Advertisement

ލައްކަ ދުވަހު ސަބްސިޑީ ދެވިއްޖެ، މިހެން ދީ ދީ ތިބެން ހެޔޮ ނުވާނެ

9 ސެޕްޓެންބަރު 2024 - 13:50 1

އަމަން ހަލީމް

އަމަން ހަލީމް

އާޓްވޯކް: އިސްމާއިލް އިމްދާދު/އަދަދު


ލައްކަ ދުވަހު ސަބްސިޑީ ދެވިއްޖެ، މިހެން ދީ ދީ ތިބެން ހެޔޮ ނުވާނެ

9 ސެޕްޓެންބަރު 2024 - 13:50 1

ކާޑާއި އަސާސީ ހިދުމަތްތަކުގެ އަގު ހިފަހައްޓަން ސަރުކާރުތަކުން ސަބްސިޑީއަށް ބޮޑު ހަރަދެއް ކުރާ ކަން އެނގުނަސް، ސަބްސިޑީއަކީ ކާކު، ކޮންއިރަކު، ކީއްވެގެން ތައާރަފުކުރި ކަމެއް ކަން އެނގޭ ބަޔަކު މަދު ވާނެ އެވެ.

ރާއްޖޭގައި ސަބްސިޑީ ދޭން ފެށީ 1982 ގައި ޑޮލަރުގެ އަގަށް ގެނައި ބޮޑު ބަދަލާ ގުޅިގެންނެވެ. އެ ފަހަރު، ދިވެހި ފައިސާއަށް ޑޮލަރެއް ލިބޭ ރޭޓު 3.93ރ. އިން 7.50ރ. އަށް މަތިކޮށްފައި ވާއިރު، މިއީ ރެކޯޑު ކުރެވިފައިވާ ތާރީހުގައި ޑޮލަރުުގެ އަގު ނިސްބަތުން އެންމެ އަގު ބޮޑު ކުރި ފަހަރެވެ. ސަބްސިޑީ ތައާރަފު ކުރީ ޑޮލަރުގެ އަގާ އެކީ ކާޑުގެ އަގު ބޮޑު ވާނެތީ، ރައްޔިތުން އުފުލަން ޖެހޭ ބުރަ ކުޑަ ކުރުމުގެ ބޭނުމުގަ އެވެ.

"ފައިސާގެ އަގަށް ގެނެވުނު ބަދަލާ ގުޅިގެން، ކާޑުގެ ތަކެތީގެ އަގު ބޮޑު ވެއްޖެ ނަމަ، އެއީ ރާއްޖޭގެ ރައްޔިތުންނަށް ކުރިމަތިވާ ވަރަށް ބޮޑު ކުއްލި ބުރައަކަށް ވާނެތީ، ކާޑުގެ ތަކެތީގެ އަގު އެސްޓީއޯއިން ކުރީގެ އަގަށް ހެދުމުން ލިބޭ ގެއްލުން ބޮލުގާ އެޅީ ސަރުކާރުން. މިގޮތަށް ސަބްސިޑީޒްގެ ނަމުގައި 1982 ވަނަ އަހަރުގެ ބަޖެޓަށް 25.9 މިލިއަން ރުފިޔާ އިތުރުކުރެވުނު," ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް، 1983 ގެ ބަޖެޓު ހުށަހަޅުއްވަމުން ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެފައިވެ އެވެ.

ސަބްސިޑީ ތައާރަފު ކުރި ފަހުން މިވީ 40 އަށް ވުރެ ގިނަ އަހަރުގެ ތެރޭގައި، ކާޑުގެ އަގު ހެޔޮކުރުމުގެ ބޭނުމުގައި ތައާރަފުކުރި ސަބްސިޑީގެ އިތުރުން ކަރަންޓާއި ފެނާއި މަސްވެރިންނަށާއި ނަރުދަމާއަށް ސަބްސިޑީ ދޭން ފެށި، ދިވެހި ދައުލަތުގެ މާލިއްޔާއިން 20 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ސަބްސިޑީއަށް ހަރަދުކޮށްފި އެވެ.

