26 ސެޕްޓެންބަރު 2023 - 09:36 1
މުހައްމަދު ޖަމްޝަތު ވަހީދު
ހުޅުމާލޭ ތިން ވަނަ ފިޔަވަހި: ފޮޓޯ: އާބަންކޯ
26 ސެޕްޓެންބަރު 2023 - 09:36 1
ގްރޭޓާ މާލެ ސަރަހައްދު ތަރައްގީކުރުމަށް ސަރުކާރުން އެކުލަވާލާފައިވާ އޯވަރޯލް މާސްޓާ ޕްލޭނުގެ ދަށުން ހުޅުމާލެ ފަޅުން 62.6 ހެކަޓްރު ބިން ހިއްކުމުގެ އަމަލީ މަސައްކަތް 22 ސެޕްޓެމްބަރު ވީ ހުކުރު ދުވަހު ވަނީ ފަށާފަ އެވެ.
ހުޅުމާލޭގެ ތިން ވަނަ ފިޔަވަހީގެ ގޮތުގައި ތަރައްގީކުރާ މި ސަރަހައްދު ހިއްކުމަކީ ކުރިން ހުޅުމާލެ ޑިވެލޮޕްމަންޓް މާސްޓަ ޕްލޭންގައި ހިމެނޭ ކަމެއް ނޫނެވެ. އެހެންނަމަވެސް މާލެ ސަރަހައްދުގެ ބިންތަކަށް އޮތް ޑިމާންޑާއި، މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ބިމުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ވަނީ ހުޅުމާލެ މާސްޓާ ޕްލޭން ބަދަލުކޮށްފަ އެވެ.
މިއީ މާލޭގެ ރައްޔިތުންނަށް އަމިއްލަ ގޯއްޗަށް ކުރަމުންދިޔަ 40 އަހަރުގެ ދިގު އިންތިޒާރު ނިމުމަކަށް ގެނައުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންނެވި ވައުދު ފުއްދުމުގެ މުހިއްމު ފިޔަވަޅެކެވެ.
ސަރުކާރުން މި މަޝްރޫއު ކުރިއަށްގެންދަނީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕަނީ (ސީއެމްސީ) އާ ހަވާލުކޮށްގެންނެވެ. ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ކުރިއަށްގެންދާ މި މަޝްރޫއު ސީއެމްސީ އާ ހަވާލުކުރީ ދިޔަނެރު ފަޅާއި ތިލަފުށިން ބައެއް ހިއްކުމުގެ މަސައްކަތާ އެކު އެވެ. މި ތިން ފަޅު ހިއްކުން އެކުންފުންޏަށް ދިނީ 259 މިލިއަން ޑޮލަރު (3.98 ބިލިއަން ރުފިޔާ) އަށެވެ.
ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް، ފުރަތަމަ ހިއްކަނީ 10 ހެކްޓަރު ދެން 53 ހެކްޓަރު---- ފޮޓޯ: އާބަންކޯ
އެކުންފުނިން ކުރިން ބުނެފައިވާ ގޮތުގައި ސީއެމްސީއާ ހަވާލުކޮށްފައިވަނީ ބިން ހިއްކުމުގެ އިތުރުން ރިވެޓްމަންޓް ޖަހައި ޝޯ ޕްރޮޓެކްޓު ކުރުމާއި، މަގު ހެދުމާއި، ފާލަން ހެދުމާއި، ޖެޓީ ހެދުން ހިމެނޭ ގޮތަށް ކަމަށެވެ. އެހެންވެ މުޅި މަޝްރޫއު އެއްކޮށް ނިންމަން ދީފައިވަނީ ތިން އަހަރު ކަމަށް އާބަންކޯ އިން ބުންޏެވެ.
އާބަންކޯ އިން ބުނިގޮތުގައި މުޅި މަޝްރޫއު އެއްކޮށް ނިމޭއިރު އެތަނުގައި ރައްޔިތުންނަށް ބޭނުންވާ އެންމެ "އަދާހަމަ ވަސީލަތްތައް" ގާއިމްކޮށްދެވިގެންދާނެ އެވެ.
"މަގުތަކާއި ބްރިޖްގެ އިތުރުން ހިތްގައިމު ޕާކްތައް ހަދާ ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކަށްވެސް ގިނަ ފުރުސަތުތަކެއް ލިބިގެންދާނެ. މިއީ ދިރިއުޅުމުގެ ވައްޓަފާޅި ބިނާކުރުމަށްޓަކައި ކުރިއަށް އެޅޭ ފިޔަވަޅެއް،" އާބަންކޯއިން ބުނެ އެވެ.
