Advertisement

ފަހުދިހައިގެ ބަންދުގައި ސިއްހީ ހިދުމަތްތެރިންނަށް އިތުރުގަޑީގެ ފައިސާ ނުލިބޭތީ ކަންބޮޑުވުން ފާޅުކޮށްފި

28 މާރިޗު 2024 - 21:35 0

އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ ނަރުހަކު މަސައްކަތުގައި. ރޯދަމަހުގެ ފަހު 10 ގައި ސަރުކާރު ބަންދު ވިޔަސް ސިއްހީ ހިދުމަތްތެެރިން މަސައްކަތް ކުރަން ޖެހޭނެ. ފައިލް ފޮޓޯ/އަދަދު


ފަހުދިހައިގެ ބަންދުގައި ސިއްހީ ހިދުމަތްތެރިންނަށް އިތުރުގަޑީގެ ފައިސާ ނުލިބޭތީ ކަންބޮޑުވުން ފާޅުކޮށްފި

28 މާރިޗު 2024 - 21:35 0

ރޯދަމަހުގެ ފަހު 10 ދުވަހަކީ ބަންދު ދުވަސްތަކެއް ކަމަށް ސަރުކާރުން ކަނޑައަޅައިފައި ވާއިރު، އެ ދުވަސްތަކުގައި ވެސް މަސައްކަތް ކުރަން ޖެހޭ ސިއްހީ ހިދުމަތްތެރިންނަށް އިތުރުގަޑީގެ ފައިސާ ނުލިބޭ ގޮތަށް އުސޫލު އޮތުމުން، ސިއްހީ ހިދުމަތްތެރިންގެ ޖަމިއްޔާއިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެ ޖަމިއްޔާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސިއްހީ ހިދުމަތަކީ 24 ގަޑިއިރު ދޭން ޖެހޭ ހިދުމަތަކަށް ވާތީ ރަސްމީ ބަންދު ދުވަސްތަކުގައި ވެސް ހިދުމަތް ހުއްޓައިނުލާ ކުރިއަށް ގެންދަން ޖެހޭތީ، ރޯދަމަހުގެ ފަހު 10 ގައި ވެސް ސިއްހީ ހިދުމަތްތެެރިން ތިބޭނީ ހިދުމަތުގައި ކަމަށެވެ. އެގޮތަށް މަސައްކަތް ކުރަން ޖެހޭ އިރު ހައްގު ގެއްލެނީ އެ ޖަމިއްޔާއިން ބުނި ގޮތުގައި އިތުރު ގަޑީގެ ފައިސާ ދޭން މިހާރު އޮތް އުސޫލުގެ ސަބަބުންނެވެ.

"މިހިނގާ ރަމަޟާންމަހުގެ ކުރިއަށް އޮތް ފަހު ދިހައިގެ ބަންދުގައި ވެސް ސިއްހީ ހިދުމަތްތެރިން ހިދުމަތުގައި ތިބޭ އިރު، މިހާރު އިތުުރުގަޑީގެ ފައިސާދޭ އުސޫލު އޮތް ގޮތުން، ސަރުކާރު ބަންދުގައި ހިދުމަތުގައި ދެމިތިބޭ ، މިޖަމިއްޔާގެ މެމްބަރުންކަމުގައިވާ ސިއްހީ މަސައްކަތްތެރިންގެ ހައްގުތައް ގެއްލޭ ކަމުގައި މިޖަމިއްޔާއިން ދެކެން،" ސިއްހީ ހިދުމަތްތެރިންގެ ޖަމިއްޔާގެ ބަޔާނުގައި ބުންޏެވެ.

ބަޔާނުގައި އެޖަމިއްޔާއިން ބުނި ގޮތުގައި އިތުރުގަޑީގެ ފައިސާދޭން، ދައުލަތުގެ އާ ޕޭ ފްރޭމްވޯކްގައި މިހާރު އޮތް އުސޫލު، ވަޒީފާއާ ބެހޭ ގާނޫނާއި ރާއްޖެ ބައިވެރިވެފައިވާ ބައިނަލް އަގުވާމީ މުއާހަދާތަކާ ވެސް ހިލާފުކަމަށެވެ.

މިހާރުގެ އުސޫލުގައި އިތުރު ގަޑީގެ ފައިސާގެ ގޮތުގައި ލިބޭނީ މުސާރައިގެ 10 ޕަސެންޓަށް ވުރެ އިތުރު ނުވާ އަދަދެއްގެ ފައިސާ އެވެ.