Advertisement

މޮހޯ ލަންޑަނުގައި ރިއަލް އެސްޓޭޓު ވިޔަފާރި ކުރަނީ

28 ސެޕްޓެންބަރު 2022 - 09:43 2

އަމަން ހަލީމް

އަމަން ހަލީމް


މޮހޯ ލަންޑަނުގައި ރިއަލް އެސްޓޭޓު ވިޔަފާރި ކުރަނީ

28 ސެޕްޓެންބަރު 2022 - 09:43 2

ރާއްޖޭގެ ތާރީހުގައި ހިންގި އެންމެ ބޮޑު ހިޔާނާތް ކަމުގައިވާ، އެމްއެމްޕީއާރުސީ ހިޔާނާތް ހިންގަން ބޭނުންކުރި އެސްއޯއެފް ކުންފުނީގެ އިސް ފަރާތެއް ކަމުގައިވާ މުހައްމަދު އައްލާމް ލަތީފު (މޮހޯ) އިނގިރޭސިވިލާތުގައި ކުންފުނިތަކެއް ރަޖިސްޓްރީކޮށް، ވިޔަފާރިތަކެއް ފަށައިގެން އުޅޭކަން "އަދަދު" ނޫހަށް އެނގިއްޖެ އެވެ.

އިނގިރޭސިވިލާތުގެ ރަސްމީ ޑޭޓާބޭސްތަކުން ހުރި މައުލޫމާތުން ދައްކާ ގޮތުގައި އެ ގައުމުގައި ރަޖިސްޓްރީކޮށްގެން ހިންގާ ހަތަރު ވިޔަފާރިއެއްގައި މޮހޯގެ ހިއްސާވެ އެވެ. އެއީ ތިން ކުންފުންޏަކާއި ލިމިޓަޑް ލަޔަބިލިޓީ ޕާޓްނާޝިޕް (އެލްއެލްޕީ)އެއްގަ އެވެ.

އެ ތިން ކުންފުނީގައި އޭނާ އަދާކުރަނީ ޑިރެކްޓަރެއްގެ ރޯލެވެ. އަދި ޕާޓްނާޝިޕަކީ އޭނާ އާއި އޭނާގެ އާއިލާގެ އިތުރުން އެމްއެމްޕީއާރުސީ ހިޔާނާތުގައި ބައިވެރިވުމުގެ ކުށް ސާބިތުވެގެން ޖަލަށް ހުކުމްކުރި ހާމިދު އިސްމާއިލް (ހާމިދު ސޭޓު) ހިއްސާވެގެން އުފައްދާފައިވާ ވިޔަފާރިއެކެވެ.

މުހައްމަދު އައްލާމް ލަތީފް (މޮހޯ) އިނގިރޭސިވިލާތުގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތައް. -- ގްރެފިކްސް: މުހައްމަދު އިސާމް ސާމިރު


މޮހޯ އާއި ހާމިދު ސޭޓުގެ އިތުރުން މި ވިޔަފާރިތަކުގެ ހިއްސާދާރުންގެ ގޮތުގައި ތިބީ މޮހޯގެ އަންހެނުން ނަސްރާ މުހައްމަދާއި ބައްޕަ އަބްދުއްލަތީފް އަބޫބަކުރާއި މުހައްމަދު ލަތީފު ނަމަކަށް ކިޔާ މީހެކެވެ. މި މުހައްމަދު ލަތީފަކީ ކާކުކަން ކަށަވަރުވާ ގޮތް ވަނީ ނުވެފަ އެވެ.

މޮހޯގެ ކުންފުނިތަކުން ކުރަނީ ރިއަލް އެސްޓޭޓް ވިޔަފާރި

ދުނިޔޭގެ އެންމެ ރިއަލް އެސްޓޭޓް އަގުބޮޑު ސިޓީތަކުގެ ލިސްޓުގައި ހިމެނޭ ލަންޑަނުގައި މަރުކަޒުވެފައިވާ މޮހޯގެ ތިން ކުންފުންޏަކުން ކުރަނީ ރިއަލް އެސްޓޭޓާ ގުޅޭ ވިޔަފާރިތަކެވެ.

އެގޮތުން ބްރާންޗިން ކޮރަލް ލިމިޓަޑާއި މޮންޓިއަން އިންވެސްޓްމަންޓުން ކުރަނީ އަމިއްލަ ރިއަލް އެސްޓޭޓް ގަނެ ވިއްކާ ވިޔަފާރި އެވެ. އިއޯލިއަންއަކީ ކޮންޓްރެކްޓަށް ނުވަތަ ފީ ނަގައިގެން ރިއަލް އެސްޓޭޓް މެނޭޖްކުރާ ވިޔަފާރިއެކެވެ. އޭނާ ހިއްސާވާ އެލްއެލްޕީން ކުރާ ވިޔަފާރިއެއް ރެކޯޑުތަކުން އެނގޭކަށް ނެތެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި ވިޔަފާރިތައް ރަޖިސްޓްރީކޮށްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އިންނަވަނިކޮށް ރިޔާސީ ލޯންޗުކޮޅު، "ފިނިފެންމާ"ގައި އެއްޗެއް ގޮއްވާލުމާ ގުޅިގެން އިންޓަޕޯލް މެދުވެރިކޮށް އޭނާ ހޯދަން ނެރުނު ރެޑް ނޯޓިސް ބާތިލުކުރި ފަހުންނެވެ. އޭނާ ވަނީ ލޯންޗު ގޮއްވާލި ހާދިސާ ހިނގިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް ރާއްޖެއިން ފިލައިގެން ގޮސްފަ އެވެ.

