8 ފެބުރުވަރީ 2024 - 10:39 1
މިންހާ އަބްދުﷲ
ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއް. ރާއްޖޭގެ ތާރީހުގައި އަންހުން މަޖިލިސް ގޮނޑިއަށް އިންތިހާބުވަނީ މަދު ފަހަރަކު --- އާޓްވޯކް: ރައްޔާން މުހައްމަދު/އަދަދު
8 ފެބުރުވަރީ 2024 - 10:39 1
ރާއްޖޭގެ އާބާދީގެ ދެބައި ކުޅަ އެއްބަޔަކީ އަންހެނުން ކަމަށް ވާއިރު "ޑިޒިޝަން މޭކިން ލެވެލް" ނުވަތަ ގޮތް ނިންމާ ފަންތީގައި އަންހެނުންގެ ބައިވެރިވުން އަދިވެސް މަދެވެ. ޑިމޮކްރަސީ ފައްކާ ކުރެވެން އޮތީ ދެ ޖިންސުގެ ބައިވެރިވުން ހަމަހަމަ ކަމާއެކު ފެނިގެން ނަމަވެސް، އަންހެނުންގެ އަޑު އެކަށީގެންވާ ގޮތެއްގައި އިއްވައެއް ނުދެވެ އެވެ.
ރާއްޖޭގައި ވޭތުވެދިޔަ ދިހަ އަހަރު ސިޔާސީ އިސް މަގާމުތަކުގައި އަންހެނުންގެ ބައިވެރިވުން ދަނީ ދުވަހަކަށް ވުރެ ދުވަހެއް ދަށް ވަމުންނެވެ. 2009 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގައި އަންހެނުންގެ ތަމްސީލު ކުރި ނިސްބަތް 6.5 ޕަސެންޓުގައި ހުރިއިރު، 2013 ވަނަ އަހަރު އެ ނިސްބަތް 5.9 ޕަސެންޓަށް ވެއްޓުނެވެ. އަދި މި ހިނގާ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް 2019 ވަނަ އަހަރު އިންތިހާބުވި 4 އަންހެން މެމްބަރުންނާއެކު އެ ނިސްބަތް އޮތީ 4.6 ޕަސެންޓަށް ދަށްވެފަ އެވެ.
ގައުމުގައި ހުރި މައްސަލަތަކަށް ހައްލު ހޯދައި ދިނުމަށް މަސައްކަތް ކުރާ އެންމެ މުހިންމު އެއް ތަނަކީ ގާނޫނު ހަދާ މަޖިލީހެވެ. އެހެންނަމަވެސް، އަންހެނުންނަށް ހުރި ގޮންޖެހުންތަކާ ގުޅިގެން ކަމާ ގުޅުން ހުރި އިދާރާތައް ޖަވާބުދާރީ ނުކުރެވޭތާ މަޖިލީހަށް އަންހެނުންގެ މައްސަލަތައް ހުށަހެޅި އެކަންކަން ހައްލު ކުރުމަށް މަސައްކަތް ކުރާ ތަނެއް ވެސް ނުފެނެ އެވެ.
