14 ފެބުރުވަރީ 2023 - 04:07 5
މުހައްމަދު އުޝާމް
ޗީފް ޖުޑީޝަލް އެޑިމިނިސްޓްރޭޓާ އައިޝަތު ރިޒުނާ "އަދަދު" ނޫހަށް ދެއްވި އިންޓަވިއުގެ ތެރެއިން - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު
14 ފެބުރުވަރީ 2023 - 04:07 5
އެއީ މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރި އެވެ. ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓާގެ މަގާމާ އައިޝަތު ރިޒުނާ ހަވާލުވެވަޑައިގެން ބޭއްވި ފުރަތަމަ ބައްދަލުވުމުގައި ވެސް ޝަކުވާތައް ބަނޑުންކޮށްލި އެވެ. ސުޕީރިއާ ކޯޓުތަކުގެ ފަނޑިޔާރުންނާއި މެޖިސްޓްރޭޓު ކޯޓުތަކުގެ މެޖިސްޓްރޭޓުންނާ އެކު އޮންލައިންކޮށް ބޭއްވި އެ ބައްދަލުވުމުގައި ކޮންމެ ފަނޑިޔާރެއްގެ ވެސް އެތައް މައްސަލައެއް ހިއްސާކުރެއްވެވި އެވެ.
މުވައްޒަފުން މަދެވެ. ވަސީލަތެއް ނެތެވެ. އެހެންވެ އެތައް މައްސަލައެއް ނުނިންމި، ކޯޓުގެ ބެކްލޮގް އޮތީ ފުނިޖެހިފަ އެވެ. އިންސާފު ލަސްވުމަކީ ބޭއިންސާފަކަށް ވިޔަސް ކޯޓުތަކުގެ ދުވެލި އޮތީ އެ ހާލުގަ އެވެ. ކޯޓު އިމާރާތުގެ ފެންވަރެއް ވެސް ނެތެވެ. އޭގެ ސަބަބުން ފަނޑިޔާރާއި އޭނަގެ މުވައްޒަފުންގެ ރައްކާތެރިކަމަށް ވެސް އެތައް އަސަރެއް އޮންނަނީ ކޮށްފަ އެވެ.
"އެހެން އިދާރާތައް ދެ އިންޖީނު އަޅާ ދުއްވާލިއިރު މެޖިސްޓްރޭޓް ކޯޓުތައް އަދިވެސް މިއޮތީ ރިޔަލު ބޯޓެއްގައި ދުއްވަން،" ހއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ހުރިހާ މެޖިސްޓްރޭޓް ކޯޓުތަކެއް ތަމްސީލުވާނެހެން ޖޫން 13، 2021 ގައި އޮތް އެ ބައްދަލުވުމުގައި ރ. ޖުޑީޝަލް ދައިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ސޯދިގު ކޯޓުތަކުގެ ހާލަތް ސިފަކުރެއްވީ މި ގޮތަށެވެ.
އެ ދުވަހު ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ރިޒުނާ ޔަގީންކަމެއް ދެއްވި އެވެ. އަމިއްލައަށް ކޯޓުތަކަށް ޒިޔާރަތްކުރައްވައި ހާލަތު ބައްލަވާނެ އެވެ. އަދި ހާލަތު ބަދަލުކުރައްވަން މަސައްކަތް ކުރައްވާނެ އެވެ. ރަށްރަށް ވަކިން އޮވެ އެ ރަށްރަށުގައި މީހުން ދިރިއުޅޭއިރު ރާއްޖެ ފަދަ ޖަޒީރާ ގައުމެއްގައި ކޯޓުތައް ހިންގޭނެ ގޮތަކަށް ނިޒާމު ބައްޓަންކުރައްވާނެ ކަމުގެ ޔަގީންކަމެވެ.
ރިޒުނާ "އަދަދު" ނޫހަށް މި މަހު ދެއްވި އިންޓަވިއުގައި އެ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ކޮށްފައިވާ މަސައްކަތްތައް ހިއްސާކުރެއްވި އެވެ. އަދި ކޯޓުތަކުގެ ނިޒާމަށް މި ފަހުން ގެނައި ބަދަލުތަކާއި، ގެނައުމަށް މަސައްކަތް ކުރަމުންދާ ބަދަލުތައް ކިޔައިދެއްވި އެވެ. ގޮންޖެހުންތައް ގިނަ ނަމަވެސް، މަސައްކަތްތަކެއް ހިނގާކަމުގެ ޔަގީންކަން ދެއްވި އެވެ.
މެޖިސްޓްރޭޓް ކޯޓުތައް އަދިވެސް އޮތީ ރިޔަލު ދޯނީގައި!
ރައްޔިތުން އަދުލުއިންސާފު ހޯދުމަށް ޓަކި ދޭން ހުރި ދޮރުތައް ވަނީ ބާވެ، ބޮލަށް ވެއްޓޭ ހިސާބުގަ އެވެ. ޒަމާނީ، މޮޅެތި ގާނޫނުތައް ވުޖޫދަށް ގެންނައިރު އެ ގާނޫނުތަކާ އެއްވަރަށް ކޯޓުތަކެއް ކުރިއެއް ނާރަ އެވެ. އެ ގާނޫނުތަކަށް ފަނޑިޔާރުން އަހުލުވެރިކުރުމެއް ނެތެވެ.
