Advertisement

ރައީސްގެ ފަރާތުން މެންބަރުންނަށް ދޭ ފައިސާ ހޯދަނީ ކޮންތަނަކުން، ކިހިނެއް؟

19 އޮގަސްޓު 2024 - 09:22 7

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


ރައީސްގެ ފަރާތުން މެންބަރުންނަށް ދޭ ފައިސާ ހޯދަނީ ކޮންތަނަކުން، ކިހިނެއް؟

19 އޮގަސްޓު 2024 - 09:22 7

ޕީއެންސީ އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުން ކޮންމެ މަހަކު 50،000ރ. ދެއްވަމުން ގެންދެ އެވެ. އެ ޕާޓީގެ ބައެއް މެންބަރުން ވިދާޅުވި ގޮތުގައި ރައީސް މުއިއްޒު އެކަމަށް ވައުދުވެވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކާމިޔާބު ކުރެއްވި ޕީއެންސީގެ މެންބަރުންނާއެކު ބޭއްވި ބައްދަލުވުމެއްގަ އެވެ.

މެންބަރުން ރިޝްވަތު ހިފައިގެން ނުވާނެ ކަމާއި، ރިޝްވަތު ދީގެން ނުވާނެ ކަމަށް، އަދި މަސައްކަތް ކުރަންވާނީ ދިވެހި ރައްޔިތުންގެ މަސްލަހަތުގައި ކަމަށް ބަޔާންކޮށްފައިވާ ގާނޫނު އަސާސީގައިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ހުވާ ކުރެއްވި ދުވަހުން ފެށިގެން ކޮންމެ މަހަކު ވެސް ޕީއެންސީގެ މެންބަރުންގެ ތެރެއިން ބޭނުންވާ ކޮންމެ މެންބަރަކަށް ރައީސްގެ ފަރާތުން ދެއްވާ ފައިސާ ދަނީ ލިބެމުންނެވެ. އެކަން އެ ޕާޓީގެ ބައެއް މެންބަރުން ކަށަވަރުކޮށްދެ އެވެ.

ޖުމުލަ 75 މެމްބަރުން ޕީއެންސީގައި އެބަ ތިއްބެވެ. އެ އެންމެންނަށް 50،000ރ. ގެ މަގުން ފައިސާ ދޭނަމަ އެއީ 3.75 މިލިއަން ރުފިޔާ އެވެ.

"އެކޮޅުން ގުޅުއްވީމަ، ބޭނުންވެގެން ވަޑައިގަންނަވާ ކޮންމެ މެންބަރަކަށް ވެސް މި ފައިސާ ލިބޭ،" ފައިސާ ނަންގަވާ ކަމަށް އިއުތިރާފުވި މެންބަރަކު ވިދާޅުވި އެވެ.

އެ ފައިސާ ނުނަންގަވާ މެންބަރުންގެ ތެރެއިން ބައެއް މެންބަރުންގެ ނަންތައް ވެސް އޭނާ ވިދާޅުވި އެވެ. މެންބަރުންނަށް ދޭ ފައިސާގެ އިތުރުން، ޕާޓީގެ ސިޔާސީ ހަރަކާތްތަކަށް ރައީސް މުއިއްޒުގެ ފަރާތްޕުޅުން މަހަކު ގާތްގަނޑަކަށް ހައެއްކަ މިލިއަން ރުފިޔާ ހަރަދު ކުރައްވާނެ ކަމަށް އޭނާ ގަބޫލު ކުރައްވަ އެވެ.

މި ފައިސާ ހޯދާ ގޮތާމެދު ފައިސާ ނަންގަވާ ބައެއް މެންބަރުން ވެސް އަދި އެ ނޫން ބައެއް މެންބަރުން ވެސް ކަންބޮޑުވެވަޑައިގަންނަވަ އެވެ. ނަމަވެސް، ކަންބޮޑުވުން ހިތުގައި ބާއްވާފައި، ފައިސާކޮޅު ނަގަނީ އެވެ.

