Advertisement

ކުށް މަދުކުރުމަށް މައި ދެ ކެންޑިޑޭޓުންގެ ސިޔާސަތުތަކާއި މާޒީ!

7 ސެޕްޓެންބަރު 2023 - 10:28 2

ނިމާ ހަސަން

ނިމާ ހަސަން


ކުށް މަދުކުރުމަށް މައި ދެ ކެންޑިޑޭޓުންގެ ސިޔާސަތުތަކާއި މާޒީ!

7 ސެޕްޓެންބަރު 2023 - 10:28 2

ރައީސް ޔާމީން ޗައިނާ އަށް ކުރެއްވި ދަތުރުފުޅަށް ފަހު ރާއްޖެ ވަޑައިގެން އެއާޕޯޓްގައި ނޫސްވެރިންނާ ބައްދަލުކުރެއްވުމާއެކު ސުވާލު އަމާޒުވީ, ނޫސްވެރިއަކު ގެއްލިގެން އުޅޭތީ އެކަމާ އެވެ. ޖަވާބު ދެއްވަން ބޭނުންފުޅުވެވަޑައިނުގެން ދެންނެވީ ނޫސްވެރިއަކު ގެއްލުމުން ހޯދުމުގެ މަސައްކަތް ކުރާނެ ކަމަށް ހީފުޅު ކުރައްވާ ކަމަށެވެ.

ގެއްލުނު ނޫސްވެރިޔާ އަހުމަދު ރިލްވާނުގެ މައްސަލައިގެ އިތުރުން ވެސް ނިމިދިޔަ ސަރުކާރުގައި މިފަދަ އެތައް ކުށްތަކެއް ހިނގި އެވެ. ރިލްވާނަށްފަހު, އެކުވެރިޔާ ޔާމީން ރަޝީދުގެ އަނިޔާވެރި ގަތުލާއި, އެނޫން ވެސް އިތުރު 27 މަރުގެ މައްސަލައެއް ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި ފެންމަތިވި އެވެ.

އޭރުގެ ހާލަތު އޮތް ގޮތުން ގޭންގުތަކުގެ މެދުގައި ބަދަލު ހިފުމުގެ ރޫހުގައި, މީހެއްގެ ފުރާނަ ނަގާލުން ފަދަ ބޮޑެތި ކުށްތަކަށް ދިޔައީ އަރައިގަންނަމުންނެވެ. ތަފާސްހިސާބުން ފެންނަން އޮތް ހަގީގަތަކީ, އޭރު އެ އޮތް ބިރުވެރިކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މި ސަރުކާރުގައި އެތައް ގުނައަކުން ކުޑަވެގެން ދިޔަ ދިއުމެވެ.

ޔާމީންގެ ވެރިކަމުގައި 28 ގަތުލު ރިކޯޑު ކުރެވުނުއިރު, ރައީސް ސޯލިހުގެ ވެރިކަމުގައި އެ އަދަދު ވެއްޓިގެން ދިޔައީ 14 އަށެވެ. އޭގެ ތެރޭގައިވެސް ގޭންގުތަކާ ގުޅުންހުރި މަރުތައް މަދެވެ. ގައުމުގެ އަމަންއަމާންކަމަކީ ހަމައެކަނި ގަތުލުތަކުގެ އަދަދުން ސާފު ނުވާނެފަދަ ބޮޑު މަންޒަރެކެވެ.

މާރާމާރީއާއި, މުދަލަށް ގެއްލުން ދިނުމާއި, ވައްކަމާއި ފޭރުމާއި, މަކަރާއި ހީލަތާއި ހިޔާނާތަށް އަދި ގެވެށި އަނިޔާއާއި ޖިންސީ ގޯނާގެ މައްސަލަތަކަކީ ވެސް އަޅާކިޔާލުން މުހިންމު ތަފާސްހިސާބުތަކެވެ.

ފުލުހުންގެ ވެބްްސައިޓްގައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، 2014 އިން 2018ގެ ނިޔަލަށް މާރާމާރީގެ 4،307 މައްސަލައެއް ރިޕޯޓްކޮށްފައިވެ އެވެ. 2019 އިން 2023ގެ މިހާތަނަށް އައިއިރު އެ އަދަދު ހުރީ 2,826 ގައެވެ. މުދަލަށް ގެއްލުން ދިނުމުގެ 2,348 މައްސަލަ އޭރު ރިޕޯޓު ކުރިއިރު, މި ދައުރުގައި ކުރީ 2,216 އެ ބާވަތުގެ މައްސަލަ އެވެ.

