Advertisement

އިންތިހާބަށް ކަޑަޖެހުން؛ ވެރިން ހައްލު ނުކުރި ބޮޑު މައްސަލަ!

2 ފެބުރުވަރީ 2023 - 11:30 0

އަހުމަދު އާއިދު

އަހުމަދު އާއިދު


އިންތިހާބަށް ކަޑަޖެހުން؛ ވެރިން ހައްލު ނުކުރި ބޮޑު މައްސަލަ!

2 ފެބުރުވަރީ 2023 - 11:30 0

ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި، އެ ޕާޓީގެ ކުރީގެ ޗެއާޕާސަން އަދި ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ބަލި ކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތާރީހީ ކާމިޔާބެއް ހޯއްދެވީ ގާތްގަނޑަކަށް މަސް ދުވަހު ވަރުގަދަ ކެމްޕޭނަކަށް ފަހު އެވެ. ސިޔާސީ ބަހުރުވައިން ބުނާ ނަމަ އެ މުއްދަތުގެ ތެރޭގައި "އިންތިހާބަށް ޖެހި ކަޑައިގެ ގޮތުގައި" ބެލެވޭނެ ކަންކަން ފެނިގެން ދިޔަ އެވެ.

ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުން ފެށިގެން އަދާ ހަމައަށް ކޮންމެ ވެރިކަމެއްގައި ވެސް އިންތިހާބަށް އަމާޒުކޮށް ވައުދު ވުމާއި، މަޝްރޫއު އިއުލާނު ކުރުމާއި ސޮއި ކުރުމާއި، ރިބަންފަށް ކެނޑުން އޮތީ އާދައަކަށް ވެފަ އެވެ. މަޝްރޫއު ފެށުމާއި ނިންމުމާއި ހަވާލުކުރުމާއި، އެއަށް ފަހު "ރަސްމީކޮށް ހަވާލުކުރުން" އެއީ ކެމްޕެއިންގެ ސްޓައިލެކެވެ. މިފަދަ ކުލަގަދަ ބައެއް ހަފުތާތައް ބާއްވާއިރު ތަނުގެ ކުލަ ފަނޑުވެ، އާކަން ހުންނަނީ ގެއްލިފަ އެވެ.

އިދިކޮޅުގައި ތިބޭއިރު، މިފަދަ މަންޒަރުތައް ފަސޭހަކަމާ އެކު ފެނެ އެވެ. ކަޑަޖެހުމާއި ރަސްމިއްޔާތު ބާއްވާއިރު ފާޑުކިޔަން ކޮންމެ ޕާޓީއަކުން ވަރަށް ފަރިތަ އެވެ. ވެރިކަމަށް އައުމުން އެކަން ހަނދާންނެތިގެން ދަނީ ނުލާހި ފަސޭހަކަމާއެކު އެވެ. އިންތިހާބަށް ކަޑަޖެހުމަކީ ރާއްޖޭގެ ވެރިކަމުގެ ސަގާފަތަށް ވެފައިއޮތް އެއް ސަބަބަކީ އެއީ އެވެ.

ނިމިގެންދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ވެސް އެފަދަ ބައެއް މަންޒަރު ފެނުނެވެ. އެ ކެމްޕޭނުގެ ތެރޭގައި ސަރުކާރުން އިއުލާނުކުރި މަޝްރޫއުތަކާއި، ސޮއި ކުރި މަސައްކަތްތަކާއި، ހަވާލު ކުރި ކަންކަން ބަލާއިރު، ޖުމުލަ 34 މަޝްރޫއެއް ފާހަގަ ކުރެވެ އެވެ. އެ މަޝްރޫއުތަކުގެ އަގު 1.67 ބިލިއަނަށް ވުރެ ގިނަ ރުފިޔާ އަށް އަރަ އެވެ.