ޕީއެންސީގެ ތާރީހާއި މަޖިލީހުގެ މެންބަރުންނަށް ދޭ އުޖޫރަ

ނަމާއި, ލޯގޯ އާއި ކުލަ ތަފާތުވި ނަމަވެސް ޕީއެންސީއަކީ 2013-2018 އަށް ވެރިކަން ކުރ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ މުޑުވަކުން ދިވެހި ސިޔާސީ މައިދާނަަށް އުފަންވި ޕާޓީއެކެވެ. ގަބޫލުކުރުންތަކާއި ސިޔާސަތުތަކާ ދާދި އެއްގޮތެވެ. ފިކުރީ ގޮތުން ވެސް ތަފާތެއް ނެތެވެ.

އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތީ ޕީޕީއެމް އަށެވެ. އެ މަޖިލީހުގެ މެންބަރުންގެ ތަނަވަސް ދިރިއުޅުމާއި، ބުރުއްސަމުން ދިޔަ ފައިސާ ގުޅިފައި އޮތީ، އޭރު އެ ހަގީގަތް ސިއްރުވެފައި އޮތަސް، ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ހޯދަމުން ނުހައްގު މުއްސަނދި ކަމާއެވެ.

"އެމްއެމްޕީއާރުސީ ކަންތަކުގައި ދިލަ ނުޖެހޭ, ދައުލަތުގެ ބޮޑުންގެ ތެރޭގައި މަދު މީހަކު ނޫނިއްޔާ އެ ލިސްޓުން އުންޏެއް ނުވާނެ އިނގޭތޯ. އެމްއެމްޕީއާރުސީގެ މައްސަލަ ހިނގީކީ އެއްގޮތަކަށް ވެސް މީހަކަށް ހެޔޮހިތުން ލާރި ދޭކަށެއް ނޫން. އެއީ ސިޔާސީ ވަރުގަދަ މަސައްކަތަކަށް ކުރި އިންވެސްޓްމެންޓެއް," އެ ހިޔާނާތް ސިފަކުރައްވާ ގޮތް ހާމަކުރައްވަމުން އޭރުގެ ރައީސް ޔާމީން ވިދާޅުވި އެވެ.

ގޯނިގޯނީގައި ފައިސާ އުފުލި ކަމަށް އޭރު މަޖިލީހުގެ ހޯރަފުށީގެ މެންބަރަކަށް ހުންނެވި މުހައްމަދު އިސްމާއީލް ވިދާޅުވުމަކީ، ޕީޕީއެމްގެ މެންބަރުންގެ ތެރޭގައި ތަނަވަސްކަން އޮތް މިންވަރު ހާމަކޮށްދޭ ކަމެކެވެ. ފްލެޓާއި ޕެންޓްހައުސްތަކާއި, ރޮލެކްސް ގަޑިތަކާއި, ކުލަކުލައިގެ ކާރާއި ސައިކަލުތަކާއެކު އޭރުގެ މެންބަރުން ނަގާފައިވާ ފޮޓޯތަކުން އެކަން ސާފެވެ.

"އަދީބު މިކަން ކޮށްފައި ހުރީ ވަރަށް ރަނގަޅަށް. އެއީ އޭނާ ފައިސާ ދިން މީހަކަށް ފައިސާ ފޮނުވާއި އެވަރުން ނިންމައެއް ނުލާ. އޭނަ އެގްރީމެންޓެއް ނުކުރާނެ. ހަމަ ވަޓްސްއެޕް އެސްއެމްއެސްއަކުން ފޮނުވާލާނީ އޭ ބްރޯ މިވެނި ވަރަކަށް ފައިސާ ފޮނުވީމޭ ލިބުނުހޭ. މި ލިބުނު މީހާ އެބަ ބުނޭ އޭ ބްރޯ ތެންކިޔު އޭ, ތިވަރު ލިބިއްޖެޔޭ،" ޔާމީން ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ތެރެއިންނާއި ދައުލަތުގެ އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް ޕީޕީއެމްގެ މެންބަރުންނަށް އޮއްސަމުންދިޔަ ހަދިޔާތަކަކީ އާހިރުގައި އެ ވެރިކަން ނިމިގެންދިޔަ އެއް ސަބަބެވެ. ދައުލަތުގެ އިދާރާތަކުން ނެރެފައިވާ ރަސްމީ ލިސްޓުތަކުގައި އަދިވެސް އެ ބޭފުޅުންގެ ނަންތައް އެބައޮތެވެ.

"ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ހަމަގައިމު ވެސް ޕީޕީއެމްއަށް ނިސްބަތްވާ މެމްބަރުންތަކަކަށް ފައިސާ ގޮސްފައި ހުރިކަން އަޅުގަނޑު ހަމަ ހެކި ދައްކަން ޖެހިއްޖެއްޔާ ހެކިދެއްކޭ ވަރަށް ވެސް އަޅުގަނޑު އަތުގައި ހުންނާނެ. ހަމަގައިމު ވެސް އޮޑިޓް އޮފީސް ތެރޭގައި އެ އެއްޗެހި ހުންނާނެ،" ފެބްރުއަރީ 20, 2016 ގައި "ރާއްޖެ ޓީވީ" ގެ ޕްރޮގްރާމެއްގައި ކުރީގެ އޮޑިޓަރު ޖެނެރަލް ނިޔާޒު އިބްރާހިމް ވިދާޅުވެފައިވެ އެވެ.

އެހެންކަމުން ފައިސާ ހޯދާ ގޮތް ދުވަހަަކު ބުނެ ނުދެވުނު ނަމަވެސް "ސިޔާސީ ފައިސާ" އަށް ޕީއެންސީގެ ލީޑާޝިޕް ފަރިތަކަން އެނގެ އެވެ.

ގާނޫނުތައް މުގުރާފައި ދޭ ފައިސާ

ރައީސްގެ ފަރާތުން ބައި ލައްކަ ރުފިޔާ ދެއްވަމުން ގެންދަވަނީ ދިވެހިރާއްޖޭގެ އެތަކެއް ގާނޫނުތަކެއް މުގުރާލުމަށް ފަހު އެވެ. ގާނޫނުއަސާސީއަށް ވެސް ގޮންޖެހުމަށް ފަހު ފައިސާ ދެއްވަމުންދާއިރު މިއީ ގާނޫނު ހިންގާ ވެރިކަމެއްތޯ ސުވާލު އުފެދޭ ވަރަށް މި އަމަލަކީ ގާނޫނާ ހިލާފު އަމަލެކެވެ.

ގާނޫނު އަސާސީގެ 119 ވަނަ މާއްދާ

"...އަދި ވިޔަފާރިއެއް ހިންގުމުގައި އަމަލީގޮތުން ބައިވެރިވެ، އާމްދަނީއެއް ހޯދުމަށް ފަންނީ މަސައްކަތްތަކެއްގައި ށާމިލުވެ، އާމްދާނީއެއް ލިބޭފަދަ އެހެން އެއްވެސް މަސައްކަތެއްކޮށް، އެހެން އެއްވެސް ފަރާތެއްގެ ވަޒީފާއެއް އަދާކޮށްގެނެއް ނުވާނެ އެވެ. ދައުލަތުގެ މުދަލާއި ބިން ގަނެ ނުވަތަ ކުއްޔަށް ހިފައިގެނެއް ނުވާނެ އެވެ. އަދި ދައުލަތާއި އެހެން އެއްވެސް ފަރާތަކާ ދެމެދު ކުރެވޭ މުއާމަލާތެއްގައި ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަ މީހެއްގެ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބަކަށް ހުންނަ މީހެއްގެ މާލީ އެއްވެސް މަސްލަހަތެއް ބާއްވައިގެނެއް ނުވާނެ އެވެ."

ފައިސާ ދެނީ މުލީއާގެއިންނެވެ. ފައިސާ ދެނީ ރައީސްގެ ފަރާތުންނެވެ. އެމަނިކުފާނުގެ މަހު މުސާރައަކީ 100,000ރ. އެވެ. އިތުރު އާމްދަނީ ލިބޭ ފަދަ މަސައްކަތެއް ރައީސުލްޖުމްހޫރިއްޔާ ކުރެއްވުން ގާނޫނުއަސާސީން އޮތީ މަނާކޮށްފަ އެވެ. ދައުލަތުގެ އެއްވެސް މުއާމަލާތެއްގައި ރައީސުލްޖުމްހޫރިއްޔާގެ މާލީ މަސްލަހަތެއް އޮވެގެން ނުވާނެ ކަމަށް އޮތީ ލިޔެފަ އެވެ.