މިއީ އާބާދީގެ 49 ޕަސެންޓު ހިއްސާ ކުރާ އަންހެނުންނަށް ހައްގު މިންވަރު ހެއްޔެވެ؟ ނުވަތަ ގާނޫނު ހަދާ މަޖިލީހުގައި ރާއްޖޭގެ އަންހެނުންގެ އާބާދީ އެކަށީގެންވާ ގޮތެއްގައި ތަމްސީލުކޮށް، އަންހެނުންގެ ހައްގުތައް ކަށަވަރު ކުރުމަށް މަސައްކަތް ނުކުރެވެނީ މަޖިލީހުގައި މިހާ ދަށް އަދަދަކަށް އަންހެނުން ތިބީމަ ހެއްޔެވެ؟ ހަމައެކަނި އަންހެނުންގެ އަދަދު އިތުރުކޮށްގެން ރާއްޖޭގެ އާދައިގެ، އާންމު އަންހެނުންގެ އާބާދީ ރަނގަޅު ގޮތެއްގައި ތަމްސީލް ކުރެވޭނެ ހެއްޔެވެ؟
މަޖިލީހަށް ވާދަ ކުރާ އަންހެނުންނަށް އެދެވޭ ކާމިޔާބީއެއް ނުލިބޭކަން، ކުރިއަށް އޮތް މަޖިލިސް އިންތިހާބުގެ 93 ގޮނޑިއަށް ވާދަ ކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބޭއްވި ޕްރައިމަރީން އެކަނި ވެސް ފެނެ އެވެ. ވެރިކަން ކުރާ ޕީއެންސީ ކޯލިޝަނުން ބޭއްވި ޕްރައިމަރީގައި ބައިވެރިވި 32 އަންހެން ކެންޑިޑޭޓުންގެ ތެރެއިން ޓިކެޓު ކާމިޔާބު ކުރީ އެންމެ އަންހެން ކެންޑިޑޭޓެކެވެ.
އެއީ މާފަންނު މެދު ދާއިރާއަށް ވާދަ ކުރާ އަސްމާ ރަޝީދެވެ. ދެން ޕީއެންސީން ވާދަ ކުރާ އަންހެން ކެންޑިޑޭޓަކަށް ހުންނެވީ ޕްރައިމަރީއަކާ ނުލާ ޓިކެޓު ލިބުނު ފ. ނިލަންދޫ ދާއިރާއަށް ވާދަ ކުރާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކޮއްކޮ ސައުދާ ރަޝީދެވެ.
އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވާދަކުރަނީ ހަ އަންހެން ކެންޑިޑޭޓުންނެވެ. މީގެ ތެރެއިން ޕްރައިމަރީގައި ވާދަކޮށް ހޮވިފައިވާ ތިން ކެންޑިޑޭޓުންނަކީ ހުޅުމާލެ މެދު ދާއިރާއަށް ސަފާތު އަހްމަދު ޒާހިރު، ފުވައްމުލަކު ދެކުނު ދާއިރާއަށް ނަޒްރާ ނަސީމް އަދި ތިނަދޫ ދެކުނު ދާއިރާއަށް ޒިފްލީނާ ހަސަނެވެ.
ޕްރައިމަރީއަކާ ނުލައި ޓިކެޓު ކާމިޔާބު ކުރި އެމްޑީޕީގެ ތިން އަންހެން ކެންޑިޑޭޓުންނަކީ ހިންނަވަރު ދާއިރާއަށް މިހާރުވެސް އެދާއިރާގެ މެމްބަރު ޖީހާން މުހައްމަދު، މާފަންނު އުތުރު ދާއިރާއަށް އިފްހާމް ހުސެއިން އަދި ދަނގެތި ދާއިރާއަށް ރުގިއްޔާ މުހައްމަދެވެ.
އިދިކޮޅުގައި ދެން އޮތް ޕާޓީ، ޑިމޮކްރެޓްސް އިން 13 އަންހެން ކެންޑިޑޭޓަކު ވާދަ ކުރައްވަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިތުރުން ވަޒީރުންގެ މަޖިލީހަށް ބެލި ކަމުގައި ވިޔަސް އަންހެން ވަޒީރުންގެ އަދަދު ނިސްބަތުން މަދެވެ. މިހާރު އޮތް ވަޒީރުންގެ މަޖިލީހުގައި 22 ވަޒީރަކު ތިއްބެވިއިރު، އަންހެނުންގެ ގޮތުގައި ތިއްބެވީ އެންމެ ތިން ބޭފުޅުންނެވެ.
