Advertisement

ބޮޑު ހިޔާނާތް ހިންގި އެސްއޯއެފް ކުންފުނީގެ އެކައުންޓުތައް ދޫކޮށްލައިފި

24 އޮގަސްޓު 2022 - 21:28 0

އަމަން ހަލީމް

އަމަން ހަލީމް

އެސްއޯއެފް ކުންފުނީގެ ހިއްސާދާރު މުހައްމަދު އައްލާމް ލަތީފް: ހިޔާނާތްތެރިވި ފައިސާ ދައުރުކުރުމުގައި މުހިންމު ރޯލެއް އަދާކުރި. -- ފޮޓޯ: އަދަދު ފައިލް


ބޮޑު ހިޔާނާތް ހިންގި އެސްއޯއެފް ކުންފުނީގެ އެކައުންޓުތައް ދޫކޮށްލައިފި

24 އޮގަސްޓު 2022 - 21:28 0

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ދައުރުކުރަން ބޭނުންކުރުމާ ގުޅިގެން ފްރީޒްކޮށްފައިހުރި އެސްއޯއެފް ކުންފުނީގެ އެކައުންޓްތަކާއި އެ ކުންފުންޏާ ގުޅުންހުރި އެހެން އެކައުންޓްތައް ދޫކޮށްލުމަށް ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.

މި އެކައުންޓުތައް ފްރީޒްކުރީ 2018 ވަނަ އަހަރު، ޓޫރިޒަމް މިނިސްޓްރީން އެދިގެންނެވެ. އޭރު ސިވިލް ކޯޓުން ނެރުނު އަމުރުގައި އެސްއޯއެފްގެ އިތުރުން އެ ކުންފުނީގެ ހިއްސާދާރުން ކަމުގައިވާ މުހައްމަދު އައްލާމް ލަތީފް (މޮހޯ) އާއި އޭނާގެ ބައްޕަ އަބްދުއްލަތީފް އަބޫބަކުރުގެ ޕާސަނަލް އެކައުންޓުތައް ހިމެނޭހެން 9 ކުންފުންޏެއްގެ އެކައުންޓްތައް ފްރީޒްކުރި އެވެ.

ސިވިލް ކޯޓުގައި އޭރު ކުރިޔަށް ދިޔަ މައްސަލައަކީ ޔުނިވާސަލް ކުންފުނީގެ ހިއްސާދާރު އަދި ދިވެހި ޓޫރިޒަމްގެ އެއް ބާނީ މުހައްމަދު އުމަރުމަނިކު އެމްއެމްޕީއާރުސީއަށް ދިން 2.5 މިލިއަން ޑޮލަރުގެ ޗެކެއް އެސްއޯއެފްގެ އެކައުންޓަށް ޖަމާކުރުމުން، އެ ފައިސާ ހޯދަން ދައުލަތުން އެގޮތަށް ވަގުތީ އަމުރެއް ނެރެދޭން އެދުމުންނެވެ.

މި އެކައުންޓުތައް ދޫކޮށްލަން ސިވިލް ކޯޓުން އަމުރު ކުރިކަން ޔަގީންކޮށްދެއްވަމުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ސީނިއާ ކޮމިއުނިކޭޝަންް އޮފިސަރު ނިޝާން މުހައްމަދު ދީދީ "އަދަދު" ނޫހަށް ވިދާޅުވީ ކޮމިޝަނަށް އެ މައުލޫމާތު ލިބުނު ހިސާބުން އެކައުންޓުތައް އަލުން ފްރީޒްކުރުމުގެ އަމުރަކަށް އެދެން ފުރިހަމަކުރަންޖެހޭ ކަންކަން ކުރަމުންދާ ކަަމަށެވެ.

"އެސްއޯއެފް އެކައުންޓުތައް އަންފްރީޒްކޮށްފައިވާތީ އަލުން އެކައުންޓުތައް ފްރީޒްކުރަން ސިވިލް ކޯޓަށް ހުށަހަޅަން ކުރަން ޖެހޭ ކަންކަން ކުރަމުން މިދަނީ." އޭނާ ވިދާޅުވި އެވެ.

އެކަމަކު މި އެކައުންޓުތައް ދޫކޮށްލީ ކޮން ފަރާތަކުން މައްސަލަ ހުށަހަޅައިގެން ކަމެއް އަދި އެކައުންޓުގައި ހުރީ ކިހާ ފައިސާއެއް ކަމެއް ސާފެއް ނުވި އެވެ. އޭސީސީގެ އޮފިޝަލް ވިދާޅުވީ އެ މައުލޫމާތުތައް ޔަގީންކުރުމަށް ފަހު ހިއްސާކުރާނެ ކަމަށެވެ.