ޑިސެމްބަރު މަހުގެ ފަހުކޮޅު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިއުލާނު ކުރި ހިސާބުން ސަރުކާރުން ވަނީ ގިނަ މަޝްރޫއުތަކެއްގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އޭގެ ތެރޭގައި؛

  • 5 ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ހެދުން
  • 1 ފުޓްބޯޅަ ދަނޑުގެ ޓާފު ބަދަލުކުރުން
  • 1 ބެޑްމިންޓަން ކޯޓު އެޅުން
  • 5 ސްކޫލެއްގެ ޖާގަ ބޮޑުކުރުން
  • 3 ރަށެއްގައި 30 އެނދުގެ ހޮސްޕިޓަލް
  • 2 ކޯޒްވޭ
  • 10 ރަށެއްގެ ބަނދަރު
  • 2 ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުން
  • 4 ރަށެއްގައި ފެނާ ނަރުދަމާ އެޅުން
  • 1 ބުރިޖުގެ ފީސިބިލިޓީ ސްޓަޑީ

މީގެ އިތުރުން، 29 މަޝްރޫއެއް ހިންގާނެ ބަޔަކު ހޯދުމަށް އިއުލާން ކުރިއިރު، ބިޔަ މަޝްރޫއުތަކުން ތިން ރަށެއްގައި 30 އެނދުގެ ހޮސްޕިޓަލާއި ކުރިން މަޑު ދުވެލީގައި އޮތް ވިލުފުށި އަދި ވެލިދޫ ހޮސްޕިޓަލް ހަވާލުކުރި އެވެ. ވޯޓުލުމަށް ދެ ދުވަހަށް ވެފައިވަނިކޮށް ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ބަންޑާރަ ގޯތި ދޫކުރުމަށް ބިން ކަނޑައަޅައި ސާފުކުރަން ފެށި އެވެ.

މި ލިސްޓްގައި ހިމެނޭ ބައެއް މަޝްރޫއުތަކުގެ ކުރީގެ ސްޕީޑު ވަޒަންކުރާއިރު، ވޭތުވެދިޔަ މަސް ދުވަހުގެ ތެރޭގައި ފެނިގެން ދިޔަ ހަލުވި މިނަކީ އިއްތިފާގެއްތޯ ސުވާލު އުފެދެ އެވެ. މިކަމުގައި ސަރުކާރުގެ ޖަވާބު ވަރަށް ކުރެވެ؛ "މަޝްރޫއުތައް ކުރިއަށްދަނީ ޕްލޭން ކުރެވިގެން، އިންތިހާބާ ދިމާ ކޮށެއް ނޫން،"

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ކޮވިޑާއި ޔޫކްރެެއިން-ރަަޝިޔާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގަށް އައި ބަދަލުތަކާއި، ސަޕްލައި ޗެއިންއަށް އެރި ލޮޅުންތަކުގެ ތެރެއިން މިދިޔަ އަހަރު ވެސް ބައެއް ޕްރޮޖެކްޓްތަކަށް ކޮންމެ ވެސް ވަރެއްގެ ލަސްކަމެއް އައި ކަމަށެވެ.

"މިއަހަރުގެ ބަޖެޓް ކިކްއިން ކުރުމާއެކު ގިނަ ޕްރޮޖެކްޓްތަކެއް ފެށިފައިވޭ. މިއީކީ ކެމްޕޭނާއި ދިމާކޮށް ފެށި ޕްރޮޖެކްޓްތަކެއް ނޫން. ޕްރައިމަރީއަށްފަހު ވެސް ހުއްޓުމެއް ނެތި ޕްރޮޖެކްޓްތައް ކުރިއަށްދާ ތަން، އަދި މެނިފެސްޓޯ ތަންފީޒުވަމުންދާ ތަން ފެންނާނެ،" އޭނާ ވިދާޅުވި އެވެ.

މަޝްރޫއުގެ ހިންގުން މިއުވާން މިގޮތަށް "ތަރުޖަމާ" ކުރެއްވި ނަމަވެސް، ވައުދު ޓޭޕް ފަހަތައް އޮޅާލާއިރު، "އިންތިހާބަށް ތިލަވާ" ޕްރޮޖެކްޓްގެ ގޮތުގައި ތުޅާދޫ އެއާޕޯޓާއި، ހޮސްޕިޓަލްތަކުގެ މަޝްރޫއު އާއި ވިލިނގިލި ކޫއްޑީ ބްރިޖާއި، ކޯޒްވޭތައް އަދި ބައެއް އެހެން މަޝްރޫއުތައް ފާހަގަ ކުރެވެ އެވެ.