ސަބްސިޑީއަށް އެކި ސަރުކާރުތަކުން ކުރި ހަރަދު: އެންމެ ބޮޑު ހަރަދެއް ކުރީ ސޯލިހުގެ ސަރުކާރުން -- ގްރެފިކްސް: ރައްޔާން މުހައްމަދު


އެކަމަކު މިއަދު ކުރިމަތީގައި އޮތް ހާލަތަކީ މި ސަބްސިޑީއެއް ދޭން ހަދައިގެން އޭގެ ނުރަނގަޅު އަސަރު މުޅި މާލިއްޔަތަށް ކުރުމެވެ. ދައުލަތުގެ ތިޖޫރީތައް ހުސްވާ އަތަށް އަޅައި، ދަރައި ބޯނުހިކޭ ހިސާބުގައި ކަންކަން ހުރިއިރު، މިހެން އަތް އުރާލައިގެން ތިބުމުގެ ހިތި، އެންމެން ތަހައްމަލުކުރަން ޖެހޭ ވަރަށް ހާލަތު ގޯސްވެއްޖެ އެވެ.

ސަބްސިޑީގެ އިސްރާފު ސަރުކާރުތަކަށް އެނގޭ

ރާއްޖޭގައި ސަބްސިޑީ ދެމުންދާ ގޮތާ މެދު ބައިނަލްއަގުވާމީ މާލީ އިދާރާތަކުން އަބަދުވެސް ކަންބޮޑުވުން ފާޅުކުރެ އެވެ. އެ ކަންބޮޑުވުމުގެ މުގުލުގައި އޮތީ ފަގީރެއް، މަހުޖަނެއް، ދޭސީއެއް ބިދޭސީއެއް އިސްތިސްނާ ނުވާ ގޮތަށް މި ގައުމުގައި ސަބްސިޑީ ދެމުން ދިޔުމެވެ.

ސަބްސިޑީއަކީ އޭގެ ހައްގުވެރިންނަށް ލިބޭ އެއްޗެ ނޫން ކަން ހާމަކޮށް، އެ ނިޒާމު އޮތް ގޮތް ބަދަލުކުރުމުގެ މަސައްކަތް ފުރަތަމަ ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުންނެވެ. އެވެރިން ވެސް ފާހަގަކުރީ އެ ނިޒާމު އޮތް ގޮތުން މުތުލަގަށް، އެންމެނަށް އޭގެ ފައިދާ ލިބޭ ކަމާއި، ސަބްސިޑީގެ ބޮޑު ފައިދާ މުއްސަނދިންނަށް ލިބެމުންދާ ކަމެވެ.

"މިހާރު މި ސަބްސިޑީ ދެވޭ ގޮތުން، ސަބްސިޑީގެ ފައިދާ ބޮޑަށް ކުރަމުންދަނީ މާލީ ތަނަވަސްކަން ހުރި މީހުންނަށް. އަދި މާލީ ފުދުންތެރިކަން ކުޑަ އާއިލާތަކަށް ލިބެނީ ސަބްސިޑީއަށް ދައުލަތުން ކުރާ ހަރަދު ނިސްބަތުން ކުޑަ މިންވަރެއް. މިގޮތަށް މި ސަބްސިޑީ ދެމުން ގެންދިއުމަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭނެ ކަމެއް ނޫން," އޭރުގެ ފިނޭންސް މިނިސްޓަރު، އަބްދުﷲ ޖިހާދު 2015 ގެ ބަޖެޓު ހުށަހަޅުއްވަމުން މަޖިލީހުގައި ވިދާޅުވެފައިވެ އެވެ.

އެންމެ ފުރަތަމަ އުވާލީ ކަރަންޓު ސަބްސިޑީ އެވެ. އެއަށް ފަހު ކާޑު ސަބްސިޑީ އެވެ. އޭރުގެ ސަރުކާރުން މި ދެ ސަބްސިޑީ އުވާލީ އެންމެ ބޭނުންޖެހިފައިވާ މީހުންނަށް މެދުކެނޑުމެއް ނެތި އެ ސަބްސިޑީ ލިބެމުންދާނެ ކަމުގެ ޔަގީންކަމާއެކީގަ އެވެ. އެހެނަސް އެ ދުވަސްވަރު އެކި ގޮތްގޮތުން އެ ސަރުކާރަށް އައި ސިޔާސީ ފިއްތުންތަކާއެކީ ބޭނުންވި ނަތީޖާ ހާސިލެއް ނުވެ އެވެ.

