26 އޮގަސްޓު 2024 - 10:19 2
ސާއިފް ޝިޔާދު
26 އޮގަސްޓު 2024 - 10:19 2
އިއްޔެ މުޅި ގައުމު ހާސްކަމެއްގެ ތެރެއަށް ވެއްޓުނީ 43.7 ބިލިއަނުގެ އެސެޓާއެކު އޮތް ބޭންކް އޮފް މޯލްޑިވްސްގެ ބޮޑު ނިންމުމަކާއެކު އެވެ. ޑޮލަރު މުއާމަލާތްތައް ލިމިޓު ކުރުމާއެކު ބޭންކުގެ 345,000 ކަސްޓަމަރުންގެ ތެރެއިން އެތައް ބައެއްގެ އާމްދަނީ މަދު ގަޑިއިރުތަކަކަށް ވިޔަސް ހުއްޓުނެވެ. ބޭރުގައި ކިޔަވަން ތިބި ދަރިވަރުންނަށް ގޮތް ހުސްވި އެވެ.
ބޭންކުން އެކަން އިއުލާނުކުރުމުގެ ކުރިން ވެސް މިކަން މިގޮތަށް ހިނގާކަން ގިނަ ބަޔަކަށް އެނގެ އެވެ. ބޯޑުން ނިންމުން ނިންމިކަން އޮތީ އެނގިފަ އެވެ. ހަމައެކަނި ނޭނގެނީ ލިމިޓު ކުޑަ ކުރަނީ ކަމެއް ނުވަތަ ލިމިޓު އެއްކޮށް އުވާލަނީ ކަމެވެ. މިއަހަރު ކުރީކޮޅު ވެސް ބޭންކުން ކާޑުތަކުގެ ޑޮލަރު ލިމިޓު ކުޑަކުރާ ކަމުގެ އަޑުތަކެއް ފެތުރުނެވެ.
އެ ބަދަލުތައް އިއުލާނު ކުރުމާއެކު އެއީ ރައްޔިތުންގެ ރުހުން އޮތް ކަމެއް ނޫން ކަމަށް ސަރުކާރަށް ފަހުމްވި އެވެ. ބޭންކުގެ ސީއީއޯ އާއި އެމްއެމްއޭގެ ގަވަރުނަރު ރައީސް އޮފީހަށް ހާޒިރުކުރި އެވެ. ކަންދިމާކުރި ގޮތުން އެއީ ކެބިނެޓު ބައްދަލުވުން ވެސް އެ ގަޑީގައި ދިޔައީ ހިނގަމުންނެވެ.
އެ އޮފީހުގައި ބޭއްވި ބައްދަލުވުންތައް ނިމި ހަވީރުގެ ފިނި ޖެހުނު ވަގުތު ބޭންކުން އެ ނިންމުން އަބުރާ ގެންދިޔަކަން ހާމަކުރި އެވެ. އެމްއެމްއޭގެ "އިރުޝާދުގެ ދަށުން" ކުރި ކަމަކަސް އެއީ ސީދާ ސަރުކާރުގެ ނުފޫޒުން ކުރި ކަމެއްކަން ސާފެވެ. އިއްޔެގެ އެ ގަޑިތަކުގައި ސަރުކާރުގެ ވެރިންނާއި, އޮފިޝަލުންނާއި, މެންބަރުންގެ ރާގު ބަދަލުވި ގޮތުން އެކަން ވަރަށް ސާފެވެ.
ދުންމާރިތަކުން ފުރަތަމަ ފުމުނީ އެކަމަށް ސަނާ ކިޔުމުގެ އަޑުތަކެވެ. އެކަން ދިފާއު ކުރުމުގެ އަޑުތަކެވެ. ނެތް އެއްޗެއް ބޭންކަށް ވެސް ނުދެވެނޭ ކަމުގެ ވާހަކަ އެވެ. އިރު ހުޅަނގަށް ދަތުރުކުރަމުންދިޔަ ވަރަކަށް ބޭންކު ގޯސްވެ އެންމެފަހުން ގޮސް ބޭންކުން ބަޣާވާތް ކުރި ކަމަށް ދުންމާރިތަކުން ގޮވަން ފެށި އެވެ.
