Advertisement

ޑްރަގާއެކު އެތެރެވާ މީހުން އަނބުރާ ފޮނުވާލުން؛ ކުށް ކުރުމަށް ވެދެވޭ އެހީއެއް!

12 ފެބުރުވަރީ 2023 - 09:02 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ޑްރަގު ބޭނުން ކުރާ ތަނެއްގައި ފުލުހުން ހަރަކާތްތެރިވަނީ: އާ ގަވައިދަށް ވަނީ ފާޑުކިޔުން ބޮޑުވެފައި - ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު


ޑްރަގާއެކު އެތެރެވާ މީހުން އަނބުރާ ފޮނުވާލުން؛ ކުށް ކުރުމަށް ވެދެވޭ އެހީއެއް!

12 ފެބުރުވަރީ 2023 - 09:02 0

އެކި ގައުމުތަކަށް މަސްތުވާތަކެތި އެތެރެކުރުމުގައި، އެ ގައުމަކަށް ވަނުމުގެ ބަދަލުގައި ޓްރާންސިޓްވުމަށްފަހު، މަސްތުވާތަކެތި އެތެރެކުރެވޭ ގޮތް ހަދައި، އެ ގައުމު ދޫކޮށް ދިއުމަކީ މަސްތުވާތަކެތީގެ ބޮޑެތި ނެޓްވޯކުތަކުން ގެންގުޅޭ އާާންމު އުކުޅެކެވެ. ޓްރާންސިޓުވާ ބަނދަރަށް މިގޮތަށް ލަގެޖު ދޫކޮށްލަނީ އެ ލަގެޖާ ހަވާލުވުމަށް އެ ބަނދަރެއް ހިންގާ އިދާރާގެ އެންމެ އެތެރެއިން މީހުން ހޯދައި ހަމަޖެއްސުމަށްފަހުގަ އެވެ.

މަސްތުވާތަކެތި އެތެރެކުރުމުގެ ނުރައްކާތެރި ވިޔަފާރި މިގޮތަށް ކުރަމުން ގެންދަނިކޮށް، މިހާރު އަމަލުކުރަން ފެށި ގަވާއިދުގެ ދަށުން، އެ އިޖުރާއަތު ރަސްމީ ވެސް ވެގެން ދިޔައީ އެވެ. ދެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހާ ރާއްޖެ ދޫކޮށް ފުރައިގެންދާނީ ތަންފީޒީ އިދާރާތަކުގެ ބައިވެރިވުމާ ވެސް އެކުގަ އެވެ. ރާއްޖޭގެ ފަސްގަނޑުގައި ކުށެއް ކުރުމަށްފަހު، ރާއްޖެ ދޫކޮށް ދިއުމުގައި އޭނާއަށް ގާނޫނީ ހުރަހެއް ނެތެވެ.

ގަވާއިދު އުފެދިގެން އައި ގޮތް

'ވައިގެ މަގުން ދިވެހިރާއްޖެ އަށް އަންނަ ބިދޭސީއަކު ދިވެހިރާއްޖެ އަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅޭކަމަށް ޝައްކު ކުރެވޭ ހާލަތްތަކުގައި އެ ފަރާތްތަކާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދު'ގެ ނަމުގައި 26 ޖެނުއަރީ 2023 ގައި ގެޒެޓުކުރެވުނު ގަވާއިދު ވުޖޫދުވެގެން އައިސްފައިވަނީ ވެސް ރާއްޖެއަށް މިގޮތަށް މަސްތުވާތަކެތި އެތެރެކުރި ފަރާތެއް އަތުލައިގަތުމަށްފަހު ކުރެވުނު މަޝްވަރާތަކެއްގެ ތެރެއިންނެވެ.

އެގޮތުން މި ރިޕޯޓަށް މައުލޫމާތު ދިން މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ އިސް މަގާމެއްގައި ހުންނެވި ބޭފުޅަކު ވަނީ މި ގަވާއިދު އުފެދިގެން އައި މަގުޗާޓު ހިއްސާކުރައްވާފަ އެވެ.

އެބޭފުޅާ ވިދާޅުވި ގޮތުގައި މީގެ ކުރިން މަސްތުވާތަކެތީގެ މައްސަލައެއްގައި ރާއްޖެއަށް މަސްތުވާތަކެތި ގެނައި މީހަކަށް ކަސްޓަމްސްއިން ފާރަލަމުންދިޔަ އެވެ. އަދި އެ މީހާގެ ލަގެޖު ނަގައި ފާސްކުރި ކަމަށް ވިދާޅުވި އެވެ.

