9 ޖޫން 2022 - 12:01 1
ނާޒިމް ހަސަން
9 ޖޫން 2022 - 12:01 1
"ޕާޓީގެ ކޮންގްރެސްއިން ނިންމާނީ ކެންޑިޑޭޓަކު, އަޅުގަނޑު ދޭނެ ޔަގީންކަމަކީ އަޅުގަނޑަށް ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ވާހަކަ, އެމްޑީޕީއަށް ވެރިކަން ބޭނުން ކަމަށްވާނަމަ އަޅުގަނޑު މި ހުރީ ޗޮއިސްއެއް,"
ރިޔާސީ އިންތިހާބު ގާތްވެ ބޯމަތިވުމާ އެކު ފުރަތަމަ ފަހަރަށް އެ އިންތިހާބަށް ޝައުގުވެރިކަން ފާޅުކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ވިދާޅުވުމުން, އަންނަ އޯގަސްޓް މަހު ބާއްވާ އެމްޑީޕީގެ ކޮންގްރެސްއަކީ 'އުކުޅަސް ކޮންގްރެސް 2.0'އަށް ވެގެންދާނެ ކަމުގެ ކޮޅުމަތި ވަނީ ދައްކާލާފަ އެވެ; ޕްރައިމަރީއަކާ ނުލާ އަނެއްކާވެސް, ރައީސް ސޯލިހަށް ޓިކެޓް ވެދުންކުރާ މަންޒަރު ފެނުން ވަރަށް ގާތެވެ.
އެމްޑީޕީގެ ތެރޭގައި ބާރުތަކުގެ ފުރޮޅުން ބޮޑުވެ, ރައީސް ސޯލިހަށް ކޮންޓްރޯލް އިތުރުވެފައިވާއިރު, އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވެސް ހުންނެވީ އަންނަ ރިޔާސީ އިންތިހާބު ދޫކޮށްލައްވާ ގޮތަކަށް ނޫނެވެ. އޭރު އޮތް ސިޔާސީ މާހައުލުގައި ހިތާ ދެކޮޅަށް އުކުޅަސް ކޮންގްރެސްގައި ރައީސް ސޯލިހަށް ޓިކެޓް ދޭން އެއްބަސްވެވަޑައިގެންނެވި ނަމަވެސް, މިފަހަރު އެންމެ ގާތް އެކުވެރިޔާއަށް އެ ފުރުސަތު ދޭން ތައްޔާރެއް ނޫނެވެ. ނަޝީދު ބޭނުން ވަނީ އެމްޑީޕީގެ އާންމު މެންބަރުން މެދުގައި ވޯޓަށް ގޮސް, ރިޔާސީ ކެންޑިޑޭޓެއް ހޮވުމެވެ; އެ ޕާޓީގެ އަސާސީ ގަވައިދުގައި ވެސް އޮތީ އެހެނެވެ.
އެ ޕްރައިމަރީ އޮވެއްޖެނަމަ, އޭގައި ވާދަކުރައްވައި ކާމިޔާބު ކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވެފައިވާއިރު, އެމަނިކުފާނު ވާދަކުރައްވާނަމަ ރައީސް ސޯލިހު ވާދަކުރައްވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ. އެކަމަކު ރައީސް ސޯލިހު, މިހާތަނަށް ޕްރައިމަރީއެއް އޮންނާނެ ވާހަކަ ވެސް ވިދާޅުވެފައިނުވެ އެވެ. ވިދާޅުވީ ޕްރައިމަރީއަކީ އެންމެ ރަނގަޅު, އެންމެ ޑިމޮކްރަޓިކް ގޮތް ކަމަށް އެކަންޏެވެ.
"ޕާޓީގެ އެތެރޭގެ ކަންކަން ކުރިއަށް ގެންދަން ވާނީ ގަވައިދާ އެއްގޮތަށް, ޕްރައިމަރީއެއް ބާއްވަން ގަވައިދުގައި އޮތް ކަމުގައިވާނަމަ އެކަން ކުރަން ވާނީ އެގޮތަށް, ޑިމޮކްރަޓިކް އެންމެ ރަނގަޅު ގޮތަކީ ވެސް ޕްރައިމަރީއެއް ބާއްވައިގެން ކުރިއަށް ދިޔުން," ރައީސް ސޯލިހު ވިދާޅުވި އެވެ.
