Advertisement

ތަދު ދުވަސްވަރެއް، އަތްމަތި ދަތިވެ ވިޔަފާރިތައް ވެސް ދަށަށް!

23 ޖުލައި 2024 - 07:46 1

އަހުމަދު ސައީދު

އަހުމަދު ސައީދު

ޖީއެސްޓީގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީ ފާއިތިވި ހަ މަހު ދައްވަމުން ގޮސްފައިވާކަން އަންގައިދެ ގްރެޕިކްސް އެއް-- އަދަދު ގްރެފިކްސް އިމްދާދު


ތަދު ދުވަސްވަރެއް، އަތްމަތި ދަތިވެ ވިޔަފާރިތައް ވެސް ދަށަށް!

23 ޖުލައި 2024 - 07:46 1

މިވަނީ ކީއްކަން ނޭނގުނަސް، މާލޭގައި ރޭގަނޑު ޓެކްސީ ދަތުރު ލިބުން މަދު ވެއްޖެ އެވެ. ސިނގިރޭޓު ހޯދަން ރަށްޓެހިން ކައިރި ބުނާ އަދަދު އިތުރު ވެއްޖެ އެވެ. ކެފޭ ތަކަށް ވަންނަ މީހުން މަދުވެއްޖެ އެވެ. ހޭދަ ކުރުން މަޑު ޖައްސާލައިފި އެވެ.

ފިހާރަ އަކަށްވަދެ ވިކުރާ ނުބެލި ކަމުގައި ވިއަސް ވިޔަފާރިކުރާ ފަރާތްތަކަށް ލިބޭ އާމްދަނީ ވަރަށް ބޮޑުތަނުން މަދު ވެއްޖެކަން އެނގެނީ އެކި މީހުން ދައްކާ ވާހަކަ ތަކުންނެވެ. ކަޅާއި ހުދުން އެކަން ސާފުވަނީ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޖީއެސްޓީން ދައުލަތަށް ލިބޭ އާމްދަނީ މި އަހަރު ޖެނުއަރީން ފެށިގެން ޖޫން މަހުގެ ނިޔަލަށް ބޮޑު ތަނުން ދަށްވެފައިވާތީ އެވެ.

"ދުވާލު އަދިވެސް ރަނގަޅު، ރޭގަނޑު ދަތުރު މަދު، އެއީ ރެސްޓޯރަަންޓް ތަކާއި ޕާޓީތަކަށް ދާ މީހުން މަދުވީމަ،" މާލޭގައި ޓެކްސީ ކުރާ އިސްމާއިލް ޔޫސުފް ބުންޏެވެ.

ރިސޯޓެއްގެ ލޯންޗެއްގައި ކައްޕި އަކަށް މަސައްކަތްކުރާ ހަސަން އާދަމް ބުނީ ރައްޓެހިންގެ އަތުގައި ކޮފީ ބޯލާނެ ވަރުވެސް މިހާރު ނުހުންނަ ކަމަށާއި، މިދިޔަ އީދު ބަންދުގެ ފަހުން މީހުންގެ އަތްމަތި ވަރަށް ދަތިކަން ކެފޭ އަކަށް ވަނަސް ފާހަގަ ކުރެވޭ ކަމަށެވެ.

"ސިނގިރޭޓު ދޭން ކިޔާނީ ވަރަށް ދަށްވީމަ، ކެފޭ އަކަށް ވަންނަވަރު ވެސް އެކުގައި މި އުޅޭ ރައްޓެހިންގެ އަތުގަ ނެތް،" ސަކަ މިޒާޖެއް ހުންނަ ހަސަން ބުންޏެވެ.

މާލެ ސަރަހައްދުގައި ފުޅާ ދާއިރާއެއްގައި އާންމު ގިނަ ބާވަތްތަކެއްގެ މުދާ ވިއްކާ އިހުސާން ފިހާރަ ހިންގަވާ އަހްމަދު ނިހާދު ވިދާޅުވީ ވިޔަފާރި ދަށްވަމުން އަންނަކަން ފާހަގަ ކުރެވިފައިވާތާ ދުވަސް ތަކެއް ވެއްޖެ ކަމަށާއި މިދިޔަ މޭ މަހު އައި ބޮޑު އީދު ބަނދަށްފަހު ލިބޭ އާމްދަނީ ވަރަށް ބޮޑުތަން ދަށްވެއްޖެ ކަމަށެވެ.

