Advertisement

ރަސްމީ ދަނޑުވެރިންނަށްނުވި ފުވައްމުލަކު ދަނޑުވެރިންގެ އުދާސްތައް

19 މާރިޗު 2023 - 09:47 0

ނިމާ ހަސަން

ނިމާ ހަސަން

ފުވައްމުލައް ސިޓީ

ފުވައްމުލަކު ދަނޑު ބިމެއްގައި ދަނޑުވެރިއަކު މަސައްކަތް ކުރަނީ؛ ދަނޑުތަކަށް ބޭނުންވާ ތަކެތީގެ އަގު އިންތިހާއަށް ބޮޑު -- ފޮޓޯ: މިރާޝް/ އަދަދު


ރަސްމީ ދަނޑުވެރިންނަށްނުވި ފުވައްމުލަކު ދަނޑުވެރިންގެ އުދާސްތައް

19 މާރިޗު 2023 - 09:47 0

ފުވައްމުލައް ސިޓީ

ފުވައްމުލަކުގެ ދަނޑުތައް ހުރި ސަރަހައްދުން ދިމާވީ އެރަސު މެދެގެދަރުގޭ، ރަޝީދުބެއާ އެވެެ. ދަނޑުވެރިކަން ކުރާތާ 40 އަހަރު ވެފައިވާ ރަޝީދަކީ, މީގެކުރިން ސަރުކާރު ވަޒީފާގައި އުޅުނު މީހެކެވެ. ރިޓަޔާވުމަށްފަހު 'ފުލްޓައިމްކޮށް' ދަނޑުވެރިކަމަށް ނިކުތް ރަޝީދަށް ވެސް މިއަދު ދިމާވެފައި އޮތީ އެރަށުގެ ގިނަ ދަނޑުވެރިންނަށް ވެސް ދިމާވެފައި އޮތް ގޮންޖެހުމެވެ.

ދަނޑުވެރިކަން ކުރަމުން އަންނަތާ ކިތަންމެ ގިނަ ދުވަހެއްވި ނަމަވެސް ރަޝީދަކީ ލިޔެކިޔުމުން ދަނޑުވެރިއެއް ނޫނެވެ. އޭނާގެ ނަންމަތީގައި ދޫކޮށްފައި އޮންނަ ބިމެއް ވެސް ނޯވެ އެވެ. އެއާއެކު، މި ރަށުގެ ގިނަ ދަނޑުވެރިން ފަދައިން، ސަަރުކާރުން ދަނޑުވެރިންނަށް ދޭ ލުއިތައް ރަޝީދަކަށް ނުލިބެ އެވެ.

އޭގެ ސަބަބުން، ގެރިގުޔާއި ޔުނިގްރޯ އަދި ފާޓިލައިޒާގެ ބާވަތްތައް ގަންނަން ލިބޭ އަގު އިންތިހާއަށް ބޮޑެވެ. ރަޝީދު ބުނި ގޮތުގައި މިތަކެތި އެތެރެކުރާ މީހުން އަގުން ޑިއުޓީ ނުނަގަން ސަރުކާރުން ނިންމާފައިވީ ނަމަވެސް އެކަމުން ފުވައްމުލަކު ދަނޑުވެރިންނަށް ކުރާ އެއްވެސް ފައިދާއެއް ނެތެވެ. ރަޝީދު ބުނީ ސަރުކާރުން އެގްރޯނެޓް އުފައްދާފައި އޮވެގެން ދަނޑުވެރިންނަށް އަގުހެޔޮކޮށް ތަކެތި ލިބޭ ވާހަކަ އަޑުއިވޭ ކަމަށާއި އެ ތަކެތި ފުވައްމުލަކާ ހަމައަށް ނުފޯރާ ކަމަށެވެ.

"އެ ޑިއުޓީ ފްރީކޮށްފައި އޮތަސް އަޅުގަނޑުމެންނަން އަގު ހެވެއް ނުވޭ, އެ ގެއްލުން ވަނީ ސަރުކާރަށް. ސަރުކާރަށްވާ ގެއްލުމަކީ ރައްޔިތުންނަށްވާ ގެއްލުން. އަޅުގަނޑު ދެކޭ ގޮތުގައި ޑިއުޓީ ނަގައިގެން ވެސް ދަނޑުވެރިންނަށް އެ ފައިސާ ދޭނަމަ އެއަށްވުރެ ރަނގަޅުވާނެ،" އޭނާގެ ދަނޑުގައި ހުއްޓިލައިގެން ހުރެ ރަޝީދު ބުންޏެވެ.

