Advertisement

ޑޮލަރު އާމްދަނީ އިތުރުކޮށް އެސްޓީއޯގެ އަމާޒު ބިޔަބޮޑު އިގްތިސާދީ އިންގިލާބަކަށް

15 އޮގަސްޓު 2022 - 08:37 1

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


ޑޮލަރު އާމްދަނީ އިތުރުކޮށް އެސްޓީއޯގެ އަމާޒު ބިޔަބޮޑު އިގްތިސާދީ އިންގިލާބަކަށް

15 އޮގަސްޓު 2022 - 08:37 1

ރާއްޖޭގެ މުޅި އިގްތިސާދު ބިނާވެފައި އޮތީ ޓޫރިޒަމުން ލިބޭ ޑޮލަރު އާމްދަނީގެ މައްޗަށެވެ. ކޮވިޑް-19 އާއެކު ގައުމުގެ ބޯޑަރު ބަންދުކުރަން މަޖުބޫރުވެ، ރިސޯޓުތަކާއި ގެސްޓުހައުސްތައް ހުސްވުމުން ޑޮލަރު ލިބުން ހުއްޓުނެވެ. ގައުމީ އުފެއްދުންތެރިކަން 33.5 ޕަސެންޓު ދަށްވެ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނެވެ. އެތައް ބައެއްގެ ވަޒީފާތައް ގެއްލި، މުދަލުގެ އަގު ވެސް އުފުލިގެންދިޔަ އެވެ.

ވެކްސިން ޕްރޮގްރާމް ފަށައި ބޯޑަރު އަލުން ހުޅުވާލުމާއެކު އިގްތިސާދަށް ދިރުން ލިބި އަލުން ހިނގައިގަތެވެ. އޭގެ އަހަރެއް ފަހުން 2021 ނިންމާލީ 37 ޕަސެންޓުގެ އިގްތިސާދީ ކުރިއެރުމަކާއެކީ އެވެ. އެހެން ނަމަވެސް، އެންމެ ބޮޑު ކަންބޮޑުވުމަކަށް ވެފައި އޮތީ އިމްޕޯޓަށް ބަރޯސާވެފައިވާ މި އިގްތިސާދަށް ބޭނުންވާ ވަރަށް ޑޮލަރު ލިބޭނެ އިތުރު ގޮތްތަކެއް ހޯދިފައި ނުވާތީ އެވެ.

އޭގެ ފަހުން ވެސް އެންމެ ބޮޑު އަހަންމިއްޔަތުކަމެއް ދީފައި ވަނީ ޓޫރިޒަމް އިންޑަސްޓްރީއަށެވެ. އަމިއްލަ އުފެއްދުންތެރިކަން ދަށް ގައުމަކަށް ވުމާ އެކު ރާއްޖެ އިން އެކްސްޕޯޓުކުރާ މުދަލުން އަހަރެއްގެ މައްޗަށް ލިބެނީ ނިސްބަތުން މަދު ޑޮލަރެކެވެ. މަސްވެރިކަމުގެ އުފެއްދުންތަކަށް ބޭރުގެ މާކެޓުތަކުން ހަމަ އަގެއް ނުލިބެ އެވެ. މިދިޔަ އަހަރު ވެސް އެކްސްޕޯޓު އާމްދަނީގެ ގޮތުގައި ލިބުނީ 285.4 މިލިއަން ޑޮލަރެވެ. އެއާ ހިލާފަށް 2.39 ބިލިއަން ޑޮލަރުގެ މުދާ ރާއްޖެއަށް އިމްޕޯޓު ކުރި އެވެ.