"އީދު ބަންދަށްފަހު ވަރަށް ބޮޑަށް ދައްވެއްޖެ، މިމަހު ވަކިން ދަށް، މީހުން ހަރަދު ކުރާވަރު މަދުވެއްޖެ،" ހުޅުމާލޭގައި ވެސް ވިޔަފާރި ކުރައްވާ ނިހާދު ވިދާޅުވި އެވެ.

ވިކުރާ ބެލެހެއްޓުމަށް ބޭނުންކުރާ "މެނޭޖާ ޕީއޯއެސް" އަކީ ވެސް ނިހާދު ހިންގަވާ ވިޔަފާރި އެކެކެވެ. އޭނާ ވިދާޅުވީ ކޮންމެ މަހަކު މަދުވެގެން އަލަށް ހުޅުވާ 10 ވަރަކަށް ފިހާރަ އިން އޭނާގެ އަތުން ސޮފްޓްވެއާ ގަންނައިރު، މިމަހު އެ ހިދުމަތް ހޯދީ އެންމެ މީހަކު ކަމަށެވެ. އެއީ ވެސް ވިޔަފާރި ދަށްވުމާއި ގުޅުންހުރި ކަމަކަށް ވެދާނެ ކަމަށް އޭނާ ލަފާ ކުރެ އެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އާންމު އިމްޕޯޓު މުދާ ވިއްކުމުގެ ވިޔަފާރިކުރާ ބޮޑު ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވީ ވިޔަފާރި ދަށްކަން ނަންބަރުތަކުން ފާހަގަ ނުކުރެވޭ ކަމަށެވެ. ނަމަވެސް، ޓޫރިޒަމުން ލިބޭ އާމްދަނީ އާއި މަސްވެރިކަން ދަށް ދުވަސްވަރު އާންމު ވިޔާފާރިން ވެސް އެކަން ފެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޓޫރިޒަމް ދަށްވެ، މީހުންގެ އަތްމަތި ދަތިވީމަ އެކަން ކޮންމެސް ވަރަކަށް ފެންނާނެ،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ އުތުރުގެ މަސްވެރި ރަށް، ހއ. އިހަވަންދޫ އަކީ ބޭރުން މުދާ އިމްޕޯޓު ކޮށްގެން ވެސް ވިޔަފާރިކުރާ، މުދަލުގެ އަގު އެހެން ރަށްރަކަށް ވުރެ ހެޔޮކަމަށް ފާހަގަ ކުރެވޭ ރަށެކެވެ.

ސޯޅަ މަސް ދޯނި އޮންނަ އިހަވަންދޫގައި ގިނަ ބާވަތްތަކެއްގެ މުދާ ވިއްކާ "ތަހުތު" ފިހާރަ ހިންގަވާ އަލީ އިނާޒަށް ގުޅިއިރު އޭނާ އިނީ އެ ރަށުގެ ކެޔޮޅަކާއި އެކު ކެފޭ އެއްގަ އެވެ. އިނާޒު ވިދާޅުވީ ކެޔޮޅު މަހަށް ނުގޮސް އިނީ މަސްވެރިކަން ދަށްވެފައި، މަހަށް ލިބޭ އަގުވެސް ދަށްވުމުން ކަމަށެވެ. އަދި މަސްވެރިން މަހަށް ނުދާތީ އާއި ސަރުކާރުން ހިންގި ޕްރޮޖެކްޓުތައް ހުއްޓުމަަކަށް އައުމުން، އެރަށުގެ އާންމު ހާލަތު ދަށަށް ގޮސް ވިޔަފާރިތަކަށް ލިބޭ އާމްދަނީ ވެސް ވަރަށް ބޮޑުތަނުން މަދުވެފައިވާ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"ސަރުކާރުގެ އެއްވެސް ޕްރޮޖެކްޓެއް ނުހިނގާ، މަސްވެރިން މަހަކަށް ނުދޭ ދެން ކިހިނެތް ރަނގަޅުވާނީ، ވިޔަފާރި ދަށްވެއްޖެ 80 ޕަސެންޓް،" އިނާޒު ބުނީ ސަރުކާރު ބަދަލުވި ފަހުން، ދުވަހުން ދުވަހަށް ވިޔަފާރި ދަށްވަމުން އައިސްފައިވާ ކަމަށެވެ.