ވިމެން އެންޑް ޑިމޮކްރަސީ ޖަމިއްޔާގެ ރައީސާ އަދި ހުޅުމާލެ މެދު ދާއިރާއަށް އެމްޑީޕީ ޓިކެޓުގައި ވާދަ ކުރާ ސަފާތު ފާހަގަ ކުރާ ގޮތުގައި ސިޔާސީ ދާއިރާގައި އަންހެނުންގެ ނިސްބަތް މިހާ މަދީ ސިޔާސީ ދާއިރާއަށް ނުކުތުމަށް އެކި މުއައްސަސާތަކުގެ ތެރެއިން އޮންނަ ހުރަސް ތަކާއި ރާއްޖޭގައި އޮންނަ ތަފާތުކުރުމުގެ ސަގާފީ އުސޫލުތަކާއި އިޖުތިމާއީ އުސޫލުތަކުގެ ސަބަބުން އަންހެނުން ބާކީ ކުރެވިފައި ވާތީ އެވެ.
"ގްރާސްރޫޓް ފެންވަރުގައި ސިޔާސީ ހަރަކާތްތައް ކުރިއެރުވުމުގައި އަންހެނުން މުހިންމު ދައުރެއް އަދާކުރާއިރު، މި ބައިވެރިވުން ލީޑާޝީޕްގެ ދާއިރާތަކުން ނުފެނޭ، ސިޔާސީ ދާއިރާގައި އަންހެނުންނަށް ހަމަހަމަ ގޮތެއްގައި ބައިވެރިވުމަށްޓަކައި، ޕާޓީގެ މެންބަރުންގެ ގޮތުގައި އަންހެނުން އިތުރަށް ތަމްސީލުކުރަންޖެހޭ، މަޖިލީހާއި ކައުންސިލްތައް އަދި ޝަރުއީ މަގާމުތަކަށް އަންހެނުން ބޮޑަށް ނެރެން ޖެހޭ،" ސަފާތު ބުންޏެވެ.
މިއީ ހަމައެކަނި ދިވެހިރާއްޖޭގައި ވެސް ދިމާވާ މައްސަލައެއް ނޫނެވެ. ބައިނަލްއަގްވާމީ ޖަމިއްޔާއެއް ކަމުގައިވާ އިންޓަ ޕާލިމަންޓްރީ ޔޫނިއަން އިން ބުނާ ގޮތުގައި މުޅި ދުނިޔޭގައި ވެސް މަޖިލިސްތަކުގައި ނިސްބަތުން އަންހެނުން ވަރަށް މަދެވެ. ދުނިޔޭގެ ގިނަ ގާނޫނު ހަދާ މަޖިލިސްތައް ޑޮމިނޭޓް ކުރަނީ ފިރިހެނުން ކަމަށް ވާއިރު އެންމެ އަންހެން މެމްބަރަކު ނެތް މަޖިލިސްތައް ވެސް ދުނިޔޭގައި އެބަ ހުއްޓެވެ.
އެ ޔޫނިއަން އިން ކުރި ދިރާސާތަކަށް ބެލުމަށް ފަހު، މިކަމުގައި ގިނަ ސަބަބުތަކެއް ހުރިކަމަށް އެ ޔޫނިއަން އިން ފާހަގަކުރެ އެވެ. އޭގެ ތެރޭގައި މުޖުތަމައުގައި އަންހެނުންގެ ދައުރު ހަނިކުރާ ތަފާތުކުރުންތައް ނުވަތަ ސަގާފީ ގަބޫލުކުރުންތަކާއި އާއިލީ އަދި ސިޔާސީ ދިރިއުޅުން ބެލެންސްކުރުމާއި، ސިޔާސީ ޕާޓީތަކުގެ ތާއީދު ހޯދުން ދަތި ވުމާއި ކެމްޕޭނަށް ފައިސާ ހޯދުން ދަތިވުން ހިމެނެ އެވެ.