މެޖިސްޓްރޭޓް ކޯޓުތައް އަދިވެސް އޮތީ ރިޔަލު ދޯނީގައި!
ރައްޔިތުން އަދުލުއިންސާފު ހޯދުމަށް ޓަކި ދޭން ހުރި ދޮރުތައް ވަނީ ބާވެ، ބޮލަށް ވެއްޓޭ ހިސާބުގަ އެވެ. ޒަމާނީ، މޮޅެތި ގާނޫނުތައް ވުޖޫދަށް ގެންނައިރު އެ ގާނޫނުތަކާ އެއްވަރަށް ކޯޓުތަކެއް ކުރިއެއް ނާރަ އެވެ. އެ ގާނޫނުތަކަށް ފަނޑިޔާރުން އަހުލުވެރިކުރުމެއް ނެތެވެ.
ރަށްރަށުގައި މިހުރި މެޖިސްޓްރޭޓް ކޯޓުތަކުގެ ދުވެލި ދަށްވެފައި އޮތް އެންމެ މައިގަނޑު ސަބަބަކަށް އޮތީ މުވައްޒަފުންގެ ދަތި ކަމެވެ. އަދި އެއްވެސް ރޭވުންތެރިކަމެއް ނެތި، އެ ކަން ބައްޓަން ކުރެވިފައި އޮތުމެވެ. ކޮންމެ ރަށެއްގައިހެން މެޖިސްޓްރޭޓް ކޯޓަކާއެކު، ކޮންމެ ކޯޓެއްގައި އިދާރީ ދެ މުވައްޒަފަކާ އެކުގަ އެވެ.
މި ހާލަތު ބަދަލުކުރުމަށް އެންމެ ބޮޑު ބަދަލެއް ގެނެވުނީ 2019 ވަނަ އަހަރުގަ އެވެ. މެޖިސްޓްރޭޓް ކޯޓުތައް ކްލަސްޓާއަކަށް ބާހާލުމަށް ފަހު، ކޮންމެ ކްލަސްޓާއެއްގައި ހިމެނޭ ކޯޓުތަކުގެ މަސައްކަތް އެ ކްލަސްޓާއަކުން ބަލަމުންދާ ގޮތަށް ދިއުމަށެވެ.
ނަމަވެސް މި ގޮތަށް ކްލަސްޓާތަކެއް ކަނޑައެޅުމުގައި މުހިންމު ގިނަ ކަންކަމަށް ބަލަން ޖެހޭ ކަމަށް ޗީފް އެޑްމިނިސްޓްރޭޓަރަށް ގަބޫލުކުރެވުނެވެ. އެއިން ކޯޓަކަށް ހުށަހެޅޭ މައްސަލަތަކުގެ އަދަދަށް އެކަނި ބެލުމަށް ފަހު ކްލަސްޓާތައް ކަނޑައެޅުމުގެ ބަދަލުގައި އިތުރު ބައެއް ކަންކަމަށް ބެލުމަށް ވެސް ނިންމީ އެވެ.
އެ ގޮތުން އާބާދީއާއި، ދަތުރުފަތުރުގެ ފަސޭހަ ކަމެވެ. އަދި ވަކިން ހާއްސަކޮށް ތާރީހީ އަދި ސަގާފީ ގޮތުން އެއް ރަށާއި އަނެއް ރަށް ބަރޯސާވެފައިވާ މިންވަރެވެ. މި ހުރިހާ ކަމަކަށް ރިއާޔަތް ކުރުމަށް ފަހު، ކްލަސްޓާތައް ބެހިފައިވާ ގޮތް 2021 ވަނަ އަހަރު މުރާޖައާކޮށް އިސްލާހު ކުރެވުމެވެ.
"އަޅުގަނޑުމެން މިހާރު ޕައިލެޓް ޕްރޮގްރާމެއްގެ ގޮތުގައި ފަށައިގެން މި ބަލަނީ. ސާކިޓް ކޯޓު ތައާރަފް ކުރަން ވާއިރަށް މި ނިޒާމް ހިންގައިގެން މިއީ ކިހާ އިފެކްޓިވް ކަމާއެކު ހިންގިދާނެ ކަމެއްތޯ،" ދުވެލި ރަނގަޅު ކުރެވޭނީ، ދެމެހެއްޓެނެވި ގޮތަކަށް ރާއްޖެ ފަދަ ޖަޒީރާ ގައުމެއްގައި ހިންގޭނެ ނިޒާމެއް ހޯދައިގެން ކަން ފާހަގަ ކުރައްވައި، ރިޒުނާ ވިދާޅުވި އެވެ.
