21 މޭ 2023 - 09:59 6
މުހައްމަދު އުޝާމް
ސިޔާސީ ވެރިއެއް ޕޯޑިއަމެއް ފަހަތުގައި ހުންނަ މަންޒަރު ފެންނަ ކުރެހުމެއް: ތަޖުރިބާކާރުން ބުނަނީ ވައުދު ފުއްދުމުގެ ގާބިލުކަން ހުރި ނަމަވެސް ވެރިކަމަށް އާދެވުމުން ސަމާލުކަން ދެނީ އެހެން މަސައްކަތްތަކަށް ކަމަށް -- ފޮޓޯ: ރައްޔާން މުހައްމަދު/އަދަދު
21 މޭ 2023 - 09:59 6
ތަކެތީގެ އަގުތައް ހުރީ އަތް ނުފޯރާ ފަށުގަ އެވެ. ހިދުމަތްތައް މަރުކަޒުކޮށްފައިވާ ވެރިރަށުގެ ފަސްގަނޑުގައި، އުޅެން ލިބޭ ތަންކޮޅުގެ ކުލި އަދި މާ ބޮޑެ އެވެ. މި ތަކުލީފުތަކުގެ ރިހުމަށް ތަސައްލީއެއް ލިބޭ ވަރުގެ މުސާރައެއް ނުލިބެ އެވެ. މުސާރައިން ދިރިއުޅުމުގެ ހަރަދުތައް ދެކޮޅު ޖައްސައިލެވޭނީ ހަމަ ކިރިޔާ އެވެ.
މިއީ ދިވެހީންގެ ވާހަކަ އެވެ. ކޮންމެ ސިނާއަތެއްގެ މަސައްކަތްތެރިޔަކަސް، ތަނަވަސް ދިރިއުޅުން ވެފައި އޮންނަނީ ހުވަފެނަކަށެވެ. ރިޔާސީ އިންތިހާބާ ދިމާކޮށް، އެންމެ ރަނގަޅު މެނިފެސްޓޯއެއް ހުށަހެޅި ކެންޑިޑޭޓަކީ ކާކުކަން ގޭތެރޭގައި ގަދައަށް ބަހުސްކޮށް މީގެ ކުރިން އުޅުނީ ސަބަބެއް ނެތިއެއް ނޫނެވެ.
އެހެން ވިޔަސް، ގިނަ ސިޔާސީ ޕާޓީ ބައިވެރިވެ ވާދަކުރާ ނިޒާމު އައި ފަހުން ހަތަރު ވަނަ ރިޔާސީ އިންތިހާބަށް ދިވެހީން ކުރިމަތިލާއިރު އެ ޝައުގު ކުރީން އޮތް ވަރަށް އޮވެދާނެ ހެއްޔެވެ؟ މި ސުވާލު އުފެއްދޭ ސަބަބަކީ، ވައުދުތަކުން ހާސިލުކުރެވިފައި އޮތް މިންވަރު ކުޑަވީމަ އެވެ.
"ވަރަށް ހިތުގައި ޖެހޭ އަސްލު. [ސިޔާސީ ވެރިން] ވައުދުތައް ވެފައި ނުއެއް ފުއްދާ. އަބަދުވެސް އިވޭ ޓާޝަރީ ހޮސްޕިޓަލް އަޅާ ވާހަކަ. އެކަމަކު ކުޑަދަރިފުޅަށް ބޭނުންވާ ތެރަޕީތައް މި ހޯދަނީ މާލެ ގޮސްގެން. މާލެ ބަދަލުވުމަކީ ވެސް ފަސޭހަ ކަމެއް ނޫންތާ،" ހދ. ކުޅުދުއްފުށިން ވާހަކަ ދެއްކި މީހަކު ނޫހުގައި ނަންނުޖެހުމަށް ޝަރުތުކޮށް ބުންޏެވެ.
