Advertisement

ގަމީރާއާއެކު ދަނޑުން ބޭރަށް: ހިތްވަރު ހޯދުން، ދަރިން ބެލުން އަދި ހަޔާތުގެ ބައެއް ވާހަކަ

14 މާރިޗު 2023 - 08:58 0

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ގަމީރާ އޭނާ ދިރިއުޅޭ ގޭ ތެރޭގައި ފޮޓޯއަކަށް ހުއްޓިގެން: އަންހެންފުށިން ފައިބައިގެން ގަމީރާ މިހާރު ދިރިއުޅެމުންދަނީ އުފަން ރަށް ތޮއްޑޫގައި -- ފޮޓޯ: މިރާން


ގަމީރާއާއެކު ދަނޑުން ބޭރަށް: ހިތްވަރު ހޯދުން، ދަރިން ބެލުން އަދި ހަޔާތުގެ ބައެއް ވާހަކަ

14 މާރިޗު 2023 - 08:58 0

ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން އެ ޑްރާމާ އަޑުއަހަން ގަމީރާ އާދަމް، އޭނާގެ މަންމައަށް ވަގަށް ނުނިދާ އޮވެ އެެވެ. ސިލްސިލާ އެ ޑްރާމާގެ ފުރަތަމަ ބައި އަޑު އިވުނު ދުވަހުން ފެށިގެން ގަމީރާގެ ހިތުގައި، އެ ޑްރާމާގައި އުޅޭ އަންހެން ބަތަލަށް ހާއްސަ ގަދަރެއް އުފެދުނެވެ.

ޑްރާމާގެ ތަރި އޭނާގެ ހަޔާތް ހޭދަކޮށްލީ އެހެން ބައެއްގެ ދިރިއުޅުން ރަނގަޅުކޮށްދިނުމަށެވެ. ވާރެ އާއި ގަދަކަނޑުގައި ދަތުރުކޮށްގެން ވެސް އޭނާ ބެލީ، އެހެން ބަޔަކަށް ފަސޭހައެއްކޮށްދެވޭތޯ އެވެ. އެއިރު އުމުރުން އެންމެ ނުވަ އަހަރުގެ ގަމީރާ، އެ ދުވަހު ހިތަށް އެރި އެވެ؛ "އެ އަންހެން މީހާގެ ދިރިއުޅުން ހަމަ ހަގީގަތަށް ހެދިދާނެ ކަންނޭނގެ" އެވެ.

"[ޑްރާމާގައި ދައްކުވައިދެނީ] އޭނާ މާލެ އައިސް ފައިބައިފައި ހުރި ގެއެއްގެ ބައެއްގެ ދިރިއުޅުން ރަނގަޅުކޮށްދޭން އޭނަ ކުރި ބުރަ މަސައްކަތް. ކަނޑުމަތީގައި ދޯނިފަހަރުގައިި ދަތުރުކޮށް ތަންތަނުން އެއްޗެހި ވެސް ގެންނާނެ. ދެން އޭތި މަށަށް ވަރަށް ފައްކާ އެއްޗަކަށް ވެއްޖެ. ނިދާ ކަމަށް ހަދައިގެން ވެސް އޮންނަން އެ އަޑުއަހަން،" ބޮޑު ހިނިތުންވުމެއް މޫނުމަތިން ފާޅު ކުރަމުން ގަމީރާ އެ ވާހަކަ ކިޔައިދިނެވެ. "އެ އަންހެންމީހާ ޑްރާމާގައި އުޅުނު ގޮތްތައް އަހަންނަށް ވަރަށް ކަމުދިޔަ."