މަކަރާއި ހީލަތާއި ހިޔާނާތަށް ބަލާލާއިރު އޭރު ރިޕޯޓުކުރީ 3,110 މައްސަލަ އެވެ. މި ދައުރުގައި އެ އަދަދު ވަނީ 4,021 އަށް އިތުރު ވެފަ އެވެ. ވައްކަމާއި ފޭރުމުގެ 22,563 މައްސަލަ 2014 އިން 2018ގެ ނިޔަލަށް ރިޕޯޓުކުރި އިރު, 2019 އިން 2023އަށް ރިޕޯޓުކުރީ 20,788 މައްސަލަ އެވެ.

ގެވެށި އަނިޔާއާއި ޖިންސީ ކުށްތަކަށް ބަލާއިރު, އޭރު ގެވެށި އަނިޔާގެ 1,361 މައްސަލައާއި, ޖިންސީ ގޯނާގެ 2,281 މައްސަލަ ހުށަހެޅި އެވެ. މި ދައުރުގައި ހުށަހެޅީ ގެވެށި އަނިޔާގެ 1,107 މައްސަލައާއި ޖިންސީ ގޯނާގެ 1,756 މައްސަލަ އެވެ.

އެންމެ ފަހުގެ ހިސާބުތަކަށް ބަލާއިރު 515،122 މީހުންގެ އާބަދީއެއް އޮންނަ މި ކުޑަ ގައުމުގައި ކުށުގެ މި އަދަދުތަކަކީ އިންތިހާއަށް ބޮޑެތި އަދަދުތަކެވެ. ރައީސް ސޯލިހުގެ ވެރިކަމުގައި ބައެއް ކުށްތައް މަދުވިއިރު, ގަބޫލުކުރަންޖެހޭ ހަގީގަތަކީ ކުށް މަދު ކުރުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް މި ގައުމުގައި ކުރަންޖެހޭ ކަމެވެ.

ރިޔާސީ އިންތިހާބު އައިސް ބައްދަލުވީއިރު, ކުރިމަތިލާ ކެންޑިޑޭޓުންގެ މެނިފެސްޓޯތަކުގައި ގައުމުގައި ކުށް މަދު ކުރުމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ހުށަހަޅާތޯ މިނެކިރާލަން އެބަ ޖެހެ އެވެ.

މެނިފެސްޓޯތަކުން; ކުށް މަދު ކުރުން

ކުށް މަދު ކުރުމުގެ އަޒުމުގައި މެނިފެސްޓޯގައި ލިޔުއްވި އެއް ބޭފުޅަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެމަނިކުފާނުގެ "އަމާން މުޖުތަމައު" މެނިފެސްޓޯގައި ކުށުގެ ވެށިން ދުރުކުރުމާއި, ކުށުގެ ވެއްޓަށް ފާރަވެރިވުމުގެ އިތުރުން ކުށަށް ޒިންމާނެގުމާއެކު ފަރުވާ ހިމެނޭހެން ގިނަ ހައްލުތަކެއް ހުށަހަޅާފައި ވެއެވެ.

ކުށުގެ ވެށިން ދުރުކުރުން

  • ގުޅުން ހުރި އިދާރާތައް އެކުލެވޭހެން އިންޓަރ-އޭޖެންސީ ކޯޑިނޭޝަން ނިޒާމު ހަރުދަނާކުރުމަށް ކްރައިމް ޕްރިވެންޝަން ކައުންސިލެއް އެކުލަވާލާނެ
  • ސްކޫލް ދައުރުން ފެށިގެން ކުށުގެ ވެއްޓާއި ދުރުކުރުމަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ރާވައި ހިންގާނެ
  • ރާއްޖޭގެ މިއަދުގެ ހާލަތާއި ގުޅޭ ގޮތަށް ގާނޫނީ އަދި ތަންފީޒީ އޮނިގަނޑު މުރާޖައާކުރާނެ. މީގެ ތެރޭގައި ޑްރަގް ޓްރެފިކިންގް މައްސަލަތަކަށް ހައްލު ހޯދުމަށް ހާއްސަ އިސްކަމެއްދޭނެ.
  • ގޭންގު ކުށުގައި ބައިވެރިވުމުގެ ނުރައްކާ އޮތް ފަރާތްތައް ދެނެގަނެ، ކައުންސެލިން، މެންޓަރިން އަދި ވޮކޭޝަނަލް ޓްރެއިނިން ފަދަ އިންޓަވެންޝަން ޕްރޮގްރާމްތައް ހިންގާނެ.

