Advertisement

ދިރިއުޅުމުގެ އާދަތަކުން ދުޅަހެޔޮ، ދިގު އުމުރެއް!

4 އޭޕްރީލް 2022 - 10:59 0

މަރިޔަމް އަރީން އީސާ

މަރިޔަމް އަރީން އީސާ


ދިރިއުޅުމުގެ އާދަތަކުން ދުޅަހެޔޮ، ދިގު އުމުރެއް!

4 އޭޕްރީލް 2022 - 10:59 0

ދުނިޔޭގެ ދިރިއުޅުމުގައި ދޮގުނުކުރެވޭނޭ، އަދި އާދަމުގެ ދަރިންގެ މެދުގައި ހިލާފެއްނެތް ހަމަ އެކަނި ކަމަކީ މަރެވެ. މަރާ ބައްދަލުނުކުރާނޭ މީހަކު ނުހުންނާނެ އެވެ. އެހެންނަމަވެސް، މީހާގެ އުމުރު ކުރުވުމުގައި ނުވަތަ ދިގުވުމުގައި އެމީހާ ދުނިޔޭގެ ދިރިއުޅުން ބިނާކުރާ ގޮތް ވަރަށް ބޮޑު ދައުރެއް އަދާކުރާކަން ޒަމާނުގެ ތަޖުރިބާގެ އަލީގައި ހޯދިފައި ވެއެވެ. އިންސާނަކު ދިރިއުޅޭނޭ އާންމު އުމުރު ނުވަތަ ލައިފް އެކްޕެންޓެންސީގެ ގޮތުގައި އދ. އިން ލަފާކުރާ އެވްރެޖް އުމުރަކީ 72.6 އެވެ. އެހެންނަމަވެސް މިއަށްވުރެ އުމުރު ދިގު މީހުން ރާއްޖޭގައިވެސް އެބަތިއްބެވެ. އެހެން އެވަނީ ކީއްވެގެންތޯ ބެލުމަށް ރުޖޫއަވާންޖެހެނީ އެމީހުން ދިރިއުޅުން ހޭދަކުރި ގޮތުގެ މައްޗަށެވެ.

އާދަޔާ ހިލާފަށް އުމުރު ދިގުމީހުން ދިރިއުޅޭ އަވަށެއްގެ ވާހަކަ އަޑު އެހީމު ހެއްޔެވެ؟ އެއީ، އިޓަލީގެ އާޗިއޮލަރީ އޭކިޔާ އަވަށެވެ.

މި އަވަށުގައި ދިރިއުޅެނީ ހާހެއްހައި މީހުންނެވެ. އަވަށުގެ ގިނަމީހުންގެ އުމުރު 100 އަހަރުން މައްޗެވެ. މިމީހުންގެ އުމުރު ދިގުވާ ސަބަބު ހޯދުމަށް ތަފާތު މަސައްކަތްތަކެއް ކުރެވި މައުލޫމާތުތަކެއް އެއްކުރެވިފައި ވެއެވެ. މި މައުލޫމާތުތަކުން ހައިރާންކުރުވަނިވި ހަގީގަތްތަކެއް ހާމަވި އެވެ.

މިރަށުގެ އުމުރުން ދުވަސްވީ މީހުން ކިތަންމެ ގިނަ ނަމަވެސް، އޭގެ ތެރޭގައި ހަނދާންނެތޭ ބަލީގެ އެކަކުވެސް ނެތެވެ. މިއީ މުސްކުޅި އުމުރުގައި ވަރަށް އާންމު ބައްޔެކެވެ. ހަކުރުބައްޔާއި ލޭމައްޗަށް ދިޔުންފަދަ އުމުރުން ދުވަސްވުމުން ފެންނަ ބަލިތައް ޖެހިފައިވާ މީހުން ނެތޭ ބުނެވޭ މިންވަރަށް މަދެވެ.

މި ހަގީގަތްތަކާއެކު ދެން ބަލަން ފެށުނީ މި އަވަށުގެ މީހުންގެ ދިރިއުޅުމުގެ އާދަތަކެވެ. އުމުރު ދިގުވުމާއި ދުޅަހެޔޮ ސިއްހަތުގެ ހަގީގީ ސަބަބުތައް ދެނެގަތުމަށްޓަކަ އެވެ.

