Advertisement

ކާމިޔާބީ މިނެކިރާނީ ބައްދަލުވުމާއި ނިންމުންތަކުގެ އަދަދަކުން ނޫން!

30 ޖުލައި 2024 - 08:16 3

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ރައީސް ޑރ. މުހައްމަދު މުއިއްޒު.


ކާމިޔާބީ މިނެކިރާނީ ބައްދަލުވުމާއި ނިންމުންތަކުގެ އަދަދަކުން ނޫން!

30 ޖުލައި 2024 - 08:16 3

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ އަށް މަސް ވޭތުވެދިޔައިރުވެސް، ހިންގުމުގައި ދުވެއްޔެއް ނެތް ކަމާއި ވައުދެއް ނުފުއްދޭ ވާހަކަ ގަދަވެ، ސުރުހީތަކަށް އެކަން ތިލަވެފައި ވަނިކޮށް، މިނިވަން ދުވަހުގެ ޖަލްސާގެ ތަގުރީރުގައި މި ވެރިކަމުގެ ކާމިޔާބީ މިނެކިރީ ކެބިނެޓުގެ ބައްދަލުވުންތަކުގެ އަދަދުންނެވެ.

އެ ނަންބަރުތައް ހާމަ ކުރެއްވިއިރު، ހައުސިން މިނިސްޓަރުގެ ހައިސިއްޔަތުން މުއިއްޒު ވެސް އެ ކެބިނެޓެއްގައި ހިމެނިވަޑައިގެންނެވި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެބިނެޓުގެ ބައްދަލުވުންތަކުގެ ނަންބަރުތައް ވިދާޅުވީ އެ ވެރިކަން ދަށްކޮށްލުމުގެ ގޮތުންނެވެ.

މި ވެރިކަމުގެ ފުރަތަމަ އަށް މަހު ކެބިނެޓުގެ 17 ބައްދަލުވުމެއް ބާއްވައި 225 ނިންމުމެއް ނިންމި ކަމަށް ރައީސް މުއިއްޒު ވިދާޅުވިއިރު، ޔާމީންގެ ވެރިކަމުގެ އެ މުއްދަތުގައި ކެބިނެޓުގެ ހަތް ބައްދަލުވުމަކުން ނިންމީ އަށް ކަމެއް ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. ކުރީގެ ރައީސް ސޯލިހުގެ ފުރަތަމަ އަށް މަހު ބޭއްވި ކެބިނެޓުގެ 14 ބައްދަލުވުމުން ނިންމީ 34 ކަމެއް ކަމަށް ވިދާޅުވި އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު


ޔާމީންގެ ވެރިކަމަކީ ކާމިޔާބު ވެރިކަމެއް ނޫންކަން ދައްކަން މިނިވަން ދުވަހުގެ ތަގުރީރުގައި ނަންބަރުތައް ހިމެނިއިރު، މި ގައުމަށް ތަރައްގީއަކީ ކޮން އެއްޗެއްކަން ދަސްކޮށް ދެއްވީ ޔާމީން ކަމަށް، ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ރައީސް މުއިއްޒު ތަކުރާރުކޮށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އެކަން ދަސްކޮށްދެއްވީ އެމަނިކުފާނު،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ޔާމީން ކަމަކަށް ވައުދުވެވަޑައިގަންނަވަނީ ކަން ކުރައްވާނެ ގޮތް ދެނެވަޑައިގެން، ގާބިލުކަމާ އެކީގައިކަން އެ މަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރުން ސާބިތުކޮށް ދެއްވާފައިވާ ކަމަށް، އޯގަސްޓު 8، 2023 ގައި ރައީސް މުއިއްޒު ވިދާޅުވި އެވެ. ނަމަވެސް ސިޔާސީ ފިކުރުގެ އަރައިރުމާއެކު މިއަދު ވަނީ ރާގު ބަދަލުވެފަ އެވެ.