ކުށުގެ ވެށްޓަށް ފާރަވެރިވުން

  • ރިއަލް ޓައިމް ރެސްޕޮންސް ސެންޓަރެއް ދިވެހި ފުލުހުންގެ ހިދުމަތުގައި ގާއިމުކުރާނެ
  • އާބާދީ ބޮޑެތި ހުރިހާ ސަރަހައްދެއްގައި ސިޓީ ސާވެއިލަންސް ނިޒާމު ގާއިމުކުރާނެ
  • ޑްރަގް ޓްރެފިކިންއަށް ފާރަވެރިވުމަށް ޑްރޯން ފަދަ އަންމޭންޑް ސާވެއިލަންސް އާލާތްތައް ތައާރަފްކުރާނެ
  • ސައިބަ ޕްރޮޓެކްޝަން ހަރަކާތްތައް ފުޅާކުރާނެ
  • ގޭންގު ކުށްތައް ތަހުގީގު ކުރުމުގެ ގާބިލުކަން އިތުރުކުރާނެ
  • ސްކޭމް، ފްރޯޑު އަދި އިގްތިސާދީ/މާލީ ކުށްތައް ހުއްޓުވަން ބޭނުންވާ ގާނޫނީ އަދި ތަންފީޒީ ބަދަލުތައް ގެންނާނެ

ކުށަށް ޒިންމާނެގުމާއެކު ފަރުވާ

  • ރުޖޫއީ އިންސާފު (ރެސްޓްރޯޓިވް ޖަސްޓިސް) ގެ ތެރެއިން ކުދިންގެ ވިސްނުން ބަދަލުކޮށް އިންސާނީ ހައްގާއި ކަރާމަތަށް ރައްކާތެރިވުމުގެ މުހިންމުކަން ދަސްކޮށްދެވޭގޮތަށް ޕްރޮގްރާމްތައް މުރާޖައާކޮށް ތަންފީޒުކުރާނެ
  • ކުށަށް ޒިންމާވާންޖެހޭ އުމުރުގެ މީހުން ކުށުގެ ވެއްޓަށް ހުޅަހެޅުމުން، އެ ކުށެއްގެ ޒިންމާ ނެގުމުގައި ބަންދު ނޫން އެހެނިހެން ބާވަތުގެ އަދަބުތައް ދިނުމުގެ އުސޫލު ހަރުދަނާކުރާނެ
  • ޕެރޯލް، ކްލެމެންސީ އަދި ހުކުމްކުރުމުގެ އުސޫލުތައް މުރާޖައާކުރާނެ
  • ހުރިހާ ދާއިރާއެއްގައިވެސް ކްރިޓިކަލް އިންފްރާސްޓްރަކްޗާ ގާއިމުކުރާނެ
  • އެކި ކުށްތަކުގައި ބަންދުކުރެވޭ މީހުންގެ އިންސާނީ ކަރާމާތަށް އިސްކަންދިނުމަށް ބޭނުންވާ ވަސީލަތްތައް ފުރިހަމަކުރާނެ

ރާއްޖޭގައި އަމާން މުޖުތަމައެއް ގާއިމުކުރަން އެމްޑީޕީން އެކުލަވާލާފައިވާ މި ސިޔާސަތުގައި އިތުރަށް ހިމަނާފައިވާ ކަންތައްތަކުގެ ތެރޭގައި އިޖުތިމާއީ ބަދަހި މަދަދުވެރިން (އިބަމަ) އަށް ބޭނުންވާނެ ވަސީލަތްތައް ފުރިހަމަކޮށް، އިޖްތިމާއީ ފެންވަރުގައި މައްސަލަތަކަށް ހައްލުހޯދޭނެ އެކްޝަން ޕްލޭނެއް އެކުލަވާލައި ތަންފީޒުކުރުމާއި ރިހެބިލިޓޭޝަން ޕްރޮގްރާމް ފުރިހަމަކުރާ މީހުންނަށާއި އެމީހުންގެ އާއިލާއަށް ބޭނުންވާނެ ސައިކޮސޯޝަލް ސަޕޯޓާއި، ޕިއާ-ސަޕޯޓް އަދި ރިކަވަރީ-ސަޕޯޓް ނެޓްވޯކް ގާއިމުކުރުން ފަދަ ކަންތައްތައް ހިމެނެ އެވެ.

އަދި ޕްރިޒަން ރިހެބިލިޓޭޝަން ޕްރޮގްރާމް އިތުރަށް ފުޅާކުރުމާއި ކުޑަކުދިން ކުށް ތަކުރާރުކުރުމާ ދުރުހެލިކުރުމަށްޓަކައި ކުޑަކުދިންގެ އަދުލުގެ ނިޒާމުގެ ދަށުން ހިންގޭ ޕްރޮގްރާމްތަކަކީ ކުޑަކުދިންނަށް ކުރެވޭ ކުށަށް ފަރުދީ ޒިންމާނެގުމާއެކު، އެ ކުށުން ދުރުވުމަށް އާއިލާއާއި މުޖުތަމައުގެ ބައިވެރިވުން ލިބޭނެހެން ފަރުމާކުރެވި ތަންފީޒުކުރެވޭ ޕްރޮގްރާމަކަށް ހަދަން ވަނީ ހިމަނާފަ އެވެ.

ވާދަވެރި ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯއަށް ބަލާލާއިރު, ކުށް މަދުކުރުމަށް ހާއްސަ ބައެއް ހިމަނާފަ އެއް ނުވެ އެވެ. އޯގާތެރި މުޖުތަމައުގެ ދަށުން ހިމަނާފައި ވަނީ ކުށުގެ ވެށިން ކުޑަކުދިންނާއި ޒުވާނުން ސަލާމަތް ކުރާނެ ދެ ހުށަހެޅުމެކެވެ.

އެއްކަމަކީ, މިޒާޖު ހުރިގޮތުން ކުށުގެ ވެއްޓަށް ވަނުމުގެ ފުރުސަތު ބޮޑު ކުޑަކުދިންނާއި ޒުވާނުން އަވަހަށް ދެނެގަނެ، އެހީތެރިކަމާއި އަޅާލުން ދެވޭނެ އިންތިޒާމުތައް ހަމަޖައްސައި، ބިނާކުރަނިވި ރައްޔިތުންގެ ގޮތުގައި ކުރިއަށް ދާނެ ފުރުސަތު ތަނަވަސް ކޮށްދިނުމަށް ގައުމީ ވިއުގައެއް ގާއިމުކުރުމެވެ.

އަނެއް ކަމަކީ ކުށުގެ ވެއްޓަށް އަލަށް ވަންނަ ކުޑަ ކުދިންނާއި ޒުވާނުން މުޖުތަމައަށް އަނބުރާ އަހުލުވެރި ކުރުމަށްޓަކައި، ހަރުކަށި އަދަބުތައް ދިނުމުގެ ބަދަލުގައި، އިޖުތިމާއީ ހިދުމަތުގެ ހާއްސަ ވެއްޓަކާއި އިންތިޒާމުތަކެއްގެ ތެރެއިން އެހީތެރިކަން ފޯރުކޮށް ދިނުމެވެ. އަދި ބިނާކުރަނިވި ފަރުދުންގެ ގޮތުގައި މުޖުތަމައަށް އަލުން ނުކުމެވޭނެފަދަ ހަރުދަނާ ސިޔާސަތުތަކަކާއި އިންތިޒާމުތަކެއް ގާއިމު ކުރުމެވެ.

މިފަހަރުގެ ރިޔާސީ އިންތިހާބުގައި އެންމެ ވާދަވެރި ދެ ކެންޑިޑޭޓުންގެ މެނިފެސްޓޯއަށް ބަލާލާއިރު ރާއްޖެއިން ކުށް މަދު ކުރުމަށް ބައެއް ކަންކަން ރާވާފައި ވެއެވެ. ހުށަހަޅާފައިވާ މި ކަންތައްތަކަކީ ހަރުދަނާ ގޮތެއްގައި ތަންފީޒުކޮށް, އެދެވޭ ނަތީޖާއެއް ނެރެވިދާނެ ކަންތައްތަކެއްތޯ މިއީ ޖަވާބު ހޯދަންވީ ސުވާލެވެ.