ގިނަ ޕާޓީ އެކުލެވޭ ރިޔާސީ އިންތިހާބެއް 2008 ގައި ބޭއްވިތާ 15 އަހަރު ފަހުން ސިޔާސީ ވެރީން ނުކުންނަން އޮތީ ދާދި އެއް ވާހަކަތަކެއް ހިފައިގެންނެވެ. ކުރިން ވެސް ހުރި އެއް މައްސަލަތަކަށް ހައްލެއް ދެއްކުމަށެވެ. އަދި ކުރިން ނެތް، މިހާރު ވުޖޫދުގައި އޮތް އެތައް އިޖުތިމާއީ މައްސަލައަކަށް ވެސް ހައްލު ހޯދުމަށެވެ. ހައްލު ހޯދޭނެ ސިޔާސަތުތަކެއް ހިފައިގެނެވެ.
ޑިމޮކްރެޓިކް އާ ހަޔާތުގެ ފުރަތަމަ ރިޔާސީ ދައުރުގެ މެދު ތެރެއިން ހިނގި ހަމަނުޖެހުންތަކަކާއެކު އޭރުގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވިއިރު ވެސް މެނިފެސްޓޯގެ ބޮޑު ބައެއް އޮތީ ތަންފީޒު ނުވެ އެވެ. އަދި އޭގެ ފަހުން ވެރިކަމާ ހަވާލުވެވަޑައިގެންނެވި ރައީސް މުހައްމަދު ވަހީދަށް ޖެހިފައި އޮތީ ސިޔާސީ ހަމަޖެހުމެއް ގެނައުމެވެ. ނަޝީދުގެ އުޒުރަކަށްވީ ދައުރު ފުރިހަމަނުވަނީސް "ބަޣާވާތް" ކުރުމެވެ. ވަހީދަށް ކަމެއް ތަންފީޒުކުރެވޭ ވަރުގެ މުއްދަތެއް ނުވެސް ލިބެ އެވެ. ފެށި ގިނަ ކަންކަން ވެސް ފަހުން އޮތީ ހުއްޓިފަ އެވެ.
ފުރަތަމަ ރިޔާސީ ދައުރު އެ ގޮތުގެ މަތީން ދިޔައިރު ދެން އައީ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. އޭރު ބެނާތަކުގައި ލިޔެފައިވާ ގިނަ ވައުދުތައް ވެސް ވެގެން ދިޔައީ ނުވެސްވާ ވައުދުތަކަށެވެ. ކޮންމެ އާއިލާއަކަށް ޑޮކްޓަރެއް ލިބުމާއ މަސްވެރިން ބެޔަސް ނުބެޔަސް 10،000ރ. ދިނުމާއި ދަނޑުވެރިން ހެއްދިޔަސް ނުހެއްދިޔަސް 8،000ރ. ދިނުން ފަދަ ގިނަ ވައުދުތަކަކީ ނުވެސްވާ ވައުދުތަކަށް ވި އެވެ. ރަށްރަށަށް ގެންނަން ކިޔާފައިވާ އުމްރާނީ ތަރައްގީގެ ބިނާތަކުގެ ވައުދުތައް ވެސް ނުފުއްދެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް އިންތިހާބީ އަހަރާ ކުރިމަތިލަނީ މެނިފެސްޓޯގެ ބޮޑު ބައެއް ތަންފީޒުނުކޮށެވެ. އުފަންވާ ކޮންމެ ކުއްޖަކަށް ހަދިޔާ ދިނުމުގެ ވާހަކަ ނުވެސް ދައްކަ އެވެ. ދުވަސްކޮޅަކަށް ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދީފައި، މެދުކެނޑިއްޖެ އެވެ. ދައުލަތަށް ގެއްލިފައި ހުރި ފައިސާތައް ހޯދަން މާ ބޮޑު ކަމެއް ނުކުރެ އެވެ. މުޅި ރާއްޖެ ގުޅާލާނެ ދަތުރުފަތުރުގެ މަސައްކަތް ކިރިޔާ ފެށިގެން އައީ އެވެ. މެނިފެސްޓޯގައިވާ އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތައް ނުވެސް ފަށަ އެވެ. އުޒުރަކަށް ދައްކަނީ ކޮވިޑް-19 ގެ އާލަމީ ބަލިމަޑުކަމެވެ. އެއާއެކު އައި އިގުތިސޯދީ ތަދުމަޑުކަމެވެ.