ސީއެމްސީން ހުޅުމާލެ ހިއްކަން ހަވާލުކޮށްފައިވަނީ ބޮސްކާލިސް ކުންފުންޏަށެވެ. މި މަޝްރޫއުެގ އީއައިއޭ ރިޕޯޓުގައި ބުނެފައިވާ ގޮތުން ބޮސްކާލިސް އިން މި މަޝްރޫއަށް ބޭނުންކުރާނީ ޓްރެއިލިން ސަކްޝަން ހޮޕާ ޑްރެޖާ (ޓީއެސްއެޗްޑީ) އެކެވެ. ޓީއެސްއެޗް ޑްރެޖާތަކުގެ ޑްރެގް ހެޑްތަކުގައި ކަނޑުގެ އަޑިން ވެލި ނެގުމަށް ދެ ސަކްޝަން ޕައިޕް ހަރުކުރެވެން ހުރެ އެވެ. އަދި މިއީ ވެލި ބަރުކޮށްގެން ދިގު ރާސްތާއަށް ދަތުރުކުރުމުގެ ގާބިލުކަން ލިބިފައިވާ ޑްރެޖާ ތަކެކެވެ.
ހުޅުމާލެ ފަޅަކީ ދެވަނަ ފިޔަވަހި ހިއްކުމަށް ވެލި ނެގި ސަރަހައްދަށްވާއިރު އެތަން ހިއްކުމަށް 7.1 މިލިއަން ކޮޑިމީޓަރުގެ ވެލި ބޭނުންވެ އެެވެ. އީއައިއޭ ރިޕޯޓުގައި ވާގޮތުން މި ޕްރޮޖެކްޓަށް ބޭނުންވާ ވެލި ނަގާނީ މާލެ އަތޮޅު އިހުރު އަދި ވައްބިންފަރު ރިސޯޓާއި ދިމާލުން ކަނޑުގެ ސަރަހައްދެވެ. ޓީއެސްއެޗް ޑްރެޖާ ބޭނުންކޮށް އެ ސަރަހައްދުން ވެލި ނަގައިގެން މުޅި މަޝްރޫއަށް ބޭނުންވާ ބިން، ހަތް މަހުން ހިއްކޭނެ ކަމަށް އެ ރިޕޯޓުގައި ވަނީ ބުނެފަ އެވެ.
ހުޅުމާލެ ތިންވަނަ ފިޔަވަހި ތަރައްގީކުރާނެ ގޮތުގެ ފައިނަލް ޕްލޭން އާބަންކޯ އިން މިހާތަނަށް ހާމައެއްނުކުރެ އެވެ. ނަމަވެސް އީއައިއޭ ރިޕޯޓުން އެނގޭ ގޮތުގައި މި މަޝްރޫއަށް ބޭނުންވާ ބިން ހިއްކަނީ ދެ މަރުަހަލާއެއްގަ އެވެ. އެގޮތުން ފުރަތަމަ މަރުހަލާގައި 10 ހެކްޓަރުގެ ބިން ހިއްކާއިރު ދެވަނަ މަރުހަލާގައި 53 ހެކްޓަރުގެ ބިން ހިއްކާނެ އެވެ.
ހުޅުމާލެ ފޭސް 3 ހިއްކަން ބޭނުންކުރާ ޑްރެޖަރު، މީގައި ކަނޑުގެ އަޑިން ވެލި ނެގުމަށް ދެ ސަކްޝަން ޕައިޕް ހަރުކުރެވެން ހުރޭ---ފޮޓޯ:އާބަންކޯ
އާބަންކޯ އިން ބުނި ގޮތުގައި ފުރަތަމަ ހިއްކާ ސަރަހައްދު ގާތްގަނޑަކަށް ދެ ހަފްތާ ތެރޭގައި ހިއްކޭނެ އެވެ. އަދި ބިން ހިއްކުމަށް ކޮންޓްރެކްޓުގައި ހަ ހަފްތާގެ މުއްދަތެއް ދީފައި އޮތް ނަމަވެސް، އެއަށް ވުރެ އަވަހަށް މަސައްކަތް ނިންމާލެވޭތޯ ކޮންޓްރެކްޓަރު މަސައްކަތް ކުރަމުން އަންނަ ކަމަށް ބުންޏެވެ.
