23 ނޮވެންބަރު 2023 - 09:22 6
މުހައްމަދު ޖަމްޝަތު ވަހީދު
23 ނޮވެންބަރު 2023 - 09:22 6
"އަޅުގަނޑުމެންގެ ސަރުކާރެއްގައި މި ގޯތިތައް ހެދުމަށްޓަކައި ސަރުކާރުން ހާއްސަ ފަންޑެއް ކަމާގުޅޭ އެސްއޯއީއެއް، ސަރުކާރުގެ 100 ޕަސަންޓު ހިއްސާވާ ކަމާގުޅޭ ކުންފުންޏެއް މެދުވެރިކޮށް ހާއްސަ ފަންޑެއް އުފައްދައި، އެ ފަންޑުން މި ގޯތިތައް ލިބުނު ފަރާތްތަކަށް، އެ ފަރާތްތައް ބޭނުންވާ ރިކުއާމެންޓަކަށް، ބޭނުންވާ ޑިޒައިނަކަށް، ބޭނުންވާ އުސްމިނަކަށް، އެ ގޯތިތަކުގައި ގެދޮރު އަޅުގަނޑުމެން ބިނާކޮށްދޭނީ،"
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމެނޭ ބޯހިޔާވަހިކަމުގެ ބައި އިފްތިތާހު ކުރައްވަމުން ދެއްކެވި ވާހަކަފުޅެވެ.
އެމަނިކުފާނު އޭރު ވެސް ތަކުރާރުކޮށް ވިދާޅުވަމުން އައީ ރާއްޖެއަށް ދިމާވެފައިވާ އެންމެ ހައްސާސް މައްސަލައަކީ ބޯހިޔާވަހިކަމާއި ގެދޮރުގެ ދަތިކަން ކަމަށެވެ. އެކަން ހައްލުކޮށް އެންމެނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ މުއިއްޒުގެ ރިޔާސީ އެންމެ ބޮޑު ވައުދު ވެސް މެ އެވެ.
އެކަމަށްޓަކައި ބޯހިޔަވަހިކަަމަށް އެދޭ އަދި ޝަރުތު ފުރިހަމަވާ 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް ގޯއްޗެއް ނުވަތަ އެޕާޓްމަންޓެއް ކަށަވަރު ކޮށްދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ. އަދި ކުރިއަށް އޮތް 20 އަހަރަށް އަމާޒުކޮށް، 65،000 ގެދޮރު ޔަގީންވާނެގޮތަށް، ގައުމީ ތަރައްގީގެ މައި ތަނބުގެ ގޮތުގައި ގްރޭޓާ މާލޭ ސަރަހައްދު އިތުރަށް ތަރައްގީކުރަން ވައުދުވެ ވަޑައިގެންފައިވާއިރު އެ ގޯތި ތަކުގައި ރައްޔިތު މީހާ ބޭނުންވާ ޑިޒައިނަކަށް، އަދި އުސްމިނަކަށް ދައުލަތުގެ ހަރަދުގައި ގެ އަޅައިދޭނެ ކަމަށްވެސް ރައީސް ވައުދުވެ ވަޑައިގެންނެވި އެވެ.
ރައީސް މުއިއްޒު އަކީ ކުޅަދާނަ އަދި ކަމުގެ ތަޖުރިބާކާރު މާހިރެކެވެ. ހަތް އަހަރު ހައުސިން މިނިސްޓަރު ކަން ކުރެއްވި އެވެ. އަދި އޭރު ހުޅުމާލެ އާއި ރަށްރަށުގައި ވެސް ހައުސިންގެ އެތައް މަޝްރޫއެއް ފެއްޓެވި އެވެ. ނަމަވެސް އޭރު ފެއްޓެވި އެންމެ ބޮޑު ހައުސިން ދެ މަޝްރޫއު، ހިޔާ މަޝްރޫއާއި ވިނަރެސް މަޝްރޫއުވެސް ނިންމީ މިދިޔަ ސަރުކާރުންނެވެ. އެކި ސަބަބުތަކާ ހެދި ލަސްވެ އެމިނިކުފާނުގެ މިނިސްޓަރު ކަމުގައި އެ މަޝްރޫއުތައް ނުނިމުނު ކަމުގައިވިޔަސް މަޝްރޫއުތަކުގެ ކްރެޑިޓް އެމަނިކުފާނަށް ވެސް ލިބެ އެވެ.