އެ މަގަށް ކަންކަން ތަރުތީބު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އާއި އާއިލާގެ ހުރިހާ މުހުތާދެއް ފުރިހަމަ ކޮށްދެނީ ދައުލަތުންނެވެ. ނަމަވެސް, ސިޔާސީ ބާރުވެރިކަމަށް ދައުލަތުގެ މުދަލާއި ފައިސާ ބޭނުންކުރުމަކީ އެތަކެއް ގާނޫނަކުން ހުދު ރައީސުލްޖުމްހޫރިއްޔާއަށް ވެސް މަނާކޮށްފައިވާ ކަންކަމެވެ.

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ 26 ވަނަ މާއްދާ

"އަންނަނިވި ކަންކަމުގައި އަންނަނިވި މީހުންނަށް އެއްވެސް ބާވަތެއްގެ ފީއެއް, ހަދިޔާއެއް, ބަދަލެއް, ފައިދާއެއް, އުޖޫރައެއް, ލޯނެއް ނުވަތަ އެހެންވެސް އެއްޗެއް އެއްވެސް ފަރާތަކުން ދިނުމަކީ, ނުވަތަ ދިނުމަށް މަގުފަހި ކުރުމަކީ ކުށެކެވެ."

ގާނޫނުތައް އެތުރި ތަރުތީބުވެފައިވާ ގޮތުން ދިވެހި ވެރިކަމުގެ ނިޒާމު އޮތީ ވަކިވެފަ އެވެ. އެއީ ރައްޔިތުންގެ މަޖިލީހެވެ. ރައީސުލްޖުމްހޫރިއްޔާގެ މަޖިލީހެއް ނޫނެވެ. މެންބަރުން ހަންމަތަ ކުރަން މުލީއާގެއިން ފައިސާ ދެއްވަން ނުޖެހެ އެވެ. މަޖިލީހުގެ ގަދަރު ވައްޓާލައި އެ ފައިސާގައި މެންބަރުން ވެސް ޖެހިވަޑައިގަންނަވަން ނުޖެހެ އެވެ.

ދައުލަތުގެ ބަޖެޓުން ޕީއެންސީ އާއި ޕީޕީއެމްއަށް ދޫކުރި 18.4 މިލިއަން ރުފިޔާ މިކަމަށް ހޭދަކުރާ ނަމަވެސް އެކަން ހިސާބުތަކުން ފެންނަން ޖެހެ އެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 42 ވަނަ މާއްދާގެ ދަށުން އެ ފައިސާ ހަރަދުކުރާ ގޮތެއް ޕާޓީގެ ހުރިހާ މެންބަރުންނަށް އެނގެން ޖެހެ އެވެ.

50،000ރ. އަކީ ރިޝްވަތު؟

މެންބަރުންނަށް ދޭ "މުލީއާގެ އެލަވަންސް" ގެ މަހު ހޭދަ ރައީސަށް ކަވަރު ކުރެވޭނީ 38 މަހު ވެރިކަން ކޮށްގެންނެވެ. އަދި ވެރިކަމަށް ވީ އެންމެ ނުވަ މަހެވެ. މިދިޔަ ތިން ހަތަރު މަހު މެމްބަރުންނަށް ފައިސާ ދިނީ ކޮން ގޮތަކުން ހޯދި, ކޮންތާކުން ކާކު ދިން ފައިސާއަކުން ކަމެއް ނޭނގެ އެވެ.

ދައުލަތުގެ ދެ ބާރެއްގެ މެދުގައި ލިޔެކިޔުމުން ފެންނަން ނެތް ގޮތަށް ހިނގާ ކޮންމެ މާލީ މުއާމަލާތަކީ ރިޝްވަތަށް މަގުފަހިވާ ކޮރަޕްޝަންގެ އަމަލެއް ކަމާމެދު މިވަގުތު ގަދަ ނިދީގައި އޮތް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެންބަރުން ވެސް އެއްބަސްވެވަޑައިގަންނަވާނެ އެވެ.

