Advertisement

ދިވެހި މަސްވެރި ސިނާއަތް، ދުނިޔޭގެ މާކެޓު ފަތަހަކުރަން ޝިޔާމްގެ އަމާޒު

26 ނޮވެންބަރު 2023 - 10:29 1

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް


ދިވެހި މަސްވެރި ސިނާއަތް، ދުނިޔޭގެ މާކެޓު ފަތަހަކުރަން ޝިޔާމްގެ އަމާޒު

26 ނޮވެންބަރު 2023 - 10:29 1

މަހަށް ހަމަ އަގު ދިނުމުގެ ވާހަކަ، އާ ވަޒީރު އަހުމަދު ޝިޔާމް ފެއްޓެވީ ވެސް ދިވެހި މަސްވެރި ސިނާއަތް މިވީހާ ދުވަހު އޮތީ "ކޮމްފޯޓް ޒޯން" އެއްގައި ކަމަށް ވިދާޅުވަމުންނެވެ.

އިޝާރާތް އެ ކުރައްވަނީ ދުނިޔޭގެ ބާޒާރުގައި ދިވެހި މަހަށް ލިބޭ އަގާއި ޑިމާންޑާއި ފޯރުކޮށްދެވޭ ސަޕްލައިއަށެވެ. މިވީހާ ދުވަހު މަސް މައިގަނޑު ގޮތެއްގައި ދިވެހި މަހުގެ ބާވަތްތައް މި އެކްސްޕޯޓް ކުރަނީ ޔޫރަޕަށެވެ. ދެން ތައިލެންޑަށެވެ. އިތުރު މާކެޓަކަށް މާ ބޮޑު މަސައްކަތެއް ކޮށްފައެއް ނެތެވެ.

އެހެންވީއިރު ޔޫރަޕަށް މަސް އެކްސްޕޯޓް ކުރަން ބޮޑު ޓެރިފެއް ވެސް އޮވެ އެވެ. އެ ޓެރިފް ކަނޑައިލަން ކުރީގެ ސަރުކާރުން މަސައްކަތްތަކެއް ކުރި ނަމަވެސް، ޔޫރަޕުން ޔަގީންކަން ދިނުމުގެ އިތުރަށް އެއްވެސް ކުރިއެރުމެއް ލިބިފައެއް ނުވެ އެވެ.

"ބައިލެޓެރަލް އެތައް ގުޅުންތަކެއް އެބަ އޮތް އެތައް ގައުމުތަކާ، މަލްޓިލޭޓަރަލް އެތައް އޯގަނައިޒޭޝަނަކާއެކު ދިވެހިރާއްޖެ އެބަ އޮވޭ ގުޅުން، އެތައް އަހަރެއް ވަންދެން އަޅުގަނޑުމެން މި ތިބީ ހަމަ އެއް ބަޔަރުންތަކަކާ އެކީގަ،" ފިޝަރީޒް މިނިސްޓަރު ޝިޔާމް "އަދަދު" ނޫހަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވި އެވެ.

ޝިޔާމްގެ އެންމެ ބޮޑު އަމާޒަކަށް އޮތް ކަމަކީ އެއީ އެވެ. އަބަދުވެސް ދިވެހި މަސްވެރިން ބާނާ މަހަށް "ހަމަ އަގު" ލިބިދޭން ޖެހޭ ވާހަކަ އެވެ. އެ ކަން ކުރެވޭނީ، ޝިޔާމް ވެސް ގަބޫލު ކުރައްވާ ގޮތުގައި، ދުނިޔޭގެ ބާޒާރުގައި ދިވެހި މަހުގެ އަގާއި ވިއްކޭ ނިސްބަތް ރަނގަޅަށް އޮވެގެނެވެ.

"ދުނިޔޭގެ ބާޒާރުގައި ދިވެހި މަހަށް ލިބޭ އަގު ވަރަށް މާ މުހިންމު ދައުރެއް އަދާ ކުރޭ މީގަ، އަޅުގަނޑުމެންނަށް ހުރި އެޑްވާންޓޭޖްތަކާއި، ކޮމްޕެޓިޓަރުންނަށް ހުރި އެޑްވާންޓޭޖްތަކާ ވެސް އަޅާ ކިޔަން އެބަ ޖެހޭ، ޓެރިފަށް ހުރި ލުއިތައް މި ދަންނަވަނީ،" މަސްވެރި އާއިލާއަކަށް ނިސްބަތްވާ ޝިޔާމް ވިދާޅުވި އެވެ.