"ލަގެޖު ނަގާފަ ދެން މި ހޯދީ މީހާ، މީހާ އޭރު ކަސްޓަމްސް އާ ހިސާބަށް ނާދޭ، ދެން ބެލިއިރު މި އިނގުނީ މީހާ އެކޮޅުން (އިމިގްރޭޝަން) އިން ހިފަހައްޓާފަ ހުރިކަން، ދެން އެމީހާ ކަސްޓަމްސް ކޮޅަށް ދޫކޮށްލަން އެދުނީމަ އިމިގްރޭޝަން އިން އެ މީހާ ރާއްޖެއަށް ވައްދަން އެއްބަހެއް ނުވި," އެބޭފުޅާ ވިދާޅުވި އެވެ.

އޭރު ކަސްޓަމްސްގެ އޮފިޝަލުންނަށް އެމީހާ އިމިގްރޭޝަންއިން ހިފެހެއްޓި ސަބަބެއް ނޭނގެ އެވެ. އެހެންކަމުން އިމިގްރޭޝަންއަށް މަސްތުވާތަކެތީގެ މައްސަލައިގެ ވާހަކަ އެންގި ކަމަށާއި އެ ހިސާބުން އިމިގްރޭޝަންއިން ބޭނުންވީ އިތުރަށް އެ މީހާ ރާއްޖެ ނުވެއްދުމަށް ކަމަށްވެސް އެބޭފުޅާ ވިދާޅުވި އެވެ.

"އެމީހުން ބޭނުންވީ ފޮނުވާލަން، ޑީޕޯޓް ކޮށްލަން، އެހެންވީމަ އެގޮތަށް އެ މައްސަލައިގަ ކަންތައް ކުރީ," އެބޭފުޅާ ވިދާޅުވީ އެ މައްސަލަ ކުރިއަށް ގެންދެވުނީ އެންމެ އެކަށޭނަ ގޮތައް ނޫން ކަމަށް ދެކިގެން ފަހުން ތަންފީޒީ އިދާރާތަކުން މަޝްވަރާތަކެއް ކުރި ކަމަށެވެ.

ދެވަނަ ފަހަރަށް އެފަދަ ކަމެއް ނުވުމަށް އެދިގެން ފުލުހުންނާއި، ކަސްޓަމްސް އަދި އިމިގްރޭޝަންއިން އޭރު ކުރެވުނު މަޝްވަރާތަކުގެ މައްޗަށް އުސޫލެއް ނުވަތަ މިންގަނޑެެއް އެކުލަވާލުމަށް މަޝްވަރާކުރި ކަމަށް އެބޭފުޅާ ވިދާޅުވި އެވެ. އަދި އޭރު ހެދި ޑްރާފްޓު ފަހުން އެޓާނީ ޖެނެރަލަށް ފޮނުވުނު ކަމަށާއި މި ގަވާއިދު ހެދިފައިިމިވަނީ އެ ޑްރާފްޓުގެ މައްޗަށް ކަމަށް އެބޭފުޅާ ވަނީ "އަދަދު" އަށް ކަށަވަރު ކޮށްދީފަ އެވެ.

ނަމަވެސް މި ގަވާއިދުގެ އެކި މާއްދާތަކާއި އެބޭފުޅާގެ ވިސްނުން ތަފާތެވެ.

"މިހާރު ގަވާއިދެއްގެ ގޮތަށް ގެޒެޓުކުރެވުނު އެއްޗަށް ބަލާއިރު ފުރަތަމަ ކުރެވުނު މަޝްވަރާތަކާ މި ގަވާއިދާ ތަފާތު," އެ ބޭފުޅާ ވިދާޅުވި އެވެ.

ގަވާއިދު ބަދަލުކުރުމަށް އެދި މަޖިލީހަށް ކުއްލި މައްސަލައެއް

މި ގަވާއިދަށް ކުރިމަތިވަމުން އަންނަ ފާޑުކިޔުންތައް ދަނީ އިތުރުވަމުންނެވެ. ސަރުކާރުގެ ތެރެއިންނާއި، ވެރިކަން ކުރާ ޕާޓީ އަދި އިދިކޮޅު ސިޔާސީ ފަރާތްތަކާއި އާންމުން ވެސް މި ގަވާއިދާ އެއްބަސްވުމުގެ ބަދަލުގައި އެކި ގޮތްގޮތުން ދަނީ ސަރުކާރަށް ފާޑުކިޔައި ޕްރެޝަރު ކުރަމުންނެވެ.