ސަބްސިޑީ ދޭން ފެށި އަހަރުން ފެށިގެން މިދިޔަ އަހަރާ ހަމައަށް ކުރި ހޭދަ: މި މުއްދަތުގެ ތެރޭގައި ސަބްސިޑީއަށް ކުރާ ހޭދަ ވަނާ 18،000 ޕަސެންޓު އިތުރުވެފައި --- ގްރެފިކްސް: މުހައްމަދު ރައްޔާން/އަދަދު


ޔާމީންގެ ސަރުކާރުގައި ސަބްސިޑީގެ ކަންކަން ހިނގައިދިޔަ ގޮތުގެ ކުރު ހުލާސާއަކީ މުޅި ނިޒާމުގައި ހުރި މައްސަލަތައް ފާހަގަކޮށް، އެކަންކަން ހައްލުކުރަން މަސައްކަތް ކުރި ނަމަވެސް، އާހިރުގައި އެއްވެސް ކަމެއް ނުވުމެވެ. އަދަދުތަކުން ދައްކައިދޭ މަންޒަރަކީ 2016 އާއި 2017 ގައި ސަބްސިޑީގެ އިސްރާފު ކުޑަކުރެވުނަސް، 2018 ގައި، އެއީ ރިޔާސީ އިންތިހާބު އޮތް އަހަރުގައި، އެ ހަރަދުތައް ހުރީ އިހު ހުރި ވަރަށް ވުރެ ވެސް މަތީގައި ކަމެވެ.

ދެން ވެރިކަމާ ހަވާލުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވެސް ހަމަ މި ވާހަކަތައް ދައްކައި، ސަބްސިޑީ ނިޒާމު ބަދަލުކުރުމުގެ ސިޔާސަތުތައް ތަންފީޒުކުރާނެ ކަމަށް ބުންޏެވެ. ސޯލިހުގެ ސަރުކާރުން ފުރަތަމަ ދެއްކީ ކާޑު ސަބްސިޑީގެ ބޮޑު އިސްރާފުގެ ވާހަކަ އެވެ. މިކަން ރައްޔިތުންނާ ހަމައަށް ގެނެސްދިނީ، ކޮވިޑުގެ ތެރޭގައި ބޯޑަރުތައް ބަންދުކުރުމާ އެކީ ސަބްސިޑީއަށް ކުރަން ޖެހުނު ހަރަދަށް އައި ބޮޑު ބަދަލުގެ އަދަދުތައް ހިއްސާކުރަމުންނެވެ.

އެގޮތުން 2018 ގައި މި ސަބްސިޑީއަށް ދައުލަތުން 311.2 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، ޖެހިގެން އައި އަހަރު 352.6 މިލިއަން ރުފިޔާ ހޭދަވި އެވެ. ނަމަވެސް، ކޮވިޑުގެ ބަލިމަޑުކަން ލައިގަތް 2020 ގައި އެ އަދަދު 210.6 މިލިއަން ރުފިޔާއަށް ދަށްވި އެވެ. އެއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު، 40.3 ޕަސަންޓުގެ ވެއްޓުމެކެވެ.

ފިނޭންސް މިނިސްޓްރީން އޭރު ބުނީ ކާބޯތަކެތީގެ ސަބްސިޑީގެ ބޮޑު ޓޫރިޒަމް ސެކްޓަރަށް ހޭދަކުރެވޭ ކަން ފާހަގަވީ، 2019 ގެ ހައުސްހޯލްޑް އިންކަމް އެކްސްޕެންޑިޗާ ސާވޭ (ހަޔަސް)ގައި ގޭބިސީތަކުން ކާޑުގެ ބާވަތްތަކަށް ކުރި ހަރަދާއި އަޅާކިޔުމުން ކަމަށެވެ. ހަޔަސްއަށް ބުރަވެ ފިނޭންސުން ބުނީ ގޭބިސީތަކުން ބޭނުންކުރަނީ ކާޑު ސަބްސިޑީގެ ކުޑަ މިންވަރެއް ކަމަށެވެ.

ސޯލިހު ސަރުކާރުން ފުރަތަމަ އުޅުނީ 2022 ގައި އިންޑައިރެކްޓް ސަބްސިޑީތައް އުވާލައި، އެ އަހަރުގެ ތެރޭގައި ސަބްސިޑީތައް ޓާގެޓު ކުރަން ފަށާށެވެ. އެ އަހަރަށް ހުށަހެޅި ބަޖެޓުގައި ހިމަނާފައި އޮތީ މައިގަނޑަކަށް ކާޑު ސަބްސިޑީ ބަދަލުކޮށް، އެންމެ ބޭނުންޖެހިފައިވާ މީހުންނަށް އެކަނި ލިބޭ ސަބްސިޑީއަކަށް ހަދާށެވެ. އެގޮތުން ފުޑް ޓްރާންސްފާ އާއި ވައުޗާ އަދި ކޭޝް ޓްރާންސްފާ ދިނުން ފަދަ އުސޫލުތަކުގެ ތެރެއިން ގޮތެއް ހިޔާރުކުރާނެ ކަމަށް ބުންޏެވެ.

