Advertisement

ލަކުނާއި އައިބުތައް ފިލުވައި ރީތި ކުރުމަށް އޭޑީކޭއިން މި ފަށަނީ މުހިންމު ފަރުވާއެއް

24 ޖޫން 2022 - 10:01 1

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ޑރ. ބުއްދި (ކ) އަދި ޑރ. ނިޔާފް (ވ) މި ރިޕޯޓަށް އިންޓަވިއު ދެއްވަނީ. ރީކޮންސްޓްރަކްޓިވް ސާޖަރީ އަކީ ބޭސްވެރިކަމުގެ ތެރޭގައި މުހިންމު ބަޔެއް --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ލަކުނާއި އައިބުތައް ފިލުވައި ރީތި ކުރުމަށް އޭޑީކޭއިން މި ފަށަނީ މުހިންމު ފަރުވާއެއް

24 ޖޫން 2022 - 10:01 1

އުފެދުމުގައި ހުންނަ ލަކުނާއި އައިބުތައް ފިލުވުމަށް ދުނިޔޭގައި އެންމެ މަގުބޫލު އެއް ފަރުވާއަކީ ރީކޮންސްޓްރަކްޓިވް އެއިސްތެޓިކް ސާޖަރީ ނުވަތަ އާންމު ބަހުން ނަމަ ޕްލާސްޓިކް ސާޖަރީ އެވެ. މިއީ ހަމައެކަނި އުފެދުމުގައި ހުންނަ މިފަދަ އައިބުތައް ރަނގަޅު ކުރަން ހަދާ ސާޖަރީއެއް ނޫނެވެ. އެކްސިޑެންޓުތަކާއި އަދި އެހެނިހެން ހާދިސާތަކުގައި ވެސް ގުނަވަންތަކަށް ލިބޭ ގެއްލުންތައް ރަނގަޅު ކުރުމުގެ ތެރޭގައި އެއީ މުހިންމު ބައެކެވެ.

ދިވެހިން މެދުގައި މިއީ އަދި އެހާ އާންމު ފަރުވާއެއް ނޫނެވެ. ގިނަ މީހުންނަށް ޕްލާސްޓިކް ސާޖަރީ އެނގެނީ ބޭރުގެ މަޝްހޫރު ކޮންމެވެސް ފަންނާނަކު ހަދާ ކޮސްމެޓިކް ޕްލާސްޓިކް ސާޖަރީއަކުންނެވެ. އެއީ، ހަމައެކަނި މީހާގެ ސޫރަ ބަދަލުކޮށް ރީތިވުމަށް ކުރާ ކަމެއްގެ ގޮތުގައި އޮތީ ސިފަ ވެފަ އެވެ.

ނަމަވެސް، ހަގީގަތަކީ މިއީ، އެއަށްވުރެ މާ ފުޅާ އަދި އެހާމެ ބޭނުންތެރި ފަރުވާއެކެވެ.

ރީކޮންސްޓްރަކްޓިވް ސާޖަރީއަކީ ކޮބާ؟

މިއީ އުފެދުމުގައި ހުންނަ އައިބުތަކާއި ހަށިގަނޑަށް ދިމާވާ އެކި ސިއްހީ މައްސަލަތަކާއި ގުޅިގެން ގުނަވަންތަކަށް ލިބޭ ގެއްލުންތައް ރަނގަޅު ކުރުމަށް ދޭ ހާއްސަ ފަރުވާއެކެވެ. މި ސާޖަރީގެ މައިގަނޑު މަގްސަދަކީ އެ ގެއްލުމެއް ލިބުމުގެ ކުރިން ހަށިގަނޑު ހުރި ގޮތަށް ނުވަތަ އެއާ އެންމެ ކައިރި ކުރާ ގޮތަކަށް ގުނަވަންތަކުގެ މަސައްކަތް ބައްޓަން ކުރުމެވެ.