އެގޮތުން ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީގެ ތެރޭގައި ރައީސް ސޯލިހާ ދެކޮޅަށް އޮތް ފެކްޝަނުން ހޮނިހިރު ދުވަހު ވަނީ މަޖިލީހަށް ކުއްލި މައްސަލައެއް ވެސް ހުށަހަޅާފަ އެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހެޅުއްވި އެ ކުއްލި މައްސަލައިގައި ވިދާޅުވެފައިވަނީ މި ގަވާއިދުގައި، މަސްތުވާތަކެއްޗާ ބެހޭ ގާނޫނާ ތައާރުޒުވާ ކަންކަން ހުރި ކަމަށާއި އެ ބައިތައް އުނިކުރަން ޖެހޭ ކަމަށެވެ.

އަދި މި ގަވާއިދަކީ އެމްޑީޕީގެ ސިޔާސަތެެއް ކަމަށްވާ 'މަސްތުވާތަކެއްޗައް ހުޅުވި ދޮރުތައް ބަންދު ކުރުން' އާ ދިމާ އިދިކީލަ ގަވާއިދެއްކަން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވިދާޅުވެފައި ވެ އެވެ.

"ގަވާއިދު މިހާރު އޮތް ގޮތުން.... މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބޮޑެތި ނެޓްވޯކްތަކުން ރާއްޖެ އަކީ އެ ވިޔަފާރީގެ މަންޒިލަކަށް ހަދައި، ދައުލަތާއި ރައްޔިތުން ނުރައްކަލުގެ ތެރެއަށް ވައްޓާލުމުގެ ފުރުސަތު ހުޅުވިގެންދާނެ އެވެ"

މިއީ އެ ކުއްލި މައްސަލައިގައި އިތުރަށް ބަޔާންކޮށްފައިވާ ނުކުތާއެކެވެ.

ނަމަވެސް ހަގީގަތަކީ ދެކުނު އެމެރިކާއިން އޭޝިއާގެ ގައުމުތަކަށް އެތެރެކުރާ މަސްތުވާތަކެތި، ހާއްސަކޮށް ކޮކެއިން ޓްރެފިކް ކުރާ ރޫޓުގައި ރާއްޖެ ފާހަގަވެފައިވާތާ ދުވަސްތަކެއް ވެއްޖެ ކަމެވެ. މިކަމަށް ހެކިދެނީ ފާއިތުވި ދެތިން އަހަރު ބްރެޒިލް އިން ރާއްޖެއަށް ދަތުކުރި މީހުންގެ އަތުން އަތުލައިގަތް މަސްތުވާތަކެތީގެ މައްސަލަތަކުންނެވެ.

އެގޮތުން؛

ފެބްރުއަރީ 4، 2022: ބްރެޒިލް މަގުން އައި އެ ގައުމުގެ 21 އަހަރުގެ ފިރިހެނަކާއި، 23 އަހަރުގެ އަންހެނެއްގެ ލަގެޖުން 4.2 ކިލޯގެ ކޮކެއިން އަތުލި.

މާޗް 1، 2022: ރާއްޖެ އެތެރެކުރި ޕާރުސަލްތަކެއްގައި ހުރި 2.228 ކިލޯގެ ކޮކެއިން އަތުލައިގަތް.

މެއި 3، 2022: ރާއްޖެ އައި މީހެއް 4.226 ކިލޯގެ ކޮކެއިން އެތެރެކުރި. އެ މައްސަލައިގައި އޭނާގެ އިތުރުން ދިވެއްސަކު ހައްޔަރުކުރި.

2021 ގައި ރާއްޖެ އެތެރެކުރި ޖުމްލަ 48 ކިލޯގެ ކޮކެއިން އަތުލައިގަތެވެ. އެއީ އެ އަހަރު ރާއްޖެއިން އަތުލައިގަން މަސްތުވާތަކެތީގެ 88 އިންސައްތަ އެވެ.

