Advertisement

ފުލުހުން ޓޭޒާ ބަޑި ބޭނުންކުރާނެ އުސޫލާއި ހާލަތްތަކަކީ ކޮބާ؟

4 މާރިޗު 2023 - 07:34 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

މުޒާހަރާއެއްގައި ފުލުހުން ޝީލްޑާއެކު. ހާއްސަ އޮޕަރޭޝަންތަކުގައި ފުލުހުން ޓޭޒާ ގަން ވަނީ ބޭނުން ކުރަން ފަށާފައި. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ފުލުހުން ޓޭޒާ ބަޑި ބޭނުންކުރާނެ އުސޫލާއި ހާލަތްތަކަކީ ކޮބާ؟

4 މާރިޗު 2023 - 07:34 0

ފުލުހުންގެ ހިދުމަތުން އާންމުކޮށްފައިވާ ތަފާސްހިސާބުގެ ތެރެއިން ހަމައެކަނި 2023 ގެ ނަންބަރުތަކަކަށް ބަލާލަމާ ހިނގާށެވެ. މި އަހަރު ނިމިގެން ދިޔަ ދެ މަސް ދުވަހުގެ ތެރޭގައި ވައްކަމުގެ 601 ރިޕޯޓުކޮށްފައިވެ އެވެ. ފޭރުމުގެ 62 މައްސަލަ އާއި ވައްކަން ކުރުމަށް މަސައްކަތް ކުރި 353 މައްސަލަ އެވެ. މަސްތުވާތަކެއްޗާ ގުޅޭ 290 މައްސަލައަކާއި މީހުންނަށް ހަމަލާ ދިނުމުގެ 88 މައްސަލަ އެވެ.

މިފަދަ އެތަކެއް ކުށެކެވެ. ރާއްޖެ ފަދަ ކުޑަކުޑަ ގައުމެއްގައި މިއީ ކަންބޮޑުވާން ޖެހޭ ފަދަ އަދަދުތަކެވެ. ކުށް ކުރާ މިންވަރު މިހާ މަތީގައި ހުރި އިރު އެ ކުށްތައް ކުރުމަށް ކުށްވެރިން ބޭނުންކުރާ އުކުޅުތައް ވެސް އަންނަނީ ބަދަލުވަމުންނެވެ.

އާންމުންގެ ޝަކުވާއަކަށް ވެފައި އޮތީ ކުށްކުރުން ފުލުހުންނަށް ނުހުއްޓުވުމެވެ. ފުލުހުންގެ މައިގަނޑު އެއް ކަންބޮޑުވުމަކަށް ވެފައި އޮތީ ކުށްވެރިންނާ ދެކޮޅަށް މަސައްކަތް ކުރާނެ އެކަށީގެންވާ ވަސީލަތްތަކެއް ނުލިބުމެވެ. ނުރައްކާތެރި ހަތިޔާރާ އެކު ހަރަކާތްތެރިވާ ކުށްވެރިންނާ ދެކޮޅަށް ވެސް ސަލާމަތްތެރިކަން ކަށަވަރު ކުރެވޭނެ ގޮތެއް ނެތުމެވެ. ދުނިޔޭގެ އެހެން ހިސާބުތަކުގައި ބޭނުންކުރާ ފަދަ ހަތިޔާރު ފުލުހުންގެ އަތުގައި ނެތުމެވެ.

އެކަމަކު ލުއި ހަތިޔާރު ނެތް ކަމަށް ބުނެ ދައްކާ ވާހަކައަށް ނިމުމެއް މިވަނީ އައިސްފަ އެވެ. ދިވެހި ފުލުހުންނަށް ޓޭޒާ ގަން ނުވަތަ ކަރަންޓު ޝޮކް ޖައްސާ ބަޑި ޑިއުޓީ ގަޑީގައި މިހާރު ބޭނުން ކުރެވެ އެވެ. މިއީ އެއް ބަޔަކު ތާއިދު ކުރާ ކަމެކެވެ. އަނެއް ބަޔަކަށް މިއީ ގޯސް ފިޔަވަޅެކެވެ.

އާންމުންނާ ދެކޮޅަށް ބޭނުންކުރެވޭ މިކަހަލަ ހަތިޔާރެއް ބޭނުންކުރެވޭ ގޮތް ހަދާފައިވާއިރު މިކަމާ ގުޅޭ މައުލޫމާތުތައް އެންމެނަށް ވެސް އެނގެން ޖެހެ އެވެ.

