Advertisement

ޖުމުލަ މުވައްޒަފުންގެ އަދަދު ހާމަނުކޮށް އޮއްވައި 228 ސިޔާސީ މުވައްޒަފުން ވަކިކުރަން ނިންމައިފި

about 24 hours 3

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ރައީސް މުއިއްޒު އެމަނިކުފާނުގެ ކެބިނެޓުގެ ބައެއް މެންބަރުންނާ އެކު. ވަޒީރުންގެ މަޖިލީހަށް ވެސް ބައެއް ބަދަލުތައް ރައީސް ވަނީ ދާދިފަހުން ގެންނަވާފައި --- ފޮޓޯ: ރައީސް އޮފީސް


ޖުމުލަ މުވައްޒަފުންގެ އަދަދު ހާމަނުކޮށް އޮއްވައި 228 ސިޔާސީ މުވައްޒަފުން ވަކިކުރަން ނިންމައިފި

about 24 hours 3

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އައްޔަނުކުރި ސިޔާސީ މުވައްޒަފުންގެ ޖުމުލަ އަދަދު އަދިވެސް ނޭނގި އޮއްވައި ހަރަދު ކުޑަކުރުމުގެ ގޮތުން 228 ސިޔާސީ މުވައްޒަފުން ވަކިކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

ނޮވެމްބަރު 17, 2023 ގައި ރައީސް ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު މިނިސްޓްރީތަކަށް ނުތަކާ ވަރަށް މުވައްޒަފުން ވަނީ އައްޔަނުކޮށްފަ އެވެ. މިއަދާ ހަމައަށް އައިއިރު ވެސް މި ސަރުކާރުގައި ތިބި ޖުމުލަ ސިޔާސީ މުވައްޒަފުންގެ އަދަދެއް ނޭނގެ އެވެ.

އެހެން އެކަން އޮއްވައި ދާދި ދެންމެއަކު ރައީސް މުއިއްޒު ވިދާޅުވީ އިކޮނޮމިކް ރިފޯމް އެޖެންޑާގެ ދަށުން ހަރަދު ކުޑަކުރަން ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި 228 ސިޔާސީ މުވައްޒަފުން ވަކިކުރަން އަންގަވާފައިވާ ކަމަށެވެ. މި ބަދަލާއެކު މަހެއްގެ މައްޗަށް 5.7 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

އޭގެ ތެރޭގައި ހިމެނެނީ ހަތް ސްޓޭޓް މިނިސްޓަރުން, 43 ޑެޕިއުޓީ މިނިސްޓަރުން, 109 ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުން, އަދި 69 ޕޮލިޓިކަލް ޑިރެކްޓަރުންނެވެ.

މި ސަރުކާރު ވެރިކަމަށް އައީ 700 އަށްވުރެ ސިޔާސީ މުވައްޒަފުންގެ އަދަދު ގިނަ ނުކުރާނެ ކަމުގެ ވައުދާއެކު އެވެ. ނަމަވެސް, އެ އަދަދު 2,000 އާ ގާތްކުރާނެ ކަމަށް އެކި މަސްދަރުތަކުން ހޯދި މައުލޫމާތުތަކުން ވަނީ އެނގިފަ އެވެ.

ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި ވަކިކުރާ 228 މުވައްޒަފުންނާ އެކު ވެސް ސަރުކާރުގެ ވައުދަށް ވާސިލެއް ނުވެވޭނެ އެވެ. ނަމަވެސް, މިއީ މާލީ ހާލާތު މެނޭޖު ކުރުމަށް ބަޖެޓަށް ލިބިގެންދާނެ ކޮންމެވެސް ވަރެއްގެ ލުޔެކެވެ.