ފާހަގަކޮށްލަން ޖެހޭ ގޮތުގައި މި އެކައުންޓުތައް ފްރީޒްކުރަން ނެރުނު އަމުރާ ގުޅޭ މައްސަލަ ވަނީ ދައުލަތުން އެދިގެން ބާތިލުކޮށްފަ އެވެ. އެއީ އޭޕްރިލް 4، 2019 ގަ އެވެ. މައްސަލަ ބާތިލުކުރަން ސިވިލް ކޯޓުން ނެރުނު އަމުރުގައި ބުނީ މައްސަލައިގެ ދައުވާ ފޯމު ބާތިލުކުރަން އެޓާނީ ޖެނެރަލް އޮފީހުގެ ސިޓީއެއް ދެ ދުވަސް ކުރިން ލިބިފައިވާތީ މައްސަލަ ބާތިލުކުރީ ކަމަށެވެ.

އެ މައްސަލައިގައި ސަރުކާރަށް އަމާޒުވީ ފާޑުކިޔުމަށް ރައްދު ދެމުން ދައުލަތުން ބުނެފައިވަނީ އެއީ ތަހުގީގަށް ބޭނުންވާ ހެއްކާއި މައުލޫމާތު ހޯދުމުގެ ގޮތުން ނިންމު ނިންމުމެއް ކަމަށެވެ. ނަމަވެސް ދައުލަތުގެ މި ނިންމުމާ ގުޅިގެން ސުޕްރީމް ކޯޓުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެގޮތުން ގއ. ވޮޑަމުލާގެ އެކުއިޒިޝަން ކޮސްޓު ފައިސާއަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ހިޔާނާތްތެރިވި މައްސަލަ ބާތިލުކުރަން އެ ކޯޓުން ކުރި ހުކުމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަނީ މި ހިޔާނާތް ހިންގަން ބޭނުންކުރި އެސްއޯއެފް ކުންފުނީގެ ވެރިންނަށް ދައުވާނުކުރާތީ ހައިރާންވެވަޑައިގަންނަވާ ކަމަށް ފާހަގަކުރައްވާފަ އެވެ.

ހިޔާނާތްތެރިވީ 1.2 ބިލިއަން ރުފިޔާއަށް އަރާ އެކުއިޒިޝަން ކޮސްޓު ފައިސާގެ އިތުރުން އިތުރުން ހަމަ އެ ދުވަސްވަރު އެމްއެމްޕީއާރުސީން އެސްއޯއެފް އަށް ނަގުދު ފައިސާއިން ދިން 157.2 މިލިއަން ރުފިޔާގެ މައްސަލައެއް ސާބިތުވެ، ސިވިލް ކޯޓުން ހުކުމެއް އިއްވި ނަމަވެސް މި ފައިސާ ވެސް ނުލިބެ އެވެ.

ތަހުގީގަށް ހަ އަަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާި އެމްއެމްޕީއާރްސީގެ ހިޔާނާތް ތަހުގީގުކޮށް ދައުލަތަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމަކީ މި ސަރުކާރުގެ މުހިންމު ވައުދެކެވެ.

އެކަން ކުރަން ވެގެން ވެރިކަމަށް އައިތާ ކައިރީގައި އެސެޓް ރިކަވަރީ ކޮމިޝަނެއް އުފައްދާ މަސައްކަތްތަކެއް ވެސް ކުރި އެވެ. އެކަމަކު މި އަހަރުގެ މާޗު މަހު މި ކޮމިޝަން އުވާލިއިރު ވެސް މި ތަހުގީގު ކޮޅެއްގައި ޖެހި ގިނަ މައްސަލަތަކުގައި ދައުވާ ކުރެވޭ ވަރެއް ނުވެ އެވެ.

އެފަހުން އެ މައްސަލަ ބަލަމުންދަނީ އޭސީސީންނެވެ. އެ ކޮމިޝަނުން މި މައްސަލައިގައި އެންމެ ފަހުން ހިއްސާކުރި މައުލޫމާތަކީ އިތުރު ބަޔެއްގެ މައްޗަށް ދައުވާ އުފުލަން ތައްޔާރުވަމުންދާ ކަމަށެވެ. އަދި މިހާރު މަސައްކަތްތައް ބައްޓަންކުރަމުންދަނީ އަނބުރާ ފައިސާ ހޯދަން ކަމަށް ވެސް ބުންޏެވެ.