Advertisement

ހިރަފުސް އޮބުނުއިރު، އެމްޑީޕީއަށް ވެރިކަން ހައްގެއް ނުވި؟!

1 ފެބުރުވަރީ 2023 - 08:11 2

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ރައީސް ސޯލިހާއި ނަޝީދު: ދެ ބޭފުޅުން ވެސް ރައްޔިތުންނަށް ކިޔައިދެއްވީ އަނެއް ބޭފުޅާގެ ނާގާބިލް ސިފަތައް - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


ހިރަފުސް އޮބުނުއިރު، އެމްޑީޕީއަށް ވެރިކަން ހައްގެއް ނުވި؟!

1 ފެބުރުވަރީ 2023 - 08:11 2

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

މިދިޔަ ހަފުތާ މަސްރަހު ހޫނުކޮށްލީ ސިޔާސީ ޕާޓީއެއްގެ އެތެރޭގެ އިންތިހާބެކެވެ. ސިޔާސީ ކެމްޕެއިނެކެވެ. ސިޔާސީ ކުޅިބައި ހެޔޮވަރުކޮށްލާ ވަރުގަދަ ވާދަވެރިކަމެކެވެ. މި ވާދަވެރިކަމާއި ސިޔާސީ ބާރުވެރިކަމުގެ ޝައުގަށް ސިޔާސީ ފާޑުކިޔުމުގެ އިމުން ނެއްޓި, ދެން ގުޅެން އުނދަގޫވާ ހިސާބަށް ހަމަލާތައް ބަދަލުކުރީ އެވެ. އެ ޕާޓީގެ ސަރުކާރަކުން ފެށި ކަމަށް ބުނާ ކަންކަމުގެ ކްރެޑިޓް އެހެން ފަރާތްތަކަށް އަނބުރާލުމާއި, އެ ޕާޓީގެ ސަރުކާރެއް ސްލޯ ކަމުގެ ޓެގާ އެކު, އެންމެންގެ ހިތަށް ވަން ސުވާލަކީ ވެސް, "އެމްޑީޕީ ވެރިކަމަށް ގާބިލް ހެއްޔެވެ"

ނިމިގެން ދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އަޅައިކިޔަން ލިބުނީ އެމްޑީޕީގެ ދެ ސަރުކާރެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރާއި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރެވެ. ދެ ރައީސުން ރަށްރަށަށް ވަޑައިގެން ހަމައެކަނި އެ ބޭފުޅަކަށް ކެމްޕޭން ކުރެއްވުމުގެ އިތުރަށް، ވާދަވެރި ކެންޑިޑޭޓްގެ ސަރުކާރަށް ފާޑުވިދާޅުވީ ވެސް އިންތިހާއަށެވެ.

އެމްޑީޕީގެ ވެރިކަން ދެމެހެއްޓުމަަށް، އަދި 2023 ގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ރައްޔިތުންނަށް ދެއްކޭން އޮތް އެންމެ ބޮޑު މިސާލަކަށް ވެސް އޮތީ އެމްޑީޕީގެ ދެ ވެރިކަމެވެ. މި ދެ ސަރުކާރުގައި ވެސް ރައްޔިތުންނަށް ބޭނުންވާ ބައެއް ކަންކަން ކޮށްދެވިފައިވެސް ވެ އެވެ. އާސަންދަ، ހިލޭ ޑިގްރީ، ދަތުރުފަތުރު ނިޒާމު ފަދަ ސިޔާސަތުގެ އިންގިލާބުތަކެއް ވެސް ގެނެވުނެވެ. އެކަމަކު ދެ ކެންޑިޑޭޓުން އެއަށް ވުރެ ބޮޑަށް ކިޔައިދެމުން ގެންދިޔައީ، އެ މަދު ހެޔޮ ބަދަލުގެ މައްޗަށް ގިނަވެފައިވާ އެތައް ގޯހެކެވެ.