އަނިޔާވެރިކަމާއި އުނދަގުލާއި ބިރުދެއްކުމާއި ކުރިމަތިވުމުގެ ސަބަބުން ވެސް ބައެއް އަންހެނުން، ފިރިހެނުންނަށް މަގާމުތައް ދޫކޮށްލާ ކަމަށް ވެސް އެ ޔުނިއަން އިން ފާހަގަކޮށްފައިވެ އެވެ. އެހެންނަމަވެސް މަދުމަދުން މަޖިލީހުގައި އަންހެނުންގެ ބައިވެރިވުން އިތުރުވަމުން އަންނަކަމަށް އެ ޔޫނިއަން އިން ފާހަގަކުރެ އެވެ.
އދ ގެ މިންތީގެ ހަމަހަމަކަމާއި އަންހެނުން ބާރުވެރިކުރުވުމަށް މަސައްކަތް ކުރާ ގޮފި، "ޔޫއެން ވިމެން" އިން ގަބޫލު ކުރާ ގޮތުގައި މަޖިލިސްތަކުގަ އާއި ގޮތް ނިންމާ ފަންތީގައި އަންހެނުންގެ ބައިވެރިވުން ވަރަށް މުހިންމެވެ. އެގޮތުން ގާނޫނު ހަދާ މަޖިލީހުގައި އަންހެނުން ތިބޭ ނަމަ، އަންހެނުންގެ މައްސަލަތަކަށް މާ ބޮޑަށް އަހަންމިއްޔަތުކަން ދެވޭ ކަމަށް ދިރާސާތަކުން ދައްކާ ކަމަށް "ޔޫއެން ވިމެން" އިން ބުނެ އެވެ.
އަދި ގޮތް ނިންމާއިރު އަންހެނުންގެ ބަސް ހިމެނުމަށް މާ ބޮޑަށް ބާރު އެޅި، އަންހެނުންގެ ކަންކަމުގައި ކަމާ ގުޅޭ އިދާރާތައް ޖަވާބުދާރީ ކުރުވުމަށް ވެސް މަގުފަހި ވާނެ ކަމަށް އެ ގޮފިން ދެކެ އެވެ.
ސިޔާސީ ދާއިރާގައި އަންހެނުންނާއި ފިރިހެނުންގެ ބައިވެރިވުން އޮތް ގޮތަށް ބެލުމަށް ރާއްޖޭގެ ގައުމީ ޔުނިވާސިޓީން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި 48 އިންސައްތަ މީހުން ގަބޫލު ކުރާ ގޮތުގައި ސިޔާސީ މަގާމުތަކަށް އަންހެނުންނަށް ވުރެ ފިރިހެނުން މާ އެކަށީގެންވެ އެވެ. މި ގޮތަށް ގަބޫލު ކުރަނީ ވެސް ގިނައިން ފިރިހެނުން ކަމަށް އެ ދިރާސާއިން ދައްކަ އެވެ.
މި ދިރާސާގެ މަސައްކަތުގައި ބައިވެރިވި މައުރިފާ ހަސަން ގަބޫލުކުރާ ގޮތުގައި އެގޮތަށް މީހުން ދެކޭ މައިގަނޑު ސަބަބަކީ ރާއްޖޭގައި އޮންނަ ފިރިހެނުން ބާރުވެރި ކުރާ މުޖުތަމައު ނުވަތަ "ޕެޓްރިއާކަލް ސޮސައިޓީ"ގެ ސިފަތަކެވެ. މިއީ ހަމައެކަނި ސިޔާސީ މައިދާނުން ފެންނަ ސިފަތަކެއް ނޫން ކަމަށާއި ވަކި ވަކި ގެތަކުގައި ވެސް ގިނަ ފަހަރަށް ކަންކަން ހިނގަނީ މި ސިފަތަކާ އެއްގޮތަށް ކަމަށް އޭނާ ބުންޏެވެ.
"ގެތަކުގައި ވެސް އެންމެ ފަހު ނިންމުން ނިންމާނީ ގިނަ ފަހަރަށް ފިރިހެނެއް. ވިޝަސް ސައިކަލް [ބަދަލުވުމެއް ނެތް ބުރު] އެއް ކަމަށް ހީވާ ފަހަރު ވެސް އާދޭ. ސިޔާސީ މީހުންގެ ގޮތުގައި ފިރިހެނުން ފެންނާތީ މީހުންނަށް ވިސްނެނީ މި ދާއިރާއަކީ ފިރިހެނުންނަށް އޮންނަ ދާއިރާއެކޭ. އެއީ އެ ދާއިރާގައި އާންމުކޮށް ފިރިހެނުން މަސައްކަތް ކުރާތީ،" މައުރިފާ ބުންޏެވެ.
އަންހެނަކާއި ފިރިހެނަކު އަދާ ކުރާ ދައުރަށް ބަލާއިރު އަންހެނެއްގެ ޒިންމާތައް ފިރިހެނަކަށް ވުރެ ގިނަ ވެފައި ބޮޑުކަން މިއީ ފެންނަން އޮތް ހަގީގަތެކެވެ. ކޮންމެ ވަޒީފާއެއް އަދާ ކުރި ނަމަވެސް އާއިލީ ޒިންމާތަކަކީ ގިނަ ފަހަރަށް ފިރިހެނުންނާއި ހިލާފަށް އަންހެނަކަށް ރެކެވެން ނެތް ޒިންމާތަކެކެވެ. ދިވެހި މުޖުތުމައު ފެށުނީއްސުރެ ބައްޓަންވެފައި އޮތް ގޮތަކީވެސް އެއީ އެވެ.
މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު އަދި ޖުޑިޝަލް ސާވިސް ކޮމިޝަންގެ ރައީސާ ހިސާން ހުސެއިން ދެކިލައްވާ ގޮތުގައި އަންހެނުންގެ ބައިވެރިވުން އިސް މަގާމުތަކުން ނުފެންނަ އެއް ސަބަބަކީ ވެސް އެއީ އެވެ. އެހެންނަމަވެސް މަޖިލީހުގައި މިވަގުތު ވެސް ތައުލީމާއި ތަޖުރިބާގެ ގޮތުން ބަލާއިރު ތިއްބެވި އެންމެ ހަތަރު އަންހެން މެމްބަރުންނަކީ ވެސް ބާކީ ތިއްބެވި އެހެން ގިނަ ފިރިހެން މެމްބަރުންނާ އަޅާ ކިޔާއިރު މާ "ކޮލިޓީ" މެމްބަރުންގެ ގޮތުގައި ހިސާން ސިފަ ކުރައްވަ އެވެ.
އަންހެން މެމްބަރަކާއި ފިރިހެން މެމްބަރަކު އަޅައި ކިޔާއިރު، ދެ މެމްބަރުންގެ ފެންވަރު މިނާ ގޮތް ވެސް ވަރަށް ތަފާތު ކަމަށް ހިސާން ވިދާޅުވި އެވެ. އަންހެނުންނާ މެދު މުޖުތަމައުގެ "އެކްސްޕެކްޓޭޝަންސް" ވަރަށް މަތި ކަމަށާއި އެހެންކަމުން އަންހެނަކު މިއިން މަގާމަކަށް އައުމަށް މާ ގިނަ އޮޅި ގިރާ ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
"ފިރިހެން މެމްބަރުންނަށް ވުރެ މިހާރު މި ތިއްބެވި ހަތަރު އަންހެން މެމްބަރުންގެ ކޮލިޓީ މާ ބޮޑަށް ވެސް ރަނގަޅު. މަޖިލީހުގައި ކުރާ މަސައްކަތަށް ބެލިޔަސް، ޕާޓީ ބަދަލުކުރުން ފަދަ ކަންކަމަށް ބެލިޔަސް ވެސް އަންހެން މެމްބަރުން މާ ރަނގަޅުކަ މަށް ފެންނަނީ. އަންހެނުންނަށް ފުރުސަތުތައް ފަހިކޮށް ދިނުމަށް ޕާޓީތަކުން ވާހަކަ ދައްކާތަން ފެނޭ. އެކަމަކު އެ ފުރުސަތުތައް ފަހިކޮށްދޭން މަސައްކަތް ކުރާ ތަނެއް ނުފެނޭ،" ހިސާން ވިދާޅުވި އެވެ.
އެހެންނަމަވެސް މި ވާހަކަތަކާ ވެސް މުޅިން އެއްބަސް ނުވެވޭ ކަންކަން ހުރިކަން ރިޕޯޓަށް މައުލޫމާތު ދިނުމަށް ވާހަކަ ދެއްކި ބައެއް މީހުންގެ ވާހަކަތަކުން އެނގެ އެވެ.
ކުރިން ފާހަގަކުރި ގައުމީ ޔުނިވާސިޓީގެ ދިރާސާ އާއި އެނޫންވެސް ދިރާސާތައް ހެދުމުގައި ބައިވެރިވި މައުރިފާ ދެކޭ ގޮތުގައި މަގާމުތަކަށް ހޮވޭ އަދި ލިބޭ އަންހެނުންގެ އަދަދަށް އިސްކަން ދިނުމަށް ވުރެ މުހިންމީ އެ މަގާމުތަކަށް އަންނަ މީހުންނަކީ ކޮން ބައެއްކަމާ މެދު ވިސްނުމެވެ. މިހާރު މަޖިލީހުގައި މި ތިއްބެވި އަންހެނުންނަކީ އާންމު، އާދައިގެ އަންހެނަކު ތަމްސީލު ކުރެވޭނެ މެމްބަރުންތަކެއް ނޫން ކަމަށް އޭނާ ދެކެ އެވެ.
"މިސާލަކަށް ރާއްޖޭގެ މަޖިލީހުގަ މިހާރު ތިބި އަންހެނުން އެއްކޮށްލީމަ ރާއްޖޭގެ އާދައިގެ ފިރިހެނުންނަށް ވުރެ މާ މުއްސަނދި، އެއީ "ލޭންޑް އޯނާޒް". އެފަދަ 20 އަންހެނުން މަޖިލީހަށް ދިޔަ ނަމަވެސް ރާއްޖޭގެ އާދައިގެ އަންހެނަކު ރިޕްރެޒެންޓް ނުކުރެވޭނެ، އެގޮތަށް ވިސްނާއިރު އަދަދުން ވަކި އަންހެނުން އިތުރު ކުރުން މުހިންމެއް ނޫން،" އޭނާ ބުންޏެވެ.
މިހާރު މަޖިލީހުގައި ތިއްބެވި އަންހެން މެމްބަރުން އޭނާ ސިފަ ކުރީ ވަރަށް "ޕްރިވިލެޖްޑް" އަދި "އެލީޓް" ބައެއްގެ ގޮތުގަ އެވެ. މަޖިލީހަށް އައުމުގެ ކުރިން ވެސް އެމީހުންނަކީ މުއްސަނދި އާއިލާތަކުގެ، ނުފޫޒު ގަދަ މީހުންގެ ގޮތުގަ އެވެ.
އޭނާގެ ވާހަކަތަކަށް ބާރު ދެނީ އަންނަ މަޖިލީހަށް ވާދަ ކުރުމަށް މިހާރު ޓިކެޓު ލިބިފައި ތިބި އަންހެނުން ކެންޑިޑޭޓުންގެ "ބެކް ގްރައުންޑް" އެވެ.
އަންހެން މެމްބަރުންގެ އަދަދު ގިނަ ވުމަކުން ހާސިލް ވާނެ މާ އިތުރު މޮޅު ތަކެއް ނެތް ކަމަށް އޭނާ ދެކެ އެވެ. ލޯކަލް ކައުންސިލްތަކަށް ކޯޓާއެއް ކަނޑައަޅައި އަދި އޭގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއެއް ވެސް އެކުލަވާލާފައި އޮންނައިރު އެކަމުން ހާސިލް ކުރަން މިއުޅެނީ ކޮން ކަމެއްތޯ އޭނާ ސުވާލު އުފައްދަ އެވެ.
