Advertisement

ރައީސް ޔާމީން: އެއްބަޔަކަށް ރަނގަޅު، ބައެއް މީހުންނަށް އަނިޔާވެރި

28 ސެޕްޓެންބަރު 2023 - 13:56 4

އަހުމަދު އާއިދު

އަހުމަދު އާއިދު

ކުރީގެ ރައީސް އަބްދުﷲ ޔާނީމު އަބްދުލް ގައްޔޫމު. ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ރައީސް ޔާމީން: އެއްބަޔަކަށް ރަނގަޅު، ބައެއް މީހުންނަށް އަނިޔާވެރި

28 ސެޕްޓެންބަރު 2023 - 13:56 4

ފަސް އަހަރު ވެރިކަން ކުރެއްވުމަށްފަހު، ކޮރަޕްޝަންގެ މައްސަލައެއްގައި ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީންއާމެދު އާންމުންގެ ހިޔާލު ތަފާތެވެ.

ދިވެހީންގެ ތެރެއިން އެއް ބަޔަކު ދެކޭ ގޮތުގައި އެމަނިކުފާނަކީ، ވަރުގަދަ، ކެރޭ ޝަހުސިއްޔަތެކެވެ. އެމީހުން ގަބޫލު ކުރާ ގޮތުގައި ދިވެހި ގައުމުގެ ހުންގާނުގައި އަދިވެސް ހުންނަވަންވީ އެމަނިކުފާނެވެ. އަނެއް ބަޔަކު ގަބޫލު ކުރަނީ އެމަނިކުފާނަކީ ކުލުނެއް ނެތް ވެރިއެކެވެ. އެގޮތަށް ދެކޭ މީހުން ބޭނުންވަނީ ތޭރިތަކުގެ ފަހަތުގައި އެމަނިކުފާނު އަދިވެސް އިތުރަށް ބެހެއްޓުމަށެވެ.

ޖަލުގައި ހުންނެވި ނަމަވެސް އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބާ ކުރީގެ ރައީސް ޔާމީންއާ އެއް ގޮތަށްވުރެ ގިނަ ގޮތުން ގުޅެ އެވެ. އިދިކޮޅު ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ އެންމެ ބޮޑު ވައުދަކީ ޔާމީން މިނިވަން ކުރުމެވެ. އަނެއް ކޮޅުން، މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެންމެ ވަރުގަދަ ކެމްޕެއިން ޝިއާރަކީ "ޔާމީންގެ އަނިޔާވެރިކަމަށް" އަނބުރާ ގައުމު ނުގެންދިޔުމެވެ.

ކޮންމެ ގޮތެއްވި ނަމަވެސް 2013 އިން ފެށިގެން 2018 އާ ހަމައަށް ވެރިކަން ހިންގެވުމަށްފަހު ޔާމީން ވަޑައިގެންނެވީ ދިވެހީންގެ ތެރެއަށް ލެގަސީއެއް ދޫކުރައްވައިފަ އެވެ. ތިރީގައި މި ގެނެސްދެނީ އެމަނިކުފާނު ވެރިކަން ކުރެއްވި ފަސް އަހަރު، ދިމާވީ ބައެއް ކޮންޓްރޮވާޝަލް ކަންތައްތަކެވެ. އެކަންތައްތަކާމެދު، އެންމެ މައްސަލަ ޖެހުނު ބޮޑު ފަސް ހާދިސާ އެވެ.

ކާނަލް ނާޒިމް ހައްޔަރުކުރުން

އެއީ ޖެނުއަރީ 18، 2015 ވަނަ ދުވަހުގެ ރެއެވެ. ކުއްލިއަކަށް ފުލުހުންގެ ބޮޑު ފައުޖެއް ގޮސް ނާޒިމްގެ ދިރިއުޅުއްވަމުން ގެންދެވި ގެކޮޅު، ގ. އެނިފް ގެއަށް ވަނެވެ. ނާޒިމްގެ ދެމަފިރިން ނިދިކުރައްވާފައި ތިއްބަވަނިކޮށް ފުލުހުން އެގެއަށް ވަނީ ނާޒިމް ދިރިއުޅޭ އެޕާޓުމަންޓު ބަލައި ފާސް ކުރުމަށެވެ.