ޕްރައިމަރީ ކާމިޔާބުކުރި ކެންޑިޑޭޓް ސޯލިހުގެ ސަރުކާރު، ވާދަވެރިޔާ ނަޝީދު ސިފަކުރައްވަމުން ގެންދެވީ މިހެނެވެ. ތަރައްގީގެ ނަމުގައި އަކުންބަކުން ކުޅެނީ އެވެ. މާ ބޮޑަށް ވެސް "ސްލޯ" އެވެ. އެމްޑީޕީގެ ސިޔާސަތުތަކަށް "ރިއެކްޓެއް" ނުކުރެ އެވެ. އެއްވެސް ތަސައްވުރެއް ނެތެވެ. ސޯލިހު ވެސް ނަޝީދު ސިފަކުރައްވަމުން ގެންދެވީ އެފަދަ ގޮތަކަށެވެ. ދައުރުގެ މެދުތެރެއިން ނަޝީދުގެ ވެރިކަން ނިމުމަކަށް އައީ ވެރިކަން ދަމަހައްޓަން ނޭނގޭތީ އެވެ. އެމްޑީޕީގެ ސިޔާސަތުތައް ތަންފީޒުކުރާނެ ދާއިމީ އުކުޅުތަކެއް ވެސް ނޭނގޭތީ، "އުފުރާލެވޭ" ގޮތަށް ގެނައި ތަރައްގީއެއް އޮތީ ކަމުގަ އެވެ.

އެމްޑީޕީގެ ޕްރައިމަރީ ނިމި، ޕާޓީގެ ތެރެއަށް އޮތީ "ހިރަފުސް" ބުރައިފަ އެވެ. ދުރުން މަންޒަރު ބަލަން ތިބޭ ބަޔަކަށް ސިފަވަނީ "ހިރަފުސް" އޮބިގެން އައި ވަގުތު، އެމްޑީޕީގެ އިސް ދެ ލީޑަރުން ވެސް ކުރެއްވި ކަމަކީ، އެމްޑީޕީގެ "އަމިއްލަ ސަންދޯކުގައި މޮހޮރު ޖެހުން" ފަދަ ކަމެއް ކުރުމެވެ.

"ރައީސްގެ ތަސައްވުރެއް ނެތް، ހުދުމުހުތާރު ސިފަތައް ގިނަ"

ސަރުކާރުގެ ސިޔާސަތުތަކަށް ހަމައެކަނި ފާޑުވިދާޅުވުމުގެ ބަދަލުގައި ސީދާ ރައީސަށް ވަރަށް ބޮޑަށް ފާޅުވިދާޅުވެ، އެމަނިކުފާނުގެ ބައެއް ވާހަކަތަކަށް ހަޖޫ ޖެއްސެވުމުގައި ނަޝީދު ހުންނެވި މަންޒަރު ފެނުނެވެ. ނަޝީދު ވަރަށް ބޮޑަށް ރައީސް ސިފަކުރައްވަމުން ގެންދެވީ "ތަންދޮރު ނުދަންނަ" އަދި "ވެރިކަމަށް ކުފޫ ހަމަނުވާ" ބޭފުޅެއްގެ ގޮތުގަ އެވެ.

އެއްވެސް ރަށެއް ތަފާތުނުކުރުމަށް އޮތް ސަރުކާރުގެ ސިޔާސަތު ވެސް ނަޝީދު ސިފަކުރެއްވީ އެއްވެސް ޕްލޭނެއް ނެތް ސިޔާސަތެއްގެ ގޮތުގަ އެވެ. އެއްވެސް ރަށެއްގައި ވެސް ތަރައްގީގެ މަޝްރޫއުތައް ނިންމައިނުލެވޭ ކަން ނަޝީދު ފާހަގަ ކުރެއްވި އެވެ. ސަރުކާރުގެ ވަސީލަތްތައް ހުރި މިންވަރަކުން މަސައްކަތް ނިންމުމުގެ ބަދަލުގައި، ރައްޔިތުންނަށް އޮޅުވާލަނީ ކަމުގައި ނަޝީދު ތުހުމަތު ކުރެއްވި އެވެ.

ކެމްޕޭންގެ ދުވެލި ބާރުވެ، ގިޔަރު ބަދަލުވަމުންދިޔަ ވަރަކަށް، ވާހަކަތައް ވެސް ފޯރިގަދަވެ ބަހުގެ ހަމަލާތައް ވެސް ވަރުގަދަވާން ފެށި އެވެ. ސަރުކާރުގެ ސިޔާސަތަކީ "އަންނަނީ، އަންނަނީ، އަންނަނީ" ކަމަށް ވިދާޅުވެ ހަޖޫ ޖެއްސެވި އެވެ. އެންމެ ފަހުން ސަރުކާރުގެ ތެރެއިން "މައުމޫނީ ސިފަތަކެއް" ފެންނަ ކަމަށް ވެސް ވިދާޅުވި އެވެ. ރައީސް މައުމޫންގެ ވެރިކަމުގައި ފެނުނު ކަމަށް އެމްޑީޕީން ބުނާ ހުދުމުހުތާރު ސިފަތަކަށެވެ.