"އަދަދު އިތުރުވެގެން މާ ބޮޑު އިމްޕެކްޓްއެއް ކުރާ ތަނެއް ނުފެނޭ. އަންހެނުންގެ ވެސް ބަހެއް ހޯދައިގެނޭ މިކަންކަން މި ކުރަނީ، އެހެން ބުނަންވެގެން ކަނޑައަޅާފަ އޮންނަ ކޯޓާތަކެއްކަމަށް ބެލުމުގެ ފުރުސަތު އެބައޮތް. މަތި އޮމާން ކުރަން ކުރާ ކަމެއްގެ ގޮތުގައި މި އޮންނަނީ. ހަގީގީ ބާރެއް ނުލިބޭ،" މިއީ އަންހެނުންގެ އަދަދު އިތުރު ކުރުމުގައި އޭނާގެ ހިޔާލު ހުރި ގޮތެވެ.
މަޖިލީހުގައި އަންހެނުންގެ ދައުރު ފުޅާ ކުރުމަށް މަޖިލީހުންނާއި ޔޫއެންޑީޕީން ވެސް މަސައްކަތް ކުރެ އެވެ. އަންހެނުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޕްރެކްޓިސް ޕާލިމަންޓްގެ ތެރެއިން ވެސް އަންހެނުންނަށް ސިޔާސީ މައިދާނުންނާއި މުޖުތަމައުއިން ދިމާވާ އެކި ކަހަލަ ގޮންޖެހުންތައް ހުރަސް ކުރާނެ ގޮތްތައް ކިޔައިދެ އެވެ. މިކަމުގައި ދިމާވާ މާލީ ގޮންޖެހުންތަކުން އަރައިގަނެވޭނެ ގޮތްތައް ވެސް ޕްރެކްޓިސް ޕާލިމަންޓް ގައި ކިޔައިދެ އެވެ.
އެކަމަކު ކުރެވޭ މިފަދަ މަސައްކަތްތަކުން އެދެވޭ ނަތީޖާއެއް އެބަ ފެނޭ ހެއްޔެވެ؟ އެދެވޭ ފައިދާއެއް ކުރާނަމަ ދުވަހަކަށް ވުރެ ދުވަހެއް މަޖިލީހަށް ހޮވޭ އަންހެނުންގެ އަދަދު ދަށް ވަމުން މިދަނީ ކީއްވެ ހެއްޔެވެ؟
ޑިމޮކްރަސީ ފައްކާ ކުރުމަށް މަސައްކަތް ކުރާ ގައުމެއްގައި ދެ ޖިންސުގެ ބައިވެރިވުން ހަމަ ހަމަ ކަމާއެކު ފެންނަން ޖެހެ އެވެ. ސިޔާސީ ދާއިރާއަކީ "މޭލް ޑޮމިނަންޓް" ދާއިރާއެއްގެ ގޮތުގައި މި ދެކޭ ދެކުން ބަދަލު ވާން އެބަ ޖެހެ އެވެ. ކޮންމެ ފަންތިއެއްގެ މީހަކަށް ވެސް ސިޔާސީ މައިދާނަށް ނުކުމެ ލީޑާޝިޕް މަގާމުތަކަށް އައުމުގެ ފުރުސަތު ފަހިވެފައި އޮންނަން ޖެހެ އެވެ.
އަންހެނުން ތަމްސީލް ކުރުމަށް، އަންހެނުންގެ ހައްގުތައް ކަށަވަރު ކޮށްދިނުމަށް އަންހެނުންގެ ބައިވެރިވުން މިއަށްވުރެ އިތުރު ވާން ޖެހެ އެވެ. އެއީ ގާނޫނަކުން ލާޒިމުކޮށްގެން، ކޯޓާއެއް ކަނޑައަޅައިގެން ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ދެކިގެން ނުވާނެ އެވެ.
Comment