ބޭނުންކުރާނީ ކޮން ކަހަލަ ޓޭޒާ ބަޑިއެއް؟

ފުލުހުން ބޭނުން ކުރަން ފަށާފައިވާ އެކްސަންގެ ޓޭޒާ 7 ބަޑިއަކީ އެމެރިކާގައި ތައްޔާރުކޮށް، މިހާރު ދުނިޔޭގެ ކުރިއަރާފައިވާ ގިނަ ގައުމުތަކުގައި ބޭނުން ކުރަމުންދާ ވަސީލަތެކެވެ. މިއީ އެ ކުންފުނީގެ އެންމެ އެޑްވާންސް އެއް ހަތިޔާރެވެ.

މި މޮޑެލްގެ ބަޑި މިވަގުތު އޭޝިއާގައި ހުރި ހަމައެކަނި ގައުމަކީ ވެސް ރާއްޖެ ކަމަށް ފުލުހުން މީގެކުރިން ހާމަކޮށްފައިވެ އެވެ. މިވަގުތު ފުލުހުންގެ އަތުގައި ބޭނުން ކުރުމަށް އޮތީ އެފަދަ 25 ބަޑި އެވެ.

މިއީ ވަޔަލެސްކޮށް ބޭނުންކޮށްލެވޭ ހަތިޔާރެއް ކަމުން ޓޭޒާ ބަޑި ބޭނުންކުރަން ފަށާ ވަގުތުން ފެށިގެން ފުލުސް އޮފިސަރުގެ ނަމާއި ސާވިސް ނަމްބަރާއެކު ފުލުހުންގެ އިދާރާއަށް ލައިވް ވީޑިއޯ ފީޑު ލިބޭނެ އެވެ. އެހެންކަމުން، މި ހަތިޔާރު ބޭނުންކުރާ ގޮތާއި، ހާލަތް އަދި ވަގުތު ފުލުހުންގެ އިދާރާއަށް ފަސޭހަކަމާ އެކު ބަލާލެވޭނެ އެވެ.

އެގްޒަން 7 ޓޭޒާ ބަޑި އަދި އޭގެ ކާޓްރިޖު


ޓޭޒާ ބޭނުންކުރަން ޖެހޭ ފަދަ ހާލަތެއްގައި އެކަން ކުރާނީ ހަތަރު ފޫޓަށްވުރެ ދުރުމިނަކުންނެވެ. އެ ބަޑީގެ ރޭންޖު 25 ފޫޓާ ހަމައަށް ހުންނާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ. ޓޭޒާ ކުރުމާއެކު އަމާޒުވާ މީހާގެ ހަރަކާތްތައް ފަސް ސިކުންތަށް ހުއްޓާލެވޭނެ އެވެ. އެއަށްވުރެ އިތުރަށް ޓްރިގާ ފިތަށް އޮބުމަކީ މަނާ ކަމެކެވެ.

ދެ މޯޑެއްގައި މި ބަޑި ބޭނުން ކުރެވޭނެ އެވެ. އެއީ "ޕްރޯބް މޯޑް" އަދި "ސްޓަން މޯޑް" އެވެ. އެގޮތުން "ޕްރޯބް މޯޑް" އަކީ ކާޓްރިޖުން ޑާޓް ނުވަތަ ކަށި ފޮނުވާ ގޮތަށް ޓޭޒް ކުރުމެވެ. އަދި "ސްޓަން މޯޑް" އަކީ ސީދާ މީހާގެ ގައިގައި ޓޭޒާ ޖައްސައި ޓޭޒް ކުރުމެވެ.

ބޭނުން ކުރުމުގެ ހުއްދަ އޮންނާނީ ކޮން ބަޔަކަށް؟

މި ބަޑި ބޭނުން ކުރުމުގެ ހުއްދަ ދެނީ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކަނޑައަޅާ ގޮތެއްގެ މަތިން އެ ބަޑި ހަވާލުކުރާ ފުލުހެއް މަސައްކަތް ކުރާ ކޮމާންޑެއްގެ އެންމެ އިސް އޮފިސަރެވެ. އެ ފުލުހަކީ ސާޖަންޓު ރޭންކު ނުވަތަ އެއަށް ވުރެ މަތީ ރޭންކެއްގެ ފުލުހަކަށް ވާން ޖެހެ އެވެ.

ޓޭޒާ ބަޑި ބޭނުންކުރާ ފުލުހުންނަކީ އެ ހަތިޔާރު އަމިއްލަ ނަފްސަށް ބޭނުންކޮށް އޭގެ ތަޖުރިބާ ކޮށްފައިވާ ފުލުހުންނަށް ވާން ޖެހެ އެވެ. އަދި، ފަސް ދުވަހުގެ ތަމްރީނެއް ވެސް ފުރިހަމަ ކުރަން ޖެހެ އެވެ. ހަމައެހެންމެ ރިފްރެޝާ ތަމްރީނު ކޮންމެ އަހަރަކު އެއް ފަހަރު ފުރިހަމަ ކުރަން ޖެހޭނެ އެވެ.

