Advertisement

ބޮޑު ހިޔާނާތަށް ހަ އަހަރު، ބައި ލޯ ލާރިއެއް ވެސް ނުލިބޭ

9 އޮގަސްޓު 2022 - 10:35 2

އަމަން ހަލީމް

އަމަން ހަލީމް

އެމްއެމްޕީއާރްސީ ހިޔާނާތުގެ ތެރެއިން އެންމެ ފުރަތަމަ ދޫކުރި ރަށް ކަމުގައިވާ ދ. މާގައު: ރަށާއި ފަޅު ހިމެނޭގޮތަށް ޖުމްލަ 57 ތަނެއް މި ހިޔާނާތުގެ ތެރެއިން އެކި ފަރާތްތަކަށް ކުއްޔަށް ދީފައިވޭ. -- ފޮޓޯ: އައި ސްޓޮކް


ބޮޑު ހިޔާނާތަށް ހަ އަހަރު، ބައި ލޯ ލާރިއެއް ވެސް ނުލިބޭ

9 އޮގަސްޓު 2022 - 10:35 2

ރިސޯޓު ތަރައްގީކުރަން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ރަށްތައް ކުއްޔަށް ދިނުމުގެ ތެރެއިން ހިންގި ހިޔާނާތާ ގުޅިގެން ދައުލަތަށް ލިބެން ޖެހޭ ފައިސާގެ އެއްވެސް މިންވަރެއް މިހާތަނަށް ނުލިބޭ ކަމަށް އޮޑިޓު އޮފީހުން ބުނެފި އެވެ.

އެމްއެމްޕީއާރްސީން ޓޫރިޒަމްގެ ބޭނުމަށް އެކި ފަރާތްތަކަށް ރަށްތައް ދޫކުރީ 2013 – 2015 އަށެވެ. މި މުއްދަތުގެ ތެރޭގައި ރަށާއި ފަޅު ހިމެނޭހެން 49 އެއްބަސްވުމެއްގެ ދަށުން 57 ތަނެއް ކުއްޔަށް ދީފައިވެ އެވެ. އޭގެ ތެރެއިން 50 ތަނަކުން އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި 77.5 މިލިއަން ޑޮލަރު (1.1 ބިލިއަން ޑޮލަރު ލިބުނެވެ.

އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި ލިބުނު ފައިސާގެ ތެރެއިން އެމްއެމްޕީއާރްސީ އެކައުންޓުތަކަށް ޖަމާކުރީ 12.5 މިލިއަން ޑޮލަރު (192 މިލިއަން ރުފިޔާ) އެވެ. މި ފައިސާގެ އެންމެ ބޮޑު ބަޔެއް ޖަމާވީ މި ހިޔާނާތް ހިންގަން ބޭނުންކުރި އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓުތަކަށެވެ. އެއީ 59.4 މިލިއަން ޑޮލަރު (913.2 މިލިއަން ރުފިޔާ) އެވެ. ބާކީ 5.5 މިލިއަން ޑޮލަރު (85.2 މިލިއަން ރުފިޔާ) ޖަމާކުރީ އެހެން އެކައުންޓުތަކަށެވެ.

އޮޑިޓު އޮފީހުން އާންމުކޮށްފައިވާ "އެމްއެމްޕީއާރްސީ އޮޑިޓް ރިޕޯޓް 2020" ގައިވާ ގޮތުގައި އޮޑިޓު ތާރީހާ ހަމައަށް އެމްއެމްޕީއާރްސީން ދޫކުރި ރަށްތަކުގެ އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި ނުލިބިވާ 1.3 ބިލިއަން ރުފިޔާވެ އެވެ.

މި ފައިސާގެ ތެރޭގައި ހިޔާނާތްތެރިވީ ފައިސާ އާއި އެއްވެސް އެކުއިޒިޝަން ކޮސްޓެއް ނުލިބިހުރި ތަންތަނުން ލިބެން ޖެހޭ ފައިސާ ވެސް ހިމެނެ އެވެ. އެކަމަކު ޑިސެމްބަރު 2015 ގެ ފަހުން މިއިން އެއްވެސް ފައިސާއެއް ދައުލަތުގެ އެކައުންޓަކަށް ވަދެފައި ނުވާކަމަށް އޮޑިޓު ރިޕޯޓުގައި ފާހަގަކުރި އެވެ.

ރަށްތަކާއި ފަޅުތައް ކުއްޔަށް ދީގެން ނުލިބިވާ ފައިސާގެ އިތުރުން، ހަމަ އެ ދުވަސްވަރު އެސްއޯއެފް އަށް ނަގުދު ފައިސާއިން ދިން 157.2 މިލިއަން ރުފިޔާގެ ތެރެއިން އެއްވެސް ވަރެއް މިހާތަނަށް ނުލިބޭ ކަން ވެސް އޮޑިޓަށް ވަނީ ފާހަގަކުރެވިފަ އެވެ.

މި މައްސަލައިގައި އެމްއެމްޕީއާރްސީއާ އެއްކޮޅަށް ސިވިލް ކޯޓުން ސެޕްޓެމްބަރު 17، 2017 ގައި ހުކުމެއް އިއްވި ނަމަވެސް، އެ ފައިސާގެ ތެރެއިން އެއްވެސް މިންވަރެއް މިހާތަނަށް އަނބުރާ ނުލިބެ އެވެ.

މި ނޫނަސް އެމްއެމްޕީއާރްސީ މައްސަލައިގައި ޖިނާއީ އަދި މަދަނީ ދައުވާތައް ކުރިޔަށް އެބަދެ އެވެ. ނަމަވެސް މިހާތަނަށް މި މައްސަލައިގައި އިސްކޮށް އުޅުނު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ހަސަން ޒިޔަތުގެ އިތުރުން ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލް ފިޔަވައި އެހެން މީހެއްގެ މައްޗަށް މި މައްސަލައިގައި ދައުވާއެއް ސާބިތުކުރެވިފައެއް ނުވެ އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތް ތަހުގީގުކޮށް ދައުލަތަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމަކީ މި ސަރުކާރުގެ މުހިންމު ވައުދެކެވެ. އަދި އެކަން ކުރަން ވެގެން ވެރިކަމަށް އައިތާ ކައިރީގައި އެސެޓް ރިކަވަރީ ކޮމިޝަނެއް އުފައްދާ މަސައްކަތްތަކެއް ވެސް ކުރި އެވެ. އެކަމަކު މި އަހަރުގެ މާޗު މަހު މި ކޮމިޝަން އުވާލިއިރު ވެސް މި ތަހުގީގު ކޮޅެއްގައި ޖެހި ގިނަ މައްސަލަތަކުގައި ދައުވާ ކުރެވޭ ވަރެއް ނުވެ އެވެ.

ހަމައެކަނި ދައުވާކުރެވޭ ވަރަށް ހެކި ލިބިގެން ފެށި މައްސަލަތަކަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތުކުރެވޭ ގއ. ވޮޑަމުލާ މައްސަލަ އާއި ވ. އާރަށު މައްސަލަ އެވެ. އޭގެ ތެރެއިން ވޮޑަމުލާ މައްސަލައިގައި ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް މައްސަލަ ސާބިތުކުރެވުނު ނަމަވެސް، ސުޕްރީމް ކޯޓުން ވަނީ އެ ހުކުމް ބާތިލުކޮށްފަ އެވެ.

އާރަށް މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ދަނީ ކުރިޔަށެވެ. ޔާމީންގެ އިތުރުން އެ މައްސަލައިގައި ދައުވާ އުފުލާފައިވަނީ ކުރީގެ ފެލިދޫ ދާއިރާގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށެވެ. އެ މައްސަލައިގެ އަޑުއެހުންތައް ވެސް ވަނީ ފަށައިފަ އެވެ.

އެސެޓް ރިކަވަރީ ކޮމިޝަން އުވާލުމާ އެކު މިހާރު މި މައްސަލަ ތަހުގީގުކުރަމުން ދަނީ އެންޓި ކޮރަޕްޝަން ކޮމިޝަނާއި ފުލުހުން ގުޅިގެންނެވެ.