ރައީސް މުއިއްޒުގެ އިފްތިތާހީ ތަގުރީރުގައި ވިދާޅުވިގޮތުގައި ކުރިއަށް އޮތް ފަސް އަހަރު ތެރޭ އުތުރު ތިލަފަޅުން ފެށިގެން ފުށި ދިއްގަރު ފަޅާ ހަމަޔަށް ޒަމާނީ އިމާރާތްތަކާއި ބަގީޗާތަކުގެ ހާރެއް އަތުރާލާނެ އެވެ. އެކަމަށް ބޭނުންވާ ލިޔެކިޔުންތަކުގެ ގިނަ މަސައްކަތްތަށް ނިމިފައިވާއިރު ވަރަށް އަވަހަށް ޒަމާނީ އާ ސަހަރުތަކުގެ ޒީނަތްތެރި މަލަތައް ދިވެހި ފަޅުފަޅުން އުފުލިގެން އަންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް މުއިއްޒުގެ ރިޔާސީ ވައުދުތަކުގައި ހިމަނާފައި އެވަނީ އެމަނިކުފާނު ކުރިން ފެއްޓެވި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށްވުރެ އެތައް ގުނަ ބޮޑު މަޝްރޫއެއް ނުވަތަ މަޝްރޫއުތަކެއްގެ ވާހަކައެކެވެ. ތެދެކެވެ. މިހާރު ސަރުކާރުގެ ފަހުބަސް އިއްވޭނީ އެމަނިކުފާނަށެވެ. ގޮތްވެސް ނިންމާނީ އެމަނިކުފާނެވެ. މިނިސްޓަރު ކަމުގައި ހުންނެވި އިރު އެފަދަ ގޮންޖެހުންތަކެއް ދިމާވެ މަޝްރޫއުތައް ނުނިންމުނީ ކަމަށްވެސް ވެދާނެ އެވެ. މިހާރު އެ ގޮންޖެހުމެއް ނޯންނާނެ އެެވެ.
ނަމަވެސް ވެރިކަން ލިބި ގޮތް ނިންމުމުގެ ބާރު ލިބިވަޑައިގަތަސް އަދި ދާއިރާގެ ކިތަންމެ ތަޖުރިބާއެއް ލިބިވަޑައިގެން ހުންނެވި ކަމުގައި ވިޔަސް މިފަދަ ބޮޑު މަޝްރޫއެއް ކުރިއަށްގެންދަން ބޭނުންވާ ވަސީލަތްތައް ގާއިމުނުކުރެވިއްޖެ ނަމަ އެމަނިކުފާނަށް މިފަހަރު ވެސް ކުރެވޭނެ ކަމެއް ނޯންނާނެ އެވެ. އެކަމަށް އެންމެ ބޮޑަށް ބޭނުންވާނީ ފައިނޭންސިން އެވެ. ދައުލަތުގެ މާލީ ހާލަތު މިހާރު އޮތް މިންވަރާ ބަލާއިރު އެންމެނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމަކީވެސް ފައިނޭންސިން އެވެ.
ރައީސް މުއިއްޒުގެ ބޯހިޔާވަހިކަމުގެ ފްލެގްޝިޕް މަޝްރޫއަކަށް ވާނީ ފުށިދިއްގަރު ފަޅުގެ މަޝްރޫއެވެ. އޭގެ އިތުރުން ގުޅީފަޅުގައި މިދިޔަ ސަރުކާރުން އަޅަންފެށި ވިޔަފާރި ބަނދަރު ޖެހިގެން އޮތް ތިލަފުއްޓަށް ބަދަލުކޮށް ގުޅީފަޅާއި ގިރާވަރު ފަޅު އިތުރަށް ހިއްކަން ވަނީ ޕްލޭނުކޮށްފަ އެެވެ.