"އަޅުގަނޑުމެންނަކީ ވެސް ދިވެހި ރައްޔިތުންނަށް ވާއިރު, ކީއްވެބާ އަޅުގަނޑުމެންނާ ހަމައަށް އެ ވަސީލަތް ނުފޯރަންވީ؟،" އޭނާ ބުންޏެވެ.

އެގްރޯނެޓުން ދަނޑުވެރިންނަށް ތަކެތި ފޯރުކޮށްދެނީ ކޮންޓްރެކްޓެއްގެ ދަށުންނެވެ. ނަމަވެސް އެ އެގްރީމަންޓް ހެދުމުގެ ފުރުސަތު ދަނޑުވެރިންނަން ގެއްލިފައި އޮތީ ފުވައްމުލަކުގައި ދަނޑުބިންތައް ރަޖިސްޓްރީ ނުކޮށް އޮތުމުގެ ސަބަބުންނެވެ.

ރަޝީދުބެ އޭނާގެ ދަނޑުގައި ހުރެ އިންޓަވިއު ދެނީ؛ ތަކެތީގެ އަގު ބޮޑުވުމުގެ ކަންބޮޑުވުން ބޮޑު -- ފޮޓޯ: މިރާޝް/ އަދަދު


ފުވައްމުލަކުގައި މިހާރު ގިނަ ދަނޑުތައް ހައްދަމުން އަންނަ ބިމަކީ ކުރިން ފުވައްމުލަކު ލޭންޑް ޔޫޒް ޕްލޭނުގައި ޓޫރިޒަމަށް ހާއްސަކޮށްފައި އޮތް ބިމެކެވެ. މީގެ އަހަރުތަކެއް ކުރިން އެ ބިމުގައި ދަނޑުވެރިކަން ކުރަމުން ދަނިކޮށް ޓޫރިޒަމަށް ހާއްސަކޮށްފައިވާ ބިމެއް ކަމަށް ބުނެ, ހަ އަހަރު ވަންދެން އެ ބިމުގައި އެއްވެސް ކަމެއް ނުކޮށް ހިފަހައްޓާފައި އޮތެވެ. ނަމަވެސް އެތަނުގައި ކަމެއް ނުކުރާތީ ދަނޑުވެރިން ވަނީ އަނެއްކާވެސް އެ ބިމުގައި ދަނޑު ހައްދަން ފަށައިފަ އެވެ.

ރާއްޖޭގައި ދަނޑުވެރިކަން ކުރުމުގައި ފާހަގަކޮށްލެވޭ އެއް ރަށް ކަމުގައިވާ ފުވައްމުލަކުގައި އޮތް މި މައްސަލައާ ބެހޭގޮތުން މޭޔަރު އިސްމާއިލް ރަފީގު ވިދާޅުވީ, އެރަށުން ދަނޑުވެރިންނަށް ބިން ކަނޑާ, ރަސްމީކޮށް ރަޖިސްޓްރީކޮށް ނުދޭތާ މިހާރު ވަރަށް ގިނަ ދުވަސްވެފައިވީ ނަމަވެސް ދަނޑުހައްދާ ސަރަހައްދުތަކުގައި ގިނަ ބަޔަަކު އެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މޭޔަރު ވިދާޅުވީ ދަނޑުވެރިކަން ކުރާ ސަރަހައްދުން ދަނޑުތައް ކަނޑައަޅެމުގެ ކަންކަން މިއަހަރުގެ ރޯދަ މަސް ނިމިގެން ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. އަދި ވިދާޅުވީ، އެކަން މިވަގުތު ނުކުރެވެނީ ރޯދައަށް ކަރާ ހެއްދުމުގެ ކަންކަން ދަނޑުވެރިން ކުރަމުންދާތީ, މިވަގުތު އެ މަސައްކަތް ފަށައިފި ނަމަ ބޮޑު ގެއްލުމެއް ދަނޑުވެރިންނަށް ލިބިގެންދާނެތީ ކަމަށެވެ.