ފުލުހުން އެ ގެ ބަލައި ފާސް ކުރުމުގެ ތެރޭގައި ވަނީ ފިސްތޯލައަކާއި ތިން ވަޒަން އެ ގެއިން ހޯދައިފަ އެވެ. ނަމަވެސް އެ ފިސްތޯލައިން ނާސިމްގެ ވެސް އަދި އެގޭގައި ދިރިއުޅެމުންދިޔަ އެއްވެސް މީހެއްގެ އިނގިލީގެ ނިޝާނެއްހައި ހިސާބު ވެސް ފެނިފައެއް ނުވެ އެވެ. ފިސްތޯލައިން ފެނުނު ހަމައެކަނި ޑީއެންއޭ ސާމްޕަލް ދިމާވީ އެ ސަރުކާރުގެ އެންމެ ބާރުގަދަކޮށް ފެނުނު ވަޒީރު އަދި ފަހުން ނައިބު ރައީސްގެ މަގާމު ފުރުއްވި އަހުމަދު އަދީބުއާ އެވެ.

އެރޭގެ ކުރިން އޭރުގެ ނައިބު ރައީސް އަހުމަދު އަދީބުއާއި ނާޒިމްއާ ދެމެދު އޮތީ ސްޕެޝަލް އޮޕަރޭޝަންސް (އެސްއޯ) ފުލުހުން ލައްވައި މާލޭގައި އިންދާފައި ހުރި ފެންފޯއް ރުއްތައް އުފުރާލި މައްސަލައިގައި ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފަ އެވެ. އޭގެ އިތުރުން ކާކުކަން ނޭނގޭ މީހެއްގެ ފަރާތުން ނާޒިމްގެ ފޯނަށް މެސެޖުތަކެއް ވެސް ލިބިފައިވާ ކަމަށް ނާޒިމްގެ ވަކީލުން ކޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ނާޒިމްއާ ދެކޮޅަށް ހުށަހެޅި ހެކިތަކުގައި ޝައްކު އުފެދޭ ކިތަންމެ ކަމެއް ހުރިނަމަވެސް އެކަމަށް ފަރުވާލެއް ނުބަހައްޓައި ޝަރުއީ ތިން މަރުހަލާއިން ވެސް އެ މައްސަލަ ނާޒިމްގެ މައްޗަށް ސާބިތުވާ ކަމަށް ނިންމައި ހުކުމް ކުރީ 11 އަހަރަށް ޖަލަށް ލުމަށެވެ. އެކަމުގައި އިންސާފަށް އަދި ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި، ޔާމީން އަބްދުލްގައްޔޫމްގެ އަރިހުން އެދުމުން ވެސް ޖަވާބަކަށް އައީ އެކަމުގައި ކޮށްދެވޭނެ ކަމެއް ނެތް ކަމަށެވެ.

ނާޒިމްގެ މައްސަލަ އަލުން ބަލައި އެ ހުކުމް ބާތިލު ކުރީ ރައީސް ޔާމީނުގެ ވެރިކަން ނިމި، އިބްރާހިމް މުހައްމަދު ސޯލިހުއަށް ވެރިކަން ލިބުމާއެކު 2018 ވަނަ އަހަރު އެވެ.

ރިޔާސީ ޔޮޓުކޮޅު ގޮއްވާލުން

ހަމަ އެހަރުގެ ސެޕްޓެމްބަރު 28، ގައި ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު އޭރުގެ ރައީސް، ޔާމީން އަބްދުލްގައްޔޫމް މާލެ ވަޑައިގެންނެވީ ބޮޑު ބިރުވެރިކަމެއްގެ ތެރެއަށެވެ. ސީދާ ރައީސް ޔާމީން އިންނެވި ލޯންޗުކޮޅު ގޮއްވާލީ އެމަނިކުފާނު އަވަހާރަކޮށްލުމުގެ މަގުސަދުގައި ކަމަށް އޭރު ސަރުކާރުން ބުނަމުންދިޔަ އެވެ.