މޮހޯ ހައްޔަރުކުރަން ނެރުނު ރެޑް ނޯޓިސް ބާތިލުކުރީ 2019 ވަނަ އަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުންނެވެ. ރެޑް ނޯޓިސް އުވާލަން ނިންމުމާ ގުޅިގެން އަމާޒުވީ ފާޑުކިޔުންތަކަށް ރައްދު ދެމުން ސަރުކާރުން ބުނީ އެ ނޯޓިސް އުވާލީ މޮހޯ ހިމެނޭހެން އެ މައްސަލައިގައި ހޯދަމުން ދިޔަ މީހުންގެ ފަރާތުން އެއްބާރުލުން ދޭން ޝަރުތުކޮށް އެއްބަސްވެވިގެން ކަމަށެވެ.

ސަރުކާރުން މިހެން ބުނި ނަމަވެސް، ހިޔާނާތުގެ މައްސަލައިގައި އެސްއޯއެފް ކުންފުނީގެ އިސްފަރާތްތަކުގެ މައްޗަށް ދައުވާ ނުކުރަން ނިންމި ނިންމުމަށް ގިނަ ބަޔަކު ވަނީ ފާޑުކިޔާފަ އެވެ. ހަމައެހެންމެ ގއ. ވޮޑަމުލާގެ އެކުއިޒިޝަން ކޮސްޓަށް ހިޔާނާތްތެރިވީ މައްސަލައިގައި ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމް ބާތިލުކުރަމުން ސުޕްރީމް ކޯޓުން ނެރުނު ގަޒިއްޔާގައި ވެސް މިކަން ފާހަގަކޮށްފައިވެ އެވެ.

އެގޮތުން އެ މައްސަލަ ބެއްލެވި ބެންޗުގައި ހިމެނިވަޑައިގެންނެވި މަހާޒު އަލީގެ ރައުޔުގައި، އެސްއޯއެފާ ގުޅޭ ތަހުގީގެއް އެދެވޭ ގޮތުގައި ކޮށްފައިނުވާކަމަށް ބަޔާންކުރައްވާފައިވެ އެވެ. އަދި އެސްއޯއެފްއަކީ ހިޔާނާތްތެރިވީ ފައިސާ ލޯންޑާކުރަން ބޭނުންކުރި އެންމެ "ވަރުހުރި އާލާތް ކަމަށް ދައުލަތުން ތަކުރާރުކޮށް ބުނުމަށްފަހު" އެ ކުންފުނީގެ އިސްފަރާތްތަކަށް ދައުވާ ނުކުރުމަށް ނިންމުމުން ހައިރާންވެވަޑައިގެންނެވި ކަމަށް ލިޔުއްވާފައިވެ އެވެ.

"މި މައްސަލައިގައި ކުރެވިފައިވާ ތަހުގީގުގައި އެ ކުންފުންޏާ ގުޅޭ ތަހުގީގެއް އެދެވޭ ގޮތުގައި ކޮށްފައިވާކަމުގައި ނުބެލެވެ އެވެ. އަދި އަހުރެން ހައިރާންވީ، އެސްއޯއެފް ކުންފުންޏަކީ އެމްއެމްޕީއާރްސީގެ މައްސަލައިގައި މަނީ ލޯންޑާކުރުމަށް ބޭނުންކުރި އެންމެ ވަރުހުރި އާލާތްކަމަށް ދައުލަތުން ތަކުރާރުކޮށް ބުނުމަށް ފަހު، އެ ކުންފުނީގެ އިސްފަރާތްތަކަށް ދައުވާ ވެސް ނުކުރުމަށް ނިންމާފައިވާ ވާހަކަ ބުނުމުންނެވެ."

ސުޕްރީމް ކޯޓުގެ ހުކުމުން ފާހަގަވީ އަނެއް ކަމަކީ، ޔާމީން މައްސަލައިގައި އެ ފައިސާ ހަވާލުކުރި ކަމަށް ބުނާ މޮހޯގެ ހެކިބަސް ނަގަން ދައުލަތުން މަސައްކަތް ކުރި ނަމަ އިސްތިއުނާފީ މަރުހަލާގައި އެ ނުކުތާގެ މައްޗަށް ބަހުސްކުރެވުނީސް ކަމަށެވެ. ނަމަވެސް ކްރިމިނަލް ކޯޓުން މޮހޯގެ ހެކިބަސް ބަލައިނުގަންނަން ނިންމި ހިސާބުން، ދައުލަތުން އެކަމުގައި އެކަށީގެންވާ މަސައްކަތެއް ކޮށްފައި ނެތުމާ ގުޅިގެން މައްސަލައަށް ބަލިކަށިވީ ކަމަށް އެ ހުކުމް ދޭހަވެ އެވެ.