އިންސާނީ ހައްގުތަކާއި ސިޔާސީ އިލްމުގެ ބައެއް މާހިރުންގެ ނަޒަރުގައި ދިމާވެގެން އުޅޭ މައްސަލަައަކީ މެނިފެސްޓޯ ތަންފީޒުކުރުމުގެ ނިޔަތެއް ސިޔާސީ ވެރިންގެ ނެތުމެވެ. އިންސާނީ ހައްގުތަކުގެ ދާއިރާގައި މަސައްކަތްކުރައްވާ އަހުމަދު މުހައްމަދު (ފޯމީ) ގެ ނުކުތާއަކީ ސިޔާސީ ޕާޓީތަކުގެ ހިންގުމުގެ ނިޒާމުގައި ގޯސްތަކެއް އޮތުމެވެ. އަދި އިންތިހާބު ކާމިޔާބު ކުރުން ނޫން ވިސްނުމެއް އޭގައި ނެތުމެވެ.
"ރަށަށް މިދަނީ ދެތިން ދުވަހަކު، ދޮރުން ދޮރަށް ކޮންމެ ގެއަކަށް ގޮސް މި އަހާލަނީ، ވޯޓުލާ ކިތައް މީހުން ހެއްޔޭ، އެ ޕާޓީގެ ކިތައް މީހުން ހެއްޔޭ، ކޮން މައްސަލަތަކެއް ހެއްޔޭ އޮތީ، ދެން އެ ނޯޓު ކޮށްލާފައި ނުކުންނަނީ، ދެން ފަހުން ރަށުގައި ތަގުރީރު ދެމުން އެއިން ވާހަކައެއް ބުނެލަނީ، ބޭނުމަކީ ރައްޔިތުންގެ ސިކުނޑިތައް ދޮވެލުން،" ފޯމިއަށް ކުރެވިފައިވާ ތަޖުރިބާތައް ހިއްސާކުރައްވަމުން އޭނާ ވިދާޅުވި އެވެ.
ރައްޔިތުންނަށް ދައްކަން ވެގެން ލިޔާ މެނިފެސްޓޯއަކަށްވާ ނަމަ، މެނިފެސްޓޯގައި އޮންނަނީ ތަންފީޒުކުރުމުގެ އިގުތިސޯދީ އަދި މާލީ ގާބިލިއްޔަތު ކަން ނެތް ޕްރޮޖެކްޓުތައް ހެއްޔެވެ؟
އާބަން ޕްލޭނިންގެ ދާއިރާގައި މަސައްކަތްކުރައްވާ ތަޖުރިބާކާރު މުހައްމަދު އިޝާން ސައީދު ގަބޫލުކުރައްވާ ގޮތުގައި އެއްވެސް ހޯދުމެއް ނެތިވެސް މިހާތަނަށް ހާސިލްނުކުރެވޭ ވަރުގެ ކަމެއް ސިޔާސީ ޕާޓީއަކުން ހުށަނާޅަ އެވެ. އަދި މާލީ ގާބިލިއްޔަތުކަން އޮތް ވަރު ރައްޔިތުންނަށް ވެސް ސާފުވާނެ ކަމަށެވެ. އޭނާ ދެކޭ ގޮތުގައި ވެސް ދިމާވެގެން އުޅޭ މައްސަލައަކީ ވައުދު ފުއްދުމަށްވުރެ އެހެން ބައެއް ކަންކަން ސަރުކާރު ހިންގުމުގައި މުހިންމުވުމެވެ.