ގަމީރާ ޑިންގީއެއްގައި ގާތް ބަޔަކާއެކު ދުއްވާފައި ދަނީ: ދެހާސް ވަނަ އަހަރުން ފެށިގެން އުޅުނީ ދަނޑު ހައްދަން -- ފޮޓޯ: ގަމީރާ


އޭގެ 46 އަހަރު ފަހުން، މިހާރު އުމުރުން 55 އަހަރު ފުރިފައިވާ ގަމީރާއަކީ އާދަޔާ ހިލާފު ހިތްވަރުގަދަ މީހެއް ކަމަށް އޭނާ ދަންނަ އެންމެން ވެސް ބުނާނެކަން ޔަގީނެވެ. ގަމީރާ މުޅި ރާއްޖެއަށް މަޝްހޫރުވެފައި ވަނީ ދަނޑުވެރިއެއްގެ ގޮތުގަ އެވެ. ހާއްސަކޮށް، ގިނަ ބަޔަކު އޭނާ ދަންނަނީ ބ. އަންހެންފުއްޓަށް ދިރިއުޅުން ބަދަލުކޮށް، އެކަނި ދަނޑުވެރިކަން ކުރަމުން ގޮސް، އަންހެނުންނަށް ނުވާނެއޭ ބުނެ އަހަރުމެންގެ ހިޔާލުގައި ކުރަހާފައި އޮތް ސީލިންގު ފޫއަޅުވާލި، އާދަޔާހިލާފު އަންހެނެއްގެ ގޮތުގަ އެވެ.

ދަނޑުވެރިކަމުގެ ދާއިރާއިން 2009 ވަނަ އަހަރު ހިތްވަރުދިނުމުގެ އިނާމު ލިބިފައިވާ ގަމީރާ ކުރާ މަސައްކަތުގެ ވާހަކަ ނޫސްތައް ކިޔާ ގިނަ މީހުންނަށް އޮޅިފައެއް ނޯންނާނެ އެވެ. އެކަމަކު، ދަނޑުވެރިއެއްގެ އިތުރުން ގަމީރާއަކީ ތިން އަންހެން ކުދިންނާއި ހަތަރު ފިރިހެން ކުދިންގެ މަންމައެކެވެ. ހަޔާތުގައި ހިތްދަތި ކިތަންމެ ހާދިސާއެއް ހިނގާފައި އެބަހުއްޓެވެ. އެކަންކަމުން ކިތަންމެ ފިލާވަޅެއް ލިބި ހަރުދަނާ އެތައް އުސޫލުތަކެއް ގައިގައި ހުރީ އަށަގަނެފަ އެވެ.

ގަމީރާ، ގަމީރާއަކަށްވަނީ އެ ހުރިހާ ކަމަކާ ވެސް އެކުގަ އެވެ. މިއީ ގަމީރާ، އޭނާ އެންމެ ހިތްމަރުވި ދުވަހު، ހިތްވަރުހޯދި ގޮތުގެ ވާހަކަ އެވެ. ދަރިން ތަރުބިއްޔަތު ކުރުމުގައި އޭނާ އުސޫލުތައް ހިފެހެއްޓި ގޮތެވެ. އެކަނި ފަޅު ރަށެއްގައި ދިރިއުޅުމުގެ ތަޖުރިބާ އެވެ. އަދި ވިޔަފާރިއާއި އާންމު ދިރިއުޅުމާއި ކެއިންބުއިމުގައި ގަމީރާ ހިފަހައްޓާ ހަރުދަނާ ގޮތްތަކުގެ ވާހަކަ އެވެ. މިއީ، ހުސްއެކަނި ދަނޑުވެރިއެއްގެ ގޮތުގައި އޭނާއަށް ނުބެލުމުން "އަދަދު" ގެ ނޫސްވެރިންނަށް ގަމީރާ ފެނުނު ގޮތެވެ.