މި ފައިސާގެ އަަސްލު ނޭނގުނަސް ގާނޫނުލްއުގޫބާތުގެ 510 ވަނަ މާއްދާގައި އެފަދައިން ދޭ ހަދިޔާގެ ފައިސާއަށް ނަން ދީފައިވަނީ ރިޝްވަތުގެ ގޮތުގަ އެވެ. އެ މާއްދާގައި ރިޝްވަތު ރިޝްވަތަށް ވާ ގޮތާއި ރިޝްވަތު ހުށަހެޅުމާ ގުޅޭ ތަފްސީލުތައް ހިމަނާފައިވެ އެވެ.

ގާނޫނުލްއުގޫބާތުގެ 510 ވަނަ މާއްދާގެ ހ.


އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލު ކުރާ މީހާ، އެކުރަނީ ކުށެކެވެ: 1. ދައުލަތުގެ މުވައްޒަފަކަށްވެހުރެ، އޭނާއަށް ނުވަތަ އެހެން މީހަކަށް ނުވަތަ ފަރާތަކަށް ސީދާގޮތުން ނުވަތަ ނުސީދާގޮތުން ވިޔަސް މަންފާއެއް ހޯދުމަށް އެދުމާއި ނުވަތަ އަމުރުކުރުމާއި، ނުވަތަ ބަލައިގަތުމާއި ނުވަތަ ގަބޫލުކުރުމާއި، ނުވަތަ ބަލައިގަތުމަށް ނުވަތަ ގަބޫލުކުރުމަށް އެއްބަސްވުމާއެކު؛ އަދި 2. އެ އަމަލެއް ހިންގާފައިވަނީ، އެ މުވައްޒަފަކު ގާނޫނީ ގޮތުން އަދާކުރަންޖެހޭ ރަސްމީ ވާޖިބަކާ ހިލާފަށް ވަކި ކަމެއް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމަށް ނުފޫޒަކަށްވާ ގޮތަށް އެކަމުގެ މުގާބިލުގައި ކަމަށްވުން

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ހާއްސަ އިމްތިޔާޒުތަކެއް ލިބިފައިވާ ނުފޫޒުން އެއްކިބާވެ ތިބާވެ ގައުމަށް ހިދުމަތް ކުރެއްވުމަށް މާތް الله ގަންދީ ހުވާކޮށްގެން ތިއްބެވި ބޭފުޅުންނެވެ. ބޮޑު މުސާރައެއް ދައުލަތުން ކަނޑައަޅާފައި އޮތީ ވެސް އެހެންވެ އެވެ. ރިޝްވަތާއި ނުފޫޒާއި ކޮރަޕްޝަނުން ދުރުކުރުމުގެ ވިސްނުމުގަ އެވެ. ނަޒާހަތްތެރިކަން ދެމެހެއްޓުމަށެވެ.

މުލީއާގެއިން ދެމުންދާ 50,000ރ. ރިޝްވަތަށް ނުވާނެ އެއްގޮތެއް ވެސް ނެތެވެ. އެކަން ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުން ރަނގަޅަށް ސާފުވެ އެވެ.