ބީއެމްއެލްއަކީ އާންމުންނާއި ސަރުކާރު ހިއްސާވާ ޕަބްލިކް ލިމިޓެޑް ކުންފުންޏެކެވެ. އެ ބޭންކުގައި ސަރުކާރުގެ ހިއްސާއަކީ 62.2 ޕަސެންޓެވެ. އިތުރު 4.1 ޕަސެންޓު ހިއްސާވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކެވެ. ބާކީ 32.7 ޕަސެންޓުގެ ހިއްސާދާރުންނަކީ އާންމުންނެވެ.
މި ސަރުކާރު އައުމަށް ފަހު އަދިވެސް ބޭންކުގެ ފުރިހަމަ ބޯޑެއް އެކުލަވާލެވިފައި ނުވެ އެވެ. ޗެއާމަންގެ މަގާމު އަދިވެސް އޮތީ ހުހަށެވެ. ދެ ފަހަރެއްގެ މަތިން ގާނޫނާ ހިލާފަށް ޑިރެކްޓަރުންތަކެއް ވަކިކޮށްފި އެވެ. ބޯޑުގައި ނެތް މެންބަރަކު ވެސް ވަކިކޮށް ސިޓީ ފޮނުވި އެވެ. ސަރުކާރުތަކާއެކު ބޯޑަށް އަބަދުވެސް ބަދަލުތައް އާދެ އެވެ.
އެގޮތުން, ބީއެމްއެލްގެ ބޯޑަށް މެއި 30, 2023 ގައި 10 މެމްބަރުން އައްޔަނުކުރިއިރު އޭގެ ތެރެއިން ހަތް މެމްބަރުންނަކީ އޭރުގެ ސަރުކާރުން ނޮމިނޭޓު ކުރި ބޭފުޅުންނެވެ. އޭގެ ތެރެއިން ފަސް މެންބަރުން މި ސަރުކާރުން ވަކިކުރީ ޖެނުއަރީ 25, 2024 ގަ އެވެ.
އެއީ, ބީއެމްއެލްގެ ތާރީހުގައި ވެސް ބޯޑުގެ ހިންގުން ހުއްޓުމަކަށް ގެނުވޭ ގޮތަށް ސަރުކާރުން އަމަލުކުރި ފުރަތަމަ ފަހަރެވެ. އޭގެ ތެރެއިން ދެ މެންބަރުން ފަހުން އައްޔަނުވެސް ކުރި އެވެ. އާ ޗެއާޕާސަންގެ ގޮތުގައި މަގާމުގައި ހުންނެވި ހަސަން ޒަރީރު ޓެކްސް ކޮމިޝަނަރަކަށް އައްޔަނުކުރުމުން އޭނާ ބޭންކު ބޯޑުން އިސްތިއުފާ ދެއްވީ އެވެ. އަދިވެސް އެ މަގާމު އޮތީ ހުހަށެވެ.
އެއަށްފަހު މެއި 28, ގައި ބޭއްވި އަހަރީ އާންމު ޖަލްސާގައި މި ސަރުކާރުން ހުށަހެޅި ހަ ބޭފުޅެއްގެ ނަން ފާސްކޮށް ބޯޑަށް އައްޔަނުކުރި އެވެ. އޭގެ ތެރެއިން ބައެއް ބޭފުޅުންނަކީ އޭރު ވެސް ބީއެމްއެލްގެ ބޯޑުގައި ހިދުމަތްކުރައްވަމުން ގެންދެވި ބޭފުޅުންނެވެ. އެއީ;
މި ހުރިހާ ބޭފުޅުންނަކީ ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ނޮމިނޭޓު ކޮށްގެން ބޭންކުގެ ބޯޑަށް އައްޔަނުކޮށްފައިވާ ބޭފުޅުންނެވެ. އާންމު ގޮތެއްގައި ބޭންކުގެ ބޯޑަށް މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ފުރުސަތު އޮތް ނަމަވެސް ސަރުކާރުތަކުން ބޭނުންވާ ސިޔާސަތުތައް ބޭންކު މެދުވެރިކޮށް ތަންފީޒު ކުރުމުގައި މި ޑިރެކްޓަރުން ރޯލެއް އަދާކުރެ އެވެ.