ބޭރު ފުށުން ފެންނަ ފެނުން ގެއްލުމެއް ވުމުގެ ކުރިން ހުރި ގޮތާއި އެއްގޮތް ކުރުމުގެ އިތުރުން ގުނަވަނެއްގެ ބޭނުން ނުގެއްލޭ ގޮތަށް ފަރުވާ ދިނުމުގައި މިއީ ބޭސްވެރިކަމުގެ މުހިންމު ބައެކެވެ.

"ޕްލާސްޓިކް ސާޖަރީއަކީ ހަމައެކަނި ގުނަވަނެއް ރީތި ކުރުމެއް ނޫން. އޭގެ މާނައަކީ ހަށިގަނޑުގެ ގުނަވަނެއްގެ ފެންނަ ފެނުން ބަދަލުކުރުން އަދި ކުރިން ބޭނުންކުރި ގޮތަށް އެ ގުނަވަނެއް ބޭނުންކުރަން މަގުފަހިކޮށްދިނުން،" މި ރިޕޯޓަށް މައުލޫމާތު ދެއްވި އޭޑީކޭގެ ސީނިއާ ކޮންސަލްޓަންޓު އިން ޕްލާސްޓިކް އެންޑް ރީކޮންސްޓްރަކްޓިވް ސާޖަރީ ޑރ. ބުއްދި ސުދިން ވިދާޅުވި އެވެ.

އޭގެ ތެރޭގައި ކަށްޓައް ލިބޭ ގެއްލުމާއި އަދި ބޭރު ފުށުން ލިބޭ ގެއްލުންތައް ރަނގަޅު ކުރުން ވެސް ހިމެނެ އެވެ. ވަކިން ހާއްސަކޮށް އިންސާނެއްގެ ދިރިއުޅުމުގައި އެންމެ ބޭނުންތެރި ގުނަވަންތަކަށް ލިބޭ އަނިޔާތަކުން ސަލާމަތްވެ އަލުން އެ ގުނަވަނެއް ބޭނުންކުރުމުގައި އުނދަގޫތަކެއް ކުރިމަތި ނުވާނެ ގޮތަށް ހަންގަނޑާއި އެތެރޭގައި ހުންނަ ޓިޝޫތައް ބައްޓަން ކުރަން މި ފަރުވާގައި އިސްކަން ދޭނެ އެވެ.

މިކަން ތަފްސީލު ކޮށްދިނުމަށް ޑރ. ބުއްދީ ނެންގެވީ އަތަށް ލިބޭ އަނިޔާތަކެވެ. އިންސާނުންނާއި އެހެނިހެން ދިރުންތަކާއި އެންމެ ބޮޑު އެއް ތަފާތަކީ އަތްފައި ބޭނުންކުރާ ގޮތެވެ.

ޑރ. ބުއްދި އިންޓަވިއު ދެއްވަނީ. އޭނާ ދަނީ ދުނިޔޭގެ އެކި ގައުމުތަކަށް ދަތުރުކޮށް މިކަމާ ގުޅޭ މުހިންމު މައުލޫމާތުތަކެއް އެއްކޮށްފައި --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


"މިސާލަކަށް އަތަށް ލިބޭ އަނިޔާއެއްގެ ސަބަބުން ބޮޑު ތަންގަނޑެއް ކަނޑައިގެން ގޮސްފިނަމަ އާންމުކޮށް ދޭ ފަރުވާއަކީ އެތަނެއް ފަހައި ބެއްދުން. ބޭސް އަޅައިގެން ދެ ތިން މަހުން އެ ފާރުގަނޑު ހިއްކާލެވިދާނެ. އެކަމަކު ލިބޭ ގެއްލުމުގެ ސަބަބުން ފަހަރުގައި އަތް ރަނގަޅު ހުޅުވައި ބޭނުންކުރުމަށް ދަތިވެދާނެ. ފާރުގަނޑު ހިކޭއިރު އަތުގައި ހުންނަ ބާރަށް ވެސް އެބަ އަސަރުކުރޭ،" އެކަން ތަފްސީލު ކޮށްދެއްވަމުން ޑރ. ބުއްދީ ވިދާޅުވި އެވެ.