"މިއީ އަބަދުވެސް މީހުން ބޭނުންކުރަމުންދާ ތަނެއް. އެހެންވީމާ މިގޮތަށް ބަދަލެއް ގެންނައިރު އޭގެ އެބައާދޭ ކޮންމެވެސް އެއްބަޔަަކަށް އުނދަގޫތަކެއް ވެސް. މި އުނދަގޫތަކާއެކު ވެސް ކުރިން [ދަނޑުވެރިންނަށް] އަންގައިގެން އުސޫލުގެ ތެރެއިން ދަނޑުވެރިންނަށް ދަނޑުތައް ރަޖިސްޓްރީ ކުރެވޭނެ ގޮތަށް ބަދަލު ކުރަން މި ރޯދަ މަސް ނިމިގެން މަސައްކަތް ފަށާނަން،" މޭޔަރު ވިދާޅުވި އެވެ.

ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއިލް ރަފީގު؛ ދަނޑުވެރިންނަށް ބިން ކެނޑުން ރޯދައަށްފަހު ކުރިއަށް ގެންދިއުމުގެ ޕްލޭން އޮތް ކަމަށް ވިދާޅުވި -- ފޮޓޯ: މިރާޝް/ އަދަދު


މޭޔަރު ރަފީގު ވިދާޅުވީ ދަނޑު ބިންތައް ރަޖިސްޓްރީ ވެގެން ދިއުމުން ދަނޑުވެރިންނަށް ލޯނު ނެގުމުގެ ފުރުސަތާއި އެގްރޯނެޓާއެކު އެގްރީމަންޓު ހެދުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ. އޭނާ ވިދާޅުވީ ކައުންސިލުގެ ޕްލޭނަކީ ޒަމާނީ ދަނޑުވެރިކަމަށް ހިތްވަރު ދިނުން ކަމަށްވާތީ, ޒަމާނީ ދަނޑުވެރިކަން ކުރާ ފަރާތްތަކަށް އެކަމުގައި އިސްކަން ދޭނެ ކަމަށެވެ.

ދަނޑުވެރިކަން ކުރުމަށް ދަނޑުކަނޑާ, ރަޖިސްޓްރީނުކޮށް އޮތުމުގެ ސަބަބުން ފުވައްމުލަކު ދަނޑުވެރިންނަށް މިއަދު އޮތީ އަތުން ބޮޑު ހަރަދެއް ކުރަން ޖެހިފަ އެވެ. ދަނޑުވެރިކަމަށް ސަރުކާރުން ހޯދައިދީފައިވާ ލުއި ގޮތްތަކުގެ ފައިދާ ނުލިބި ތަކެތި ގަންނަން ޖެހިފައި އޮތީ އަސްލު އަގުގެ ދެ ގުނަ ބޮޑުކޮށެވެ.

ދަނޑުވެރިކަން ކުރާތާ 30 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މި ރަށު ދީފުރަމުގޭ, އަހުމަދު މުހައްމަދުގެ ވެސް ކަންބޮޑުވުންތައް ހުރީ ހަމަ އެ މަގުގަ އެވެ. ދަނޑުވެރިކަމަށް ހިތުގައި އޮތް ލޯތްބެއްގެ ސަބަބުން އެ މަސައްކަތް ކުރާ އަހުމަދާ ވާހަކަ ދައްކާލުމުން އެނގުނު ގޮތުގައި މިއަދު އޮތް އެންމެ ބޮޑު ދައްޗަކީ ބިމުގެ ދަތިކަމެވެ. ކޮންމެ އަހަރަކު ވެސް ދަނޑުކަނޑާ ވާހަކައެއް ދެއްކި ނަމަވެސް އެކަން ވާ ދުވަހެއް ނުފެންނަ ކަމުގެ ޝަކުވާ އޭނާ ކުރި އެވެ.

"ދަނޑުކަނޑަން ފޯމު ލާން ހުޅުވާލީމާ ފޯމު ލަނީ. ކޮންމެ އަހަރަކުވެސް ދަނޑުކަނޑާނެ ކަމަށް ތައްޔާރަށް ތިއްބާ އެކަން ނިމިގެން ހިނގާދާނެ. މައްސަލައަކީ އެކި ތަންތަނުން ބިން ހޯދައިގެން މީހުން ގޮވާންކުރަނީ, ދެން ކައުންސިލުން އެކަން ކުރަންވީމަ [ބިން ކަނޑަން ވީމަ] މަޑުޖެހެނީ،" އަހުމަދު ބުންޏެވެ.