މެޖިސްޓްރޭޓް ކޯޓުތައް 67 ކްލަސްޓާއަކަށް ބެހުމަށް ފަހު، އެއިން ކޮންމެ ކްލަސްޓާއަކަށް ޗީފް އެޑްމިނިސްޓްރޭޓަރެއް ވަނީ އައްޔަން ކޮށްފަ އެވެ. މިދިޔަ އަހަރު 17 ކްލަސްޓާއަކަށް ލީގަލް އޮފިސަރުން ހޯދައި، ބާކީ ހުރި ކްލަސްޓާތަކަށް ލީގަލް އޮފިސަރުން ހޯދުމުގެ މަސައްކަތް ކުރިއަށް އެބަ ދެ އެވެ.
"ވޭތުވެދިޔަ ތަނުގައި ލީގަލް މުވައްޒަފުން ގާއިމްވެ ތިބެނީ އަތޮޅު ވެރިކަން ކުރާ ރަށުގައި، އެއީ އެންމެ އެފެކްޓިވް ގޮތެއް ނޫން މުޅި އަތޮޅަށް ހިދުމަތް ދޭން އެންމެ ބޭފުޅަކު ހުރުން، ހާއްސަކޮށް ވަރަށް ކޮމްޕްލެކްސް ގާނޫނުތައް ވުޖޫދަށް އަންނައިރު،" ކުރިން އޮތް ހާލަތު ސިފަކޮށްދެއްވަމުން ރިޒުނާ ވިދާޅުވި އެވެ.
ކްލަސްޓާ ނިޒާމު ތައާރަފްވުމުގެ ކުރިން، މެޖިސްޓްރޭޓް ކޯޓުތައް އޮންނަނީ ކޮންމެ ކޯޓެއް ވެސް ނިސްބަތްވާ އަތޮޅުގެ ވެރިކަން ކުރާ ރަށަށް ގިނަ ކަންކަމުގައި ބަރޯސާވާން ޖެހިފަ އެވެ. އަދި އެއަށްވުރެ މާ ގިނަ ކަންކަމުގައި ޑީޖޭއޭއަށް ބަރޯސާވެފައި ތިބި ކަމަށް ރިޒުނާ ވިދާޅުވި އެވެ.
ނަމަވެސް ކްލަސްޓާ ނިޒާމަށް ފަހު ހާލަތު ބަދަލުކުރެވި، މެޖިސްޓްރޭޓް ކޯޓްތައް ވަރަށް ބޮޑަށް ބާރުވެރި ކުރެވިފައިވާ ކަމަށް ރިޒުނާ ގަބޫލު ކުރައްވަ އެވެ.
"ހަމައެކަނި އިދާރީ ގޮތުން ގެނެވުނު ބަދަލަކަށް ވިޔަސް، މާލީ ކަންކަން ވެސް ދޫކޮށްލުމުން މެޖިސްޓްރޭޓް ކޯޓުތައް ވެސް ބާރުވެރި ކުރެވި އެ ކޯޓުތައް ވެސް އިންޑެޕެންޑެންޓް ޔުނިޓްތަކެއްގެ ގޮތުން ފަންކްޝަން ކުރުމަށް އެޅުނު ފިޔަވަޅެއް އެއީ،" ރިޒުނާ ވިދާޅުވި އެވެ.
ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން ހުށަހަޅާފައިވާ ބިލުގައި މައިގަނޑު ގޮތެއްގައި ވަނީ ސާކިޓް ކޯޓުތަކެއް އުފެއްދުމަށާއި ޑިސްކްޓްރިކްޓް ކޯޓުތަކެއް އުފެއްދުމަށެވެ.
ސާކިޓް ކޯޓުތައް، ރިޒުނާ ސިފަކުރެއްވީ، ޑީޖޭއޭން 2019 ވަނަ އަހަރު ތައާރަފް ކުރި ކްލަސްޓާ ނިޒާމުގެ ދިގު ރާސްތާގެ ޕްލޭން ގޮތުގަ އެވެ. އަދި އެ ކޯޓުތައް ހުންނަން ވާނެ ސަރަހައްދުތައް ވެސް ކަނޑައަޅަން ކްލަސްޓާތައް ފަހުން ކަނޑައެޅި ގޮތަށް، ދިވެހިންގެ ތާރީހާއި ސަގާފަތާ ދުރުނުވާނެ ގޮތެއްގެ މަތިން ކަމަށެވެ.
"ސާކިޓްތަކަކަށް ބަހައިލުމުން، ކޯޓުގެ އެފިޝެންސީ އިތުރުވެގެން ދާނެ. މިހާރު ވެސް ރާއްޖޭގެ ހުރިހާ ރަށެއްގައި ގާއިމްވެ ތިބޭ ދާއިމީ މެޖިސްޓްރޭޓުން ނުތިބޭ. އެއީ އަޅުގަނޑުމެންނަށް ކުރެވޭނެ ވެސް ކަމެއް ނޫން، އަދި އެއީ ހުށަހެޅޭ މައްސަލަތަކުގެ ނިސްބަތަށް ބަލާއިރު އެންމެ އެކަށީގެންވާ ގޮތެއްގައި ރިސޯސަސް ބޭނުން ކުރެވޭނެ ގޮތެއް ވެސް ނޫން," ރިޒުނާ ވިދާޅުވި އެވެ.