ފާރުގަނޑު ނުހިކި ގިނަ ދުވަސްވުމަކީ ގޯހެކެވެ. ވަކިން ހާއްސަކޮށް ހުޅުހުޅާއި ނާރުތަކަށް ވާ ގެއްލުންތަކަށް އަވަސް ފަރުވާ ދޭން ޖެހެ އެވެ. އެފަދަ ފާރުތައް ހިކޭއިރު ކުރިން ހުންނަ ގޮތާ އެއްވައްތަރު ކުރުމަށް "ޓިޝޫ އެކްސްޕޭންޑާސް" މި ފަރުވާގެ ތެރެއިން ބޭނުންކުރެ އެވެ.

އޭރުން، ފާރު ހެދިފައި ސަރަހައްދުގައި އަލުން އުފެދޭ ހަންގަނޑު ދަމާފައި ގެންގޮސް ކުރިން ހުރި ހަންގަނޑާ ފައްތަރުވާ ހިސާބަށް ގެންގޮސް ގުޅުވާލެވޭނެ އެވެ. އޭރުން ފާރު ހިކޭއިރު ހުންނާނީ ކުރީގެ ހުރިގޮތާ ވަރަށް އެއްގޮތް ކޮށެވެ.

"މީހެއްގެ ފަލަކަން ފިލުވާލެވެނީ ފެޓްތައް ނަގައިގެން ކަމަށްވާނަމަ އެމީހެއްގެ ހުންނާނެ ރޫޖެހިފައި ހުންނަ ހަންގަނޑެއް. އެއީ އިތުރު ހަމެއް. ހަމަ އެގޮތަށް ފާރުގަނޑުތަކާއި ކައިރިކޮށް ހުންނަ ހަމުގެ ދަށަށް އެއްޗެއް ލައްވައިގެން އެ ހަންގަނޑު ދަމާނަމަ، ހަލާކު ނުވެ، އަނިޔާ ނުވެ ސްޓްރެޗު ވާނެ ސްޓްރެޗް މާކު ވެސް ނައިސް،" މި ފަރުވާ ތަފްސީލު ކޮށްދެއްވަމުން ޑރ. އަބްދުﷲ ނިޔާފް ވިދާޅުވި އެވެ.

ގުނަވަނެއްގައި ހުރި އައިބެއްގެ ސަބަބުން އެ ގުނަވަން ހުންނަން ޖެހޭ ގޮތަކަށް ނެތް ނަމަ ތޮބީއީގޮތުން އެ ގުނަވަނެއް ހުންނަ ބައްޓަމަށް ގެނައުމަށް ވެސް "ޓިޝޫ އެކްސްޕޭންޑާސް" ބޭނުންކުރެ އެވެ. އެކި ކަހަލަ ފަރުވާތަކާ ގުޅިގެން ނަގާ ގުނަވަނެއްގެ ބައްޓަން ގެނައުމަށް ވެސް މިފަދަ ސާޖަރީތައް މުހިންމެވެ.

މިއީ އެއްވެސް ހާލެއްގައި ބޭސްވެރިކަމުގެ ތެރެއިން ކުޑަ ދާއިރާއެއް ނޫނެވެ. ޕްލާސްޓިކް ސާޖަންއަކާ އެކު ދޭ ފަރުވާގެ ސަބަބުން ބޮޑެތި ބަދަލުތަކެއް ފެންނާނެ އެވެ. ވަކިން ހާއްސަކޮށް ބޭރުފުށުން ފެންނަ ލަކުނު ކުޑަކޮށް ނުވަތަ އެއްކޮށް ގެއްލުވާލުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ. އަނިޔާގެ ކުރީކޮޅު ޕްލާސްޓިކް ސާޖަނެއް ފަރުވާގައި ބައިވެރިވާނަމަ ކުރިން ހުރި ގޮތަކަށް ހަންގަނޑު ބައްޓަން ކުރުމުގެ ފުރުސަތު ބޮޑެވެ. އަދި، ލަކުނެއްގެ ސަބަބުން ހަށިގަނޑަށް އައިބެއް ކުރިމަތިވުމުގެ ފުރުސަތު މި ފަރުވާއިން ބޮޑުތަނުން ކުޑަކޮށްދެ އެވެ.

ގުނަވަނެއްގެ ބޭނުން ނުކެނޑޭ ގޮތަށް ފަސޭހަކުރަން ހާއްސަ އިސްކަމެއް

އޭޑީކޭ އިން މިފަދަ ފަރުވާއެއް ފެށުމުގައި ހާއްސަ އަހަންމިއްޔަތުކަމެއް ދޭ ބައެއް ކަންކަން އެބަހުއްޓެވެ. އެގޮތުން، މީގެ ކުރިން އަތަށް އަނިޔާއެއް ވެފައިވާ މީހުންގެ ތެރޭގައި އަތުގެ ހަރަކާތް އެއްކޮށް ފުރިހަމައަށް ނުލިބޭ މީހުންނަށް އަތުގެ މަސައްކަތަށް އައިސްފައި ހުރި އައިބުތައް ރަނގަޅު ކޮށްދިނުން ހިމެނެ އެވެ. އެއްވެސް ހާލެއްގައި ސިކުނޑިން އަތް ކޮންޓްރޯލް ކުރެވޭ ގޮތަށް ބަދަލުތަކެއް ގެންނަނީއެއް ނޫނެވެ.

ހަމައެހެންމެ، "މެކްސިލޯފޭޝަލް" ނުވަތަ މޫނުމަތީގެ އައިބުތައް ރަނގަޅު ކުރުމަށް ހާއްސަ އަހަންމިއްޔަތު ކަމެއް ދޭނެ އެވެ. އަދި، އޭގެ އިތުރުން ގިނަ ދުވަހުން ރަނގަޅުވާ ފާރުގަނޑުތައް ފަސޭހަކުރުމަށް ހާއްސަ އިސްކަމެއް ޑރ. ބުއްދި ދެއްވާނެ އެވެ.

"ފާރު ހިކުމަށް މަގުފަހިކޮށްދޭ ފަރުވާތަކެއް އެބަ ހުރި. ފާރު ހިކޭއިރު ލަކުނަކަށް ނުވެ ފާރު ހިއްކޭނެ ގޮތްތަކެއް އެބަ ހުރި. ފާރު ހިކޭއިރު ލަކުނަކަށްވާ ލަކުނު ރީތި ކުރެވޭނެ ގޮތްތަކެއް އެބަ ހުރި،" އޭޑީކޭން އަލަށް ފަށާ މި ފަރުވާއާ ގުޅޭ މައުލޫމާތު ހިއްސާކުރައްވަމުން ޑރ. ނިޔާފު ވިދާޅުވި އެވެ.

މި ފަރުވާގެ މުހިންމުކަމާ ގުޅޭގޮތުން ޑރ. ނިޔާފް ވާހަކަ ދައްކަވަނީ. ރާއްޖޭއަށް ނުހަނު ބޭނުންތެރި ފަރުވާއެއް ކަމަށް ވިދާޅުވި --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ބައެއް މީހުން އުފެދުމުގައި ގުނަވަންތައް އިތުރުވުމަކީ ވެސް ވާ ކަމެކެވެ. މިސާލަކަށް އަތުގައި އިތުރު އިނގިއްޔެއް ހުރުން ނުވަތަ މޫނުގައި އިތުރު ތަންކޮޅެއް ލާފައިވެސް ހުރެދާނެ އެވެ. ދެ އިނގިލި ތަތް ވެފައި ހުންނަ މީހުން ވެސް ތިބެ އެވެ. އޭޑީކޭން މި ފަށާ ފަރުވާ އާ އެކު އެ ގުނަވަނެއްގެ ބޭނުން ނުގެއްލޭ ގޮތަށް ސާޖަރީ ހެދުމަށް މަގުފަހިވެގެންދާނެ އެވެ.