ފުވައްމުލަކުގެ ދަނޑުބިމެއްގައި ދަނޑުވެރިއަކު މަސައްކަތް ކުރަނީ؛ އެރަށުން ދަނޑުވެރިކަމަށް ބިން ނުކަނޑާތާ އެތައް އަހަރެއް ވެއްޖެ -- ފޮޓޯ: މިރާޝް/ އަދަދު


އަހުމަދު ކިޔައިދިން ގޮތުގައި ބައެއް މީހުންގެ މައްޗަށް ހަތަރު ފަސް ދަނޑު ވެސް ފުވައްމުލަކުގައި އެބަ އޮތެވެ. އަދި ދަނޑުކަނޑަން ވާއިރު އެތަނުގައި އެމީހުން ގޮވާން ހައްދާފައި ހުންނާތީ, އެ މީހުންނަށް ގެއްލުން ވެދާނެތީ ދަނޑު ނުކަނޑަނީ ކަމަށް އޭނާ ބުންޏެވެ.

"ގިނަ ދަނޑު އޮންނަ މީހެއްގެ ބާރާއި ނުފޫޒުގެ ސަބަބުން އެތަނުން އެހެން މީހަކަށް ތަންކޮޅެއް ދިނުމެއް ނޯވޭ, އެއީ ހަގީގަތުގައި އެކަން ހިނގާ ގޮތަކީ،" އަހުމަދު ބުންޏެވެ.

ދަނޑުވެރިންގެ ހުރިހާ ކަންބޮޑުވުމެއް ވެސް ހުރީ އެއް މައްސަލައަކާ ގުޅިފަ އެވެ. ބިން ނުކެނޑުމުގެ ސަބަބުން, ސަރުކާރުން ދޭ ލުއިތައް ނުލިބުމާއެކު ތަކެތީގެ އަގު ބޮޑުވެ, ދަނޑުހައްދަން ރަނގަޅު ތަކެތި ނުލިބެނީ އެވެ. އެއާއެކު ރަށުން ލިބެން ހުންނަ ގަސް ކާނާގެ ސަބަބުން ވެސް ދަނޑުތަކަށް އެތައް ގެއްލުމެއް ލިބެ އެވެ.

ދަނޑުވެރިކަން ކުރާތާ ވިއްސަކަށް އަހަރުވެފައިވާ މަތިވަރު މުހައްމަދު ހަސަނު ބުނީ, ދަނޑުގައި ގޮތް ނޭނގޭ ބަލިތައް ފެތުރުމަކީ އެއީ އޮތް ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. މުހައްމަދުގެ ދަނޑުގައި ހުރި ގަސްތަކަށް އިޝާރާތް ކޮށްލަމުން އޭނާ ބުނީ ރޯދައަށް ތައްޔާރުވަމުން އަންނަ މި ދަނޑިވަޅުގައި ވެސް ދަނޑުތައް އެހާ ރަނގަޅު ނޫން ކަމަށެވެ.

"[ގަސްތަކަށް ގޮތްނެނގޭ ބަލިތައް ޖެހެނީ] ތަފާތު ވައްތަރު ވައްތަރުގެ ގަސް ކާނާ ބޭނުންކުރާތީ ކަމަށް ލަފާ ކުރެވެނީ. މީހުން އައިސްސަ ވިއްކާ އެއްވެހީގަ ހުންނާނެ ދެން އެކްސްޕަޔާ ވެފައި ހުންނަ އެއްޗެއްސާއި ގަސްތަކަށް އެހާ ރަނގަޅު ނޫން އެއްޗެހި ވެސް،" ދަނޑުވެރިކަމުގެ ދާއިރާއިން ކިޔަވައިގެން ހުރި މުހައްމަދު ބުންޏެވެ.

ފުވައްމުލަކު ދަނޑެއްގައި އަޅާފައި އޮތް ކަރައެއް؛ ރޯދައަށް ތައްޔާރުވަމުން އަންނަ އިރު ދަނޑުވެރިންގެ ކަންބޮޑުވުންތައް އެބަހުރި -- ފޮޓޯ: މިރާޝް/ އަދަދު


ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރާ ފުވައްމުލަކުގެ ދަނޑުވެރިންގެ ހުރިހާ ކަންބޮޑުވުމެއް ވެސް ގުޅިފައި މިވަނީ ދަނޑުބިންތައް ކެނޑުމާ އެވެ. އުސޫލެއްގެ ދަށުން ދަނޑުބިންތައް ކަނޑާ، ރަޖިސްޓްރީ ކޮށްގެން ހިންގާ ނަމަ އެއީ ދަނޑުގޮވާމަށް ބޭނުންވާ ރަނގަޅު ތަކެތި އަގުހެޔޮކޮށް ހޯދުމަށް ވެސް ހުޅުވިގެންދާނެ ދޮރެކެވެ.