މި ބަޑި ބޭނުންކުރާ ފުލުހުން އެއާ އެކު ޑިއުޓީ ކުރާނަމަ ހަރަކާތްތެރިވާން ޖެހެނީ ބޮޑީވޯން ކެމެރާއާ އެކު އެވެ. އަދި، ބޭނުން ކުރަން ޖެހިއްޖެ ހާލަތެއްގައި ބޭނުންކުރާ މަންޒަރު ރެކޯޑު ކުރުމަށް އެ ފުލުހެއްގެެ ބޮޑީވޯން ކެމެރާއިން ރެކޯޑު ފިތަށް އޮބަން ޖެހެ އެވެ.

ބޭނުން ކުރާނީ ކޮން ހާލަތްތަކެއްގައި؟

ޓޭޒާ ބޭނުން ކުރަން ފުލުހުން އެކުލަވާލާފައިވާ އުސޫލުގައި ވާ ގޮތުން އެ ބަޑި ބޭނުންކުރެވޭނީ ހަ ހާލަތެއްގަ އެވެ. އެއީ؛

  • ޖިސްމާނީ ބޮޑު އަނިޔާއެއް ދިނުމަށް ނުވަތަ ފުރާނައަށް ނުރައްކާވާ ފަދަ އަމަލެއް ކުރުމަށް ނުވަތަ މުދަލަށް ބޮޑު ގެއްލުމެއް ދިނުމަށް ކަމަށް އެކަށީގެންވާ ސަބަބެއްގެ މައްޗަށް ބިނާކޮށް އެފަދަ މީހަކު ހުއްޓުވުމަށް
  • މުޖުތަމައުގެެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސް އެޅޭގޮތަށް މީހެއްގެެ އަމަލު ހުރުމާއި އެކު އެމީހަކު ހައްޔަރު ކުރުމަށް ގަދަފަދަ ކަމާ އެކު ކުރިމަތިލުމުގެ ރޫހުގައި އަމަލުން ދެކޮޅު ހަދާ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށް
  • ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވުމަށް ހިންގާ އޮޕަރޭޝަންތަކުގައި
  • މިފަދަ ހަތިޔާރެއް ބޭނުންކޮށްގެން މީހަކު ނުހުއްޓުވައިފިނަމަ އެ މީހެއްގެ އަމަލުތައް ހުރި ގޮތުން އެ މީހެއްގެ ފަރާތުން ފުލުހުންނަށް ނުވަތަ އެތަނުގައި ހުރި މީހަކަށް ޖިސްމާނީ ބޮޑު އަނިޔާއެއް ދީފާނެ ކަމަށް އެކަށީގެންވާ ސަބަބެއްގެ މައްޗަށް ބިނާކޮށް ގަބޫލު ކުރެވޭ ހާލަތުގައި
  • ފުލުހުން ބަލަހައްޓަމުންދާ ތަނަކަށް ގަދަކަމުން ވަނުމަށް މީހަކު ވަގުތުން ހުއްޓުވަން ޖެހިއްޖެ ހާލަތެއްގައި (އެއީ އެ މީހަކު ވަގުތުން ހުއްޓުވޭނީ ކަރަންޓު ބަޑި ބޭނުން ކޮށްގެން ކަން ގަބޫލު ކުރެވޭ ހާލަތެއްގައި
  • އަދި، އަމިއްލަ ނަފްސަށް ގެއްލުމެއް ދިނުމަށް މަސައްކަތް ކުރާ މީހަކު އެކަން ހުއްޓުުވުމަށެވެ.

މި ހާލަތްތަކުގައި ވެސް ފުލުހުން ޓޭޒާ ބަޑި ބޭނުން ކުރުމުގެ ކުރިން އަމަލު ކުރަން ޖެހޭ ގޮތްތަކެއް ވަނީ ކަނޑައަޅާފަ އެވެ. އަދި، ޓޭޒް ކުރުމަށް ބަޑި އަމާޒު ކުރަން ޖެހޭ ޓާގެޓުތަކެއް ވެސް ވަނީ ކަނޑައަޅާފަ އެވެ.