16 ނޮވެމްބަރު 2022 ގައި ބްރެޒިލް އިން ރާއްޖެ އައި މީހެއްގެ އަތުން އަތުލައިގަތް ހަތަރު ކިލޯގެ ކޮކެއިން - ފޮޓޯ: ކަސްޓަމްސް


ހަސަން ލަތީފު ހުށަހެޅުއްވި ކުއްލި މައްސަލަ ނިންމާލަމުން ފާހަގަކުރައްވާފައިވަނީ މި ގަވާއިދާއި މަސްތުވާތަކެއްޗާ ބެހޭ ގާނޫނާ ތައާރުޒުވާ ކަމަށް ބުނާ ބައިތަކެވެ. އެގޮތުން އެ ގާނޫނުގައި މަސްތުވާތަކެތި ޓްރެފިކް ކުރުމުގައި އުޅުމަކީ ނުވަތަ ޓްރެފިކް ކުރަން އެހީތެރިވެދިނުމަކީ ނުވަތަ ޓްރެފިކް ކުރުމުގައި އެއްވެސް ސިފައެއްގައި ބައިވެރިވުމަކީ ކުށެއް ކަމަށާއި، މި ގަވާއިދުގެ ސަބަބުން ޓްރެފިކިންގައި ބައިވެރިވާ ފަރާތެއް ކުށުގެ އަދަބު ނުލިބި ދޫވާކަން ވަނީ ފާހަގަކުރައްވާފަ އެވެ.

ޕީޖީ ވިދާޅުވަނީ މިއީ "ކުރިންވެސް އަމަލުކުރި ގޮތް" ކަމަށް!

މި މައްސަލައިގައި ދައުލަތުގެ ތަންފީޒީ އިދާރާތަކުގެ އިސްވެރިންގެ އަރިހުން ރަސްމީ ބަހެއް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ނަމަވެސް، ކުރިމަތިވެފައިވާ ފާޑުކިޔުންތަކާ އެކު ގިނަ ފަރާތްތަކުން އަދި މި މައްސަލައިގައި ބަހެއް ބުނެފައެއް ނުވެ އެވެ.

ނަމަވެސް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވަނީ ކުރު ޖަވާބެއް ދެއްވާފަ އެވެ. އެގޮތުން ޝަމީމް "އަދަދު" އަށް ވިދާޅުވީ މިއީ އިމިގްރޭޝަން ގާނޫނުން ކޮންޓްރޯލަރަށް ލިބިދޭ ބާރެއް ކަމަށެވެ. އަދި މިއީ އާ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

ޕީޖީ ހުސައިން ޝަމީމް މިހެން ވިދާޅުވި ނަމަވެސް، އެ ގަވާއިދު ހެދުމަށް ބާރުލިބިދިންކަމަށް އެ ގަވާއިދުގައި ހަވާލާދޭ، އިމިގްރޭޝަންގެ ގާނޫނުގެ 8 ވަނަ މާއްދާގައި ބުނަނީ މުޅީން އެހެން ވާހަކައެކެވެ. އެ މާއްދާގައި އޮންނަނީ ރާއްޖެއަށް އެތެރެވުމުގެ ކުރިން ކުށެއް (ހާއްސަކޮށް ޓެރަރިޒަމްގެ ކުށްތައް) ކޮށްފާނޭ ކަމަށް ތުހުމަތުކުރެވޭ މީހުން ރާއްޖެ އެތެރެވިޔަ ނުދީ އަނބުރާ ފޮނުވާލުމުގެ ބާރު އިމިގްރޭޝަނަށް ލިބިގެންވާ ކަމަށެވެ. އެހެންނަމަވެސް މި ހާލަތަކީ ރާއްޖޭގެ ފަސްގަނޑުގައި ޖިނާއީ ކުށެއް ކުރުމުގެ ހާލަތެވެ.