ގާނޫނުގައި މިހާރު އޮންނަނީ 500 މީހުން ހަމަވާ ކޮންމެ ރަށެއްގައި މެޖިސްޓްރޭޓަކު ހުންނަން ވާނެ ކަމަށެވެ. އެ ކަން އެ ގޮތަށް ނުކުރެވޭ އިރު، ރިޒުނާ ގަބޫލުކުރައްވާ ގޮތުގައި، ބޭނުން ވެފައިވަނީ ހިންގޭނެ, އަދި ރާއްޖެ ފަދަ ގައުމަކަށް ގުޅޭނެ ނިޒާމެކެވެ. އަދި އެފަދަ ގާނޫނެކެވެ.
"އެއް ކްލަސްޓާއެއްގެ ތެރޭގައި ހުރި ހުރިހާ މުވައްޒަފުންނާއި މެޖިސްޓްރޭޓުން އެއް ޓީމެއްގެ ގޮތުގައި މަސައްކަތް ކުރަން ފެށުމުން، މި ހުރިހާ ރަށަކަށް ހުށަހެޅޭ މައްސަލަތައް ބެލުން ވަރަށް ހަލުވި ވެގެން ދާނެ، ޝަރުއީ ނިޒާމުގެ ސްޕީޑް ވެސް ވަރަށް ރަނގަޅު ވާނެ،" ރިޒުނާގެ ހިޔާލު ހިއްސާކުރެއްވި އެވެ.
އޭގެ އިތުރަށް ބިލުގައި ދެން ހިމެނޭ ޑިސްކްރިޓް ކޯޓުތަކުގެ ސަބަބުން މާލޭގައި ހުރި ހާއްސަ އަދި ސުޕީރިއާ ކޯޓުތަކަށް އަންނަ ބުރަ ކުޑަވެގެން ދާނެ ކަމަށް ރިޒުނާ ވިދާޅުވި އެވެ.
"ޝަރީއަތްތައް ނުނިމި ލަސްވެގެން އެ އަންނަ ޝަކުވާތަކަށް ހައްލެއް ލިބިގެން ދާނެ ކަމެއްގެ ގޮތުގައި ދެކެން. އަތޮޅުތަކުގެ ތެރޭގައި، މާލެއާ އެއް ވަރަށް ޖުރިސްޑިކްޝަން އުފެދިގެން ދިއުމުން،" ބިލު ފަރުމާކޮށްފައިވަނީ، ޑީޖޭއޭގެ ހިޔާލުތައް ފުޅާމިނެއްގައި ހޯދައިގެން ކަން ފާހަގަ ކުރައްވައި ރިޒުނާ ވިދާޅުވި އެވެ.
މާލޭގައި ހުރި ހަތަރު ސުޕީރިއާ ކޯޓުތަކުގެ ޑިވިޝަންތައް ވެސް އާބާދީއާއި މައްސަލަ ހުށަހެޅޭ ނިސްބަތަށް ބަލައިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމް ކުރެވޭނެ އެވެ. އޭރަށް ސުޕީރިއާ ކޯޓުގެ އިހްތިސޯސް އޮންނަ ސަރަހައްދީ މައްސަލަތައް ހުށަަހަޅަން ޖެހޭނީ އެ ޑިވިޝަނަކަށެވެ. އެއް ރަށެއްގައި ހަތަރު ސުޕީރިއާ ކޯޓުގެ ހަތަރު ޑިވިޝަން ގާއިމްވެއްޖެނަމަ, އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓު އުވޭނެ އެވެ.
މެޖިސްޓްރޭޓުން ނުތިބޭ ރަށްތަކެއް، މިއީ އިންގިލާބީ ބޮޑު ބަދަލެއް
"ޖުޑިޝަރީ އިސްލާހުކުރުމުގެ މަސައްކަތް ކާމިޔާބުކުރުމަށްޓަކައި" ކަމަށް ވިދާޅުވެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު, ސަރުކާރުގެ ފަރާތުން ކޯޓުތަކުގެ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެންނަން ވަނީ ހުށަހަޅާފަ އެވެ; މި އިސްލާހު އޮތް ގޮތަށް ފާސްވެއްޖެނަމަ, މުޅި ޖުޑިޝަރީގެ ނިޒާމް އެކީ
މެޖިސްޓްރޭޓުން ނުތިބޭ ރަށްތަކެއް، މިއީ އިންގިލާބީ ބޮޑު ބަދަލެއް
"ޖުޑިޝަރީ އިސްލާހުކުރުމުގެ މަސައްކަތް ކާމިޔާބުކުރުމަށްޓަކައި" ކަމަށް ވިދާޅުވެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު, ސަރުކާރުގެ ފަރާތުން ކޯޓުތަކުގެ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެންނަން ވަނީ ހުށަހަޅާފަ އެވެ; މި އިސްލާހު އޮތް ގޮތަށް ފާސްވެއްޖެނަމަ, މުޅި ޖުޑިޝަރީގެ ނިޒާމް އެކީ
ކޯޓުތަކުގެ ނިންމުންތައް އާންމުކުރުމަކީ މިހާރު ވެސް ގާނޫނުގައި ލާޒިމުކޮށްފައި އޮންނަ ކަމެކެވެ. އަދި ޝަރީއަތެއް ނިމުމަށް ފަހު، ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓް، އެ ދުވަހުން އެ ދުވަހަށް އާންމު ކުރުމަށް ސުޕްރީމް ކޯޓުގެ ޕްރެކްޓިސް ޑައިރެކްޝަނެއް ވެސް އޮވެ އެވެ.