ބިން ހިއްކުމުގެ އިތުރުން އެތަނުން ދޭ ގޯތިތަކުގައި ގެދޮރު އަޅައިދިނުމުގެ ވައުދާއި ފްލެޓު އެޅުމުގެ ވައުދާއި ގިރާވަރަށް ބްރިޖު އެޅުމުގެ ވައުދެވެސް އެބަ އޮތެވެ. ހިއްކައި ނިންމައި މަގުތަކާއި، ކަރަންޓާއި، ފެން ފޯރުކޮށްދިނުމާއި، ނަރުދަމާ ނިޒާމުތައް ހިމެނޭ ގޮތަށް ބޭނުންވާ އިންފްރާސްޓްރަކްޗާ ތަރައްގީކުރުމަކީ ވެސް ހަރަދު ބޮޑު އަދި ގޮންޖެހުންތަކަށް އިތުރުކޮށްދޭ ކަމެކެވެ.
ބިން ހިއްކުމުގެ މަޝްރޫއުތަކުގެ ފީސިބިލިޓީ އާއި ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށްޓަކައި ފުރިހަމަ ސާވޭތަކާއި، ތިމާވެށްޓަށް ކުރާ އަސަރުތައް ވަޒަންކުރުމާއި، ގާނޫނީ ގޮތުން ދިމާވެދާނެ ގޮންޖެހުންތަކުން އަރައިގަންނަން މަޝްރޫއު ފުރިހަމައަށް ޕްލޭން ކުރުމަކީ މުހިންމު ކަމެކެވެ.
މިކަންކަމަށް ދައުލަތުން ކުރަންޖެހޭނެ ހަރަދުގެ އަންދާޒާއެއްވެސް އަދި އެކަމަށް ފައިނޭންސް ހޯދާނެ ގޮތެއް ވެސް ހިއްސާކޮށްފައެއް ނުވެ އެވެ. ވިދާޅުވަނީ އެކަން ކުރައްވާނެ ވާހަކަ އެކަންޏެވެ.
ދައުލަތުގެ މާލީ ހިސާބުތަކަށް ބަލާއިރު މިފަދަ ބިޔަ އާ މަޝްރޫއުތައް ހިންގަން ކުރިއަށް އޮތީ ދަތި ދުވަސްތަކެކެވެ. މުޅި ދުނިޔޭގެ އިގްތިސާދުވެސް ހީނަރު ކަމަށް ވޯލްޑް ބޭނުކުން ބުނަމުންދާއިރު ރާއްޖޭގެ ދަރަނި މިހާރުވެސް 119 ބިލިއަން ރުފިޔާއަށް ވަނީ އަރާފަ އެވެ. ދައުލަތަށް ވަންނަ ކޮންމެ 100ރ. އަކުން 22ރ. ހަރަދުކުރަންޖެހެނީ ދަރަނި ދެއްކުމަށެވެ. އަދި ރާއްޖޭން ދައްކަން ޖެހޭ ދަރަނި 2026 ގައި ގާތްގަނޑަކަށް 15 ބިލިއަން ރުފިޔާއަށް އަރާއިރު އެއީ ރާއްޖޭގެ ތާރީހުގައި ވެސް އަހަރެއްގެ ތެރޭގައި ދައްކަން ޖެހޭ އެންމެ ބޮޑު ދަރަންޏެވެ.
ރައީސް މުއިއްޒު ދައުލަތާ ހަވާލުވެލެއްވަން ޖެހިވަޑައިގަތީ ރާއްޖޭގެ މުޅި މާލީ ހަޔާތުގައި ވެސް ދިވެހި ތާރީހު ދުށް އެންމެ ބޮޑު ދަރަންޏާއެކު ކަން އެމަނިކުފާނުވެސް ވަނީ ވިދާޅުވެފަ އެވެ. ރާއްޖޭގެ ދަރަނި ދެއްކުމަށް ރައީސް ދައްކަވާ ހައްލަކީ މިދިޔަ ސަރުކާރުން ނެގި ލޯނުތައް ރީސްޓްރަކްޗާ ކުރުމުވެ. ކެމްޕެއިން ތެރޭގައި ވެސް އެމަނިކުފާނު ވަނީ އެފަދައިން ވިދާޅުވެފަ އެވެ.
ނަމަވެސް ދާއިރާގެ ގިނަ މާހިރުންގެ ލަފަޔަކީ ދަރަނި ރީސްޓްރަކްޗާ ނުކޮށް ސަރުކާރުގެ ހަރަދު ކުޑަކޮށް އާމްދަނީ އިތުރުކުރުމެވެ. މާހިރުން ބުނާގޮތުން އެކަށީގެންވާ ޕްލޭނެއް ނެތި ލޯނުތައް ރީސްޓްރާކޮށްފިނަމަ ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ރާއްޖެއަށް ގެއްލި އިތުރު ލޯނުތައް ހޯދުމަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެދާނެ އެވެ.