ނަޝީދަށް ރައީސް ސޯލިހު ކަމުނުދިޔަ ވަރަކީ، އެމަނިކުފާނަށް ވުރެ، އެމްޑީޕީގެ ވާދަވެރިޔަކަށް މި ވަގުތު ހުންނެވި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އަބްދުﷲ ޔާމީން ވެސް ނަޝީދަށް މާ ގާބިލްވުމެވެ. ޔާމީންގެ އިގުތިސޯދީ ސިޔާސަތުތައް ވެސް ނަޝީދަށް ސިފަކުރެވުނީ ދާދި ހަމަ ނަޝީދާއި އެމަނިކުފާނު ދެކޭ އެމްޑީޕީގެ ސިޔާސަތުތަކާ ދާދި އެއް ގޮތަކަށެވެ.

"ރައީސް ޔާމީނަކީ އިންޓަލެކްޗުއަލް ބޭފުޅެއް، އެކަޑެމިކް ބޭފުޅެއް، ތަންދޮރު އިނގިވަޑައިގަންނަވާ ވިޝަންއެއް ހުރި ބޭފުޅެއް، އަޅުގަނޑު ނުދެކެން އެއީ އެހާ ތަފާތު ބޭފުޅެއްގެ ގޮތުގައެއް، އަޅުގަނޑަކަށް ނުދެންނެވޭނެ މިހާރުގެ ރައީސް [ސޯލިހު] އެގޮތަކަށެއް،" އެމްޑީޕީއާ އިދިކޮޅު ފިކުރުގެ ލީޑަރަށް ތައުރީފް ކުރައްވަމުން ނަޝީދު ވިދާޅުވި އެވެ.

ޕްރައިމަރީގެ ނާކާމިޔާބަށްފަހު ނަޝީދު ސަޕޯޓަރުންނާ ބައްދަލު ކުރައްވަނީ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


ދެން ނަޝީދު ރައީސަށް ކުރައްވީ އެއަށްވުރެ މާ ބޮޑު ތުހުމަތެކެވެ. ދިވެހިރާއްޖޭގެ ތާރީހުގައި ހިނގައިދިޔަ އެންމެ ބޮޑު ހިޔާނާތުގެ މައްސަލަ ނުބަލަނީ ރައީސް ސޯލިހު ގަސްތުގައި ކަމުގެ ތުހުމަތެވެ.

"އެމްއެމްޕީއާރްސީ މައްސަލައިގައި ވެސް ލޯލާރިއެއް ވެސް ހޯދިފައެއް ނެތް، އަޅުގަނޑަށް މިހާރު ލަފާ ކުރެވެނީ ކޮންމެވެސް މަސްލަހަތެއް ހިފަހައްޓަވަން ރައީސުލްޖުމްހޫރިއްޔާއަށް ޖެހިވަޑައިގަންނަނީ ކަމަށް،" ނަޝީދު ވިދާޅުވި އެވެ.

"ނަޝީދުގެ ގޯސްތަކުން އަލުން މަގުމަތިވާން ނޭދެން"

ރައީސް ސޯލިހުގެ "އެމްޑީޕީ ކުރިއަށް" ކެމްޕޭން ފެއްޓުވުމުގެ ކުރިން ވެސް، އެމަނިކުފާނު އަބަދުވެސް ހަނދާންކޮށްްދެމުން އައި އެއް ކަމަކީ މިއީ އެތެރޭގެ އިންތިހާބެއް ކަމެވެ؛ އެކުގައި މަސައްކަތް ކުރަން ޖެހޭނެކަން ދަނެގެން ކެމްޕޭން ކުރުމަށް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި އެވެ. އެމަނިކުފާނުގެ ކެމްޕޭން ޓީމަށް ވެސް އިރުޝާދު ދެއްވަމުން ގެންދެވީ އެ ގޮތަށެވެ.