ޓޭޒާ ބަޑި އަމާޒު ކުރަން ޖެހޭ ޓާގެޓު އޭރިއާ


ފުލުހުންނަށް އެއްބާރުލުން ދިނުމަށް އިންޒާރު ދިނުމާއި އެއަށްފަހު ބާރުގެ ބޭނުން ކުރާނެ ކަމަށް އިންޒާރު ދިނުމާއި ބަޑި ބޭނުން ކުރުމުގެ ކުރިން ތިން ފަހަރު "ޓޭޒާ ކުރަނީ" މިހެން ބުނަން ޖެހެ އެވެ. އަދި، އެއީ ސާފުކޮށް އަޑު އިވޭ އިންޒާރަކަށް ވާން ޖެހެ އެވެ.

ބޭނުން ނުކުރެވޭނެ ހާލަތްތައް

ތިރީގައި ފާހަގަކުރެވިފައިވާ ހާލަތްތަކާއި މީހުންގެ ގަޔަށް ޓޭޒާ ބަޑި ބޭނުންކުރުމަކީ މަނާ ކަމެކެވެ. އެއީ؛

  • ދުވެފައިދާ މީހާ ނުވަތަ ދުއްވާފައިދާ އުޅަނދެއްގައިވާ މީހާއަށް
  • ބަލާ ބެލުމަށް އެމީހަކީ މާބަނޑު މީހެއްކަން އެނގޭ، މާބަނޑު މީހުންގެ ގަޔަށް
  • ހާއްސަ އެހީއަށް ބޭނުންވާ މީހެއްކަން އެނގޭ މީހެއްގެ ގަޔަށް
  • ބުއްދި ފިލާ ގޮސްފައިވާ މީހެއްގެ ގަޔަށް
  • ކުޑަކުއްޖެއްކަން ކަނޑައެޅިގެން އެނގޭ އުމުރެއްގެ ކުއްޖެއްގެ ގަޔަށް
  • ބަލާ ބެލުމަށް އެމީހަކީ އުމުރުން ދުވަސްވުމުގެ ސަބަބުން ގައިބާރު ދެރަވެފައިވާ މީހުން ކަމަށް ފެންނަ މީހުންގެ ގަޔަށް
  • ހިތުގެ ބަލި ހުރިކަން އެނގޭ ހާލަތެއްގައި އެ މީހެއްގެ ގަޔަށް
  • މަސްތުގެ ހާލަތުގައި ހުރުމުގެ ސަބަބުން ކުރެވޭ ނުކުރެވޭ ކަންކަން ނޭނގޭ ހާލަތުގައި ހުރި މީހެއްގެ ގަޔަށް
  • ހޭނެތިފައި ނުވަތަ ހަބަރު ހުސްވެފައިވާ މީހެއްގެ ގަޔަށް
  • ބިޑި އެޅުވިފައި ނުވަތަ އެ ނޫންވެސް ގޮތަކުން ހިފެހެއްޓިފައިވާ މީހުންގެ ގަޔަށް
  • ހައްޔަރު ކުރުމަށް ދިލަ ނުވަތަ ކެރުމުގެ އަސަރު ހިމެނޭ މާއްދާއެއް އެ މީހާކާ ދެކޮޅަށް ބޭނުންކޮށް އޭގެ އަސަރު ކޮށްފައިވާ މީހެއްގެ ގަޔަށް
  • އަދި، ފަސޭހައިން އަލިފާން ހިފާފާނެ ގޭސް ހިމެނޭ މާއްދާތައް ރައްކާ ކޮށްފައިވާ ހުރި ތަނެއް ނުވަތަ ގޮވާ ތަކެއްޗާއި ނުރައްކާތެރި ގޭހާއި، ކެމިކަލް ހުރި ތަނެއްކަން އެނގޭ ތަނެއްގެ ތެރޭގައި ޓޭޒާ ބަޑި ބޭނުން ކުރުމަކީ މަނާ ކަމެކެވެ.

އޭގެ އިތުރުން، ގާނޫނާ އެއްގޮތަށް ބާއްވާ އެއްވުންތަކާއި، ހިނގާލުންތައް އަދި މުޒާހަރާތައް ރޫޅާލުމަށް ޓޭޒާ ބަޑި ބޭނުން ކުރުން ވަނީ މަނާކޮށްފަ އެވެ. މީހެއްގެ ފުރާނައަށް ގެއްލުން ވެދާނެ ގޮތަކަށް މި ބަޑި ބޭނުން ކުރުން ވެސް ވަނީ މަނާކޮށްފަ އެވެ.