ނަމަވެސް, އެ އަހަރުގެ ތެރޭގައި މިއިން އެއްވެސް ސިޔާސަތެއް ތަންފީޒު ނުކުރެ އެވެ. އެކަމާ ގުޅިގެން އޭރު ސުވާލު ކުރުމުން ފިނޭންސުން ދިން ޖަވާބަކީ އެކަން ކުރަން ފުރިހަމަ ކުރަން ޖެހޭ "ޓެކްނިކަލް" މަސައްކަތްތައް ނުނިމޭތީ އެކަން ނުުކުރެވުނީ ކަމަށެވެ. ޖެހިގެން އައި އަހަރަކީ އިންތިހާބީ އަހަރަށް ވުމުން، އެ އަހަރަށް ހުށަހެޅި ބަޖެޓުގައި އެކަހަލަ ވާހަކައެއް ވެސް ނެތެވެ.

އެކި އަހަރުތަކުގައި ސަބްސިޑީއަށް ކުރި ހޭދަ: ސަބްސިޑީ ހޭދަ އުފުލެމުން އައިސްފައި ވަނީ އާދަޔާ ހިލާފަށް މަތި ރޭޓެއްގައި -- ގްރެފިކްސް: ރައްޔާން މުހައްމަދު/އަދަދު


ދެން އެކަން ކުރަން އެ ސަރުކާރުން ފޫގެޅީ، ދައުރު ނިމުނު އަހަރު ހުށަހެޅި ބަޖެޓުގަ އެވެ. އެގޮތުން މި އަހަރުގެ ޖުލައިއިން ފެށިގެން ސަބްސިޑީތައް ޓާގެޓުކުރަން ސޯލިހު ސަރުކާރުން ހުށަހެޅި ފަހު ބަޖެޓުގައި ހިމަނާފައިވެ އެވެ. ނަމަވެސް ރިޔާސީ އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހި، މި ސިޔާސަތުތައް ތަންފީޒުކުރުމުގެ ޒިންމާ ނަގަން ޖެހުނީ މިއަދު ވެރިކަމުގައި އޮތް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުންނެވެ.

ރައީސް މުއިއްޒުގެ ސަރުކާރުން ވެސް ކުރީކޮޅު ބުނީ ބަޖެޓުގައި އޮތް ތާރީހަށް އެ ބަދަލުތައް ގެންނާނެ ކަމަށެވެ. ނަމަވެސް އެ ތާރީހަށް އެއްވެސް ކަމެއް ނުކޮށް، ފަހުން ބުނީ މި އަހަރުގެ ފަހު ކުއާޓަރުގައި، އެއީ އޮކްޓޫބަރުގައި، ސަބްސިޑީ ނިޒާމު ފުށުން ޖަހާލާނެ ކަމަށެވެ. މިފަހުން މާލިއްޔަތު ކޮމިޓީގައި ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވީ، މިކަމުގެ ބުރަކަން ފާހަގަކުރައްވަމުން، ކުރަން ހުރި މަސައްކަތްތައް ނިންމާ ސަބްސިޑީގެ ބޮޑު ބަދަލު ތަންފީޒުކުރަން ފަށާނެ ކަމަށެވެ.

"އަޅުގަނޑުމެން މި ވޭތުވެދިޔަ އަށް މަސް ތެރޭގައި ސްޓަޑީތައް ހަދާފައި މިހާރު މި ވަނީ އެ އިމްޕްލިމެންޓޭޝަން ފެނިފައި. އެކަމަކު އިމްޕްލިމެންޓު ކުރުމުގައި މިހާރުން މިހާރަށް ވެސް ލަސްނުކޮށް އެ ކަންތައް ކުރުން މުހިންމީ" ޝަފީގު ވިދާޅުވި އެވެ.

ހައްލު އެނގޭ، މައްސަލައަކީ ތަންފީޒުކުރަން ފަސްޖެހޭތީ

ސަބްސިޑީއަކީ އޭގެ ޒާތުގައި ގައުމުގެ ފަގީރު ހާލަތު ދަށްކުރުމަށާއި އިންއިކުއަލިޓީ ދަށްކުރަން ދޭން ޖެހޭ އެއްޗެކެވެ. އެ ގައުމެއްގެ ފުދުންތެރިކަން ހުރެއްޖެ ނަމަ މުތުލަގަށް ވެސް ދޭންވީ އެވެ. އެކަމަކު މިއަދު ރާއްޖޭގައި މިކަން މިގޮތަށް ކުރެވެން ނެތް ކަން ވަރަށް ސާފެވެ. ބައިނަލްއަގުވާމީ މާލީ އިދާރާތަކާއި ސަރުކާރުތަކުން ވެސް އެ ބުނަނީ މިހާރު ދޭގޮތަށް ސަބްސިޑީ ދިނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ސަބްސިޑީ މިހާރު ދެމުންދާ ގޮތުގެ ހަގީގަތަކީ އެއީ ސިޔާސީ މަގުސަދެއްގައި ސިޔާސީ މަންފާތަކެއް ހާސިލުކުރަން ދޭ އެއްޗެއް ކަމެވެ. މިކަަމަށް ބާރުދޭ އެންމެ ބޮޑު ހެއްކަކީ މިއޮތް ހުރިހާ ދުވަހު ސަބްސިޑީ ދެމުން އައިއިރު، އެކަމާ ގުޅޭ ގާނޫނެއް ގަވާއިދެއް ވެސް ނެތުމެވެ. ސަބްސިޑީ ދެމުން އަންނަނީ އޭރު އޮންނަ ސަރުކާރެއްގެ "ހެޔޮފުޅުކަމުން" ގެންގުޅޭ ސިޔާސަތެއްގެ ދަށުންނެވެ.

އަނެއް ކޮޅުން، ސަބްސިޑީ ދީގެން ނެރެވުނު ރަނގަޅު ނަތީޖާއެއް ވެސް ނުފެނެ އެވެ. މަސްވެރިންނަށް ދެމުންދާ ސަބްސިޑީ މިކަމުގެ މިސާލަކަށް ފުދެ އެވެ. ހުއްޓުމެއް ނެތި މިފްކޯއަށް ސަބްސިޑީ ދީގެން މަސް ގަންނަ އަގު ކޮންޓްރޯލް ކޮށްފައި އޮތަސް މިއަދު ވެސް ބާޒާރުގައި އެންމެ އަގު ބޮޑު، އަދި އަވަހަށް އަގު އުފުލެމުންދާ ބާވަތްތަކުގެ ތެރޭގައި މަހާއި މަހުގެ އުފެއްދުންތައް ހިމެނެ އެވެ.

ސަބްސިޑީ ޓާގެޓު ކުރުމުން ދަތި ވާނެ އެވެ. ތަކެތީގެ އަގު ވެސް އުފުލޭނެ އެވެ. ހިދުމަތްތަކުގެ އަގު ވެސް އުފުލޭނެ އެވެ. އެކަމަކު މިކަން މިގޮތުގައި އޮންނަން ދޫކޮށްލައިގެން އަހަރަމެން އުފުލަން ޖެހޭ ބުރަ މާ ބޮޑެވެ. މިފަހުން ފިނޭންސް މިނިސްޓްރީން ބުނީ، ސަބްސިޑީގެ ހަރަދުތައް ކުޑަ ނުކޮށްފި ނަމަ މި އަހަރުގެ ތެރޭގައި ވެސް ބިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ ސަޕްލިމެންޓެއް ބޭނުންވާނެ ކަމަށެވެ. ސަބްސިޑީ ދެވެން ނެތީ މިހެންވެ އެވެ.

ސަބްސިޑީ ރިފޯމް ކުރަން ޖެހޭ ކަން އެނގި، އެ ވާހަކަ ދައްކާ، އެކަން ކުރަން އުޅޭތާ ދަހަރެއް ވެއްޖެ އެވެ. ދެނެއް މިކަން ނުކޮށް ތިބެވޭކަށް ނެތެވެ. މި ހަރަދެއް ކުރަން ހަދައިގެން ބަޖެޓު ފޫބައްދަން ފައިސާ ނަގާނަގާ މިއަދު މިތިބީ ދައްކަން ޖެހޭ ދަރަނީގެ އަދަދުތައް ފެނި މުޅި ގައުމު މާޔޫސްވެފެ އެވެ. އިގުތިސޯދަށް އޭގެ ހިޔަނި އެޅިފަ އެވެ. ބާރަށް، ރަނގަޅަށް ކުރިއަރަމުން ދާ އިގުތިސޯދަށް އޮތް އެންމެ ބޮޑު ބިރަކީ ވެސް ދައުލަތް އިނދަޖެހުމުގެ ބިރެވެ.

ލައްކަ ދުވަހު މިހެން ސަބްސިޑީ ދީ ދީ ތިބެވިއްޖެ އެވެ. ދެނެއް މިހެން ދީ ދީ ތިބެވޭކަށް ނެތެވެ.