ދަނޑުބިންތަކުގެ މައްސަލައާ ގުޅިގެން ދަނޑުވެރިކަން ކުރަން ބޭނުންވާ ތަކެތީގެ އަގު ބޮޑުވުމާއި ލިބެން ހުންނަ ތަކެތީގެ ސަބަބުން ދަނޑުތަކަށް ގެއްލުން ލިބެމުންދާއިރު، މި ނޫން ކަންބޮޑުވުންތައް ވެސް ދަނޑުވެރިންގެ އެބަހުއްޓެވެ. އެގޮތުން، ފުވައްމުލަކު ދަނޑުތަކަށް ކަރަންޓުލުމުގެ ކަންކަން ވެސް އޮންނަނީ ދަނޑުވެރިން ފާހަގަކުރާ ގޮތުގައި ނުހަނު އުނދަގޫ ކޮށެވެ.

ބައެއް ދަނޑުތަކަށް ކަރަންޓު ދެނީ ކުޑަ ގެއެއް އަޅައިގެން އެ ގެއަށް ކަރަންޓު ބޯޑު ލައިގެންނެވެ. އެއް ދަނޑުގައި ހުންނަ ގެއިން, އެ ސަރަހައްދުގެ އެކި ދަނޑުތަކަށް ކަރަންޓު ފޯރުކޮށްދެ އެވެ. މަލަގަސްގޭ، އިބްރާހިމް ރަޝީދުގެ ދަނޑަށް ކަރަންޓު ހޯދަނީ އެގޮތަށެވެ. ރަޝީދުގެ ދަނޑަށް ކަރަންޓު ހޯދަނީ އޭގެ ފަސް ދަނޑު ދުރުގައި ހުންނަ ގެއަކުންނެވެ.

"ސަރުކާރުން ނުވަތަ ކައުންސިލުން މިތަނުގައި އަޅުގަނޑުމެންނަށް ކަރަންޓު ލިބޭގޮތް ހަމަޖައްސައިދީފި ނަމަ ވަރަށް ފަސޭހަ ވާނެ،" އޭނާ ބުންޏެވެ.

ފުވައްމުލަކު ދަނޑުވެރިންގެ ގިނަ ޝަކުވާތަކެއް ހުރި ނަމަވެސް, ހުރިހާ ދަނޑެއްގައި ވެސް ދަނީ ރޯދައިގެ ތައްޔާރީތައް ވަމުންނެވެ. ރޯދައަށް ހައްދާ އެކި ބާވަތްތަކުގެ ތަރުކާރީއާއި މޭވާ ގަސްތަކުން ދަނޑުތައް އޮތީ ޖަރީކޮށްފަ އެވެ. އަދި މެދުކެނޑުމެއް ނެތި, ދަނޑުވެރިންގެ ހިތްތަކުގައި އޮތް ލޯބި ދަނޑުތަކަށް ފާއްތާލަމުން ދެ އެވެ.

ފުވައްމުލަކު ދަނޑުތަކުން؛ ދަނޑުވެރިންގެ ގިނަ ޝަކުވާތައް ގުޅިފައި ވަނީ ބިން ކެނޑުމާ -- ފޮޓޯ: މިރާޝް/ އަދަދު\


ފުވައްމުލައް ކުރިއަރާފައިވާ ތަފާތު ދާއިރާތަކުގެ ތެރޭގައި ދަނޑުވެރިކަން ހިމެނޭއިރު، ރަށަށް ބޭނުންވާ މޭވާ އާއި ތަރުކާރީ ހައްދަނީ ރަށުގަ އެވެ. ގިނަ އަދަދެއްގެ ބަޔަކު ކުރާ މި މަސައްކަތުގައި، ތަފާތު ބާވަތްތަކުގެ މޭވާ އާއި ތަރުކާރީ ހައްދަ އެވެ. އޭގެ ތެރޭގައި ކަރާ، ބަރަބޯ، ކިއުކަމްބާ، މިރުސް، ކެޔޮ އަދި ފާނގަ ވެސް ހިމެނެ އެވެ.

