17 ސެޕްޓެންބަރު 2022 - 12:26 0
އާމިނަތު އިބްރާހިމް
17 ސެޕްޓެންބަރު 2022 - 12:26 0
އެންމެ އާދައިގެ ބޭހެއްގެ ގޮތުގައި ބޭނުންކުރާ ޕެރަސެޓަމޯލް އަށް އޯވަޑޯޒްވެގެން ފުރާނައަށް ނުރައްކާވާ ހާލަތަށް ދިއުމަކީ ބޮޑެތި މީހުންގެ މެދުގައި އާންމު ކަމެއް ނޫނެވެ. އެކަމަކު ޕެރަސެޓަމޯލް އަށް އޯވަޑޯޒްވުމަކީ ތުއްތު ކުދިންނާއި ކުޑަކުދިންނަށް ސީރިއަސް ސިއްހީ މައްސަލަތައް ދިމާވާ ކަމެކެވެ. އެންމެ ނުރައްކާތެރި ހާލަތުގައި ލިވާ، ނުވަތަ ފުރަމޭ، ޓްރާންސްޕްލާންޓްކުރުން ނޫން އެހެން ފަރުވާ އެއް ނެތް މިންވަރަށް ފެއިލްވެ އެވެ.
އޭގެ ކަންބޮޑުވުން، އަމިއްލަ އަށް އިސްނަންގަވައިގެން ކުޑަކުދިންގެ ސީނިއާ ޑޮކްޓަރު ޑރ އަބްދުﷲ ނިޔާފް ހިއްސާކުރެއްވީ، އޯވަޑޯޒްވެ ލިވާ ފެއިލް އާ ހިސާބަށް ދިއުން އާންމު ނޫނަސް، މި ނުރައްކަލަށް ހުށަހެޅޭ ދިވެހި ކުދިންގެ ނިސްބަތް އިތުރުވަމުން އަންނާތީ އެވެ.
މައިންބަފައިންނާއި، ތުއްތު ކުދިންނަށް އަޅާލާ މީހުން މިކަމަށް ހޭލުންތެރިކުރުމުގެ ބޭނުން އިންތިހާ އަށް ބޮޑުވަނީ، ޑޮކްޓަރު ވިދާޅުވި ގޮތުގައި، ކުދިން ޕެރަސެޓަމޯލް އަށް އޯވަޑޯޒްވާ ކޭސްތަކުގައި، ހުރިހާ ފަހަރެއްގައިހެން އެކަން ހިނގަނީ، ބޭސް ދޭ މީހާއަށް މި ބޭސްތަކުގެ ގިނަ ވައްތަރުތައް ހުންނަ ކަމާއި، އެ ވައްތަރުތަކުގެ ބާރުމިން ދެނެގަންނަން ނޭނގޭތީ އާއި ޑޯޒްގެ މިންވަރު ޑޮކްޓަރުން ކަނޑައަޅަނީ ބަރުދަނަށް ވަކި ނުވަތަ ސެޓު މިންގަނޑަކަށް ކަން ނޭނގޭތީ އެވެ.
"ދާދި ފަހުން ހިނގި ހާދިސާއެއް، ކުއްޖާގެ އުމުރަކީ އެއް އަހަރާއި ދެ މަސް. ބަރުދަނަކީ 8.4 ވަރު. އޭޑީކޭ އަށް ދައްކަން އައުމުގެ ހަތަރެއް ނުވަތަ ފަސް ދުވަސް ކުރިން ކުއްޖާ ދެއްކީ ރާއްޖޭގެ އެހެން ސީނިއާ ޑޮކްޓަރަކަށް. ދެއްކި އިރުގައި ހުން ހުރި. ހުރެގެން ބޭސް ލިޔެދެއްވީ ޕެނަޑޯލް ޑްރޮޕްސް 1 އެމްއެލް ކޮންމެ 6 ގަޑިއަކުން ދޭން،" ނިޔާފް ތަފްސީލުކޮށްދެއްވި އެވެ.
