27 ނޮވެންބަރު 2023 - 08:52 2
މުހައްމަދު އުޝާމް
އެޓާނީ ޖެނެރަލް އަހުމަދު އުޝާމް؛ އަލަށް އުފައްދާ ސިވިލް ރައިޓްސް އޮފީސް ހިނގާނެ ގޮތް ތަފްސީލްކޮށްދެއްވި - ފޮޓޯ: އަދަދު ފައިލް
27 ނޮވެންބަރު 2023 - 08:52 2
ގާނޫނު އަސާސީގައި އަސާސީ ހަައްގުތައް ލިޔެ، ދައުލަތުގެ އިންތިޒާމުތަކުގެ ތެރެއިން އެ ހައްގުތައް ކަށަވަރު ކުރަން ހިންގޭނެ އިޖުރާއަތްތައް ވެސް ވަނީ ލިޔެފަ އެވެ. އެ ކަމަށް ޓަކައި މިނިވަން މުއައްސަސާއެއް ވެސް އޮވެ އެވެ. އެއީ ހިއުމަން ރައިޓްސް ކޮމިޝަނެވެ. އެ މުއައްސަސާއަށް ނަތީޖާއެއް ނުނެރެވުމުގެ ޝަކުވާ ވެސް އަބަދު އޮވެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދަކީ، އެ ހައްގުތައް ކަށަވަރުވާ ކަން ޔަގީން ކުރުމަށާއި، ހައްގެއް ގެއްލޭ ހާލަތެއްގައި އެ ކަން ހުށަހަޅަން ހާއްސަ އޮފީހެއް ސަރުކާރުގައި ގާއިމު ކުރުމެވެ. ނަމަވެސް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އޮވެފައި، މި އޮފީސް ގާއިމު ކުރުމުގެ ހިކުމަތާ މެދު އޭރު ވެސް ސުވާލުތަކެއް ހުއްޓެވެ.
ރައީސް މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ ދުވަހު އެ އޮފީސް ވަނީ ބަންޑާރަ ނައިބުގެ އޮފީހުގެ ދަށުން ހިންގާ ގޮތަށް އުފައްދައިފަ އެވެ. އަދި ފުރަތަމަ ދުވަހުން ފެށިގެން އެ އޮފީހަށް ޝަކުވާ ހުށަހަޅަން ހުޅުވައިލި އެވެ.
ބަންޑާރަ ނައިބަށް ވެސް ގާނޫނު އަސާސީން ޒިންމާތަކެއް މަތިކޮށްފައި އެބަ އޮތެވެ. އެއް މަސްއޫލިއްޔަތަކީ ވެސް ޖިނާއީ މައްސަލަތައް ފިޔަވައި އެހެން މައްސަލަތަކުގައި ދައުލަތުގެ ވުޒާރާތަކާއި އިދާރާތަކާއި މުއައްސަސާތައް ތަމްސީލުކުރުމެވެ. އޭގެ ތެރޭގައި މަދަނީ އަދި ދުސްތޫރީ މައްސަލަތައް ހިމެނެ އެވެ. މަދަނީ ހައްގުތައް ވެސް ހިމެނެ އެވެ.
ބަންޑާރަ ނައިބަށް މަދަނީ ހައްގުތަކުގެ އޮފީހެއް ހިންގަން ހަވާލުކޮށްފައިވާއިރު ޔަގީނުން ވެސް ދައުލަތުގެ މުއައްސަސާއެއް ނޫނީ އިދާރާއެއްގެ އިންތިޒާމެއްގެ ތެރެއިން ހައްގެއް ނިގުޅައިގަތް ކަމުގެ ޝަކުވާތަކެއް ވެސް އެ އޮފީހަށް ހުށަހެޅޭނެ އެވެ. އެފަދަ ހާލަތެއްގައި މަސްލަހަތު ފުށު އެރުމުގެ ފުރުސަތު އެބަ އޮތް ކަމަށް ބައެއް ގާނޫނީ ވަކީލުން ފާހަގަ ކުރެއްވި އެވެ.
