Advertisement

ފުވައްމުލަކު ކައުންސިލްގެ މެންބަރުންނާ ބައްދަލުކުރަން ފެނަކައިން ދެކޮޅު ހަދައިފި

23 ނޮވެންބަރު 2025 - 14:23 3

ފުވައްމުލަށް ސިޓީ

އަހުމަދު އާއިދު

އަހުމަދު އާއިދު

ފުވައްމުލަކު ސިޓީގެ މޭޔަރު ފެނަކަ އޮފީސް ކުރިމަތީ ހުރެ މީޑިއާތަކާއި ވާހަކަދައްކަވަނީ --- ފޮޓޯ: މުހައްމަދު ޝަރުހާން


ފުވައްމުލަކު ކައުންސިލްގެ މެންބަރުންނާ ބައްދަލުކުރަން ފެނަކައިން ދެކޮޅު ހަދައިފި

23 ނޮވެންބަރު 2025 - 14:23 3

ފުވައްމުލަށް ސިޓީ

ފެނަކައިން ދޭ ކަރަންޓާއި ނަރުދަމާ އަދި ފެނުގެ ހިދުމަތްތަކުގެ މައުލޫމާތު ހޯދަން މިއަދު ފުވައްމުލަކުގައި ހުންނަ ފެނަކައިގެ ބްރާންޗުގެ އިސްވެރިންނާ ބައްދަލުކުރަން ދިޔަ އެ ސިޓީގެ ކައުންސިލް މެންބަރުންނާ ބައްދަލުކުރަން އެ ކުންފުނިން ދެކޮޅު ހަދައިފި އެވެ.

ކައުންސިލްގެ ފަރާތުން ފުވައްމުލަކު ފެނަކަ އޮފީހުގެ ވެރިންނާ ބައްދަލުކުރަން ދިޔައީ މޭޔަރު އިސްމާއިލް ރަފީގު، ޑެޕިއުޓީ މޭޔަރު މުހައްމަދު ފިކުރީ އަދި ކައުންސިލަރު އައިމިނަތު އިނާޔާ އެވެ. އެބޭފުޅުންގެ އިތުރުން ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެންބަރު ހުސެއިން މުހައްމަދު ވެސް ފެނަކަ އޮފީހަށް ވަޑައިގަތެވެ.

ފެނަކައިން ބުނީ ކައުންސިލް މެންބަރުންނާ ބައްދަލު ކުރެވޭނީ އެ ކުންފުނީގެ މައި އޮފީހުން ހުއްދަ ނަގައިގެން ކަމަށެވެ. ބައްދަލު ކުރަން ދެކޮޅު ހެދުމުން ފެނަކަ އޮފީހުގެ ބޭރުގައި ހުންނަވާ މޭޔަރު އިސްމާއިލް ވިދާޅުވީ މިއަދު ބައްދަލުކުރަން ބޭނުންވީ އެ ރަށުގައި މި ފަހުން ފެނުގެ ނިޒާމަށް ދިމާވި މައްސަލަތަކާއި ކަރަންޓާއި ނަރުދަމާގެ ހިދުމަތާ ގުޅޭ ގޮތުން މައުލޫމާތު ސާފުކުރަން ކަމަށެވެ.

"އަޅުގަނޑުމެންނަށް ބައްދަލުކުރެވޭ ގޮތެއް ނުވި. އެބޭފުޅުން ވިދާޅުވީ ހެޑް އޮފީހުން ހުއްދަ ދިނީމައޭ ބައްދަލުކުރެވެން އޮތީ. މިއީ އަޅުގަނޑުމެން ވަރަށް ކަންބޮޑުވާ ކަމެއް. ލާމަރުކަޒީ ގާނޫނުގަ ވެސް މި ހިދުމަތްތަކަކީ ކައުންސިލުން ދޭ ހިދުމަތްތައް،" މޭޔަރު ވިދާޅުވިި އެވެ.