ކެމްޕޭން ފެށިގެން ދައްކަވަމުން ގެންދިޔައީ މި ސަރުކާރުގެ ކާމިޔާބީތަކުގެ ވާހަކަ އެވެ؛ ގައުމު އޮތް ހަމަނުޖެހުމުން ރައްޔިތުން ސަލާމަތް ކޮށްދިން ވާހަކަ އެވެ. ކުޑަރަށެއް ބޮޑު ރަށެއް ތަފާތު ކުރުމެެއް ނެތި ހުރިހާ ރަށަކަށް ކަންކަން ކޮށްދިން ވާހަކަ އެވެ. ނަރުދަމާއާއި ސާފު ބޯފެނެވެ. ނުކެނޑޭ ކަރަންޓާއި ބޯހިޔާވަހިކަމެވެ. މިނިމަން ވޭޖެވެ. އެކަމަކު ފަހުން މުޅި މަންޒަރު ބަދަލުވި އެވެ.

ރައީސް ސޯލިހު ވެސް ނަޝީދަށް ފާޑުވިދާޅުވާން ފެއްޓެވި އެވެ. ނަޝީދަކީ ވެރިކަމުގެ ދަހިވެތިކަން އިންތިހާއަށް އޮތް ބޭފުޅެއްގެ ގޮތުގައި ސިފަކުރެއްވި އެވެ. ނަޝީދުގެ ވިސްނުންފުޅުގައި "ވެރިކަން، ވެރިކަން، އެެ ނޫން އެއްޗެއް ނެތް،" ކަމުގައި ރައީސް ވިދާޅުވި އެވެ. އެމަނިކުފާނުގެ ނަޒަރުގައި އެމްޑީޕީގެ ފުރަތަމަ ސަރުކާރު ވެއްޓުމުގެ ޒިންމާ ނަޝީދު ނަންގަވަން ޖެހޭ ފަދަ މޭރުމަކުން ވެސް ވާހަކަ ދެއްކެވި އެވެ.

އޭރުގެ ބައެއް ސިޔާސަތުތަކާއި ސަރުކާރުން އަމަލު ކުރަމުން ދިޔަ ގޮތް ވެސް ރައީސް ފާޑުވިދާޅުވި އެވެ. 2008 ވަނަ އަހަރުގެ އިގްތިސާދީ ކާރިސާއަށް ފަހު، އޭރުގެ ސަރުކާރުން ސިވިލް ސާވިސް މުވައްޒިފުންގެ މުސާރަ ކުޑަކޮށް، މުވައްޒިފުންގެ އަދަދު މަދުކުރުން ރައީސް ސިފަކުރެއްވީ ރައްޔިތުންނާ ކައިރިން ނަޝީދަށް ވެރިކަން ކުރަން ނޭނގުމެވެ.

އެމްޑީޕީގެ ފުރަތަމަ ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިޔަ ގޮތް ވެސް ރައީސް ސޯލިހަށް މިހާރު ގޯހެވެ. މިސާލު ނެންގެވީ އަތޮޅުތެރޭގައި ހިންގުނު މަޝްރޫއުތަކުންނެވެ. ވަކިން ހާއްސަކޮށް ނަޝީދު ހާއްސަ އިސްކަމެއް ދެއްވާ އައްޑޫއިންނެވެ. އައްޑޫގައި ފެނާއި ނަރުދަމާ އަޅަން އުޅެ ނުވި ވާހަކަ އެވެ. އައްޑޫގައި ސާކް ސަމިޓު ބޭއްވުމަށް ގެންދިޔަ ގޮނޑިކޮޅު ވެސް އަނބުރާ މާލެ ގެނައި ވާހަކަ އެވެ. ދަތުރުފަތުރު ފެށުމަށް ފެށި މަޝްރޫއު "ބޮޑު ސަކަރާތްގަނޑަކަށް" ވީ ވާހަކަ އެވެ.