ޖީއެސްޓީ އަށް ލިބުނު އާމްދަނީ ދަށަށް

އާންމުން ކުރާ ހޭދަ މަދުނަމަ، ކޮންމެ 100ރ. އަކުން ދައުލަތަށް ލިބޭ 8ރ. ގެ އާމްދަނީ ވެސް ދަށްވާނެ އެވެ. ޖީއެސްޓީގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީ އާއި ޓޫރިސްޓުންގެ އަތުން ނަގާ ޓީޖީއެސްޓީ އާ އަޅާބަލާއިރު، ޓޫރިޒަމް ރަނގަޅު ނަމަ، އާންމު ވިޔަފާރި ވެސް ރަނގަޅުކަން ފާހަގަ ކުރެވެ އެވެ.

މިދިޔަ އަހަރު އެވްރެޖުކޮށް މަހެއްގެ މައްޗަށް، 370 މިލިއަން ރުފިޔާ ޖީއެސްޓީގެ ގޮތުގައި ދައުލަތަށް ލިބުނުއިރު، މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު އެވްރެޖުކޮށް މަހަކު 407 މިލިއަން ރުފިޔާ ޖީއެސްޓީގެ ގޮތުގައި ލިބިފައިވެ އެވެ.

ނަމަވެސް، މި އަހަރުގެ ޖެނުއަރީން ފެށިގެން މަހުން މަހަށް ޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ، ވަރަށް ބޮޑަށް ދަށްވެފަ އެވެ. ޖެނުއަރީ މަހު 469 މިލިއަން ރުފިޔާ ޖީއެސްޓީ އަށް ލިބިފައި، 329 މިލިއަނަށް ޖޫން މަސް އައިއިރު ވަނީ ދަށްވެފަ އެވެ. އެހެންކަމުން, ވިޔަފާރި ތަކަށް މިދިޔަ މަހު ލިބުނު އާމްދަނީ، ޖެނުއަރީ މަހާ އަޅާބަލާއިރު، 30 ޕަސެންޓަށް ދަށެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބު ދުވަސްވަރު މީހުންގެ އަތްމަތި ތަނަވަސްވުމުން، އެ އަހަރުގެ އޮކްޓޫބަރު މަހު ރިކޯޑް އަދަދަކަށް، 556 މިލިއަން ރުފިޔާ ޖީއެސްޓީގެ ގޮތުގައި ދައުލަތަށް ލިބިފައިވެ އެވެ.

މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ޖީއެސްޓީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ -- އަދަދު ގްރެފިކްސް އިމްދާދު


މި އަހަރުގެ ޖެނުއަރީ މަހު 943 މިލިއަން ރުފިޔާ ޓީޖީއެސްޓީގެ ގޮތުގައި ލިބިފައިވެ އެވެ. އޭގެ ފަހުން އައި ތިން މަހު ވެސް ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ޓޫރިސްޓުންގެ އަތުން ލިބުނެވެ. ނަމަވެސް, މޭ އަދި ޖޫން މަހު ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ ބޮޑު ތަނުން ދަށްވެފަ އެވެ. މޭ މަހު ޓީޖީއެސްޓީގެ ގޮތުގައި 720 މިލިއަން ރުފިޔާ ލިބުނުއިރު، ޖޫން މަހު ލިބުނީ 420 މިލިއަން ރުފިފާ އެވެ.

މަސްވެރިކަމާއި ޓޫރިޒަމް ދަށްވުމަށްވުރެ ބޮޑީ ކެޕިޓަލް ހަރަދުތައް ހުއްޓާލުން

އިގުތިސޯދީ ކަންކަމާއި ވިސްނުން ގެންގުޅުއްވާ އެކައުންޓެންޓެއް ކަމަށްވާ އަބްދުﷲ މަޖީދު ވިދާޅުވި ގޮތުގައި ވިޔަފާރިތައް ހީނަރުވުމުގެ މައިގަނޑު ސަބަބަކީ މަސްވެރިކަމާއި ޓޫރިޒަމް ދަށްވުމަށްވުރެ، ސަރުކާރުން ކުރާ ކެޕިޓަލް ހޭދަ (އުމުރާނީ ކަންކަމަށް ކުރާ ހޭދަ) ގާތްގަނޑަކަށް ހުއްޓާލުމެވެ.

"މަސްވެރިކަމުގެ ހިއްސާ ޖީޑީޕީގެ ނިސްބަތުން ވަރަށް ކުޑަ، ބަޖެޓް ތާށިވުމުން ޕްރޮޖެކްޓްތައް ހުއްޓާލީމަ ވިޔަފާރި ދަށްވެގެން މި އުޅެނީ،" އޭނާ ވިދާޅުވި އެވެ.

މަސްވެރިންނަށް ދޭ ސަބްސިޑީ ސަރުކާރުން ހުއްޓާލައި މަސް ގަންނަ އަގު ދަށްކުރުމުން، ކުރިމަގުގައި އެއީ ގެއްލުންވާ އިންޑަސްޓްރީ އަކަށް ވުމުގެ ފުރުސަތު އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކަމަށް އޮތް ހައްލަކީ، ރޯމަސް ބޭރު ނުކޮށް ވެލިއުއެޑް ކުރުން،" އޭނާ ވިދާޅުވި އެވެ.

ނަމަވެސް، އިހަވަންދޫ ފަދަ މަސްވެރި ރަށްރަށުގައި ވިޔަފާރި ދަށްވުމުގެ މައިގަނޑު ސަބަބަކީ މަސްވެރިކަން ދަށްވުމާއި މަހަށް ލިބޭ އަގު ދަށްވުމެވެ.

ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުގައި ދައުލަތަށް އާމްދަނީގެ ގޮތުގައި މި އަހަރުގެ ޖޫން 20 ގެ ނިޔަލަށް ލިބިފައި ވަނީ 15.5 ބިލިއަން ރުފިޔާ އެކެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު އާމްދަނީ އަށްވުރެ ބިލިއަނެއްހާ ރުފިޔާ މަދު އަދަދެ ކެވެ. އެ މުއްދަތުގައި ދައުލަތަށް ލިބުނު އާމްދަނީ އަށްވުރެ 2.3 ބިލިއަން ރުފިޔާ އިތުރަށް، 17.8 ބިލިއަން ރުފިޔާ ހަރަދުކުރިއިރު، އޭގެ އަށްޑިހަ ޕަސެންޓަކީ ސަރުކާރު ހިންގުމުގެ ހަރަދެކެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ކެޕިޓަލް ހަރަދުގެ ގޮތުގައި 6.9 ބިލިއަން ރުފިޔާ ހަރަދުކުރިއިރު، މި އަހަރު ހަރަދުކޮށްފައިވަނީ އެއަށްވުރެ ދެބައިކުޅަ އެއްބައި މަދުން 3.6 ބިލިއަން ރުފިޔާ އެވެ.

އިގުތިސާދީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ދައުލަތުގެ ހަރަދު ކުޑަކުރަން މަޖުބޫރުވެފައި އޮތް ނަމަވެސް، އެ ހަރަދު ކުޑަކުރަން ޖެހޭނީ ހަމައެކަނި ކެޕިޓަލް ހަރަދަކުންނޫނެވެ. ސަރުކާރުން އުމުރާނީ މަސައްކަތްތައް ހިންގުމުން، ސީދާ ގޮތުންނާއި ނުސީދާ ގޮތުން ގިނަ ބަޔަކަށް އޭގެ ހިއްސާ ބެހިގެން ދެ އެވެ.

މިސާލަކަށް، ރަށެއްގައި ނަރުދަމައެއް އެޅިއަސް، އެ ޕްރޮޖެކްޓް ކުރިއަށްދާ ދުވަސްވަރު ރަށަށް އެކަމުން އާމްދަނީ ވަދެ އެވެ. އިގުތިސާދުގެ ތެރޭގައި އާންމުކޮށް އެނބުރެމުންދިޔަ ފައިސާ ވަރަށް ބޮޑުތަނުން މަދުވުމުން، އެކަން ވިޔަފާރިތަކުން ފެންނަނީ މީހުންގެ އަތްމަތި ދަތިވުމުންނެވެ.