ޑޮމެސްޓިކް ބަޔަރުން، މަސްވެރިންނަށް ރަނގަޅު އަގެއް ދެވޭނީ، ރާއްޖޭން ބޭރަށް މަސް އެކްސްޕޯޓް ކުރާއިރު އެ ހުންނަ ދަތިތައް، ލުއިކޮށް އޮވެއްޖެނަމަ.

އިޝްތިހާރުކުރަން އެޖެންސީއެއް

ޒީރޯ ޓެރިފް ނުވަތަ ކުޑަ ނިސްބަތެއްގެ ޓެރިފްގެ ލުޔާއެކު މަސް އެކްސްޕޯޓް ކުރެވޭނެ މާކެޓުތައް ހޯދުމުގެ މަސައްކަތް ހަމައެކަނި "ޑައިލޮގް" ތަކުން ކުރުމަކީ ނަތީޖާ ނެރެން ވަގުތު ނަގާނެ ކަމެކެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި، ޗައިނާގެ މާކެޓް ހޯދުނީ ބުރަ މަސައްކަތްތަކަކަށް ފަހު އެވެ.

"އެއީ އެންމެ މަހަކުން، އެންމެ އަހަރަކުން ކުރެވުނު މަސައްކަތަކުން އުފެދިފަ އޮތް އެގްރިމަންޓެއް ނޫން، ވަރަށް ގިނަ ޑިބޭޓްތަކެއް އިކޮނޮމިކް ކައުންސިލްގަ ކުރި، ދިވެހި ސަރުކާރުގެ އިސްވެރީން ބޭރުގެ ފަރާތްތަކާ އެކު ވަރަށް ގިނަ މަސައްކަތްތަކެއް، ވާހަކަތަކެއް ދެކެވިގެން،" ޝިޔާމް ވިދާޅުވި އެވެ.

މާކެޓުތައް ހޯދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޕްލޭނަކީ މާކެޓިން އެޖެންސީއެއް އުފެއްދުމެވެ. ރާއްޖޭގެ ޓުއަރިޒަމް ދުނިޔޭގެ ބާޒާރުގައި ޕްރޮމޯޓް ކުރުމަށް އެމްއެމްޕީއާރުސީ އެބަ އޮވެ އެވެ. އެފަދަ އެޖެންސީއެއް، މަހުގެ ބާވަތްތައް މާކެޓު ކުރަން އުފެއްދުމެވެ.

"ރައީސްގެ ވިސްނުންފުޅަކީ ޓުއަރިޒަމް ޕްރޮމޯޓް މި ކުރެވޭ ގޮތަށް މަސްވެރިކަން ވެސް ޕްރޮމޯޓް ކުރުމަށް ޓަކައި އެޖެންސީއެއް ގާއިމުކުރުން. މި ކަންކަން އިމްޕްލެމެންޓް ކުރާނެ ގޮތް އެކްޝަން ޕްލޭނުގައި ހިމަނާނަން،" މިނިސްޓަރު ޝިޔާމް ވިދާޅުވި އެވެ.

ކުރިން ވެސް މަސައްކަތްތަކެއް ކުރެވިފައިވާ ޗައިނާގެ ފްރީ ޓްރޭޑް އެގްރިމަންޓަށް ރުޖޫއަވުމަކީ، އަލަށް ފަށާ މާކެޓުތައް ހޯދުމުގެ މަސައްކަތުގެ ބައެކެވެ. އެ އެގްރިމަންޓަށް ރުޖޫއަވެ، އަލުން މަސައްކަތް ފަށަން ވެސް ޝިޔާމް ބޭނުންފުޅުވެ އެވެ. އެ ކަމަށް އޭނާ ތައްޔާރެވެ.