"މެނިފެސްޓޯ ތަންފީޒުކުރަން އެމްޑީޕީން އެއް ކަމަކަށް މި ކުރީ ލެޖިސްލެޓިވް އެޖެންޑާއެއް މި ހެދީ. ދެން ސަރުކާރުން އެކުލަވާލާ އެކްޝަން ޕްލޭންގައި މި ލިޔަނީ ގަވަނަންސްއަށް ގެންނަން ޖެހޭ ބަދަލުތައް. އެކަމަކު ލިޔެފައިވާ ކަންކަން ދޫކޮށްފައި އެހެން ކަންކަމަށް އިސްކަން ދެވެނީ. ބިންބިމާއި މުދާތައް ވިއްކުމާއި ކުއްޔަށް ދޫކުރުމުގެ ކަންކަމަށް، މެނިފެސްޓޯ ޕްރިއޯރިޓީއަކަށް ނުވީ،" އިޝާން ވިދާޅުވި އެވެ.
އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި ވާދަކުރި ދެ ކެންޑިޑޭޓުންގެ ޝިއާރުން ވެސް ގައުމުގެ އޮތް އެންމެ ބޮޑު އެއް މައްސަލަ ރަމްޒުކޮށްދެ އެވެ. އެއީ މާލެ ސަރަހައްދު ތޮއްޖެހުމެވެ. އޭގެ ސަބަބުން، އެންމެ އާސާސީ ބޭނުންތަކަށް ވެސް ކޮށްފައިވާ އަސަރެވެ. އަދި އެއާއެކު ނުކުންނަ އެހެނިހެން އިޖުތިމާއީ އިތުރު މައްސަލަތަކެވެ. ތަފާތަކަށް އޮތީ އެ ކަން ހައްލު ކުރަން ހިމަނާފައި ސިޔާސަތުތަކަށެވެ.
ރައީސް ޔާމީން ހުށަހެޅުއްވި "ރަށްވެހި ތަރައްގީ" މެނިފެސްޓޯގައި އޮންނަނީ ރާއްޖޭގައި މައިގަނޑު ފަސް އާބަން ސެންޓަރުތަކެއް ގާއިމުކުރުމެވެ. ފަސް ސަރަހައްދެއްގައި "ސްމާޓް ސިޓީ" އެއް ގާއިމުކުރުމަށް ހިންގަން ޖެހޭ އުމްރާނީ ތަރައްގީގެ ބިނާތަކެއް ގާއިމުކުރުމެވެ. އެކަމަކު ފަސް އަހަރު ނިމިގެން ދިޔައިރު، އައްޑު އަތޮޅުގެ ދެ ސަރަހައްދު ގުޅުވައިދޭ ބްރިޖެއް ނުފެށެ އެވެ. އިހަވަންދިއްޕޮޅުގައި ހިންގަން އިއުލާން ކުރި "އައިހެވަން" ޕްރޮޖެކްޓްގެ އެއްވެސް މަސައްކަތެއް ނުހިނގަ އެވެ.
ރައީސް ސޯލިހުގެ "ޖަޒީރާ ރާއްޖެ" މެނިފެސްޓޯގައި އޮތީ ކައުންސިލްތައް ބާރުވެރިކޮށްގެން، ސަރަހައްދުތައް ތަރައްގީ ކުރުމެވެ. މުޅި ރާއްޖެ ގުޅުވާ ދަތުރުފަތުރުގެ ލިންކެއް ގާއިމުކޮށް، މާލެ އަންނަން ޖެހޭ ސަބަބުތައް ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ވެސް އުފެއްދުމެވެ. ބައެއް ސަރަހައްދުތައް ވަކި ކަމަކަށް ހާއްސަކޮށް ހިންގުމެވެ. އޭރަށް މާލެއަށް އޮތް ހިޖުރަ ކުރުމުގެ ނިސްބަތް އެހެން ސަރަހައްދުތަކަށް ބަދަލު ކުރެވޭނެ އެވެ.