މިފަދަ ކަންކަމަށް މީގެ ކުރިން ސަރުކާރަށް ފާޑުކިޔަނީ އިދިކޮޅު ޕާޓީތަކުންނެވެ. މިފަހަރު އެފަދަ ތުހުމަތު ސަރުކާރަށް ކުރީގެ ރައީސް ސޯލިހުގެ ކުރީގެ މިތުރު ނަމަވެސް މިހާރު ސިޔާސީ ހަތުރެއްގެ ގޮތުގައި ހުންނެވި ޕްރައިމަރީގައި ވާދަވެރި ކެންޑިޑޭޓު، އެމްޑީޕީގެ ރައީސް ނަޝީދެވެ.

"އާދެ، މިއީ އިންތިހާބުގެ އަހަރު، ރައީސް މައުމޫންގެ ވެރިކަމެކޭ އެއް ގޮތަށް ކަނޑަ ޖަހާނެ ވަރަށް ގިނައިން، ފުޓުސަލް ދަނޑާއި، ފެނާއި ނަރުދަމާއާއި، ބަނދަރާއި، މިހެން ގޮސް ވަރަށް ގިނަ ސޮއިކުރާނެ،" ޖެނުއަރީ 17 ވަނަ ދުވަހު ކ. ކާށިދޫގައި ހުންނަވާ އެ މަނިކުފާނު ވިދާޅުވި އެވެ.

'ކަޑަ ޖެހުން' ހުއްޓާލުމަށް އެ މަނިކުފާނު ގޮވާލެއްވި އެވެ.

އެ ތުހުތަމަތުތަކާ ގުޅޭ ގޮތުން "ފިކުރެއްގެ ދިރުމަށް" ތާއިދު ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ މި ސަރުކާރާ ދިމާލަށް މިއަދު ކިޔަން ޖެހިފައިވަނީ ކުރީގެ ރައީސް ޔާމީނުގެ ސަރުކާރަށް ކީ ފާޑުކަމަށެވެ. އޭނާ އެ ވިދާޅުވީ އިންތިހާބަށް އަމާޒުކޮށް ވަޒީފާ ދިނުމާއި، ވަސީލަތްތައް ބޭނުންކުރުމާއި މަޝްރޫއުތައް ފެށުމުގެ ވާހަކަ އެވެ.

އެ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ،"ކުރިން ވެފަހުރި ވައުދުތައް ނުފުއްދާ ރަށްރަށަށް ވަޑައިގެން އައު ވައުދުތަކުގެ ގޮތުގައި ވައުދުވެފަ [އެބަހުރި]،" ކަމަށާއި "އެއްވެސް ލިޔެކުމެއް ނުވަތަ ޕްލޭންއެއް ނެތް ކަންކަން ވެސް އެބަހުރި" ކަމަށެވެ.

އެފަދަ އެއް މިސާލެއްގެ ގޮތުގައި އޭނާ ނެންގެވީ ރައްޔިތުންގެ މަޖިލީހުގެ ށ. ކޮމަންޑޫ ދާއިރަގެ ބައި އިލެކްޝަނާ ދިމާކޮށް ސަރުކާރުން އޮއްސާލި ވައުދުތަކެވެ. އެ ދާއިރާގެ ގޮނޑި އެމްޑީޕީއަށް ދިން ނަމަވެސް އެ އިންތިހާބަށް ޖެހި ކަޑަތަކުގެ ބުޑު ފީވެ، ބާރު މިހާރު ދަށްވެ، ހަލުވިކަން ވަނީ ގެއްލިފަ އެވެ.

ސިޔާސީ ފައިސާގެ ހާމަކަން

އިންތިހާބުތަކާ ދިމާކޮށް މިގޮތަށް ކުރަމުންދާ ކަންކަން ގާނޫނުގެ ތެރެއިން ހުއްޓުވުމަކީ އަލަށް ދެކެވޭ ވާހަކައެއް ނޫނެވެ. އިދިކޮޅުގައި އޮންނައިރު ނުލާހިއިރު ބޮޑަށް ފާޑުކިޔަ އެވެ. އެފަދަ މަޝްރޫއުތައް ވެސް ފެނެ އެވެ. ނަމަވެސް އިންތިހާބުވުމުން، ކުރިން ދެއްކި ވާހަކަތައް ހަނދާނުގައި ނުހުރެ އެވެ.