"ކޮންމެ ކޯޓެއްގެ ވެސް ގޮތަކަށް ވެބްސައިޓެއް އެބަ ހުރޭ، މެޖިސްޓްރޭޓް ކޯޓުތަކުގައި ވެސް، އެކަމަކު ޕަބްލިޝްނުކޮށް ހުރެވިދާނެ ގަވައިދުން އަދި އާންމުންގެ ފަރާތުން ކޮންމެ ވެސް ވަރެއްގެ ދައްޗަކަށް ވެދާނެ ކޮންމެ ކޯޓެއްގެ ވެބްސައިޓަކަށް ގޮސް ނިންމުންތައް ހޯދުމަށް،" އޭގައި މިހާރު ހުރި މައްސަލަތައް ރިޒުނާ ފާހަގަ ކުރެއްވި އެވެ.
އެއް ވިއުގައަކަށް، ކޯޓުތަކުގެ ނިންމުންތައް ބެލޭނެ ނިޒާމެއް ގާއިމް ކުރުމުގެ ބޭނުމުގައި "ކޭސް ރިޕޯޓާ މެނޭޖްމަންޓް އެޕް" އެއް ވަނީ ލޯންޗުކޮށްފަ އެވެ. ނަމަވެސް ކޯޓުތަކުގެ ނިންމުންތައް އަދާހަމަ ކުރެވިފައި ނެތުމުން، އަދި އެ އެޕްލިކޭޝަން ބޭނުން ކުރަނީ ހަމައެކަނި ޝަރުއީ ނިޒާމުގެ މުވައްޒަފުންނެވެ.
ޑީޖޭއޭގެ ވެބްސައިޓްގައި ކޯޓުތަކުގެ މެއިލް އެޑްރެސްއާއި ވެބްސައިޓް ލިންކް ހިމަނާފައިވީ ނަމަވެސް، އެ ވެބް ޕޭޖުން ވެސް މައުލޫމާތުތަކާއި ކޯޓުތަކުގެ ނިންމުންތައް އެކަށޭނަ ގޮތަކަށް ބެލޭކަށް އަދި ނުހުރެ އެވެ.
"އަޅުގަނޑުމެންގެ ޕްލޭނަކީ މީގެ ޕަބްލިކް އިންޓަފޭސްއެއް ހެދިގެން އާންމުންނަށް ވެސް، ކިޔަވާ ކުދިންނަށް ވެސް، ޖާނަލިސްޓުންނަށް ވެސް، އޭގެ އެކްސެސް ލިބޭނެ ގޮތް ހެދުން. ކޯޓަކުން ހުކުމެއް ކުރާއިރަށް ރިއަލް ޓައިމްގައި ފެނިގެންދާނެ ގޮތް ހެދުން،" ޑީޖޭއޭގެ އަމާޒު ރިޒުނާ ސާފުކޮށްދެއްވި އެވެ.
އެޕްލިކޭޝަންގެ މަސައްކަތާއި، ކޯޓުތަކުގެ ޓެކްނޮލޮޖީ ވަސީލަތްތައް ހިންގުމަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އެ ކަމަށް ބޭނުންވާ މުވައްޒަފުން ނުލިބުން ކަން ރިޒުނާ ފާހަގަ ކުރެއްވި އެވެ.
"އަވަހަށް ނިންމުމަށް ޓަކައި ތަފާތު އެކި ފަރާތްތަކުގެ އެހީތެރިކަން ވެސް ހޯދައިގެން ކުރިއަށް މި ދަނީ. މި ވަގުތު ވެސް އަޅުގަނޑުމެންނާ އެކު މަސައްކަތް ކުރާނެ ޔޫއެންޑީޕީން ފޯރުކޮށްދީފައިވާ ދެ ޑެވެލޮޕަރުން ވެސް." އެ ގޮންޖެހުންތަކާ އެކު ވެސް މަސައްކަތް ކުރިއަށް ގެންދިއުމަށް ކުރެވޭ މަސައްކަތް ރިޒުނާ ވިދާޅުވި އެވެ.
މުވައްޒަފުން ނުލިބުމުގެ ގޮންޖެހުމުގެ އިތުރަށް، އެ ކަމަށް ބޭނުންވާ ޓެކްނޮލޮޖީގެ ވަސީލަތްތަކާއި އުމްރާނީ ބިނާތައް އެކަށޭނަ މިންވަރަށް ނެތުމަކީ ވެސް ބޮޑު ގޮންޖެހުމެކެވެ.