އއ. ތޮއްޑޫއަށް ގޮސް ގަމީރާގެ މޯބަައިލް ފޯނު ނަމްބަރަށް ގުޅައިލުމުން ފުރަތަމަ ރިންގުބަރި ނުނިމެނީސް ފޯނަށް ޖަވާބު ދިނެވެ. އަދި ހަމަ އެވަގުތު އިންޓަވިއުއެއް ދިނުމަށް އެއްބަސްވި އެވެ. ފޯނާއި ގަމީރާއާ އޮންނަ ގުޅުން އޭރު ނޭނގުނު ނަމަވެސް މިރަށުގައި ގަމީރާ ދިރިއުޅޭ، ދޫރެސްގެ ބަދިގޭގައި 33 މިނެޓު ވަންދެން ކުރިއަށްދިޔަ އިންޓަވިއުގައި ފޯނަކީ އޭނާ "ސަމާސާއަކަށް" ނުނަގާ އާލާތެއްކަން ފަހުމްވި އެވެ.

"ފޯނުގެ އުނދަގޫ މަށަށް އިހުސާސް ކުރެވޭ،" މޯބައިލް ފޯނަށް ޖަވާބުދިނުމުގައި އޭނާ ގެންގުޅޭ އުސޫލުގެ ވާހަކަ ފައްޓަމުން، ގަމީރާ ބުންޏެވެ.

ފޯނު ކޯލުތަކަށް ގަމީރާ އެހައި ސަމާލުކަން ބަހައްޓާ ސަބަބުތައް ބައިވަރެވެ. އޭގެ މިސާލެއް، ފޯނެއް ނުގެންގުޅޭ މީހަކަށް ވެސް އެނގޭނެ ފަދައިން އޭނާ ކިޔައިދިނެވެ.

"މަ އެހެން އުޅޭއިރު ވަރަށް ގިނަ މީހުންނަށް ގުޅޭނެތާ. މިސާލަކަށް އަހަރެން ގަސް ކާނާ ކޮޅެއް ގަންނަން ބޭނުންވީ. އެތާނގައި އުޅޭ މީހަކަށް މި ގުޅީ. އޭނަ އެ ގަޑީގައި ފޯނެއް ނުނެގި. އެކަމަކު ދޯނި ޖެޓީގައި މި ބޭންދެނީ ގަޑިއެއްހާއިރު ވާންދެން. އެއިރަށް ވާއިރަށް އެއްކަލަ އެތި ގެންނަންޖެހޭ. އެކަމަކު އޭނަ ފޯނު ނުނަގައިގެން އެތަނުގައި އެ ހުރިކަން ބަލައިނުލެވޭ،" ގަމީރާ ކިޔައިދިނެވެ. "މަ ހިތަށް އެރި މިހުރީއޭ މީގެ ހުރި އުނދަގޫކަން."

އެކަހަލަ ތަޖުރިބާތަކަކަށްފަހު ގަމީރާ އަޒުމު ކަނޑައެޅީ އަދި ނިންމީ "އެހެންމީހަކަށް މި އުނދަގޫ" ނުޖެއްސުމަށެވެ.

"ފޯނަކީ ދުވަހަކު ވެސް މަ ނިއްވާލާ އެއްޗެއް ނޫން. މަގޭ ކުއްޖަކު، އެއްބަނޑު މީހަކު، ތިމާގެ މީހަކަށް ދުވަހަކު ވެސް މަގޭ ފޯނުގައި މިސްޑް ކޯލެއް ނުބޭންދޭނެ. އެއަށް ޖަވާބު ދޭނަން މަ. ނަމާދު ވަގުތު ނޫނީއްޔާ ހުރިހާ ވަގުތެއްގައި ޖަވާބުދެން. މިސް ވެއްޖެއްޔާ ވަގުތުން ގުޅަން. ފަހުން ގުޅަން، މާދަމާ ގުޅަން ނުބައިންދަން،" ޔަގީންކަމާއެކު ގަމީރާ ބުންޏެވެ.