އެ މައްސަލަ ތަހުގީގު ކުރަން އައި ބޭރުގެ ފަރާތްތަކުން ބެލިބެލުމުން އެ ގޮވުމަކީ އެއީ ޔޮޓުގެ މެކޭނިކަލް ފޯލަޓަކުން ދިމާވި މައްސަލައެއް ނޫންކަން ކަށަވަރު ކޮށްދިނެވެ. އެކަން ދިރާސާކޮށް ތަހުގީގު ކުރަން އުފެއްދި ރިޔާސީ ކޮމިޝަނުން ވަނީ އެއީ ބާރުގަދަ ގޮވާ ޒާތުގެ އެއްޗެތި ބޭނުންކޮށްގެން ދީފައިވާ ހަމަލާއެއް ކަމަށް ބުނެފަ އެވެ.

އެ ހަމަލާގެ އިނގިލި ވެސް އަމާޒުވީ އޭރު ނައިބު ރައީސްގެ މަގާމުގައި ހުންނެވި އަހުމަދު އަދީބު އަށެވެ. ނައިބު ރައީސް ކަމުގެ މަގާމުން އޭނާ އެކަހެރިކޮށް ހައްޔަރު ކުރީ ވެސް އެ މައްސަލައިގަ އެވެ. އަދީބުގެ އިތުރުން ޔާމީންގެ ދެ ބޮޑީގާޑުންގެ މައްޗަށް ވެސް ދައުވާ އުފުލި އެވެ.

މޫސުން ބަދަލުވުމުން ގޮނޑުދޮށް ބަދަލުވާހެން އެ މައްސަލައިގެ ރާގު ވެސް ވެރިކަން ބަދަލުވުމާއެކު ބަދަލުވެގެންދިޔަ އެވެ. އެދުވަހަކީ ރައީސް ޔާމީންއަށް ހާއްސަކޮށް ފިނިފެންމާ ޔޮޓުގައި ހުންނަ ސީޓު ނޫން އެހެން ސީޓެއްގައި އެމަނިކުފާނު އިށީނދެވަޑައިގެންނެވި ފުރަތަމަ ދުވަސް ކަމަށާއި އެ ދުވަހު ޔާމީންގެ ހަރަކާތްތައް ވެސް ހުރީ އެހެން ދުވަސްދުވަހާ ތަފާތުކޮށް ކަމަށް އޭރު ރައީސް އޮފީހުގެ ތަރުޖަމާނުގެ މަގާމުގައި ހުންނެވި އިބްރާހިމް މުއާޒު ވަނީ ފަހުން ވިދާޅުވެފަ އެވެ.

އެދުވަހު ޔޮޓުކޮޅުގައި ގޮވުން ގޮވި ގަޑީގައި އެއްވެސް މިންވަރަކަށް އަލިފާން ފެނިފައި ނުވާ ކަމަށާއި އެދުވަހު ރައީސް ޔާމީންގެ ދަރިކަލުން މާލެއަށް ފޮނުއްވައިލެއްވީ ވެސް އެހެން ލޯންޗެއްގައި ކަމަށް މުއާޒު ވިދާޅުވެފައިވެ އެވެ. އެ މައްސަލަ އަދީބުގެ މައްޗަށް ސަބިތުވެ 15 އަހަރުގެ ޖަލު ހުކުމެއް ވެސް އިއްވި އެވެ. ނަމަވެސް ހައިކޯޓުން ފަހުން ވަނީ އެ ހުކުމް ބާތިލުކޮށް އެ މައްސަލަ އަލުން ބެލުމަށް ދަށު ކޯޓަށް އަންގައިފަ އެވެ.

ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނެގުން

ފެބްރުއަރީ 8، 2018، ވަނަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ސިޔާސީ ހައްޔަރީންގެ ގޮތުގައި ތިބި ބޭފުޅުންގެ އިތުރުން ނުވަ މީހަކު މިނިވަން ކުރުމަށާއި މަޖިލީހުގެ އިދިކޮޅު 12 މެންބަރުންގެ ގޮނޑި ނުގެއްލޭކަމަށް ކުރި ހުކުމާއެކު ރާއްޖޭގެ ސިޔާސީ ހާލަތު ވަރަށް ބޮޑަށް ހަލަބޮލިވެގެންދިޔަ އެވެ.

ސުޕްރީމް ކޯޓުގެ އަމުރަށް ކިޔަމަން ނުވެ، ސަރުކާރުގެ އަމުރަށް އެމްއެންޑީއެފުން ހާއްސަ އޮޕަރޭޝަނެއް އެރެއިން އެރެއަށް ފަށައި ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަގައިގެން އެ ކޯޓަށް ސިފައިން ވަނެވެ. އެއީ ރާއްޖޭގެ ތާރީހުގައި ވެސް ޝަރުއީ ކޯޓަކަށް ދިފާއީ ބާރަކުން އެގޮތަށް ވަދެގަތް ފުރަތަމަ ފަހެެރެވެ.

ސުޕްރީމް ކޯޓުގެ ތެރެއަށް ސިފައިން ވަދެ އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކުރި އެވެ. އޭގެފަހުން ހަމަ އެ ހުކުމް ނެރުނު ފަނޑިޔާރުންގެ ބެންޗުގައި ބާކީ ތިއްބެވި ދެ ފަނޑިޔާރުން ގެންދެވީ ހުކުމުގެ ފަހަރަކު ބައެއް ބާތިލު ކުރައްވަމުންނެވެ.

އެދުވަހުގެ ހުކުމާ ގުޅިގެން ދެ ފަނޑިޔާރުންގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ހައްޔަރު ކުރި އެވެ. އެ ތިން ބޭފުޅުންގެ މައްޗަށް އެ ދައުވާ ސާބިތުވެ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުުގެ ޖަލު ހުކުމެއް އިއްވި އެވެ. އެ ހުކުމްތައް ބާތިލުކޮށް އެ ބޭފުޅުން މިނިވަން ކުރީ މި ސަރުކާރު އައި ފަހުންނެވެ.

12 މެމްބަރުންގެ ގޮނޑި ގެއްލުވައިލުން

ޔާމީނުގެ ވެރިކަން ފެށުނު ފަހުން 2014 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މެޖޯރިޓީ ލިބުނު ނަމަވެސް އޭގެ ފަހުން ސަރުކާރުން އެޅި ބައެއް ފިޔަވަޅުތަކުގެ ސަބަބުން އެ މެޖޯރިޓީ ގެއްލިދާނެކަމުގެ ބިރު ހީވީ 2017 ވަނަ އަހަރު އެވެ. ބައެއް މެމްބަރުން ޕާޓީ ބަދަލުކޮށް އިދިކޮޅާ ގުޅިދާނެކަމުގެ އަޑު ފެތުރުމާ އެކު "އެންޓި ޑިފެކްޝަން ގާނޫނު" ގެ ނަމުގައި މަޖިލީހުން ގާނޫނެއް ފާސްކުރި އެވެ.

އެ ގާނޫނުގައިވާ ގޮތުން މެމްބަރަކު މަޖިލީހަށް އިންތިހާބުވާ އިރު ހުންނަ ޕާޓީން އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ މަޖިލީހުގެ މެމްބަރުކަން ގެއްލޭނެ އެވެ. އެ ގާނޫނު ތަސްދީގުކުރުމާ އެކު އޭރު ސަރުކާރާ ދެކޮޅަށް ތިއްބެވި 12 މެމްބަރެއްގެ މެމްބަރުކަން ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި އެވެ. އީސީގެ އެ ނިންމުން ސުޕްރީމްކޯޓަށް ވެއްދުމުން އެކޯޓުން ނެރުނީ ތަފާތު ގޮތް ގޮތަށް މާނަކުރެވޭ ގޮތަށް އޮތް އަމުރެކެވެ. ޔާމީނުގެ ސަރުކާރުން އެ އަމުރު މާނަކުރީ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށެވެ.

