Advertisement

ހަރަދު ކުޑަނުކޮށް ޓެކްސް ބޮޑު ކުރާތީ ސިޔާމްގެ ނުރުހުން ސަރުކާރަށް

މީދޫ ދާއިރާގެ މެންބަރު ސިޔާމް: ވިދާޅުވީ ރާއްޖެއަކީ ޓެކްސް ނަގާ މިންވަރުން ބޮލަކަށް ޖެހޭ އަދަދަށް ބަލާއިރު މި ސަރަހައްދުގެ އެންމެ މުއްސަނދި އެއް ގައުމު ކަމަށް -- ފޮޓޯ: މަޖިލިސް


ހަރަދު ކުޑަނުކޮށް ޓެކްސް ބޮޑު ކުރާތީ ސިޔާމްގެ ނުރުހުން ސަރުކާރަށް

ސަރުކާރުގެ ހަރަދުތައް ކުޑަނުކޮށް އަދި ބޭކާރު އިސްރާފުތަކުގެ މައްސަލަ ހައްލުނުކޮށް ޓީޖީއެސްޓީ އާއި ގްރީން ޓެކްސް ބޮޑު ކުރަން ހުށަހެޅުމުން ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ސަރުކާރަށް މިއަދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސްގެ ލީޑަރު އަދި ރިސޯޓު ވިޔަފާރި ކުރައްވާ ސިޔާމް މިއަދު މަޖިލީހުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، ޓެކްސް ކިތަންމެ ބޮޑު ކުރި ނަމަވެސް، ބޭކާރު ހަރަދުތައް ކުޑަ ނުކުރާ ނަމަ ރައްޔިތުންނަށް އެއިން އެއްވެސް ފައިދާއެއް ނުކުރާނެ ކަމަށެވެ.

"މި ގައުމަށް ލާރި ވެސް ލިބޭ. މި ގައުމަކީ ސައުތު އީސްޓް އޭޝިޔާގައި އޮތް އެންމެ، ހަގީގަތުގައި ބުނާ ނަމަ އެންމެ މުއްސަނދި ގައުމު ވެސް މެ ޓެކްސްގެ ބޮލަކަށް ޖެހޭ މިންވަރުން ބަލާއިރު. އެހެން ނަމަވެސް އަޅުގަނޑުމެންނަށް މި ލިބޭ ޓެކްސްގެ ތެރެއިން، ފަސް ބިލިއަން ޑޮލަރު ލިބޭ ކަމަށްވަންޏާމު ދެ ބިލިއަން ޑޮލަރު ކޮންމެ އަހަރަކު މި އަޅާލަނީ ކަނޑަށް،" ސިޔާމް ވިދާޅުވި އެވެ.

ޓުއަރިޒަމް ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން ހުށަހަޅާފައިވާ ބިލުގައި ކަނޑައަޅާފައި ވަނީ ޖޫން، 2025، އިން ފެށިގެން ޓީޖީއެސްޓީ 16 ޕަސެންޓުން 17 ޕަސެންޓަށް ބޮޑު ކުރުމަށެވެ. އަދި ޖެނުއަރީ، 2025، އިން ފެށިގެން ގްރީން ޓެކްސް ހަ ޑޮލަރުން 12 ޑޮލަރަށް އިތުރު ކުރަން ވެސް އެ ބިލުގައި ހުށަހަޅާފައިވެ އެވެ.

އެ ބިލަށް ވާހަކަ ދައްކަވަމުން ސިޔާމް ވިދާޅުވީ، މިހާރު ވެސް ރާއްޖެއިން ޓީޖީއެސްޓީ ނަގަނީ، ސިންގަޕޫރު އަދި ޑުބާއީއަށް ވުރެ ވެސް ބޮޑުކޮށް ކަމަށެވެ. އަދި ވިދާޅުވީ، ޓެކްސް މާ ބޮޑުތަނުން ބޮޑުނުކޮށް، ދުނިޔޭގެ ކުރިއަރަމުން އަންނަ އިގްތިސާދުތަކާ އެއްވަރަށް ރާއްޖޭގައި ވެސް ޓެކްސް ނެގުން މުހިންމު ކަމަށެވެ.