ބޮޑު އާބާދީއެއް އޮތް ޗައިނާގައި ވެސް މަހުގެ ބާވަތްތަކަކަށް ޑިމާންޑެއް އޮންނަ އިރު، ޗައިނައިން ބޭނުންވާ ކޮލިޓީއަކާއި ރަހައެއް ހިމަނައިގެން މަހުގެ ބާވަތްތައް އެ ގައުމަށް އެކްސްޕޯޓް ކުރެވޭނެ އެވެ.

"ޗައިނާއަކީ އަޅުގަނޑުމެންނަށް މަސައްކަތް ކުރަން ވަރަށް ފަސޭހަ ގައުމެއް. ޗައިނާގެ ވިސްނުން ވެސް އަޅުގަނޑުމެންނަށް އެބަ އެނގޭ. ދިވެހިރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަކައި ހުރިހާ ދިމާއަކުން ވެސް މަސައްކަތް ކޮށްދިނުމުގެ ރޫހުގައި ޗައިނާ ވެސް، އެހެން ގައުމުތައް ވެސް އޮތީ،" އޭނާ ވިދާޅުވި އެވެ.

ފުރަތަމަ މަސައްކަތް؛ ވަގުތުން ކިރުމާއި ފައިސާ ދިނުން

ދިވެހި މަސްވެރި ސިނާއަތް، ދުނިޔޭގެ މާކެޓު ފަތަހަ ކުރުމުގެ އަމާޒަށް ދިޔުމަށް ކުރާ މަސައްކަތުގައި، ފުރަތަމަ ކަމަކަށް އޮންނާނީ ރާއްޖޭގައި މި ވަގުތުން މި ވަގުތަށް ހައްލު ކުރަން ހުރި މައްސަލަތަކެވެ. މަސްވެރިންގެ ޝަކުވާތަކަށް، ހައްލެއް ގެނެސް، ތަސައްލީއެއް ދިނުމެވެ.

މަސްވެރިންގެ އޮތް އެންމެ ބޮޑު ޝަކުވާއަކީ ވިއްކި މަހަށް ފައިސާ ނުލިބި އޮތް އޮތުމެވެ. ކޮންމެ ސަރުކާރެއްގައި ވެސް އޮތް، ދުވަސްވީ ބޮޑު މައްސަލައެކެވެ. މިފްކޯގައި އެ ވަރަށް ފައިސާ ނެތީ އެވެ. ކޭޝްފްލޯގައި ހުރި ތާށިކަމެކެވެ. އެ ކަން ކޮންމެ ފަހަރަކު ވެސް ހަމަޖައްސަނީ ސަބްސިޑީ ދީގެނެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި، މި ހާލަތުގައި މުޅި ސިނާއަތް އޮވެފައި، ކުރީގެ ސަރުކާރުން ފަހު ވަގުތު މަސް ކިލޯއެއް 25 ރުފިޔާއަށް އުފުލުމަކީ، ދައުލަތުގެ އެ ބުރައަށް ކުރިމަތި ކުރުވި އިތުރު ބުރައެކެވެ.

"ސިޔާސީ މަގުސަދެއްގައި، ކުރީގެ ސަރުކާރުން 17 ރުފިޔާއަށް ހުރި މަސް ކިލޯ 25 ރުފިޔާއަށް ބަދަލުކުރީ. މިފްކޯއަށް މަހަށް ފައިސާ ނުދެއްކިދާ ދިޔުމަކީ، ހަގީގަތުގައި މީގެ އުނދަގޫ، އަގުގެ ވަރަށް ބޮޑު ތަފާތެއްގެ ވާހަކަ މި ދައްކަނީ،" ޝިޔާމް ވިދާޅުވި އެވެ.

އަގު އެ ގޮތަށް ކަނޑައަޅާފައި އޮތުމުން، މަސް ގަންނަ ޕްރައިވެޓް ކުންފުނިތަކަށް ވެސް އޭގެ ގެއްލުން ދައްކަ އެވެ. އެ ކުންފުނިތަކަށް ވެސް 25ރ. ރޭޓަކީ ބޮޑު އަގެކެވެ. އެއީ ވެސް މަސްވެރިންނަށް ފައިސާ ލިބެން އޮތް މާކެޓެކެވެ. އެ ގެއްލެނީ ފައިސާ ލިބެން އޮތް ވަސީލަތެކެވެ.