އެންމެ ފަހުން ނަޝީދަށް މީގެ ކުރިން އެމްޑީޕީން ދެމުން އައި "ކްރެޑިޓްތައް" ވެސް ހައްގު ނޫން ކަމުގައި ރައީސް ސިފަކުރައްވަން ފެއްޓެވި އެވެ. ގެސްޓް ހައުސްގެ ސިޔާސަތަކީ ނަޝީދުގެ ވެރިކަމަށް ވުރެ މާކުރިން ރައްޔިތުންގެ މަޖިލީހުގައި ކުރެވުނު މަސައްކަތެއް ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް އިޝާރާތްކުރެއްވީ މައުމޫންގެ ވެރިކަމުގެ ފަހުކޮޅު، ގެސްޓް ހައުސް ހިންގަން ހުއްދަދޭން މަޖިލީހުން ފާސްކުރި ގަރާރެވެ.

ނަޝީދު ޔާމީނަށް ތައުރީފް ކުރެވުމާ އެކު، ދެން ރައީސްގެ އިތުރަށް އެމަނިކުފާނުގެ އަރިސް ބޭފުޅުން ވެސް ނަޝީދު ސިފަކުރައްވަމުން ގެންދެވީ ޕީޕީއެމް އާއެކު ބައިއަތު ހިފައި، އެމްޑީޕީގެ އެތެރެ "ގަޑުބަޑު" ކުރަން އުޅުއްވާ ބޭފުޅެއްގެ ގޮތުގަ އެވެ.

ޒާތީވެއްޖެ؛ ގެއްލުން ޕާޓީއަށް؟

އެންމެ "މެޗުއާ" ކަމަށް ދައުވާ ކުރާ ޕާޓީގެ އެތެރޭގެ އިންތިހާބުގެ ކެމްޕެއިނުގެ މިސްރާބު އެންމެ ރަނގަޅު ހެއްޔެވެ؟ ދެ ރައީސުންގެ ނާގާބިލު ކަމުގެ ވާހަކަ އަހާފައި ރައްޔިތުންގެ އިތުބާރު އަލުން ހޯދޭނެ ހެއްޔެވެ؟

ކެމްޕެއިނުން ދެ ރައީސުންގެ ނާގާބިލުކަމުގެ ވާހަކަ އެކަކު އަނެކެއްގެ ދުލުން ރައްޔިތުން އަޑު އަހައިފި އެވެ. ސިޔާސީ ތަޖުރިބާކާރުން ދެކޭ ގޮތުގައި އެމްޑީޕީގެ ޕްރައިމަރީގައި ދެ ރައީސުން ދެއްކެވި ވާހަކަ އެމްޑީޕީއަށް އުފުލަން ޖެހޭ ބުރަ އަކަށް ވެދާނެ އެވެ.

މިހާތަނަށް ރާއްޖޭގައި ބޭއްވި އެންމެ ވާދަވެރި އެއް ޕްރައިމަރީގައި ވާދަކުރެއްވި އުމަރު ނަސީރު ވެސް ގަބޫލުކުރާ ގޮތުގައި ދެ ލީޑަރުން ވެސް ކެމްޕެއިނު ކުރުމުގައި އިންތަކެއް ފަހަނަ އަޅައިފި އެވެ.

"ކެމްޕެއިނު ކުރުމުގައި ހަގީގަތުގައި އެ ލެވެލް އަށް ކަންކަން ގެންދަން ނުވާނެ، އެހާ ދުރަށް ގެންދަން ނުވާނެ، އަޅުގަނޑުމެން ކެމްޕެއިން ކުރިއިރު ވެސް އެހާ ދުރަށް ނުގެންދަން، އަލުން ކައިރިނުވެވޭނޭ ފެންނަ ހިސާބަށް ދާހެން ވެސް ބައެއް ފަހަރު ހީވޭ،" އުމަރު ވިދާޅުވި އެވެ.

އިދިކޮޅުގައި މިހާރު އޮތް ޕީޕީއެމުން 2013 ވަނަ އަހަރު ބޭއްވި މައްސަލަ ބޮޑު ޕްރައިމަރީއިން ނާކާމިޔާބުވެވަޑައިގެންނެވި އުމަރު އިތުރަށް ވިދާޅުވީ މި ޕްރައިމަރީގައި ކަންކަން ވަމުންދާ ގޮތް އެއަށް ވުރެ ވެސް ހުތުރު ކަމަށެވެ.

"އެއަށް ވުރެ މާ ހަޑިކޮށް އެ ދަނީ، އަޅުގަނޑާ ޔާމީންގެ ކެމްޕެއިނު ކަމަށް ދިޔައީ، އެކަމަކު އެހެންނެއް ނޫން، އެއާ ކައިރި ވެސް ނުވޭ، އެއަށް ވުރެ މާ ހަޑިކޮށް މި ދަނީ،" އޭނާ ވިދާޅުވި އެވެ.