މި ފަހުން ދިމާވި ފެނުގެ ކާރިސާއަށްފަހު ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އިން ރަނގަޅު ކުރަން އެންގި ހަތް ކަމުގެ ތެރެއިން އެއްވެސް ކަމެއް ރަނގަޅުކޮށްފައި ނުވާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.

"އޭގެ ތެރޭގައި ބޯހޯލް މަރާމާތު ކުރުމާއި ފެން ޕްލާންޓު މަރާމާތުކުރުން އަދި ލީކުތައް ހައްލުކުރުން ހިމެނޭ. މިކަންކަމުގެ ވާނުވާއެއް ނޭނގޭ. ލިޔުމުން ވެސް ވާނެ މިކަމުގައި މައުލޫމާތު ހޯދަން އެދިފަ،" އިސްމާއިލް ވިދާޅުވި އެވެ.

މީގެ އިތުރުން އަނެއްކާ ވެސް ރޯދަމަހެއް ކުރިމަތީ އޮތް އިރު، ރަށުގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއްގެ ގޮތުގައި އިމާރާތް ކުރަން ފެށި އާ އިންޖީނުގޭގެ މަސައްކަތް މި ވެރިކަމުގެ ދެ އަހަރު އެއްވެސް ވަރަކަށް ކުރިއަށް ނުގެންދާކަން މޭޔަރު ފާހަގަކުރެއްވި އެވެ.

މިހާރު ފުވައްމުލަކަށް ޒިޔާރަތްކުރަމުންދާ ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އަދި އިދިކޮޅު އެމްޑީޕީގެ އިސް ވަފުދުން މިއަދު ހެދުނު އިންޖީނުގޭގެ މަސައްކަތް ބައްލަވައިލެއްވި އެވެ. އެ ސައިޓުގައި އެއްވެސް މަސައްކަތެއް ކުރިއަށް ނުދާ ކަމަށް އެ ޓީމުން ބުންޏެވެ.

ފެނަކައާއެކު މަސައްކަތް ކުރަން ބޮޑެތި ދަތިތަކެއް ހުރި ކަމަށާއި މި ފަހަކަށް އައިސް ރަސްމީކޮށް ބައްދަލުކުރަން ވަރަށް ބޮޑަށް އުނދަގޫވެގެން ގޮސްފައިވާކަން ފާހަގަކުރައްވާ އިސްމާއިލް އިތުރަށް ވިދާޅުވީ، ލާމަރުކަޒީ ގާނޫނާ އެއްގޮތަށް ކައުންސިލާއި ގުޅިގެން ހިދުމަތްތައް ދިނުމުގައި މަސައްކަތް ކުރުމަށް ސަރުކާރަށާއި ކުންފުނިތަކަށް ގޮވާލާ ކަމަށެވެ.

ފުވައްމުލަކުގެ ފެނުގެ ނިޒާމަށް ބޮޑެތި މައްސަލަތަކެއް ކުރިމަތިވެ، ފެން ތަޣައްޔަރުވުމުން ރަށުން ފެން ކަނޑާލީ ނޮވެމްބަރު 10، ގަ އެވެ. އަލުން ފެން ދޫކުރަން ފެށީ އޭގެ ހަތަރު ދުވަސް ފަހުންނެވެ. ނަމަވެސް، އޭގެ ފަހުން ދޫކުރަމުންދާ ފެން ވެސް ތަޣައްޔަރުވެފައިވާ ކަމަށް އެ ރަށު ރައްޔިތުން ދަނީ ބުނަމުންނެވެ.

ފުވައްމުލަކު ފެނުގެ ނިޒާމުގައި މައްސަލަ ޖެހެން ފެށީ ލޮނުފެން، ސާފު ފެނަށް ބަދަލުކުރަން ބޭނުންކުރާ ސިސްޓަމުގެ ބައިތަކަކަށް ގެއްލުންވުމާއި ފެނުގެ ނެޓްވޯކުގެ އެހެން ބައިތަކަށް ވެސް އެކި ވަރުގެ ގެއްލުންވުމާއި ގުޅިގެން ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.