މި މަޝްރޫއު ކުރިއަށް ގެންދިއުމަށް 7.1 މިލިއަން ކޮޑިމީޓަރުގެ ވެލި ބޭނުންވާނެ އެެވެ. އަދި އެކަމަށްޓަކައި 3،600 އަކަ މީޓަރުގެ ސަރަހައްދެއް 2.5 މީޓަރަށް ކޮންނަން ޖެހޭނެ އެވެ. މި ޕްރޮޖެކްޓަށް ބޭނުންވާ ވެލި ނެގުމަށް ކޮންނަން ހުށަހަޅާފައިވަނީ މާލެ އަތޮޅު އިހުރު އަދި ވައްބިންފަރު ރިސޯޓާއި ދިމާލުން ކަނޑުގެ ސަރަހައްދުންނެވެ.
ފޭސް ތިނެއްގެ މުޅި މަޝްރޫއަކީ މީހުން ދިރިއުޅޭ ރަށެއް ތަރައްގީކޮށް، ވަޒަންވެރިވުމަށް އެހީތެރިވުމަށް ބޭނުންވާ އިންފްރާސްޓްރަކްޗާ ތަރައްގީކުރުމެވެ.
އޭގެ ތެރޭގައި ވަކި ވަކި ފަރުދުންނަށް ދޫކުރާ ރެސިޑެންޝަލް ބިންތަކާއި ކޮމާޝަލް ބޭނުމަށް ދިގު މުއްދަތަކަށް ކުއްޔަށް ދޫކުރާ ބިންތަކާއި، އިދާރީ ބޭނުންތަކަށް ބޭނުންކުރާނެ ބިންތަކެއް ހުންނާނެ އެވެ. އަދި ޕަބްލިކް އިންފްރާސްޓްރަކްޗަ އާއި މުނިފޫހިފިލުވުމުގެ ޖާގައަށް ވެސް ހާއްސަ ޕްލޮޓުތައް ހުންނާނެ އެވެ.
އީއައިއޭ ރިޕޯޓުން އެނގޭ ގޮތުގައި ދެވަނަ ފިޔަވަހި ގޮތަށް ތިންވަނަ ފިޔަވަހިވެސް އޮންނާނީ ޗެނަލް ތަކަކުން އިން ވަކިކޮށް، ވަކި ރަށެއް ނުވަތަ ސަރަހައްދެއް ގޮތަށެވެ. އަދި ދެ ވަނަ ފިޔަވަހިން ތިންވަނަ ފިޔަވައްސަށް ދިޔުމަށް ހަތަރު ބްރިޖެއް އަޅާނެ އެވެ.
ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ޕްލޭން
ތިން ވަނަ ފިޔަވަހީގެ މާސްޓާ ޕްލޭނިން ހެދުމުގެެ މަސައްކަތް މިހާރު ކުރިއަށްދާތީ އެތަނުން ދޫކުރާ ބިމުގެ އަދަދު ސާފެއް ނޫނެވެ. ނަމަވެސް ބިންވެރިޔާ ސްކީމުން މިފަހަރު ހުޅުމާލެއިން 1،351 ގޯތި ދޫކުރާއިރު އޭގެ އެއްބައި ގޯތީ ދޭނީ ތިންވަނަ ފިޔަވަހިންނެވެ.
ހުޅުމާލެ ތިން ވަނަ ފިޔަވަހީގެ ތަރައްގީގެ ޕްލޭނަކީ މާލެ ސަރަހައްދުގެ ތަރައްގީގެ ފުޅާ ސްޓްރެޓެޖީއެއްގެ ދަށުން ކުރިއަށް ގެންދާ ޕްލޭނެކެވެ. ޤައުމީ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ މައިގަނޑު މަގުސަދުގެ ގޮތުގައި ފާހަގަކޮށްފައިވާ ކަމެކެވެ.
މާލެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަކަށްވާއިރު އެކަން ކުރެވޭނެ ހަމައެކަނި ގޮތަކީ މާލެ އާބަން ރީޖަންގައި ހުރި ފަޅުތަކުން ބިން ހިއްކުމެވެ. އެގޮތުން ހުޅުމާލޭގެ އިތުރުން ގިރާވަރު އަދި ގުޅީފަޅު ހިއްކައިގެން 19،000 އަށް ވުރެ ގިނަ މީހުންނަށް ގޯތި ގޯތި ދޭން ސަރުކާރުން ވަނީ ނިންމާފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment