Advertisement

މަޖިލީހާއި ޖުޑީޝަރީ އިސްލާހުކުރުމުގެ ބާރު ވެސް އޮންނަން ވާނީ ރައީސްގެ އަތުގައި: ސަލީމް

29 އޮކްޓޯބަރު 2024 - 13:13 1

އަހުމަދު އާއިދު

އަހުމަދު އާއިދު

އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް: އޭނާ ވިދާޅުވީ މިނިވަން މުއައްސަސާތަކުގެ އިތުރުން މަޖިލީހާއި ޖުޑީޝަރީ އިސްލާހުކުރުމުގެ ބާރުވެސް އޮންނަން ވާނީ ރައީސްގެ އަތުގަ ކަމަށް --- ފޮޓޯ: އަދަދު


މަޖިލީހާއި ޖުޑީޝަރީ އިސްލާހުކުރުމުގެ ބާރު ވެސް އޮންނަން ވާނީ ރައީސްގެ އަތުގައި: ސަލީމް

29 އޮކްޓޯބަރު 2024 - 13:13 1

މިނިވަން މުއައްސަސާތަކުގެ އިތުރުން ރައްޔިތުންގެ މަޖިލީހާއި ޖުޑީޝަރީން ވެސް ކަމެއް ގޯސްކޮށް ކުރާނަމަ އެކަން އިސްލާހުކުރުމުގެ ބާރު ރައީސްއަށް ދޭން އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ގޮވާލައްވައިފި އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަދި އިލެކްޝަން ކޮމިޝަން (އީސީ) ގެ ރައީސުންނާއި ނައިބުން އައްޔަންކުރުމުގެ ބާރު ރައީސަށް ލިބިދޭ ގޮތަށް ހުށަހަޅާފައިވާ ބިލަށް ވާހަކަދައްކަވަމުން ސަލީމް ވިދާޅުވީ، މިކަންކަން އޮންނަން ޖެހޭނީ ސީދާ ރައީސްގެ އަތުގައި ކަމަށެވެ.

"މިކަންކަން އޮންނަން ޖެހޭނީ ސީދާ ރައީސުލްޖުމްހުރިއްޔާގެ އަތްޕުޅުގަ. މުޅި ގައުމު އިސްލާހު ކުރުމުގަ ބޮޑު ބާރު އޮންނާނީ ރައީސްގެ [އަތްޕުޅުގަ]. އަދި ޖުޑީޝަރީން ކަމެއް ގޯސްކޮށް ހިނގިޔަސް އެކަންކަން އިސްލާހުކުރުމުގެ ބާރުވެސް އޮންނަންވާނީ ރައީސުލްޖުމްހުރިއްޔާގެ އަތްޕުޅުގަ. އަދި މި މަޖިލީހުން ކަމެއް ގޯސްކޮށް ހިނގިޔަސް އެކަން އިސްލާހުކުރުމުގެ ބާރުވެސް އޮންނަން ޖެހޭނީ ރައީސުލްޖުމްހުރިއްޔާގެ އަތްޕުޅުގަ،" ސަލީމް ވިދާޅުވި އެވެ.

ފެހި ގާނޫނު އަސާސީން ތިން ބާރު ވަކިކޮށްފައި އޮތް އޮތުމަށް ފާޅުގައި ގޮންޖަހާ ވެރިކަންކުރާ ޕީއެންސީގެ ލީޑަޝިޕުގައި ހިމެނޭ ސަލީމް ވިދާޅުވީ ގާނޫނު އަސާސީއަށް އިސްލާހުކޮށްގެން ވިޔަސް ރައީސްއަށް ގިނަ ބާރުތައް ދޭން ޖެހޭ ކަމަށެވެ.

"މިހާރު ގާނޫނު އަސާސީއަށް ވެސް ހުރީ ބަދަލު ގެންނަން ޖެހިފަ. ގާނޫނު އަސާސީން ބަދަލުތައް ގެނެސްގެން ރައީސުލްޖުމްހުރިއްޔާއަށް އިތުރު ބާރުތައް އަޅުގަނޑުމެން ދޭން އެބަޖެހޭ،"

ސަލީމް ވިދާޅުވީ ރާއްޖެއަށް ޑިމޮކްރަސީ އައިސްގެން މިވީ މަދު އަހަރުތަކުގައި ގާތްގަނޑަކަށް 15 ވަރަކަށް ބިލިއަން ރުފިޔާގެ ހިޔާނާތްތައް ހިނގާފައިވާ ކަމަށް ލަފާކުރެވޭ ކަމަށާއި އެކަމާ ގުޅިގެން އިދާރާތަކުންނާއި މުއައްސަސާތަކުން އެއްވެސް ކަމެއް ނުކުރާ ކަމަށެވެ.

އެކަން އެހެން ހިނގީ ރައީސްގެ އަތުގައި ބާރުތައް ނެތީމަ ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުން ހުރީ މިކަންކަން އިސްލާހު ކުރުމަށް ކަމަށާއި އެކަމަށް ބޭނުންވާ ގާނޫނީ އިސްލާހުތައް މަޖިލީހުން ގެންނާނެ ކަމަށެވެ.

މި ސަރުކާރުން މީގެ ކުރިން ވެސް ވަނީ ގާނޫނު އަސާސީއަށް އިސްލާހު ގެންނާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް ގެންނަ އިސްލާހުތަކުގެ ތަފުސީލެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.