އެއަށްފަހު އެ މެމްބަރުން މަޖިލީހަށް ވަދެވަޑައިގެންނެވުމަށް ހުރަސް އެޅީ ގައުމީ ދިފާއީ ބާރުގެ ބޭނުންކުރައްވައިގެންނެވެ. އެދުވަހު ބާރުގެ ބޭނުންކޮށް އަނިޔާވެރިކަމާއެކު މަޖިލީހުގެ ފާރުން ބޭރަށް މެންބަރުން 'އުކާލި' އެވެ.

ބޭރުމީހުންނަށް ބިން މިލްކުކުރެވޭ ގޮތަށް ގާނޫނު އަސާސީ ބަދަލުކުރުން

ސައުދީ އަރަބިއްޔާގެ ޝާހީ ޚާންދާނުން ފ. ހިމިތީގައި ހިންގަން ބޭނުންވި މަޝްރޫއަކަށް މަގުފަހިކުރުމަށްޓަކައި ބޭރުގެ ފަރާތްތަކަށް ވަކި ޝަރުތުތަކަކާ އެކު ރާއްޖޭން ބިން މިލްކުކުރެވޭ ގޮތަށް ގާނޫނު އަސާސީއަށް ބަދަލެއް ގެނައީ 2015 ވަނަ އަހަރު އެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބަކަށް ޝަރުތުހަމަވާ އެންމެ ހަގު އުމުރަކީ 35 އަހަރު ކަމަށް އޮތް އޮތުން ވެސް ހަމަ އެދަނޑިވަޅުގައި ބަދަލުކުރި އެވެ.

ގާނޫނުއަސާސީއަށް އެ ދެ ބަދަލު ވެސް ގެނައީ އެމްޑީޕީގެ ބައެއް މެންބަރުންގެ ވެސް ތާއީދާ އެކުގަ އެވެ. އޭރު ވާހަކަ ދެކެވުނު ގޮތުގައި އެ ދެ ބިލަށް އެމްޑީޕީގެ މެންބަރުން ވޯޓު ދެއްވީ އޭރު ޖަލުހުކުމެއްގައި ހުންނެވި އެޕާޓީގެ ލީޑަރު، ކުރީގެ ރައީސް މުހައްމަދު ނަަޝީދު މިނިވަންކުރަން ޝަރުތުކޮށްފަ އެވެ.

އެހެން ނަމަވެސް ފ. އަތޮޅުގައި ސައުދީ ޝާހީ އާއިލާއިން ހިންގަން އުޅުނު މަޝްރޫއު ކުރިއަކަށް ނުދެ އެވެ.

ބޭރުމީހުންނަށް ބިން މިލްކުކުރެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލު މިސަރުކާރު ވެރިކަމަށް އައުމާ އެކު ވަނީ އުވާލައިފަ އެވެ.

މިއީ އެދުވަހުގެ ތާރީހެވެ. ރައީސް ޔާމީނުގެ ވެރިކަމުގައި ހިނގާދިޔަ ބޮޑެތި ބައެއް ކަންކަމުގެ ހުލާސާ އެކެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން އަންން ހޮނިހިރު ދުވަހު އޮންނައިރު، ވޯޓު ކަރުދާހުގައި ފާހަގަ ޖަހާނީ އެއްބަޔަކު އެބުނާ ފަދައިން "އަނިޔާވެރި ކަމާ ދެކޮޅަށް" ތޯ ނުވަތަ "ރައީސް ޔާމީން މިނިވަން ކުރަން" ތޯ އެއީ ރައްޔިތު މީހާގެ އަތްމަތީގައި އޮތް ހައްގެކެވެ. އެ ދުވަހު ގަލަމުން އަދާ ކުރާ ހައްގުން ކުރިއަށް އޮތް ފަސް އަހަރު ރާއްޖޭގެ ސިޔާސީ މަޝްރަހު ކަނޑައެޅިގެންދާނެ އެވެ.