މި އަވަށުގެ މީހުންގެ އާންމު ކެއުމަކީ ޒައިތޫންޏާއި، ތަރުކާރީއާއި މޭވާ އަދި މަހުގެ ބާވަތްތަކެވެ. މި އަވަށް އޮންނަނީ އިޓަލީގެ 'ތަހުޒީބު ވެފައިވާ' ރަށްތަކާ ވަކިން އައްސޭރިފަށުގަ އެވެ. އެހެންކަމުން ފެކްޓްރީތަކާއި ދުއްވާއެއްޗެހިން އަރާ ވިހަގޭސްތަކުގެ އަސަރެއް މި އަވަށަކަށް ނުކުރެ އެވެ. މި އަވަށަށްވަނީ ނޭޗާ ޕާކެއްގެ ދަރަޖަ ވެސް ލިބިފަ އެވެ. މި އަވަށުގައި ދިރިއުޅޭ މީހުންގެ ދިރިއުޅުމަކީ ވަރަށް ހަރަކާތްތެރި ދިރިއުޅުމެކެވެ. މިކަންކަމުން އެނގިގެން ދިޔައީ މި އަވަށުގެ މީހުންގެ އުމުރު ދިގުވުމާއި ދުޅަހެޔޮކަން ގުޅިފައި އޮތީ އެމީހުންގެ ދިރިއުޅުމުގެ ރީތި އާދަތަކާއި، ދިރިއުޅޭ މާހައުލުގެ ރައްކާތެރިކަމާ ކަމެވެ.

އަޅުގަނޑުމެން ލޯބިވާ މައިންބަފައިންނާއި ދޮށީ އުމުރުގެ މީހުންނަށް ދިގު އުމުރެއް ލިބި ދުޅަހެޔޮކަމުގައި ލެއްވުމަކީ އަޅުގަނޑުމެން ކޮންމެ މީހެއްގެވެސް ދުއާ އެވެ. މިކަން މިގޮތަށް ފަހިވެގެން ދިޔުމަށްޓަކައި އަޅުގަނޑުމެން ޒުވާނުން އެމީހުންނަށް ހޭހަން ކުރަންޖެހެ އެވެ. އެހެންކަމުން ކުރިމަތިވަމުން އަންނަ ރޯދަ މަހު ދޮށީއުމުރުގެ މީހުންނަށް ހާއްސަ ސަމާލުކަމެއް ދެމާ ހިނގާށެވެ.

މާހައުލުގެ ހިތްގައިމުކަން

އަޅުގަނޑުމެންނާއެކު ދިރިއުޅޭ އުމުރުން ދުވަސްވީ މީހުންނަކީ އެމީހުންގެ ޒުވާން އުމުރުގައި ދިވެހި ރާއްޖޭގެ ގުދުރަތީ ރީތި މާހައުލުގެ ހިތްގައިމު ކަމާއެކު ދިރިއުޅެ ބޮޑެތި ވެފައިވާ ބައެކެވެ. އެހެންކަމުން އެމީހުން މިއަދުވެސް އެހިތްގައިމު ދުވަސްތައް ހަނދާންކުރާނެ އެވެ.

ބަންދު ކޮޓަރިތަކުގައި ބަންދުވެފައި ތިބެން ޖެހުމުން އެމީހުންނަށް ނުތަނަވަސްކަން ލިބޭނެ އެވެ. އެހެންކަމުން ރޯދަ މަހުގެ ދުވަސްތަކާ ކުރިމަތިލާއިރު އުމުރުން ދުވަސްވީ މީހުންގެ ހިތްހަމަޖެހުމަށްޓަކައި އާއިލާގެ މެންބަރުން ގުޅިގެން އިންތިޒާމްތަކެއް ހަމަޖެއްސިދާނެ އެވެ.

އެމީހުން ގޮވައިގެން ބޭރަށް ނުކުމެލާ ބުރުޖަހާލެވިދާނެ އެވެ. އަތިރިމައްޗާއި ޕާކުތަކަށް ގެންގޮސްދީ ގުދުރަތީ މާހައުލުން އުފާވެރިކަން ހޯދައިދެވިދާނެ އެވެ. މިކަންކަމުގެ ސަބަބުން އެމީހުންގެ ހިތްހަމަ ޖެހުން ބޮޑުވެ އެވެ. ބަލިމަޑުކަން ދުރުވެ އެވެ. ނަތީޖާއެއްގެ ގޮތުން ދިގު އުމުރެއް ލިބުމަށް މަގުފަހިވެ އެވެ.