މިއީ 'ކުރިންވެސް އަމަލުކުރި ގޮތް' ކަމަށް ޕީޖީ ޝަމީމް ވިދާޅުވި ނަމަވެސް، ފުލުސް އޮފީހުން ލިބެންހުރި މައުލޫމާތުތަކަށް ބަލާއިރު، 2018 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް ވައިގެ މަގުން މަސްތުވާތަކެތި އެތެރެކުރުމުގެ ތުހުމަތުގައި 35 މީހުން ހައްޔަރުކޮށްފައިވެ އެވެ. އެ އެންމެންގެ މައްޗަށް ދައުވާ އުފުލުނުއިރު އަށް މީހެއްގެ މައްޗަށް ކުށް ސާބިތުވެފައި ވެސް ވެ އެވެ. އެހެންކަމުން، ކުރިން އަމަލުކުރާ ގޮތަކީ މަސްތުވާތަކެތި އެތެރެކުރާ މީހުން ހައްޔަރުކުރުމަށްފަހު އެ މީހުންގެ މައްޗަށް ޖިނާއީ އަދުލުގެ ނިޒާމު ހިންގުމެވެ.

ހަރަދު ކުޑަގޮތް؟

މި ގަވާއިދާ އެއްގޮތަށް މަސްތުވާތަކެއްޗާއެކު 'ޓްރާންސިޓް' ވާ ފަރާތްތައް ރާއްޖެއަށް ނުވައްދާ ޑީޕޯޓް ކޮށްލުމުގެ އަނެއް މަގުސަދަކީ އެ ފަރާތްތައް ރާއްޖޭގެ ޖަލުތަކުގައި ބަންދުކޮށް ކުރަންޖެހޭ ހަރަދު ކުޑަކުރުމެވެ.

ރާއްޖޭގެ ޖަލުތަކުގައި މިވަަގުތު ވެސް އެންމެ ގިނައީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރުކޮށްފައި ތިބި މީހުންނެވެ. ދައުލަތުގެ ހަރަދުގައި ތިބޭ މި ފަރާތްތަކުގެ ތެރެއަށް އިތުރުކުރެވޭ ކޮންމެ ބޮލެއް ވެގެންދާނީ ހަމަ ދައުލަތުގެ ބޮލުގައި އެޅޭ ހަރަދަކަށެެވެ. ޓެކްސް ފައިސާއިން ހޭދަވާ ބޮޑު ހޭދައަކަށެެވެ. މި ގަވާއިދުގެ އެއް އަސްލަކީ ހަރަދު ކުޑަކުރުން ކަމުގައި ވެސް ބެލެވެނީ މި ސަބަބާ ހެދި އެވެ.

"ހިފެހެއްޓިއަސް، ބިދޭސީއެއް ވެއްޖިއްޔާ އާހިރު ނަތީޖާއަކީ ފޮނުވާލުން ދެއްތޯ، ސާބިތު ނުވެއްޖިއްޔާވެސް މި ޖެހެނީ ފޮނުވާލަން، އޭރުން ޑީޕޯޓުވެސް ނުކުރެވޭ، (މި ގަވާއިދުގެ) އަސްލު އެއް މަގުސަދަކީ ހަރަދުކުޑަ ކުރުން," މި ރިޕޯޓަށް ދެއްވި މައުލޫމާތުގައި ކުރީގެ ޕީޖީ މުހުތާޒް މުހުސިން ވިދާޅުވި އެވެ.

މުހުތާޒު އިތުރަށް ވިދާޅުވީ މިގޮތަށް ފޮނުވާލެވޭ ފަރާތްތަކުގެ އަތުން އަތުލެވޭ ތަކެއްޗަކީ ރާއްޖޭގެ މާކެޓަށް އަންނަ ތަކެއްޗަށް ނުވުމާ އެކު ބަންދުކޮށް އެ މީހާގެ މައްޗަށް ދައުވާކޮށް ސާބިތުކުރުމާއި ނުވަތަ ސާބިތު ނުވުމާ ހިސާބަށް ދިއުމާ ހަމައަށް ދައުލަތުން ބޮޑު ހަރަދެއް ވެގެންދާ ކަމަށެވެ.

"ރާއްޖެ ނޫން ގައުމަކަށް ދާ އެއްޗެއް ގެންނަ މީހަކު ހޯލްޑު ކޮށްގެން، އޭނަ ޖަލަށްލައިގެން، އޭނަގެ ގައުމުން ރާއްޖެއަށް ޕްރެޝަރުކުރާ ހިސާބަށް ގޮސްފައި އެބަހުރި، އެ ހިސާބަށް ދާއިރު ދައުލަތުން ބޮޑު ހަރަދެއް ހިނގާފައި މި އޮންނަނީ," މުހުތާޒުގެ ހިޔާލު ފާޅުކުރައްވަމުން ވިދާޅުވި އެވެ.