ޔާމީންގެ ވެރިކަމުގެ ކެބިނެޓުގައި ހިމެނިވަޑައިގެންނެވި ވަޒީރަކު "އަދަދު" ނޫހަށް ވިދާޅުވީ ޔާމީންގެ ވެރިކަމުގައި ކެބިނެޓު ބައްދަލުވުންތަކަށް ވުރެ ސަރުކާރު ހިންގަމުން ދިޔައީ އިކޮނޮމިކް ކައުންސިލުގެ ހިޔާލުތަކާއެކު، ޔާމީންގެ ނިންމެވުންތަކަށެވެ. އިކޮނޮމިކް ކައުންސިލްގައި، މުއިއްޒު ހިމެނިވަޑައި ނުގަންނަވަ އެވެ.

"ރައީސް މުއިއްޒަށް ވެސް ހަމަ ރަނގަޅަށް އެނގިވަޑައިގަންނަވާނެ ރައީސް ޔާމީން ވެރިކަން ހިންގެވުމަށް ގެންގުޅުއްވި ސިޔާސަތު. ޔާމީން އަބަދު ވެސް ގަބޫލު ކުރައްވާ ކެބިނެޓުގެ ގިނަ ބައްދަލުވުންތަކެއް މުހިއްމެއް ނޫންކަމަށް. ނަތީޖާ ނުކުންނާނެ މަސައްކަތްތަކެއް އަވަހަށް ކުރަން އެ މަނިކުފާނު ބޭނުންވީ. އެކަން މުޅި ރާއްޖޭން ވެސް ފެންނާނެ،" އޭނާ ވިދާޅުވި އެވެ.

ޔާމީންގެ ވެރިކަމުގައި ނުރަނގަޅު އެތައް ކަމެއް ހުރި ކަމަށް ގަބޫލުކުރާ ފަދައިން، އެ ވެރިކަމުގައި ކޮންކްރީޓު ތަރައްގީ ގިނަކަން ވެސް ގަބޫލުކުރަންޖެހެ އެވެ. މޯލްޑިވްސް ޗައިނާ ފްރެންޑްޝިޕް ބްރިޖާއި ދަރުމަވަންތަ ހޮސްޕިޓަލާއި، އެއާޕޯޓު ޓާމިނަލާއި ބޮޑުތަކުރުފާނު މަގާއި، ހުޅުމާލޭ ފޭސް ދޭކަކީ ފަހުރެއްގެ ގޮތުގައި މުއިއްޒު ވެސް ފާހަގަ ކުރައްވަ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ކާމިޔާބީގެ ވާހަކަ، ހިލޭ ޑިގްރީން ފެށިގެން އާރުޓީއެލް އާއި، ރަށްރަށުގެ ނަރުދަމާ އާއި ފެނާއި ބަނދަރާއި، އުމްރާނީ ތަރައްގީގެ މަޝްރޫއުތަކާއި، ވިލިމާލޭ ބްރިޖާއި، ހުޅުމާލޭގައި އަޅަމުންދާ ފްލެޓުތަކާ ހަމައަށް ގެންދެވިދާނެ އެވެ. ވޭތުވެދިޔަ ވެރިކަމުގެ ކުރިމަތިވި ކޮވިޑް 19 ބަލިމަޑުކަން މެނޭޖުކުރި ގޮތަށް ފާޑުކިޔުންތަކެއް ހުއްޓަސް، އެހެން ގައުމުތައް ވެއްޓިގެން ދިޔަ ދަރަޖައަށް ރާއްޖެ ނުދިޔައީ އެކަން ރަނގަޅަށް މެނޭޖުކުރެވުމުންނެވެ. އެއީ މިހާރު މާބޮޑު ކަމެއް ކަމަށް މީހުންނަށް އިހުސާސް ނުވިޔަސް، ބޮޑު ކާމިޔާބެކެވެ.

ވޭތުވެދިޔަ ދެ ވެރިކަމުގެ އިންގިލާބީ ބައެއް ބަދަލުތަކުގެ މަންފާ ރައްޔިތުންނަށް އެދަނީ ފެންނަމުންނެވެ. ދައްކާ ވާހަކައަކުން އެ ހަގީގަތް ބަދަލެއް ނުވާނެ އެވެ. ބްރިޖުން ގެނުވި ދިރުމެވެ. އާރުޓީއެލްއިން ގަތައިލަދިމީ ގުޅުމާއި ވިޔަފާރި އެވެ. މިއީ ހަމަ ކޮންމެ ވެރިކަމެއްގެ އެންމެ މިސާލެކެވެ.