ބޭންކުގެ ބޮޑު ނިންމުމުގެ އެއް ދުވަސް ކުރިން ދެން އިވުނީ ބޯޑު މެންބަރުކަމުން ވަކިކުރި ކަމަށް ބުނެ އެ ބޭންކުގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީނަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ސިޓީއެއް ފޮނުވި ހަބަރެވެ. އެއީ އެ ބޭންކުގެ ހިންގާ ގަވާއިދު ތަންދޭ ކަމެއް ނޫނެވެ.
ބީއެމްއެލްގެ ހިންގާ ގަވާއިދުގައި ބޭންކުގެ ޑިރެކްޓަރުންގެ ބޯޑު އެކުލެވިގެންވާ ގޮތާއި ޑިރެކްޓަރުންގެ މަގާމުގެ މުއްދަތާއި އެ މުއްދަތު ހަމަނުވަނީސް ޑިރެކްޓަރުން މުސްކުޅި ކުރުމާއި ނާގަބިލުވުމާއި ވަކިކުރުމުގެ ހަމަތައް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވެ އެވެ.
ބޭންކުގެ ޑިރެކްޓަރުން މުސްކުޅި ކުރުމާއި ނާގަބިލުވުމާއި ވަކިކުރުމާ ގުޅޭ ކަންކަން ބަޔާންކޮށްފައިވަނީ ހިންގާ ގަވާއިދުގެ 57 ވަނަ މާއްދާގަ އެވެ. އެ މާއްދާގައި ބޭންކުގެ ޑިރެކްޓަރުންގެ މަގާމު ހުސްވާނެ 10 ހާލަތެއް ބަޔާންކޮށްފައިވެ އެވެ. މީގެ ތެރޭގައި ޕީސީބީއަށް، އަދި ސަރުކާރުން ބޭނުންވިކަމުގައިވިޔަސް، ޑިރެކްޓަރުން ވަކިކުރެވޭނެ ގޮތެއް ނެތެވެ.
ސަރުކާރުން ބޭނުންވެގެން ބޭންކުގެ ޑިރެކްޓަރުން ވަކިކުރެވޭނީ ކުރިން ބުނި މާއްދާގެ (ބ)ގެ ދަށުންނެވެ. އެއީ އާންމު ހިއްސާދާރުންގެ ހާއްސަ ޖަލްސާއެއްގައި ބައްދަލުވުމަށް ހާޒިރުވެފައި ތިބި ހިއްސާދާރުންގެ 51 ޕަސެންޓު އަގުލަބިއްޔަތުން ފާސްކުރާ ގަރާރަކުންނެވެ. މިއީ ބޭންކުގެ މައި ހިއްސާދާރުގެ ހައިސިއްޔަތުން އާންމު ހިއްސާދާރުންގެ ވޯޓާ ނުލައި ވެސް ސަރުކާރަށް ފަސޭހައިން ކުރެވޭނެ ކަމެކެވެ.
އިއްޔެ މެންދުރު ރައީސް އޮފީހުގައި ބާއްވަން ނިންމި ނޫސްވެރިންގެ ބައްދަލުވުން ވެސް ބޭއްވުނު ކަމަށްވީ ބީއެމްއެލްގެ ނިންމުން އަނބުރާ ގެންދިޔުމުންނެވެ. އިރު އޮއްސެން ކައިރިވެފައި އޮއްވައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަކުރާރުކޮށް ސަރުކާރުން ބޭންކާއި މުއާމަލާތް ކުރިތޯ އެހުމުން ވެސް ސާފު ޖަވާބެއް ހަތަރު ވަޒީރުންނަށް ވެސް ނުދެއްވުނެވެ.
