީތައް ސީދާ ރައީސްގެ އަރިހަށް ގެންދަންޖެހެ އެވެ. ގެންދަންޖެހޭ ބަޔަކު ވެސް ތިބެ އެވެ. އެފަދަ ސިޓީއެއް ރައީސް އަރިހަށް ނުގެންގޮސް ހިފަހައްޓައިފި ނަމަ އެމީހަކު ނުވަތަ އެ ބަޔަކު އެ ކުރީ ކުށެވެ.
އެގޮތަށް ކަންތައް ހިނގާފައި އޮތް ނަމަ އެ މައްސަލައެއް ފުލުހުން ނުވަތަ ސިފައިން މެދުވެރިކޮށް ބަލައި، ޒިންމާވާންޖެހޭ މީހުންނާމެދު ގާނޫނުގެ ތެރެއިން ފިޔަވަޅު އަޅަންޖެހޭނެ އެވެ.
އެޗްޑީސީ ވައްކަން ފުލުހުން ތަހުގީގު ކުރަން ފެށި ކަމަށް ބުނި ނަމަވެސް އެ ކޮރަޕްޝަނުގެ އެންމެ ފުނެއް އަދި އާންމުންނާ ހަމައަށް ތިލަވެފައެއް ނުވެ އެވެ. އެއީ ކިތައް ބިލިއަން ރުފިޔާގެ ވައްކަމެއްކަން އަދި ހާމައެއް ނުވެ އެވެ. އެނގޭ ކަމަކީ، އެއީ މި ދައުރުގައި، އަދި ރާއްޖޭގެ ފަހުގެ ތާރީހުގައި ހިންގި އެންމެ ބޮޑު އެއް ވައްކަން ކަމެވެ.
އެ ވައްކަންތަކުގެ މައުލޫމާތު ރައީސް މުއިއްޒަށް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވުމަކީ، ކޮރަޕްޝަންގެ މައްސަލަތައް ބެލުމާއި ވައްކަންތައް ހުއްޓުވަން ސަރުކާރުން މަސައްކަތް ކުރާ ލެވެލް ހާމަވި ކަމެކެވެ. ކަމުގެ ތަޖުރިބާކާރުން އެކަމާ އެއްބަސްވެ އެވެ.
"ރައީސުލްޖުމްހޫރިއްޔާއަށް ކޮރަޕްޝަނުގެ މައުލޫމާތު ނޭގޭކަމަށް ވިދާޅުވުމަކީ ކަންބޮޑުވާ ކަމެއް. އަދި އެއީ ޒިންމާއިން އެކަހެރި ވެވޭނެ ހުއްޖަތެއް ކަމުގަވެސް ގަބޫލެއްނުކުރެވޭ. އެކަމުން ދައްކުވައިދެނީ ހާމަކަމާއި ޒިންމާދާރުކުރުވުމަށް ސަރުކާރުން އިންތިހާއަށް މަސައްކަތްތަކެއް ކުރަންޖެހޭކަން. ހަގީގަތުގައި ވެސް ރާއީސަށް އެކަން ނޭގިއޮތްނަމަ، ނިޒާމީ ބޮޑެތި މައްސަލަތަކެއް ހުރިކަން އެބަ ހާމަވޭ،" ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ ޗެއާޕާސަން އިބްރާހިމް ތައްޔިބް މި ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.
ތައްޔިބް ދެން ފާހަގަ ކުރެއްވީ، ވައްކަން ހުއްޓުވުމުގެ ނިޔަތް އޮންނަ ސަރުކާރަކުން، ކޮރަޕްޝަން ހުއްޓުވަން ކުރަންޖެހޭނެ މަސައްކަތްތަކެވެ.
ކޮރަޕްޝަނާއި ފަސާދައިގެ ބޮޑެތި އަމަލުތައް ހިނގައި، ދައުލަތާއި އާންމު ރައްޔިތުންނަށް ބޮޑެތި ގެއްލުން ލިބުމުގެ ކުރިން، ހަރުދަނާ ރިޕޯޓިން، މޮނިޓަރިން މެކޭނިޒަމްތައް އެކުލަވާލައި، ތަންފީޒުކޮށް އެކަންކަން ހުއްޓުވަން ނުވަތަ ޕްރިވެންޓް ކުރަން ބޭނުންވާ ނިޒާމީ އޮނިގަނޑު ގާއިމުކުރަންޖެހޭ،" އޭނާ ވިދާޅުވި އެވެ.
އެކަމަކު، ސަރުކާރުގެ އިސް ވެރިން ހިމެނޭ ކޮރަޕްޝަނުގެ މައްސަލަތައް "ކުރިއަށްނުކަނޑާ" ކަން ތައްޔިބް ފާހަގަ ކުރެއްވި އެވެ. އެހެން އެކަން އޮއްވައި، ކޮރަޕްޝަން ބަލަން ގާނޫނުއަސާސީއިން ކަނޑައަޅާފައިވާ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ރައީސް އަދި ނައިބު ރައީސްއަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެންބަރުންގެ ގޮތުގައި ހަމަޖެއްސުމުން އެކަމުގެ ކަންބޮޑުވުން ވެސް ތައްޔިބް ފާހަގަ ކުރެއްވި އެވެ.
"ކޮރަޕްޝަންގެ މައްސަލަތައް އެންމެ ރަނގަޅު ގޮތުގައި ބެލޭ ތަނެއް ނުފެނޭ ހާއްސަކޮށް ބާރުވެރި މަގާމުތަކުގައި ތިބޭ މީހުން އެ މައްސަލައެއްގައި ހިމެނޭ ނަމަ. އެހެން އެކަން އޮއްވާ އޭސީސީގެ ދެ މެންބަރަކު ވަކިކޮށް، އެ ކޮމިޝަނުގެ ރައީސް އާއި ނައިބު ރައީސް އަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ ބައެއްގެ ގޮތުގައި މި ހަމަޖެއްސީ ވެސް،" އޭނާ ވިދާޅުވި އެވެ.
އެޗްޑީސީގެ މައްސަލަ ރައީސް މުއިއްޒަށް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވުމުން، ކޮރަޕްޝަނާ ދެކޮޅަށް އަބަދުވެސް އަޑުއުފުލާ ދަ ޑިމޮކްރެޓްސްގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވެސް ކަންބޮޑުވުން ފާޅު ކުރެއްވި އެވެ. އޭނާ ގަބޫލު ކުރައްވަނީ ޒުހޫރު ފޮނުވި ސިޓީ ރައީސްއަށް އޮންނާނީ ލިބިވަޑައިގެންފަ އެވެ.
"ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރާ ވައްތަރަކަށް ނޫން ސަރުކާރުން މި އުޅުއްވަނީކީ،" އިންތި ވިދާޅުވި އެވެ. "ސިޓީ އޮންނާނީ ރައީސްއަށް ލިބިވަޑައިގެންފަ. އަދި ރަސްމީކޮށް ވާހަކަ ދެއްކުމުގެ އިތުރުން ނުރަސްމީކޮށް ވެސް އެ ވާހަކަތައް އެތައް ފަހަރަކު އޮންނާނީ ދެކެވިފަ."
~~
ބޮޑު ކޮރަޕްޝަނެއްގެ މައްސަލަތައް ފާހަގަކޮށް ރައީސް އޮފީހަށް ފޮނުވި ސިޓީއެއް އެމަނިކުފާނަށް ލިބިވަޑައިނުގަންނަވާ ކަމަށް ވިދާޅުވުމުން، ހާމަވަނީ ސަރުކާރުގެ ނާގާބިލުކަމެވެ. އެއް ގޮތަކީ އެއީ ތެދަކަށްވުމެވެ. އެހެންވެއްޖެ ނަމަ އޮފީސް ހިންގުމުގައި ރައީސް މުއިއްޒު ނުކުޅެދިއްޖެ އެވެ. އަނެއް ގޮތަކީ ރައީސް މުއިއްޒު ދޮގެއް ހެއްދެވުމެވެ. އެހެންވެއްޖެ ނަމަ ވައްކަންތައް ހުއްޓުވުމަށް އެމަނިކުފާނު އިހުލާސްތެރި ނޫންކަން އެންމެނަށް ހާމަވީ އެވެ.
Comment