ނަމަވެސް އެ ކަން ތަންފީޒުކުރަން ހިމަނާފައިވާ ވައުދުތަކުގެ އެއްވެސް ކަމެއް ނުހިނގަ އެވެ. ފުވައްމުލައް ސިޓީ، އިންފޮމޭޝަން ޓެކްނޮލޮޖީގެ ހަބަކަށް ހަދަން ކުރި މަސައްކަތެއް ނެތެވެ. ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި އައްޑޫ ސިޓީގެ ގަން އެއާޕޯޓަށް އިންޓަނޭޝަނަލް ފްލައިޓްތައް ޖައްސަން ޕްރޮޖެކްޓް ހިންގަން އަދިކިރިޔާ ހަވާލުކުރީ އެވެ. އިހަވަންދިއްޕޮޅު ޓްރާންޝިޕްމަންޓް ބަނދަރަކީ އަދިވެސް ހުވަފެނެކެވެ.
މި ލިޔުމަށް ކުރިން ވާހަކަ ދެއްކެވި ފޯމީ ގަބޫލުކުރައްވާ ގޮތުގައި މެނިފެސްޓޯގައިވާ ލާމަރުކަޒީ ސިޔާސަތުތަކާއި ސަރުކާރުތަކުން ތަންފީޒުކުރާ ސިޔާސަތުތަކާ ފުށު އަރަ އެވެ. ހިޖުރަ ކުރުމުގެ ހުރިހާ ސަބަބެއް ވެސް މާލެއަށް ޖަމާކޮށްފައި އޮތް އޮތުމަށް ބަދަލެއް ނާދެ އެވެ.
"ސެންސަސްއިން ދައްކާ ގޮތުން މާލެއަށް އެންމެ ގިނައިން ހިޖުރަ ކުރާ ސަބަބަކީ ތައުލީމު، މާލެ ނޫން ސަރަހައްދެއް ޑިވެލޮޕެއް ނުކުރެވޭ ވަކި ކަހަލަ ތައުލީމަކަށް، ކުރިނަމަ އެ ސަރަހައްދަކަށް ދާނެ ބަޔަކު ވާނެ، އެކަމަކު އޭގެ ބަދަލުގައި މާލޭގައި މި އަޅަނީ އިތުރު 10-12 ސްކޫލް،" ފޯމި ވިދާޅުވި އެވެ.
އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހީމް އިސްމާއިލް (އިބްރާ) ވެސް އެ ނުކުތާއަށް ތާއީދުކުރައްވަ އެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި މާލެ ސަރަހައްދު ތޮއްޖެހުމުގެ މައްސަލަ ބޮޑުވެގެން "ޓައިމް ބޮމް" އަކަށް ވަނީ ބަދަލުވެފަ އެވެ. ރައްޔިތުންގެ ރައްކާތެރިކަމާއި ސެކިއުރިޓީއަށް އިސްކަންދީގެން ކުރެވޭ ކަމެއް ވެސް ނުފެނެ އިބްރާ ދެކެވަޑައިގަންނަވާ ގޮތުގައި ނެތެވެ.
"މާލެއަކީ ޓައިމް ބޮމެއް، އަލިފާނުގެ ހާދިސާއެއް ހިނގައިފިއްޔާ މުޅި ސަރަހައްދަށް އަސަރު އެބަ ކުރޭ، ވަރަށް ބޮޑު އަސަރެއް ކުރާ ވަރުގެ އަލިފާނުގެ ހާދިސާއެއް ހިނގައިފާނެތީ ބިރުން މި ތިބެން ޖެހެނީ، ކަމެއް ހިނގުމުން ފިޔަވަޅެއް މި އަޅަނީ ވެސް، މޭޖާ އިމްޕެކްޓްފުލް ކަމެއް ކުރެވޭނީ އަދި ކިހާ މޭޖާ އިމްޕެކްޓްއެއް އަންނަ ވަރުގެ ހާދިސާއެއް ހިނގުމުންބާއޭ ހިތަށް އަރާ،" އިބްރާ ވިދާޅުވި އެވެ.