ރޯދައަށް ހުރިހާ ދަނޑުތަކެއް ތައްޔާރުވަމުންދާއިރު، ދަނޑުވެރިކަމަކީ ފުވައްމުލަކުގެ އިގްތިސޯދާ ވެސް ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ކަމެކެވެ. ފުވައްމުލަކު ދަނޑުތަކުގައި ހައްދާ ތަކެތި އާންމުކޮށް ވިއްކާ އުޅެނީ ރަށުގެ އާންމު ރައްޔިތުންނާއި ރަށުގައި ގާޑިޔާ އަދި މާރުކޭޓު ހިންގާ މީހުންނަށެވެ. ދަނޑުވެރިކަން ކޮށްގެން ދަނޑުވެރިންނަށް ފައިދާގެ ގޮތުގައި 30،000 ރުފިޔާވަރު ޖެހޭއިރު، އެ ތަކެތި ވިއްކާ ގާޑިޔާތައް ހިންގާ މީހުންނަށް ވެސް ފުދޭ ވަރެއްގެ އާމްދަނީއެއް ލިބެ އެވެ.

އަތޮޅެއްގެ ހިޔާވަހިކަމެެއް ނެތި އެކަނިމާއެކަނި އޮތް ފުވައްމުލަކަށް ދަނޑުވެރިކަމަކީ ނުހަނު މުހިންމު މަސައްކަތެކެވެ. ރަށަށް ބޭނުންވާ ކާނާ ބޭރުން ގެންނަން ނުޖެހި، ރަށުން ލިބުމަކީ، ރަށުން ބޭރުވާނެ އެތައް ފައިސާއެއް ސަލާމަތް ކުރެވޭނެ ގޮތެކެވެ. އަދި ފުވައްމުލަކު ރައްޔިތުން ދަނޑުވެރިކަމަށް އޮތް ލޯތްބަކީ ރަށުގެ ދަނޑުވެރިކަން ކުރިއެރުވުމަށް ލިބިގެންދާ ހިތްވަރެކެވެ. އެގޮތުން، މިހާރުވެސް ފުވައްމުލަކުގައި އެގްރިކަލްޗާ ލެބޯޓްރީއެއް އެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ރާއްޖޭގެ ނެޝަނަލް އެގްރިކަލްޗާ ލެބޯޓްރީ އާއި ނާސަރީ ފުވައްމުލަކުގައި ގާއިމް ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، އޭގެ ސަބަބުން ރަށުގެ ދަނޑުވެރިކަމަށް ބޮޑު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ބެލެވެ އެވެ. އެއާއެކު ގަސްތަކަށް ޖެހޭ ބަލިތަކަށް ހައްލު ލިބިގެންދާނެ ކަމުގެ އުއްމީދު ފުވައްމުލަކުން ދަނީ ކުރަމުންނެވެ.

"ހާއްސަކޮށް އަނބު ގަސްތަކަށް މި ޖެހޭ ބަލިމަޑުކަމަކީ އިގްތިސޯދީ ގޮތުން ވަރަށް ބޮޑު ގެއްލުމެއް ވާކަމެއް. އަނބު ގަހުން ކުރިން ލިބޭ ވަރުގެ 15 ޕަސަންޓުވެސް މިހާރު ނުލިބޭ. އެއަށްވެސް ހައްލެއް ލިބިއްޖެއްޔާމު އިގްތިސޯދީ ގޮތުން ވަރަށް ބޮޑު މަންފާއެއް އެ ލިބެނީ. އޮޅުތައް ހަމަ އެގޮތަށް. ޖެހޭ ބައްޔަކުން ވަރަށް ގިނަ އޮޅުތައް އެދަނީ މަރުވަމުން،" އެގްރިކަލްޗާ ލެބޯޓްރީއާއެކު އެކަންކަން ރަނގަޅުވުމުން ވަރަށް ބޮޑު އެހީއަކަށް ވެގެންދާނެ ކަން ފާހަގަކުރައްވަމުން މޭޔަރު ރަފީގް ވިދާޅުވި އެވެ.

ފުވައްމުލަކަކީ ޒަމާނުއްސުރެ ދަނޑުވެރިކަން ކުރަމުން އަންނަ ރަށެވެ. ރާއްޖޭގެ އެންމެ ގިނަ ދަނޑުވެރިން ހަރަކާތްތެރިވަނީ ވެސް ފުވައްމުލަކުގަ އެވެ. މި ރަށުގެ ދަނޑުވެރިންނަށް ބިން ކަނޑައި ދޭންޖެހެ އެވެ. ފުވައްމުލަކުގެ އިގްތިސާދަށް މުހިންމު އެ ދަނޑުވެރިން "ރަސްމީ ދަނޑުވެރިންނަށް" ވަނީ އެއިރުންނެވެ.