މިފްކޯގެ ކޭޝްފްލޯ ރަނގަޅުކޮށް، ކޮންމެހެން ވެސް މަސްވެރިންނަށް ދޭން ހުރި ފައިސާ ވަގުތުން ދެއްކުމަށް ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަން ޝިޔާމް ފާހަގަ ކުރެއްވި އެވެ. އެ މަސައްކަތުގެ އިތުރަށް ދެން ކުރަން އޮތް ކަމަކީ ސިނާއަތުގައި ޝާމިލުވާ ހުރިހާ ފަރާތްތަކާ މަޝްވަރާކޮށް މަހުގެ އަގަށް ބަދަލު ގެނައުމެވެ.

ދައުލަތުގެ މާލީ ބުރަދަން ނެތް ވަރަކަށް ނުވާނެ ދޯ ހަމަޖައްސާކަށް. އޭރަށް ހަލާކުވާނީ މުޅި ސިނާއަތް.

ޝިޔާމް މަގާމާ ހަވާލުވެވަޑައިގަތް އިރު ވެސް މަސްވެރިންނަށް ފައިސާ ނުދައްކާ ދެ މަސް ދުވަހުގެ 200 މިލިއަން ރުފިޔާގެ ޕޭމަންޓެއް އެބަ އޮތެވެ. އެ ފައިސާ ދެއްކުމަށް ޓަކައި އާ ސަރުކާރުން ކުރި މަސައްކަތުން، އޭގެ ތެރެއިން 30 މިލިއަން ރުފިޔާ މިހާރު ވަނީ މަސްވެރިންނަށް ދީފަ އެވެ.

މަސްވެރިން ވިއްކާ މަހަށް ވަގުތުން ފައިސާ ނުލިބުމުގެ ޝަކުވާއަށް ފަހު، ވަގުތުން މަސް ނުކިރުމާއި އައިސް ލިބުމުގައި ހުރި ދަތިކަމަކީ ދެން އޮތް އެންމެ ބޮޑު ޝަކުވާ އެވެ.

ޝިޔާމްގެ މަސައްކަތްތައް ރާވާފައިވާ ތަރުތީބުގައި އެންމެ އަވަސް ކުރަން އޮތް އެއް ކަމަކީ މަސް ބަންދު ކުރުމުގެ ވަސީލަތްތައް ރާއްޖޭގެ ދެކުނުގައި ގާއިމު ކުރުމެވެ. މަސް ކަލެކްޓް ކުރުމުގެ ވަސީލަތްތައް އޮތް ގއ. ކޫއްޑޫ އާއި ކަނޑުއޮއްގިރީގައި، މަސް ބަންދު ކުރުމުގެ ވަސީލަތްތައް ވެސް ގާއިމް ކުރުމެވެ.

"ރާއްޖޭގެ ދެކުނުގައި ކޭން ފެކްޓަރީއެއް އެބަ އުފައްދަން ޖެހޭ. ދަޅު ބަންދު ކުރެވޭނެ ގޮތެއް. ކޫއްޑޫ އެބަ އޮތް. ކަނޑުއަށްގިރި ވެސް އެބަ އޮތް. ދެކުނުގައި މަސް ބަންދު ކުރެވޭ ގޮތަށް މި ތަންތަން ހަދައިގެން ޕްރޮޑަކްޝަން އިތުރުކުރަންވީ، އޭރަށް މިފްކޯގެ އާމްދަނީ އިތުރުވާނެ،" މިނިސްޓަރު ޝިޔާމް ވިދާޅުވި އެވެ.

އައިސް ލިބުމުގައި ހުރި ދަތިކަން ހައްލު ކުރުމުގެ ގޮތުން ކުރީގެ ސަރުކާރުން ފަށާފައިވާ 12 އައިސް ޕްލާންޓެއްގެ މަސައްކަތް މަޑުޖެހިފައި އެބަ އޮތެވެ. އެ މަސައްކަތްތައް އިތުރަށް ލަސްވެގެން ދާކަށް ޝިޔާމް ބޭނުންފުޅެއް ނުވެ އެވެ.

"ހަވާލުކޮށްފަ ހުރީ ފެނަކައަށް، ކުރިއަށް ނުގޮސް މި ހުރި ހުރުން އެބަ ޖެހޭ ނިމުމަކަށް ގެންނަން. މިފްކޯ މެދުވެރިކޮށް ކޮންޓްރެކްޓަރުންނާ ހަވާލު ކުރެވިފަ ހުރީ، މި ފެށޭ ހަފުތާގައި ކޮންޓްރެކްޓަރުންނާ އެބަ ބައްދަލުކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.

މިހާރު ހިނގަމުންދާ 12 އައިސް ޕްލާންޓްގެ މަސައްކަތް ނިމުމުން ވަަރަށް ބޮޑު ހައްލެއް ލިބޭނެ ކަމަށް ޝިޔާމް ގަބޫލުކުރައްވަ އެވެ. ދެން އޭގެ ހައްލަކަށް ވަޒީރުގެ ވިސްނުންފުޅުގައި ހުންނެވީ، ދޯނިތަކުގައި އާރުއެސްޑަބްލިއު ސިސްޓަމްތައް ގާއިމު ކުރުމެވެ.

"އޭރަށް މަސް ދޯނި ފަހަރުން އައިސް ބޭނުންވާ މިންވަރު ކުޑަވެގެން އެ ދިޔައީ، އައިސްއަށް އޮތް ގޮންޖެހުންތައް އެ ހިސާބުން އެ ނިމުނީ،" އޭނާ ވިދާޅުވި އެވެ.

ސިނާއަތް ބޮޑުކޮށް، އުފެއްދުންތެރި ޖީލެއްގެ އުންމީދު

މަސްވެރިކަމުގެ ސިނާއަތް މުޅީން ބަރޯސާވެފައިވަނީ ކަންނެލި އަދި ކަޅުބިލަމަސް ނުވަތަ ކަނޑު މަހުގެ މަސްވެރިކަމަށެވެ. ފާނަ މަސްވެރިކަމާއި، ސުއިފިލަނޑާގެ މަސްވެރިކަމާއި އެ ތަކެތި އާލާ ކުރުމުގެ މަސައްކަތް ބައެއް ސަރަހައްދުތަކުގައި، މަދު ބަޔަކު ކުރެ އެވެ.

އާ ސަރުކާރުން ފިޝަރީޒް މިނިސްޓްރީގެ މެންޑޭޓު ދީފައި ވަނީ "ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް" މި ގޮތަށެވެ. ކުރިން އެ މިނިސްޓްރީގެ މެންޑޭޓްގައި ހިމެނޭ އެގްރިކަލްޗާ އެހެން މިނިސްޓްރީއަކަށް ބަދަލުކޮށް ހަމައެކަނި މަސްވެރިކަމާއި ކަނޑުފަޅުގެ ނަފާއަށް މިނިސްޓްރީ ހާއްސަކުރުމުގެ ފަހަތުގައި ހިކުމަތެއްވެ އެވެ.

ޝިޔާމް ވިދާޅުވީ، ގިނަ ދިވެހިން މަސްވެރިކަން ދޫކޮށްދާ ދިޔުން ބަދަލު ކުރެވޭނީ މަސްވެރިކަމަކީ ރަނގަޅު އާމްދަނީއެއް ލިބޭ ސިނާއަތަކަށް ބަދަލުކޮށްގެނެވެ. އެ ކަމަށް ޓަކައި މަސްވެރިކަމުގެ ސިނާއަތް ސިންދަފާތު ކުރަން ޖެހެ އެވެ.

ފާނަ އާއި ހުއިފިލަނޑާ އާލާކުރާ ވިޔަފާރިތަކަށް އިތުރު މާކެޓުތައް ހޯދަން މަސައްކަތް ކުރަން ޖެހެ އެވެ.

ރާއްޖޭގައި 170 ރިސޯޓް އޮޕަރޭޝަންގައި އޮތް އިރު އެ ތަންތަނަށް މިފަދަ ތަކެތީގެ އިތުރުން ސީފުޑް ފަދަ ތަކެތި ވެސް އެއީ އިމްޕޯޓް ކޮށްގެން ބޭނުން ކުރާ ތަކެއްޗެވެ. އޭގެ ބަދަލުގައި ދިވެހި މަސްކަނޑުން ނެގޭ އިހި, ކީސްމިޔަރު، ޑިންގާ، އިތާ ފަދަ ތަކެތި ރިސޯޓުތަކަށް ވިއްކޭނެ އެވެ.