ދައުލަތެއް އުފެއްދުމުގެ ބޭނުމަކީ، މުޖުތަމައުގައި އެކި ޒާތުގެ މީހުން އުޅޭތީ ކުރިމަތިވާ މައްސަލަތައް ހައްލު ކުރުމެވެ. ބޭނުން ގޮތަކަށް އުޅެން ދޫވެފައި ތިބުމުގެ ބަދަލުގައި މުޖުތަމައު ރަނގަޅު މިސްރާބެއްގައި ބެހެއްޓުމެވެ. ގާނޫނާއި ގަވާއިދުތަކެއް ހަދައި، އެ ތަރަހައިގެ ތެރޭގައި މުޖުތަމައު ބޭއްވުމެވެ.
ރައްޔިތުންގެ ޓެކްސް ފައިސާއިން މުއައްސަސާތައް ހިންގައި އޭގެ ވެރިންނަށް މުސާރަ ދިނުމުގެ ބޭނުމަކީ ވެސް މުޖުތަމައުގެ ތެރޭގައި ހުރި މައްސަލަތައް ހައްލު ކުރުމެވެ. ސަރުކާރާއި ރައްޔިތުންގެ މަޖިލީހާއި ޖުޑިޝަރީގެ ބޭނުމަކީ ވެސް އެއީ އެވެ.
ޑިމޮކްރެޓިކް ހަމަތަކެއް ދިވެހިން ބަލައިގަތީ، ވާދަވެރި ސިޔާސީ ނިޒާމުގެ ތެރެއިން ކޮންމެ ޕާޓީއަކުން ވެސް ރަނގަޅު ސިޔާސަތުތަކެއް ހުށަހަޅައި އަގުލަބިއްޔަތު ވޯޓު ލިބޭ މެނިފެސްޓޯގައި ހިމެނޭ ސިޔާސަތުތައް ތަންފީޒުކޮށްގެން ދިވެހީންގެ ދިރިއުޅުން ރަނގަޅު ކުރުމެވެ.
ނަމަވެސް ސިޔާސީ ޕާޓީތަކުގެ އެ ދައުރު ހިންގުމުގައި ގޯސްތަކެއް ފެނެ އެވެ. ޕާޓީތަކުން ރަށްރަށުގައި ގޮފިތަކެއް ހަދައި، ގޮފިތަކުގެ ހަރަކާތްތައް ހިންގަން ޖަގަހަތައް ހުއްޓަސް އެ ތަނުގައި ހަރަކާތެއް ނުހިނގަ އެވެ. ހިޔާލުފާޅުކުރުމާއި ރައްޔިތުންގެ ހާލަތު ބަޔާން ކޮށްދިނުމުގެ އެއްވެސް ކަމެއް ނުހިނގަ އެވެ. ގައުމުގައި ހުރި ބޮޑެތި އިޖުތިމާއީ މައްސަލަތަކަށް ބަހުސް ކުރުމެއް ނޯވެ އެވެ.