"ދެން ބަޖެޓް ލިބޭ ވަރަކުން، ދިގު މުއްދަތަކަށް ބަހާލައިގެން ޑޭޓާ ސެންޓަރަށް ބޭނުންވާ އެފަދަ ވަސީލަތްތައް ހޯދުމުގެ މަސައްކަތް ވެސް ކުރަމުން މި ދަނީ،" ރިޒުނާ ވިދާޅުވި އެވެ.
ދެހާސްއެކާވީސް ވަނަ އަހަރު ޖުޑިޝަލް އެކަޑަމީ އަލުން އެކުލަވާލުމުގެ ކުރިއަށް، ހިންގާފައިވާ ތަމްރީންތަކުގެ އަދަދަށް އިޝާރާތް ކުރައްވައި ރިޒުނާ ގަބޫލުކުރައްވަނީ އޭގެ މިންވަރު މަދު ކަމެވެ. އަދި މެޖިސްޓްރޭޓް ކޯޓުތަކަށް ޒިޔާރަތް ކުރުމުން، އެ ތަނުގެ މުވައްޒަފުންގެ މައިގަނޑު ޝަކުވާއަކީ ވެސް އެއީ އެވެ.
ޖުޑިޝަލް އެޑަމަކީ އަލުން އެކުލަވާލުމަށް ފަހު، އަދި މަދަނީ އިޖުރާއަތުގެ ގާނޫނު ވުޖޫދު ކުރެވުމުން އެއާ ގުޅުން ހުރި ތަމްރީންތަކުގައި ރާއްޖޭގެ ހުރިހާ ކޯޓެއްގެ މުވައްޒަފުން ވަނީ ބައިވެރިކޮށްފަ އެވެ. ރިޒުނާ އެ ކަން ސިފަކުރެއްވީ، "ސިސްޓެމެޓިކް ގޮތެއްގައި" ތަމްރީންތައް ހިންގުން ކަމުގަ އެވެ.
"އެއި ކުރިއާ ހިލާފަށް ބޮޑު ތަފާތެއް، މި ފަހަރު އަޅުގަނޑުމެން ބައިވެރިކުރިން ޝަރީއަތް ހިންގުމުގައި ބައިވެރިވާ ހުރިހާ މުވައްޒަފުން. މެޖިސްޓްރޭޓުންނަށް އެހީތެރިވެދެއްވަން ތިއްބަވާ ބޭފުޅުންނަށް އެ ބޭނުންވާ ތަމްރީން ލިބިގެންނޭ ކޯޓުތަކުގެ ހިންގޭ މައްސަލަތައް އަވަސް ވާނީ،" ރިޒުނަ ވިދާޅުވި އެވެ.
މަދަނީ އިޖުރާއަތުގެ ގާނޫނަށް އަހުލުވެރިކުރުމުގެ އިތުރަށް، އެހެން ގާނޫނުތަކަށް އަހުލުވެރިކުރުމަށް ވެސް ތަމްރީން ޕްރޮގްރާމްތައް ހިންގާފައިވެ އެވެ. ޖިންސީ ކުށުގެ މައްސަލަތަކުގައި ހުކުމް ލިޔުމުގައި ގެންގުޅޭނެ މިންގަނޑުތަކާއި، ކޯޓުތަކުގެ ނިންމުންތަކާ ގުޅިގެން މީޑިއާއަށް މައުލޫމާތު ދިނުމުގައި ގެންގުޅޭ މިންގަނޑުތައް ފަދަ ގިނަ ތަމްރީންތަކެއް ދީފައިވެ އެވެ.
ރިޒުނާއަށް ލިބޭ ހިތްހަމަޖެހުމަކީ ތަމްރީން ޕްރޮގްރާމްތައް ހިންގޭ މިންވަރުގެ އަދަދު ފަހުން އިތުރުވުމުގެ އިތުރަށް، އިންތިޒާމުވެގެން ހިންގުނު ޕްރޮގްރާމްތަކަކަށް ވާތީވެ، ޝަރުއީ ދާއިރާގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ މުވައްޒަފުން ވެސް އޭގައި ބައިވެރިކުރެވުމެވެ.
ޝަރުއީ ދާއިރާގެ 80 މުވައްޒަފުންނާއެކު ތަމްރީން ޕްރޮގްރާމެއް
ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކާއި ގުޅިގެން ކޯޓުތަކުގައި އުފެދިފައިވާ ޖިންސީ ފުރައްސާރައާއި ގުޅޭ ޝަކުވާތައް އިތުރުވާ ކަން ފާހަގަ ކުރެވޭތީ، ކޯޓުތަކުގެ ތެރޭގައި ހުރި މިންވަރު ދެނެގަތުމަށް ދިރާސާ ކުރަން ފެށިކަން ޖުލައި 2019 ގަ ޖުޑީޝަލް ސަރވިސް ކޮމިޝަނުން އިއުލާނު ކުރި.