ގަމީރާ ކިޔަވައިދިން ކޯހެއްގެ ދަރިވަރުންނާއެކު: އަންހެންފުށީގެ ކުރިން އަށް ފަޅު ރަށެއްގައި މަސައްކަތް ކުރި -- ފޮޓޯ: ގަމީރާ


އޭނާ ދަރިން ތަރުބިއްޔަތު ކުރި ގޮތުގެ ވާހަކަ ވެސް ގަމީރާ ކިޔައިދިނީ ހަމަ އެހާމެ ބޮޑު ޔަގީންކަމަކާއެކު އެވެ. މިހާރު އޭނާގެ އެންމެ ހަގު ކުއްޖާއަށް 27 އަހަރު ފުރުނުއިރު ގަމީރާ ދަރިން ތަރުބިއްޔަތު ކުރީ އޭނާ ވެސް ބޮޑުވި ފަދައިންނެވެ. އޭނާގެ ހަތް ދަރިންގެ ތެރެއިން ކޮންމެ ކުއްޖަކު ވެސް ބޮޑު ކުރީ އުމުރާ ގުޅޭ ގޮތުން މަސައްކަތް ޖައްސަމުންނެވެ. އޭގެ ނަތީޖާއަކަށްވީ އެ ކުދިން ބޮޑުވިއިރު އާންމުކޮށް ކުރަންޖެހޭ ހުރިހާ ކަމެއް އެނގިފައި ތިބުމެވެ.

"ކުއްޖާ ކާ ތަށި ވެސް އެ ކުއްޖާ ސިންކަށް ލާންޖެހޭނީ. ސިންކާ ހަމައަށް ބޯ އެރީމާ އެ ކުއްޖާ [ތަށި] ދޮންނަންޖެހޭނީ. އިސްޓާކީނު ވެސް ނުބައި ވަސް ދުވީމާ އަމިއްލައަށް ދޮންނަންޖެހޭނީ. ބޮޑަށް ތިބި ކުދިން ހަގު ކުދިންގެ ކަންތައް ބަލަހައްޓަންޖެހޭނެ. އެކަކު އަނެކަކަށް އެހީތެރިވާންޖެހޭނެ،" ގަމީރާ ކިޔައިދިނެވެ.

ދަރިން ލައްވައި މަސައްކަތް ނުކުރުވުމުން އެއިން ފެންނަ ނުރަނގަޅު ދެތިން މިސާލު ވެސް ގަމީރާ ހިއްސާ ކުރި އެވެ.

"އަސްލު ހަގީގަތުގައި އަހަރުމެންނަށް ކުރެވޭ ވަރަށް ދެރަ ކަމެއް އެއީ. އެންމެ ފުރަތަމަ ބަލަމާ ހިނގާ އެންމެ ގާތުން. ކުދިން އަމިއްލައަށް ފެންތަށި ނަގައިގެން ބޯ ހިސާބުން. ބިއްލޫރި ތައްޓެއް ވީމާ ވެއްޓި ތެޅިދާނެތީ މަންމަ އަޅާފަ އަތުން ޖައްސާނީ. އެއިރުން ފެށިގެން މަންމަ ކޮށްދެމުން ކޮށްދެމުން އައީމަ އެއްކަލަ ކުއްޖާއަށް، މިސާލަކަށް، ފާހާނައަށް ގޮސް ހީސްލާފައި ހީސް ދޮންނަން ވެސް މަންމަ ނާންނާތީ ނުދޮވެ މައްޗަށް [ސޯޓު] ނަގާނީ. މަންމަ ދޮއްވާތީ. މަންމަ ނެތީމަ ނުދޮންނާނެ،" ކުދިންނަކީ ހޭނުވި ގޮތަކަށް ހޭނޭނެ ބައެއް ކަމަށް ބުނަމުން ގަމީރާ ބުންޏެވެ.

އޭގެ އެހެން މިސާލެއް ވެސް ގަމީރާ ކިޔައިދިނެވެ.

