about 19 hours 1
ސާއިފް ޝިޔާދު
about 19 hours 1
ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމަށް ވަގު ފޯމު ފުރައި އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅާ މައްސަލަތައް އިތުރުވެ ބައެއް ޕާޓީތަކުން ރަސްމީކޮށް މައްސަލަ ހުށަހަޅާފައި ވަނިކޮށް ދައުލަތުގެ އެކި އޮފީސްތަކުގެ ހިދުމަތްތައް އޮންލައިންކޮށް ފޯރުކޮށްދިނުމަށް ބޭނުންކުރާ އީފާސް މެދުވެރިކޮށް ނޫނީ ސިޔާސީ ޕާޓީތަކަށް ވަނުމަށް ފޯމު ހުށަނޭޅޭ ގޮތަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ވަގު ފޯމު ހުށަހަޅައިގެން ޕާޓީތަކަށް މެންބަރުން އިތުރު ކުރުމަކީ ރާއްޖޭގެ ނުހުއްޓި ހިނގަމުން އައި ކަމެކެވެ. ދޭތެރެ ދޭތެރެއިން އެފަދަ މައްސަލަތައް އަބަދުވެސް ފެންމަތިވެ އެވެ. މިފަހުން އަނެއްކާ ވެސް ފެންމަތިވީ މީހުންގެ އައިޑީކާޑުގެ މައުލޫމާތު ހޯދައި، ވަގު ފޯމު ފުރައިގެން ވެރިކަން ކުރާ ޕީއެންސީއަށް ވެއްދި މައްސަލަތެކެކެވެ.
އީސީގެ މެންބަރު ހަސަން ޒަކަރިއްޔާ "އަދަދު" ނޫހަށް ވިދާޅުވި ގޮތުގައި ވަގު ފޯމުގެ މައްސަލަ ގެނައުމަށް ނިންމާފައިވާ ބަދަލާއެކު އެއްކޮށް ހައްލުވާނެ އެވެ. މިއީ އީސީން ވަރަށް ކުރިންސުރެ ގެނައުމަށް ބޭނުންވި ބަދަލެއް ކަމަށާއި ޑިޖިޓަލް ނިޒާމަކަށް ބަދަލުކުރުމަށް ޕާޓީތަކާއެކު މަޝްވަރާ ކުރުމަށް ފަހު ނިންމީ 2019 ގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އީފާސްއަށް ބަދަލުކުރެވޭތޯ ބަލަމުން މިދަނީ. މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި، ފެބްރުއަރީ ހިސާބުގައި ބަދަލުކުރެވޭތޯ. ބައެއް ގަވާއިދުތަކަށް ބަދަލުތަކެއް ގެންނާތީ ކުޑަ ވަގުތުކޮޅެއް ނަގާނެ އެކަމަށް. ސިޔާސީ ޕާޓީގެ ގަވާއިދު އަދި ބައެއް ސޮފްޓްވެއާތަކަށް ވެސް އަލުން ބަލުން ބަދަލު ގެންނަން ޖެހޭނެ.
ގާނޫނު ބަދަލު ނުކުރި ނަމަވެސް ގަވާއިދު ތެރެއިން އެ މާއްދާތައް ހިމަނައި އެ ބަދަލު ގެނެވޭނެ ކަމަށް ހަސަން ވިދާޅުވި އެވެ. އީފާސް މޯބައިލް އެޕުން ޑިޖިޓަލް އައިޑެންޓިޓީ ކާޑަށް އެކްސެސްވެ އެވެ. އީފާސްއަކީ ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އިން ފަރުމާކޮށް ބަލަހައްޓަމުންދާ ޕޯޓަލްއެކެވެ.
"ސަތޭކަ ޕަސެންޓު ޔަގީންކަމާއެކު ބުނަން ކެރޭނެ ވަގު ފޯމުގެ މައްސަލަ ހައްލުވާނެ ކަމަށް. ރީރެޖިސްޓްރޭޝަނަށް އެ އޮތީ ސޮލިއުޝަން ގެނެވިފައި. އީފާސް މެދުވެރިކޮށް ގެނައިމަ އޮންނާނެ ސަތޭކަ ޕަސެންޓު ޔަގީންކަން އެއީ ފޯމު ލާ މީހާގެ ވެރިފައިޑް އެކައުންޓަކުން އަންނަ ސައްހަ އެއްޗެއްކަން،" ހަސަން ވިދާޅުވި އެވެ.
ވަގު ފޯމުތަކެއް ފުރައިގެން ވެރިކަން ކުރާ ޕީއެންސީއަށް މީހުން ވައްދާފައިވާ ކަމަށް ބުނާ މައްސަލައާ ގުޅިގެން ހުރި ކަންބޮޑުވުންތައް އިލެކްޝަންސް ކޮމިޝަނާ ހިއްސާކޮށް ޕީއެންސީން ހުށަހަޅާފައިވާ ފޯމުތައް ޕްރޮސެސް ކުރުން ހުއްޓައިލުމަށްފަހު ހުރިހާ ފޯމެއް އަލުން ބަލައިދިނުމަށް އިދިކޮޅު އެމްޑީޕީން އެދިފައިވެ އެވެ.
ސޯޝަލް މީޑިއާގައި ބައެއް މީހުން ހިއްސާކޮށްފައިވާ ލިޔެކިޔުންތަކާއި މެސެޖުތަކުގެ ސްކްރީންޝޮޓުތަކުން އެނގޭ ގޮތުގައި އެ މީހުން ޕީއެންސީއަށް ވައްދާފައިވަނީ އެ މީހުންގެ ރުހުމެއް ނެތި، ސޮއި ފޯޖުކޮށްގެންނެވެ.
މިފަދައިން މެންބަރަކު ޕީއެންސީއަށް ވެއްދި ފޯމެއްވެސް ދަނީ ދައުރުވަމުންނެވެ. އެ ފޯމުގައި ހެކިންގެ ގޮތުގައި އޮތީ ހޯމް މިނިސްޓްރީގެ ސިޔާސީ މުވައްޒަފުންގެ ނަން ކަމަށްވެސް ސޯޝަލް މީޑިއާގައި ޕޯސްޓުކޮށްފައިވާ މީހާ ބުނެފައިވެ އެވެ.
މިކަންކަމާ ގުޅިގެން ސަރުކާރުގެ ރަސްމީ ބަހެއް މީހާތަނަށް ލިބިފައިނުވާއިރު ޕީއެންސީއިންވެސް މިކަމާ ގުޅިގެން މިހާތަނަށް ބަހެއް ބުނެފައެއް ނުވެ އެވެ.
Comment