ޝަރުއީ ދާއިރާގެ 80 މުވައްޒަފުންނާއެކު ތަމްރީން ޕްރޮގްރާމެއް
ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކާއި ގުޅިގެން ކޯޓުތަކުގައި އުފެދިފައިވާ ޖިންސީ ފުރައްސާރައާއި ގުޅޭ ޝަކުވާތައް އިތުރުވާ ކަން ފާހަގަ ކުރެވޭތީ، ކޯޓުތަކުގެ ތެރޭގައި ހުރި މިންވަރު ދެނެގަތުމަށް ދިރާސާ ކުރަން ފެށިކަން ޖުލައި 2019 ގަ ޖުޑީޝަލް ސަރވިސް ކޮމިޝަނުން އިއުލާނު ކުރި.
ރާއްޖޭގެ ޖުޑިޝަރީ ހިނގަމުންދާ ގޮތް ޒުވާނުންނަށް ތަޖުރިބާކުރެވޭ ގޮތަށް ފަރުމާކޮށް, ދާދި ފަހަކުން ބޭއްވި "ޖުޑިޝަރީ ފޮ ޖޫނިއާސް" ވޯކްޝޮޕްގެ ސަބަބުން ވެސް ޝަރުއީ ދާއިރާއަށް ބޭނުންވާ މުވައްޒަފުން ހޯދޭނެ ކަމުގެ އުންމީދެއް ލިބުނު ކަމަށް ރިޒުނާ ވިދާޅުވި އެވެ.
"މިހާރުން މިހާރަށް ވެސް ޝަރުއީ ދާއިރާގެ ތެރޭގައި އިންޓާންޝިޕް ފުރުސަތުތަކަށް އެ ކުދިންގެ ޝައުގުވެރިކަން ހުރި ކަން އަދި ކުރިމަތިލާނެ ކަން އެނގުނު، ކުރިއަށް އޮތް ތަނުގައި، ރެކްރޫޓްމަންޓަށް ފަންނީ ޒުވާނުން ލިބިގެންދާނެ ކަން،" ވޯކްޝޮޕްގެ ތަޖުރިބާ ރިޒުނާ ވިދާޅުވި އެވެ.
އިންޓާންޝިޕް ޕްރޮގްރާމްތައް، އިންތިޒާމީ ގޮތެއްގައި ހިންގަމުންދާތާ ދެ އަހަރެއްހާ ދުވަސް ވެއްޖެ ކަން ރިޒުނާ ފާހަގަ ކުރެއްވި އެވެ. މިހާރު ބޭނުން ވަނީ އެ ޕްރޮގްރާމްތައް މާކެޓްކޮށް އޭގެ ތަރުހީބު އިތުރު ކުރުން ކަމަށާއި، ވޯކްޝޮޕްގެ ސަބަބުން އެ ކަމަށް މަގުފަހިވެގެން ދިޔަ ކަމަށް ރިޒުނާ ވިދާޅުވި އެވެ.
އޭގެ އިތުރަށް ގާނޫނީ ދާއިރާއިން ކިޔަވައި ނިމިގެން ވަކީލު ކަމުގެ ލައިސަންސް ހޯދުމަށް، ބާ ކައުންސިލުން ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަކުރުމަށްޓަަކައި އެ ކުދިންނަށް ވެސް އިތުރު ތަމްރީނުތައް ބޭނުންވާ ކަން ރިޒުނާ ފާހަގަ ކުރެއްވި އެވެ.
"އެފަދަ ކަންކަން ފަހިވެގެން ދިއުމަކީ ވެސް އަޅުގަނޑުމެންގެ އިންޓާންޝިޕް ޕްރޮގްރާމް އިތުރަށް ފުރިހަމަވެގެންދާނެ ކަމެއް. އެ ގޮތުން އަޅުގަނޑުމެން ބާ ކައުންސިލާ އެކު ވެސް ވަނީ އެފަދަ ވާހަކަތަކެއް ދެކެވިފައި،" ރިޒުނާ ވިދާޅުވި އެވެ.
ކޯޓުތައް ހިންގުމުގައި ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ކޯޓުތައް ހިންގާ އިމާރާތްތަކުގެ ހާލެވެ. މާލޭގައި ހުރި ސުޕީރިއާ ކޯޓުތަކުން ފެށިގެން، ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތައް ހިންގާ އިމާރާތްތަކުގެ ފެންވަރު ދަށެވެ. ބައެއް ރަށްރަށުގައި ކޯޓުތައް ހިންގަނީ ކައުންސިލް އިމާރާތުގައި ހިމެނޭ ކުޑަކުޑަ ޖާގައެއްގަ އެވެ.
"ޖިނާއީ ތުހުމަތުގައި ގެނެވޭ ފަރާތް ވިޔަސް، ދައުލަތުގެ ވަކީލު ވިޔަސް، މެޖިސްޓްރޭޓް ވެސް، މުވައްޒަފުން ވެސް، ހުރިހާ ބޭފުޅުން ވެސް މި ތިބެނީ އެކަކު އަނެކަކުގެ އަތް ޖެހޭ ހިސާބުގައި، އެއީ މުދަލަށާއި ތަކެއްޗަށާއި މުވައްޒަފުންނަށް ވެސް ވަރަށް ބޮޑު ރިސްކެއް އަދި ތްރެޓެއް." ރިޒުނާ ވިދާޅުވި އެވެ.