ރައީސް މުއިއްޒުގެ ރިޔާސީ ކެމްޕޭނު ބިނާކުރީ ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާގެ އަސްކަރިއްޔާ ފޮނުވައިލުމުގެ ވައުދާއި ޔާމީންގެ މިނިވަން ކުރުމުގެ ވައުދުގެ މައްޗަށެވެ.

އިންޑިއާ އަސްކަރިއްޔާ ފޮނުވައި ނުލެވުނެވެ. ޔާމީންގެ މައްޗަށް އުފުލާފައި އޮތީ ސިޔާސީ ދައުވާއެއް ކަމާއި ކުރީ ހަރާމް ހުކުމެއް އޭރު ވިދާޅުވި އެވެ. އެ މައްސަލައަށް ރައީސް އޮފީހުން ނުފޫޒު ފޯރުވި ކަމަށް ވެސް އޭރު މުއިއްޒު ވެސް ވިދާޅުވި އެވެ.

ނަމަވެސް، ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ހިޔާނާތް ހިންގި ކަމަށް ބުނާ މައްސަލާގައި ޔާމީންގެ މައްޗަށް އުފުލާފައިވާ ހިޔާނާތުގެ ދައުވާތައް ސާބިތު ކުރުމަށް ކްރިމިނަލް ކޯޓުގައި ދައުލަތުން ހުށަހެޅި އާ ހެކިތައް އެއްފަރާތް ކުރުމަށް ހައި ކޯޓުން ނިންމި ބައި ސުޕްރީމް ކޯޓުގައި ޕްރޮސިކިއުޓާ ޖެނެރަލް ދާދި ފަހުން އިސްތިއުނާފު ކޮށްފަ އެވެ. ކުރިން ޕީއެންސީ އަށް ގޯސްވި އެ ހުކުމާ ގުޅޭ ކަމެއް އިސްތިއުނާފު ކުރިއިރު، އެކަމާ ދެކޮޅަށް ބަހެއް ވިދާޅުވާނެ މީހަކު ޕީއެންސީގައި މިހާރު ނެތެވެ.

ސިޔާސީ ކަންކަން ހުންނަނީ މިފަދަ ގޮތަކަށޭ ބުނެ އުޅެ އެވެ. މަގުސަދު ހާސިލުވުމުން، ނުވަތަ ފިކުރު ބަދަލުވުމުން ކުރިން ގޯސްވި ކަންކަން، ރަނގަޅުވެ އެވެ. އަދި ކުރިން ރަނގަޅުވި ކަންކަން، ގޯސްވެސްވެ އެވެ.

ރައީސް މުއިއްޒުގެ ކެބިނެޓުން އެތައް ސަތޭކަ ކަމެއް ނިންމި ނަމަވެސް ތަރުތީބުވެގެން ހިނގާ އަމަލީ މަސައްކަތް ފެންނަނީ މަދުންނެވެ. އެމަނިކުފާނުގެ އެންމެ ބިޔަ މަޝްރޫއުކަމުގައިވާ ރަސްމާލެ ކުރިއަށް އެދަނީ މި ބުނި، ތަރުތީބެއް ނެތް އުސޫލުންނެވެ.

"ކަންކަން އަދި ރަނގަޅަށް ދާތަނެއް ނުފެނޭ. އެންމެ ބޮޑު ދެރަކަމީ ފައިސާ ނުލިބުން. ފައިސާ ހޯދިގެން އެހެން ކަމެއް ކުރެވޭނީ،" ޕީއެންސީއަށް ނިސްބަތްވާ މެންބަރަކު ވިދާޅުވި އެވެ.

ތެދެކެވެ. ރައީސް މުއިއްޒުގެ ބައްދަލުވުންތައް ގިނަ އެވެ. ނިންމުންތައް ވެސް ގިނަ އެވެ. ބައްދަލުވުންތަކާއި ނިންމުންތަކުގެ އަދަދުން ކާމިޔާބު ވަޒަން ކުރާނަމަ، ރައީސް މުއިއްޒު ވަރެއް ނެތެވެ. ނަމަވެސް އެއީ ކާމިޔާބު ވަޒަންކުރާ ގޮތެއް ނޫންކަން ދަންނަންޖެހެ އެވެ.