އެންމެ ފަހުން ގޮސް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ޖަވާބު ދެއްވަމުން ދަނިކޮށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ ފޯނަށް 17:56 ހާއިރު މެސެޖެއް އާދެ އެވެ. އެ މެސެޖު ކިޔުއްވުމަށް ފަހު ޝަފީގު ވާހަކަ ދައްކަމުން ދިޔަ ޕޯޑިއަމްގައި ފޯނު ބޭއްވި އެވެ. ޝަފީގު އެ މެސެޖު ވިދާޅުވާނެ ކަމަށް ދެކެވަޑައިގެންނެވެ.
ނަމަވެސް, ޝަފީގު އެ މެސެޖު ޕޯޑިއަމްގައި ވިދާޅު ނުވުމުން ސައީދު ޝަފީގަށް ފަހު ޕޯޑިއަމަށް އަރާ ވަޑައިގެން ވަރަށް ސާފުކޮށް ސައީދު ތަކުރާރުކޮށް ކުރަމުންދިޔަ ސުވާލަށް ޖަވާބު ދެއްވި އެވެ.
"ބީއެމްއެލްއިން މިއަދު އަމަލު އެ ކުރީ ސީދާ ރައީސް އެކަން އެގޮތަށް ނުކުރަން ހަމަ އަންގާފައި އޮއްވައި. އަޅުގަނޑު ވާހަކަ ނިންމާލަމުން އެ ވާހަކަ ފާހަގަ ނުކުރެވި އޮތީމައި," ސައީދު ވިދާޅުވި އެވެ.
މި ސަރުކާރުން ފުރިހަމައަށް ކުރާ އެއް ކަމެއް އޮވެ އެވެ. އެއީ ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރުމެވެ. އަދި, ގޯސްކޮށް ކަމެއް ހިނގާނަމަ ވަގުތުން އެމަނިކުފާނުގެ ނަން ކްލިއާ ކުރުމަށް މިނިސްޓަރުން ނެރުމެވެ.
އެމްއެމްއޭ އައީ ދައުލަތުގެ ކަމާ ގުޅޭ ހުރިހާ ވުޒާރަތަކާއި ބީއެމްއެލްއާ ދެމެދު މަޝްވަރާ ކުރާ ކަމަށް ވިދާޅުވި ނަމަވެސް ޕްރެސް ކޮންފަރެންސަށް 40 ވަރަކަށް މިނެޓު ވެގެންދިޔައިރު އެ ވާހަކަ ސައީދު ވިދާޅު ނުވެ ހުންނަވަންވީ އެއްވެސް ސަބަބެއް ނެތެވެ.
އެ ބޭންކަށް މިފަހުން ބޮޑެތި ބަދަލުތަކެއް ގެނައީ މިވެރިކަމުގަ އެވެ. ޑިރެކްޓަރުންގެ ބޯޑަށް އެތައް ފަހަރަކު ބަދަލު ވަނީ ގެނެސްފަ އެވެ. ސައީދުގެ އެ ވާހަކައިން ހާމަވި އެންމެ ބޮޑު ކަމަކީ އެ ބަދަލުތައް ގެންނަކަން ސަރުކާރަށް ބީއެމްއެލްގެ ފަރާތުން އޮތީ އަންގާފައި ކަމެވެ.
ދެވަނަ ކަމަކަށް އެ ނިންމުން ބަދަލު ކުރުމުގައި ސަރުކާރުގެ ނުފޫޒު އޮތް މިންވަރެވެ. ރައްޔިތުން ހަންމަތަކުރަން އިތުރު އެއް ގޮތެއް ވެސް ނެތުމުން ބޭންކުގެ ސީއީއޯ ހާޒިރުކޮށް އެމްއެމްއޭ މެދުވެރިކޮށް ނިންމުން ބަދަލުކުރަން އެންގި ކަމެވެ. އިއްޔެ ބޭންކަށް ގެއްލުނީ ހަމައެކަނި ދިވެހިންގެ އިތުބާރެއް ނޫނެވެ. މުޅި ބައިނަލްއަގްވާމީ މާލީ އިދާރާތަކުގެ އިތުބާރެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment