Advertisement

އައިންތު މިސް އަކީ ތިން ދުވަހުގެ ހަފުތާ ބަންދު ހޯދައިދޭން އަންނަ ހަމައެކަނި ކެންޑިޑޭޓް!

17 އޭޕްރީލް 2024 - 10:37 6

މާފަންނު މެދު ދާއިރާއަށް އަމިއްލަ ޓިކެޓުގައި ވާދަކުރާ އައިންތު މިސް --


އައިންތު މިސް އަކީ ތިން ދުވަހުގެ ހަފުތާ ބަންދު ހޯދައިދޭން އަންނަ ހަމައެކަނި ކެންޑިޑޭޓް!

17 އޭޕްރީލް 2024 - 10:37 6

އާމިނަތު ހަސަން ނުވަތަ އައިންތު މިސް އަކީ މަސައްކަތްތެރިންގެ ފަންތިއަށް ނިސްބަތްވާ މާފަންނު މެދުދާއިރާގެ އާންމު ރައްޔިތެކެވެ. ދާއިރާގެ މަޖިލިސް ގޮނޑިއަށް ކުރިމަތިލާފައި ތިބި އެހެން މީހުންނަށް ހިލާފަށް އައިންތު މިސްއަކީ މާސްޓާސް ޑިގްރީއެއް ހާސިލްކޮށްފައިވާ އަދި ތައުލީމު ކުރިއެރުވުމަށް 30 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތްކޮށްފައިވާ ފަރާތެކެވެ.

އެގޮތުން ހަޔާތުގެ އެންމެ ގިނަ ދުވަހު އައިންތު މިސް މަސައްކަތް ކުރީ އަމީނިއްޔާ ސްކޫލްގެ ޓީޗަރެއްގެ ގޮތުގައެވެ. އެއަށްފަހު ދައުލަތުގެ ކޮމިޝަނަކާއި މީޑިއާ ކައުންސިލްގެ މެންބަރެއްގެ ގޮތުގައި އޭނާ ހަރަކާތްތެރިވެފައި ވެއެވެ. އިޖުތިމާއީ މަންސަ ތަކުގައި ހިލޭ ސާބަހަށް އެތައް މަސައްކަތްތަކެއް އޭނާ ދަނީ ކުރަމުންނެވެ. ތައުލީމީ ދާއިރާއިން އޭނާ ވަނީ އެތައް ބައެއްގެ ލޯބި ހޯދައިފަ އެވެ.

"މި ދާއިރާގައި އަޅުގަނޑު ކިޔަވައިދިން ކުއްޖަކު ނޫޅޭ ގެއެއް ހަމަ މަދުވާނެ. މިގޮތުން އަޅުގަނޑު ވާނީ މި މަސައްކަތުގެ ތެރެއިން ކޮންމެ ދުވަހަކު ވެސް ކިޔަވާކުދިންނާއި އެކުދިންގެ އާއިލާތަކަށް ދިމާވާ އެތައް އުނދަގޫތަކެއް ލޮލުން ދެކި ތަޖުރިބާ ކޮށްފައި، މިއަދު ތަފާތު ދާއިރާތަކާއި ދައުލަތުގެ މަތީ ފަންތީގައި އަޅުގަނޑުގެ ދަރިވަރުން ހަރަކާތްތެރިވާތީ ވަރަށް އުފާވެ ފަހުރުވެރިވޭ،" އައިންތު މިސް ބުންޏެވެ.

އަބަދުވެސް މަސައްކަތްތެރިންގެ ހައްގުތަކަށް ވަކާލާތު ކުރާ ފަރާތެއްގެ ހައިސިއްޔަތުން އައިންތު މިސް ވަނީ ރާއްޖޭގައި ޓީޗާސް އެސޯސިއޭޝަން އެއް އުފެއްދުމުގައި ވަރަށް އިސް ދައުރެއް އަދާކުރައްވައިފަ އެވެ. ޓީޗަރުންގެ މުސާރައާއި މަސައްކަތުގެ މާހައުލު ރަނގަޅު ކުރުމަށް 2008 ވަނަ އަހަރު ޓީޗަރުން ރާވައި ހިންގި ހަޅުތާލުގައި އައިންތު މިސް ވަނީ އިސްކޮށް ހަރަކާތްތެރިވެފަ އެވެ.

އެގޮތުން އެ ހަރަކާތް ރާވައި ހިންގި 30 ޓީޗަރުންގެ ޓީމުގައި ބައިވެރިވި ހަމައެކަނި އަންހެން ޓީޗަރަކީ ވެސް އައިސްތު މިސް އެވެ. ޓީޗަރުންގެ މުސާރައަށް އައި އިންގިލާބީ ކުރިއެރުން ފެށުނީ އެ ހަރަކާތްތަކުގެ ތެރެއިންނެވެ. މިފަހަރު އައިންތު މިސް ބޭނުންވަނީ ރާއްޖޭގެ ހުރިހާ މަސައްކަތްތެރިންގެ ހާލަތަށް އިންގިލާބީ ބަދަލެއް ގެންނާށެވެ.

ތިން ދުވަހުގެ ހަފުތާ ބަންދު

އައިންތު މިސް އަކީ ތިން ދުވަހުގެ ހަފުތާ ބަންދަށް (ހަތަރު ދުވަސް މަސައްކަތްކޮށްފައި ތިން ދުވަސް ޗުއްޓީ އަށް) ވަކާލާތުކުރާ ހަމައެކަނި ކެންޑިޑޭޓެވެ. މިއީ ރާއްޖެއަށް އައު، އިންގިލާބީ ވިސްނުމެކެވެ.

"ހަގީގަތުގައި މިކަމަށް ވަރަށް ތާއީދު އެބައޮތް، މަސައްކަތްތެރިން، އެމީހުންނަށް ހޯދާފައިވާ ކޮންމެ ހައްގަކީ ވެސް އެކަމާ ފުރަތަމަ ބަހުސް ކުރިއިރު ވަރަށް އިންގިލާބީ އަދި އާދަޔާ ހިލާފު ހިޔާލަކަށްވި، މިގޮތުން ސިކް ލީވް އަދި ދެ ދުވަހުގެ ހަފްތާ ބަންދަކީ ވެސް ހަމަ އެކަމާ ފުރަތަމަ ވަކާލާތު ކުރެވުނުއިރު ވަރަށް ހިޔާލު ތަފާތުވި ބަހުސެއް،" އައިންތު މިސް ބުންޏެވެ.

"އެހެންނަމަވެސް މިއަދު މި ވަނީ އެ ބަންދުތައް އަޅުގަނޑުމެން ބަލައިގަނެފައި. ގަބޫލުކުރަންޖެހޭ ހަގީގަތަކީ ރާއްޖޭގެ މުސްތަގްބަލުގެ ތަރައްޤީއާއި މުޖުތަމައުގެ އަމަން އަމާންކަމަށްޓަކައިވެސް މިކަން މުހިންމު."

އައިންތު މިސް ބުނީ އާއިލާތަކަށާއި ރައްޓެހިންނަށް އަދި އިޖުތިމާއީ ކަންކަމަށްވެސް ވަގުތު އެބަ ދޭންޖެހޭ ކަމަށެވެ. އަދި އާއިލާއާއި ރައްޓެހިން އެކުގައި ވަގުތު ހޭދަކޮށް އަރާމު ކުރަން ފުރުސަތު ލިބިއްޖެނަމަ ރާއްޖެ ވާނީ އިޖްތިމާއީ އިގްތިސޯދީ އަދި ނަފްސާނީ ގޮތުން ވަރުގަދަ ރައްޔިތެއް އުޅޭ ގައުމަކަށް ކަމަށް ވެސް އައިންތު މިސް ގަބޫލު ކުރެ އެވެ.


އައިންތު މިސް ދެކޭ ގޮތުގައި ރާއްޖޭގެ އިގްތިސޯދާއި ވަޒީފާގެ މާހައުލުގައި ބޮޑަށް އިސްކަން ދެނީ ވިޔަފާރިތަކާއި ކުންފުނިތަކަށް ލިބޭ ފައިދާ ބޮޑުކުރުމަށެވެ. މުވައްޒަފުންގެ ދުޅަހެޔޮކަމާއި އެމީހުންގެ އާއިލާތަކުގެ ބޭނުންތައް އަންނަނީ ދެވަނަ ވިސްނުމެއްގެ ގޮތުގަ އެވެ.

ނަމަވެސް ކުންފުންޏަށާއި އިގްތިސާދަށް ވެސް ފައިދާ ބޮޑުވާނީ ދުޅަހެޔޮ، ހަރަކާތްތެރި، ކުރާހިތުން މަސައްކަތް ކުރާ މުވައްޒަފުން އުފެއްދުމުންކަން ކަށަވަރެވެ. ކޮވިޑްގެ އާލަމީ ވަބާއަށްފަހު ހާމަވެގެން ދިޔަ ހަގީގަތަކީ ރާއްޖޭގެ އާބާދީގެ ބޮޑު ޕަސެންޓެއްގެ މީހުންނަކީ ބުރަކޮށް މަސައްކަތްކޮށް، އަރާމުކޮށްލަން ވަގުތު ނުލިބި ތިބި ބައެއްކަމެވެ. އެމީހުން ތިބީ ނަފްސާނީ ގޮތުން ވަރުބަލިވެފައިކަމެވެ.

ތިން ދުވަހުގެ ހަފްތާ ބަންދު ސިޔާސަތަކީ އައިސްލޭންޑް، ސްޕެއިން އަދި ޖަޕާން ފަދަ ވަރުގަދަ އިގްތިސޯދުތަކުގައި މިހާރު ޓެސްޓުކޮށް، ތަންފީޒުކުރަމުންދާ ސިޔާސަތެކެވެ. މި ސިޔާސަތުގެ ސަބަބުން ކުންފުނިތަކުގެ އުފެއްދުންތެރިކަން އިތުރުވެ، ބާރު ސްޕީޑެއްގައި ކުންފުނިތައް ކޮޅަށް ނެގޭކަން ސާބިތުވެފައި އެބަ އޮތެވެ. މަސައްކަތްތެރިންނަށް ވަޒީފާގެ ހިތްހަމަޖެހުމާއި އަދި މަސައްކަތާއި ދިރިއުޅުމުގެ ކަންކަން އެއްހަމައެއްގައި ހިފެހެއްޓުމަށް އެހީތެރިވެދޭނެވެ.

އުމުރުން ދުވަސްވެފައިވާ އާބާދީގެ ޝަކުވާ

ދޮށީ އުމުރުފުރައިގެ ފަރާތްތަކަށް އަޅާލެވޭނެ، ފެންވަރު ރަގަޅު ވަސީލަތްތައް ރާއްޖޭގައި ވަރަށް މަދެވެ. ނަތީޖާއަކީ ގައުމަށް ނުހަނު ބޭނުންތެރި ވަޒީފާތަކުގައި ތިބި މުވައްޒަފުންނަށް ވެސް އެނދުމަތިވާ މައިންބަފައިން ބެލުމަށް ވަޒީފާ ދޫކޮށްލަންޖެހުމެވެ.

ގިނަ ފަހަރަށް މި ބުރަ އުފުލަން ޖެހެނީ އާއިލާގެ ކޮންމެ ވެސް އަންހެން މެންބަރަކަށެވެ. އައިންތު މިސް ހުށަހަޅަނީ މިފަދަ އާއިލާތަކުގެ ޒިންމާ އުފުލަން ޖެހޭ ފަރާތްތަކަށް ވަޒީފާގެ ލުއި ގޮތްތަކެއް ގާނޫނުގެ ތެރެއިން ހޯދައިދިނުމަށެވެ. އަދި މިފަދަ ސަބަބަކާހެދި ވަޒީފާއިން ވަކިވާން ޖެހިފައިވާ ފަރާތްތަކުން އަނބުރާ ވަޒީފާގެ މައިދާނަށް ނުކުތުމަށް ހުރި ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށް މަސައްކަތްކޮށްދިނުމަށް ވެސް އައިންތުމިސް ވަނީ ވައުދުވެފަ އެވެ.

ކެމްޕެއިން ކުރުމާމެދު ދެކޭ ގޮތް

މި އިންތިހާބަށް ހާއްސަކޮށް އައިންތު މިސް ވަނީ މެނިފެސްޓޯއެއް ހަދައި، ބިލްބޯޑެއްގެ ގޮތުގައި އާންމުންނަށް ފެންނާނޭހެން ބަހައްޓައިފަ އެވެ. އަދި އާންމުންގެ ހިޔާލު ހޯދުމުގެ ގޮތުން މާފަންނުގެ އެކި ހިސާބުތަކުގައި "އާންމުންގެ އަޑުފޮށި" ބަހައްޓައި، ރައްޔިތުންގެ ހިޔާލު ހޯދުމަށް އައިންތު މިސް ވަނީ ޓައުން ހޯލެއް ވެސް ބާއްވައިފަ އެވެ.

"ބޮޑެތި ސިޔާސީ ޕާޓީތަކާއި، ގިނަ އަދަދެއްގެ ފައިސާއާ އެކު އަންނަ ކެންޑިޑޭޓުންނަށް ވުރެން ވަރުގަދަ ކެމްޕޭނެއް އަޅުގަނޑު އެބަ ކުރަން. އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ކެންޑިޑޭޓަކު ކެމްޕޭން ކުރާ ގޮތަކީ ވެސް އެދާއިރާގެ ރައްޔިތުންނަށް ކުރާ އިހްތިރާމް ދައްކުވައިދޭ ކަމެއް، މަސައްކަތުގެ ނަތީޖާއެއް ނުދައްކާ، ދާއިރާގެ ރައްޔިތުން ގާތުގައި އައިސް ވޯޓުލާށޭ ބުނުމަކުން ނުފުދޭނެ،" އައިންތު މިސް ބުންޏެވެ.


"އަޅުގަނޑު ގޭގެއަށް ވަންނަނީ މެނިފެސްޓޯއެއް ހިފައިގެން. ގުޅާފައި އަޅުގަނޑު ދައްކަނީ އެ ސިޔާސަތުތަކުގެ ވާހަކަ. އަދި މިކަންކަން ސޯޝަލް މީޑީއާ މެދުވެރިކޮށް ރައްޔިތުންނަށް ހިއްސާކޮށްދޭން އެތައް މަސައްކަތެއް އެބަ ކުރަން."

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި މާފަންނު މެދު ދާއިރާގެ ރައްޔިތުން އައިންތު މިސްއަށް އިތުބާރުކޮށް އެ ދާއިރާގެ ގޮނޑި ހަވާލު ކުރާނެ ކަމާމެދު އޭނާ ވަރަށް ބޮޑަށް ޔަގީން ކުރެ އެވެ. މާފަންނު މެދު ދާއިރާ މެންބަރުގެ ގޮތުގައި މަޖިލީހުގެ ތަޅުމަށް ވަނުމުގެ ފުރުސަތު އައިންތު މިސްއަށް ފަހިކޮށްދީފި ނަމަ ޕާޓީގެ އިސް ލީޑަރަަށް ސަނާ ކިޔާ އަޑުގެ ބަދަލުގައި ދެން މަޖިލީހުން އިވޭނީ މާފަންނު މެދު ދާއިރާގެ ރައްޔިތުންގެ އެދުންތައް މަޖިލީހުގައި އިއްވާ އަޑު ކަމަށް އޭނާ ބުންޏެވެ.