"ކޮންމެ މީހަކު ވެސް މިހާރު ކުދިން ސްކޫލަށް ގެންދާނީ ރާއްޖެތެރޭ ރަށްރަށުގައި ވެސް ސައިކަލުގައި. ސައިކަލުގައި ގެންދާނީ ދަބަސް އިންނާނީ ވަށިގަނޑުގައި. އެ ކުއްޖާއަކަށް އެ ދަބަހުގައި ހުރި ބަރުދަނެއް އިހުސާސެއް ނުކުރެވޭ. އަހަރެން ގަބޫލު ކުރާ ގޮތުގައި ހިފައިގެންދާ ފޮތްދަބަހުގެ ބަރުދަން އިހުސާސް ނުކުރެވޭ ކުއްޖަކަށް، ސްކޫލުގައި މި ކުރަންދާ ކަމެއްގެ ބުރަދަނެއް ވެސް އިހުސާސް ނުކުރެވޭނެ،" އޭނާގެ ހިޔާލު ހިއްސާ ކުރަމުން ގަމީރާ ބުންޏެވެ.

ގަމީރާ ކުރި ކޮންމެ ކަމެއްގެ ބަރުދަން އޭނާއަށް އޮތީ އިހުސާސް ކުރެވިފަ އެވެ. އަންހެންފުށީގައި މުޅިންވެސް ފިރިހެން މުވައްޒަފުންނާއެކު ހުރި ހަމައެކަނި ދިވެއްސަކީ އަދި ހަމައެކަނި އަންހެނަކީވެސް ގަމީރާ އެވެ. އެ ގޮތުގައި ގަމީރާ 12 އަހަރު ހޭދަ ކުރި އެވެ. އެ ހުރިހާ ދުވަހެއް ފާއިތުވިއިރު އަދި އޭނާގެ ދަށުގައި އެތަކެއް މުވައްޒަފުންނެއް ގެންގުޅުނުއިރު ގަމީރާގެ އަމިއްލަ ކަމެއް މުވައްޒަފަކު ލައްވައި ދުވަހަކު ވެސް ނުކުރުވަ އެވެ.

"އަމިއްލައަށް ކައްކައި، ކަނީ. އެމީހުންނަށް [މުވައްޒަފުންނަށް ކައްކަން] ހުންނާނެ ވަކި މީހެއް. އަހަރެން ދިރިއުޅޭ ގޭގައި ހުންނާނެ ދެ ކޮޓަރި އާއި ސިޓިން ރޫމަކާ ބަދިގެއެއް. ގޭ ސާފުކޮށް، ކުނިކަހާ ހަދާނީ ވެސް މަ. އެމީހުންނަށް ނުޖައްސަން މަގޭ އަމިއްލަ އެއްވެސް ކަމެއް،" ގަމީރާ ބުންޏެވެ. "މުވައްޒަފުން ތިއްބޭ ކިޔާފަ މަސައްކަތްނުކޮށް ވެސް ނުހުންނަން. ފަތިހާ އެންމެ ފުރަތަމަ ދަނޑަށް ދާނީ މަ. ގެއަށް އަންނަނީ ނަމާދު ވަގުތުތަކަށް. އިރުއޮއްސޭއިރު މަސައްކަތް ނިމޭނީ."

ގަމީރާ އަންހެންފުށީގައި ގަހެއް އިންދަނީ: މުވައްޒަފުން ތިއްބަސް އަބަދުވެސް އަމިއްލައަށް މަސައްކަތް ކުރޭ -- ފޮޓޯ: ގަމީރާ


ކައްކައި، ކެއުމާއި މަސައްކަތުގެ ވާހަކައާ ހިސާބަށްދިޔައިރު ހިތުގައި އޮތް އެހެން ސުވާލެއްގެ ޖަވާބު ހޯދަން ބޭނުންވި އެވެ. އުމުރުން 55 އަހަރުގެ ދިވެއްސަކާ އަޅާބަލާއިރު ގަމީރާ ފެންނަނީ ވަރަށް ސާދާކޮށް، އެހާމެ ޒުވާންކޮށެވެ. އެއީ ވަކި ކަހަލަ ކަސްރަތެއް ނުވަތަ ވަކި ވައްތަރެއްގެ ކާނާއެއްގެ ސިއްރުތޯ ބަލައިލަން ބޭނުންވި އެވެ.