އޭސީސީ އާއި ޕީޖީގެ ބަހެއް ނެތް

އެމްއެމްޕީއާރްސީ މައްސަލައިގައި އެސްއޯއެފް ކުންފުންޏާއި އެ ކުންފުންޏާ ގުޅިފައިވާ އެހެން ކުންފުނިތަކުގެ އެކައުންޓުތައް ފްރީޒްކޮށް، ދައުލަތަށް އެ ފައިސާތައް ނަގައިދޭން ވެސް އެދުނެވެ. ޓޫރިޒަމް މިނިސްޓްރީން އެދިގެން މި އެކައުންޓުތައް ފްރީޒްކުރީ 2018 ވަނަ އަހަރު އެވެ. އޭރު ސިވިލް ކޯޓުން ނެރުނު އަމުރުގައި އެސްއޯއެފްގެ އިތުރުން އެ ކުންފުނީގެ ހިއްސާދާރުން ކަމުގައިވާ މުހައްމަދު އައްލާމް ލަތީފް (މޮހޯ) އާއި އޭނާގެ ބައްޕަ އަބްދުއްލަތީފް އަބޫބަކުރުގެ ޕާސަނަލް އެކައުންޓުތައް ހިމެނޭހެން ނުވަ ކުންފުންޏެއްގެ އެކައުންޓްތައް ފްރީޒްކުރި އެވެ.

އެކައުންޓުތައް ފްރީޒްކުރި މައްސަލަ ވަނީ ދައުލަތުން އެދިގެން ބާތިލުކޮށްފަ އެވެ. އެއީ އޭޕްރިލް 4، 2019 ގަ އެވެ. މައްސަލަ ބާތިލުކުރަން ސިވިލް ކޯޓުން ނެރުނު އަމުރުގައި ބުނި ގޮތުގައި، މައްސަލައިގެ ދައުވާ ފޯމު ބާތިލުކުރަން އެޓާނީ ޖެނެރަލް އޮފީހުގެ ސިޓީއެއް ދެ ދުވަސް ކުރިން ލިބިފައިވާތީ މައްސަލަ ބާތިލުކުރީ އެވެ. މިފަހުން ސިވިލް ކޯޓުން ވަނީ އޭރު ހިފެހެއްޓި ހުރިހާ އެކައުންޓުތަކެއް ދޫކޮށްލަން އަމުރުކޮށްފަ އެވެ. ފަހުން ހާމަވީ ގޮތުގައި މި އެކައުންޓުތައް ދޫކޮށްލިއިރު މިއިން އެއްވެސް އެކައުންޓެއްގައި ފައިސާއެއް ނެތެވެ.

"އަދަދު" ނޫހުގެ ހޯދުންތަކާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގައި މި ހިޔާނާތުގައި އިސްދައުރެއް އަދާކުރި މޮހޯ ވިޔަފާރިތަކެއް ރަޖިސްޓްރީކޮށްގެން އުޅޭކަން އެނގިފައިވޭތޯ ސުވާލުކުރުމުން މި ރިޕޯޓު ޝާއިއުކުރުމާ ހަމައަށް އެއްވެސް ބަހެއް ނުލިބެ އެވެ. ހަމަ އެގޮތަށް ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން މޮހޯއާއެކީ ވެފައިވާ އެއްބަސްވުމުގެ ދަށުން، އެއްވެސް ވިޔަފާރިއެއް ނުކުރަން ޝަރުތުކޮށްފައިވޭތޯ ސުވާލުކުރުން އެގޮތަށް ވެވޭ އެއްބަސްވުންތަކާ ގުޅޭ މައުލޫމާތު ހާމަނުކުރާ ކަމަށް ވަނީ މައުލޫމާތު ދީފަ އެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުގެ ތެރެއިން ރިސޯޓު ތަރައްގީކުރަން ރަށްތަކާއި ފަޅުތަކާ ވިއްކައިގެން އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި ލިބުނު 1.2 ބިލިއަން ރުފިޔާއަށް ވަނީ ހިޔާނާތްތެރިވެފަ އެވެ. އޭސީސީން އާންމުކޮށްފައިވާ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ހިޔާނާތުގެ ފައިސާތައް ވަނީ ސިޔާސީ ގިނަ ފަރާތްތަކާއި ފަނޑިޔާރުންނާއި ދައުލަތުގެ މުއައްސަސާތަކުގެ އިސްވެރިންނަށް ރިޝްވަތު ދިނުމަށް ބޭނުންކޮށް، ޑޮލަރު މާރުކުރުމުގެ ނަމުގައި ވިޔަފާރިތައް މެދުވެރިކޮށް ދައުރުކޮށްފަ އެވެ.

މި ހިޔާނާތަށް ހަ އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ އިރު، މިއަދާ ހަމައަށް މި ފައިސާގެ ތެރެއިން ބައިލޯ ލާރިއެއް ވެސް ހޯދިފައި ނުވެ އެވެ.