ބޭރު ގައުމުތަކުން ނަގާފައިވާ ދަރަންޏާއި، އިމްޕޯޓު އަދި އެހެނިހެން ގޮތްގޮތުން ވެސް ކޮންމެ މަހަކު ވެސް އެތައް މިލިއަން ޑޮލަރެއް ގައުމުން ބޭރުވާ އިރު މިކަމަށް ހައްލެއް ހޯދުމަށް ކުރަން ޖެހޭ މަސައްކަތްތައް ގިނަ އެވެ. މިއީ ސިޔާސަތުތަކެއް އެކަށައެޅި، ޕްލޭންތަކެއް ކުރެވި، އެ ޕްލޭންތައް ފުރިހަމައަށް ތަންފީޒުކޮށްގެން މެނުވީ ހައްލު ހޯދޭނެ ކަމެއް ނޫނެވެ.

ސަރުކާރުގެ ވިޔަފާރި ކުންފުނި ކަމަށްވާ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ އަމާޒު ހުރީ ޑޮލަރު އާމްދަނީ އިތުރުކޮށް އިގްތިސާދީ ބިޔަބޮޑު އިންގިލާބަކަށެވެ؛

އެސްޓީއޯގެ އެމްޑީ ހުސައިން އަމްރު "އަދަދު" އަށް އިންޓަވިއު ދެއްވަނީ. އެ ކުންފުނީގެ ބޮޑެތި ޕްލޭންތަކެއް ޑޮލަރު އާމްދަނީ އިތުރުކުރަން ހުރި ކަމަށް ވިދާޅުވި --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


އަހަރު ނިމޭއިރު އެންމެ ފައިދާވާނީ ޝިޕިން ކުންފުންޏަށް

ރާއްޖެއަކީ ތާރީހީގޮތުން ބަލާއިރު ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ޝިޕިން ކުންފުންޏެއް އެއް ޒަމާނެއްގައި އޮތް ގައުމެކެވެ. އެއިރު 100 އަށްވުރެ ގިނަ އާގުބޯޓު ރާއްޖޭގެ ގައުމީ ޝިޕިން ކުންފުނީގެ ދަށުގައި އޮތެވެ. އޭގެ ތެރެއިން، ގިނަ ބޯޓުތައް ދަތުރުކުރީ ރާއްޖެ ނައިސް ބޭރުގެ މާކަނޑުތަކުގަ އެވެ. އޭރު އެއީ ދުނިޔޭގެ އިގްތިސާދަށް މުހިންމު ބައިވެރިންނެވެ.

އެ ދުވަސް މާޒީވެ ގޮސް އެ ކުންފުނި ވެސް ބަންގުރޫޓުވެ މާކަނޑުތަކުގައި ދިވެހި ދިދަ ޖަހައިގެން ދުއްވާ ބޯޓެއް ނެތި އޮތުމަށް ފަހު އަނެއްކާ ވެސް ކޮވިޑުގެ ތެރޭގައި އެސްޓީއޯ އިން އަލުން ފެށީ އޭރު ރާއްޖެއަށް ލިބިފައި އޮތް ރީތި ނަން އަލުން އަނބުރާ އިޔާދަކުރުމުގެ މަސައްކަތެވެ.

މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) ވުޖޫދަށް އައީ ރާއްޖެއަށް ބޭނުންވާ މުދާ ތާށިކަމެއް ނެތި އަވަހަށް ގެނައުމަށެވެ. ނަމަވެސް، އެ ކުންފުންޏަކީ އެސްޓީއޯގެ މުޅި ގްރޫޕަށް އެންމެ ގިނައިން އާމްދަނީ ވެއްދޭނެ ކުންފުންޏަށް ވުމުގެ ފުރުސަތު އެބައޮތެވެ. އެސްޓީއޯގެ އެމްޑީ ހުސައިން އަމްރުއަށް އެ ޔަގީންކަން އެބައޮތެވެ.

"އަޅުގަނޑުމެންނަށް އެންމެ މުހިންމު ކަމަކީ ރާއްޖެ ނައިސް އެކި ދިމަދިމާލުގައި މި ބޯޓު ދުއްވުން. އަޅުގަނޑުމެންގެ ޓާގެޓަކީ ބޮޑެތި ޝިޕިން ކުންފުނިތައް ހުރި ލެވެލްގައި ރާއްޖޭގެ ކުންފުނިޏެއް އޮތުން،" ގައުމީ ޝިޕިން ކުންފުނީގެ ޕޭރެންޓު ކުންފުނި ކަމަށްވާ އެސްޓީއޯ ހިންގުމާ ހަވާލުވެ ހުންނެވި އަމްރު "އަދަދު" ނޫހަށް ވިދާޅުވި އެވެ.

