2 ޖަނަވަރީ 2025 - 12:05 0
އަހުމަދު އާއިދު
ރަސްމީ ދަތުރެއްގައި ރައީސް ފުރާވަޑައިގަންނަވާތީ މަޖިލީހުގެ ރައީސް އަދި ނައިބު ރައީސް އެއާޕޯޓުގައި : އަހަރު ނިމުނުއިރު ދަތުރުތަކަށް ކަނޑައެޅި ބަޖެޓަށްވުރެ އިތުރަށް 38 މިލިއަން ވަނީ ހަރަދުކޮށްފަ --- ފޮޓޯ: ރައީސް އޮފީސް
2 ޖަނަވަރީ 2025 - 12:05 0
ވޭތުވެދިޔަ 2024 ވަނަ އަހަރު ސަރުކާރުން ނިންމާލީ ދައުލަތުގެ ބަޖެޓުގައި ދަތުރުތަކަށް ކަނޑައެޅި އަދަދަށްވުރެ އެތައް މިލިއަނެއް ހަރަދުކޮށްގެން ކަން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސުން ކޮންމެ ހަފުތާއަކު އާންމުރާ ދައުލަތުގެ މާލީ ހިސާބުތައް ދައްކާގޮތުން ޑިސެމްބަރު 26، 2024 ގެ ނިޔަލަށް ދައުލަތުގެ ދަތުރުފަތުރަށް ޖުމްލަ 266،6 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.
މިދިޔަ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓުގައި ދަތުރުފަތުރަށް ކަނޑައަޅާފައި އޮތީ 228.3 މިލިއަން ރުފިޔާ އެވެ. އޭގެތެރޭގައި ބޭރު ދަތުރުތަކަށް ކަނޑައަޅާ 69 މިލިއަން ރުފިޔާ، ރާއްޖޭގެ އެތެރޭގެ ދަތުރުތަކަށް 53 މިލިއަން އަދި ކަނޑުގެ ދަތުރުތަކަށް 44 މިލިއަން ހިމަނާފައިވެ އެވެ.
ބަޖެޓު ހުސްވާތީ، މިދިޔަ އަހަރުގެ ފަހުކޮޅު ފާސްކުރި ސަޕްލިމެންޓަރީ ބަޖެޓުގައި ވެސް ދަތުރުފަތުރަށް އިތުރު ފައިސާއެއް ހިމަނާފައި ނުވެ އެވެ.
މި އަދަދުތަކުން ފެންނަ ގޮތުން ވޭތުވެދިޔަ އަހަރުގެ ފަހު ހަފުތާއާ ހަމައަށް ބަޖެޓުކުރި މިންވަރަށްވުރެ އިތުރަށް ދައުލަތުގެ ދަތުރުތަކަށް 38.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. މި ހަރަދުތައް އިތުރުވި ސަބަބާމެދު ސަރުކާރުން ރަސްމީ ބަހެއް ނުބުނެ އެވެ.
2024 ފާހަގަވެގެން ގޮސްފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ސަރުކާރުގެ އިސްވެރިން ގިނަ ދަތުތުރުތަކެއް ކުރެއްވި އަހަރެއްގެ ގޮތުގަ އެވެ.
އެގޮތުން، ރައީސް މުއިއްޒު ވަނީ މަޖިލިސް އިންތިހާބާ ދިމާކޮށް ރާއްޖޭގެ ގިނަ އަތޮޅުތަކަކަށް ރަސްމީ ދަތުރުތަކެއް ކުރައްވާފަ އެވެ. ޑިސެމްބަރު މަހުގެ ކުރީކޮޅުވެސް އެފަދަ ދަތުރުތަކެއް ކުރެއްވި އެވެ.
އޭގެއިތުރުން، އެމަނިކުފާނު ވަނީ ރާއްޖޭން ބޭރަށް ވެސް ގިނަ ދަތުރުތަކެއް ކުރައްވާފަ އެވެ. އޭގެތެރޭގައި ޗައިނާ، އެމެރިކާ، އިންޑިއާ، އެކުވެރި އަރަބި އިމާރާތް، ސައުދީ އަރަބިއާ، އަޒަރުބައިޖާން އަދި އެންޓީގާ އެންޑް ބާބިޔުޑާ އަށްވެސް އެމަނިކުފާނު ވަނީ ވަޑައިގެންފަ އެވެ.
ރައީސްގެ އިތުރުން އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އަދި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު އަދި ހާރިޖީ ވަޒީރުކަން ކުރެއްވި ދެ ބޭފުޅުން ވެސް ވަނީ އެތެރޭގެ އަދި ބޭރުގެ ރަސްމީ ދަތުރުތަކެއް ކުރައްވާފަ އެވެ.
ހާއްސަކޮށް މިހާރު މާލީ ވަޒީރުގެ ގޮތުގައި ހުންނެވި މޫސާ ޒަމީރު ވަނީ ރައީސްގެ ހާއްސަ ސިޓީތަކެއް ހިއްޕަވައިގެންވެސް ހަތަރު ގައުމަކަށް ވަޑައިގެންނެވި އެވެ.
Comment