3 ވަނަ މާއްދާ


(ހ) ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު، ނުވަތަ ރައްޔިތުން މަޖިލީހުގެ މެންބަރުކަމަށް އިންތިހާބު ވެފައިވާ ނުވަތަ އައްޔަން ވެފައިވާ މީހަކު، މެންބަރުކަމުގެ ހައިސިއްޔަތުން ކަމެއް ކުރުމަށްޓަކައި ނުވަތަ ނުކޮށް ދޫކޮށްލުމަށްޓަކައި، އެމީހަކު އަމިއްލައަށް، ނުވަތަ އެހެންމީހަކު މެދުވެރިކޮށް، ނުވަތަ އެހެންމީހެއްގެ ފަރާތުން ވިޔަސް، ރިށްވަތު ހިފުމާއި، ރިށްވަތު ލިބިގަތުމަށް އެދުމާއި، ލިބިގަތުމަށް އެއްބަސްވުމާއި، މެންބަރުކަމުގެ ހައިސިއްޔަތުން ކަމެއް ކުރުވުމަށް، ނުވަތަ ނުކުރުވުމަށް، ނުވަތަ މިއިންކަމަކަށް ށައުގުވެރި ކުރުމަށް، ނުވަތަ މިއިންކަމެއް ކުރުމުން ދޭ އިނާމެއްގެ ގޮތުން، ނުވަތަ މިނޫން ގޮތަކުންވިޔަސް ރިޝްވަތު ދިނުމާއި، ރިޝްވަތު ދިނުމަށް ހުށަހެޅުމާއި، ދިނުމަށް އެއްބަސްވުމަކީ، ކުށެކެވެ. (ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ކުށެއްކޮށްފި މީހެއްގެ އަދަބަކީ، ގިނަވެގެން 7 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުން، ނުވަތަ އަރުވާލުން، ނުވަތަ ގޭގައި ބަންދުކުރުމެވެ.

އެނގި ހުރެ މަޖިލިސް މެންބަރުންނަށް އެ ހޯއްދަވައިދެއްވަނީ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ނާޖާއިޒު ނަފައެކެވެ. ގާނޫނުތަކާ ހިލާފު މަންފާއެކެވެ. އެ ރުފިޔާ ގެންދަވާ މެންބަރުންނާއި އެ ރުފިޔާ ދެއްވާ ބޭފުޅުން ވެސް އެ ކުރައްވަނީ ކުށެކެވެ.

މިއީ ސީދާ ކޮރަޕްޝަނުގެ އަމަލެއް ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނުވެސް ވަނީ ސިފަކުރައްވާފަ އެވެ.

އޭސީސީއަށް ވަރިހަމަ

މި މައްސަލަ އަމިއްލައަށް އިސްނަގައިގެން އިދާރާތަކުން ބަލަން ޖެހޭނެ ކަމަށް ދެކޭ މީހުން މަދެއް ނޫނެވެ. ކޮރަޕްޝަން ވޮޗްޑޯގެއްގެ ގޮތުގައި އޮތް އޭސީސީއަށް މި ފައިސާއަކީ މައްސަލައަކަށް ނުވެ އެވެ. ފައިސާ ހޯދި ގޮތެއް ބަލަން ބޭނުމެއް ނުވެ އެވެ. ފައިސާ ލިބޭ ބައެއް, ފައިސާ ދޭ މީހެއް, ފައިސާ ހަރަދުވާ ގޮތެއް ބަލަން ބޭނުމެއް ނުވެ އެވެ.

"ކީއްވެގެންތޯ އޭސީސީއަށް ވަންނަ އެއްވެސް މައްސަލައެއް, ދަފްތަރު ނަންބަރެއް, ނޫނީ ސުމާރު ނަންބަރެއް ކޭސް ނަންބަރެއް ދިނުން ފިޔަވައި ކުރާ ކަމެއް ނެތެއް ނޫންތޯ," އޭސީސީގެ މަސައްކަތާއި މެދު ކަންބޮޑުވުން ފާޅުކުރައްވަމުން އެ ކޮމިޝަނުން އެއް ރައީސެއްގެ އެންމެ ގިނަ މައްސަލަ ބެލި ރައީސް ޔާމީން ވިދާޅުވި އެވެ.

އަމިއްލަ އިސްނެގުމަށް ވެސް ދައުލަތުގެ ދެ ބާރެއްގެ މެދުގައި ހިނގަމުންދާ ލިޔެކިޔުމެއް ނެތް މާލީ މުއާމާލާތެއްގެ ފުނަށް ފީނަން އެ ކޮމިޝަން ބޭނުމެއް ނުވެ އެވެ. ދައުލަތުގެ މުއައްސަސާތައް އޮތުމުގެ ބޭނުމަކީ، ދައުލަތް ވީދައި ކަމުން ދާއިރު، އަދި ފާޅުކަން ބޮޑު ގޮތެއްގައި ރިޝްވަތު ބަހަމުން ދާއިރު، ވަރިހަމަ ކޮށްލައިގެން ތިބުމެއް ނޫނެވެ.