ސްޓޭޓް ޝިޕިން ކުންފުނީގެ ބޯޓެއް. މިވަގުތު ތިން ބޯޓެއް އެ ކުންފުނީގެ މިލްކިއްޔާތުގެ ދަށުގައި އެބައޮތް --- ފޮޓޯ: މިރާޝް ނާޝިމް/އަދަދު


އެކަން ކުރުމަށް އެ ކުންފުނީގެ ޕްލޭނެއް ވެސް އެބައޮތެވެ. ރާއްޖޭގެ ދިދަ ޖަހައިގެން ދުއްވާ ބޯޓުތަކެއް ވެސް ކުންފުނީގެ މިލްކިއްޔާތުގައި އެބައޮތެވެ. ރާއްޖެ އާއި ސިންގަޕޫރު އަދި މެލޭޝިޔާއާ ދެމެދު ދަތުރުކުރުމަށް 680 ކޮންޓެއިނަރު ޖެހޭ "އެމްއެސްއެސް ގްރެފީން" ގަތުމަށް ޖުލައި މަހު އޮތީ ސޮއިކޮށްފަ އެވެ. އޭގެ ކުރިން ގަތް އެމްއެސްއެސް ގަލޭނާ ދަތުރުކުރަނީ ކޮޅުނބާއި ރާއްޖެއާ ދެމެދު އެވެ. އަދި، ދިވެހި ދިދަ ޖެހި އެންމެ ބޮޑު ބޯޓު ކަމަށްވާ 48،000 ޓަނުގެ އެމްއެސްއެސް ކްރޯމްއަކީ ކޮންސްޓްރަކްޝަނަށް ބޭނުންވާ މުހިންމު ގިނަ ސާމާނުތަކެއް ރާއްޖެއަށް މިހާރު ގެންނަ ބޯޓެވެ.

"ވަރަށް ގިނަ ގައުމުތަކުގައި ހުންނާނެ ބޮޑެތި ކުންފުނިތައް. އެ ކުންފުނިތަކުގެ ނަން ބުނީމަ ކޮންމެހެން ނުޖެހޭނެ ކޮން ގައުމެއް ކަން ބުނާކޮށް. އެ ލެވެލްއަށް ދެވޭ ވަރުގެ ކުންފުންޏަކަށް [އެމްއެސްއެސް] ހެދުން އަޅުގަނޑުމެން ބޭނުންވަނީ،" އަމްރު ވިދާޅުވި އެވެ.

އެސްޓީއޯ ގްރޫޕަށް 1.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް މިދިޔަ 2021 ވަނަ އަހަރު ލިބުނުއިރު އަމްރު ވިދާޅުވާ ގޮތުން މި ހިނގާ 2022 ނިމޭއިރު ސަބްސިޑަރީ ކުންފުނިތަކުގެ ތެރެއިން އެސްޓީއޯއަށް އެންމެ ގިނަ ފައިސާ ވަންނާނީ ޝިޕިން ކުންފުނިންނެވެ. ބޭރުގެ ކުންފުނިތަކާ ވާދަކުރެވޭ ވަރަށް ޝިޕިން ކުންފުނި ފުޅާވާއިރު ޑޮލަރު އާމްދަނީ އިންތިހާއަށް އިތުރުވެގެންދާނެ އެވެ.