"[އަނިޔާއެއްގެ ސަބަބުން ބުރިވާ ގުނަވަންތައް] މިހާރު ވެސް ގުޅުވައިދެން. ބައެއް ފަހަރު އަނިޔާގެ ސަބަބުން އެއްކޮށް ރިކަވާ ނުވެދާނެ. އެކަމަކު ދެން ސާޖަރީ ހަދާއިރު އިސްކަން ދޭނަން އެ ގުޅުވާދޭއިރު ވީހާވެސް ފަންކްޝަން ނުގެއްލޭގޮތަށް ގުޅުވައިދޭނެ،" އޭޑީކޭގެ ޗީފް މެޑިކަލް އޮފިސަރު އަދި ކުޑަކުދިންގެ ހާއްސަ ޑރ. އަބްދުﷲ ނިޔާފް ވިދާޅުވި އެވެ.

ލަކުނު ފޮރުވާނީ ތޮބީއީގޮތުން ހުންނަ ގޮތަށް

ތަނެއް ކަނޑައިގެން ދިޔުމުން ނުވަތަ ބިންދައިގެން ގޮސްފިނަމަ އެތަނެއްގައި ލަކުނެއް ހުންނާނެ އެވެ. އެފަދަ އަނިޔާއަކުން ރަނގަޅުވާއިރު ލަކުނު ނުލައި ހުންނާނެ ކަމަށް ގަބޫލު ނުކުރެވެ އެވެ. ޑރ. ބުއްދީ ވެސް ވިދާޅުވަނީ އެ ވާހަކަ އެވެ.

"އަހަރުމެން މަސައްކަތް ކުރަނީ ލަކުނު ފޮރުވަން. ފަސް އަހަރު ފަހުން ބަލިމީހާ ފެންނައިރު އޭނާގެ ގައިގައި އަޅައިގަންނަ ލަކުނެއް ހުރުމުގެ ބަދަލުގައި [ރީކޮންސްޓްރަކްޓިވް ސާޖަރީ] އެއް ހަދައިފިނަމަ ލަކުނު ހޯދަން ވަރަށް އުނދަގޫ ވާނެ. ލަކުނު ފޮރުވަން މަސައްކަތް ކުރާނީ ތޮބީއީގޮތުން ހުންނަ ގޮތަށް،" ޑރ. ބުއްދީ މި ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވި އެވެ.

އާންމު ގޮތެއްގައި ޕްލާސްޓިކް ސާޖަންއެއްގެ ބައިވެރިވުމެއް ނެތި ކުރާ ސާޖަރީތަކުގައި ލާ ލަކުނު ހާމައަށް ފެންނަން ހުރެ އެވެ. އެއީ، ހަށިގަނޑުގައި ގުދުރަތީ ގޮތުން ލައްވާފައި ހުންނަ ރޮނގުތަކާ ދިމާ ނުވާ ގޮތަށް އެ ލަކުނުތައް ފަސޭހަވާތީ އެވެ. ޕްލާސްޓިކް ސާޖަންއެއްގެ މައިގަނޑު މަސައްކަތަކީ އެފަދަ ލަކުނުތައް ހެދޭއިރު ތޮބީއީގޮތުން ލައްވާފައިވާ ގޮތާ ވީހާވެސް އެއްގޮތް ކުރުމެވެ.

"ހަށިގަނޑުގައި ހުންނަ ނާރަކަށް ނުވަތަ ފޯލްޑަކަށް ދިމާވާ ގޮތަށް ސްކާ (ލަކުނު) ކުޑަކޮށްލަނީ. އެއްގޮތަކަށް ވެސް ލަކުނު ނުހުންނަނީއެއް ނޫން. ލަކުނު އިންނަ ތަނަކުން ހަށިގަނޑުގެ ހަރަކާތެއް ގެންނަން އުނދަގޫ ތަނެއްގައި ލަކުނު ނުބޭންދުން،" ޕްލާސްޓިކް ސާޖަންއެއްގެ މަސައްކަތް ބައްޓަން ކުރާ ގޮތާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ޑރ. ނިޔާފް ވިދާޅުވި އެވެ.