ރައީސް ވިދާޅުވެފައިވާ ގޮތުގައި ފުށި ދިއްގަރު މަޝްރޫއު ކުރިއަށްގެންދާނީ ދައުލަތުން ބޮޑު ހަރަދެއް ކުރަން ނުޖެހޭ ފޯމިއުލާއެއް ބޭނުންކޮށްގެނެވެ. އެއީ ކޮން ފޯމިއުލާއެއް ކަން ހާމަނުކުރައްވަ އެވެ. ނަމަވެސް ފުށިދިއްގަރު ފަޅު ހިއްކަން ކުރިއަށް އޮތް ތިން އަހަރު ތެރޭ 1.4 ބިލިއަން ރުފިޔާ ބަޖެޓުން ހަރަދު ކުރަން ވަނީ ހިމަނައިފަ އެވެ. އެއީ އަންނަ އަހަރު 400 މިލިއަން ރުފިޔާ، 2025 ވަނަ އަހަރު 600 މިލިއަން ރުފިޔާ އަދި 2026 ވަނަ އަހަރު 350 މިލިއަން ރުފިޔާ އެވެ.
މިދިޔަ ސަރުކާރުން ހުޅުމާލޭގެ ތިން ވަނަ ފިޔަވައްސާއި ގުޅީފަޅާއި ސަފާރީ ބަނދަރު ހަދާ ދިޔަނެރު ފަޅު ދޭއް ހިއްކަން ކޮންޓްރެކްޓު ކުރި އަގަކީ 3.9 ބިލިއަން ރުފިޔާ އެވެ. އެ އަދަދު ތިން މަޝްރޫއަށް ހަމަޔަށް ބަހާލިޔަސް ފަޅެއް ހިއްކަން އެޖެހެނީ 1.3 ބިލިއަނެވެ.
ރާއްޖޭގެ ބޮޑު ދަރަންޏާ މެދު ބައިނަލްއަގުވާމީ މާލީ އިދާރާތަކުންވެސް ކަންބޮޑުވުން ފާޅުކޮށް ދައުލަތުގެ ހަރަދު ކުޑަކުރުމަށާއި އާމްދަނީ އިތުރުކުރަން އެތައް ލަފައެއް ދަނީ ދެމުންނެވެ. އަދި ދުނިޔޭގެ އިގްތިސާދީ ހީނަރުކަމުގެ ތެރޭގައި ރާއްޖޭން އަގުބޮޑުކޮށް ދަރަނި ނެގުން ކުރިއަށް ގެންދާ ނަމަ ކުރިމަތިވާނެ މާލީ ގޮންޖެހުންތައް ބޮޑު ކަމަށް ވޯލްޑް ބޭންކުން ވެސް ވަނީ ބުނެފަ އެވެ.
އެހެންކަމުން ބޯހިޔާވަހިކަމުގެ ސްކީމްގެ ސަބަބުން މިހާރުވެސް ކުރިމަތިވެފައިވާ ދަރަނީގެ ދަތިކަން އިތުރަށް ބޮޑު ނުވާނެ ގޮތްތަކާއި ގައުމުގެ މާލިއްޔަތަށް އިތުރު ދަތިތަކެއް ކުރިމަތި ނުވާނެކަން ސަރުކާރުން ކަށަވަރު ކުރަން ޖެހެ އެވެ.
ރާއްޖޭގައި މީގެ ކުރިން ވެސް ބޯހިޔާވަހިކަމުގެ އެތައް މަޝްރީއެއް ވަނީ ހިންގާފަ އެވެ. އޭގެ ތެރެއިން ބޮޑެތި މަޝްރޫއުތައް ހިންގާފައި ހުރީ ހުޅުމާލޭގަ އެވެ. ފާއިތުވި 15 އަހަރަށް ބަލާއިރު ވެސް އެ މަޝްރޫއުތަކުން ތަރައްގީ ކުރެވުނީ 13،768 ހައުސިން ޔުނިޓެވެ.
އޭގެ ތެރޭގައި ރައީސް މުހައްމަދު ނަޝީދު ވެރިކަމުގައި ހުޅުމާލޭގައި ތަރައްގީކުރި ވެށިފަހި މާލެ 1،000 ހައުސިން ޔުނިޓާއި ވެށިފަހި މާލެ މަޝްރޫއުގެ ދަށުން ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް ތަރައްގީކުރި 704 ހައުސިން ޔުނިޓް ހިމެނެ އެވެ. އަދި ޔާމީނު ސަރުކާރުގައި ރައީސް މުއިއްޒު މިނިސްޓަރު ކަމުގައި ހުންނަވައިގެން ސޮއިކުރި ހިޔާ މަޝްރޫއުން ގާއިމުކުރެވުނު 6،720 ހައުސިން ޔުނިޓާއި ވިނަރެސް މަޝްރޫއުގެ ދަށުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަރައްގީ ކުރެއްވި 1،344 ހައުސިން ޔުނިޓުގެ އިތުރުން ފަހިދިރުއުޅުން ކޯޕަރޭޝަނާ ހަވާލުކޮށްގެން ރައީސް ސޯލިހު ތަރައްގީ ކުރެއްވި 4،000 ހައުސިން ޔުނިޓް ވެސް ހިމެނެ އެވެ. މީގެ ތެރެއިން ފަހި ދިރިއުޅުމުގެ ހުރިހާ ހައުސިން ޔުނިޓެއް އަދި ނުވެސް ނިމެ އެވެ.
ކަން މިހެން އޮތް އިރު، ރައީސް މުއިއްޒުގެ ވައުދުފުޅުގައި އެ ވިދާޅުވާ 65،000 ގޯތި ގެދޮރު 20 އަހަރުން އެޅުން ވާނީ ވަރަށް ބޮޑު ޗެލެންޖަކަށެވެ. އެ މަނިކުފާނުގެ މެނިފެސްޓޯގައި ވިލިމާލެ އާއި މާލޭގައި ހައުސިން ޔުނިޓުތައް އެޅުމުގެ އިތުރުން ރާއްޖޭގެ އުތުރާއި ދެކުނުގައި މެދުމިނުގެ އިތުރު ހަތް އާބަން ސެންޓަރު ތަރައްގީކުރަންވެސް ވަނީ ވިދާޅުވެފަ އެވެ.
މި މަޝްރޫއުތައް މި ފަސް އަހަރުން ނިންމަން އަމާޒު ކުރެއްވިޔަސް އަދި 20 އަހަރުން ނިންމަން އަމާޒު ކުރެއްވިޔަސް މި ހުރިހާ މަޝްރޫއެއް ކުރިއަށްގެންދެވޭނީ ވަކި ވަކި މަޝްރޫއު ތަކެއް ގޮތަށެެވެ. އަދި އެކި މަޝްރޫއުތަކަށް ފައިނޭންސް އެއްފަހަރާ ހަމަޖެއްސުމަކީ ވެސް ފަސޭހަ ކަމަކަށް ނުވާނެ އެވެ.
އެހެންކަމުން މި މަޝްރޫއުތައް ހަވާލުކުރާނެ ކަމަށް ބެލެވެނީ ތަފާރު އެކި ކޮންޓްރެކްޓަރުންނާއެވެ. އެކި ކޮންޓްރެކްޓަރުން މަސައްކަތް ކުރާނެ އަގުވެސް ކޮލިޓީ ވެސް އަދި މަސައްކަތުގެ ސްޕީޑާއި ނިންމަން އެއްބަސްވާ ތާރީހުތައްވެސް ތަފާތުވާނެ އެވެ. ހުރިހާ މަޝްރޫއެއް މައި އެއް ކޮންޓްރެކްޓަރާ ހަވާލުކުރިޔަސް، އެ ފަރާތުން ސަބްކޮންޓްރެކްޓަށް ނުދީ މަސައްކަތް ކުރިއަށްގެންދެވޭނެ ކަމަށްވެސް ނުބެލެވެ އެވެ.
މަސައްކަތް އަވަސް ކުރަން ސަރުކާރުން ބޭނުންވާ ނަމަ މަޝްރޫއުތަކުގެ އަގުވެސް ބޮޑުވާނެ އެވެ. އަދި އަވަސް އަރުވާލައިގެން މަސައްކަތް ނިންމުމުގެ ނަތީޖާއަކަށް ވާނީ އިމާރާތްތަކުގެ ކޮލިޓީ ދަށްވެ ހެދިފައި އޮތް މޮޅު އާބަން ޕްލޭނާއި މަސައްކަތާ ދިމާނުވުމެވެ. އާހިރުގައި ދިވެހިންނަށް ލިބޭނީ އަނެއްކާވެސް އިތުރު ކޮތަރު ކޮށިތަކެކެވެ. ހިޔާ މަޝްރޫއަކީ އެކަމުގައި ފެންނަން ހުރި މިސާލެކެވެ.
ގޮންޖެހުންތައް ބޮޑެތި ނަމަވެސް، ފަރުވާތެރިކަމާއެކު ޕްލޭންކޮށް ކަމުގައި ޝާމިލުވާ އެންމެހާ ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރުމާއި، ރައްޔިތުންނަށާއި ސަރުކާރަށް އެންމެ ރަނގަޅު އުސޫލުތަކެއް ތައާރަފުކުރުން ފަދަ ހަރުދަނާ ފިޔަވަޅުތަކެއް އަޅައިފި ނަމަ، އާ ރައީސްއަށް ބޯހިޔާވަހިކަމުގެ މި ސްކީމްތައް ކާމިޔާބުކަމާއެކު ހަގީގަތަކަށް ހެދި ދާނެ އެވެ.
ނަމަވެސް ދާއިރާގެ ކަމާބެހޭ މާހިރުންގެ ވިދާޅުވާ ގޮތުން އެކަމަށް ފަންނީ ތަޖުރިބާ އާއި ދިވެހިންނަށް ފައިދާހުރި ގޮތެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ދެމެހެއްޓެނިވި އުސޫލުތަކެއް ވަރަށް މުުހިންމެވެ. މަސައްކަތުގެ ބޮޑުމިނަށް ބަލާއިރު، ބޯހިޔާވަހިކަމުގެ ޑިމާންޑް ބޮޑު ސަރަހައްދުތައް ދެނެގަނެ އެތަންތަނަށް ފޯކަސްކޮށްގެން އެކި މަރުހަލާތަކަކަށް ބަހާލައިގެން ސްކީމްތައް ތަންފީޒުކުރަންޖެހޭއިރު އޭގެ ސަބަބުން ރަނގަޅު ޕްލޭނިން އާއި، ރިސޯސް އެލޮކޭޝަން، އަދި މަޝްރޫއުގެ އާހިރު ނަތީޖާ އަށް ވާސިލުވުމަށް ކުރިއެރުންތަކެއް ލިބޭނެ ކަމަށް މާހިރުން ގަބޫލުކުރެ އެެވެ.
ގެދޮރާއި ފްލެޓު ދިނުމުގައިއާއި ގެދޮރު އަޅަން ސަރުކާރުން ދޭން ޕްލޭންކޮށްފައިވާ ލޯނުތައް ނުވަތަ ފައިނޭންސިން ފޯރުކޮށްދިނުމުގައި ދެފުށް ފެންނަ ހަރުދަނާ ސިޔާސަތުތަކެއް ގާއިމުކުރުމާއި، އެންމެ ބޭނުންޖެހިފައިތިބި މީހުން ދެނެގަތުމާއި އެކަމަށް ދިރުއުޅުމުގެ ހާލަތު ބެލުން ފަދަ މުހިއްމު އުސޫލުތަކެއް މައި ސަރުކާރުން ތަންފީޒު ކުރަންޖެހޭނެ އެވެ.
މީގެ އިތުރުން ސަރުކާރުން ދޭ ގެދޮރާއި ފްލެޓުތަކުގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމައް އެތަންތަން ގަވާއިދުން ބެލެހެއްޓުމާއި، މަރާމާތުކުރުމާއި، އެއާ ގުޅުންހުރި ހަރަދުތައް ބެލެހެއްޓުމުގެ އޮނިގަނޑެއް ގާއިމުކުރުން ވެސް މުހިންމެވެ. އެނޫންނަމަ ވަގުތު ފާއިތުވަމުންދާ ވަރަކަށް ބޯހިޔާވަހިކަމުގެ ސްކީމުތައް ވަމުންދާނީ ސަރުކާރުގެ ވަސީލަތްތަކަށް ބޮޑު ބުރައަކަށެވެ.
Comment