އަދި، އެއް ފަހަރަށް ވުރެ އިތުރަށް އެއް ހާލަތެއްގައި މީހަކާ ދެކޮޅަށް މި ބަޑި ބޭނުން ނުކުރެވޭނެ ކަމަށް ވަނީ ބަޔާންކޮށްފަ އެވެ. އޭގެ އިތުރުން، އޭގެ ލޭޒާ ލައިޓު އެއްވެސް މީހެއްގެ ލޮލަށް އަޅުވައިގެން ނުވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ވަގުތުން ސިއްހީ އެހީތެރިކަން ދޭން ޖެހޭ

މަތީގައި ބަޔާންކޮށްފައިވާ ހާލަތެއްގެ ތެރެއިން ހާލަތެއްގައި ބޭނުން ކުރި ނަމަވެސް ޓޭޒާ ބަޑި އަރާ މީހާއަށް އެވަގުތަށް ބޭނުންވާ އާފްޓާ ކެއާ ދޭން ޖެހޭނެ ކަމަށް ފުލުހުންގެ އުސޫލުގައި ބަޔާންކޮށްފައިވެ އެވެ.

އެގޮތުން، ހަތިޔާރު ބޭނުންކޮށް ނިމުމުން ވާހަކަ ދެކެވޭ ހާލަތަށް މީހާ އައުމުން އޭނާއާ ސުވާލުކޮށް އޭނާގެ ހާލަތު އޮޅުންފިލުވަން ޖެހެ އެވެ. އަދި، އެ މީހެއްގެ ފަހަތުން ބަޑި އަމާޒުކޮށްފިނަމަ ލަސްނުކޮށް ރިކަވަރީ ޕޮޒިޝަންގައި އެ މީހުން ބޭއްވުމަށް ވަނީ ބަޔާންކޮށްފަ އެވެ.

ބޭނުންކުރާ ބަޑީގެ ޕްރޯބް (ޓޭޒާގެ ކާޓްރިޖުން ނުކުންނަ ކަށި ނުވަތަ ކަށި އެކުލެވޭ ބައި) ނައްޓަން ވެސް އުސޫލެއް ވަނީ ކަނޑައަޅާފަ އެވެ. އަދި، ޕްރޯބް ނައްޓާލުމުން ލޭ އަންނަނަމަ، ލޭ މަނާ ކުރުމަށް ސިއްހީ އެހީތެރިކަން ފޯރުކޮށްދޭން ޖެހެ އެވެ. އަދި، އެއްވެސް ތަނަކަށް ތަދުވޭތޯ ނުވަތަ އަނިޔާވެފައިވޭތޯ ސުވާލުކޮށް އަމަލީ ގޮތުން ބަލަން ޖެހެ އެވެ. އަދި، އެތަނެއްގެ ފޮޓޯ ކަސްޓޯޑިއަލްއަށް ގެންގޮސް ނަގަން ޖެހެ އެވެ.

ބޭރު ފުށުން އަނިޔާއެއް ފެންނަން ނެތް ނަމަވެސް އެ މީހަކަށް ތަދުވާ ކަމަށް ބުނެފިނަމަ މެޑިކަލް އޮފިސަރަކަށް ދައްކައި ހަމަޖެހިފައިވާ މެޑިކަލް ޕްރޮސީޖާ ފުރިހަމަ ކުރަން ޖެހެ އެވެ. ހަމައެއާއެކު، ޓޭޒާ ކުރެވޭ މީހަކީ ހަށިގަނޑުގައި އެއްވެސް އިލެކްޓްރޯނިކް ޑިވައިސެއް ލައްވާފައިވާ މީހެއް ނަމަ ނުވަތަ ނިއުރޮލޮޖީ އަދި ހިތުގެ ބައްޔެއް ހުރި މީހެއް ނަމަ އެ މީހަކު ވީ އެންމެ އަވަހަކަށް ސިއްހީ ހިދުމަތް ދޭ ތަނަކަން ގެންދަން ޖެހޭ ކަމަށް ބަޔާންކޮށްފައިވެ އެވެ.

އަދި، އެ މީހާކާ ދެކޮޅަށް ޓޭޒާ ބޭނުންކުރިކަން ރެކޯޑުކޮށް އޭނާ ހައްޔަރުކޮށްފައިވާ ކަސްޓޯޑިއަލް އަދި ތަހުގީގު ކުރާ ފަރާތަށް އަންގަން ޖެހެ އެވެ. ހަމައެހެންމެ، އެފަދަ މީހެއް ނަމަ ކަސްޓޯޑިއަލް ޕްރޮސެސްގެ ތެރެއިން މެޑިކަލް އޮފިސަރެއް ލައްވައި އެ މީހެއްގެ މެޑިކަލް އެސެސްމެންޓެއް ހެދުމަށް ވެސް ވަނީ ލާޒިމުކޮށްފަ އެވެ.