އެމްޑީޕީގެ އަސާސީ ގަވައިދުގެ 100 ވަނަ މާއްދާގައި އޮތް ގޮތުން, ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ހަވާލުކުރަން ޖެހޭނީ ޕާޓީގެ އެތެރޭގައި ބާއްވާ ޕްރައިމަރީ ކާމިޔާބު ކުރާ ކެންޑިޑޭޓަށެވެ. އެގޮތުގެ މަތިން 2008 ވަނަ އަހަރުގެ އިންތިހާބަށް ޕްރައިމަރީއެއް ބާއްވައި, 5,000 ވޯޓުގެ ތަފާތަކުން އެ އިންތިހާބު ނަޝީދު, ޑރ. މުނައްވަރާއި ރީކޯ މޫސާ މަނިކާ ވާދަކޮށް ކާމިޔާބުކުރެއްވި އެވެ. އޭގެ ފަހުން 2013 އަދި 2018 އަށް ވެސް އެމްޑީޕީގައި ޕްރައިމަރީ އޮތެވެ. އެކަމަކު, އެއީ ނަޝީދު އެކަނި ކުރިމަތިލެއްވި ހަމައެކަނި ފެންނަ ނުފެންނަ ވޯޓެކެވެ.
މިވީ ތަނަށް ޕްރައިމަރީތައް ބޭއްވިޔަސް, މިފަހަރު ޕާޓީ ތެރޭގައި އޮތީ އެހެން އޮއިވަރެކެވެ; ރައީސް ކަމުގެ މަގާމުގައި ހުންނަވާ ބޭފުޅާއަށް ދެވަނަ ދައުރަކަށް ޕްރައިމަރީއަކާ ނުލާ ޓިކެޓް ދިނުމެވެ. އެކަމަކީ, ރައީސް ސޯލިހް 2023 އަށް ނެރެން މަސައްކަތް ކުރައްވާ ޓީމްގެ ވެސް ވިސްނުމެވެ. އެމްޑީޕީގެ އާ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވެސް މަސައްކަތް ކުރައްވަނީ އެ މަގުންނެވެ.
އެކަމުގައި އެ ބޭފުޅުން ދައްކަވާ ހެއްކެއް އެބަ އޮތެވެ; އެއީ 2012 ވަނަ އަހަރު އެމްޑީޕީގެ ގައުމީ މަޖިލީހުގައި މަޝްވަރާކޮށް ފާސްކޮށްފައި އޮތް ގަރާރެކެވެ. އެ ގަރާރަކީ އެ ޕާޓީން ގަބޫލުކުރާ ބަޣާވާތެއްގެ ތެރެއިން ނަޝީދު އިސްތިއުފާ ދެއްވުމާ އެކު, އަވަސް އިންތިހާބަކަށް ގޮވާލައި ފާސްކުރި ގަރާރެކެވެ. އެ ގަރާރަށް ބަހުސްކުރިއިރު, ޕްރައިމަރީއަކާ ނުލާ ނަޝީދަށް ޓިކެޓް ދިނުމަށް ވާހަކަ ދެކެވުނެވެ. އެކަމަކު, ގަރާރު ފާސްކުރީ އެ ބައި ނުހިމަނައި, ޕްރައިމަރީއެއް ބާއްވާ ގޮތަށެވެ. އޭރު މެންބަރުންނަށް ފެނުނީ ޕްރައިމަރީއެއް ބޭއްވުމަކީ އެންމެ މަސްލަހަތު ހުރި ގޮތް ކަމުގަ އެވެ. އެހެންވެ, ނަޝީދު އެކަނި ކުރިމަތިލައްވައިގެން 2013 ގައި ޕްރައިމަރީއެއް ބޭއްވީ އެވެ.
ރައީސް އާއި ނަޝީދު: ދެ ބޭފުޅުންގެ އުއްމީދު ވެސް އޮތީ 2023 އަށް
އަސާސީ ގަވައިދުގައިވާ ގޮތުން, އެ ގަވައިދުގެ ރޫހަކީ ގާނޫނުއަސާސީގެ ވެސް ރޫހެވެ; ގާނޫނުއަސާސީގައިވާ ގޮތުން އެއް ކެންޑިޑޭޓަކަށް ދެ ދައުރު ފުރުއްވޭނެ އެވެ. އެހެންކަމުން, ފަސް އަހަރު ފުރިހަމަ ކުރައްވާ ރައީސްއަކަށް ޕްރައިމަރީއަކާ ނުލާ ޓިކެޓް ދިނުމަކީ, އެ ރޫހުގައި ކުރަން ރަނގަޅު ކަމެއް ކަމުގައި ރައީސް ސޯލިހަށް ތާއިދުކުރައްވާ ބޭފުޅުން ދެކެ އެވެ. އެކަމަކު, އެއީ ޕާޓީގެ އެންމެ އަސާސީ ހަމަތަކާ ހިލާފު ކަމެއްގެ ގޮތުގައި އަނެއް ފަޅީގެ ބޭފުޅުން ދެކެ އެވެ.
އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ވިދާޅުވި ގޮތުގައި, ޕްރައިމަރީއަކީ އެ ޕާޓީގެ އެންމެ އަސާސީއެއް އެއް ކަމެވެ; ޕާޓީގެ އެންމެ ދަށުން ގައުމީ މަޖިލީހަށާއި ކައުންސިލް އިންތިހާބަކަށް ވެސް މެންބަރުން ޕްރައިމަރީއެއްގައި ވާދަކުރަން ޖެހޭއިރު, ރައިސުލްޖުމްހޫރިއްޔާގެ މަގާމަށް ވެސް އެ އިންތިހާބު ޕާޓީ ތެރެއިން އޮތުން, އެއީ އެމްޑީޕީގެ ސިފަ ކަމަށް ވަހީދު ފާހަގަކުރެއްވި އެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި, ކުރިން މަޝްވަރާއެއް ކޮށްފައި އޮތުމަކީ، އިންތިހާބެއްގެ މަގު ނޫން އެހެން މަގަކަށް މިއަދު ދާން ޖެހޭ ސަބަބެއް ނޫނެވެ.
އިންތިހާބު ނޫން ގޮތެއް ހޯދުމުގެ އޮއިވަރު އެމްޑީޕީ ތެރޭގައި އޮތީ, ޑިމޮކްރެޓިކް އަސާސްތަކާ ރައްޓެހި ނޫން ބަޔަކު ޕާޓީ ތެރޭގައި އިސްކޮށް އުޅެތީކަން ފާހަގަކުރައްވަމުން ވަހީދު ވިދާޅުވީ, ވެރިން ރުއްސައިގެން, ބުނިހާ ކަމަކަށް ދީއްލާލައިގެން އުޅޭނަމަ, އެމްޑީޕީން ގަބޫލުކޮށްގެން ތިބި ހަމަތައް ހިމުންވެ, ބައްޓަންވެގެން ނުދާނެ އެވެ. އިންތިހާބަކާ ނުލާ ޓިކެޓް ދޭން އުޅުމަކީ އޭގެ ސަބަބުން އެއް ބަޔެއްގެ ހައްގުތައް ގެއްލިގެން ގޮސް, ނާޖައިޒު ނުފޫޒުތައް ވަނުމަށް ދެވޭ ޖާގައެއް ގޮތުގައި ވަހީދު ފާހަގަކުރެއްވި އެވެ.
"ރާއްޖޭގައި ކަންކަން ހިނގާ ގޮތުން, ސަރުކާރުގެ ބާރާއި ނުފޫޒު އަދި ސަރުކާރުގައި ތިބޭ ބަޔަކު ބޭނުންވާ ގޮތަށް ކަންކަން ލަންބުވާލެވިދާނެކަން އެއީ ފެންނަން އޮތް ކަމެއް, މާލީ ކޮންޓްރޯލް އާއި ވަޒީފާގެ ކޮންޓްރޯލް އެބަ ގެންގުޅޭ," ވަހީދު ވިދާޅުވި އެވެ.
ވަހީދު ފާހަގަކުރެއްވީ, ކޮންގްރެސްއަށް ކަނޑައަޅާ މަންދޫބުން ވެސް ސަރުކާރު ކޮޅަށް 'ގަނެލުމުގެ' ފުރުސަތު އޮތް ވާހަކަ އެވެ. ޕާޓީގެ ގުނަންތަކުގެ މެންބަރުންގެ އިތުރުން އެކިއެކި ގޮފިތަކުން ހޮވާ މަންދޫބުންނާއެކު ގާތްގަނޑަކަށް 1,200 މީހުން ކޮންގްރެސްއަށް އެއްވާނެ އެވެ. އޭގެ ކޮންޓްރޯލް އޮތީ ކޮން ބަޔަކަށް އަދި ނޭނގުނު ނަމަވެސް, ވަހީދު ވިދާޅުވި ގޮތުގައި ޗެއާޕާސަން ހޮވުމަށް ސަރުކާރުން ބޭނުންކުރި ބާރާއި ނުފޫޒު ހާމަކަން ބޮޑު ގޮތެއްގައި ފެންނަން އޮތްއިރު, މަންދޫބުންނާ ހަމައަށް ވެސް އެކަން ފޯރުވާނެ އެވެ.
"...އޭގެ ތެރޭ ވަރަށް ގިނަ ވާނެ ވަޒީފާތަކުގައި ތިބި މީހުން, އިތުރަށް މަގާމުތައް ދޭނެ މީހުން ވެސް, ކޮންގްރެސްގެ ކޮންޓްރޯލް ނެގުން ވާނީ ވަރަށް ފަސޭހަ ކަމަކަށް," ވަހީދު ފާހަގަކުރެއްވި އެވެ. -- ޕާޓީގެ ކޮންގްރެސް ނަގާފައި، ދެން އެންމެ މަތީ ގައުމީ މަޖިލީހުގެ ކޮންޓްރޯލް އޮތީ ރައީސަށެވެ. ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ކޮންޓްރޯލް ވެސް އޮތީ ރައީސަށެވެ. ޗެއާޕާސަންއަކީ ސީދާ ރައީސް ސޯލިހްގެ ބޭފުޅެކެވެ.
އެހެންވެ, ޕާޓީގެ ވަރުގަދަ ކޮންގްރެސް އެއްބަސްވެ އިގުރާރު ވާނީ, ރައީސް ސޯލިހަށް އެންމެ ފަސޭހަ މަގުން ކަމަށްވުން ގާތެވެ. ރައީސް ސޯލިހު ދެއްވީ ވެސް އެފަދަ އިޝާރާތެކެެވެ. އަނެއްކޮޅުން އަސާސީ ގަވައިދުގައި ޕްރައިމަރީއެއްގެ ވާހަކަ އޮތް ނަމަވެސް, އަސާސީ ގަވައިދަށް އިސްލާހު ގެނައުން އެއީ ކޮންގްރެސްގެ މަތީ އެއްވުމަށް ނުވާނެ ކަމެއް ނޫނެވެ; އަސާސީ ގަވައިދުގައިވާ ގޮތުން, ކޮންގްރެސްގައި އެ އިސްލާހު ކުރެވިދާނެ އެވެ. އަދި, އަސާސީ ގަވައިދުގައި ނެތް ކަމެއް ދިމާވެއްޖެނަމަ, ނިންމުމެއް ނިންމައި އެކަމެއް ކޮންގްރެސްއަށް އެންޑޯޒްކުރެވޭނެ އެވެ.
'އުކުޅަސް ކޮންގްރެސް' ކުރީ އެކަމެވެ. އަސާސީ ގަވައިދަށް އިސްލާހު ގެނެސް, ބާބު 15ގެ ނަމުގައި "އުނިއިތުރު" ހިމެނި އެވެ. އޭގައި ބުނަނީ ޕްރިމަރީ ކާމިޔާބުކުރާ ކެންޑިޑޭޓަށް ވާދަ ނުކުރެވޭ ހާލަތެއް ދިމާވެއްޖެނަމަ, ދެން ވާދަ ކުރާނެ ކެންޑިޑޭޓެއް ކަނޑައެޅުމުގެ ބާރު ކޮންގްރެސް ނުވަތަ ގައުމީ މަޖިލީހަށް ލިބިގެންވާ ކަމެވެ. އެހެންކަމުން މިފަދަ އިތުރު ބާބެއް އަސާސީ ގަވައިދުގައި ލިޔުމުގެ ފުރުސަތު ވެސް ދެން ވެސް އޮންނާނެ އެވެ. ފަހަރުގައި ދެވަނަ ދައުރަކަށް ކުރިމަތިލައްވާ ރައީސަށް ޓިކެޓް ދިނުމުގެ އުސޫލު އީޖާދުކުރުން ގާތެވެ.
ރައީސް ވިދާޅުވި ގޮތުގައި, ޕްރައިމަރީއަކީ އެންމެ ޑިމޮކްރަޓިކް ރަނގަޅު ގޮތެވެ. އެކަމަކު, ކެންޑިޑޭޓަކު ކަނޑައަޅާނީ ކޮންގްރެސްއިން ކަމުގައި އެމަނިކުފާނު ތަކުރާރުކޮށް އިއްޔެ އެ ވަނީ ވިދާޅުވެފަ އެވެ. އަދި, މިވަގުތު ޕާޓީއަށް އޮތް ޗޮއިސްއަކީ އެމަނިކުފާނު ކަމަށް ވެސް އެ ވިދާޅުވީ ސާފުކޮށް ހަރުކޮށް, ސަބަބުތަކާ އެކު އެވެ. ނަން ނުގެންނެވި ނަމަވެސް, ނުސީދާކޮށް އެ ވިދާޅުވީ ނަޝީދަކީ އަންނަ އިންތިހާބަށް ޗޮއިސްއެއް ނޫން ކަމެވެ.
ދިހަ މަހަށްފަހު ނޫސްވެރިންގެ ކުރިމައްޗަށް ނުކުންނަވާ ރައީސް ވިދާޅުވި ގޮތުގައި, އިންތިހާބު ކާމިޔާބު ކުރެވެން އަންނަނީ އެހެން ޕާޓީތަކާއެކު ނުކުމެގެންނެވެ. އެމްޑީޕީއަށް އެކަނި ރިޔާސީ އިންތިހާބު ނުހޯއްދެވޭނެކަން ފާހަގަ ކުރައްވަމުން, ނަޝީދުގެ 33 ޕަސެންޓް އިސްލާހަށް ވެސް ދެކޮޅު ހެއްދެވި އެވެ. ރައީސް ޔަގީން ކުރައްވާ ގޮތުގައި ކޯލިޝަން ޕާޓީތަކާއެކު ނުކުންނަވާ އެމަނިކުފާނަށް 2023 ކަށަވަރެވެ. މުހިންމީ އެމްޑީޕީގެ ވެރިކަމެއް ދެމެހެއްޓުން ކަމާއި އެކަން ވާނީ އޮތް މަގަކީ އެއީކަން, ރައީސް ފާހަގަކުރެއްވި އެވެ.
އެކަމަކު, މެންބަރު ވަހީދު ވިދާޅުވާ ގޮތުގައި, ކޯލިޝަނާއެކު ނުކުތަސް އެމްޑީޕީ ވަރުގަދަކޮށް އޮވެގެން ނޫނީ އިންތިހާބު ކާމިޔާބު ކުރެވޭނެ ގޮތެއް ނޯންނާނެ އެވެ. އެއީ, ރައީސް ސޯލިހު އިންތިހާބުވި ވޯޓުގެ 95 ޕަސެންޓް ވޯޓަކީ އެމްޑީޕީގެ މަސައްކަތުން ހޯދި ވޯޓު ކަމާއި ދެން ވެސް އެ ވޯޓު ހޯދޭނީ އެމްޑީޕީގައި އޭރު އޮތް ޖޯޝާއި ފޯރި އޮވެގެން ކަމެވެ. ނަމަވެސް, މިހާރު ފެންނަނީ އެމްޑީޕީގެ ކަންކަން އޮތް ގޮތުން މެންބަރުން ފެޔަށް ޖެހޭ މަންޒަރު ކަމާއި ޕާޓީ ނިކަމެތިވާވަރަކަށް އިންތިހާބު ގެއްލުމުގެ ފުރުސަތު ބޮޑުވާނެ ކަމަށެވެ.
އެމްޑީޕީގެ ހިތްގައިމު, ޝައުގުވެރި ސިޔާސަތުތަކާއި ހިޔާލުތައް ކޯލިޝަނަށްޓަކައި އަބަދު ދޫކޮށް ނުލެވޭނެކަން ފާހަގަ ކުރައްވަމުން ވަހީދު ވިދާޅުވީ, ޕްރައިމަރީގެ މަރުހަލާގައި ވެސް އެމްޑީޕީގެ ބަދަލުގައި ކޯލިޝަންގެ ވާހަކަ ދެއްކުމުން, އެމްޑީޕީގެ މެންބަރުން މާޔޫސްވާނެ ކަމަށެވެ. ނިމިދިޔަ ގިނަ އިންތިހާބުތަކުން އާންމު މެންބަރުންގެ ފަރާތުން ފެނުނީ އެ މަންޒަރުކަން އޭނާ ވިދާޅުވެ އެވެ.
ފެންނަން އޮތް ކަމަކީ ޕްރައިމަރީއެއް ބޭއްވިޔަސް, ފެނިގެން ދާނީ ޗެއާޕާސަން އިންތިހާބުގައި ފެނިގެންދިޔަ ފަދަ ބޮޑެތި އަރާރުވުންތަކެވެ; އެ އިންތިހާބުގައި ވާދަކުރެއްވި ފައްޔާޒު ވެސް ވިދާޅުވެފައިވާ ގޮތުގައި 2023 އެހާ ގާތްވެފައި އޮތްއިރު "ސަކާރާތަށް" ވަގުތެއް ނެތެވެ. ނަމަވެސް, މެންބަރު ވަހީދު ވިދާޅުވެފައި އޮތް ގޮތުން އަދި ސިޔާސީ މައިދާނުގެ މާޒީގެ ތަޖުރިބާއިން ފެންނަން އޮތީ ޕްރައިމަރީ ނުބޭއްވިޔަސް ހަމަޖެހުމެއް ނެތް ކަމެވެ. އެކަން ޕީޕީއެމް އޮތީ ތަޖުރިބާކޮށްފަ އެވެ.
ޔާމީނަށް ދެވަނަ ދައުރަކަށް ޓިކެޓް ދިނުމާއި ޕްރައިމަރީގެ ވާހަކަ އޭރު ޕީޕީއެމްގެ ތެރެއަށް ވަނުމާއެކު، އެ ޕާޓީ ވެސް ދެފަޅިއަށް ވަކިވެގެން ދިޔައީ އެވެ. އެއް ބަޔަކު ޕްރައިމަރީއަށް ބާރުއަޅާ އެކަމަށް ވަކާލާތު ކުރަމުން ދިޔައިރު, އަނެއް ބަޔަކު އެގޮތް ބޭނުމެއް ނުވި އެވެ. އޭރުގެ ޕާޓީގެ ރައީސް މައުމޫނާއި ގާތް ބޭފުޅުން ބޭނުންވީ ޕްރައިމަރީއެކެވެ. އެހެންވެ, މައުމޫން ޕާޓީން ބޭރުކޮށް އެންމެފަހުން ޔާމީންގެ ފުލް ކޮންޓްރޯލް އޮތް ޕީޕީއެމްގެ ކައުންސިލުން ނިންމީ ދެވަނަ ދައުރަކަށް ޔާމީންނަށް ޕްރައިމަރީއެއް ނެތި ޓިކެޓް ދޭށެވެ.
މިއާ ވަރަށް ތިމާގެ ހާލަތެއްގައި އެމްޑީޕީ އޮތްއިރު, އޯގަސްޓް މަހު އޮންނަ ކޮންގްރެސްއަކީ އެ ޕާޓީގެ މުސްތަގުބަލުގެ ބިންގަލަކަށްވާނެ އެވެ. އޭގެފަހުން ހިނގައިދާނެ ކަމަކަށް މެންބަރު ވަހީދު އިޝާރާތެއް ވެސް ދެއްވި އެވެ; އޭނާ ވިދާޅުވި ގޮތުގައި ކިތަންމެ ކުރަން ބޭނުން ނުވިޔަސް, ކިތަންމެ ބުނަން ބޭނުން ނުވިޔަސް ޕާޓީއާ ދުރަށްދާން ޖެހިދާނެ ކަމެވެ. އެގޮތަށް ވަރަށް ގިނަ މީހުން ވިސްނަދާނެ ކަމަށް ވެސް އޭނާ ދެކެ އެވެ.
އެހެންކަމުން, އޯގަސްޓް މަހު ބާއްވާ ކޮންގްރެސްގެ ބޮޑު ޓެންޓުން ބައެއް މަންދޫބުން އެ ނުކުމެގެން ދާނީ އެމްޑީޕީއަށް މުޅީންހެން އަލްވަދާއުކިޔުމަށްފަހު ކަމީީ, އެކަށީގެންވާ ކަމެކެވެ. އެ ކޮންގްރެސްއަކީ, 'އުކުޅަސް ކޮންގްރެސް 2.0'އަށް ވެއްޖެނަމަ, ރައީސަށް ޓިކެޓް ލިބުމާއެކު ޕާޓީއަށް ބޮޑު އިންގިލާބެއް އަންނާނެ އެވެ.
Comment