"ސިވިލް ރައިޓްސް އޮފީހަށް ވަންނާނެ، މުއައްސަސާތަކުން، އިދާރާތަކުގެ އިންތިޒާމެއް ތެރެއިން އަސާސީ ހައްގެއް ގެއްލުމުން އޭގެ ޝަކުވާ ވެސް، ބަންޑާރަ ނައިބަށް ޖެހޭ ދައުލަތް ތަމްސީލުކުރަން، މަސްލަހަތު ފުށުއަރާނެ ހާލަތެއް އެއީ، އެ ހާލަތުގަައި އަމަލު ކުރާނެ މެކޭނިޒަމެއް އޮންނަން ވާނެ،" ވަކީލަކު ވިދާޅުވި އެވެ.
އާ ބަންޑާރަ ނައިބު އަހުމަދު އުޝާމް "އަދަދު" ނޫހަށް ވިދާޅުވީ އެޗްއާރުސީއެމްގެ މެންޑޭޓާއި މަސައްކަތުގެ ތެރެއަށް އެ އޮފީސް ނުވަންނާނެ ކަމަށެވެ. އެ އޮފީހުގެ މެންޑޭޓުގެ ތެރޭގައި އެޗްއާރުސީއެމްގެ މަސައްކަތުގެ ދާއިރާގައި ހިމެނޭ، ހައްގަކަށް އަރައިގަންނަ މައްސަލަތަކުގެ ތަހުގީގު ހިންގުން ނުހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބޭނުމެއް ނޫން ހިއުމަން ރައިޓްސް ކޮމިޝަންގެ މެންޑޭޓުގެ ތެރެއަށް ވަންނާކަށް ވެސް،" "އަދަދު" އަށް ދެއްވި އިންޓަވިއުގައި އުޝާމް ވިދާޅުވި އެވެ.
އެހެންނަމަ، ސިވިލް ރައިޓްސް އޮފީހުން ޝަކުވާތައް ބަލައިގަތުމާއި، ޝަކުވާއެއް ލިބުމުން ކުރިއަށް ގެންދާނީ ކިހިނެއް ހެއްޔެވެ؟
ސަރުކާރުން އާންމުކުރި މެންޑޭޓުތަކުގެ ތެރޭގައި ވެސް ދައުލަތުގެ މުއައްސަސާތަކުން ކުރާ މަސައްކަތްތައް ވިލަރެސް ކުރުން ހިމެނެ އެވެ. ބަންޑާރަ ނައިބަށް ދައުލަތް ތަމްސީލުކުރުމުގެ ޒިންމާ ވެސް އޮތް އިރު މަސްލަހަތު ފުށު އެރުމާ ގުޅޭ ސުވާލަށް އުޝާމްގެ ޖަވާބަކީ، ތަހުގީގު ނުހިންގާތީ އެފަދަ ކަމެއް ނޯންނާނެ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، މައްސަލައެއް އެ އޮފީހަށް ލިބުމުން އަމަލު ކުރާނީ ތިން ގޮތަކަށެވެ.
ފުރަތަމަ ގޮތަކީ، މުއައްސަސާއެއް ހިމެނޭ ކަމެއްނަމަ އެ މުއައްސަސާއަކަށް ލަފާ ދިނުމެވެ. އަދި މަޝްވަރާތަކުގައި ދެ ފަރާތް ބައިވެރިކުރުމާއި ދެ ފަރާތް ދެމެދު ސުލްހަ ކުރެވޭ ހައްލުތަކެއް ހޯދައިދިނުމެވެ. އަދި އެ ކަމެއްގައި ބައިވެރިވާ، ވަކި ފަރުދަކާ މެދު ފިޔަވަޅު އަޅަން ލަފާ ދޭން ޖެހޭނަމަ އެ ލަފައެއް ދިނުމެވެ.
ދެވަނަ ގޮތަކީ، ޖިނާއީ ކުށެއްގެ އަމަލެއް ހިންގިކަން ފާހަގަވާނަމަ ނުވަތަ އެފަދަ ތުހުމަތެއް އޮތް ނަ،މަ އެކަން ތަހުގީގު ކުރަން ފުލުހުންނަށާއި ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމެވެ. އަދި މައްސަލަ ހުށަހެޅުމާއި ދޭން ޖެހޭ އިދާރީ އެހީތެރިކަން، ޝަކުވާ ހުށަހެޅި ރައްޔިތު މީހާއަށް ފޯރުކޮށްދިނުމެވެ.