ކާބޯތަކެތި ފޯރުކޮށްދިނުން

އުމުރުން ދުވަސް ވުމުން ތަފާތު ބަލިތައް ޖެހި މީހާގެ ހަށިގަނޑު ނިކަމެތިވެ، ނަފުސާނީ ދުޅަހެޔޮކަން ގެއްލެ އެވެ. އެހެންކަމުން އުމުރުން ދުވަސްވާމީހުންނަށް ރަނގަޅުކާނާ ފޯރުކޮށްދިނުމަކީ އެމީހުންނަށް ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް މަގުފަހިކޮށްދޭނެކަމެކެވެ. ގޭގައި ތިބި އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ ކާނާގެ ބާވަތްތައް ރޯދަ މަހު ވެސް ތައްޔާރުކޮށްދޭންވާނެ އެވެ. މިގޮތަށް ކާނާގެ ބާވަތްތައް ތައްޔާރުކޮށްދިނުމުގައި އެމީހުންގެ ސިއްހީ ހާލަތަށް ރިއާޔަތްކުރަން ވާނެ އެވެ.

ގޭތެރޭގެ މަސައްކަތުގައި ބައިވެރިކުރުން

އުމުރުން ދުވަސްވެ ގައިބާރު ދެރަވުމަކީ އާއިލީ ކަންކަމުގައި ބައިވެރިވެ އުޅުމުން މަހުރޫމް ވާންވީކަމެއް ނޫނެވެ. އެހެންކަމުން އާއިލާގެ މެންބަރުން ކުރާ މަސައްކަތްތަކުގައި އުމުރުން ދުވަސްވީ މީހުން ބައިވެރިކުރުމުގެ ގޮތުން އެމީހުންނަށް ކުރެވޭ މިންވަރެއްގެ މަސައްކަތެއް ހަވާލުކޮށް އެކަމުގައި މަސްއޫލުކުރުމަކީ އެމީހުންނަށް ނުހަނު ބޭނުންތެރިކަމެކެވެ.

މިގޮތުން ކާބޯތަކެތި ތައްޔާރު ކުރުމަށް ބޭނުންވާ އެކިބާވަތްތައް ކޮށާލުންފަދަ ކަންކަމުގައި އެމީހުން ބައިވެރި ކުރެވިދާނެ އެވެ. އޭގެސަބަބުން އެމީހުންގެ އެކަނިވެރިކަން ފިލުވާލާ ހިތްހަމަޖެހުން ލިބިގެންދާނެ އެވެ.

އަޅުކަމަށް މަގުފަހިކުރުން

އުމުރުން ދުވަސްވީ މީހުންނަކީ ދީނީވާޖިބުތައް އަދާކުރުމަށް ވަރަށް ބޮޑަށް އިސްކަންދޭ ބައެކެވެ. އެހެންކަމުން ގޭތެރޭގެ މާހައުލުގައި ދީނީ އަޅުކަންތައް އަދާކުރެވޭ ގޮތަށް ކަންކަން އިންތިޒާމް ކޮށްދިނުމަކީ އެމީހުންނަށް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭނެ ކަމެކެވެ. މިގޮތުން ނާމާދު ވަގުތުތަކުގައި ގޭތެރޭގެ އަޑުމަޑުކުރުމާއި ޓީވީފަދަ ތަކެތި ނިވާލުންފަދަ ކަންކަން ކުރެވިދާނެ އެވެ. އަދި މީގެ އިތުރުން އެހެން މީހެއްގެ އެހީތެރިކަމާނުލައި މިސްކިތަށް ނުދެވޭވަރުގެ އުމުރުން ދުވަސްވީ މީހުން ޖަމާއަތަށް ނަމާދަށް ދިޔުމަށް އެހީތެރިކަަން ދޭންވާނެ އެވެ. މިކަން މިގޮތަށް ގެންދިޔުމުގެ ސަބަބުން އެމީހުންގެ ދުޅަހެޔޮކަން އިތުރުވެގެން ދާނެ އެވެ.

އަޅުގަނޑުމެން ހަމައިސްކޮޅަށް ނަގައިދިން އެހީތެރިންނަކީ އުމުރުން ދުވަސްވީ މީހުންނެވެ. އެމީހުން މުސްކުޅިވެ ގައިބާރުދަރަވި ދުވަހު އަޅާނުލާ ދޫކޮށްލުމަކީ އެމީހުންނަށް ވެވޭ އިހުމާލެކެވެ. އެހެންކަމުން ބަރަކާތްތެރި ރޯދަ މަހުގެ ދުވަސްތައް ހޭދަކުރަމުންދާއިރު އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ ސަމާލުކަމެއް ދެމާ ހިނގާށެވެ.