"އަޅުގަނޑުމެން ވިސްނާލަންޖެހޭ އެންމެ މުހިންމު އެއް ނުކުތާއަކީ، ޓެކްސް ނަގާއިރު ޓެކްސް ދުނިޔޭގެ ކުރިއަރަމުން އަންނަ އިގްތިސާދުތަކާ އެއްވަރަށް ޓެކްސް ނެގުމަކީ މުހިންމު ކަމެއް. އަޅުގަނޑުމެން ރާއްޖޭގެ ޓެކްސް މިހާރު ވެސް ވަރަށް ބޮޑު. އަޅުގަނޑުމެންގެ ޓެކްސް މިހާރު ވެސް ދުނިޔޭގައި ކުރިއަރާފައިވާ ޑުބާއީ އަދި ސިންގަޕޫރަށް ވުރެ މާ ބޮޑު،" އޭނާ ވިދާޅުވި އެވެ.

ސިޔާމް ވިދާޅުވީ، ހަރަދުތައް ކުޑަނުކޮށް ޓެކްސް ނަގާ ނަމަ ރާއްޖޭގެ އިގްތިސާދު ނިކަމެތިވެގެންދާނެ ކަމަށެވެ.

"މިހެން އަޅުގަނޑުމެން ޓެކްސް ބޮޑު ކުރަމުންދާ ނަމަ ރާއްޖޭގެ އިގްތިސާދު ހަލާކުވެގެން ހިނގައިދާނެ، ނިކަމެތިވެގެން ހިނގައިދާނެ،" ސިޔާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރާއްޖެއިން އެންމެ މުހިންމު މަސައްކަތެއްގެ ގޮތުގައި މިހާރު ކުރަންޖެހެނީ ހަރަދުތައް ކުޑަ ކުރުމުގެ މަސައްކަތް ކަމަށެވެ. ދައުލަތަށް އެންމެ ބޮޑަށް ގެއްލުންވާ އެއް ކަންތަކުގެ ގޮތުގައި ސިޔާމް ފާހަގަ ކުރެއްވީ އެސްއޯއީތައް ގެއްލުމުގައި ހިންގުމެވެ.

"އަޅުގަނޑުމެން ކުރަންވީ އެންމެ މުހިންމު ކަމަކީ އަޅުގަނޑުމެންގެ ހަރަދުތައް ކުޑަ ކުރުން. މިދިޔަ، 20، 25 އަހަރު ނުވަތަ 50 އަހަރު ރާއްޖޭގައި އެބަ ހިންގާ، ކޮންމެ ރައީސުލްޖުމްހޫރިއްޔާއަކު އަންނަ އިރަކު، އެ ރައީސުލްޖުމްހޫރިއްޔާ ބޭނުންވާ ކުންފުނިތަކެއް އެބަ އީޖާދު ކުރޭ. ކުންފުންޏެއް މި ހިންގަނީ ފައިދާ ހޯދައިދިނުމަށްޓަކައި. ކުންފުންޏެއް ނުހިންގާނެ ގެއްލުމެއް ހޯދައިދިނުމަކަށް،" ސިޔާމް ވިދާޅުވި އެވެ. "ހަމައެކަނި މިފްކޯއަށް އެބަ އޮތް ފަސް ބިލިއަން ރުފިޔާއަށް ވުރެ ބޮޑަށް ގެއްލުންވެފައި. އަޅުގަނޑުމެން ޓެކްސް ދައްކާ މީހުންގެ ފައިސާ އެ ދިޔައީ ކަނޑަށް އެޅިގެން."

މިވަގުތު ހަ ރިސޯޓެއް ސިޔާމްގެ ކުންފުނިން ހިންގަ އެވެ. އެއީ ސިޔާމް ވޯލްޑާއި އިރުފުށި ރިސޯޓާއި އިރުވެލި ރިސޯޓާއި ވިލު ރީފް ރިސޯޓާއި އޮޅުވެލި ރިސޯޓު އަދި ޕަސިކުޑާ ރިސޯޓެވެ. ޕަސިކުޑާއަކީ އަވައްޓެރި ސްރީ ލަންކާގައި ހިންގާ ރިސޯޓެކެވެ.