"ކެއުން ދެން ވަރަށް ތަފާތުކޮށް ހުންނާނީ. އާންމުކޮށް ދިވެހިން ކާ ކަހަލަ ހަވާދުގަނޑު އެއްޗެހި ކައި ނޫޅެން. އާންމުކޮށް މި ގޭގައި ކާނީ ތަރުކާރީ، ފަލަމަޑީގެ ބާވަތްތައް. ދެން މޭވާ ކަހަލަ އެއްޗެހި. ކަސްރަތެއް ނުކުރަން. މަސައްކަތް ކުރަން އުޅޭއިރު ލިބޭ ކަސްރަތެއް ލިބޭނީ،" އެ ވާހަކަ ކުރުކޮށްލަމުން ގަމީރާ ބުންޏެވެ.

ގަމީރާ އެހައި ދުވަހު އަންހެން ފުށީގައި އުޅުނުއިރު ހިތްދަތި ކަންކަން ވެފައި ހުއްޓެވެ. އެއް ދުވަސްވަރަކު ވެހުނު ގަދަފަދަ ވާރޭއެއްގައި އަށް ފޫޓަށް ފެން ބޮޑުވެ، ފަޅޯ އަރާ ބަރާވެފައި އޮތް 1500 އަށްވުރެ ގިނަ ގަސް ބިމާ ހަމަވި އެވެ. އެހެން ރެއަކު އައި ވިއްސާރަގަނޑެއްގައި 150 މިރުސް ގަސް ސުންނާފަތިވި އެވެ. ބައެއް ރޭރޭ، ގުގުރާފައި ވިދާވަރުން، މުޅި ރޭ ހޭލާ ހުންނަންޖެހެ އެވެ.

"އެގޮތަށް ވިދާ ގުގުރާއިރު ވެސް ހިތްވަރުކޮށްފައި މަސައްކަތް ކުރީ މި ބުނި ޑްރާމާގެ އުޅޭ އަންހެން މީހާ ވެސް ވަރަށް ވިއްސާރަ ރެއެއްގައި ދޯނީގައި ދަތުރުކޮށްފައި ގޮސް އެކަހަލަ ކަންތައް ގަނޑެއްގެ ތެރޭގައި އުޅުނު ވާހަކަ ކިޔާނެ. ދެން އަހަރެން ހިތަށް އަރަނީ މިސާލަކަށް އޭނާ ވެސް، އަދި ހިޔާލަކަށް މީހަކު ލިޔެފައި އޮތް އެއްޗެއް ވިޔަސް ހަމަ އެ ހިތްވަރު ކުރީމަ އޭނާއަށް އެބަ ކާމިޔާބުވެއޭ. އެހެންވީމާ އަހަރެން ވެސް ހަމަ ހިތްވަރު ކުރާނީއޭ ހިތަށްއެރީ މީތި ކާމިޔާބުތޯ ވަނީ ނާކާމިޔާބުތޯ ވަނީ ބަލަން،" ކުރިން މި ލިޔުމުގައި ބުނި ޑްރާމާއަށް އިޝާރާތް ކުރަމުން ގަމީރާ ކިޔައިދިނެވެެ.

ގަމީރާގެ ވާހަކަ ދިރާސާ ކުރަންފެށީއްސުރެ ހިތަށް އެރި ސުވާލަކީ، 2000 ވަނަ އަހަރުން ފެށިގެން ފަޅު ރަށްރަށުގައި އުޅުނުއިރު ޖިންނިއަކާ ދިމާވިތޯ އެވެ. އޭގެ ޖަވާބީ ގަމީރާއަށް އޮތީ ޖިންނިއަކާ ދިމާވެފަ އެވެ. އެކަމަކު އެއީ އަންހެންފުއްޓެއްގައެއް ނޫނެވެ. އެއީ މިހާރު ރިސޯޓެއް ތަރައްގީ ކުރަމުންދާ ބ. ފަރެސްގަ އެވެ. އެ ޝައުގުވެރި ވާހަކަ ވެސް ގަމީރާ ހިއްސާކުރި އެވެ.

"މަ އޮތީ ނިދާފަ. މަށަށް ހޭލެވުނީ ގޮދަނޑީގައި މިހެން ދެތިން ފަހަރު ޖަހާލީމަ. ދެން ލޯ ހުޅުވާލިއިރު ކައިރީގައި ކޮޅަށް މިހުރީ ކުރިމައްޗަށް ބަޅުކޮށް [މީހަކު]. މަ އޮތީ އޭނާގެ ބަނޑުދަށަށްވާ ގޮތަށް. ވަރަށް ބޮޑުސިންގާ ފިރިހެނެއް. ހުރީ ޖުއްބާ ލާފައި، ބޮލުގައި ވެސް ތާކިހާ ވައްތަރުގެ އެއްޗެއް އަޅާފައި. ވަރަށް ރީތިކޮށް ފެނުނު. ބަލައިލިން ހަމަ ރަނގަޅަށް. ހީލާފައި ހުރިއިރު ދަތްތައް ވެސް ހީވަނީ އަންނާރު އޮށްތަކެއްހެން. ހިރުގަނޑު ވެސް ހުރީ ރަތްކޮށް، އަންނާރުގައި ހުންނަ ގޮތަށް. ލޮލުގެ ކަޅި ނޫނިއްޔާ ނުދެކެން ކަޅު ތަނެއް އޭނާގެ. މުޅި މީހާ ހުދުކޮށް، ތުނބުޅި ވެސް ހުރީ ބޮޑުކޮށް [ބޯކޮށް]. އޭނާ ހަމަ ހުރީ ހެވިފަ. ދެން މަށަށްވީ ގޮތަކީ ލޯ ހުޅުވާލާފައި ބިރުން ހަޅޭއްލަވައިގަނެވުނީ. ހަޅޭއްލަވައިގަތީމަ މިހެން ފޮހެވިގެންދިޔައީ. އެކަމަކު އެ ފިރިހެން މީހާގެ ސޫރަ މަގޭ ހިތުގައި ހުރޭ އަދިވެސް ކުރެހިފަ. ވަރަށް ރީތި ފިރިހެނެއް. އަނެއް ރޭ އަހަރެން އިންތިޒާރު ކުރީމޭ އޭނާއަށް،" ހިނިގަނޑަކުން ވާހަކަ ނިންމާލަމުން ގަމީރާ ބުންޏެވެ.

ފަޅުރަށްރަށާއި އަންހެންފުއްޓަކީ މިހާރު ގަމީރާގެ މާޒީ އެވެ. ގަމީރާ އުފަން ރަށް ތޮއްޑޫއަށް އޭނާ މިދިޔަ އަހަރު ބަދަލުވީ އުމުރުން 80 އަހަރުގެ ބައްޕަގެ އެދުމަށް ބައްޕަ ކައިރީގައި ހުރުމަށެވެ. އެކަމަކު، ބައްޕަ ބެލުމުގެ އިތުރުން އޭނާ އެހެން މަސައްކަތެއް ވެސް ކުރެ އެވެ. އެއީ ކާށި ތެޔޮ ހެދުމެވެ. އަދި އެކި ބާވަތްތަކުގެ ގަސް މުޑުވަށް ކުރުމުގެ ވިސްނުމުގައި ގޭގެ ގޯތި ތެރޭގައި ކުޑަ ނާސަރީއެއް ދަނީ ހަދަމުންނެވެ. ގަމީރާ ރިޓަޔާކުރަން އަދި ގާތްވެސް ނުވެ އެވެ.