2016 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރާ ހަމައަށް، އެއްވެސް ކޯޓު އިމާރާތެއް އެޅުމަށް ނުވަތަ ކުރިން އޮތް އިމާރާތެއް މަރާމާތު ކުރުމަށް ވެސް ބަޖެޓްގައި ހިމެނިފައިނުވާ ކަން ވެސް ރިޒުނާ ފާހަގަ ކުރެއްވި އެވެ.
"2020 ވަނަ އަހަރުގެ ބަޖެޓުގައި ހިމެނުނު ޕްރޮޖެކްޓްތައް 2021 އިން ފެށިގެން ޕްރޮޖެކްޓްތައް ކުރިއަށް އެބަ ދޭ. ކޮންމެ އަހަރެއްގެ ވެސް ޕީއެސްއައިޕީ ބަޖެޓްގައި، ކޮންމެ ވެސް ކޯޓެއްގެ އިމާރާތް އެޅުމަށް،" ރިޒުނާ ވިދާޅުވި އެވެ.
އިމާރާތްތަކުގެ ފެންވަރު ރަނގަޅު ކުރުމުގެ އިތުރަށް، ކޯޓުތަކުގައި ސީސީޓީވީ ކެމެރާތައް ގާއިމްކޮށް، އެއް ނެޓްވޯކްއަކަށް ކޯޓުތައް ގުޅައިލުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާ ކަން ރިޒުނާ ފާހަގަ ކުރެއްވި އެވެ. އޭގެ ބޭނުމަކީ ވެސް ކޯޓުތަކުގެ ސެކުއިރިޓީއާއި ރައްކާތެރިކަން އިތުރުކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.
މަސައްކަތްތަކެއް ކުރެވިއްޖެ އެވެ. އެކަމަކު ކުރަން ހުރި މަސައްކަތްތައް އަދިވެސް ގިނަ އެވެ. ރިޒުނާ ވިދާޅުވީ، އުންމީދަކީ ދެން ކުރަން ހުރި މަސައްކަތްތައް ރަނގަޅު ދުވެލީގައި ގެންގޮސް ކޯޓުތަކަކީ ފަސޭހަ ކަމާއެކު އަދި އަވަސް ކަމާއެކު އިންސާފު ފޯރުކޮށްދިނުމުގެ ގާބިލުކަން ލިބިފައިވާ މުއައްސަސާތަކަކަށް ހެދުން ކަމަށެވެ.
100.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ޗފރފރ ފރ
about 2 years ago
ޖުޑީޝަރީ ވަރަށް ފާސްޓު، އަހަރަކު 2 މައްސަލަ ނުބެލޭ، ރިޓާޔާ ކުރީމާ ނުބައްދަލު އެލަވަންސް ލިބޭ..
އިބްރާހީމް
about 2 years ago
ކީކޭ. ހުރިހާ މުވައްޒަފުންނަށް ތަމްރީނޭ؟ އެހެންވީމަ ޗީފް އަށް އެނގިނުލައްވާ ދެއްތޯ ކަންކަން ހިނގަމުންދަނީ
ހުޝާމު
about 2 years ago
ރިޒުނާ ޑީޖޭއާ ޙަވާލުވީ 2020 ވަނަ އަހަރުގެ ފަހުކޮޅު. ކްލަސްޓާ ނިޒާމު ގެނެސް އޮންލައިންކޮށް ހުރިހާ ކޯޓެއްގައި ވަސީލަތް ހަމަކޮށް އެތަންތަން ނެޓްވޯކަކުނ ްގުޅާލުމުގެ ބިޔަ މަސައްކަތް ދިރާގާ ޙަވާލުކޮށްގެން ފެށީ 2019 ވަނަ އަހަރުގެ ފެބްރުއަރީގައި. އެންމެ ގިނަ ތަމްރީނުތަށް ހިންގީ މިއަހަރު. ދެން ރިޒުނާ ކުރީ ކޮންކަމެއްބާ؟
ޞަލަން
about 2 years ago
ޜިޒްނާ ކައިރީ ބުނޭ އިސްތިއުފާ ދޭށޭ.. ކޮބާހޭ ސްޓެޕް އެލަވެންސް
އީސާ
about 2 years ago
މާ މޮޅު ވާހަކަ ނުދައްކާ މިހާރުވެސް ވާނުވާގަ އެތިބީ ކިތައް މީހުން .ގާޒީ އަކު ކޯޓަކަށް ބަދަލުވެއްޖެއްޔާ ެ ގާޒީ ބަލާ ހުރިހާ މައްސަލައެއް ޕާކު ވެފަ 2 އަހަރު . މީ އިންސާފް . އިބްތިދާއީ އަޑު އެހުން ނުނިމި 3 އަހަރު . .މީ އިންސާފް .
Comment