"ފެނަޑޯލް ޑްރޮޕްސް ގައި މި ވާ ގޮތަކީ، އޭގެ 1 އެމްއެލް (ml) އަކީ 100 މިލިގްރާމް(mg). އެހެންވީމަ އިރަކު 1 އެމްއެލް ދިނީމަ، ކުއްޖާގެ ބަރުދަނަކީ 8.4 ވެއްޖިއްޔާ، އޭތި ހިސާބުކޮށްލާ އިރު ކިލޯ އަކަށް މި ޖެހެނީ 11.9 މިލިގްރާމް. ޕެރެސެޓަމޯލް ގެ ޑޯޒްއަކީ، ކޮންމެ ކިލޯގްރާމަކަށް 10-15 މިލިގްރާމްގެ ރޭޓުން ދޭންޖެހޭ އެއްޗެއް. އެހެންވީމަ ޑޮކްޓަރު ކުއްޖާއަށް ދިން ޑޯޒް ރަނގަޅު. ދެން މި ޕޭޝަންޓަށް މި ޑޯޒް، ޕޭރެންޓް ތިން ދުވަސް ވަންދެން ދިނީ. އެކަމަކު ވެސް ހުން ރަނގަޅެއް ނުވޭ،" ނިޔާފް ވިދާޅުވި އެވެ.
ބައެއް ބަލީގައި ޕެރަސެޓަމޯލް ނުވަތަ ޕެނަޑޯލްގެ ދައުރަކީ ހުން ދަށް ކޮށްލަން ހިފާލުމެވެ. ބަލިވާ ފަހަރުތަކުގައި، ހުން އަންނަނީ ސިކުނޑިން އާ ސެޓް ޓެމްޕަރޭޗާ އެއް ބަދަލުކޮށްލާތީ އެވެ. މި ސެޓް ޓެމްޕަރޭޗާއަށް ވާ ވަރަށް ހޫނު އުފައްދަން މި ހާލަތުގައި ހަށިގަނޑު މަސައްކަތް ފަށަ އެވެ. އެހެންކަމުން، ބޭސް ދިނީމުން، އަލަށް ސެޓްވެފައި އިން ޓެމްޕަރޭޗާ ދަށްކޮށްލަން އިރުކޮޅަކަށް ހިފާލިޔަސް، އަނެއްކާވެސް ހަމަ އެ ސެޓް ޓެމްޕަރޭޗާއަށް ވާވަރަށް ހޫނު އުފައްދަން ހަށިގަނޑުން މަސައްކަތް ފަށައެވެ. މީގެ މާނައަކީ ހުން އަންނަ ސަބަބު އަދިވެސް ހުރީތީ، ދެމުން އަންނަ ބޭހުން ހުން އެއްކޮށް ފިނިކޮށްލާ ވަރަށް އަސަރު ނުކުރަނީ އެވެ.
"މި ކޭސްގައި ޕޭރެންޓުން މި ހެދި ގޮތަކީ، ތިން ދުވަސްވީ އިރުވެސް ހުން ނުފިލީމަ، ކުއްޖާ ދެއްކި ޑޮކްޓަރު ދަންނަ، ގާތް މީހަކު ކައިރީގައި ބުނީ ޑޮކްޓަރަށް އަންގާލަދެވިދާނެހޭ ތިމަންނަގެ ދަރިފުޅަށް ބޭސް ދީ މިހައި ދުވަސް ވެއްޖެއޭ. އަދިވެސް ހުން ރަނގަޅައް ނުފިލައޭ. ދެން މި މީހާ ޑޮކްޓަރު ކައިރީ މި ބުނަނީ، ކުއްޖާ އަށް ޕެނަޑޯލް ސިރަޕް ދޭތާ ތިން ދުވަސް ވެއްޖެއޭ. އެކަމަކު ހުން ނުފިލައޭ. ދެން ޑޮކްޓަރު އަހަނީ، ކިހާ ވަރެއް ހެއްޔޭ ދެނީ. ބުނީމަ އޭނަ މި ބުނަނީ، 1 އެމްއެލް 6 ގަޑިން ހަގަޑިންނޭ ދެނީ. ދެން މި ޑޮކްޓަރު ލަފާ ދެނީ، ތި ދެނީ މާ މަދުންނޭ، ޕެނަޑޯލް ސިރަޕް ނަމަ ދޭންޖެހޭނެއޭ 5 އެމްއެލް އިރަކު." ގޯސް ހެދުނު ހިސާބު ޑރ. ނިޔާފު ފާހަގަކޮށްދެއްވި އެވެ.