"އިންތިހާބުވާ ކޮންމެ ސަރުކާރަކުން ވެސް މި ގޮވާލުންތަކަށް ބީރު ކަންފަތެއް ދީ، މިނިވަން އިންސާފުވެރި އިންތިހާބީ މާހައުލެއް ގާއިމުކުރުމަށް ކުރަންޖެހޭ މުހިންމު މަސައްކަތްތައް ކުރަން ވަނީ ފަސްޖެހިފައި،" ޖެނުއަރީ އަށްވަނަ ދުވަހު ނެރުނު ބަޔާނުގައި ޓްރާންސްޕޭރެންސީން ބުނެފައިވެ އެވެ.

އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕެއިންގައި ފެނިގެން ދިޔަ އަނެއް މައްސަލައަކީ ރައީސް ސޯލިހުގެ "ރަސްމީ، ނުރަސްމީ ހައިސިއްޔަތު" ސާފު ނުވުމެވެ. އެކަމުގެ ކަންބޮޑުވުން ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ފާޅުކުރި އެވެ.

އެ ޖަމިއްޔާއިން ބުނެފައި ވަނީ ސޯލިހުގެ ކެމްޕޭނު ދަތުރުތަކާއި ރަސްމީ ދަތުރުތައް އެއްކުރުމަކީ، މަގާމުގެ ނުފޫޒު ބޭނުން ކުރުން ކަމަށެވެ. ނަމަވެސް ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން ކޮރަޕްޝަނަށް މަގުފަހިވާ ކަމެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނުކުރައްވާ ކަމަށާއި، ކުރިއަށް އޮތްތަނުގައި ވެސް ނުކުރައްވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން ވިދާޅުވި އެވެ.

ރައްޖޭގެ ސިޔާސީ އަދި އިންސާނީ ހައްގުތަކުގެ ދާއިރާގައި މަސައްކަތް ކުރައްވާ އަހްމަދު މުހައްމަދު (ފޯމީ) ވިދާޅުވީ ރާއްޖޭގައި ޕާޓީތަކުގެ އެތެރޭގެ އިންތިހާބުތަކާއި އާންމު އިންތިހާބުތަކަށް ވެސް ފައިސާ ހަރަދުކުރާ ގޮތާއި ހޯދާ ގޮތުގެ ތަފުސީލު މިހާތަނަށް އެއްވެސް ޕާޓީއަކުން ފުރިހަމައަށް ހާމަކޮށްފައި ނުވާ ކަމަށެވެ.

އެމްޑީޕީ ފަދަ ޑިމޮކްރަސީއަށް ވަކާލާތުކުރާ ޕާޓީއަކާ އަޅާބަލާއިރު އެތެރޭގެ ސިޔާސީ ކެމްޕޭނުތަކުގެ މާލީ ހާމަކަމެއް ނެތްކަން އޭނާ ވިދާޅުވި އެވެ.

މިފަދަ މައްސަލަތަކުގެ ވާހަކަތަކާއި ކަންބޮޑުވުން ފާޅު ނުކުރާ ބަޔަކު ނެތެވެ. މަޖިލީހުގެ މެމްބަރުންނާއި ސިޔާސީ ޕާޓީތަކާއި މުވައްސަސާތަކާއި ސަރުކާރުގެ ވަޒީރުންނާއި ރައީސުލްޖުމްހޫރިއްޔާ ވެސް އެ ކަންބޮޑުވުން ފާޅުކުރެ އެވެ. ނަމަވެސް އިސްލާހުކުރުމުގެ ޖޯޝެއް، މަޖިލީހުގެ ތެރެއިން ވެސް، ސިޔާސީ ޕާޓީތަކުން ވެސް، އިދިކޮޅު ޕާޓީތަކުންނާއި ސަރުކާރުން ވެސް ނުފެނެ އެވެ. އެންމެނަށް މައްސަލައަކަށްވާ މި މައްސަލަ ހައްލުކުރަން އެކަކު ވެސް ބޭނުން ނުވަނީ އެވެ.