ޕްރައިމަރީ ކެމްޕެއިންގައި ރައީސް ސޯލިހު: ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


ކަންކަން މިހެން ދިމާވުމުން، ޕާޓީއަށް އެކަމުގެ ގެއްލުން ކުރާނެ ކަމީ ބައިނަލްވާމީ ސިޔާސީ މައިދާނުން ވެސް ފެންނަން އޮތް ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކުގެ ހިޔާލު މިކަމުގައި ތަފާތެވެ. މޫސާ ގަބޫލުކުރައްވާ ގޮތުގައި އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގައި ހިނގާ ކަންކަމާއި ކެމްޕޭން ތަގުރީރުތަކަކީ ރައްޔިތުންނަށް ދެވޭ މެސެޖެއް ނޫނެވެ.

"ޕާޓީގެ އެތެރޭގައި ކުރާ ވާދައަކާއި ދައްކާ ވާހަކަތަކަކީ ރައްޔިތުންނަށް ދެވޭ މެސެޖެއް ނޫން، އަޅުގަނޑުމެން ދައްކާ ވާހަކައަކީ ކޯއްޗެއްކަން މިހާރު ދިވެހި ރައްޔިތުންނަކަށް ނޯޅޭނެ،" އެމްޑީޕީގެ ފުރަތަމަ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވައި، ނާކާމިޔާބުވި ރީކޯ ވިދާޅުވި އެވެ.

މި ރިޕޯޓަށް ވާހަކަ ދައްކަވަމުން އެމްޑީޕީގެ ފުރަތަމަ ޕްރައިމަރީގައި ދެން ވާދަކުރެއްވި ޑރ. މުހައްމަދު މުނައްވަރު ވިދާޅުވި ގޮތުގައި ހިޔާލުތަފާތުވުމަކުން މައްސަލައެއް ނެތެވެ. އަދި ފާޑުކިޔުމަކުން ވެސް މައްސަލައެއް ނެތެވެ. އެހެން ނަމަވެސް ޒާތީވުމަކީ މައްސަލައެކެވެ.

"ސިޔާސީ ގޮތުން އަޅުގަނޑުމެން ބޭނުންވާ ކަހަލަ ހެލްތީ ޑިސްކަޝަންއަކަށް، އިޝޫ ބޭސްޑް ޑިސްކަޝަން އަކަށް ނުދެވޭ، ޒާތީ ވުމުގެ މައްސަލައަށް ވެސް އޭރުން ހައްލު ލިބިގެން ދާނެ،" ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ފުރަތަމަ ސިޔާސީ ބަހުސްގައި ހިމެނިވަޑައިގެންނެވި ޑރ. މުނައްވަރު ވިދާޅުވި އެވެ.

އިޝޫ ބޭސްޑް ޕޮލިޓިކްސް އެއް ނެތުމުން، "ޒާތީވަމުން ގޮސް" އެކުގައި މަސައްކަތް ކުރުމަށް ދަތިތަކެއް ދިމާވެދާނެ ކަމަށް މުނައްވަރު ގަބޫލުކުރައްވަ އެވެ. އަދި އެކަމުގެ ގެއްލުން އާހިރުގައި ކުރުމުގެ ފުރުސަތު ބޮޑު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޕާޓީގެ ކާމިޔާބީގެ އިތުރު ސަފްހާއެއް"

މި އިންތިހާބުގައި ވާދަކުރަނީ އެމްޑީޕީގައި މިހާތަނަށް އުފެދުނު އެންމެ ވަރުގަދަ ދެ ލީޑަރުންނެވެ. ފޯރި މިހާ ގަދަވެގެން އުޅޭ ސަބަބެއްގެ ގޮތުގައި މޫސަ ދެކިވަޑައިގަންނަވާ ސަބަބަކީ ވެސް މި އެވެ.

އެމްޑީޕީން ވެސް ދެކޭ ގޮތުގައި ކެމްޕެއިނު ފޯރި މިހާ ވަރުގަދަ ސަބަބަކީ އެއީ އެވެ. ބުރާސްްފަތި ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި "އަދަދު" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެ ޕާޓީގެ ތަރުޖަމާނު އަނަސް އަބްދުއްސައްތާރު ވިދާޅުވީ އެމްޑީޕީން ބާއްވާ އިންތިހާބުތަކަކީ އަބަދުވެސް ގިނަ ބަޔަކު ވަރަށް ޝައުގުވެރިވާ އިންތިހާބުތަކެއް ކަމަށެވެ.

"އެއީ އެއްވެސް ބިރުކަމެއް ނެތި ފާޑުކިޔޭ، ހިޔާލުފާޅު ވެސް ކުރެވޭ، އަޅުގަނޑުމެންގެ ރިޔާސީ ޕްރައިމަރީގައި މި ވާދަކުރައްވަނީ ޕާޓީގެ އެންމެ މަގުބޫލު ދެ ޝަހުސިއްޔަތުން، ވާދަކުރާއްވާއިރު އެ ފަރާތެއްގައި އޮންނަ ބާރެއް އަނެއް ފަރާތަކަށް ނަހަމަ ގޮތުގައި ބޭނުން ކުރައްވާ ތަނެއް ނުފެނޭ،" އަނަސް ވިދާޅުވި އެވެ.

އިދިކޮޅު ޕާޓީން ބޭއްވި ޕްރައިމަރީތަކަށް އަލި އަޅުވާލައްވައި، އަނަސް ވިދާޅުވީ މި ވަރަށް ފާޑުކިޔުމުގެ ފުރުސަތު ހުޅުވާލާފައި އޮތުމުން ޕާޓީ އެކުގައި އޮންނާނެ ކަމަށް ގަބޫލުކުރަން ދަތިވާނެ ކަމަށެވެ. އެހެން ނަމަވެސް ފެންނަން އޮތީ ރީތި މިސާލެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ފެނިގެން މި ދަނީ ޕާޓީގެ ތެރޭގައި އޮންނަ ވޯޓުތަކުން ތަރުހީބުތަކާއި ތާއީދުތަކާ ހޯއްދަވާތަން، އެހެންވީމަ އަޅުގަނޑު މިއީ އެމްޑީޕީއަށް ލިބޭ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް،" ބައިބައިނުވާނެ ކަމުގެ ޔަގީންކަން ދެއްވަމުން އަނަސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވަނީ ރައީސް ނަޝީދު ނާގާބިލް ކަމަށެވެ. ނަޝީދު ވިދާޅުވަނީ ރައީސް ސޯލިހު ނާގާބިލް ކަމަށެވެ. ދެ ރައީސުންނާއި، ދެ ރައީސުންނަށް ތާއީދު ކުރާ މީހުން އެއްގަލަކަށް އަރުވައި، ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެކަތިގަނޑެއްގެ ގޮތުގައި ކުރިމަތިލުން ވާނީ ދަތި ކަމަކަށެވެ. ނަޝީދު މިހާރު ވެސް ވިސްނުން ބަހައްޓާފައި އެ ހުންނެވީ އެމަނިކުފާނުގެ ސިޔާސީ ބައެއް ލަނޑުދަނޑިތަކާ ދިމާއަކަށެވެ. އަދިވެސް ގެންދަވަނީ ރައީސަށް ފާޑުވިދާޅުވި އެވެ.

ހިރަފުސް އޮބިގެން ދިޔައިރު، ފެންނަން އޮތީ އެމްޑީޕީއަށް ވެރިކަން ހައްގު ނުވާ ސަބަބުތަކެއް، އެމްޑީޕީގެ އެންމެ އިސް ދެ ލީޑަރުންގެ ދުލުން ކިޔައިދިން މަންޒަރުތަކެވެ. ގައިމު މިއީ ރިޔާސީ އިންތިހާބުގެ އެންމެ ފޯރިގަދަ ދަނޑިވަޅުގައި، އެމްޑީޕީގެ ކެމްޕޭން ޖަގަހަތަކަށް ވުރެ ބޮޑަށް ވާދަވެރި ޕާޓީތަކުގެ ކެމްޕޭން ޖަގަހަތަކުގައި އަޑުގަދަކޮށް ޖަހާނެ ތަގުރީރުތަކެކެވެ.

އެމްޑީޕީން ގާބިލް ރައީސެއް ނުދެއްކި ނޫން ހެއްޔެވެ?