"ސިރަޕް ވެއްޖިއްޔާ ފަސް އެމްއެލް ދިނީމަ، ކުރިން ހެދި ހިސާބަށް ބެލީމާ، ކިލޯއަކަށް މި ޖެހެނީ 14.2 މިލިގްރާމް. އެހެންވީމަ އަދިވެސް 10-15 ތެރޭގައި ހިމެނޭތީ ޑޯޒް އޯކޭތާ. ދެން މި މީހާ ކުއްޖާގެ މައިންބަފައިންނަށް ގުޅާފަ ބުނީ، ޑޮކްޓަރު ބުންޏޭ ތި ދެނީ މާ މަދުންނޭ، ޑޮކްޓަރު ބުންޏޭ 5 އެމްއެލް ދޭން."
ޕެނަޑޯލް ޑްރޮޕްސް އާ ހިލާފަށް، ޕެނަޑޯލް ސިރަޕް އަކީ ކޮންސެންޓްރޭޝަން ދަށް ވައްތަރެވެ. އޭގެ ކޮންމެ 5 އެމްއެލް (ml) ގައި ހިމެނޭނީ 120 މިލިގްރާމް (mg) އެވެ. ޑްރޮޕްސް ނަމަ، ކޮންމެ އެމްއެލް އެއްގައި 100 މިލިގްރާމް ހިމެނެ އެވެ.
ކުއްޖާގެ އަސްލު މައިންބަފައި ނޫން މީހަކު، ޑޮކްޓަރާ، ކުއްޖާއާ ދެމެދު މެދުވެރިއަކަށް ވުމުން އެރި މައުލޫމާތުގެ އޮޅުމާއެކު، ކުއްޖާއަށް ދެން ދޭން ފެށީ ކޮންމެ 6 ގަޑިން ހަ ގަޑިން ޕެނަޑޯލް ޑްރޮޕްސްގެ 5 އެމްއެލް (ml) އެވެ. އެގޮތަށް ދޭން ފެށުމުން ކުއްޖާއަށް އެ ދެވެނީ ޑޯޒް އަކުން 500 (mg) މިލިގްރާމެވެ. މިއީ ކުއްޖާގެ ބަރުދަނުން ހިސާބު ބަލާނަމަ، ކިލޯއަކަށް 59 (mg) މިލިގްރާމްގެ ރޭޓެކެވެ.
އާންމުކޮށް ކުދިންނަށް ދޭން ބޭނުންކުރާ ޕެރަސެޓަމޯލްގެ ވައްތަރުތައް، ބޭނުންކުރާ ބޭހުގެ ޑޯޒް އެނގުން މުހިއްމު
"ކޮންމެ އުމުރެއްގެ މީހަކަސް، ޕޭޝަންޓަކަށް އެންމެ ގިނަވެގެން ދެވޭނެ ޑޯޒަކީ ކިލޯ އަކަށް ޕެރެސެޓަމޯލް ނުވަތަ ޕެނަޑޯލްގެ 20 (mg) މިލިގްރާމް،" ޑޮކްޓަރު ވިދާޅުވި އެވެ.
އެހެންވީމަ، މިގޮތަށް ބޭސް ދޭން ފަށައިގެން ދުވަހެއް ނުވެ ކުއްޖާ ބަލިވާން ފެށީ އެވެ. މާ ބޮޑަށް ބަލިވާތީ އޭޑީކޭ އަށް ގެނައި އިރު ކުއްޖާގެ ލިވާ (ފުރަމޭ) ވަނީ ފެއިލްވެފަ އެވެ.
"އެގޮތަށް ބޭސް ދިނީމަ ތިން ގުނަ އޯވަޑޯޒްވެފަ ހުރީ. އެކަމަކު މި ބޭބީ ވަރަށް ނަސީބު ރަނގަޅު. އައިވީ ފްލުއިޑާ އެކި އެއްޗެހި ދީގެން ފަރުވާކުރަން ފެށީމަ ލިވާ ސަލާމަތްކުރެވިއްޖެ. އެހެން ނޫންނަމަ ލިވާ ޓްރާންސްޕްލާންޓަކަށް ދާންޖެހުން ވެސް އެކަށީގެންވޭ،" އޯވަޑޯޒް ވުމުގެ ނުރައްކާ ޑޮކްޓަރު ކިޔައިދެއްވި އެވެ.