އެއިސްތެޓިކް ސާޖަރީގެ ބައިވެސް ފަށާނެ

އަލަށް ފަށާ ހިދުމަތްތަކާ އެކު އާންމުން ދަންނަ ޕްލާސްޓިކް ސާޖަރީ ނުވަތަ ކޮސްމެޓިކް ބައިވެސް އޭޑީކޭން ފަށާނެ އެވެ. އޭގެ ތެރޭގައި ލަކުނު ފަސޭހަކުރުމާއި ގުނަވަންތައް ރީތިކުރުން ހިމެނެ އެވެ. ހަމައެހެންމެ، ކުރިއަށް އޮތް ތަނުގައި އިސްތަށި އިންދުމުގެ މަސައްކަތް ވެސް ފަށާނެ ކަމަށް އޭޑީކޭން ބުންޏެވެ.

އޭޑީކޭގައި މި ފަރުވާގެ ކަންކަން ކުރިއަށް ގެންދަވާ ޑރ. ބުއްދި. މިވަގުތަށް މަސައްކަތް ކުރައްވާނީ އޯޕީޑީގައި --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


"ބައެއް ފިރިހެނުން އެބަހުރޭ ގުނަވަނެއް ގޮތަށް އުރަމަތި ބޮޑުވެފައި. އުރަމަތި ކުޑަކޮށް މަސްކިއުލިން ގޮތަށް ބައްޓަން ކުރުމަށް ވެސް ފަރުވާ ދެވޭނެ،"

މިއީ އިންސާނެއްގެ ހަށިގަނޑުގައި ހުންނަ އެންމެ ސެންސިޓިވް ގުނަވަންތަކުގެ ތެރޭގައި ހިމެނޭ ގުނަވަނެއް ކަމުން އާންމުކޮށް ހަދާ ސަޖަރީތަކުގެ ސަބަބުން އެ ގުނަވަނަށް ގެއްލުން ލިބެ އެވެ. ނަމަވެސް، "ގައިނޯކެމިސްޓިއާ ސާޖަރީ" އެއް ހަދައިފިނަމަ ގުނަވަނަށް ލިބޭ ގެއްލުން ކުޑަކޮށް ލަކުނު ނުފެންނަ ގޮތް ހެދޭނެ އެވެ.

އޭގެ އިތުރުން، ކަންފަތް ރަނގަޅަށް ނުއުފެދި ހުންނަ މީހުންގެ މޭކަށިގަނޑުގެ މަޑުކަށިކޮޅެއް ނަގައިގެން އޭތީގެ ބައްޓަން އަނެއް ކަންފަތާ އެއްގޮތަށް ހަދައިގެން ޖަހައިދިނުން ވެސް މީގެ ތެރޭގައި ހިމެނެ އެވެ. އެއަށްފަހު އެތަނަށް ހަންގަނޑު އަރުވައި ރީތި ކޮށްދޭނެ އެވެ.

"ހަށިގަނޑުގައި ޓީޝޫ އިތުރަށް ބޭނުންވާ ތަންތަނަށް އެހެން ގުނަވަންތަކުން ނަގައިގެން ގެންދެވޭނެ. ޓީޝޫތައް ނަގައިގެން އެހެން ތަނަކަށް ބަދަލުކުރެވޭނެ 25 ތަނެއް ހަށިގަނޑުގައި ހުރޭ. އަހަރުމެން ބަލަނީ ބަލިމީހާގެ އަމިއްލަ ޓީޝޫ ބޭނުންކޮށްގެން ފަރުވާ ދޭން،" މީގެކުރިން ޖަޕާނާއި، އިންޑިއާ އަދި ޓައިވާނުގައި މަސައްކަތްކުރެއްވި ޑރ. ބުއްދީ ވިދާޅުވި އެވެ.