"މި ހުރިހާ ރިސޯޓަކަށް ސީފުޑް، ބޭރުން އެތެރެ ކުރަނީ، އަޅުގަނޑުމެން އިމްޕޯޓް ރިޕްލޭސްކުރެވެން ވާނެ. ކޮންމެ ވެސް ވަރަކަށް ކުރެވެން ޖެހޭނެ، ސަރުކާރަކުން އެ ކަމަށް އެފޯޓެއް ލައި، ކަންކަން ފެސިލިޓޭޓް ކޮށްދިނުމުން ރިޕްލޭސް ކުރެވޭނެ،" ޝިޔާމްގެ ވިސްނުން ހުންނެވި ގޮތް ހިއްސާކުރެއްވި އެވެ.

މަސްވެރިން މިހާރު އެން ހޯދުމުގެ މަސައްކަތް ކުރަނީ މަސް ހިފުމުގެ މަސައްކަތުގައި އުޅެމުންނެވެ. އެން ހޯދަން ވެސް ތެލަށް ބޮޑު ހޭދައެއް ކުރެ އެވެ. ވަގުތުތަކެއް ވެސް ވަރަށް ބޮޑަށް ހޭދަ ކުރެ އެވެ. އެން ހެޗަރީތަކެއްގެ ވިސްނުން ވެސް މިނިސްޓަރު ގެންގުޅުއްވަ އެވެ.

އެން އާލާ ކުރުމަކީ ވެސް މުހިންމު ކަމެއް. އެން ހެޗަރީން އެން ގަތުމުން، ތެލަށް ކުރާ ހަރަދާ އަޅާ ބަލާއިރު ހަރަދު ކުޑަ ގޮތް ބަލާފައި ކުރެވިދާނެ ކަމެއް އެ ވެސް. އެބަ ހުރި މިހެން އެކްސްޕްލޯ ކުރަން ޖެހޭ ވަރަށް ގިނަ ކަންކަން،" ޝިޔާމް ވިދާޅުވި އެވެ.

ބިދޭސީން މަސް ދޯނިފަހަރުތަކުގައި ގިނަވުމާއި ރަށްރަށުގައި މަސްވެރިކަން ކުރާ އުޅަނދުތައް މަދުވުމުގެ މައްސަލައިގެ ހައްލަކަށް ވެސް ޝިޔާމަށް ފެންނަނީ މަސްވެރިކަން ސިންދަފާތުކޮށް، ކަނޑުފަޅުގެ ނަފާ ފުޅާ ދާއިރާއެއްގައި ހިފޭނެ ޕްލޭނަކަށް ދިޔުމަށެވެ.

ފިޝަރީޒް މިނިސްޓަރުގެ މި ހުރިހާ ކަމެއްގެ ޕްލޭންތައް އެކުލަވާލައި ލޯންޗު ކުރުމުގެ މަސައްކަތް އެބަ ހިނގަ އެވެ. ޕްލޭންތަކުގެ އޮނިގަނޑު ފައިނަލްކުރާނީ، މަސްވެރިންނާއި މަސްވެރި އާއިލާތަކާއި، މެރިކަލްޗައާއި އެކުއަކަލްޗާގެ ވިޔަފާރީގައި ހަރަކާތްތެރިވާ މަސައްކަތްތެރިންނާއި، މަސް ގަންނަ އަމިއްލަ ކުންފުނިތައް ވެސް ހިމެނޭހެން ސިނާއަތުގައި ޝާމިލުވާ އެންމެންގެ ހިޔާލާއި މަޝްވަރާ ފުޅާ ދާއިރާއެއްގައި ހޯދައިގެންނެވެ.

ހުރިހާ ކަމެއްގެ އަމާޒު އޮތީ، ދިވެހި މަސްވެރި އުފެއްދުންތައް ދުނިޔޭގެ ބާޒާރު ފަތަހަ ކުރުމަށެވެ.