އެކްސްޓްރެޑިޝަން ގާނޫނުގެ ދަށުން އެއްބަސްވުންތައް މުހިންމު

މަސްތުވާތަކެތި ޓްރެފިކް ކުރާ ބިދޭސީންގެ މައްސަލައިގައި ދާއިމީ އަދި އެންމެ އެކަށޭނަ ހައްލެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރަނީ އެކްސްޓްރެޑިޝަން ގާނޫނުގެ ދަށުން ހަދާ އެއްބަސްވުންތަކެވެ. ރާއްޖެއާއި އެހެން ގައުމުތަކާއި ދެމެދު ކުށްވެރިން ބަދަލުކުރުމަށް ވެވޭ ބައިލެޓްރަލް އެއްބަަސްވުންތަކެވެ.

2015 ގައި ރާއްޖޭގެ އެކްސްޓްރެޑިޝަން ގާނޫނު ވުޖޫދުވެގެން އައިސްފައިވާ ނަމަވެސް، މިހާތަނަށް އެ ގާނޫނުގެ ދަށުން އެއްވެސް ގައުމަކާ އެކު އެއްބަސްވުމެއްގައި ސޮއިކުރެވިފައެއް ނުވެ އެވެ. މިއީ މިފަދަ މައްސަލަތަކުގައި ރާއްޖެއަށް އިތުރު ޕްރެޝަރު އަންނަ މައިގަނޑު ސަބަބެވެ.

"މިކަމަށް އޮތް އެންމެ ރަނގަޅު ހައްލަކީ، އެކްސްޓްރެޑިޝަން އެގްރީމެންޓުތައް ހެދުން، ޕްރިޒަނާ އެކްސްޗޭންޖް އެގްރީމެންޓުތައް ހެދީމަ ހަރަދު ވެސް ކުޑަވެފައި، ލީގަލް ޕްރޮސެސްގެ ތެރެއިން އެ މީހަކު ހޭންޑް އޯވާ ކޮށްލެވޭނެ," މުހުތާޒް ވިދާޅުވި އެވެ.

އަދި މި އެއްބަސްވުންތައް ނެތުމުގެ ސަބަބުން މީގެ ކުރިން ވެސް ރާއްޖެއަށް އެކި ގައުމުތަކުން ޕްރެޝަރު ކޮށްފައިވާކަން މުހުތާޒް ފާހަގަކުރެއްވި އެވެ. އެގޮތުން މީގެ ކުރިން މިފަދަ ގޮތަކަށް ހައްޔަރުކުރި ރަޝިއާގެ އަންހެނެއްގެ މައްސަލަ ހޫނުވެ އެ ގައުމުން އެކި ފިއްތުންތައް ކުރިމަތި ކުރުވިކަން އޭނާ ފާހަގަކުރެއްވި އެވެ.

ހަގީގަތަކީ، ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހާ އެކުރަނީ ރާއްޖޭގެ ފަސްގަނޑުގައި ކުރާ ޖިނާއީ ކުށެއް ކަމެވެ. އެފަދަ މީހަކު އަނބުރާ ފޮނުވާލުމަކީ ކުށްކުރުމަށް ވެދެވޭ އެހީއަކަށް މެނުވީ ނުވާނެ އެވެ. މިކަމުގެ ހަގީގީ ހައްލަކީ އެފަދަ މީހުންގެ މައްޗަށް ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމު ހިންގުމެވެ. ހަރަދުކުޑަކުރުމަށްޓަކައި ވިޔަސް އެމީހަކު އަނބުރާ ފޮނުވާލާނަމަ، އެކަމަށް ހިޔާރުކުރާ މަގަކީ އެކްސްޓްރެޑިޝަން ގާނޫނު ކަމުގައި ހެދިދާނެ އެވެ.

ރާއްޖެއަށް މަސްތުވާތަކެތި 'ޑެލިވަރީ' ކޮށްލުމަށްފަހު ތަންފީޒީ އިދާރާއެއްގެ އަތްދަށުނުވެ، ފުރައިގެން ދެވޭނޭމަގު ހުޅުވިފައި އޮތުމަކީ އެއަމަލު ކުރާ މީހުންނަށް ލިބޭނޭ އިތުރު ހިތްވަރަކަށް މެނުވީ ނުވާނެ އެވެ.