އިހަންދިއްޕޮޅުގެ ފްލޯޓިން ތެޔޮ ސްޓޯރޭޖު؛ ތެޔޮ ޝެޑެއް ދުނިޔޭގެ މެދަށް

ޖިއޮގްރަފީގެ ގޮތުން ރާއްޖެ އުފެދިފައި އޮތް ސަރަހައްދަކީ ދުނިޔޭގެ ހުޅަނގު ބިތާއި އިރުމަތި ގުޅުވާލަދޭ މައި މަގުގެ މެދެވެ. އިންޑިއާ ކަނޑަށް ފެތުރިފައި އޮތް މި ޖަޒީރާއަކީ ދުނިޔޭގެ އިގްތިސާދުގެ މުހިންމު ހަބަކަށްވުމުގެ ހުރިހާ ރުކުނެއް ފުރިހަމަވާ ގައުމެކެވެ. އެހެން ނަމަވެސް މިއަދާ ހަމައަށް ވެސް އެކަމުގެ ފައިދާ ނެގޭނެ ގޮތްތަކެއް ރޭވި އިންތިޒާމު ކުރެވިފައެއް ނުވެ އެވެ.

"ގާތްގަނޑަށް 80،000 ޓަނުގެ ފްލޯޓިން ވެސެލްއެއް ގެނެސް، ފުނަދޫއަށް ވުރެ ބޮޑު ދެ ގުނަ ވެސެލްއެއް ގެނެސް، އޭތި ބާއްވާނީ އުތުރުގައި. ހަމައެކަނި ވިސްނީ ރާއްޖެއަކަށް ނޫން. ރާއްޖެއިން ބޭރުން ދަތުރުކުރާ ވެސެލްތަކަށް ބެލީ،" އަމްރު ވިދާޅުވި އެވެ.

އިހަވަންދިއްޕޮޅު އޮންނަ އަށް ޑިގްރީ ޗެނަލްއަކީ އިންޑިއާ ކަނޑުން މެދުއިރުމަތީގެ ގައުމުތަކަށާއި އެފްރިކާ ބައްރަށާއި މިސްރުގެ ސުއޭޒް ކެނަލް ހުރަސްކޮށް ޔޫރަޕަށްދާ އާގު ބޯޓުފަހަރު އެންމެ ގިނައިން ދަތުރުކުރާ ސަރަހައްދެވެ.

އިހަވަންދިއްޕޮޅުގެ މަތިން ކޮންމެ ދުވަހަކު ވެސް 300 އަށްވުރެ ގިނަ ބޯޓާއި 600 އަށްވުރެ ގިނަ މަސްދޯނި ދަތުރުކުރާއިރު އެފަދަ އުޅަނދުތަކަށް ތެޔޮ ވިއްކޭނެ ގޮތަށް ފްލޯޓިން އޮއިލް ޓާމިނަލެއް ގާއިމުކުރުމަށް އެސްޓީއޯ އިން ވަނީ މަސައްކަތް ފަށާފަ އެވެ. އެ ބޯޓުތަކުގެ ތެރެއިން ފަސް ޕަސެންޓަށް ތެޔޮ ވިއްކުން ވެގެންދާނީ ވެސް ރާއްޖޭގެ އިގްތިސާދު މުޅިން ބަދަލުވެގެންދާނެ ކަމަކަށެވެ.

ބޯޓެއް ދުއްވުމުގެ ހަރަދުގެ ގާތްގަނޑަކަށް 50 އާއި 60 ޕަސެންޓަކީ ތެލުގެ ހަރަދެވެ. ބޮޑެތި ކޮންޓެއިނަރު އުޅަނދުތަކުގެ ތެލުގެ ހަަރަދު އުޅޭނީ މިލިއަން ޑޮލަރުގެ ތެރޭގަ އެވެ. އެގޮތުން، އެންމެ ބޮޑެތި ބޯޓުތަކުން ކުރާ 28 ދުވަހުގެ ދަތުރަކަށް އެކަނި ވެސް ތިން މިލިއަން ޑޮލަރަށް ވުރެ އިތުރަށް ތެޔޮ އަޅަން ޖެހޭނެ އެވެ.