"ކުރިން ވެސް ބުނިހެން ރައްޔިތުންނާއި ސިޔާސީ ޕާޓީތަކުގެ މަންދޫބުން، ވެރިން، ދެމެދު މި ހިނގާ ކޮންވަޒޭޝަަނަކީ ދޮރުން ދޮރަށް ހިނގާއިރު ގެއަށް އައިސް އެ ވަންނަ ގަޑި، އޭގެ ބޭރުންނަށް މި ޑިބޭޓުތަކެއް ނުހިނގާ، ގޮފިތަކުގައި، ޖަގަހަތަކުގައި އެ ބަހުސްތަކެއް ނުހިނގާ، އެހެންވީމަ ވަރަށް ހަނި ދާއިރާއެއްގައިތާ މެނިފެސްޓޯގެ ޕޮލިސީ ޕޭޕަރަށް ތިރިވާނީ،" ފޯމީގެ ތަޖުރިބާތައް ހިއްސާކުރެއްވި އެވެ.
ރައްޔިތުންނާއި ވެރިންނާއި ސިޔާސީ ޕާޓީތަކުގެ މަންދޫބުންނާ ދެމެދު އެކަށޭނަ ގޮތަކަށް ވާހަކަ ނުދެކެވުމުގެ ނަތީޖާއަކީ އެކަށޭނަ ސިޔާސަތުތަކެއް މެނިފެސްޓޯގައި ނުހިމެނުމެވެ. އެ ފެންވަރުގެ މެނިފެސްޓޯއެއް އޮތުމުން، ނަތީޖާއަކަށް މި ފެންނަނީ މިހާރު މި ހުރި އެތައް އިޖުތިމާއީ މައްސަލަ ކަމަށް ފޯމި ވިދާޅުވި އެވެ.
"މިނިމަމް ވޭޖް ގެނައި އިރު ބިދޭސީން ނުހިމަނާ. ދެން އަޅު މަސައްކަތް ކުރުވާނެ ބަޔަކު ގެންގުޅެން ޖާގަ އެބަ ދެވޭ. އަގުހެޔޮކޮށް ހޯދޭނެ ބަޔަކީ އެ މީހުން ވީމައި ވަޒީފާ ދޭނީ ވެސް އެ މީހުންނަށްތާ. ދެން ފަޅުތައް ބިޑުނުކޮށް ދެވޭ ގޮތް ހެދުން، މުއްސަނދިން މުއްސަނދިވާނެ ސިޔާސަތު،" ފޯމި ވިދާޅުވި އެވެ.
ސިޔާސީ މަސައްކަތް މިހާރު ވެފައި އޮތީ މީހުން ވަށައިގެން އެނބުރުމާއި މީހުން ޖައްސާލުމުގެ މަސައްކަތަކަށެވެ. "އިޝޫ ބޭސްޑް ޕޮލިޓިކްސް" ގެ މަސައްކަތް ނުހިނގާ ނަމަ، މައްސަލަ ފާހަގައެއް ނުވާނެ އެވެ. މައްސަލަ ފާހަގަ ނުވާހާ ހިނދަކު މުޖުތަމައު ހަމަ މަގަކަށް ނޭޅުވޭނެ އެވެ. އެއާއެކު އިތުރު މައްސަލަތައް އަންނަނީ އުފެދެމުންނެވެ. އިބްރާ ވެސް ނަންގަވަނީ އެ ނުކުތާ އެވެ.
"އިޝޫއެއް ނެތް، އިޝޫއަކަށް ފޯކަސް ކޮށްފައި ދައްކާނެ ވާހަކައެއް ވެސް ނެތް، އިޝޫ ބޭސްޑް ޕޮލިޓިކްސްއެއް ނޫން ރާއްޖޭގައި މިހާރު މި އޮތީ، ޕާސަން ބޭސްޑް ޕޮލިޓިކްސްއެއް މި އޮންނަނީ، މީހަކާ ޖައްސަލާއިގެން، މީހަކު ވަށައިގެން، އެހެންވެއްޖެއްޔާ އިޝޫއަކަށް އެޑްރެސް ނުވާނެތާ،" ކުރިން މި ނޫހަށް ދެއްވި އިންޓަވިއުއެއްގައި އިބްރާ ވިދާޅުވި އެވެ.
އެޓޯލްސްކޭޕްގެ އިތުރުން އެމްސްޕޭސްގެ ޕްރިންސިޕަލް އާކިޓެކްޓް އިޝާން ވެސް އެ ނުކުތާ ފާހަގަ ކުރައްވަ އެވެ. މީގެ 27 އަހަރު ކުރިއަށް ވިސްނައި، 2050 ވަނަ އަހަރާ ހަމައަށް ދެމިގެންދާނެ ޕްލޭނެއް ފަސް އަހަރަށް ހިދުމަތް ކުރަން އަންނަ ސަރުކާރަކަން ނުވިސްނޭނެ އެވެ. ނޫނީ ވޯޓު ހޯދުމާއި އަންނަ ދައުރު ކާމިޔާބު ކުރުމުގެ ދަހިވެތިކަން އޮންނާނެއިރު، ސިޔާސީ މަންފާއަށް އެކަނި ބެލި ނަމަވެސް، އެހާ ދުރަކަށް ނުވިސްނަ އެވެ.
"އަޅުގަނޑުމެނަށް އަބަދުވެސް މި ފެންނަނީ ޕޮލިޓިކަލް [ސިޔާސީ] ވިސްނުމެއްގެ ތެރެއިން ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ދައްކާތަން. ޕޮލިޓިކަލް ފައިނޭންސިން އަކީ އާންމުކޮށް ބޮޑެތި ވިޔަފާރިވެރިންގެ ހިއްސާ އޮންނަ އެއްޗަކަށްވާއިރު، އާބަން ޑިޒައިން އާ ޕްލޭން މި ވަނީ އެމީހުންނާއި ބޮޑެތި ޑިވެލޮޕަރުން ޑިކްޓޭޓް ކުރާ އެއްޗަކަށް،" ހުޅުމާލޭގެ ފުރަތަމަ މާސްޓަ ޕްލޭން ތައްޔާރު ކުރުމުގައި ވެސް އުޅުއްވި އިޝާން ވިދާޅުވި އެވެ.
ސިޔާސީ ޕާޓީތަކުގެ މެނިފެސްޓޯގެ ހަރަކާތް ގުޅިފައި މި އޮތީ މުޅި ގައުމުގެ މުސްތަގުބަލާ އެވެ. މުޖުތަމައު ހަމަ މިސްރާބެއްގައި ބަހައްޓަން ދައުލަތުގެ ދައުރު އަދާ ކުރެވޭނީ ކުރިއަށް އޮތް ފަސް އަހަރަށް ރައްޔިތުންނަށް ހުށަހަޅާ ވައުދުނުމާގައި އެއަށް ބޭނުންވާނެ ސިޔާސަތުތައް ހިމަނައިގެންނެވެ. ނޫނީ ދައުލަތުގެ ދައުރު އާދަނުކުރެވި، މައްސަލަތައް ފުނިޖެހުން ނޫން ނަތީޖާއެއް ނުފެނެ އެވެ.
ސިޔާސީ ޕާޓީތަކުގެ މަންދޫބުން އަނެއްކާ ވެސް ތާއީދު ހޯދުމަށް ރައްޔިތުންގެ ކައިރިއަށް އަންނަ ދުވަސް ގާތްވެއްޖެ އެވެ. ރައްޔިތުންގެ އުދާސްތައް ސާފުކޮށް ބުނެދޭން އެބަ ޖެހެ އެވެ. އަދި ރައްޔިތުންގެ އަޑު މެދުނުކެނޑި އޮންނާނެ މާހައުލެއް ސިޔާސީ ނިޒާމުގެ ތެރެއިން ހޯދައިދިނުމަށް ޑިމާންޑް ކުރަން ޖެހެ އެވެ. ރަށްރަށުގައާއި މާލޭގައި ވެސް އަބަދުވެސް އޭގެ މާލަންތައް ތައްޔާރުކޮށްފައި ބަހައްޓަން ޖެހެ އެވެ.
Comment