ތިންވަނަ ގޮތަކީ، ހާއްސަކޮށް މަދަނީ މައްސަލައެއް ނަމަ، އަދި ޝަރީއަތުގެ މަރުހަލާއަށް ގޮސްގެން ހައްލު ކުރެވެން އޮތް ކަމަށް ފެންނަ ނަމަ، އެ ގޮތަށް ލަފާ ދިނުމެވެ. އަދި އެ ކަމަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
"އެ އޮފީހަކީ ތަހުގީގު ކުރުމުގެ ބާރެއް އޮތް ތަނެއް ނޫން، ތަހުގީގެއް ނުވެސް ކުރާނެ، ތަހުގީގު ނުހިގަންޏާ ތިޔަ ފާހަގަ ކުރާ ހާލަތެއް އަންނާނެ ކަމަކަށް ނުބެލެވޭ،" އުޝާމް
އެހެން ނަމަވެސް ޝަރީއަތަށް ދިޔުމަށް ލަފާ ދޭން ޖެހޭ ނަމަ ދެން އަމަލު ކުރާނީ ކިހިނެއް ހެއްޔެވެ؟ ބަންޑާރަ ނައިބު އެފަދަ މައްސަލައެއްގައި ކޯޓުގައި ދައުލަތް ތަމްސީލުކުރަން ޖެހިދާނެ ނޫން ހެއްޔެވެ؟
އެ ސުވާލުތަކަށް ވެސް އުޝާމްގެ ޖަވާބަކީ، ދައުލަތުގެ އިދާރައާކާ އެކު މަޝްވަރާ ކުރުމަށް އޮންނަނީ އެ މައްސަލަ ހައްލު ކުރަން ކަމަށެވެ. ދައުލަތުގެ އިދާރާއެއްގެ ތެރެއިން ގޯސްކޮށް ކަމެއް ހިނގުމުން ފިޔަވަޅު އަޅަން ލަފާ ދޭނެ އެވެ.
"ޝަރުއީ މަރުހަލާއަކަށް ދާން ޖެހޭ ހާލަތުގައި ވެސް، އެޗްއާރުސީއެމްގެ ދައުރު އަދާކުރަން އޮންނާނެ، ތަހުގީގު ހިންގަން، އަޅުގަނޑުމެން އެއް ގޮތަކަށް ވެސް ބޭނުމެއް ނުވޭ ހިއުމަން ރައިޓްސް ކޮމިޝަންގެ މެންޑޭޓުގެ ތެރެއަށް ވަންނާކަށް،" އުޝާމް ތަފްސީލްކޮށްދެއްވި އެވެ.
ހުލާސާކޮށް ބުނާ ނަމަ ސިވިލް ރައިޓްސް އޮފީހަކީ ހައްގެއް ގެއްލޭ ފަދަ ހާލަތެއް ކުރިމަތިވިކަން އެ އޮފީހުގެ ސަމާލު ކަމަށް ގެނައުމުން، އަނިޔާގެ ޝިކާރައަކަށްވީ ނުވަތަ ހައްގު ގެއްލުނު އާންމު މީހާއަށް އެހީތެރިކަން ދޭން އޮތް އިދާރާއެކެވެ. އެ އޮފީހުން ކުރާނެ ކަމަކީ މަގު ދައްކައިދީ ދައުލަތުގެ އިންތިޒާމުގެ ތެރެއިން ކުރިއަށްދާނެ ގޮތް ބުނެދިނުމެވެ.
މި އުފެއްދީ ތަހުގީގުގެ މެންޑޭޓު އޮތް "ބޮޑު" މުއައްސަސާއެއް ނޫނެވެ. ހައްގެއް ގެއްލުމުން، ކުރިއަށްދާނެ ގޮތުގެ މަގު ދައްކައިދީ، ކަންކަން ފެސިލިޓޭޓް ކޮށްދޭނެ "އިދާރީ އެހީތެރިކަމުގެ" އޮފީހެކެވެ.
Comment