އެސްޓީއޯ އިން މިހާރު ތެޔޮ ރައްކާކުރާ ފުނަދޫގައި ޓޭންކަރެއް ކައިރިކޮށްފައި. އެ ކުންފުނީގެ ތެޔޮ ސްޓޯރޭޖު ކެޕޭސިޓީ ދެގުނަ އިތުރުވެގެންދާނެ --- ފޮޓޯ: އެސްޓީއޯ


ކުރިއަށް އޮތްތަނުގެ އޮޕަރޭޝަންތައް ފުޅާކުރަން ޖެހޭއިރު އެސްޓީއޯއިން ނިންމީ ކުޑަކޮށް ފަށާށެވެ؛

"މިހާރު އެބައޮތް 7،000 ޓަނުގެ ވެސެލްއެއް. އޭތި ފުރަތަމަ އިހަވަންދިއްޕޮޅަށް ލާނީ. ފެށުނީމަ އިނގޭނެ ގެންނަން ޖެހޭ ބަދަލުތައް އިނގޭނެ. މިއީ ރާއްޖޭގައި އަލަށް ފަށާނެ ކަމެއް. މިއީ ހަމަ ސީދާ ތެޔޮ އަޅަން އޮންނަ އެއްޗެއް. މީހުންނެއް ނުއެއް ފައިބާނެ،" އެކަން ތަފްސީލުކޮށްދެއްވަމުން އަމްރު ވިދާޅުވި އެވެ.

ރާއްޖޭގައި މިހާރު ވެސް ބަންކަރިންގެ ހިދުމަތް ދެ އެވެ. އެއީ ގިނަ ހުއްދަތަކެއް ނަގަން ޖެހޭ ކަމެކެވެ. އެސްޓީއޯއިން ފަށަން މިއުޅެނީ ބަންކަރިންގެ ހިދުމަތެއް ނޫނެވެ. މިއީ ހަމަ ސީދާ ފްލޯޓިން ތެޔޮ ޓާމިނަލެކެވެ. އަންނަ ގޮތަށް ބޯޓަށް ތެޔޮ އަޅާލައިގެން ދާންވީ އެވެ.

"އަޅުގަނޑުމެން ކުރަން މި އުޅޭ ކަމަކީ ދުނިޔޭގެ މެދުގައި ފިއުލް ޝެޑެއް ބެހެއްޓުން. ރެގިއުލޭޝަންސް ވެސް ބަދަލުވާން ޖެހޭ. އަޅުގަނޑުމެން ބޭނުން ވަނީ ބޭރު ގައުމުތަކަށް ވުރެ ފަސޭހައިން ވެސް ރާއްޖެއިން ތެޔޮ އެޅޭނެ ގޮތަށް. މިވެސް ވާނެ ޑޮލަރު އިންކަމް ވާނެ ބޮޑު އިންޑަސްޓްރީއަކަށް،" އަމްރު ވިދާޅުވި އެވެ.

މިވަގުތު އެސްޓީއޯއިން ތެޔޮ ރައްކާކުރަމުން ދަނީ ހަމައެކަނި މާލެ އަތޮޅު ފުނަދޫގަ އެވެ. އެންމެ ފަސް ހެކްޓަރުގެ މި ރަށުގައި ހުންނަ 14 ޓޭންކުގައި އެއްފަހަރާ ރައްކާކުރެވެނީ 48،000 މެޓްރިކު ޓަނުގެ ޑީސަލް އަދި 10،000 މެޓްރިކު ޓަނުގެ ޕެޓްރޯލެވެ. އެހެންކަމުން، 80،000 ޓަނުގެ ފްލޯޓިން ސްޓޯރޭޖާ އެކު އެސްޓީއޯގެ ތެޔޮ ރައްކާކުރުމުގެ ގާބިލުކަން ދެގުނަ އިތުރުވެގެންދާނެ އެވެ.