ޕެރަސެޓަމޯލް އަކީ، ބޭނުންކުރަންޖެހޭ މިންވަރަށްވުރެ ގިނައިން އެއްވަގުތެއްގައި ބޭނުންކުރަން ފެށުމުން ފުރަމޭ ފޭލް ކޮށްލާ ބޭހެކެވެ. ޕެރަސެޓަމޯލް އާއި ޕެނަޑޯލް، އެކި ބްރޭޑްތަކުން، އެކި ޕެކޭޖްތަކުގައި ގަނެގެން ބޭނުންކުރާއިރު، ބޭހުގެ ބާރުމިނާއި ގަނެވޭ ވައްތަރު ބަލައިގެން ކަނޑައެޅިފައިވާ ޑޯޒްގެ ތެރޭގައި ބޭނުން ކުރުމަށް ސަމާލުވަން ނިޔާފް އިލްތިމާސްކުރެއްވި އެވެ.
"މި ހާދިސާގައި ދެ ގޯހެއް ހެދިއްޖެ، އެއް ކަމަކީ ފޯނުން ވާހަކަ ދެއްކުން. އަދި ސީދާ ޕޭޝަންޓް ނޫން މީހަކު ގުޅައިގެން ވާހަކަ ދެއްކުން. ޑޮކްޓަރު ދިނީ ޑްރޮޕްސް، ޑޯޒު ރަނގަޅަށް. ގުޅި މީހާ، ސިރަޕުން ދެނީ 1 އެމްއެލް އޭ ބުނީމަ އޮޅުން އެރީ."
އެކި ބްރޭންޑްތަކުގެ، އެކި ސައިޒްގެ ފުޅި ހުންނަ އިރު، ބައެއް ފަހަރު ފާމަސީތަކުން އަމިއްލައަށް ގޮސް ބޭސް ގަންނަ އިރު ބޭހުގެ ޑޯޒް ނުވަތަ ބާރުމިން ޗެކުކޮށްނުލެވެ އެވެ. ކުރިން މި ފާހަފަ ކުރި ކޭސް އަށް ބަލާނަމަ، ޕެނަޑޯލް ޑްރޮޕްސް އާއި ސިރަޕްގެ ފަރަގު ދެނެގަތުމުގައި އެވަނީ އޮޅުން އަރާފަ އެވެ.
"ބައެއް ފަހަރަށް ކުއްޖާ ބަލިކޮށް ފެންނާތީ، ހުން ނުފިލާތީ، ޕޭރެންޓުން އެ ވާ ދެރައާއި ކަންބޮޑުވުމާ އެކު ބޭހުގެ ޑޯޒް މަތިކޮށްލަނީ. ނުވަތަ ހަ ގަޑިން ހަ ގަޑިން ދޭން އޮންނަ ބޭސް، އެއަށްވުރެ ކައިރި ކައިރީގައި ދޭން ފަށާ ހާލަތުތައް ވެސް އާދެ އެވެ. މިފަދަ ނިންމުން އަމިއްލަ އަށް ނިންމުމުގެ ކުރިން، އެހެން މީހަކު މެދުވެރި ނުކޮށް، އަމިއްލަ އަށް ބައްދަލުކޮށްފައި ނުވަތަ ފޯނުން ވިޔަސް ޑޮކްޓަރަކަށް ތަފްސީލުކޮށްދީފައި، ދޭ އިރުޝާދާ އެކު ކުރިއަށްގެންދިއުން މުހިއްމެވެ.
ކުއްޖާގެ ހާލަތާމެދު ކިތަންމެ ކަންބޮޑުވެ ދެރަވިޔަސް، ޑޮކްޓަރު ދޭ ޑޯޒް ގައި ހިފެހެއްޓުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ނިޔާފް ވިދާޅުވި އެވެ. އަދި ޕެނަޑޯލް، ޕެރަސެޓަމޯލް ނުވަތަ އުފަމޯލްގެ އެކި ވައްތަރުތަކުގެ ފަރަގު ދެނެގަތުމަކީ ވެސް ވަރަށް ބޮޑުތަނުން އޮޅުން އެރުން ކުޑަކުރެވިދާނެ ގޮތެއް ކަމަށް ވެސް ވިދާޅުވި އެވެ.
Comment