ޑިޖިޓަލް ބޭންކުގެ އަމާޒު އެފްރިކާއަށް

މިވަގުތު ރާއްޖޭގައި ހަމައެކަނި ޑިޖިޓަލްކޮށް ހިދުމަތްދޭ ބޭންކެއް ނެތެވެ. ޓެކްނޮލޮޖީ މިހާ ކުރިއަރާފައިވާ ޒަމާނެއްގައި މިފަދަ ބޭންކެއް ރާއްޖޭގައި ގާއިމުވެފައި ނެތެވެ. އެކަން ބަދަލުކުރަން އެސްޓީއޯއިން ހުށަހަޅަނީ "އިވޯލްވް" އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެ ބޭންކަށް އެންމެ ފުރަތަމަ ހުއްދަ ނުދިން ނަމަވެސް އެސްޓީއޯއ އިން މިހާރު ވަނީ އަނެއްކާ ވެސް ހުއްދައަށް އެދި ހުށަހަޅާފަ އެވެ.

"ރާއްޖޭގައި އެކަން ކޮށްފައި އަޅުގަނޑުމެން ވިސްނައިގެން ތިބީ އެފްރިކާގައި އެ ބޭންކް އެސްޓެބްލިޝްކުރަން. އެއީ އަސްލު އަޅުގަނޑުމެން ދާން ޖެހޭ ހިސާބު. އެކަން ކުރަން ރާއްޖޭގައި ފުރަތަމަ އެސްޓެބްލިޝް ވާން ޖެހޭ،" އަމްރު ވިދާޅުވި އެވެ.

އެސްޓީއޯގެ އެމްޑީ ހުސެން އަމްރު އެމްއެމްއޭއަށް ވަދެވަޑައިގަންނަވަނީ: އެސްޓީއޯއިން ޑިޖިޓަލް ބޭންކިން ހުއްދައަށް އަލުން ވަނީ އެދިފައި -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު


މިއީ ރާއްޖޭގައި އަލުން ފަށާ ކަމެއް ކަމަށްވާއިރު ގޮންޖެހުންތަކެއް އެބަހުއްޓެވެ. ލައިސެންސް ހޯދަން އަލުން ހުށަހަޅާފައިވާއިރު ލައިސަންސް ލިބުމުން ހަ މަސް ތެރޭގައި ހިދުމަތް ދޭން ފަށާނެ ކަމަށް އަމްރު ވަނީ ވިދާޅުވެފަ އެވެ.

އެސްޓީއޯއިން ޑިިޖިޓަލް ބޭންކިިންއަށް ނިކުންނަން ވިސްނީ އެ ކުންފުނިން ހެދި ދިރާސާއަކުން މިކަމަށް ދިވެހިންގެ މެދުގައި ބޮޑު ޑިމާންޑެއް އޮތް ކަމަށް ދައްކާތީ އެވެ. ސީޑީއީ ކޮންސަލްޓިންއާ ގުޅިގެން ކުރިޔަށް ގެންދިޔަ އެ ދިރާސާގެ އިތުރުން އެސްޓީއޯއިން ޑިޖިޓަލް ބޭންކަށް ހުށަހެޅުމުގެ ކުރިން ބޭރު ބަޔެއްގެ ކޮންސަލްޓަންސީ ވެސް ހޯދި އެވެ.

އެސްޓީއޯގެ އުއްމީދަކީ ޑިޖިޓަލް ބޭންކިން ތައާރަފުކޮށް ދިވެހިން ބޭންކު ކުރާ ގޮތަށް އިންގިލާބީ ބަދަލެއް ގެނައުމެވެ. ޑިޖިޓަލް ބޭންކުތަކަކީ މިހާރު ދުނިޔޭގައި ވަރަށް ހަލުވި ދުވެއްޔެއްގައި ފުޅާވަމުން އަންނަ ބޭންކުތަކެވެ. ޓެކްނޮލޮޖީއަށް އަންނަމުންދާ ކުރިއެރުމާއި، އާންމުން ޓެކްނޮލޮޖީއަށް އަހުލުވެރިވާ ވަރަކަށް މި ބޭންކުތަކުގެ މަގުބޫލުކަން ދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ.